އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން ވައިން އުދުހެމުން (6)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

15ޖުލައި (ހުކުރު) އާ ގުޅޭ..

އަ އް ޑޫ ން  -  ކޮ ޅު ނ ބަ ށް


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު

....އަށް ގިނަގިނައިން ވެދުން ދަންނަވަމެވެ. މާތްﷲގެ ރަޙްމަތްފުޅުގެ ތަނަވަސްކަމުގެ ދަށުގައި، ތިޔަ އެންމެ ބެއިފުޅުން ގަދަވެވަޑައިގެން ތިއްބެވިކަމުގައި އުހައުކުރަމެވެ. އަޅުގަނޑުވެސް، ....އަޅުގަނޑު އަދުކޮޅުނބަށް އަތުވެއްޖައީމުއެވެ. އެކަމަކު އިރުކޮޅަކަށް ހިތުގެ ލޮލުގެ އަލިކަން، އައްޑުއަތޮޅަށް އަޅުވާލަމާތޯއެވެ؟

        ޖުލައި 3

       
އަދަކީ ހިތްހަމަޖެހިފައިވާ މީހެއްގެ ހިތަށް، ވަރަށް ފަސޭހަވާނޭ ދުވަހެއްކަން ކަށަވަރެވެ. މަރަދޫގެ ގޮނޑުދޮށުގައި ހުންނައިރު މިޖެހެނީ ވަރަށް ލުއިލުއި ފިނިވައެކެވެ. ކުރިމަތީގައި އެއޮތީމިދާދުވަހު، އައްޑޫގެ ބަނދަރުގައި އޮއްވާ ޖަރުމަނުން ޓޮރުޕިޑޯކޮށް ހަލާކުކޮށްލި ތެޔޮބޯޓެވެ. އެއިގެ ތަންކޮޅެއްދުރުން އެފެންނަނީ މަނަވަރެކެވެ. ހިތަދުވާއި ދިމާއިން އެފެންނަނީ އެތާ އަޅާފައި އޮންނަ މަތިންދާބޯޓުތަކެވެ. އަދުވެސް ހަމަގައިމު ދޮޅަހަކަށް ބޯޓު އެބަފެނެއެވެ.
       
ރޭގަނޑުގެ އަނދިރިކަން އެގޮތްމިގޮތަށް އުދުހިގެން މިއޮއްދަނީއެވެ. ދުވާލުގެ ސާފުކަމާއި، އުޖާލާކަން ދުނިޔެމައްޗަށް މިއޮއް ގަދަވަނީއެވެ. އުދަރެހުގެ އެހެރަދިމާއިން ވިލާތަށް، އެއަތަށާއި މިއަތަށް ކަހަމުން އެހެރަ އަރަނީ ގަދަފަދަ އިރެވެ. މާލަސްތަކެއްނުވެ، އިރުގެ ހޫނުން އެއުފައްދާ އުދާހެއްގެ ބާރުން، މީސްތަކުން ދިރުވާލާފާނެއެވެ. ލަސްތަކެއްނުވެ، ދުނިޔޭގެ އާދުވަހަކަށް ފުރާނަލިބި، އެދުވަހުގެ މަސައްކަތާއިގެން މީސްތަކުން ހެލިފެލިވާން ފަށާފާނެއެވެ.
       
ހެނދުނު 8 ޖެހިއިރު އަޅުގަނޑާއި، ޙުސައިން ޢަފީފާއި، ލޯޖެހި އިބްރާހީމް ދީދީއާއި ތިންމީހުން ތިބީ ގަމުގެ އެންމެބޮޑު މަތިންދާބޯޓު ތިރިކުރާތަން ފެންނަ ހިސާބުގައެވެ. އެތަނަށްދާ މަގުތައްވަނީ ބަންދުކޮށްފައެވެ. މަގުގެ ދެފަރާތުގައިވަނީ ކާރުތަކާ ލޯރީތައް ހުއްޓުވާފައެވެ. މިހެނީ، ދެތިން މިނެޓެއްގެތެރޭގައި، އަދި ދުވަހަކުވެސް އައްޑުވަށް ނާންނަވަރު ބޮޑު، ތިން މަތިންދާބޯޓު ނުވަތަ ހަތަރު މަތިންދާބޯޓު އަންނާނެއެވެ. އައްޑޫގައިވާ އިނގިރޭސީންގެ ސިފައިންގެއާއި، މަނަވަރުތަކުގެއާއި، މަތިންދާބޯޓުގެ ވެރީން އެތިބީ އެއަންނާންއުޅޭ މަތިންދާބޯޓުތަކުގެ އިންތިޒާރުގައި މިތަނަށްއައިހެވެ. ކާކީ ހެދުމެއްގައި، އޭނާގެ މޫނާއި އަޅައިބަލާއިރު އައިބުވާފަދަ މަތިމަހެއްލާފައި އެހެރީ ސިފައިންގެ ވެރި ކާނަލް ޖޯސްއެވެ.(3) އޭނާގެ މޭމަތިން ވިދަވިދާ އެހުރީ، އޭނާގެ ހިތްވަރުގަދަކަމުގެ ނިޝާންތަކެވެ. ހުދުހެދުމެއްގައި، ކުރު ތުނބުޅިއެއްލާފައި އެހުރީ އަނެއްކާ ކާކުބާއެވެ. އެއީ، މަނަވަރުތަކުގެ ވެރި ބޯލްސްއެވެ. އެހެރަ ފެންނަނީ ފްލައިޓް ލެފްޓްނަންޓް ގާޑްނަރެވެ. އާދެ! އޭނާއަކީ މަތިންދާބޯޓުތަކުގެ ވެރިއެވެ. އޭނާއަކީ، ވަރަށް ރީތި ޒުވާނެކެވެ. އެހެރީ . . . ފެންނާން ތިބި މީހުންގެ މައްޗަށް ވިސްނޭކަށް ނެތެވެ. ބޫން! ބޫން! އެއިވެނީ އެމަތިންދާބޯޓުތައް އަންނައަޑެވެ. އުފާވެރިކަން ހުއްޓެވެ. ނޫސްނޫހުގައްޔާއި، ރޭޑިޔޯއިން ނުހަނު ތަޢުރީފްކުރާ، ބޮމްއަޅާ ބޮޑެތި މަތިންދާބޯޓުގެ ނަމޫނާ އަޅުގަނޑުމެންނަށް ލަސްތަކެއްނުވެ ފެނިދާނެއެވެ. އެބުނާ ހަތަރު އިންޖީނުލީ ވަރުގަދަ މަތިންދާބޯޓުތަކާއިމެދު، އަޅުގަނޑުމެން ނިދާންތިބެގެން ދެކޭ ހުވަފެންތަކުން އުފެދިފައިވާ ޚިޔާލުތައް ޙަޤީޤަތުގެ ލޮލުން ފެންނަ ފެނުމާއި އަޅައިބަލާއިރު، ވާގޮތެއްވެސް އެނގިދާނެތާއެވެ.... އަނހާ، އެއޮތް އަންނަނީއެވެ. އާދޭހެވެ! އިވޭ އަޑު ގަދަވަމުން އައިއައިހެން، ބޯޓުވެސް އެހެރަ އަންނަނީ، ބޮޑުވަމުންނެވެ. ކުޑަކުޑަ ކޮކާލެއްހެން ފުރަތަމަ ފެނިލި ބޯޓު މިހާރު އެއަންނަނީ، ހައްތާ ބޮޑުވަމުންނެވެ. ފުރަތަމަ ފެނުނީ، އެއްބޯޓެވެ. ދެން ދެބޯޓެވެ. ދެން، ތިންބޯޓެވެ. ބޯޓުތައް އެދަނީ މިހާރު އަޅުގަނޑުމެންގެ ބޯމަތިން އަޅާފައެވެ..... މިހާރަކު ނުފެނެއެވެ. އަނހާ! އެއޮއް ތިރިކުރަނީއެވެ. މަޑުމަޑުން ތިރިކުރަމުންގޮސް، ބިންމަތީގައި ޖައްސާލިލެއް ހާދަހާވާ ޗާލެވެ. ސާބަހެވެ!
       
އެތާތިބި އެހެން މީހުން، އެތިންބޯޓުގެ މައްޗަށް ވިސްނާން ތިބިއިރު، އަޅުގަނޑުގެ ހިތްދޫވެފައިވަނީ ޚިޔާލީ ބަގީޗާއެއްގެ ތެރެއަށެވެ. އެއިން ބޯޓަކުން ދަތުރުކުރެވޭނޭގޮތް ދިމާވާނޭނަމަ ކޮންފަދަހޭ؟ އަޅުގެ ހިތަށް އަރައޭ. އާދޭހެވެ! އެފަދަ ބޯޓަކަށް އެރި އެބޯޓުގެ މީހުންނާއިއެކު ކޮންމެވެސް ތަނަކަށް ބޮމްއަޅާން ގޮސްއުޅެނިކޮށް އެކަމކުގެ ތެރޭގައި މަރުވެ ހިނގައްޖެނަމަ އަޅު އެންމެބޮޑަށް..... މިދެންނެވެން އުޅެނީ ދޮގެކެވެ..... ދެވަނައަށް އެދޭގޮތްވީއެވެ..... އެކަމަކު އާހް! އެފަދަ މަތިންދުއްވާބޯޓެއްގައި ދަތުރުކުރާން ލިބުމެކޭ އެހެރަ ފެންނަ އިރަށް އެރުމެކޭ..... މިހާރުވެސް، އެތިން ބޯޓު އައިސް އެއޮތީ، މިހިސާބުގެ ބައެއްކަނޑުގައި އުޅޭ، ޖަޕާނުގެ ދެސަބްމެރީން ހޯދުމަށެވެ. ރޭ ހަތަރުދަމު ސަބުމެރީން ހޯދާން އުޅެ ނުފެނިގެން، އެއިގެ ޚަބަރެއް ސިއްރުގޮތުގައި ލިބޭންދެން އައިސް މިތާނގާ ތިބީއެވެ. މިބޯޓުފަހަރަކީ ޚާއްޞަ ހަނގުރާމަވެރި ބޮމްއަޅާ ބޯޓެވެ. މުޅި ބޯޓު ހުންނަނީ ބޮމުންނާއި، މެޝީން ބަޑީން ފުރިފައެވެ. ސިފައިންނޫން އެހެންބައެއް އެއަކަށް ނާރުވައެވެ. އާހް!..... ހުވަފެނުގެ ދުނިޔެއިން ވަކިވެގެން ޙަޤީޤަތުގެ ދުނިޔެއަކަށް އަޅުގަނޑަށް ދެވުނީ ޙުސައިން ޢަފީފް "ހާދަބާރަކަށް މިއިން ބޯޓެއް ދުވާނެ ދޮގެއްތޯއޭ" ބުނިއަޑަށެވެ. "އާނއެކެވެ." ބުނުމަށްފަހު، އަޅުގަނޑަށް ދެން ބުނެވުނީ، "މިފަހަރު މިއިން ބޯޓަކުން ކޮޅުނބަށް ދެވޭނެނަމައެވެ." މިހެންނެވެ. އަޅުގަނޑު ބުނާންފެށި ޖުމްލަ ރަނގަޅަށް ނުނިމި އުޅެނިކޮށް، "ހަމަ އެއްގޮތަކަށްވެސް ވަޑައިގަންނަވައިގެންނެއް ނުވާނެއޭ" ޙުސައިން ޢަފީފާއި، އިބްރާހީމްދީދީއާ ދެމީހުން އެއްއަޑުން ބުނެފިއެވެ. އެބައިމީހުންގެ ޖަވާބާއި ހެދި އަޅުގަނޑު އައި ހިނި ރަނގަޅަށް ހަމަނުޖެޖެހިގެން އުޅެނިކޮށް، ކޮމާންޑަރް ބޯލްސްގެ ކާރު އައިސް، އަޅުގަނޑުގެ ކައިރިޔަށް ހުއްޓާލައިފިއެވެ. ކާރު ހުއްޓާލުމާއެކު، ދޮރުހުޅުވާލާފައި ބޯލްސް ފައިބަމުން، "އަދު މެންދުރު ކެއުމަށް ތިމަންނާމެންގެ ގެއަށް ކިޔާފައި އޮތް ކިޔުން ހަނދާން އެބަހުރިހޭ" އެއްސެވެ! އަޅުގަނޑު ބުނީމެވެ. "އާނއެކެވެ! ދާނަމެވެ." ދެން އަނެއްކާވެސް ކާރަށް އަރަމުން، އޭނާ ބުނެއެވެ. "ހާދަވަރުގަދަ މަތިންދާބޯޓުތަކެއްތާ ދޯއެވެ؟ އަމީންދީދީ ކޮނޅުބަށްދާން މިއިން ބޯޓަކާ ދިމާކުރިއްޔާ ކީއްހެއްޔެވެ؟ "އަޅުގަނޑަށް ދެވުނީ ވަރަށް ފޮނި ޖަވާބެކެވެ." ބިރޭ! އެއީ ކޮންއެއްޗެއްހެއްޔެވެ. "ބިރު" އެއީ އަދި އަހަރެން ދުށް އެއްޗެއްނޫނެވެ." އަޅުގަނޑު ބުނީމެވެ. މިހެން ބުނުމުން އަޅުގަނޑުގެ ކޮނޑުގައި، ވަރުގަދަ ބޮނޑިއެއް އަޅައިފައި، އޭނާ ހިނގައްޖެއެވެ. ކޮމާންޑާރް ބޯލްސް ސަމާސާއެއްގެގޮތުން، އަޅުގަނޑާއި އެކޮށްލޮ ސުވާލުގެ މައްޗަކަށް އަޅުގަނޑު، ދެވަނަފަހަރަކަށް ޚިޔާލެއް ނުކުރަމެވެ. އެހެންނަމަވެސް..... މަރަދުއަށް އައި މަގުމަތީގައި، ޙުސައިން ޢަފީފްމެން ހާސްކޮށްލާން އެވާހަކަ ބުނީމެވެ. އެބައިމީހުންވެސް ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. ޙުސައިން ކޮއްކޮމެނާއިއެކު ގެއަށްގޮސް، އަޅުގަނޑު ހެދުންބަދަލުކޮށްލިތަނާ، ކޮމާންޑަރް ބޯލްސްގެ ގެއަށް އަޅުގަނޑު ގެންދިއުމަށް ސިފައިންގެ ވެރިޔާ، އޭނާގެ ކާރުގައި މަރަދުއަށް އަތުވެއްޖެއެވެ. ދެން އަޅުގަނޑާއި، ކާރނަލް ޖޯންސްއާއި ދެމީހުން ކާރުގައި، ކޮމާންޑަރް ބޯލްސްގެ ގެއަށް ހިނގައްޖައީމެވެ. އެއިރު، އެގޭގައި އައްޑޫ އަތޮޅުގައި ތިބި އިނގިރޭސީންގެ ގިނަވެރީން ތިބޫއެވެ. އެދުވަހު އައި މަތިންދާބޯޓްގެ، ކައްޕިތާނުންނާއި، އޮފިސަރުންވެސް ތިބޫއެވެ. މެންދުރުގެ ކާނާވަނީ ތައްޔާރުވެފައެވެ. އެދުވަހުގެ ކެއުމަކީ، އައްޑޫގައި ތިބި އިނގިރޭސީންގެ ވެރީން، އަޅުގަނޑަށް ތަޢާރަފްކުރުމަށް، ކޮމާންޑަރް ބޯލްސް ދިން ކެއުމެކެވެ. އެދުވަހު، ކެއުމުގެ މޭޒުމަތީގައިވެސް އެންމެބޮޑަށް ދެކެވުނީ، އެދުވަހު އައި މަތިންދާބޯޓްގެ ވާހަކައެވެ. މަތިންދާބޯޓްގެ ކައްޕިތާނުންތައް، ނުލާހިކު ޒުވާނެވެ. އެބައިމީހުން ތިބީ ވަރުގަދައަށް ފޯރި ހިފައިފައެވެ. ތިމަންނާމެން އައްޑޫން ފުރައިގެން އެހެން ބަނދަރަކަށް ދިއުމުގެ ކުރީގައި، ތިޔަ ދެސަބުމެރީން އޮންނާނީ، ކަނޑުގެއަޑީގައި ފުނޑުފުނޑުވެފައެވެ. ތިން މީހުން އެއްހިތުން ބުނެއެވެ. އެބައިމީހުންގެ މޫނުވަނީ، ޒުވާންކަމާއި ލެއިން ފުރިފައެވެ. އެބައިމީހުންގެ ލޮލުގައި ތޫނުފިލިކަމާއި، ހިތްގައިމުކަން ވިދަވިދާ ހުއްޓެވެ. އެއިރު އެތިން ބޯޓް އައްޑޫން ފުރަނީ ކޮންއިރަކުންކަން، ނުވަތަ ފުރައިގެން ދާންވީ ކޮންދިމާއަކަށްކަން އެކަކަށްވެސް ނޭނގެއެވެ. އެކަންކަން ހިމެނިގެންވާނީ، ދުޝްމިނުންގެ ޙަރަކާތް ހުރިގޮތަކުންނެވެ. ކައި ނިމިގެން، އެކަކު އަނެކަކާއި ސަލާމްކޮށްފައި، އެމީހެއްގެ މަސައްކަތަށް އެމީހަކު ހިނގައްޖެއެވެ.
        
       
ވަގުތަކީ، އިރުއޮއްސި 10.30 އެހާކަންހާއިރެވެ. ރެއަކީ ޖުލައިން 4 ވަނަ ރެއެވެ. ބަނަކަމުގެ ކުޑަވެސް އަސަރެއްނެތް އުޑަކުން، ތޭރަ ނުވަތަ ސާދަ ވިލޭރޭގެ ހަނދު، ފުރިހަމަ ޒީނަތްތެރިކަމާ އެކުގައި، ވިދަވިދާ ހުއްޓެވެ. ތަރިތައް ފިޔަޖަހާލެއް ނުލާހިކު ރީއްޗެވެ. ހަނދުގެ އަލިކަން ހިތަދޫ ބަނދަރުގައި، އަޅާފައި އެހެރަ މަތިންދާބޯޓްތަކަށް އެޅިފައި ހުންނައިރު އެފެންނަނީ، ހާދަ ފުރިހަމަ ގޮތަކަށެވެ. އަދި ރުއްތަކުގެއާއި، ގަސްތަކުގެ ފަތްތަކާއި، ފަންތައް ފޫދުއްވާލާފައި ހަނދުވަރުދީފައި އެއޮތްގޮތުން، ހިތަށް އެކުރަނީ ވަރަށްބޮޑު އަސަރެކެވެ. އެހެރަ ރުއްތަކެއް ހެދިފައިވާގޮތުން، ފަރުކޮޅުފުށި ހާދަހާވާ ހަނދާންވެއެވެ. ފަރުކޮޅުފުށީގެ ގޮނޑު.... "ސާބަސްފުޅު! ހުކުމް ވިދާޅުވާންވީނޫންތޯ!؟" އަޑަކީ، ޙުސައިން ޢަފީފްގެ އަޑެވެ. "އޫނ! ހުކުމޭ؟ ކާލާއިން ނޫން ލާލުން އެކެއް!" ވަޑިދޮންމަނިކު- "ރުމާލުން ދޭއް!" އިބްރާހީމްދީދީ- "ކާލާއިން ދޭއް!" ޙުސައިން ޢަފީފް "ފާސް!"
       
ކާޑުކުޅުން މަޖާވަމުން އެބަދެއެވެ. ކުއްލިއަކަށް، ޙުސައިން ޢަފީފް ސަމާސާއެއްގެ ގޮތުން، "މުޙައްމަދު އަމީން އުޅުއްވަނީ، އަދު އައި މަތިންދާބޯޓުން ވަޑައިގަންނަވާށޭ" ބުނެފިއެވެ. އެއަޑު އަހައިފައި، އެތާ އެއިރު ތިބި ވަޑިދޮންމަނިކަށާއި، މޫސާފުޅަށާއި، މޫސާމަނިކަށާއި، މައުލަވީ މުޙައްމަދަށާއި، މަލިމް މުޙައްމަދު ދީދީއަށް ވެގެން ދިޔަގޮތް ދެކެފައި، އަޅުގަނޑުގެ ހިތަށްވެސް އަސަރުކުރިއެވެ. އެބައިމީހުން، އެހާދެރަވިއެވެ. ވަޑިދޮންމަނިކުގެ ދެލޮލުން، ބޭއިޚްތިޔާރުގައި، އެހެރަ އަންނަނީ ކަރުނައެވެ. އަޅުގަނޑު ބުނީމެވެ. "އަހަރެން އަޖާއިބު ވެއްޖައީމެވެ. ކަލޭމެން، ތިޔަހާ ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ. އަހަރެން އެއްގޮތަކަށްވެސް ބިރެއް ނުގަންނަމެވެ. އަދި މަރުވެދާނެތީ ކުޑަކޮށްވެސް ޖެހިލުމެއް ނުވަމެވެ." އަޅުގަނޑު އެބުނި ބަހުގެ ޖަވާބަށް، އެބައިމީހުން، އަދިވަކީން ޚާއްޞަވެ، ވަޑިދޮންމަނިކާއި، ޙުސައިން ޢަފީފް އެދެއްކެވި ވާހަކަ ލިއާކަށް އަޅުގަނޑަކަށް ފަސޭހައެއް ނޫނެވެ.... ކޮންމެއަކަސް، އެރޭގެ ތާސްކުޅުން ދިޔައީއެވެ. ވަޑިދޮނަށް ޖެހުނު "ބައްޔަކުން" އޭނާ އަރައެއް ނުގަތެވެ. އެރޭ ނިދާން އޮށޯވެެގެން އެކަކަށްވެސް ނިދުނުކަމަކަށް ހީއެއްނުވެއެވެ. ކޮންމެއަކަސް އަޅުގަނޑު އުޅުނީ، އެހެންރޭރޭވެސް އުޅޭފަދަ ހާލެއްގައެވެ. އަޅުގަނޑުގެ ހަށިގަނޑު މަރަދޫ "ރަތްވިލާގޭ" ގައި އޮތްނަމަވެސް އަޅުގަނޑުގެ ހިތަށްވަނީ 417 މޭލުދުރުގައިވާ ރަށެއްގައިހުރި،..... އާހް! އާހް!

        ޖުލައި 5

       
އަޅުގަނޑާ، މޫސާފުޅާ، ކާސިމާނޫން އެހެން އެންމެންވީ ހިތަދޫގައެވެ. އަދަކީ، އަޅުގަނޑު ހުންގަދަވާދުވަސްކަމުން، އައްޑޫގެ ކަންތައް ހަމަޖެއްސުމުގެގޮތުން، ކުރާންވީކަންތައް، އަދު ހެނދުނު ނިމިއްޖެކަމުން، އަޅުގަނޑު މަރަދޫގައި ހުރީއެވެ. އެކަމަކު، މެންދުރުން އެނބުރިތަނާ، އަދި އެއްކަމެއް ނުނިމިއޮތްކަން ކުއްލިއަކަށް ހަނދާންވެގެން، ހިތަދުއަށް ދިއުމަށް، މޫސާފުޅާއި، އަޅުގަނޑާއި ދެމީހުން ދޯންޏެއްގައި ފުރައިފީމުއެވެ. ދަމުންދަމުންގޮސް، ހިތަދޫގެ އާރް.އޭ.އެފް ގެ އޮފީސްތައް ހުންނަ ހިސާބަށް ދެވުނުތަނާ، އެތާނގެ އަޮފިސަރަކު އަޅުގަނޑުމެންނަށް ހަންޖަހައިފިއެވެ. ދެން އަޅުގަނޑުމެން ދޯނި ފާލަންދޮށަށް ކައިރިކޮށްލާފައި، އަޅުގަނޑު ފައިބައިފީމެވެ. ފޭބުމުން، އެތާނގެ ވެރިއަކަށް ހުރިމީހާ، އެދުވަހު ކޮޅުނބަށް ދެވިދާނޭ މަތިންދާބޯޓެއް ލިބިދާނެ ކަމުގައި، ވަރަށް ބަލިގޮތަކަށް ހީވާވާހަކަ ބުންޏެވެ. އެހެން ބުނެފައިވެސް ބުންޏެވެ. މީއަދި ހީއެކެވެ. އެއްގޮތަކަށްވެސް އަދި ކަނޑައެއް ނޭޅެއެވެ. އޯޑަރ އަންނާނީ، ކުއްލިއަކަށެވެ. އެހެންނަމަވެސް ކަލެއަށް، އިންޒާރެއް ކޮށްލީއެވެ.
       
މިޚަބަރު އިވުނުމުން، އަޅުގަނޑު އާރ.އޭ.އެފް ގައިހުރި ތެލްފޯނުން، ޙުސައިން ޢަފީފްމެން ވީހައި އަވަހަކަށް މަރަދުވަށް އަންނާން އަންގައިފައި، އަޅުގަނޑުމެން ދޯންޏަށް އަރައިފައި، މަރަދުއާ ދިމާއަށް ބަހައްޓައިފީމުއެވެ. އަޅުގަނޑުމެންނަށް މަރަދުވަށް ފޭބުނުއިރު، އަޅުގަނޑު ބަލާ ކޮމާންޑަރ ބޯލްސް އޭނާގެ ކާރުގައި އައިސްހުއްޓެވެ. ދެން ދެތިން މިނެޓެއްގެ ތެރޭގައި، އަޅުގަނޑު ތައްޔާރުވެގެން، ފޮށިހިފައިގެން ކާރުކައިރިއަށް ހިނގައްޖައީމުއެވެ. އިސާހިތު، އޭނާގެ ކާރު ގަޑަގަޑަ އަޅާފައި، ގަމާއި ދިމާއަށް ދުއްވާލައިފިއެވެ. ތަންކޮޅަކަށް ގޮއްސައި އޭނާ ބުނެއެވެ. "ކަލޭދާން ތިޔައުޅެނީ، ކޮންބޯޓަކުންކަން ކަލެއަށް އެނގޭ ހެއްޔެވެ؟" އަޅުގަނޑު ބުނީމެވެ. "ކެޓްލީނާއަކުން ނޫންހެއްޔެވެ؟" އޭނާ ވަރަށް މަޖާހުނުމެއް ހީނލާފާ ބުނެއެވެ. "އާނއެކެވެ! އިހަށް ދުވަހުއައި، ބޮމްއަޅާ ތިން ލިބަރޭޓަރުން ކުރެން އެކަތީންނެވެ. އެތިން ބޯޓުއެކީ، މިހިސާބުގަނޑުގައި އުޅޭ، ދުޝްމަނުންގެ ދެސަބްމެރީން ހޯދާން އަދުފުރަނީއެވެ! އެންމެ ރަނގަޅު ހެއްޔެވެ؟" މިވާހަކަ އޭނާ ބުނުމުން، އަޅުގަނޑަށް ވީގޮތް ދަންނަވާނޭ ބޭނުމެއް އެބައޮތްތޯއެވެ؟ އަޅުގަނޑުގެ ވިންދު ޖެހުން އަވަސް ވެއްޖެއެވެ. އަޅުގަނޑުގެ ނާރުތަކުން އާދައާއި ޚިލާފްގޮތުގައި ލޭ ހިނގާން ފަށައިފިއެވެ.
       
އަޅުގަނޑުގެ ކަންފަތަށް އިވުނު އަޑު އަޅުގަނޑަށް ޤަބޫލުވީވެސް ލައްކަ އިރުންނެވެ. އަޅުގަނޑުގެ އެއް އެދުން، މިއޮއް ފުދެނީއެވެ. އެކަމާއެކު، އެއްލާފައިވާ ނަނަކާއި ދިމާއަށް، މަސްއައިނެއް ތިލަވަމުން އަންނަ މިސާލުގައި، އަޅުގަނޑު ދަހިވެތިވެފައިހުރި ފުރުޞަތެއް މިއޮއް އަންނަނީ، އަޅުގަނޑާ ދިމާއަށް ތިލަވަމުންނެވެ. މުޖީބުވަންތަ ރަސްކަލާކޮ! މިދަތުރުގައި އަޅުގެ ފުރާނަ..... އަޅުން ކުރާނީ ދުޢާއެވެ. ފުއްދަވައިދެއްވާނީ، އިބަސުވާމީންގެއެވެ.
       
ކާރު އެހުއްޓައިލީ، ގަމުގެ އެންމެބޮޑު ސިފައިންގެ ގޭގެ ކައިރިއަށެވެ. އަޅުގަނޑު ގޮވައިގެން، ކޮމާންޑަރ ބޯލްސް ގޮސްއެވަނީ، އެގޭގެ ކާކޮޓަރިއަށެވެ. ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި ދިގު މޭޒެއްގެ ކައިރީގައި، ތިރީހަކަށް ޒުވާނުން ތިބޫއެވެ. އެއީ އެތިން ބޯޓުގެ އޮފިސަރުންނާއި މީހުންނެވެ. އެކުދީންގެ މޫނުމަތީގައި ލެއިގެ ތާޒާކަމާއި އުފާފާގަތިކަން ވިދަވިދާ ހުއްޓެވެ. މޭމަތީގައި، ދެފިޔަ ޖަހާލާފައި އެހެރީ، މިތިން ބޯޓަށް އަމުރުކުރާ ވެރިޔާކަން ކަށަވަރެވެ. އޭނާއަކީވެސް، ނުހަނު ޒުވާނެކެވެ. އަނހާ! އޭނާއަށް މިއޮއް ތަޢާރަފް ވެވެނީއެވެ. ކޮމާންޑަރ، ބޯލްސް އެބުނީއެވެ. "މިއީ، ދިވެހި ދައުލަތުގެ..... އަމީން ދީދީއެވެ. މިއީ، ސްކޯޑްރަން، ލީޑަރ ރޮބަރޓްސްއެވެ." އަޅުގަނޑު އަތުގައި ސަލާމްކުރުމަށް ހިފާފައި، އޭނާ ބުނެއެވެ. "ބަނޑުފުރާލެވޭތޯ ބަލަމާއަންނާށެވެ. ދެން، ކެވޭނެ އިރެއް ނޭނގެއެވެ." އިސާހިތު އެމޭޒުމަތީގާހުރި އެއްޗިއްސަށް، އެބައިމީހުން އިންސާފުކުރާން ފަށައިފިއެވެ. މަޖާކޮށް ކައިނުލެވުނީ، އަޅުގަނޑަށް އެކަންޏެވެ. މިހެނީ، އެދުވަހަކީ، އަޅުގަނޑު ހުން އަންނަ ދުވަހައެވެ. އެއިރު، ހުންގަދަވަނީއެވެ. ކައިނިމިގެން، އަޅުގަނޑުމެން އެންމެން ދިޔައީ، ބޯޓް އޮތްތަނަށެވެ. އޭރު، ފުރަން އަދި ބައިގަޑިއެއްހާއިރު އޮތެވެ. އެހެންކަމުން، އެތަނުން އެއްބޯޓަށް، އަޅުގަނޑު ފޮށިލާފައި ޙުސެއިން ކޮއްކޮމެނާއި ދިމާވޭތޯ، ގަމުގެ ފާލަން މައްޗަށް، އަޅުގަނޑު ހިނގައްޖައީމެވެ. މިހެނީ، އަޅުގަނޑުމެން މަރަދުއާއި، ވަކިވިއިރު، ޙުސައިން ޢަފީފުމެން މަރަދުވަކަށް ނާދެއެވެ. އަޅުގަނޑުގޮސް ފާލަމާ ހަމަވަނީ، އެމީހުންގެ ދޯނި އައިސް ލަފަނީއެވެ. އެއިން ބޯޓަކުން، އަޅުގަނޑު ފުރާވާހަކަ ބުނީމާ، އެމީހުންނަށްވީގޮތް..... ދަންނަވާނީ ކީކޭތޯއެވެ؟ އެމީހުން ހާދަދެރަވިއެވެ. ނަސޭހަތުގެ ގޮތުން، އަޅުގަނޑު ދެއްކިވާހަކައަކުންވެސް އެމީހުންގެ އެލިފައިވާ ކަނދުރާތައް، ނެގޭ ގޮތެއް ނުވިއެވެ. ވަޑިދޮނުގެ މޫނު ބަލާލާފައި، އަޅުގަނޑަށްވެސް ދަންނަވާން ނޭނގޭހައި އަސަރުކުރިއެވެ. އިރުކޮޅަކު ހުރެފައި، އެމީހުންނާއި ވަކިވުމުގެ ސަލާމްކޮށްފައި އަޅުގޮސް ބޯޓަށް އަރައްޖައީމެވެ. އަސްތާ! މިއެރުނީ ބޮމްއަޅާ ބޯޓަކަށެވެ. ހަތަރު އިންޖީނު އެބަހުއްޓެވެ. ހަތަރު ބުރަފަތިވެސް އެބަހުއްޓެވެ. ބޯޓްގެ ބޮޑުމިން، މާލެއަށް އާދަވެގެން އެދާ، ކެޓްލީނާ ބޯޓްފަހަރުގެ ދެބޯޓްވަރު ވާނެއެވެ. އެކަމަކު، ތަނަވަސްކަމާއި އަރާމުގެ ގޮތުން ބަލާއިރު، ކެޓްލީނާ އެއްހާސް ބައަށް ރަނގަޅެވެ. މިހެނީ، ކެޓްލީނާއެއްގައި، ހައެއްކަމީހުންނަށް އިށީދެވޭނޭހެން ގޮނޑިޔާއި، ދެމީހުންނަށް ނިދޭނޭހެން އެނދާއި ހުރެއެވެ. އެއާއި ޚިލާފަށް، ލިބަރޭޓަރއެއްގައި ހުންނަނީ، އެކީގައި ދެގޮނޑިއެވެ. އެއީ ބޯޓުދުއްވާން ތިބޭ ދެމީހުން އިށީންނަން، ހުންނަ ދެގޮނޑިއެވެ. އެހެން މީހުން، އިށީންނަން ޖެހެނީ، ފަންގިފިލާ މަތީން އެމީހަށް ލިބުނު ތަންކޮޅެއްގައެވެ. މިހެންކަމުން، އަބަދު ފިނިފެންމަލުގެ އަރާމު، ތަންމައްޗެއްގައި ނިދާންއެދޭ މީހަކު، އެފަދަ ބޯޓަކުން ދަތުރުކުރުން ހިތަށްވެސް ނޭރުވުން ހުއްޓެވެ!...... އާހް! ބޯޓުގެ މަތީގައްޔާއި، އަރިމަތީގައްޔާއި، ދަށުގައި މިވަނީ މުޅީން ބޮމެވެ. އަސްތާ! ބޯޓުގެ ދެފަރާތުގައި އެހެރީ، ސިކުންތެއްގެ އިރުން، ގޮއްވާން ފެށިދާނޭ ގޮތުން، ތައްޔާރުކޮށްފައިވާ، ދެމެޝީން ބަޑިއެވެ....
--------------
(ނުނިމޭ)

މި ލިޔުން:

ފަންވަތަށްޓައިޕްކުރުން:  މުޙަންމަދު އަޙްސަން
އަލުންބެލުން:        ''        ''
ޝާއިޢުކުރުން:       ''        ''

އިދާރާ

ވާހަކަ