އަދުގެ ޚާއްސަ

Print

ސަގާފީ ރޭ ކޭމުގެ މަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

   

     ކަނީރު  ޢަބްދުއްރަޙީމް

     ރޯދަމަސް! ދިވެހީންގެ ބޮޑު މަސް،  މީރުކާތަކެތީގެ މަސް
              ރޯދަވީއްލަން މޭޒުމަތި  މުއްސަނދި ކުރާ މަޝްހޫރު މަސް
     
     ދެފުށުއެޅެމުން ގޮސް އެހާ ގިނަ ތަކެތި ބާޒާރުން  ގެޔަށް
              އެފުޅުބުނުމުން ކޮންމެހެންވެސް ގަނެ ގެނެސްދޭ ލޯބި މަސް
    
     ބަދިގެތެރެއިން ތިންހަތަރު ގަޑިއިރު އުނދުންނިއްވައިނުލައި
                                  ވަދިވެ ވައްތަރުވައްތަރުން ކުޅި ފޮނި ހަދާ  ރަހަމީރު މަސް
     
     ހާރުކައިގެންވާ ލޮޑާއެކު  މެންދުރާ ހަމައަށް    ނިދައި،
                                  ބާރުލައިގެން ތެދުވެ ރޭގަނޑު ލަސްވެގެން ދެރަވާނެ މަސް
     
     ބަންގި ނުގޮވައިގެން ބަލަބަލައި ގަޑިހިނގައިތޯ  ޗެކުކުރާ
                                  ބަންގި އަޑު  އިވުމާއެކީގައި   ދެމިއަކަން ފޭވާނެ  މަސް
     
     ހިނިއައިސް ހަމަޖެހެވި ކެއުމާ ބުއިމުގައި ޅިސްޖެހި ތިމާ
                                  ދުނިޔެ މީ ހަމައެކަނި ކެއުމޭ ބުނެލެވޭހެން  ފެންނަ މަސް
     
     ދެގަޑި ތިންގަޑިއިރު ފަހުން އެ ކިޔާ ތަރާވީހެއް އަލުން
                                  އަގަލު ހުރެގެން ފޯރިލައި ކައިބޮއި ފުރާ   ރޭ ކޭމު  މަސް
      
     ދެން އެއަށްފަހު ކުޅިވަރާ މަޖަލާ ނިކަން ހުއްޓައިނުލައި
                                  ދެން އެ ކާ ހާރާއިހަމައަށް މުނިއަވަސް   ފިލުވޭނެ މަސް
                            +++++++++++++
    
     އެއްބަޔަކު ރޯދައިގެ "ފަރުވާ" މިފަދައިން ލިބިގަންނައިރު
                                  އެއްބަޔަކު އަދަދުން މަދަސް އަޅުކަންކުރާ މީ މާތްވި މަސް
                             ---------------
                               (ނިމުނީ)
     މި ޅެން:
          ފޮނުވުން:          އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމް
          އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
          ޝާއިޢުކުރުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

           

އިދާރާ

އެނގޭތަ؟

ވާހަކަ