އަދުގެ ޚާއްސަ

Print

އިބިލީހުގެ ލިބާސްލެއްވުން (2)

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އިސްމާޢީލް މުބާރަކު

                                                          (13 ޖުލައި 2011 އާ ގުޅޭ)

އާދެ!  އަޅުގަނޑު މީގެ ކުރީގެ ބައިގައި  ހަމަ އެކަނި އަލިއަޅުވައިލައިފައި ވާނީ މި އާޓިކަލްގައި ވާހަކަދެކެވޭނެ ނުކުތާތަކުގެ މައްޗަށެވެ. އެހެނީ ރޫޙާނިއްޔަތާ ގުޅޭ މައުޟޫޢަކުން މި ޒަމާނުގެ ސައިންސާ ގުޅުވައިގެން ވާހަކަތަކެއް ބަޔާން ކޮށްދޭއިރު ކުޑަކުޑަ ޢިބާރާތަކުން ހުރިހާ އެއްޗެއް ދަންނަވައިލުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމުގައި އަޅުގަނޑަށް ފެންނާތީ އެވެ.

މި ލިޔުމާ މެދު ތަފާތުގޮތް ގޮތަށް ދެކެވަޑައިގަތުން އެއީ މިކަމުގައި ކަން ވާނެ ގޮތް ވެސް މެއެވެ. އަދި  އެއީ މި ލިޔުމުގެ މަޤްސަދު ވެސްމެ އެވެ. މި ލިޔުމުގެ ސަބަބުން މި ރާއްޖޭގެ މިހާރުގެ މި ހަލަބޮލި މާޙައުލަށް ހުއްޓިފައިވާ ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތައް ހުޅުވި، ދިރިއުޅުއްވުމުގެ ހާސްކަމުގެ ސަބަބުން ބަންދުވަމުންދާ ސިކުނޑިފުޅުތައް މިނިވަންވެ ތިޔަ ބޭފުޅުންގެ ހޭވެރިކަން ތިޔަ ބޭފުޅުންގެ ލޯފުޅަށް ފެނިވަޑައިގަނަނަވަން އޮތް މި ދުނިޔެ ނޫން ދިމަދިމާއަށް ހޭލައިފިނަމަ އެއީ ޝައިޠާނާ ލައްވަމުންދާ މި ލިބާސް ލޮލަށް ކަޝްފުވުމުގެ ފެށުމެވެ. މިފަދަ ރޫޙާނީ މަޢުލޫމާތު އެއްކޮށް ތިޔަ ބޭފުޅުންނަށް އަޅުގަނޑު މި ހުށަހަޅައިދެނީ އެހެން އެއްވެސް މަޤްސަދެއް އޮވެގެން ނެއް ނޫނެވެ.

ޔަޤީންވާ އެއް ކަމަކީ ތިޔަ ބޭފުޅުން މި ލިޔުން ނިމެންދެން ވިދާޅުވުމަށްފަހު ކޮންމެވެސް ނަތީޖާޔަކާ ހަމަޔަށް ވަޑައިގެންނެވޭނެކަމެވެ. މި ލިޔުން ވިދާޅުވުމަށްފަހު އެ ވިދާޅުވި ބޭފުޅަކު ވަރަށް ބޮޑަށް މި ލިޔުމުގައި ވާ މަޢުލޫމާތުތަކާމެދު ވިސްނަވާނެކަން އަޅުގަނޑަށް ކަށަވަރުވެއެވެ. ފަނޑިޔާރުންނަކީ ހަމަ ތިޔަ ބޭފުޅުންނެވެ. އަޅުގަނޑު ތިޔަ ބޭފުޅުންނާ ހަމަޔަށް މި ގެނެސްދެނީ ވަރަށް މަދުން ނޫނީ ތިޔަ ބޭފުޅުންނަށް ފެނިވަޑައިނުގަންނަވާނެ މަޢުލާމާތުތަކެވެ. ބުނި މީހަކަށް ނުބައްލަވައި ބުނާ ބަހަކަށް  ބައްލަވާށެވެ.

ކަންތައްތައް ހުރީ އަޅުގަނޑުމެންގެ ލޮލަށް ފެންނަން ހުރިގޮތަށް ނޫންކަން އަބަދުވެސް ހަނދުމަފުޅުކުރަށްވާށެވެ. އެހެންވެ އެންމެ ފުރަތަމަ ކީރިތި ޤުރްއާނުން މާތް ﷲ ބާވައިލެއްވި އާޔަތުގައިވެސް ވަޙީ ކުރައްވައިފައިވަނީ  ކިޔަވާށެވެ! ﷲ ގެ އިސްމުފުޅުން ކިޔަވާށެވެ!

ހަނދުމަކުރާށެވެ! ހަނދާން ކޮށްދޭށެވެ! ބުއްދީގެ އަހްލުވެރިންނޭވެ! ބުއްދިކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟ މިއީ ހައްތާ ވެސް މާތް ﷲ ކީރިތި ޤުރްއާންގައި ވަޙީކުރައްވައިފައި ވާ ބަސްފުޅުތަކެވެ.  އިބިލީހުގެ ލިބާސް، ކަރަށް ފެތެމުން ދާއިރު ވެސް އަޅުގަނޑުމެންނަށް މި ތިބެވެނީ ވާނުވާ ނޭނގިފައެވެ. ޔާސީން ސޫރަތުގެ 62 ވަނަ އާޔަތް ބައްލަވާށެވެ.
 
وَلَقَدْ أَضَلَّ مِنكُمْ جِبِلًّا كَثِيرًا ۖ أَفَلَمْ تَكُونُوا تَعْقِلُونَ
(އަދި ހަމަކަށަވަރުން، އެ شيطانއާ ތިޔަބައިމީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، ވިސްނާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވަމުހެއްޔެވެ؟)

 އެހެންވީމާ ވިސްނަވާށެވެ. އަދިވެސް ވިސްނަވާށެވެ.

މީ ބައެއް ޕަބްލިކް ޑޮމައިންތަކުން އަޅުގަނޑު ނަގައިފައިވާ މަޢުލޫމާތުތަކެވެ.

އިންސާނުންނަށް ތަޞައްވުރު ކުރެވުމާއި ޖިންނި ޝައިޠާނުން މައުޖޫދުވުމާ މެދު މީޑިޔާގެ ދައުރު:

ފޮތް ޝާޢިއު ކުރުމާއި  ފޮތުގެ މުޞައްނިފެއްގެ ގޮތުން މަސައްކަތް ކުރަމުންގެންދާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ  "ރޮބަޓް ސީ ޖިރާޑް" ނަމަކަށް ކިޔާ މީހަކު  އޭނާގެ "ފެނެމެނޯން ކޮންސްޕިރޭސީ" (ނުވަތަ އާދަ ފޫވައްޓައިފަނިވި ރޭވުންތައް)  މިނަމުގައި އޭނާ ލިޔެފައިވާ ފޮތުގައި ވެއެވެ.

ޢާއްމު ރައުޔަށް އޮޅުން ބޮޅުންތަކެއް އަރައި އަދި އެ އޮޅުމުގެ ތެރޭގައި އެންމެން ވާވަދެގެން ދާނެ ބޮޑު މައްސަލައެއް ކުރިމަތިވެއްޖެއެވެ. އަދި މި މައްސަލައިގައި މީޑިޔާ  ޢާއްމުން ހަމަޔަކަށް އެޅުވުމުގެ ބައިވެރިއެއްގެ ރޯލް އަދާކުރަމުން އެބަ ގެންދެއެވެ. މީގެ ތެރޭގައި ޖައްވުން އަންނަ ކޯއްޗެއްކަން ފާހަގަ ނުކުރުވޭ އުދުހޭ އެއްޗިއްސައް "ޔޫ އެފް އޯ ބަފް" ކިޔުމާއި ކުދިކުދި ފެހި މީހުންނަށް "އޭލިއަން" ގެ ނަމުން ޝައިޠާނުންނަށް ނަން ދިނުން ހިމެނެއެވެ.

މި ކަމުގެ ހަޤީޤަތަށް ތިޔަ ބޭފުޅުން ވިސްނައިވަޑައިގަންނަވާށެވެ.  "އެންތްރޯމޯފިސިޓީ" މި ބަހުގެ މާނަޔަކީ މި ކާއިނާތަކީ އިންސާނުންގެ ޙިއްސުތަކަށް ފެންނަގޮތަށް އޮތް ތަނެއް ކަމަށް  މި ކާއިނާތާމެދު ދުށުމެވެ. މިއީ ޙަޤީޤަތުގައި އަސްލު، މާތް ﷲ މި ކާއިނާތު ޚަލްޤުކުރައްވައިފައިވާ ޙަޤީޤަތާ އަޅުގަނޑުމެންނާ ދެމެދު ލެވިފާއިވާ އެންމެ ބޯ ފާރެވެ. ނުވަތަ ފަރުދާއެވެ.

މި ފަރުދާ ކަޝްފު ކުރުމުގެ ޤާބިލްކަން އަޅުގަނޑުމެން އެގޮތަށް ވިސްނާހާ ހިނދަކު އަޅުގަނޑުމެންނަކަށް ނުލިބޭނެއެވެ. ނަރަކަޔާއި ސުވަރުގެ އަދި މަލަކޫތީ ޢާލަމް އެއީ ޚިޔާލެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވަނީ މި ސަބަބާ ހެދިއެވެ.

ވީއިރު އެއްޗެއް ޙަޤީޤަތާ އެއްގޮތަށް ދެކެންޏާ އަޅުގަނޑުމެންގެ ޙިއްސުތައް އެ އެތި ދެކެން ބޭނުންވާ ގޮތް ހަނދާންނައްތައިލައިފައި  އެ އެއްޗެއް ހުރި ގޮތް ޤަބޫލުކުރަން ދަސްކުރަން ޖެހެއެވެ.

ހުވަފެނުގައި، ނުވަތަ އެހެންގޮތަކުން ވެސް އެއްޗެއް ހަމަ ފެންނަ އިރަށް ސިކުނޑީގެ ޑައިރެކްޓަރީތަކުން އެއާ ކުޑަކޮށްވެސް ވައްތަރުވާ އެއްޗެއްގެ ފޮޓޯ ހަނދާނުގައި ރައްކާކުރެވިފައިވޭތޯ ބަލައިފައި ރައްކާކުރެވިފައި ވަންޏާ އެއީ އެ އެއްޗެއް ކަމުގައި ހަދައިލުން އެއީ އަޅުގަނޑުމެންނަށް އާދަވެފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ޙަޤީޤަތް ފަރުދާވެ ސިކުނޑީގެ ޚިޔާލާތުގެ ތެރޭގައި އަޅުގަނޑުމެން ތާށިވެފަ ތިބެވެނީއެވެ.

އަދި އަޅުގަނޑުމެންނަށް ވާގޮތަކީ މީހަކު ދެކެ މާ ބޮޑަށް ލޯބިވެވުނަސް  ދެން އެ މީހަކު ނެތި ދިޔުމުން،  ނޫނީ ވަކިވުމުން ދެން ލޯބިވާ މީހާ ކިބައިގަވެސް ކުރިން ލޯބިވީ މީހާގެ ސިފަތައް ގެނެސް ހަރުކުރަނީއެވެ. އެކަމަކު މިއީ މުޅިން އެހެން މީހެކެވެ. މިކަމާ ހުރެ ޙަޤީޤަތް އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް އޮޅުން ފިލާގޮތެއް ނުވެއެވެ. މި ހުރަސް ނައްތައިލުން ނުވަތަ އޭގެ މައްޗަށް ގަދަވެގަތުން މިއީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

 ޞަލާމްލެއްވި މޫސާގެފާނު ﷲ ގެ ޙަޒްރަތުގާ ޢިލްމު އުނގެނިވަޑައިގަތުމަށް އެދި މުނާޖާ ދެންނެވުމުން ދެކަނޑު ބެނދުނު ހިސާބަށް ވަޑައިގެން އެތަނުން ފެނިވަޑައިގަންނަވާ ބޭކަލާ ބައްދަލުކުރެއްވުމަށް ވަޙީކުރެއްވިއެވެ. މި ވާހަކަތައް މާތް ﷲ ކަހްފު ސޫރަތުގާ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާފައިވެއެވެ.

"އެންތްރޯ މޯފިސިޓީ" ނައްތައިލުމަށްފަހު ކަންތައްތައް ހުރީ ލޮލަށް ފެންނަން ހުރިގޮތަށް ނޫންކަން އެކަލޭގެފާނު މޫސާގެފާނަށް އުނގަންނަވައިދެއްވިއެވެ. ޒުލްގަރްނައިނި ގެ ކިބައިން މޫސާގެފާނަށް ލިބިވަޑައިގެންނެވި ޢިލްމަކީ މި ނޫން ކޮން ޢިލްމެއްތޯއެވެ؟

އެހެންނަމަވެސް އަޅުގަނޑުމެން ވެސް އަދި މީޑިޔާއިން ވެސް މި ކުޅޭ ރޯލަކީ ޚިޔާލްތަކެއް އެކުލެވޭ ޢިބާރާތަކުން އެއްޗަކާމެދު ނަމެއް ދީ  އެ އެއްޗަކާ މެދު އަޅުގަނޑުމެން ދެކޭގޮތް ނުވަތަ މީޑީޔާ ދެކޭގޮތާ އެއްގޮތަށް އެ އެއްޗެއް ބައްޓަން ކުރުވަނީއެވެ. އެ އެއްޗެއް ހުރިގޮތުގެ ޙަޤީޤަތް އެނގުނަކަ ނުދެއެވެ. މި އަދުގެ މީޑިޔާ އަކީ ކަމެއްގައި އިންސާނުންގެ ބުއްދިޔާ ގުޅިފައިވާ ކަންތައްތައް ބޭނުން ގޮތަކަށް ބައްޓަން ކުރުވަން އެންމެ ރަނަގަޅު ވަސީލަތެވެ.

ޓީވީ މެދުވެރިކޮށް ޢާއްމު ރައުޔު ބަދަލުކުރުން

އެމެރިކާގެ ސަރުކާރުން، އެމެރިކާގެ ތެރޭގައި ޖިންނި ޝައިޠާނުން ނޫޅޭ ކަމުގެ ޚިޔާލް  ޢާއްމުންގެ ތެރެޔަށް ފެތުރުމަށްޓަކައި ޓީވީޔާ ވީޑިޔޯ ގޭމް ފަދަ އެއްޗިހީގެ ބޭނުން ވަރަށް ބޮޑަށް ހިފައިފައި ވާކަން މި އާޓިކްލް ވިދާޅުވާ ބޭފުޅުންނަށް އަދި ފަހުން އެނގިވަޑައިގަންނަވާނެއެވެ.

ބެންޓެން އޭލިއަން ފޯސް ތިޔަ ހުރިހާ ބޭފުޅުން ވެސް ދެނެވަޑައިގަންނަވާނޫއެވެ. މި ކާޓުނު ގައި މުޅިން ވެސް ދައްކައިދެނީ މި ބިމުގެ މައްޗަށް ޝައިޠާނުން ވެރިވާން އުޅޭ އުޅުން ކުޑަކުއްޖަކު އޭނާގެ އަތުގައި އޮންނަ ގަޑި އެއް ބޭނުން ކޮށްގެން ހުއްޓުވާ މަންޒަރެވެ.

އަދި އެމެރިކާގެ ޓީވީ ޗެނަލްތަކުން ދައްކަމުން ދާ ވީ ސީރީސް ޕްރޮގްރާމް ތަކުގައި ފެންނަނީ ޖިންނި ޝައިޠާނުން، ތަނެއްގެ މައްޗަށް ގަދަވެ އެތަން ފަތަޙަ ކުރަން އުޅޭ މަންޒަރެވެ. އަދި މި ނޫނަސް އިންސާނާގެ މަސްގަނޑު އެވެރިންގެ ކާނާގެ ގޮތުގާ ބޭނުން ކުރުން، އެވެރިން އިންސާނުންނާ އިދިކޮޅު ޙަރަކާތްތައް ހިންގުން ފަދަ ޚިޔާލްތައް ވެސް މީގައި ދައްކައެވެ.

އިންވޭޑަރޒް ކިޔާ ސީރީޒްގައި ދައްކަނީ އަޅުގަނޑުމެން ކަހަލަ އިންސާނުންނާއި ވައްތަރު ޝައިޠާނުންތަކެކެވެ. އެވެރިން މަތިން އަންނަނީ ޖޯޑުވަތުތަށިތަކެއްހެން ހުންނަ އައްޔަށްވުރެ ބާރަށް ދަތުރުކުރާ އުޅަނދުތަކެއްގައެވެ. އެއިން ޝައިޠާނެއް މަރައިލެވިއްޖިއްޔާ އަލިގަނޑެއް އަރައިފައި ހަށިގަނޑު ވަގުތުން ލޯމައްޗަށް ގެއްލި، މާއްދީ އެއްޗަކުން ހަކަތަޔަކަށް ބަދަލުވެގެންދެއެވެ.

ސްޓާރ ޓްރެކް ސީރީޒް ގައި ދައްކަނީ ތަރިތަކުގައި އުޅޭ މަޚުލޫޤުންގެ މެދުގައި ހިނގާ ހަނގުރާމަތަކެވެ. އަދި "ސަމްތިންގް އިޒް އައުޓް ދެޔަރ" މި ނަން ކިޔާ ފިލްމުގައި ތަޢާރުފުކޮށްދެނީ ޝައިޠާނުންގެ ޖީން އާއި އިންސާނީ ޖީން އެއްކޮށްގެން ކްލޯން ކޮށްގެން ޝައިޠާނެއް އިންސާނެއް ވަކިނުވާ ކަހަލަ މަޚްލޫޤެއް އުފައްދަން އުޅޭތަނެވެ.

އެކްސް ފައިލަކީ ވެސް މި ކަހަލަ ސީރީޒްއެކެވެ. އަސްލު ޙަޤީޤަތަކީ އަދި ކަން ހުރިގޮތަކީ މިއީ ކަމުގައި ވީ ހިނދު މިއީ މިއަދުގެ ދުނިޔޭގެ ޙަޤީޤަތް އޮޅުވައިލުމަށްޓަކައި އެއީ ފުލޯކު ޑްރާމާ ސީރީޒްތައް ކަމުގައި އަޅުގަނޑުމެންގެ ލޮލުގައި މިވަނީ އަނދުންއެޅުވިފައެވެ.

ކޮއްޓެއްގައި ތިބި އަސްދޫނި ތަކެއް އަސްދޫނި ފިހެގެން ކާ ތަން ޓީވީން ދައްކާއިރު އެތަން ބަލަން މަޖާވެފައި ތިބި ކަހަލައެވެ. އެ އަސްދޫނިތަކަށް ވާނުވާ ނޭނގޭހާ ހިނދެއްގައި އެ މަންޒަރުތައް ރީތިވެދާނެ އެވެ. އެހެނީ  ޙަޤީޤަތްވަނީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައެވެ.
-----------------
(ނުނިމޭ)
މި ލިޔުން:    
       ފޮނުވުން:     އަލްފާޟިލް އިސްމާޢީލް މުބާރަކު
       އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
       ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

އިދާރާ

އެނގޭތަ؟

ވާހަކަ