އަދުގެ ޚާއްސަ

Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (4)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ

21 އޯގަސްޓު (އާދީއްތަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ ތާރީޚުގައި އެންމެ ފުރަތަމަ ޖަލު އުފެދިފައިވަނީ ފާރޫޤީ ދައުރުގައެވެ. أميرالمؤمنين عمر بن الخطّاب رضى اللّه عنه މައްކާގައިހުރި صفوان بن أميّة ގެ ގެއެއް ބައްލަވައިގެންފައި އެ ގެ ޖަލަކަށް ހެއްދެވިއެވެ. އެއަށްފަހު މަދީނާއާއި ބަސަރާއާއި ކޫފާއާއި ދިމިޝްޤާއި، އެނޫންވެސް ތަންތާނގައި ޖަލު ބިނާކުރެއްވިއެވެ. ކުށްވެރީންނާއި ކުށުގެ ތުހުމަތުގައިވާ މީހުނާމެދު ތަފާތުކުރުމެއްނެތި އެއްގޮތަކަށް މުޢާމަލާކުރުން އިސްލާމްދީނުގައި ވަނީ މަނާކުރެވިފައެވެ. عمر رضى اللّه عنه ޖަލު އުފެއްދެވުމާއެކު، އެކަމުގެ ފަތްތޫރަ ހިންގެވިއެވެ. عمر بن عبدالعزيز އެކަލޭގެފާނުގެ ގަވަރުނަރުންނަށް އެންގެވިއެވެ. ތުހުމަތުގައިވާ މީހުންގެ ކުށް ސާބިތުވަންދެން އެބައިމީހުންނާމެދު ޢަމަލުކުރަންވާނީ ޢާއްމު އެހެންމީހުންނެކޭ އެއްގޮތަކަށެވެ. خليفة هارون الرّشيد ތުހުމަތުގައިވާ މީހުންނަށް މުސާރަވެސް ހަމަޖެއްސެވިއެވެ.

އަސީރުންނަށް އަނިޔާކުރުމަކީ އިސްލާމްދީނުގައި ފެށުނީއްސުރެ މަނާކަމެކެވެ. ބަދުރުގެ އަސީރުންގެ ތެރޭގައި ޤުރައިޝުންގެ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ سهيل بن عَمرو ވެސް ހިމެނުނެވެ. އޭނާ ވަނީ އޭނާގެ ކަނިބުރައިގެންދާފަދަ ތަޤްރީރުތަކުން މުސްލިމުންނަށާއި އިސްލާމްދީނުގެ ނަބިއްޔާއަށް ވަރަށްބޮޑަށް އުނދަގޫކޮށްފައެވެ. އެހެންކަމުން، عمر رضى اللّه عنه ނަބަވީ ދަރުބާރަށް ހުށަހެޅުއްވިއެވެ. سهيل ގެ ތިރީ ދަތްޕިލައިގެ މެދު ދެދަތް ވައްޓައިލުމުގެ ހުއްދަ ދެއްވާށެވެ. އޭރުން އޭނާގެ ދޫ އޮންނާނީ ބޭރަށް ނިކުމެ ދިގުވެފައެވެ. އޭނާގެ ދުލަކުން މުސްލިމުންނަކަށް އުނދަގުލެއް ނުކުރެވޭނެއެވެ. އިތުރު ސާހިބާ އެކަމާ އިންކާރު ކުރެއްވިއެވެ. ޙަދީޘުކުރެއްވިއެވެ.


    [އޭ عمر ގެފާނެވެ. ތިޔަކަމުގެ ހުއްދަ ދީފިނަމަ، އޭގެ ބަދަލުގައި މާތް اللّه ތިމަންކަލޭގެފާނުގެ ގުނަވަންތައްވެސް މުގުރުއްވާނެއެވެ.]

    އިސްލާމްދީނުގެ ނަބިއްޔާ ވަނީ އެންމެ ކުޑަމިނުން އަސީރުން އަވީގައި ބައިތިއްބުންވެސް މަނާކުރައްވައިފައެވެ.

އެސެޓްތައް ގަނޑުކުރުން


އަމާނާތްތެރިކަމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ޤަދަރުކުރެވުނު ސިފައެކެވެ. ނަމަވެސް އިނގިރޭސި ހަރުބަހެއްގައިވަނީ ހަނގުރާމައާއި ލޯބީގައި ހުރިހާ ކަމެއް ހުއްދަ ކަމުގައެވެ. ކްރިސްޓިޔަނުންގެ ޢަމަލުތަކުން ސާބިތުވާ ގޮތުގައި އެބައިމީހުން އިންޖީލަށްވުރެ ބޮޑަށް ތަބާވަނީ މެކިއެވެއްލީ (Machiavelli) އުސޫލުތަކަށެވެ. ޖަންގަލީގެ ޤާނޫނުތަކަށެވެ.

1979 ގައި އީރާނަށް އިސްލާމީ އިންޤިލާބު އައުމާއެކު، އެމެރިކާއިން ވަނީ އެމެރިކާގައިހުރި އީރާނުގެ އެތައް ބިލިޔަން ޑޮލަރުތަކެއްގެ އެސެޓްތައް ގަނޑުކޮށްފައެވެ. ހަމައެކަނި އީރާނާ މެދުގައެއް ނޫނެވެ. އެމެރިކާއާއި ހުޅަނގުގެ މަޞްލަޙަތުތަކާ ފުށުއަރާގޮތަކަށް ކުރިޔަށްދާންއުޅޭ ކޮންމެ ޤައުމަކާމެދު އެމެރިކާއިން ޢަމަލުކުރަނީ އެގޮތަށެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم މި ދާއިރާއިންވެސް ދައްކަވައިފައިވަނީ މުޅިން ތަފާތު ނަމޫނާއެކެވެ. ކައު ސާހިބާ صلّى اللّه عليه وسلّم ގެ މައްކީ ޙަޔާތްޕުޅުގައި މައްކާގެ ބޮޑެތި ބޮޑެތި މަހުޖަނުންނާއި، އެނޫން މީހުންވެސް އެބައިމީހުން ގެއްލިދާނެތީ ބިރުގަންނަ އަގުހުރި ހުރިހާ އެއްޗެއްސެއް ބަހައްޓައިފައި ހުރީ އިސްލާމްދީނުގެ ނަބިއްޔާގެ އަތްޕުޅުގައެވެ. އެބައިމީހުން މުސްލިމުންނަށް ފިތްކަނޑައިގެންދާފަދަ އަނިޔާތައް ކުރަމުން ގެންދިޔައިރުވެސް އެކަން އޮތީ އެގޮތަށެވެ. ދާރުއްނަދުވާއަށް އެއްވެ އިތުރު ސާހިބާ ޝަހީދުކޮށްލަން ފާސްކުރިއިރުވެސް، އެކަމަކަށް ބަދަލެއް ނާދެއެވެ. އިތުރު ސާހިބާ ހިޖުރަޔަށް ވަޑައިގެންނެވިރޭ على مرتضى رضى اللّه عنه އާ އެހުރިހާ އަމާނާތްތަކެއް ހަވާލުކުރެއްވިއެވެ. އިތުރު ސާހިބާ މައްކާއިން ފުރައިވަޑައިގަތުމުން، على ގެފާނު ތިންދުވަހު މައްކާގައި ހުންނަވައި އެހުރިހާ އަމާނާތްތަކެއް އެތަކެތީގެ ވެރީންނާ ޙަވާލުކުރެއްވިއެވެ. މިޒަމާނުގައި އެމެރިކާއިން ކަންތައް ކުރާގޮތަށް އިތުރު ސާހިބާ އެތަކެތި ހިއްޕަވައިގެން މަދީނާއަށް ވަޑައިގެންނެވިނަމަ މުސްލިމުން މަދީނާގައި އާބާދުކުރެއްވުމުގައި ވަރަށްބޮޑު ބާރަކަށްވީހެވެ. ނަމަވެސް، އިތުރު ސާހިބާ ދުނިޔެއަށް ދެއްކެވީ މުޅީން ތަފާތު ގޮތްކޮޅެކެވެ. މާ މަތިވެރި ނަމޫނާއެކެވެ. އަމާނާތްތައް އޭގެ އަހްލުވެރީންނަށް އަދާކުރެއްވިއެވެ.

މައްކާގެ މުސްލިމުން މަދީނާއަށް ހިޖްރަކުރުމުން ޤުރައިޝުންވަނީ މުސްލިމުންގެ ގޯތިގެދޮރަށާއި މުދަލަށް ވެރިވެގެންފައެވެ. ޚުދު އިސްލާމްދީނުގެ ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އެކަލޭގެފާނުގެ ގެކޮޅަށްވެސް މުޝްރިކަކު ވަނީ ވެރިވެގެންފައެވެ. އޭރު އަދި އިސްލާމްވެވަޑައިނުގެން ހުންނެވި عَقيل بن أبى طالب އެވެ. عَقيل އެގެކޮޅު أبو سفيان އަށް ވިއްކައިލެއްވިއެވެ.

މައްކާ ފަތަޙަކުރެއްވި ދުވަހު، މުހާޖިރިއްޔަ ބޭކަލުން އެބޭކަލުންގެ ގޯތިގެދޮރާއި މުދާތައް ހޯއްދަވަން އެދިވަޑައިގެން ހުށަހެޅުއްވިއެވެ. އިތުރު ސާހިބާ ގެފުޅުގެ ދޮރުކޮޅުމަތީގައި ހުންނަވަނިކޮށް މުހާޖިރިއްޔަ ބޭކަލެއް أبوسفيان ގެ އަތްޕުޅުން އެކަލޭގެފާނުގެ ގެކޮޅު އަތުލައްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް، އިތުރު ސާހިބާ އެބޭކަލެއްގެ ކަންފަތްޕުޅުދޮށުގައި ސިއްރު ސިއްރުން ކޮންމެވެސް އެއްޗެކޭ ވިދާޅުވުމުން އެބޭކަލަކު ހަނުހިމޭންވެ ވަޑައިގެންފިއެވެ. އިތުރު ސާހިބާ މުހާޖިރުންނަށް އެންގެވިއެވެ. މާތް اللّه ގެ މަގުގައި ދޫކޮށްލައްވައިފި އެއްޗެއް ހޯއްދަވަން ނުއުޅުއްވާށެވެ. އެއްވެސް މުހާޖިރެއް، އޭގެފަހުން ތިމަންގެ ގެއޭވެސް ވިދާޅެއް ނުވެއެވެ. އެކިބޭނުންފުޅުތަކުގައި މައްކާއަށް ވަޑައިގެން އުޅުއްވާއިރުވެސް، އެއިން އެއްޗަކާ ނުވަތަ ތަނަކާ ދިމާޔަށް އިސްއުފުއްލަވައި ބައްލަވައިވެސް ނުލައްވައެވެ.

ކައުސާހިބާ صلّى اللّه عليه وسلّم މައްކީ ދައުރުގައި އެއްދުވަހަކު ގެފުޅަށް ވެދެވަޑައިގަންނަވާން ބޭނުންފުޅުވިއެވެ. ޖާހިލިއްޔަ ޒަމާނުގެ ޤުރައިޝުންގެ މެދުގައި މަޤާމުތަކާއި ދަރަޖަތައް ބެހިފައިވާގޮތުން، ގެފުޅު ބެލެހެއްޓެވުމުގެ ވެރީންނަކީ އިތުރު ސާހިބާގެ ޢާއިލާގެ ބޭފުޅުންނެވެ. ހާޝިމްވަންހައިގެ ބޭފުޅުންނެވެ. ނަމަވެސް، ގެފުޅުގެ ތަޅުދަނޑިފުޅު އޮންނަނީ ޝައިބާނުވަންހައިގެ ބޭފުޅުންގެ އަތްޕުޅުގައެވެ. އެދުވަސްވަރު އެ ތަޅުދަނޑިފުޅު އޮތީ އެވަންހައިގެ عثمان بن طلحة ގެ އަތްޕުޅުގައެވެ. އިތުރު ސާހިބާ އެދިވަޑައިގަތުމުންވެސް عثمان އެ ތަޅުދަނޑިފުޅެއް ނުދެއްވިއެވެ. އިތުރު ސާހިބާ عثمان އަށް ޙަދީޘުކުރެއްވިއެވެ. [އެއްދުވަހަކުން ތިޔަ ތަޅުދަނޑިފުޅު، އަހަރެންގެ އަތުގައި އޮންނާނެއެވެ. އަހަރެން ދޭން ބޭނުން މީހަކަށް ދިނުމުގެ އިޚްތިޔާރާ އެކުގައެވެ.]

އިތުރު ސާހިބާ މައްކާ ފަތަޙަކުރެއްވި ދުވަހު، عثمان بن طلحة ބަލައިފޮނުއްވައިގެން ގެންނަވައި އޭނާގެ އަތްޕުޅުން ތަޅުދަނޑިފުޅު އަތުލެއްވިއެވެ. ގެފުޅު ހުޅުއްވައިގެން ވެދެވަޑައިގެންނެވިއެވެ. ގެފުޅުން ނުކުމެވަޑައިގެންނެވިއިރުވެސް، އަތްޕުޅުގައި ތަޅުދަނޑިފުޅު އޮތެވެ. އިތުރު ސާހިބާގެ ބޮޑުބޭބޭފުޅު عبّاس ގެފާނު ނުވަތަ ދަނބިދަރިކަލުން على ގެފާނު އެ ތަޅުދަނޑިފުޅު ހާޝިމުވަންހައިގެ ބޭފުޅުންނަށް ދެއްވަން އެދިވަޑައިގެންނެވިއެވެ. ނަމަވެސް، އިތުރު ސާހިބާ عثمان بن طلحة ގެންނަވައި އޭނާއަށް ތަޅުދަނޑިފުޅު ޙަވާލު ކުރެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. [އަނިޔާވެރިޔަކު މެނުވީ ކަލޭގެ އަތަކުން މި ތަޅުދަނޑިއެއް ނާތުލާނެއެވެ.] އިތުރަށް ޙަދީޘުކުރެއްވިއެވެ. [މިއަދަކީ ވަފާތެރިވުމާއި ހެޔޮކޮށް ހިތުމުގެ ދުވަހެވެ.] ކޮންފަދަ ރީތި މިސާލުތަކެއްތޯއެވެ؟

އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ އިސްތަށިފުޅުގައި ގިނަ ހަނގުރާމަތަކެއްގެ އިލްޒާމް އަޅުވާ ފަރާތްތަކުން ވިސްނައިލަންޖެހޭ ނުކުތާއެކެވެ. އިތުރު ސާހިބާގެ ޙަޔާތްޕުޅުގައި ހިނގައިފައިވާ ހަނގުރާމަތަކުގެ ގޮތުގައި މުއައްރިޚުން ސިފަކުރައްވާ ސަރިއްޔާތަކުގެ ތެރޭގައި ދީނަށް ގޮވައިލައްވަން ފޮނުއްވި މިޝަންތަކާއި، ޚަބަރު ހޯއްދެވުމަށް ފޮނުއްވި ޖަމާޢަތްތައްވެސް ހިމެނެއެވެ. އިތުރު ސާހިބާ ހިންގެވި ހުރިހާ ޢަސްކަރީ ޙަރަކާތެއްގެ ތެރޭގައި މުސްލިމުންގެ ތެރެއިންނާއި ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލުވެފައިވަނީ މުޅިއެކު 1018 މީހުންނެވެ. މި އަދަދާ ހަމައެކަނި ދެވަނަ ބޮޑުހަނގުރާމައިގައި ޖަޕާނުން މަރުވި މީހުންގެ ޢަދަދާ އަޅުއްވައި ބައްލަވައިލައްވާށެވެ. ހުރި ތަފާތު ވަޒަންކުރައްވާށެވެ. އެހެންކަމުން އިތުރު ސާހިބާގެ ޢަސްކަރީ ޙަރަކާތްތަކަކީ ލޭއޮހޮރުވުންތަކެއްކަން ސާބިތުކޮށްދޭން މަސައްކަތްކުރުމަކީ ދުވާލަކީ ރޭގަނޑު ކަމުގައި ހަދަން މަސައްކަތްކުރުންފަދަ ކަމެކެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައި ތިރީސްލައްކަ އަކަމޭލުގެ ސަރަޙައްދެއް އޮތެވެ. ނަމަވެސް ސުވަރުގެ ވަޑައިގެންނެވި ރޭވެސް، އިތުރު ސާހިބާގެ ގަނޑުވަރުގައި ބައްތިއަށް އަޅުއްވާނެ އެންމެ ތެޔޮތިއްކެއްވެސް ނެތެވެ.
----------
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ