އަދުގެ ޚާއްސަ

Print

މުޙައްމަދުއްރަސޫލުﷲ ސިލްސިލާ - ކިހައިވަރެއްގެ ދިރާސާއެއް؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ


އިޔާޒު ނަސީމް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅަށް ނިސްބަތްކޮށް، އެކުލަވައިލެވިފައިވާ މުޙައްމަދުއްރަސޫލުﷲ ސިލްސިލާއަކީ ކޮންމެ ރޯދަމަހެއްގައި ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ޝައުޤުވެރިކަމާއެކު ބަލާ ސިލްސިލާއެވެ. މި ސިލްސިލާ ކުޅެފައިވަނީ މިޞްރުގެ ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު (ފޮޓޯގައި) ލިޔުއްވާފައިވާ ސީރަތުގެ ވާހަކައެއްގެ މައްޗަށެވެ. އެހެން ކަމުން އެހެނިހެން ޚިޔާލީ ނުވަތަ ފުލޯކު ވާހަކަތަކަށް ކުޅެފައިވާ ސިލްސިލާތަކާ މި ސިލްސިލާއާ ވަރަށް ތަފާތެވެ. މި ސިލްސިލާގެ ވާހަކަ ލިޔުނު ގޮތް ތަފާތެވެ. މި ސިލްސިލާގެ މަގުސަދު ތަފާތެވެ. އެހެނީ މި ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ މީހަކު، އާދައިގެ ފިލްމީ ސިލްސިލާއަކަށް ވާހަކައެއް ލިޔާ ބީދައަކުން ނޫނެވެ. މި ސިލްސިލާގެ މަގުސަދަކީ ތާރީޚީ ފޮތްފޮތުންނާއި ސީރަތުގެ ފަތްފުށްތަކުން، ކުރީ ޒަމާނުގެ ވާހަކަތަކާއި ޚަބަރުތައް ކިއުމުން އެ މަންޒަރުތައް ހިތަށް ތަޞައްވުރުކޮށް، ތިމާގެ ބުއްދީގެ އިސްކިރީނުން ބަލައިލުމުގައި ދިމާވާ ދަތިތައް ނައްތާލައި، ގަދީމީ ޒަމާނަށް ތިމާގެ ނަފްސާއި ރޫޙާ އެކު ދަތުރުކޮށް، އެ ޒަމާންތަކުގައި ހިނގި ހާދިސާތަކުގެ ސުހުބަތުގައިވުމުގެ ރޫހީ އުފާ ހޯދައިދިނުމެވެ. ތިމާމެންގެ ތާރީޚާއި ކާބަފައިންގެ އުޅުން ފެނުމުގެ ނަސީބު ލިބިފައި ނެތުމުގެ މާޔޫސްކަމުން ދުރުކޮށް، ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ހޯދައިދިނުމެވެ.

މި ސިލްސިލާ ކުޅެފައިވަނީ މީގެ އެތައް އަހަރެއް ކުރީންކަމަށްވީތީ، މަންޒަރުތައް ކުޅުމުގައި މިހާރާ ތަފާތު ގޮތްތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. މިހާރުގެ ވަސީލަތްތައް ބޭނުންކޮށްގެން، މަންޒަރުތައް މާ ސާފުކޮށް، މާ ބޮޑަށް ހަގީގަތް ދައްކައިދޭ ގޮތަށް ތަމްސީލުކުރެވިދާނެއެވެ. ޓީވީގެ އިސްކިރީނުން މި ސިލްސިލާ ބަލައިގެން ސީރަތާއި ތާރީޚު އުނގެނުމާއި، ޓީވީން ޢިލްމުވެރިއަކު ތާރީޚު ކިޔައިދެއްވާތަން ބަލަން އިނދެގެން ތާރީޚު އުނގެނުމާ ދެމެދު ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ ފަހުން މި ބުނިގޮތަށް ވުރެ ކުރީން މި ބުނިގޮތުން މަންޒަރުތައް ހިތަށް ނެގޭލެއް ފަސޭހަވާނެއެވެ. ސަބަބަކީ ޓީވީ މެދުވެރިކޮށް ޢިލްމުވެރިޔަކު މި ފަދަ ހާދިސާތައް ބަޔާން ކޮށްދެއްވާއިރު، ބަލަން އިންނަ މީހާއަށް ފެންނާނީ ހަމަ އެކަނި އެ ޢިލްމުވެރިޔާގެ ސޫރައެވެ. ދެވޭ މަޢުލޫމާތާ ގުޅުން ހުރި އެއްޗެއްގެ ގޮތުގައި ފޯރާނީ ހަމަ އެކަނި އޭނާގެ އަޑެވެ. އެތައް ހާދިސާތަކަކާއި، އެތައް ހާލަތްތަކެއްގެ ދިގު ތަފުސީލުތައް ބަޔާން ކުރެވެމުން ދިޔަޔަސްވެހެވެ. އެހެންކަމުން ޓީވީން ގެނެސްދެއްވި ކަމުގައި ވިޔަސް މަޢުލޫމާތެއް މި ގޮތަށް ގެނެސް ދިނުމުން ފޮތަކުން މީހަކު ކިޔައި ދިނުމެކޭ، ނުވަތަ ރޭޑިއޯ އިން ގެނެސް ދިނުމެކޭ މާ ބޮޑު ފަރަގެއް ނެތެއް ނޫންތޯއެވެ؟ އެއާ ޚިލާފަށް ތަމްސީލީ ގޮތެއްގައި ހުރިހައި ހާދިސާތަކެއް ކުޅެވި، ތަފާތު އުމުރުގެ، ތަފާތު ފަންތީގެ، ތަފާތު ސަގާފަތުގެ، ތަފާތު މަންޒަރުތައް ހުށަހަޅައި ދެވުމުން ޓީވީ ބަލަން އިންނަ މީހާގެ ފިކުރު އެ ހުރިހައި ޒަމާނަކަށް އެ ހުރިހައި ޙާލަތަކަށް ފުރިހަމަޔަށް ދަތުރު ކުރާނެއެވެ. ޖަމަލެއް އަހެއް، ފަރުބަދައެއް ހޮހަޅައެއް، ސަހަރާއެއް ފެންއާރެއް ހަމަ ލޮލަށް ނުފެންނަ ބަޔަކަށް އެ ފަދަ އެތައް ތަނަކާއި، އެތަންތަނާ ގުޅިފައިވާ އެތައްކަމެއް ސީދާ މަންޒަރާއި އަޑާއެކު ހުށަހެޅިގެން ދިޔުމީ ހަމަ ގައިމުވެސް އެ މަންޒަރުތައް ފަސޭހަކަމާއެކު ހިތުގައި ބިންވަޅު ނެގިގެންދާނެ ކަމެކެވެ.  މި ފަދަ އެތައް ސަބަބަކަށްޓަކައި މުޙައްމަދުއްރަސޫލުﷲ ސިލްސިލާ ވެފައިވަނީ، ޔުނިވަރސިޓީއަކަށް ނުގޮސް، އަދި ދިރާސާކުރުމުގެ ޢިިލްމީ އުސޫލުތައް ބޭނުން ނުކޮށް، ނަބީބޭކަލުންގެ ސީރަތާއި ތާރީޚުގެ ފުން ދިރާސާއެއް ކުރުމަށް ހުޅުވައިލެވިފައިވާ މަޢުލޫމާތުގެ ކަންޒަކަށެވެ. ދުނިޔޭގެ މަސައްކަތުގައި މީހުން ހޭދަކުރަން ޖެހޭ ވަގުތު ގިނަވެ، ސީރަތު ފަދަ މުސްތަޙައްބު އިލްމުތައް ހޯދުމަށް ހޭދަކުރަން ލިބޭ ވަގުތުކޮޅު މަދުވެފައި ވަނިކޮށް، ނަބީބޭކަލުންގެ ސީރަތުގެ ޢާލަމުގައި، އެފަންނުގެ  ޢާލިމަކަށް ވުމުގެ ފުރުސަތު ތަނަވަސްކޮށްދިން އާރުކާޓީއަކަށެވެ. މި ސިލްސިލާ ހިމެނިގެން ގޮސްފައިވަނީ ބުދުތަކަށް އަޅުކަން ކުރާ މީހުން ބާޠިލުގެ ވަލަށް ގެއްލިފައިވާ މިންވަރާއި، ތައުޙީދުގެ ވާދީގައި އެމީހުންގެ ވިސްނުން ކޮށިކަން ދައްކައިދޭ ސިލްސިލާއެއްކަމުގައެވެ. ހަމަ އެހެންމެ އެ ފަދަ މީހުން ދައްކާ އަސްލެއް ނެތް ވާހަކަތަކަށް، ބުއްދީގެ ދަލީލުތަކުން ރައްދު ދޭނެ ގޮތް އެނގި، ޢިލްމާއި މަޢުރިފާގެ ޢާލަމަށް ތިމާގެ ލޯ ހުޅުވައިދޭ ދަންމަރެއް ކަމުގައެވެ.

މި ސިލްސިލާ އޭގެ މައްޗަށް ކުޅެފައިވާ ސީރަތަކީ މީހަކު ޕީ.އެޗް.ޑީ ހާސިލުކުރުމަށް ކުރަންޖެހޭ ދިރާސާއަކަށް ވުރެ މާ ބޮޑު ދިރާސާއެއް ކުރެއްވުމަށް ފަހު ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ސީރަތެކެވެ. މުޙައްލިލަކު ވިދާޅުވެފައިވެއެވެ. ''މުޙައްމަދުއްރަސޫލުﷲ ވާހަކަ އެކުލަވައިލުމަށް ކުރެވިފައިވާ ދިރާސާއަކީ، 40 ޕީއެޗްޑީ ތީސީސްއާ ނުބައްދަލު ބިޔަ ދިރާސާއެކެވެ.''  މި ސިލްސިލާ  ލިޔެވިފައިވަނީ މީގެ ފަންސާހަކަށް އަހަރު ކުރީންނެވެ. މީލާދީން 1913 ވަނަ އަހަރު ދުނިޔޭގެ ހަވަލިކަން ދެކެވަޑައިގަތް ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު އޭރުގެ މިޞްރު ޔުނިވަރސިޓީ އަދި މިހާރުގެ ޤާހިރާ ޔުނިވަރސިޓީން ދަސްވެނިވެ ވަޑައިގަތީ 1937 ވަނަ އަހަރުއެވެ. އަވަހާރަވީ 1974 ވަނަ އަހަރުއެވެ.

ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ނަބީބޭކަލުންގެ ސީރަތުގައި، އިބްރާހީމްގެފާނާ ހަމައިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމާ ހަމަޔަށް ހިނގި ހާދިސާތައް ވަރަށް ޚުލާޞާކޮށް، އެހެނަސް ނުހަނު  ފުރިހަމަޔަށް ގެންނަވާފައިވެއެވެ. މި ސީރަތު ބަހައިލެވިފައިވަނީ 20 ވޮލިޔުމުގެ މައްޗަށެވެ. އެއިން ކޮންމެ ވޮލިޔުމެއްގައި 300 ވަރަކަށް ޞަފްޙާ ހިމެނިފައިވެއެވެ. މުޅި މި ސީރަތުގެ ޞަފްޙާގެ އަދަދު 6000 އަށް ވުރެ ގިނައެވެ. މިއީ ސީރަތެއްގެ އިތުރުން އަރަބި ބަހުގެ އަދަބިއްޔާތުގެ ގޮތުން ބަލާއިރު ވެސް އަގުހުރި މޮޅު މަސައްކަތެކެވެ.

މި ސީރަތު ލިޔުއްވުމަށްޓަކައި، ސީރަތު ޢިލްމުގެ މައްޗަށް މިހާތަނަށް ލިޔެވިފައި ހުރި ހުރިހައި ފޮތަކާއި، ހަދީސް ފޮތްތައް ބެއްލެވިއެވެ.  ދުނިޔޭގެ ތާރީޚުގެ މައްޗަށް އަރަބި ބަހުން ލިޔެވިފައި ހުރި ފޮތްތަކާއި، އަރަބި ކަރައިގެ އާސާރުތަކާ ބެހޭގޮތުން ކުރެވިފައި ހުރި  ދިރާސާތައް މުޠާލިޢާ ކުރެއްވިއެވެ. ދީންތައް އަޅައިބެލުމުގެ އިލްމުގެ މައްޗަށް ލިޔެވިފައި ހުރި ފޮތްތައް ދިރާސާ ކުރެއްވިއެވެ. މީގެ  އިތުރުން އޭނާ ވަނީ، ގަދީމީ ޒަމާނުގައި އެ ސަރަހައްދުތަކުގައި ބޭނުންކުރި ބަސްތަކާއި، އެބަސްތައް ލިޔަން ބޭނުންކުރި އަކުރުތައް ވެސް ދިރާސާކުރައްވާފައެވެ. ހަމައެހެންމެ ނަބީ ބޭކަލުންގެ ސީރަތާ ގުޅުން ހުރި ބިންބިމަށާއި ތަންތަނަށް ވަޑައިގެން، އަމިއްލަފުޅަށް އެ މާހައުލުގެ އިޙްސާސްތައް ތަޖުރިބާ ކުރައްވައިފައެވެ.  އަހާއި ޖަމަލު މަތީގައި، އަދި ފައިމަގުގައި އަރަބި ސަހަރާ ތެރެއާއި، އެ އަޑިގުޑަން  މަގުމަގުން ދަތުރުކުރެއްވުމުގެ ބުރަތައް ތަޖުރިބާ ކުރައްވައިފައެވެ. މި މަސައްކަތުގައި އޭނާ ފުރިހަމަ 12 އަހަރު ހޭދަކުރައްވައިފައިވެއެވެ. ވާހަކަ ލިޔުއްވަން ފެއްޓެވީ މި ބޮޑު ޖިހާދަށްފަހުގައެވެ.

ޙަޤީޤަތަކީ މިއީ ކަމަށް ވާ އިރު،  މުޙައްމަދުއްރަސޫލުﷲ ސިލްސިލާ އެ މައްޗަށް ބިނާ ކުރެވިފައި ވާ ސީރަތުގެ މި ވާހަކައަކީ،  ނަބީބޭކަލުންގެ ތާރީޚުގެ މައިދާނުގައި މިހައިތަނަށް ކުރެވިފައި ވާ އެންމެ ފުރިހަމަ އެންމެ ބިޔަ އެއް ދިރާސާއެވެ. މިއީ  ނަބީބޭކަލުންގެ ސީރަތާއި އިންސާނީ ތާރީޚުގެ ތެރެއަށް ލޯ ހުޅުވައިދެނިވި ފުރިހަމަ ޢިލްމީ މަސައްކަތެކެވެ.
މި ސިލްސިލާގެ މަންޒަރުތައް މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން އަލުން ތަމްސީލު ކުރެވިއްޖެނަމަ،  އެކަން ހިމެނިގެންދާނީ ފަހި ދުވެލީގައި ކުރި އަރަމުންދާ ޓެކްނޮލޮޖީގެ ޒަރީޢާއިން، އިސްލާމީ ތާރީޚުގެ ބަޔާންތައް މި އުންމަތުގެ ޅަޖީލަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ އެންމެ ލާބަހުރި އެއް މަސައްކަތަށެވެ.
--------------
(ނިމުނީ)


މި ލިޔުން:

     ފޮނުވުން:               އަލްފާޟިލް އިޔާޒު ނަސީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުމާއި ޝާއިޢު ކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)


އިދާރާ

އެނގޭތަ؟

ވާހަކަ