އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (5)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

16 ޑިސެމްބަރު 2010 (އާދީއްތަ) އާ ގުޅޭ..

މިހާރު އައްޑުއަތޮޅުގެ ޚަބަރަކީ، "ހަނގުރާމައިގެ ސިއްރެވެ."


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

"ޑަންގީ" އަށް އައިސް، ހަވަރުތިނަދޫގެ ބަނދަރަށް ދޫކޮށްލެވުނީ ވަރަށް ގަދަކޮޅިގަނޑަކާއި އެކުގައެވެ. އަޅުގަނޑުމެންނަށް ރަނގަޅަށް ބަނދަރު ނުޖެހިގެން އުޅެނިކޮށް ޅަތުއްތޫއާއި، ޢަލީދީދީއާއި ދެމީހުން، ދޯންޏެއްގައި ބޯޓުކައިރިއަށް އަތުވެއްޖެއެވެ. އެދުވަހު ހަވީރު، އަޅުގަނޑުމެން ފައިފަލަބަލީގެ މީހުން ލާފައިވާ ރަށަށް ދިއައީމުއެވެ. އެރަށުގައި އަންހެނުންނާއި، ފިރިހެނުންނާއި، ކުދިންނާއިއެކު ގާތްގަނޑަކަށް 250 މީހުން އެބަތިބޫއެވެ. އަޅުގަނޑު އެމީހުންގެ ޙާލު ބަލައިލާން ދިޔަކަމުގެ މައްޗަށް އެބައިމީހުން ނުހަނު އުފައުކުޅައެވެ.
       
އަޅުގަނޑުމެން އެރޭ ތިބީ ހަވަރުތިނަދޫ ބަނދަރުގައެވެ. އެރޭ ފެންވަރާލުމަށް ރަށަށް ފޭބިކަން ފިއަވައި، އާދަޔާ ޚިލާފުކަމެއް ނުހިނގައެވެ. ޙުސައިން ޢަފީފާއި، ވަޑިދޮންމަނިކާއި، ދެމީހުން ބުނަނީ، އެފޭބި ފޭބުމުގައިވެސް، ފެންވެރުން ފިޔަވައި އެހެންކަމެއް ނުހިނގާ ކަމަށެވެ. އެހެންކަމުން އެންމެ ބުއްދިވެރިގޮތަކަށް އަޅުގަނޑަށް ފެނުނީ، އެދެމީހުންގެ ބަސް ޤަބޫލުކުރުމެވެ.
       
ރަޖަބުމަހު ތިންވަނަރޭ ފަތިހު އާރުކާޓީއަކަށް އަތޮޅުވެރި މުޙައްމަދުކަލޭގެފާނު ގޮވައިގެން، ދެވަނަފަހަރަށް "ޑަންގީ" އާއިގެން އައްޑުއަށް ދިއުމަށް ދަތުރުފަށައިފީމުއެވެ. އެކަމަކު، މިފަހަރުވެސް ހަމަ ފުނީއެވެ. މިހެނީ ކަނޑުން ނުކުމެވިގެން، އެދުވަހު 9 ޖެހިއިރު "ޑަންގީ" އަށް އަނެއްކާ ޖެހުނީ ހޯޑެއްދޫ ބޭރަށް ނަގިލި ވައްޓާލާށެވެ. އެދުވަހުވެސް ވައިރޯޅި ނުލާހިކު މަޑެވެ.
       
އަޅުގަނޑުމެން މާލެއިން ފުރިތާ.... ދުވަސްވީއެވެ.(2) "ޑަންގީ" އަށް ދަތުރުކުރެވޭނޭ ކަހަލަ ވައެއް ލިބޭނޭ ދުވަހެއްވެސް ނޭނގެއެވެ. އެހެންކަމުން އަޅުގަނޑު ގަސްތުކުރީ "ޑަންގީ" ހޯޑެއްދޫ ބޭރުގައި ބާއްވާފައި، މަސްދޯނި ދެދޯނީގާ އައްޑުވަށްދާން  ފުރުމަށެވެ. މިކަހަލަ ވިއްސާރަ މޫސުމެއްގައި، ކުދި ދޯނިފަހަރުގައި ކަޑައްތުކުރުމަކީ، ފަސޭހަ، އަދި ރައްކައުތެރި ކަމަކަށް ނުވާނޭކަން، އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންނަމަވެސް.....
       
އާދެ! ރަޖަބުމަހު ހަތަރުވަނަ ރެއަށް އިރުއޮއްސި އޮއްސި އޮއްވައި، ދެދޯނީގައި އަޅުގަނޑުމެން ފުރައިފީމުއެވެ. އެއްދޯނީގާ ފަޅުވެރީންގެ ބޭރަށްތިބީ، އަޅުގަނޑާއި ޙުސައިން ޢަފީފާއި، މަލިމް މުޙައްމަދުދީދީއާއި، ވަޑިދޮންމަނިކާއި، ދޮން އިސްމާޢީލް މާލިމީއާއި ކާސިމާއިއެވެ. (އާދެ! ހަމަ ކާސިމެވެ. "ހުރައާއި" ވައްތަރު....!) އަނެއް ދޯނީގައި ކުޑަދޮންކަލޭގެފާނާއި، ތުޅާދޫގޭ މޫސާމަނިކާއި، ބެރުގޭ ދެބެއިންނާއި، ކައްކާ ޙަސަނާއިއެވެ.
       
އެރޭ މެންދަމެއްހައިއިރު، އަޅުގަނޑުމެންނަށް ފިޔަވަރީ ބަނދަރާއި ހަމަވެވިއްޖެއެވެ. ދެން އެރޭ އެތާނގާ ތިބެފައި، އެރޭ ފަތިހު ދޫކޮށްލީއެވެ. ދޯނީގައި ފަޅުވެރިންކަމުގައި ތިބީ، ހަވަރުތިނަދޫ މީހުންނެވެ. އެބައިމީހުންނަކީ، ރަށުން ހޮވައިގެން ނަގާފާތިބި ފަލިޖެހުމަށް އެންމެ ކުރީ މީހުންނޯލައެވެ. އެބައިމީހުންގެ ފަލިޖެހުމުގެ ކުޅަދާނަކަމެއް، ރަޙީމްވަންތަ ﷲ އަޅުގަނޑުމެންނަކަށް ނުދެއްކެވިއެވެ. ކޮންމެއަކަސް، އަޅުގަނޑުމެން އެންމެންގެ އެއް ދުޢާއަކީ، އެބައިމީހުންނާއި އެކަތިގަނޑަކަށް އަޅުގަނޑުމެން އެރުމަށް އިރާދަނުކުރެއްވުމެވެ. އާމީން! މިހެނީ އެއަށްވުރެން ކަންނެތް، ގޮތްކުޑަ އެއްވެސް ބަޔަކު، އަޅުގަނޑުމެން ނުދެކެމުއެވެ. އެކަމަކު، އެހެން އެކަންވީކަމީވެސް، މާބޮޑު ޢަޖާއިބެއް ނޫނެވެ. މިހެނީ އެބައިމީހުންނަށް އަމުރުކުރާނޭ ވެރިއެއް ނެތެވެ. އަތޮޅުވެރީންނެކޭ، ދޯންޏަށް ހަވަރުތިނަދޫން ލާފައިވާ މާލިމީއެކޭ، ފަޅުވެރީންނެކޭ ކުޑަވެސް ތަފާތެއް ނެތެވެ. އެންމެން ގޮތް ކިޔަނީއެވެ. އެކެއްގެ އަމުރެއްވެސް ނުހިނގައެވެ. ނަތީޖާއަކަށްވީ އަޅުގަނޑުމެން ފަސިންޖޯރުން، ދުވަހަކުވެސް އަދި ނޫފުލާހާ އުނދަގޫ އުފުއްލާން ޖެހުނުކަމެވެ.
        
އެދުވަހާއި ރަޖަބުމަހު 5 ރެއި، އިރުއޮއްސި 10 ޖަހަންދެން، ދެދޯނި ދަތުރުކުރަމުންއައީ، އެންމެ ރަނގަޅަށެވެ. އެކަމަކު ރަޖަބުމަހު 5 ވަނަރެއި މެންދަމު އަޅުގަނޑުމެން ނުބެހުނީ، ހަމަ އަދި އަޅުގަނޑުމެންގެ ނަޞީބުގެ ގަދަކަމުންނެވެ. މިހެނީ، އެރޭ ދަންވަރު ވަރަށް ވަރުގަދަ ކޮޅިގަނޑެއް އައިސްފައި، ނުލާހިކު ބޯކޮށް ވާރޭވެހޭން ފަށައިފިއެވެ. އެރޭ ފަތިސްވަންދެން އުޅެވުނީ މިޙާލުގައެވެ. ދޯނި ހުރިތަން ލަފާވާ ހަމައެކަކުވެސް ދޯނީގާ ނެތެވެ. އެރޭ އެގާރަޖަހާ އެހާކަންހާއިރު، އަޅުގަނޑުމެންނަށް  ދެތިން މަނަވަރު ފެނުނެވެ. އަދި މަތިންދާބޯޓެއްގެ އަޑުވެސް އިވުނެވެ. އަދި ކުޑަވެސް ޝައްކެއްނެތި ރާޅު ބިންދާއަޑުވެސް އިވުނެވެ. އެކަމަކު، ދުއްވާ ދުއްވާ ރަށެއް ނުފެނުނެވެ. ކަނޑުމަތި އެޅީއެއްކަން، އައްޑޫމީހުންގެ ސިޙުރުގައި ޖެހުނީއެއްކަން، މާރަނގަޅަކަށް ނުއެނގެއެވެ. ކޮންމެއަކަސް އަނެއްދުވަހު (5 ރަޖަބު) އިރުއެރިތަނާ އައްޑުއަތޮޅުގެ ރަށްރަށް ފެނިއްޖެއެވެ. އޭގެފަހަށްވެސް ދަތުރު މާ ނިޔާމައެއްނޫނެވެ. ވައިޖެހޭލެއް ނުހަނު ދައްޗެވެ. ރަށްތައް ފެނުނުފަހުންވެސް އަޅުގަނޑުމެންނަށް އަތޮޅަށް ވަދެވުނީ، އެއްގަޑީއިރު ފަހުންނެވެ. ކޮންމެއަކަސް، ކަލާނގެ ރަޙްމަތްފުޅުގެ ތަނަވަސްކަން ބޮޑެވެ. އަދު މެންދުރުން އަނބުރާ ދޭއްޖެހިއިރު، މަރަދުއަށް އާދެވި، މިރަށުގައި ކެރަފާ މުޙައްމަދުފުޅުމެން އަޅާފައިވާ ގެއަށް ފައިބައްޖައީމުއެވެ.
       
އަސްތާ! އައްޑުއަށް އައި ދަތުރުގެ އަދި އެއްވާހަކައެއް ނުދެންނެވެއެވެ. އެއީ ދަތުރުމަތީގައި ކުރަފި ހިލޭލެއް ހަމަގިނައިއްޔެވެ. އެކުރަފިތަކުން އެދުވާ ވަހެއް! އަސްތާ! އެވަސް މިހާރު ހަނދާންކޮށްލިއަސް! އަޅުގަނޑުމެންނާއިއެކު، ހިޓްލަރް ދަތުރުކުރިނަމަ މީހުން މަރާނޭ އައުގޭހެއް، އޭނާ އުހެއްދީސްކަން ކަށަވަރެވެ! އާދެ! އަޅުގަނޑުމެން ދަތުރުމަތީ ކެއީ ބަނބުކެއުލީ ބަތާއި ރިހާކުރާއެވެ.
       
އަޅުގަނޑުމެންގެ ދަތުރު ވަކިހިސަބަކަށް ނިމުނީއެވެ. ދެން އޮތީ އައްޑު އަތޮޅުގެ ވާހަކައެވެ. ތިޔަބޭފުޅުންވެސް، ދެނެވަޑައިގަންނަވާނޭ ފަދައިން، މިހާރު އައްޑުއަތޮޅުގެ ޚަބަރަކީ، "ހަނގުރާމައިގެ ސިއްރެވެ." އެހެންކަމުން މިހިސާބުން ދަމާލަންޖެހިފައިވަނީ، ބޯފަރުދާއެކެވެ. ހިތުގައި އުފެދިފައިވާ ނުހަނުބޮޑު ޙުރުމަތާއި އެކުގައި، ވެދުމާއި ސަލާމް، ދަންނަވައި ކުރުކުރަމެވެ.


------------
(ނުނިމޭ)

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (4)

މި ލިޔުން:

 ޓައިޕުކުރުން:    މުޙަންމަދު އަޙްސަން
 އަލުންބެލުން:    ''        ''
 ޝާއިޢުކުރުން:   އާދަމް ނަޞީރު އިބްރާހީމް



އިދާރާ

އެނގޭތަ؟

ވާހަކަ