އަދުގެ ޚާއްސަ

Print

މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފާ ތިބާއަށް ލިބޭހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

އަޅުގަނޑުމެން އަޅުވެއްޗެއް ނޫނެވެ. ހަޤީޤަތުގައި ވެސް އަޅުވެތި ބަޔަކަށް އަޅުގަނޑުމެން ނުކިޔާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ މިނިވަން ވުންތޯ އެވެ؟ މިއީ މިހާރަށް ވުރެ ފުންކޮށް ވިސްނައިލުން ރަނގަޅު ނުކުތާއެކެވެ. މިނިވަންކަމުގެ އުފަލުގައި ދަރިން ނަލަހައްދައި، ޤައުމީ ހެނދުން ލައްވައިގެން ސުކޫލަށް ހިނގާ މައިން ބަފައިންނަށް ގަބޫލުކުރަން އުދަނގޫ ވާހަކައަކަށް މި ބުނުން ވެދާނެއެވެ. އެހެންނަމަވެސް ނަފުސަށް ފުރިހަމައަށް ތަން ދީފިނަމަ، އެއީ މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފަލާއެކު ކުރާކަމެއް ކަމަށް ފަހަރުގައި ނުވެދާނެ އެވެ. އަޅުގަނޑު މި ދަންނަވާ ވާހަކަ ތަންކޮށް ތިލަކޮށްލެވޭތޯ ބަލާނަމަވެ.

މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފާ ތިބާއަށް ލިބިވަޑައިގަންނަވައިތޯއެވެ؟ އަމިއްލަ ނަފުސާ މި ސުވާލުކުރެއްވުމުން ލިބިވަޑައިގަތީ ކޮން ޖަވާބެއް ތޯއެވެ؟ ފަހަރުގައި އާނއެކޭ ވިދާޅުވެވިދާނެ އެވެ. އެހެންނަމަވެސް އެއަށް ވުރެ ފުންކޮށް ވިސްނަވައި ބެއްލެވުމުން، ޖަވާބު ބަދަލުވުމަކީ ވެދާނެ ކަމަކެވެ. އަޅުގަނޑުގެ ހިތުގައި މި ސުވާލަށް ލިބޭ ޖަވާބު ވަރަށް ތަފާތެވެ.

ދަންނަވަން ތޯއެވެ؟ އަޅުގަނޑުމެންގެ އުޅުމުގައި މިއަދު ހަރުލައިފައިވާ ބައެއް އާދަތަކުގެ ސަބަބުން މިނިވަންކަމުގެ ގޮޅިން އަޅުގަނޑުމެންނަށް ޖަގާދެވިދާނެތޯ އަޅުގަނޑުގެ ހިތުގައި ސުވާލުއުފެދެއެވެ. އެންމެ ބޮޑު މިނިވަންކަމަކީ ނަފުސުގެ މިނިވަންކަން ކަމުގައި ވާނަމަ، މިއީ އަޅުގަނޑުމެން ވިސްނައިލުން މުހިންމު ކަމެކެވެ.

އަމިއްލަފުޅު ނަފުސަށް މި ސުވާލު ކުރިމަތި ކޮށްލައްވަބައްލަވާށެވެ! ހެޔޮ ނިޔަތެއްގައެވެ. ރާއްޖެ އަންނަ ފަތުރުވެރިއެއްގެ މިސާލާ އަޅުގަނޑުމެންނާ ހުރީ ކޮން ތަފާތެއް ތޯއެވެ؟ ރިސޯޓަކަށް އައުމަށްފަހު އޭނާ ކާނީ ރެންޓޯރަންޓުންނެވެ. ނުވަތަ އޯޑަރުކޮށްގެން ބޭނުންވާ ސާމާނު ތައްޔާރުކުރުވައިގެން ގެނެސްގެންނެވެ. ކޮންމެ ކަމަށް ޚާދިމުން ތިބޭނެއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ޢާއްމު ޙާލަތު ނޫންތޯއެވެ؟ މުޅި ދިރިއުޅުން ބިނާވެފައިވާ ގޮތްނޫންތޯއެވެ؟

އެންމެ ފަހުގެ އައި-ފޯނެއް ތިބާގެ އަތްޕުޅުގައި ނެތްތޯއެވެ؟ އައިޕެޑުގެ އެންމެ ފަހުގެ ވަރޝަން މިވަގުތު ނުގެންގުޅުއްވަންތޯ އެވެ؟ ގޭގައި ލެޕްޓޮޕަކާއި، ފަހުގެ ކޮންޕިއުޓަރ ސިސްޓަމެއް އެބަހުރި ނޫންތޯއެވެ؟ އެންމެ ފަހުގެ ސައިކަލެއް ނުގެންގުޅުއްވަންތޯ އެވެ؟ އޭގެ އިތުރުން ރޯދައަށް، އެންމެ ފަހުގެ، އަގުބޮޑު ތުނި ޓީވިއެއް ނުހޯއްދަވަން ތޯއެވެ؟ މި ސަމާނު ތިބާ ހޯއްދެވީ ދަރަންޏަން ނޫންތޯއެވެ؟ ފަހަރުގައި "ދަރަންޏަށް" މިއީ އުނދަގޫފުޅު ލަފުޒަކަށް ވެދާނެއެވެ. ކުރެޑިޓަށް މި ސާމާނު ހޯއްދެވުމޭ ދެންނެވުމުން ފަސޭހަފުޅުވާނެ އެވެ. މީގެ އިތުރުން ގޭގައި ބިދޭސީއެއް ނުގެންގުޅުއްވަން ތޯއެވެ؟ ކުނިކޮޅު އުކައިލުމަށް ބިދޭސީއެއް ކޮންމެ ދުވަހަކު ނާދޭތޯއެވެ؟ ނުވި ތާކަށް ހަފުތާއަކު އެއްފަހަރު ނަމަވެސް ގެކޮޅުތެރެ އާއި ފާޚާނާކޮޅު ސާފުކޮށްލެއްވުމަށް  ފައިސާދީގެން ބިދޭސީއަކު ނުގެންނަވަން ތޯއެވެ؟ ރޭގަނޑުގެ ފަރީއްކޮޅު ގިނަފަހަރަށް ރެސްޓޯރަންޓަކުން ނުވަތަ ޓޭކްއަވޭއަކުން ފުއްދާކަން ނުޖެހޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ޢާއްމު ޙާތަލު ނޫންތޯއެވެ؟ ދިރިއުޅުން ބިނާވެފައިވާ ގޮތް ނޫންތޯއެވެ؟

މިކަންކަން އަޅުގަނޑުމެން ފުއްދަނީ އެވަރުގެ އާމްދަނީއެއް ލިބޭތީ ތޯއެވެ؟ ނުވަތަ އެނޫންގޮތެއް ނެތިގެން ތޯއެވެ؟ ފަހަރުގައި ގޯސް ދެންނެވުމަކަށް ވެދާނެއެވެ. އެހެންނަމަވެސް ދަންނަވަން ތޯއެވެ؟ އައިފޯނުގެ އެންމެ ފަހުގެ ފޯނެއް ދަރަންޏަށް ހޯއްދެވުން ތިބާއަށް އެހާ މުހިންމު ތޯއެވެ؟ އައިޕެޑެއްގެ ބޭނުން ހަމަ ހަޤީގަތުގައި ވެސް ތިބާއަށް ޖެހޭތޯއެވެ؟ މި ސުވާލަށް އަމިއްލަފުޅު ނަފުސު އެރުވީ ކޮން ޖަވާބެއްތޯއެވެ؟ ފަހަރުގައި މި ދެންނެވި އާލާތާއި ޚިދުމަތްތަކުގެ ހަޤީޤީ ބޭނުން ކުރައްވަންޖެހޭ ބޭފުޅަކަށް ތިބާވެވަޑައިގެންފާނެ އެވެ. އަޅުގަނޑު މި ދަންނަވަނީ ފަހަރެއްގައި ވެސް ތިޔަ ފަދަ ބޭފުޅުންގެ ވާހަކައެއް ނޫނެވެ.

ދެން އަޅެ ވިދާޅުވެބައްލަވާށެވެ! އަޅުގަނޑުމެންނަކީ މިނިވަން ބަޔެއް ތޯއެވެ؟ އަޅުގަނޑުމެންގެ ކެއިން ބުއިމާއި، ގޭތެރެ ސާފުކުރުމުން ފަށައިގެން އާންމުދަނީ ހޯދުމަށް ކުރާމަސައްކަތްތައް ކޮށްދެނީ ބިދޭސީންނެވެ. ފައިސާ އަތުގައި ނެތް ނަމަވެސް އެންމެ ފަހުގެ ވަސީލަތްތަކާއި އާލާތްތައް އަތަށް ހަމަކޮށްގެން މަގުމައްޗަށް ނުކުމެ އަޅުގަނޑުމެން ހިނގަމުންދަނީ ދަރަނިވެރީންގެ ގޮތުގައި ނޫންތޯއެވެ؟ މިއީ ދޮގެއްތޯ އެވެ؟ އެންމެ ކުޑަމިނުން އަޅުގަނޑުމެންގެ އަމިއްލަ އަންނައުނު ދޮވުމާއި، ގޭގެތެރޭގެ އެހެނިހެން މަސައްކަތް ވެސް ކޮށްދެމުން އަންނަނީ ބިދޭސީއެއް ނޫންތޯއެވެ؟ ބޯކޮށުން ފަދަ އާދައިގެ ޚިދުމަތެއް ދޭ ދިވެއްސަކު އެބަހުރިތޯއެވެ؟

އެހެންކަމަށް ވާއިރު އަޅުގަނޑުނަށްވުރެ ބޮޑަށް އަޅުވެތި ވެފައިވާ ބަޔަކީ ކޮބައިތޯއެވެ؟ ނަފުސު ވަނީ އަޅުވެތިކަމެއްގައި ނޫންތޯއެވެ؟ ދިރިއުޅުންވަނީ އަޅުވެތިވެފައި ނޫންތޯއެވެ؟ ދަރިންގެ ތަރުބިއްޔަތާއި އުނގަންނައި ދިނުމުގެ ފެށުން ވެސް ވަނީ އަޅުވެތި ވެފައި ނޫންތޯއެވެ؟ ދެން އަޅެ ވިދާޅުވެބައްލަވާށެވެ! ހަޤީޤީ މިނިވަންކަމުގެ އުފާ އަޅުގަނޑުމެންނަށް އެބަ ލިބޭތޯއެވެ؟
-------------
(ނިމުނީ)
މި ލިޔުން:
    ފޮނުވުން:    އަލްފާޟިލް ޙަސަން ޒަހީން (ފަނވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ