އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (1)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާޖިދު

ފުރަތަމަ ބާބު – އިސްލާމް ދީނާ ދެކޮޅަށް ކުރާ

ދޮގު ދައުވާތަކާ މެދު ދެތިން ބަހެއް

އިސްލާމް ދީނާ ދެކޮޅަށް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް ދައްކާ އެއް ވާހަކައަކީ، މުސްލިމުން އިސްލާމް ދީން ފެތުރީ ކަނޑީގެ ބާރުގައި ކަމަށް ބުނެ ދައްކާ ވާހަކައެވެ. އިސްލާމީ ލަޝްކަރުތައް ކަނޑި ހިފައިގެން ޢަރަބި ކަރައިން ނިކުމެ، ވަށަވަށައިގެން ހުރި ކަރަކަރައަށް އަރައި، މަރުގެ ބިރު ދައްކައިގެން އެތައް ލައްކަ ބަޔަކު ދީނަށް ވެއްދި ވާހަކައެވެ. ތާރީހީ ގޮތުން އެއްވެސް ބިންގަލެއް ނެތް، އިލްމީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ވާހަކައަކަށް މި ވާހަކަ ވިޔަސް، ދީނުގެ އަދާވާތްތެރީން ވަނީ މި ވާހަކަ މުޅި ދުނިޔޭގައި ފަތުރައިފައެވެ. ޚުދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް މި ދައުވާ ކުރާ މީހުން އެބަތިއްބެވެ. ދިވެހީންގެ ތެރެއިން އިސްލާމް ދީނާއި އެ ދީނުގެ ތާރީހާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގި ތިބެ، އެކަމަކު ހުރިހާ އެއްޗެއް ދަންނަ ކަމަށް ދެކެގެން، ދީން ދޫކޮށްލައިގެން އުޅޭ މީހުންގެ ދުލުކުރީގައި ވެސް އޮންނަ އެއް ވާހަކައަކީ "އިސްލާމް ދީން ފެތުރީ ވެސް ކަނޑީގެ ބާރުގައޭ" މި ވާހަކައެވެ.

އިސްލާމް ދީން ފެތުރީ ކަނޑީގެ ބާރުގައޭ ބުނެ ވާހަކަ ދައްކާ މީހުންނަކީ ތާރީހުގެ ހަގީގަތެއް އޮޅުވާލާ ބައެކެވެ. ތެދުފުޅެކެވެ! މުސްލިމުން އެބައިމީހުންގެ ކަނޑީގެ ބާރުގައި ދުނިޔޭގެ ބޮޑު ސަރަހައްދެއް ފަތަހަ ކުރިއެވެ. ނަމަވެސް ގައުމެއްގެ ވެރިކަމުގައި ތިބި ބަޔަކާ ހަނގުރާމަ ކޮށް، އެ ބަޔަކު ބަލި ކޮށްލައި އެ ގައުމުގެ ވެރިކަމުގެ ބާރުތައް ތިމާމެންގެ އަތްމައްޗަށް ގެނައުމަކީ އެއްވެސް ހާލަތެއްގައި އެ ގައުމުގައި ކަނޑީގެ ބާރުގައި ދީން ފެތުރުމެއް ނޫނެވެ. މުސްލިމުންނަކީ ދުނިޔޭގެ ތާރީހު ދެކެފައި ވާ އެންމެ ބޮޑެތި، އެންމެ މަތިވެރި ފާތިހުންނެވެ. ހިންދުސްތާނުން ފެށިގެން މަރާކިޝާއި ސްޕޭނާއި ދެކުނު ފްރާންސާ ހަމަޔަށް، އަދި ރަޝިޔާއިން ފެށިގެން މެދުތެރޭ އެފްރިކާއާ ހަމަޔަށް އޮންނަ ސަރަހައްދުތަކަކީ މުސްލިމް ފާތިހުންގެ އަސްތައް އެ ސަރަހައްދުތަކެއްގައި ކަޑަބޮއް ޖަހަމުން ދުވެފައި ވާ ސަރަހައްދުތަކެވެ. މި ދަންނަވާ ސަރަހައްދުތަކުގައި އޮތް ގައުމުތައް މުސްލިމުންގެ ބާރުގެ ދަށަށް ގެނެވުނު ނަމަވެސް، އެއިން އެއްވެސް ތަނެއްގެ އަހުލުވެރީން އެބައިމީހުންގެ ދީންތަކުން ބޭރު ކޮށް، އިސްލާމް ދީނަށް ވައްދަން އެއްވެސް ކަހަލަ ބާރެއް މުސްލިމުން ބޭނުން ކޮށްފައެއް ނުވެއެވެ. މި ޙަޤީޤަތް މުސްލިމް ޢިލްމުވެރީން ނުހަނު ފުރިހަމަޔަށް ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް މި ފަދަ މައްސަލަތަކުގައި، ޖަމާޢަތަކުން ބޭރުގެ މީހުންގެ ހެކި ބަހަކީ، ޚާއްސަކޮށް ޝައްކާއި ވަހުމުގެ ތެރޭގައި ތިބޭ މީހުންނަށް ޤަބޫލުކުރަން ފަސޭހަ އެއްޗެކެވެ. އެހެންކަމުން، މި ހަގީގަތަށް އެއްބަސް ވެވަޑައިގަންނަވާ ދުނިޔޭގެ މަޝްހޫރު އިލްމުވެރީންގެ ތެރެއިން ބައެއް ބޭފުޅުންގެ ޝަހާދާ މިތާނގައި ނަކަލު ކޮށްލާނަމެވެ.

މުސްލިމް ނޫން ޢިލްމުވެރީންގެ ހެކިބަސް


1923 ވަނަ އަހަރު ލަންޑަނުގައި ޝާއިއު ކުރެވުނު ފޮތެއް ކަމަށް ވާ "އިސްލާމް އެޓް ދަ ކްރޮސްރޯޑްސް" ގައި، އެ ފޮތުގެ މުސައްނިފް ޑި ލޭސީ އޯލިއަރީ ލިޔުއްވާފައި ވެއެވެ. "އެހެނަސް، ތާރީހު އަޅުގަނޑުމެންނަށް ސާފުކޮށް ކިޔައިދޭ ހަގީގަތަކީ، ހައްދުފަހަނަޅާފައި ތިބި މުސްލިމުންގެ ލަޝްކަރުތައް ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގަނެ، އެބައިމީހުން ފަތަހަ ކުރި ގައުމުތަކުގެ މީސްތަކުންގެ ތެރޭގައި ކަނޑީގެ ބާރުގައި ދީން ފެތުރި ވާހަކައަކީ، ތާރީހު ލިޔާ މީހުން ތަކުރާރު ކޮށްފައި ވާ އެންމެ ތާކުންތާކު ނުޖެހޭ، ތަސައްވުރު ކޮށްލަން ވެސް އުނދަގޫ ހައި ހަގީގަތާ ދުރު ޚުރާފާތެއް ކަމެވެ."

އިނގިރޭސި ވިލާތުގެ މުއައްރިހެއް ކަމަށް ވާ ތޯމަސް ކާރލައިލް، އޭނާގެ ފޮތް "ހީރޯޒް އެންޑް ހީރޯ ވޯރޝިޕް" ގައި ލިޔުއްވާފައި ވެއެވެ. "މުސްލިމުންނާއި ކަނޑީގެ ވާހަކަ ހެއްޔެވެ؟ މުސްލިމުން ކަނޑި ހޯދީ ކިހިނެއް ހެއްޔެވެ؟ ކޮންމެ އާ ރައުޔެއް، ކޮންމެ އާ ފިކުރެއް އެންމެ ފުރަތަމަ އުފެދެނީ އެންމެ އިންސާނެއްގެ ބުއްދީގައެވެ. އެ ފިކުރާއި ވިސްނުމުގެ އެންމެ ފުރަތަމަ މަރުކަޒަކީ އެންމެ އިންސާނެއްގެ ބޮލެވެ. އެ ހިނދުގައި އެ ވިސްނުން ގަބޫލު ކުރާނީ ދުނިޔޭގެ ގުނާ އަދަދު ނުކުރެވޭ ހައި ގިނަ އިންސާނުންގެ ތެރެއިން އެންމެ މީހެކެވެ. އެ ފިކުރު ހިފައިގެން މީސްތަކުންގެ ކުރިމައްޗަށް ނިކުންނާނީ އޭނާ އެކަންޏެވެ. ދެން އޭނާ އެ ފިކުރު މީސްތަކުންގެ ތެރޭގައި ފެތުރުމަށް ޓަކައި ކަނޑިއެއް ނަގައިގެން އެ ކަނޑީގެ ބޭނުން ހިފާނީ ހެއްޔެވެ؟ އެފަދައިން އޭނާ އަމަލު ކުޅަ ނަމަ އޭނާއަށް ލިބޭނޭ ކާމިޔާބެއް ތަރުހީބެއް ހަމަ ކަށަވަރުން ނޯންނާނެއެވެ."

"ރީޑަރޒް ޑައިޖެސްޓް" ގެ މެއި 1955 ގެ އަދަދުގައި ލިޔުއްވި މަޒުމޫނެއްގައި، މަޝްހޫރު މުއައްރިހެއް ކަމަށް ވާ ޖޭމްސް މިޝީނަރ ވިދާޅުވެފައި ވެއެވެ. "އިންސާނީ ތާރީހުގައި އިސްލާމް ދީން ފެތުރިގެން ދިޔަ ފަދަ ހަލުވިކަމާ އެކު ފެތުރުނު އެހެން ދީނެއް ނެތެވެ. ހުޅަނގުގެ މީހުން އާއްމުކޮށް ގަބޫލު ކުރާ ގޮތުގައި އިސްލާމް ދީން އެހައި ބާރަށް ފެތުރިގެން ދިޔުމުގެ ސަބަބަކީ ކަނޑިއެވެ. ނަމަވެސް މިއީ މިޒަމާނުގެ އެއްވެސް އިލްމުވެރިޔަކު ގަބޫލު ކުރާ ކަމެއް ނޫނެވެ. ހަމަ އެހެންމެ، ދީނީ މިނިވަންކަމަކީ އިސްލާމް ދީނުގެ ފޮތުގައި ކަނޑައެޅިގެން ދެވިފައި ވާ މިނިވަންކަމެކެވެ."

ލޯވރެންސް އީ. ބްރައުން، އޭނާގެ ފޮތެއް ކަމަށް ވާ "ދަ ޕްރޮސްޕެކްޓްސް އޮފް އިސްލާމް" ގައި، އިސްލާމް ދީން ފެތުރުނީ ކަނޑީގެ ބާރުން ނޫންކަން ސާބިތު ކުރެއްވުމުގެ ގޮތުން ތާރީހީ އެތައް ހަގީގަތްތަކެއް ހާމަ ކުރައްވާފައި ވެއެވެ. އެ ހަގީގަތްތަކާ މެދު ދިގުކޮށް ބަހުސް ކުރެއްވުމަށް ފަހު، ފޮތުގެ ސަފުހާ 14 ގައި އޭނާ ލިޔުއްވާފައި ވެއެވެ. "މި ދަންނަވާ ސާބިތު ވެފައިވާ ހަގީގަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް އެނގޭ ކަމަކީ މުސްލިމުން ދިޔަ ހައި ތަނެއްގައި ކަނޑީގެ ބޭނުން ކޮށްގެން އެމީހުންގެ ދީން ފެތުރި ކަމަށް ކްރިސްޓިއަނުން ދައްކާ ވާހަކަ އަކީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމެވެ."

މަޝްހޫރު އޮރިއެންޓަލިސްޓް ސަރ ޕްރޮފެސަރ ތޯމަސް އާރނޯލްޑް ވަނީ އިސްލާމް ދީން ދުނިޔޭގައި ފެތުރިފައިވާ ގޮތާ މެދު ވަރަށް ތަފްސީލީ ފޮތެއް އެކުލަވައިލައްވާފައެވެ. "ދަ ސްޕްރެޑް އޮފް އިސްލާމް" ގެ ނަމުގައި ޝާއިއު ކުރެވިފައި ވާ މި ފޮތުގެ 34 ވަނަ ސަފުހާގައި އޭނާ ވިދާޅުވެފައި ވެއެވެ. "މި ދަންނަވާ އަސްކަރީ ހަރަކާތްތަކުގެ ތަފްސީލުތަކެއް ދިނުމަކީ މި ފޮތުގެ މައުޒޫއާ ދުރަށް ދިޔުން ކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރުން ވަރަށް މުހިއްމު ނުކުތާއެއް އެބައޮތެވެ. އެ ހަގީގަތަކީ މުޙައްމަދުގެފާނަށް ބާރު ލިބިވަޑައިގެންނެވުމުން، ސުލްހަވެރި ދާއީއެއްގެ ގޮތުގައި އުޅުއްވި އުޅުއްވުން ދޫކޮށްލައްވައި، ހައްދުފަހަނަޅާފައިވާ، ހަރުކަށި، އަދި ކަނޑީގެ ބާރުގައި އެކަލޭގެފާނުގެ ދީން ފަތުރުއްވަވާ ބޭކަލަކަށް ވެވަޑައިގެންނެވި ކަމަށް ބައެއް މީހުން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމެވެ."

މުސްތަޝްރިޤެއްގެ ގޮތުންނާއި ހީބްރޫވ ޢިލްމުތަކުގެ މާހިރެއްގެ ގޮތުން މަޝްހޫރު އިނގިރޭސި ވިލާތުގެ ޢިލްމުވެރިއެއް ކަމަށް ވާ ރެވަރެންޑް އާރތަރ ގައިލޯމް، އޭނާގެ ފޮތް "ދަ ލެގަސީ އޮފް އީޒްރައިލް" ގެ 149 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. "އިސްލާމް ދީނުގެ ނަބިއްޔާ އަވަހާރަ ވުމަށް ފަހު "އިސްލާމް" ގެ އޮށް ދުނިޔޭގައި އިންދުނު ފަދައެވެ. އެ އޮށުގެ މުޑުވައް ހެޔޮކަމާއި ސިއްހަތު ރަނގަޅު ކަމަށް ޓަކައި ކޮންމެ މީހަކަށް ވެސް އޮތީ ހަމަ ޙައިރާން ވެ އަންތަރީސް ވުމެވެ. ތަޢުރީފު ކުރުމެވެ. ދެބައިކުޅައެއްބައި ތަހުޒީބު ވެފައި ވާ، ހިމަނައިނުގަނެވޭ ފަދަ ޢަދަދު ގިނަ ބައިގަނޑުތަކެއްގެ ގޮތުގައި، މުސްލިމުން ޢަރަބި ޞަހަރާއިން ނިކުމެ އެއް އަތުން ކަނޑި އަނެއް އަތުން ޤުރުއާން ހިފައިގެން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި ދީން ފެތުރި ކަމުގެ ޚިޔާލަކީ މި ޒަމާނުގެ ތާރީޚީ ދިރާސާތަކުގެ އަލީގައި މުޅީން ދޮގު ކުރެވި، އެއްލައިލެވިފައި ވާ ޚިޔާލެކެވެ."

ތަހުޒީބާއި އޯގާވެރިކަމާއި މިނިވަންކަމާއިގެން އައި މުޙްސިނުން


އިސްލާމީ ފުތޫހާތަކީ އިންސާނިއްޔަތަށް ތަހުޒީބާއި ތަމައްދުނާއި މިނިވަންކަމާއި ހައްގުތަކާއި އޯގާވެރިކަމުގެ ހިޔާ ގެނެސްދިން ފުތޫހާތެކެވެ. މުސްލިމުންނަށް އާރާއި ބާރާއި އިއްޒަތް ލިބުނެވެ. އިންސާނީ ބުއްދި ބުނާ ގޮތުގައި މީހަކަށް އާރާއި ބާރު ލިބިއްޖެ ނަމަ، އެއާއެކު އޭނާގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް ވެސް އެޅެއެވެ. އެއީ އަނިޔާ ލިބެމުން ދާ މީހުންނަށް އެހީތެރިވުމުގެ މަސްއޫލިއްޔަތެވެ. ފަސާދައިގެ އަލިފާންގަނޑުތައް ނިއްވުމުގެ މަސްއޫލިއްޔަތެވެ. ގޮށްމުށުބާރުގެ ކިއްލާތައް ފުނޑުފުނޑުކުރުމުގެ މަސްއޫލިއްޔަތެވެ. އިންސާނާގެ ދުނިޔޭގައި އަދުލު އިންސާފާއި ހައްގުގެ އަޑު އިއްވުމުގެ މަސްއޫލިއްޔަތެވެ.

ތާރީހުގެ ސަފުހާތަކުން ސާބިތުވާ ގޮތުގައި މުސްލިމުންނަށް އާރާއި ބާރު ލިބުނު އިރު މުޅި ދުނިޔޭގައި އޮތީ ޖާހިލިއްޔަތުގެ އަނދިރިކަމެވެ. ފާރިސީންނާއި ރޯމަނުންނާއި ބްރަހުމަނުންނާއި ވިޒިގޮތުން ފަދަ އަނިޔާވެރި ބާރުތަކުގެ ދަގަނޑު އަތްތަކުގެ ދަށުގައި ރައްޔިތުން ތިބީ ފިސްފިސްވޭވެއެވެ. އިންސާނިއްޔަތު އޮތީ ފަސާދައިގެ އަލިފާނުން ހަނާވޭވެއެވެ. އެހެންކަމުން މުސްލިމުން އެބައިމީހުންގެ ކަނޑިތައް ހިފައިގެން ނިކުތީ ޖާހިލިއްޔަތާއި އަނިޔާވެރިކަމާއި ފަސާދައާ ދެކޮޅަށެވެ. އިންސާނިއްޔަތާ ދެކޮޅަކަށް ނޫނެވެ. މީސްތަކުންގެ އިންސާނީ ހައްގުތަކާއި ދީނީ އަގީދާތަކާއި މިނިވަންކަމާ ދެކޮޅަކަށް ނޫނެވެ. މުސްލިމުންގެ ކަނޑިތަކުގެ ރަހަ ލިބުނީ ގައިސަރާއި ކިސްރާއަށެވެ. އަނިޔާވެރީންނާއި ފާސިގުންނަށެވެ. އިންސާނިއްޔަތު އަޅުވެތި ކޮށްގެން ތިބި ނުބައި ޒާލިމުންނާއި މުޖުރިމުންނަށެވެ. މުސްލިމުންގެ ފުތޫހާތުގެ ތާރީހުތައް، ދީނުގެ އަދާވާތްތެރީން އިންޓަރނެޓުގައްޔާއި ދޮގުވެރި ފޮތްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކުގެ ބަދަލުގައި ހަގީގީ އިލްމީ ފޮތްތަކުން ކިޔާލާ ކޮންމެ މީހަކަށް މި ދެންނެވި ހަގީގަތް ފެންނާނެއެވެ.

މިސާލެއްގެ ގޮތުން ބައިޒެންޓައިން ކްރިސްޓިއަން ރަސްކަމުގެ ބާރުގެ ދަށުގައި އޮތް ޝާމްކަރައާއި މިސުރު ފަދަ ބިންތަކުގެ ތާރީހަށް ނަޒަރެއް ހިންގާލަމާތޯއެވެ؟

އިސްލާމް ދީނާ ދެކޮޅަށް، ހާއްސަކޮށް މުސްލިމުންގެ ފުތޫހާތާ ދެކޮޅަށް ދައްކާ ވާހަކަތަކުގައި ވަރަށް ގިނައިން ކުރެވޭ ދައުވާއެކެވެ. މުސްލިމުން ޝާމްކަރައާއި މިސުރު ކްރިސްޓިއަނުންގެ އަތުން ކަނޑީގެ ބާރުގައި ފޭރިގަތް ކަމުގެ ދައުވާއެވެ. މި ދައުވާގެ ބިންގަލަކީ، ޚަލީފާ އަބޫބަކުރުއްޞިއްދީޤުގެ ޒަމާނުގައި މުސްލިމުން ޝާމްކަރަޔަށް ވަން އިރު އެތަނުގައި ކްރިސްޓިއަން ބައިޒެންޓިއަނުން ވެރިކަން ކުރަމުން ގެންދިޔުމާއި، ޝާމްކަރަޔާއި މިސުރުގެ ސަރަހައްދަކީ ކްރިސްޓިއަން ސަރަހައްދަކަށް ވުމެވެ. ނަމަވެސް މި ދައުވާ ކުރާ މީހުން ހަނދާން ނައްތައިލާ ކަމަކީ ޝާމްކަރަޔާއި މިސުރުގެ އަހުލުވެރި ކްރިސްޓިއަނުންނާއި، އެމީހުންގެ މައްޗަށް ވެރިކަން ކުރަމުން ގެންދިޔަ ބައިޒެންޓައިން ކްރިސްޓިއަނުންނަކީ މުޅީން ތަފާތު ދެ ބައެއް ކަމެވެ.

އެންމެ ފުރަތަމަ ނަސްލީ ގޮތުން ބަލައިލަމާ ހިންގަވާށެވެ. ބައިޒެންޓިއަނުންނަކީ މިސުރާއި ޝާމްކަރައިގެ ނަސްލެއްގެ ބައެއް ނޫނެވެ. އެމީހުންނަކީ އިޓަލީގެ ރޯމަނުންނާއި ގްރީކުގެ ނަސްލުގެ މީހުންނެވެ. ޔޫރަޕުގެ ނަސްލުތަކުގެ މީހުންނެވެ. އެމީހުން މިސުރާއި ޝާމުކަރައިގެ މައްޗަށް ވެރިކަން ކުރަމުން ގެންދިޔައީ އެތަންތަން ހިފައިގެން އަރާ ތިބި ބިދޭސީންގެ ހައިސިއްޔަތުންނެވެ. ދެން ދީނީ ގޮތުން ބަލައިލަމާ ހިންގަވާށެވެ! ބައިޒެންޓިއަން ދައުލަތުގެ ދީނަކީ ވެސް ކްރިސްޓިއަން ދީން ކަމުގައި ވިޔަސް، މިސުރާއި ޝާމުގެ އަހުލުވެރި ކްރިސްޓިއަނުންނަކީ ބައިޒެންޓައިން ދައުލަތުގެ ރަސްމީ މަޒުހަބުގައި ތިބި ބައެއް ނޫނެވެ. ދީނީ ގޮތުން ވެސް ދެބައިމީހުންގެ ހިޔާލު ވަރަށް ތަފާތެވެ. ޝާމާއި މިސުރުގައި އުޅެމުން ދިޔައީ ކޮޕްޓިކް ކްރިސްޓިއަނުންނާއި ނަސްތޫރީންނާއި މެރޮނައިޓުން ފަދަ މަޒުހަބުތަކެކެވެ.

މި ދެންނެވި ނަސްލީ އަދި ދީނީ ތަފާތުތައް އޮތީ ހަމައެކަނި ނަމެއްގައެއް ނޫނެވެ. ބައިޒެންޓައިން ދައުލަތުގެ ފަރާތުން މިސުރާއި ޝާމުކަރައިގެ އަހުލުވެރި ކްރިސްޓިއަނުންނާ މެދު މުއާމަލާތު ކުރަމުން ގެންދިޔައީ އެ ތަފާތުތައް އަބަދުވެސް ފެނިފެނި ހުންނާނޭ ފަދަ ބީދަޔަކުންނެވެ. މިކަމާ މެދު މި ޒަމާނުގެ ވަރަށް މަޝްހޫރު މުއައްރިހެއް ކަމަށް ވާ ފިލިޕް ކޭ. ހިއްޓީ އޭނާގެ "ސީރިޔާ: އަ ޝޯރޓް ހިސްޓްރީ" މި ފޮތުގެ 99 ވަނަ ސަފުހާގައި ލިޔުއްވާފައި ވެއެވެ. "ޝާމްކަރައިގެ ރައްޔިތުން އެމީހުންގެ ބައިޒެންޓައިން ވެރީންނާ ދުރުހެލިވަމުން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި ފިކުރީ، ސިޔާސީ އަދި އިގުތިސާދީ ސަބަބުތައް ހިމެނެއެވެ. ބައިޒެންޓައިން ދައުލަތުގެ ފަރާތުން ޝާމްކަރައިގެ އަހުލުވެރީންނާ މެދު އަމަލުކުރަމުން ގެންދިޔައީ ކުރީގެ ދައުރުތަކުގައި ރޯމަން ވަސަނީން އަމަލުކުޅަ ގޮތަށް ވުރެ ހަރުކަށިކޮންނެވެ. ރައްޔިތުންގެ އަތުން ޓެކްސް ނަގަމުން ގެންދިޔައީ ރޯމަނުން ނެގި ވަރަށް ވުރެ މާ ގިނައިން، ރައްޔިތުންނަށް ކަނޑައެޅިގެން އަނިޔާވެރިވުން ކަމުގައި ބެލެވޭ މިންވަރަށެވެ. ބައިޒެންޓައިން ދައުލަތުގެ ވެރިކަމުގައި ޝާމުގެ އަހުލުވެރީން ތިބީ ހުރިހާ ބާރުތަކަކުން މަހުރޫމު ކުރެވިފައެވެ. ބައިޒެންޓައިން ވެރީން ރައްޔިތުންގެ އިހުސާސްތަކަށް އެއްވެސް ވަރަކަށް ބަލާފައެއް ނެތެވެ. ދީނީ ކަންކަމުގައި ވެސް ރޯމަނުންނަށް ވުރެ ބައިޒެންޓައިން ވެރީންގެ ހަރުކަށިކަމާއި އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް ބޮޑެވެ."

މުސްލިމުން ޝާމްކަރައާއި މިސުރު ފަދަ ތަންތަން ކްރިސްޓިއަން ބައިޒެންޓިއަނުންގެ އަތްދަށުން މިނިވަންކުރީ މިފަދަ ހާލަތެއްގައި އޮއްވައެވެ. މުސްލިމުން އެތަންތަން ފަތަހަ ކުރުމަށް ފަހު އެތަންތާނގެ ކްރިސްޓިއަން ރައްޔިތުންނަށް އިންސާނީ ކަރާމާތާއި އިއްޒަތް ހޯދައިދިނެވެ. މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ރަހަ ލިއްބައިދިނެވެ. އެމީހުންގެ އަތްފައިގައި ބައިޒެންޓައިން ކްރިސްޓިއަނުން އަޅުވާފައި ހުރި އަޅުވެތިކަމުގެ ކަސްތޮޅުތައް އޯގާވެރިކަމާއި ރަހުމުގެ އަތްތަކަކުން ނަގައިދިނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މާތް ޞަޙާބީންގެ ފުތޫޙާތުގެ ދައުރުގައި ޝާމުގެ ކްރިސްޓިއަނުންނާއި ޔަހޫދީން ކްރިސްޓިއަން ބައިޒެންޓިއަނުންނަށް ލައުނަތް ދީ، މުސްލިމް ފާތިހުންނަށް މަރުހަބާ ކިޔާފައި ވެއެވެ. މިފަދަ ވާހަކަތައް އިސްލާމީ ތާރީހުގެ އެތައް ފޮތްތަކެއްގައި ފެންނާން އެބަހުއްޓެވެ. ނަމަވެސް މި ފުރުސަތުގައި އަޅުގަނޑު ނަކަލު ކޮށްލާނީ ހުޅަނގުގެ މުއައްރިހެއްގެ ޝަހާދާއެވެ.

ބައިޒެންޓައިން ރޯމަނުންގެ ބާރުގެ ދަށުގައި އޮތް ޝާމުކަރަ ފަތަހަ ކުރި ހާދިސާއާ މެދު، "ދި އޮކްސްފޯރޑް ހިސްޓްރީ އޮފް އިސްލާމް" ގެ 311 ވަނަ ސަފުހާގައި، އިނގިރޭސި މުސައްނިފާއެއް ކަމަށް ވާ ޖޭން އެލް. ސްމިތު ލިޔުއްވާފައި ވެއެވެ.

"ވަރަށްގިނަ ކްރިސްޓިއަނުންނަށް މުސްލިމުންގެ ފުތޫޙާތު ހިމެނިގެން ދިޔައީ އެބައިމީހުންގެ މައްޗަށް ބޭރުބަޔަކު ވެރިވެގަނެ، އެބައިމީހުންގެ އަގީދާއަށް ގޮންޖެހުމެއް ކަމުގައެއް ނޫނެވެ. އެއާ ހިލާފަށް މުސްލިމުން އައުން އެބައިމީހުން ބަލައިގަތީ މިނިވަންކަން ލިބުމެއް ކަމުގައެވެ. އެބައިމީހުންގެ ދީނީ އަޚުން ކަމުގައި ހިމެނިފައި އޮތް ކްރިސްޓިއަނުންގެ އަޅުވެތިކަމާއި ވޭނުގެ ސިލްސިލާއަކުން މިންޖުވެވުން ކަމުގައެވެ. މިފަދަ ގޮތަކަށް އެބައިމީހުން ދުށީ މުސްލިމުންގެ ވެރިކަމުގެ ދަށުގައި އެބައިމީހުންނަށް މިނިވަން، މުސްތަޤިއްލު މުޖުތަމަޢުތަކެއްގެ ގޮތުގައި ތިބުމުގެ ފުރުޞަތު ލިބުނީތީއެވެ."

ޖޭން އެލް. ސްމިތު އިތުރަށް ވިދާޅުވެފައި ވެއެވެ. "... މިސާލެއްގެ ގޮތުން، ދިމިޝްޤުގެ ޖޯން ގެ ކާފާފުޅު، މުސްލިމުންގެ ކޮމާންޑަރ ޚާލިދު ބުނުލް ވަލީދަށް ޝަހަރު ފަތަޙަކުރެއްވުމަށްޓަކައި އެހީތެރިވެވަޑައިގަތެވެ. މުސްލިމުން ދިމިޝްޤު ފަތަޙަކުރުމަކީ ޝާމްކަރައިގައި އޮތް ބައިޒެންޓައިން ވެރިކަން ނިމިގެން ދިޔުމުގެ ކޮޅުމައްޗެވެ. މުސްލިމުން ދިމިޝްޤަށް އައުމުން ޝަހަރުގެ އާބާދީގެ ވަރަށް ބޮޑު ބަޔެއް އެބައިމީހުންނަށް މަރުޙަބާ ކިޔެވެ.

އަދިވެސް ޖޭން ވިދާޅުވެފައި ވެއެވެ. "... މުސްލިމުން އެބައިމީހުންގެ ދީނަށް ވަންނަ މީހުންނަށް މަރުޙަބާ ކިޔައެވެ. ނަމަވެސް އެހެން ދީންތަކުގެ މީހުން އިސްލާމް ދީނަށް ވެއްދުމަކަށް މަސައްކަތެއް ނުކުރެއެވެ. އެހެން ކަމުން ނަމުގައި އިސްލާމީ ބިންތަކުގެ ގޮތުގައި އޮތްތަންތަނުގައި އެތައް ޤަރުނެއް ވަންދެން ބައިގިނަ ބަޔަކު ކަމުގައި ވެފައި އޮތީ ކްރިސްޓިއަނުންނެވެ. ... ޖެރޫސަލަމްގެ އާބާދީގެ ބޮޑުބަޔަކީ ކްރިސްޓިއަނުން ކަމުގައި އެތައް އަހަރެއް ވަންދެން އޮތެވެ. އެހެން ކަމުން އެ ޝަހަރުގެ އާބާދީގައި ގިނައިން ހިމެނުނީ ޒިންމީންނެވެ."
މުސްލިމުން ފަތަހަ ކުރި ތަންތަނުގެ ޣައިރު މުސްލިމު ރައްޔިތުންނާ މެދު ކަންތައް ކުރި އޯގާވެރިކަމާއި އަދުލުވެރިކަމުގެ ހެކިތަކެއް ކަމުގައި ހިމެނޭ އެތައް ވާހަކަތަކެއް ތާރީހުގެ ސަފުހާތަކުގައި ރައްކާ ކުރެވިފައި ވެއެވެ. މިފަދަ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ ޝާމުކަރަ ފަތަހަ ވުމަށް ފަހު ހިނގި ހާދިސާއަކާ ގުޅޭ ވާހަކައެކެވެ.

ޝާމުކަރަޔާއި މިސުރާއި، އަދި ޢިރާޤު ފަދަ ތަންތަން ފަތަހަވުމާ ގުޅިގެން، އެތަންތާނގެ ދަނޑުވެރި ބިންތަކުގެ މިލްކުވެރިކަން ލިބޭނޭ ފަރާތަކާ މެދު ސުވާލުތައް އުފެދުނެވެ. ބައެއް މީހުންގެ ރައުޔަކީ ދަނޑުވެރި ބިމަކީ ވެސް ޣަނީމާ މުދަލެކޭ އެއްފަދައިން، އިސްލާމީ ލަޝްކަރުގެ ސިފައިންގެ މެދުގައި ބަހާލެވޭނޭ އެއްޗެއް ކަމެވެ. މި މައްސަލަޔާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޓަކައި ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު، މަދީނާގައި ހާއްސަ މަޖިލީހެއް ބޭއްވެވިއެވެ. މި މަޖިލީހުގައި، ދަނޑުވެރި ބިމަކީ ވެސް ޣަނީމާ މުދަލެކޭ އެއްފަދައިން އިސްލާމީ ލަޝްކަރުގެ މުޖާހިދުންނަށް ބަހާލެވޭނޭ އެއްޗެއް ކަމުގައި ވިދާޅުވި ބޭކަލުންގެ ތެރޭގައި ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަﷲ ޢަންހާއި، ބިލާލް ބިން ރަބާޙް ރަޟިޔައްﷲ ޢަންހު ފަދަ އިސް ޞަޙާބީން ތިއްބެވިއެވެ.

ނަމަވެސް ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހުގެ ވިސްނުންފުޅު ހުރީ އިދިކޮޅަށެވެ. އެކަލޭގެފާނު ބެއްލެވީ ފަތަޙަ ކުރެވޭ ބިމަކީ ދައުލަތުގެ މިލްކިއްޔާތަށް ވަންނަ އެއްޗެއް ކަމަށެވެ. ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހާއި، ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހާއި، ޠަލްޙާ ބިން ޢުބައިދުﷲ ރަޟިޔައްﷲ ޢަންހު ފަދަ ބޭކަލުން ތާއީދު ކުރެއްވީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ވިސްނުންފުޅަށެވެ. އެންމެ ފަހުން ޞަޙާބީންގެ ހުރިހާ ބޭކަލުން އެއްބަސްވެވަޑައިގެންނެވީ ބިމަކީ އިސްލާމީ ލަޝްކަރުގެ މުޖާހިދުންނަށް ބެހޭނޭ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ބިންތަކުގައި ކުރީއްސުރެ ދިރިއުޅެމުން އައި ރައްޔިތުންގެ އަތުން އެ ބިންތައް އަތުލުމަކީ ކުރެވޭނޭ ކަމެއް ވެސް ނޫން ކަމަށެވެ. އެހެންކަމުން މި ނިންމެވުމާ އެކު، މުސްލިމުން ފަތަހަ ކުރާ ކޮންމެ ބިމެއްގައި ވެސް، ކުރީއްސުރެ ދިރިއުޅެމުން އަންނަ ރައްޔިތުންގެ ބިމާއި މުދަލާ ގުޅޭ އެންމެހައި ހައްގުތަކެއް ރައްކާތެރި ކޮށްދެވުނެވެ. އެމީހުންގެ އަތުން ނަގަން ހަމަޖެހުނީ، މުސްލިމުން ޒަކާތުގެ ގޮތުގައި ދައްކާ އެއްޗަކާ އެއް މިންވަރެއްގެ ޓެކުހެކެވެ. އެ ޓެކުހަކީ ކުރީން ކްރިސްޓިއަން ބައިޒެންޓައިން ދައުލަތުގެ ފަރާތުން ނަގަމުން އައި ޓެކްސްތަކާ އަޅާ ބަލާ އިރު، އެތައް ގުނައެއް ކުޑަ، ރައްޔިތުންނަށް ފަސޭހަކަމާ އެކު ދެއްކޭ ވަރުގެ ޓެކުހެކެވެ.

އަދިވެސް މިފަދަ އެހެން ވާހަކައެކެވެ.

މުސްލިމުން މިޞުރު ފަތަހަ ކުރުމަށް ފަހު، މިސުރު ފަތަހަ ކުރެއްވި ލަޝްކަރުގެ ކޮމާންޑަރު، އަދި އިސްލާމީ ޚިލާފަތުގެ ފަރާތުން މިޞުރުގެ ގަވަރުނަރެއްގެ މަގާމުގައި ހުންނެވި ޢަމްރޫ ބިން އަލްޢާޞް ރަޟިޔަﷲ ޢަންހުގެ ދަރިކަލަކު، މިސުރުގެ ކްރިސްޓިއަން އަހުލުވެރިއެއްގެ ގައިގައި ޖެއްސެވިއެވެ. އެ ބޭފުޅާ ހީފުޅު ކުރެއްވީ އޭނާއަކީ ގަވަރުނަރުގެ ދަރިކަލުންނަށް ވާތީ، އެފަދަ ކަމެއް ކުރެއްވިޔަސް އޭގެ ނަތީޖާއާ ކުރިމަތިލައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމަށެވެ. ނަމަވެސް މިޞުރުގެ އަހުލުވެރިޔާ ފުރުސަތު ލިބުމާ އެކު ދަތުރުކޮށްފައި ދިޔައީ މަދީނާއަށެވެ. ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ އަރިއަހަށެވެ. އޭނާ، އޭނާއަށް ކުރިމަތިވި ހާދިސާގެ ވާހަކަ ޚަލީފާއަށް ދެންނެވިއެވެ. ވަގުތުން ޚަލީފާ އެކަލޭގެފާނުގެ ގަވަރުނަރު ޢަމްރާއި، ޢަމްރުގެ ދަރިކަލުން މަދީނާއަށް ގެންނެވިއެވެ. އަދި މައްސަލަ ބައްލަވައި، ލިބުނު އަނިޔާގެ ބަދަލު ހިފަން މިސުރުގެ އަހުލުވެރިޔާއަށް ފުރުސަތު ދެއްވިއެވެ. އޭނާ އެ ފުރުސަތުގެ ބޭނުން ހިފައި، ޢަމްރޫގެ ދަރިކަލުންގެ ގައިގައި ޖެހިއެވެ. ދެން ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު އޭނާގެ ގާތުގައި ވިދާޅުވީ ގަވަރުނަރު ޢަމްރުގެ ގައިކޮޅުގައި ޖެހުމުގެ ހައްގު ވެސް އޭނާއަށް އޮތް ކަމަށެވެ. އެއީ ޢަމްރުގެ ދަރިކަލުން މީސްތަކުންނަށް އަނިޔާވެރިވެވަޑައިގަންނަވަން ހިތްވަރު ހޯއްދެވީ ޢަމްރުގެ މަގާމުގެ ސަބަބުން ކަމުގައި ވާތީއެވެ.

ނަމަވެސް މިސުރުގެ އަހުލުވެރިޔާ އެކަމަށް އިންކާރު ކޮށް، އޭނާ ބަދަލު ހިފަން ބޭނުން ވަނީ އޭނާގެ ގައިގައި ޖެހި މީހާގެ ފަރާތުން އެކަނި ކަމަށް ދެންނެވިއެވެ. މިގޮތުގެ މަތީން އަދުލު އިންސާފު ގާއިމު ކުރެވުމަށް ފަހު، ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ގަވަރުނަރަށް އިންޒާރާއި ނަސޭހަތުގެ ގޮތުން ވިދާޅުވިއެވެ. "މީސްތަކުން ދުނިޔެއަށް އަންނަނީ މިނިވަނުންގެ ގޮތުގައެވެ. އެއަށްފަހު ކަލޭގެފާނު އެމީހުން އަޅުވެތި ކުރައްވަނީތޯއެވެ؟" 

މުސްލިމުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފާތިހުންގެ ގޮތުގައި، އަދި ދާއީންގެ ގޮތުގައި ދިޔަ އިރު ދުނިޔޭގެ ކަންކޮޅުތަކުގައި އޮތީ ފަސާދަޔާއި ޒުލްމާއި ޖަހާލަތުގެ ކަނު އަނދިރިކަމެވެ. މިފަދަ ކަންތައްތައް މުސްލިމުންގެ ކަނޑީގެ ބާރުގައި ހުއްޓުވިއެވެ. ނަސޭހަތާއި ވައުޟުން ފައިދާއެއް ނުކުރާ ދަނޑިވަޅުތަކުގައެވެ.

މިސާލެއްގެ ގޮތުން، މުސްލިމުން މިސުރު ފަތަހަ ކުރި އިރު މިސުރުގެ އަހުލުވެރީން ދިޔައީ ކޮންމެ އަހަރަކު އެއް ފަހަރު ނީލަ ކޯރަށް ޒުވާން، ބިކުރުވެރި އަންހެން ކުއްޖަކު ގުރުބާން ކުރަމުންނެވެ. މަޝްހޫރު މުއައްރިހު، އަލްމަޤްރީޒީ މި ހާދިސާގެ ތަފްސީލުތައް ރިވާ ކުރައްވާފައި ވެއެވެ. މުސްލިމުން ވަނީ ބާރުގެ ބޭނުން ކޮށްގެން މި ނުބައި، އަނިޔާވެރި ސަގާފަތް ނެއްތާލާފައެވެ. އެއީ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައެވެ.

ޚުދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ތާރީހަށް ބަލާލަމާތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި ބުދުދީނުގެ ހާމުދުރުން ގެންދިޔައީ ރަންނަމާރިއަށް ގުރުބާން ކުރުމުގެ ނަމުގައި ކޮންމެ މަހަކު މައުސޫމު އަންހެން ކުއްޖެއްގެ އިއްފަތާއި އިސްމަތު ފޭރިގަނެ، އެ ކުއްޖަކު އަނިޔާވެރި، ބިރުވެރ މަރެއްގެ ކަނު އަނދިރިކަމުގެ ތެރެއަށް ފޮނުވަމުންނެވެ. އެކަން ހުއްޓުވީ އިސްލާމް ދީނުގެ ކަނޑިއެވެ.

ދީނީ ފައްޅިތަކުގައި ޖިންސީ އަޅުންގެ ގޮތުގައި އަންހެން ކުދީން ބޭނުންކުރުމުގެ ނުބައި އާދައަކީ އިންޑިޔާ ފަދަ އެތައް ތަނެއްގައި ވެސް އޮތް އާދައެކެވެ. މިހާރުވެސް އޮންނަ އާދައެކެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު، އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށް ވާ ދަ ގާރޑިއަންގައި ލިޔެފައިވާ މަޒުމޫނެއްގައި ބުނެފައި ވަނީ، 2006 ވަނަ އަހަރު އެކަނި ވެސް އިންޑިޔާގެ ފައްޅިތަކުގައި ދޭވަދާސީންގެ ގޮތުގައި، ހާމުދުރުންނާއި އަޅުވެރި ފިރިހެނުންގެ ޖިންސީ އަޅުންގެ ދަރަޖައިގައި މަދުވެގެން 250000 (ދެލައްކަ ފަންސާސްހާސް) އަންހެން ކުދީން އުޅެމުން ގެންދިޔަ ކަމަށެވެ. މި ތަފާސް ހިސާބު ގެނެސްދީފައި ވަނީ އިންޑިޔާގެ ބޭންގަލޯރުގެ ނެޝަނަލް ލީގަލް ސަރވިސަސް އާ ހަވާލާ ދީއެވެ.

މުސްލިމުން އިންޑިޔާ ފަތަހަ ކުރި އިރު މި ދެންނެވި އަނިޔާވެރި ސަގާފަތް އޮތީ އޭގެ އެންމެ މަތީ ދަރަޖައިގައެވެ. ހިންދޫ ފައްޅިތަކުގައި އެތައް ލައްކަ އަންހެން ކުދީން، ހާމުދުރުންނާއި ޕްރޯހިތުންގެ ޖިންސީ އަޅުންގެ ގޮތުގައި އުޅެމުން ގެންދިޔައެވެ. މުސްލިމުންގެ ކަނޑީގެ ބާރުގައި އެފަދަ އެތައް ލައްކަ ކުދީން މިނިވަން ކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ކުއްޖެއްގެ އަތުން ވެސް މިނިވަންކަމުގެ އަގެއް މުސްލިމުން ނާތުލައެވެ. އޭގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގަދަކަމުން އިސްލާމް ދީނަކަށް ނުވައްދައެވެ.
------------
(ނުނިމޭ)

ނޯޓު: މިއީ ފާއިތުވި (1432ވަނަ އަހަރުގެ) ރަމަޟާންމަހު، ސަން. އެފް. އެމުން ގެނެސްދެއްވައިފައިވާ ސިލްސިލާ ޕްރޮގްރާމުތަކެއްގައި ހުށަހެޅުމަށް އެކުލަވައިލައި، ސަން. އެފް. އެމް މެދުވެރިކޮށް ދުރަށްފޮނުވިފައިވާ ލިޔުމެކެވެ.


މި ލިޔުން:

     ފޮނުވުން:              އަލްއުސްތާޛު އަޙުމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ