Print

އުމުރުން ޅަ ފަހުލަވާނު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ޢަބްދުﷲ ޞާދިޤު

މިއީ، މިއަދުގެ ތޭރަސަތޭކަ އަހަރަށް ވުރެންވެސް ކުރީގެ ވާހަކައެކެވެ. ދުވަސްވަރަކީ، އިންޑިޔާގެ ރާޖާ ދާހިރުގެ ސިފައިންނާއި އިސްލާމުންގެ މުޖާހިދުންނާ ދެމެދު ވަރުގަދަޔަށް ހަނގުރާމަކުރެވެމުންދިޔަ ދުވަސްވަރެވެ. މި އާރާއި ބާރުގެ ބޮޑާކަމުގައި އެ ރަސްގެފާނު ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދީން ހައްޔަރުކޮށްގެން އަނިޔާވެރިވި އެވެ. މި ކުށެއްނެތް އަންހެނުންނާއި ކުޑަކުދީންނަކީ، ދިވެހިރާއްޖޭގެ ޖަޒީރާތަކުން ފުރައިގެން ދަތުރުކުރާ އުޅަނދުތަކުގައި ޢަރަބި ކަރަޔަށް ދަތުރު ކުރަމުން ދިޔަ ބަޔެކެވެ. ރާޖާ ދާހިރަށް މިކަން އެނގިވަޑައިގަތުމާއެކު އޭނާގެ ސިފައިން ފޮނުއްވައިގެން އެ އުޅަނދުތަކުގައި ހުރި މުދާތައް ފޭރި، އެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދީން ހައްޔަރުކުރެއްވިއެވެ.

އެ ޒަމާނުގައި ޙައްޖާޖު ބުނު ޔޫސުފަކީ، ޢިރާޤުގެ ގަވަރުނަރެވެ. ރާޖާ ދާހިރުގެ ސިފައިން އެ ނާތައް ފޭރި އޭގައި ހުރި މުދާތައް އަތުލައި ހަދަމުން ދިޔަ ވަގުތު އެތަނުން އަންހެނަކު ޙައްޖާޖުބުނު ޔޫސުފުގެ ނަންގެންފައި، ރޮއިގެންފައި ގޮވާލިއެވެ. "އޭތް ސާހިބާއެވެ! އަޅުގަނޑުމެންނާ އެހީވެ ވަޑައިގެން ދެއްވާށެވެ."

ރާޖާ ދާހިރުގެ ފައުޖުގެ ސިފައިން މި އަންހެންމީހާ މިހެން ގޮވާ އަޑު އަހާފައި ހީނގަތެވެ. އޭނާއަށް ހީވާގޮތުގައި ޙައްޖާޖުބުނު ޔޫސުފަށް އޭނާއަށް އެހީވާން އެހާ ދުރުން އާދެވޭނެ ގޮތެއް ނޯންނާނެއެވެ. ނަމަވެސް ކޮންމެ ވެސް ގޮތަކުން ޙައްޖާޖަށް މިކަން އެނގިވަޑައިގެންފިއެވެ.

މިކަން، ހަމަ އެނގިވަޑައިގަތުމާއެކު ޙައްޖާޖު ކަނޑައެޅުއްވީ، އެފާފައެއް ނެތް އިސްލާމުންކޮޅު، ރާޖާ ދާހިރުގެ އަތްދަށުން މިނވަން ކުރެއްވުމަށެވެ.

މި ގޮތަށް ކަނޑައެޅުއްވުމަށްފަހު، ޙައްޖާޖު ޚަލީފާ ޢަބްދުލްމަލިކުގެ އަރިހުން އިންޑިޔާއަށް (ހިންދުކަރައަށް) ޙަމަލަދިނުމުގެ ހުއްދަ ހޯއްދެވިއެވެ. އެއަށްފަހު، އޭނާގެ ކޮއްކޮ މުޙައްމަދުބުނު ޤާސިމު، ލަޝްކަރުގެ ވެރިޔަކަށް ހައްދަވައިފައި މި މުޖާހިދުންގެ ލަޝްކަރު އިންޑިޔާއާ ދިމާއަށް ފޮނުއްވި އެވެ. އޭރު މުޙައްމަދުބުނު ޤާސިމްގެ އުމުރުފުޅަކީ އެންމެ ސަތާރަ އަހަރެވެ. ނަމަވެސް އެހާ ތުއްޕުޅު އިރު ވެސް އެކަލޭގެފާނުގެ ބުއްދިވެރިކަމާ ކުޅަދާނަފުޅުކަމުން ބޮޑެތިބޮޑެތި ސަރުދާރުން ވެސް އޭނާއަށް ޢިއްޒަތް ތެރިކޮށް ހިތައެވެ.

މުޖާހިދުންގެ އެއްލަޝްކަރު ކަނޑުމަގުން އިންޑިޔާ އަށް ހިނގައްޖެއެވެ. އަނެއް ލަޝްކަރު އެއްގަމުން އިރާނާ ވީފަޅިން އެ ހިސަބަށް އަތުވެއްޖެއެވެ. މި ދެލަޝްކަރު އެއްތާކަށް ޖަމާވުމާއެކު، ވަރަށް ގަދައަށް ހަނގުރާމަ ހިނގާން ފެށިއެވެ.

މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމާ އެއްގޮތް ވެގެންވާ ގޮތުގެ މަތިން މުޙައްމަދު ބުނު ޤާސިމް ހަނގުރާމަ ފެއްޓެވުމުގެ ކުރިން ރާޖާ ދާހިރަށް ވިދާޅުވިއެވެ. އެ ކުށެއްނެތް އަންހެނުންނާއި ކުޑަކުދީން ދޫކޮށްލައިފި ނަމަ، އަދި ކުރިޔަށް އޮތް ތާނގައި މާތް މީހުން އުޅޭހެން އުޅޭން ވަޢުދުކޮށްފި ނަމަ އަހަރެމެން އެނބުރި ހިނގައިދާ ހުށީމެވެ. ނަމަވެސް ދާހިރު ވަނީ އޭނާގެ ބާރުގެ މައްޗަށް ބޮޑާވެފައެވެ. ވުމާއެކު، އޭނާ މި ގޮތެއް ޤަބޫލެއްނުކުރި އެވެ. އަދި ހަނގުރާމަކޮށް ކަތިވެ މަރުވާން ނިންމައިފިއެވެ.

އެ ޒަމާނުގައި މިހާރު މިގެންގުޅޭ ކަހަލަ ބަޑިޔާ އެފަދަ ހަތިޔާރެއް އީޖާދެއް ނުވެއެވެ. ނަމަވެސް ބޮޑެތި ހިލަ ނުހަނު ދުރަށް އުކޭ ކަހަލަ މެޝިން ހެދިފައިވެއެވެ. އެއަށް ކިޔަނީ ސާޅަނގައެވެ.

މުޙައްމަދުބުނު ޤާސިމް އެކަހަލަ ވަރަށް ބޮޑު ސާޅަނގައެއް ވެސް ގެންދެވިއެވެ. އެއަށްކިޔަނީ ޢުރޫސްއެވެ. މި މެޝީން އެއްތަނުން އަނެއްތަނަށް ގެންދެވެނީ އެތައް ސަތޭކަ މީހުންނަށެވެ. މީން ދުއްވައިލެވޭ ބަރު ހިލަތަކުގެ ސަބަބުން ދުޝްމިނުންގެ ކިއްލާތަކުގެ ވަރުގަދަ ފާރުތައްވެސް ފުނޑުފުނޑުކޮށްލެވޭ ވަރުވެއެވެ.

ރާޖާ ދާހިރުގެ ވެރިކަން ހިންގާ ރަށަށް ކިޔަނީ ދީބަލްއެވެ. އެ ސަހަރުގެ ދިމާ މެދުތެރޭގައި ވަރަށް ބޮޑު ފައްޅިއެއް ހުރެއެވެ. އެ ފައްޅިގައި ރަތްކުލައިގެ ވަރަށް ބޮޑު ދިދައެއް ނަގާފައި ހުރެއެވެ. ހިންދީން ޤަބޫލުކުރާ ގޮތުގައި މި ދިދަ ވިހުރުވޭހައި ހިނދަކު އެއްވެސް ދުޝްމިނަކަށް ދީބަލް ހިފާކަށް ނުކެރޭނެއެވެ.

މިކަން ކޮންމެވެސް ގޮތަކަށް މުޙައްމަދު ބުނު ޤާސިމަށް ވެސް އެނގިވަޑައިގެންފިއެވެ. ވުމާއެކު، ފައުޖުގެ ސަރުދާރުންނަށް އެންގެވީ ވެވުނު ގޮތަކުން އެ ދިދަ ވައްޓާލުމަށެވެ. އެބައިމީހުން އެއްކަލަ ބޮޑު ސާޅަނގައިން ހިލަ އުކައިގަތް ގަތީނުން ފައްޅިގައި ނަގާފައިހުރި ދިދަ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވައްޓާލައިފިއެވެ.

ދިދަ ވެއްޓުމާއެކު، ރާޖާ ދާހިރުގެ ސިފައިންގެ ހިތްވަރު ބަލިވެއްޖެއެވެ. ދެންވެސް ރާޖާ ދާހިރު ވަަރށް ހިތްވަރާއެކު ހަނގުރާމަ ކުރަމުން ގެންދިޔައެވެ. ނަމަވެސް ހިތްވަރު ބަލިވެފައިވާ ލަޝްކަރު ވެއްޓެމުންދާ ފާރެއްހެން ފުނޑުފުނޑުވަމުން ދިޔައެވެ. އެންމެފަހުން ދާހިރުގެ ފައުޖުގެ ސިފައިން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާން ދުވާން ފަށައިފިއެވެ. އެވަގުތު އިސްލާމުން ވަރަށް ވަރުގަދައަށް ހަމަލާދީ މުޅި ލަޝްކަރު ބަލިކޮށް ނައްތާލައިފިއެވެ.

ދެން ދާހިރު ފިލަންވެގެން ދުއްވައިގަތެވެ. އެވަގުތު އިސްލާމުންގެ މުޖާހިދަކު އޭނާ ގަތުލުކޮށްލައިފިއެވެ. މިގޮތުން، އަނިޔާވެރިކަމާއި ބޭއިންސާފުގެ ނިޝާން، އަބަދަށްޓަކައި ފިލައިގެން ހިނގައްޖެއެވެ.

ދީބަލް ހިއްޕެވުމަށްފަހު، މުޙައްމަދު ބުނު ޤާސިމް، މުޅި އިންޑިޔާ ހިއްޕެވިއެވެ. ދެން ވަޑާއިގަތީ ޕަންޖާބާ ދިމާއަށެވެ. މުލްތާނު ފަތަޙަ ކުރެއްވުމަށްފަހު، އެތާނގެ ކަންތައްތައް ހަމަޔަކަށް އެޅުއްވެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

މި، ޢުމުރުން ޅަ ފަހުލަވާނު، ހަމައެކަނި ފާފައެއްނެތް އިސްލާމް އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދީންނާއި އެތަނުން ސަލާމަތްކުރެއްވީއެއް ނޫނެވެ. އަދި ކީއްހޭ، ދާހިރުގެ އަނިޔާވެރި ކަމާއި ބޭއިންޞާފުގެ ސަބަބުން، ޖަނަވާރު ތަކެއްހެން ދިރިއުޅެމުންދިޔަ އެތައްލައްކަ މީހުންނެއްވެސް ސަލާމަތްކުރެއްވިއެވެ. އޭނާ އިޢުލާނު ކުރެއްވި ގޮތުގައި އިންސާނަކަށް ވުމުގެ ހައިސިއްޔަތުން ހުރިހާ މީހުންނަކީވެސް އެއް ޙައްޤެއް އެއް ދަރަޖައެއް ލިބިފައިވާ ބައެކެވެ. ހަމަ އެކަކާ މެދުވެސް އެއީ، މާ ދަށުދަރަޖައިގެ މީހެކޭ، ހީކުރާކަށް ތަނެއްނެތެވެ.

މުޙައްމަދު ބުނު ޤާސިމްގެ މި އިންސާފުގެ ސަބަބުން ހިންދު ކަރައިގެ (އިންޑިޔާގެ) މީހުން ހިތްހަމަޖެހި އުފާވީވަރުން އޭނާއާމެދު އެމީހުން ހީކުރަނީ އެއީ އެހެންމީހުންނާ ހަމަހަމަ ކުރެވޭ ވަރަށްވުރެ މާ މާތް، މަތިވެރި ބޭކަލެއް ކަމުގައެވެ. މިހެންވެ، ބައެއްމީހުން އޭނާގެ ބުދު ހަދައިގެން ފައްޅިގައި ބެހެއްޓިއެވެ. އަދި އެމީހުންގެ އެހެންވެސް ދޭވަތާ އިންނަން އަޅުކަންކުރާ ފަދައިން އަޅުކަން ކުރަން ފަށައިގަތެވެ. ނަމަވެސް ލަސްތަކެއް ނުވެ، މުޙައްމަދު ބުނު ޤާސިމް، އެ ބުދު ފުނޑުފުނޑުކޮށްލެއްވިއެވެ، އަދި މީހުންނަށް ވިސްނައިދެއްވިއެވެ. އެއްވެސް އިންސާނަކީ، އާދަމުގެ ދަރިން އަލުކަންކުރަން އެކަށީގެންވާ މީހެއްނޫނެވެ. އެއީ ހަމައެކަނި އަރަހުށި ހުސްޠާހިރުވަންތަ މާތް ރަސްކަލާނގެއަށް ކުރަންވީ ކަމެކެވެ. ބޯލަނބަންވީ އަޅުކަން ކުރަންވީ، ހަމައެކަނި އެފަރާތަށެވެ.
-----------------
(ނިމުނީ)

(ނޯޓް: މިއީ އަލްފާޟިލު ޢަބްދުﷲ ޞާދިޤު ލިޔުއްވި "ތެދުވާހަކަ" މި ފޮތުން ނަކަލުކޮށްފައިވާ ވާހަކައެކެވެ.)

މި ލިޔުން:
      ޓައިޕްކޮށް ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ