އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (2)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

2 ސެޕްޓެމްބަރު (ހުކުރު) އާ ގުޅޭ..

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


އަލްއުސްތާޛު އަޙުމަދު މާޖިދު


ފުރަތަމަ ބާބު – އިސްލާމް ދީނާ ދެކޮޅަށް ކުރާ ދޮގު ދައުވާތަކާ މެދު ދެތިން ބަހެއް
 
މުސްލިމުން ސްޕޭނަށް ހަމަލަ ދިން ސަބަބަކީ ވެސް މިފަދަ ހާދިސާއަކާ ގުޅިފައިވާ ސަބަބެކެވެ. އުމަވީ ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދުވަސްވަރު މުސްލިމުން ސްޕޭނަށް ހަމަލަ ދީ، އެ ގައުމު ފަތަހަ ކުރީ ސްޕޭނުގެ ނަވާބީ ހާންދާނެއްގެ އިސް ބޭފުޅެއް ކަމަށް ވާ ކައުންޓް ޖޫލިއަން މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އޭނާ މުސްލިމުންގެ ކިބައިން އެހީއަށް އެދިވަޑައިގެންނެވީ، ސްޕޭނުގައި އެއިރު ހުންނެވި ވިޒިގޮތިކް ރަސްގެފާނު ރޮޑްރިކް، ޖޫލިއަންގެ ދަރިކަނބަލުންގެ އިއްފަތްތެރިކަން ފޭރިގެންނެވުމާ ވިދިގެންނެވެ. ކައުންޓް ޖޫލިއަންގެ ދަރިކަނބަލުން އެމަންޑާ އުޅުއްވަމުން ގެންދެވީ ރޮޑްރިކްގެ ޝާހީ ގަނޑުވަރުގައެވެ. މާތް ހާންދާންތަކުގެ ޅަޒުވާން އަންހެން ކުދީން، ޝާހީ ގަނޑުވަރުގައި ތަރުބިއްޔަތު ކުރުމުގެ އާދައަކީ އެއިރު ސްޕޭނުގައި އޮންނަ އާދައެކެވެ. އެމަންޑާ ވެސް ގަނޑުވަރަށް ފޮނުވުނީ އެ އާދައިގެ މަތީންނެވެ. ނަމަވެސް އެމަންޑާގެ ރީތިކަމުގެ އަގު ދައްކަން ޖެހުނީ އޭނާގެ އިސްމަތްތެރިކަމުގެ ޖަވާހިރުންނެވެ. މިއީ އެމަންޑާ ފަދަ އެތައް އަންހެން ކުދީންނަށް ޖެހުނު ހާލެކެވެ. އެހެންކަމުން، ކައުންޓް ޖޫލިއަން މި އަނިޔާވެރިކަމުގެ ވާހަކަ ބަޔާން ކުރެއްވުމާ އެކު، މުސްލިމުންގެ އެހީއަށް އެދިވަޑައިގެންނެވުމުން، މުސްލިމުންގެ ލަޝްކަރުތައް ސްޕޭނަށް ދިޔައެވެ. އެމަންޑާ ފަދަ އެތަކެއް ސަތޭކަ އަންހެން ކުދީންނަށް މިނިވަންކަމާއި އަމާންކަން ހޯދައިދިނެވެ. އެއަށްފަހު މުސްލިމުން ސްޕޭނުގެ ތާރީހުގެ ރަން ދައުރު ގެނައެވެ. ސްޕޭނަކީ މުޅި ދުނިޔޭގެ ފަހުރަކަށް، މުޅި އިންސާނިއްޔަތުގެ ފަހުރަކަށް ހެދިއެވެ. ނަމަވެސް މުސްލިމުން ސްޕޭނުގެ ކްރިސްޓިއަނުން އިސްލާމް ދީނަށް ވައްދަން ކަނޑީގެ ބޭނުމެއް ނުކުރެއެވެ. ކްރިސްޓިއަނުން ތިބީ އެމީހުންގެ ދީނުގައެވެ. އެންމެ ފަހުން، މުސްލިމުން ސްޕޭނުން ބޭރުކޮށް، ތަޅައި މަރައި، ބާކީ ތިބި ބަޔަކު ކަނޑީގެ ބާރުގައި ކްރިސްޓިއަން ދީނަށް ވެއްދީ، މުސްލިމުންގެ ވެރިކަމުގައި ފުރިހަމަ މިނިވަންކަމުގައި އުޅުނު ކްރިސްޓިއަނުންގެ ދަރިފަސްކޮޅުގެ މީހުންނެވެ. މި ޙާދިސާގެ ތަފްޞީލުތައް މުސްލިމް ސްޕޭންގެ ތާރީޚުގެ ކޮންމެ ފޮތަކުން ވެސް ފެނިވަޑައިގަންނަވާނެއެވެ. އެފަދަ އެއް ފޮތަކީ ސައްޔިދު ޢަޒީޒުއްރަޙްމާންގެ "ދަ ސްޓޯރީ އޮފް މުސްލިމް ސްޕެއިން" އެވެ.

ކޮންމެއަކަސް، އިސްލާމް ދީން ފެތުރުނީ ކަނޑީގެ ބާރުގައި ނޫން ކަމާއި، މުސްލިމުން ކަނޑީގެ ބާރުގައި ކުރި ކަމަކީ ޝައިތާނިއްޔަތުގެ ބާރުތައް ބަލިކޮށް، އަނިޔާވެރިކަމާއި ޒުލްމުގެ ކިއްލާތައް ފުނޑުފުނޑުކޮށް، މިނިވަންކަމާއި އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތަކުގެ ދިދަ އުފުލުން ކަމީ ތާރީހުގެ ސަފުހާތަކުން ފެންނަން އޮތް ހަގީގަތެކެވެ. ބައެއް މީހުންނަށް މި ހަގީގަތް ހަޖަމު ނުކުރެވުނު ނަމަވެސް ވެހެވެ. މި ވާހަކައަކީ ބައެއް މީހުންގެ ލަގޮނޑީގައި ރިހުން އުފައްދާ ވާހަކައެއް ކަމަށް ވިޔަސް ވެހެވެ. މުސްލިމުންގެ ކަނޑީން ކުރި ބޭނުމަކީ ބާރާ އެކު، އެމީހުންގެ ކޮނޑުގައި އެޅުނު މަސްއޫލިއްޔަތު އަދާކުރުމެވެ.

މުސްލިމުންނަކީ އިންސާނީ ތާރީޚުގެ އެހެން ހުރިހާ ފާތިޙުންނާ ތަފާތު ބައެކެވެ. އާދޭހެވެ! އިސްކަންދަރު އަޢުޡަމްގެ ތާރީޚު ބައްލަވާށެވެ. ހަނީބާލްގެ ވާހަކަ ވިދާޅުވާށެވެ. އަޓީލާ ދަ ހަން ގެ ތާރީޚު ވިދާޅުވާށެވެ. ތައިމޫރާއި ޗަންގީޒް ޚާނާއި ސައިރަސް އަޢުޡަމާއި ނަޕޯލިއަންގެ ފުތޫޙާތުތަކުގެ ތަފްޞީލުތައް ބައްލަވާށެވެ. މިއިން ކޮންމެ ބޭފުޅަކީ އިންސާނީ ދުނިޔެ ގުޑުވާލެއްވި ފާތިޙެކެވެ. ނަމަވެސް އެބޭފުޅުންގެ ފުތޫޙާތުގައި ކުލަ ޖެހެނީ ފަރުބަދައެއްގެ މަތީން އޮހިގެން އަންނަ ބިޔަ ސައިލެއްގެ މިސާލުގައި އޮހޮރައިލެވުނު މަޢުޞޫމް ލޭގެ ރަތް ކުލައިންނެވެ.

މުސްލިމުންގެ ފުތޫޙާތަކީ އެފަދަ ފުތޫޙާތެއް ނޫނެވެ. މުސްލިމުންގެ ފުތޫޙާތަކީ އަނިޔާއާއި ފަސާދައާއި އަޅުވެތިކަމުގެ ކަސްތޮޅުތައް ފުނޑުފުނޑުކޮށްލި ފުތޫޙާތެކެވެ. މަޢްޞޫމިއްޔަތާއި އިންސާނިއްޔަތުގެ ދިފާޢުގައި ޤުރްބާންވުމުގެ ލާމަސީލު ދާސްތާނެކެވެ. މުސްލިމުން އައީ އިންސާނުން އަޅުވެތިކޮށް ފޭރި ކާ ބައެއްގެ ގޮތުގައެއް ނޫނެވެ. މުސްލިމުންނަކީ އިންސާނިއްޔަތަށް ތަހްޒީބާއި މިނިވަންކަމާއި އޯގާވެރިކަމުގެ މުޅީން އާ ފަތިހެއްގެ މެސެޖް ގެނެސްދިން މުޙްސިނުންތަކެކެވެ. "އިސްލާމް ހޭޓަރޒް" އާއި "އިސްލާމް ބޭޝަރޒް" އަށް، އެއިގެ ތެރެއިން ޚުދު މި ރާއްޖޭގައި ތިބި މީހުން ވެސް ހިމެނޭ ގޮތުން، އެކަން ޤަބޫލު ނުކުރެވުމަކީ ޚުދު އެމީހުންގެ ޖާހިލުކަމާއި ޙަސަދަވެރިކަމާއި ނަޞީބުދެރަކަމުގެ ފުރިހަމަ ހެއްކެކެވެ.

މުސްލިމުންނާއި ކްރިސްޓިއަނުންގެ ކުރިމަތިލުން


ދެން އޮތީ މުސްލިމުންނާއި ކްރިސްޓިއަނުންގެ ކުރިމަތިލުމުގެ ވާހަކައެވެ. އިތުރު ރަސޫލާގެ ސީރަތު ވިދާޅުވެފައިވާ އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން، އިތުރު ރަސޫލާ އެންމެ ފުރަތަމަ ދުވަހުއްސުރެ ކްރިސްޓިއަނުންނާ މެދު ބެއްލެވީ އަޚުންތަކެއް ކަމުގައެވެ. އެކަން ސާބިތު ކޮށްދޭ މުހިއްމު ދެ ހާދިސާއެއް ދަންނަވާލާނަމެވެ.

ސައިފުއްރަޙްމާން މުބާރަކްޕޫރީ، "އައްރަޙީޤުލް މަޚްތޫމް" ގެ 159 ވަނަ ސަފުހާގައި ލިޔުއްވާފައި ވެއެވެ. "ރޯމަނުންނާއި ފާރިސީންނާ ދެމެދު ހިނގި ހަނގުރާމައިގައި، މައްކާގެ މުޝްރިކުން އެދިއެދި ތިބީ ފާރިސީންނަށް ކާމިޔާބު ލިބުމެވެ. އެހެނީ ފާރިސީންނަކީ ވެސް ޝިރުކުގެ ދީނެއްގެ އަހުލުވެރީންނެވެ. އެއާ ހިލާފަށް، މައްކާގެ މުސްލިމުން އެދިއެދި ތިބީ އެ ހަނގުރާމައިގައި ރޫމީންނަށް ނަސްރު ލިބުމެވެ. ރޫމީންނަކީ ނަމެއްގައި ނަމަވެސް ބާވައިލެއްވި ދީނަކަށް، އަދި ފޮނުއްވުނު ނަބީ ބޭކަލަކަށް ތަބާވެގެން ތިބި ބަޔަކަށް ވާތީއެވެ."
މި ދަންނަވާ ހާދިސާ ހިނގީ ނުބުއްވަތުގެ މައްކީ ދައުރުގައެވެ. އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތުގައި "ހިތާމައިގެ އަހަރު" ގެ ގޮތުގައި މަޝްހޫރު ވެފައި ވާ އަހަރުގައެވެ. މި ހާދިސާއިން ވެސް އެނގެނީ އިތުރު އެކަލޭގެފާނާއި މުސްލިމުން ކްރިސްޓިއަނުންނާ މެދު ބެއްލެވީ އޯގާވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ނަޒަރު ފަދަ ނަޒަރަކުން ކަމެވެ.

ހަމައެއާއެކު، އިތުރު އެކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު، ހިޖުރައިން 9 ވަނަ އަހަރު ނަޖްރާނުގެ ކްރިސްޓިއަނުންގެ ވަފުދެއް އެކަލޭގެފާނުގެ އަރިއަހަށް އައި ހާދިސާގެ ވާހަކަ ވެސް ހަނދާން ކޮށްލަން ޖެހެއެވެ. އެމީހުންނާ މެދު އިތުރު އެކަލޭގެފާނު ކަންތައް ކުރެއްވީ މެހްމާންނަވާޒީ ކުރުމުގެ ރީތި މިސާލެއް ފަދައިންނެވެ. އެމީހުންނަށް ދެއްވި އަމާންކަމާއި ހައްގުތަކުގެ ޗާޓަރުގައި ވެއެވެ.

"ނަޖްރާނާއި، ނަޖްރާނުގެ އަވަށްޓެރި ސަރަހައްދުތަކުގެ ކްރިސްޓިއަނުންނަށް، ފަހެ އެބައިމީހުންގެ ފުރާނަތަކާއި، އެބައިމީހުންގެ ދީނާއި، އެބައިމީހުންގެ މުދާތަކަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަމާންކަމުގެ ޢަހުދު ލިބިގެން ވެއެވެ. އެބައިމީހުން ކުރެ ހާޒިރު ވެތިބި މީހުންނާއި ހާޒިރު ވެނެތް މީހުންނާއި އެހެން އެންމެންނަށް ވެސް މެއެވެ. އެބައިމީހުންގެ ދީނާ ބެހި ގޯނާ ކޮށް، އެ ދީނަށް އެބައިމީހުން އުޅޭ އުޅުމަށް ހުރަސް އަޅައި ދަތި ކުރާނޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ. އެބައިމީހުންނަށް ލިބިގެންވާ ހައްގުތަކާއި އިނާޔަތްތައް ބަދަލުކޮށް، އެ ހައްގުތަކާއި އިނާޔަތްތަކުގެ ދާއިރާ ހަނިކުރާނޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެއެވެ. އެބައިމީހުންގެ އެއްވެސް ފާދިރީއަކު ރާހިބަކު އޭނާގެ ފައްޅީން ބޭރުކޮށް، ދުރުހެލިކޮށް އެއްކިބާ ކޮށްގެން ނުވާނެއެވެ. އެއްވެސް ފާދިރީއަކު ރާހިބަކު އޭނާގެ މަގާމުން ދުރުކޮށްގެން ނުވާނެއެވެ. އަދި މިއަދުން ފެށިގެން ކުރިމަތިވާ ކޮންމެ ކުޑަ އަދި ބޮޑު ނިއުމަތެއްގެ ފައިދާއާއި މަންފާ ލިބިގަތުމުގެ ހުރިހާ ހައްގެއް އެމީހުންނަށް ލިބިގެން ވެއެވެ. އެބައިމީހުންގެ ސަލީބުތަކާއި، އެބައިމީހުންގެ ސޫރަތައް ހަލާކެއް ނުކުރެވޭނެއެވެ. އެބައިމީހުން އެހެން މީހުންގެ މައްޗަށް އަނިޔާވެރި ވެގެން ނުވާނެއެވެ. ހަމައެފަދައިން އެބައިމީހުންގެ މައްޗަށް އަނިޔާވެރިއެއް ވެސް ނުވެވޭ ހުއްޓެވެ. ޤިޔާމަތާ ހަމަޔަށް ދާންދެން، ލޭގެ ބަދަލު ހިފުމުން ދުރުހެލިވުމަކީ އެބައިމީހުންގެ މައްޗަށް ވާ ޒިންމާއެކެވެ. އަދި އެބައިމީހުންގެ އަތުން އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެއެވެ. އަދި އެބައިމީހުން ހަނގުރާމަވެރި ލަޝްކަރުގައި ބައިވެރިވުން މަޖުބޫރު ކޮށްގެން ވެސް ނުވާނެއެވެ."

މިއީ އިސްލާމް ދީނުގެ ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކްރިސްޓިއަނުންނާ މެދު ބެހެއްޓެވި އޯގާވެރިކަމާއި ހިތްޕުޅު ހެޔޮކަމެވެ. އެހެން ނަމަވެސް، މުސްލިމުންނާއި ބައިޒެންޓައިން ކްރިސްޓިއަނުންނާ ދެމެދުގައި ހަނގުރާމައިގެ ހުޅުގަނޑު ރޯވެފައިވަނީ ވެސް އިތުރު ރަސޫލާގެ ޙަޔާތްޕުޅުގައެވެ. މި ކުރިމަތިލުންތަކުގެ ޙަޤީޤީ ސަބަބާ މެދުގައި ވާހަކަ ދެއްކުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެއީ ފިތުނައިގެ އަލިފާން ރޯކުރާ، ނުވަތަ ޙައްޤަކާ ނުލައި ފުރަތަމަ އެތިފަހަރު ޖަހާ މީހާއަކީ ކޮންމެ ދެކޮޅުވެރިކަމެއްގައިވެސް ގޯސް މީހާ ކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ޤަބޫލު ކުރެވޭތީއެވެ. ސުވާލަކީ މުސްލިމުންނާއި ބައިޒެންޓައިން ދައުލަތާ ދެމެދުގައި ހަނގުރާމަ ފެށެން މެދުވެރިވީ ކޮން ބައެއްގެ ސަބަބުންތޯ މިއެވެ. އިސްވެ ދެކޮޅުވެރިކަން ފަށައިގަތީ މުސްލިމުންތޯ ނުވަތަ ނޫންތޯ މިއެވެ.

އިތުރު ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ކްރިސްޓިއަނުންނަށް ދެއްކެވީ އެކުވެރިކަމުގެ މޫނުފުޅެކެވެ. ނަމަވެސް، ހިޖުރައިން 8 ވަނަ އަހަރު ބައިޒެންޓައިން ކްރިސްޓިއަނުންނާ ދެކޮޅަށް އިސްލާމީ ލަޝްކަރެއް ފޮނުއްވަން އެކަލޭގެފާނަށް މަޖުބޫރުވެވަޑައިގަތީ އެބައިމީހުންގެ ފަރާތުން އިސްލާމީ އުއްމަތަށް ކުރިމަތިވި ޢުދުވާނުގެ ސަބަބުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ދެ ފަރާތުގެ ދެމެދުގައި އެންމެ ފުރަތަމަ ފަހަރަށް ހަނގުރާމައިގެ ކުރިމަތިލުމެއް ހިނގުމެވެ. މަޝްހޫރު މުއުތާގެ ހަނގުރާމައަކީ މިއެވެ. މި ދެންނެވި ލަޝްކަރު ޝާމްކަރައަށް، ބައިޒެންޓައިން ދައުލަތުގެ ވެރިކަމުގެ ސަރަޙައްދަށް ފޮނުއްވުމުގައި އިތުރު ރަސޫލާގެ މަޤުޞަދަކީ އިސްލާމީ ދައުލަތުގެ މަނަސް ޝާމްކަރައިގެ މައްޗަށް ފެތުރުއްވުންކަމަށް ބައެއް ލިޔުންތެރީންނާއި މުއައްރިޚުން ދަޢުވާކުރިނަމަވެސް އެ ދަޢުވާގައި އެއްވެސް ބިންގަލެއް ނުވެއެވެ. އެހެނީ ތާރީޚުން ހެކި ލިބެނީ އެ ދަޢުވާއާ މުޅީން ދެކޮޅަށެވެ. އިސްވެދެންނެވި ފަދައިން، ކްރިސްޓިއަނުންނާ ދެކޮޅަށް ލަޝްކަރެއް ފޮނުއްވަން އިތުރު ރަސޫލާ ނިންމެވީ އެމީހުންގެ ފަރާތުން މުސްލިމުންނަށް ކުރިމަތިވި ޢުދުވާނެއްގެ ބަދަލުގައެވެ.

މުއުތާގެ ހަނގުރާމައިގެ ދުވަސްތަކެއް ކުރީން ޝާމްކަރައިގެ ބުޞްރާގެ ވެރިޔާއަށް އިތުރު ރަސޫލާ ފަތްކޮޅެއް ފޮނުއްވިއެވެ. އެފަތްކޮޅަކާއިގެން އިސްލާމީ ދައުލަތުގެ ސަފީރެއްގެ ޙައިޘިއްޔަތުން ބުޞްރާއަށް ދަތުރުކުރެއްވީ މާތް ޞަޙާބީއެއް ކަމުގައިވާ އަލްޙާރިޘް ބިން ޢުމައިރުލް އަޒްދީ އެވެ. އެކަލޭގެފާނަށް ބުޞްރާގެ ސަރަޙައްދަށް ވަޑައިގަންނަވާކަށް ފުރުޞަތު ލިބިވަޑައެއްނުގަތެވެ. އޭގެކުރީން ޝާމްކަރައިގެ އަލްބަލްޤާއުގައި ހުންނަ ބައިޒެންޓައިން ދައުލަތުގެ ގަވަރުނަރު ކަމުގައިވާ ޝުރަޙަބީލް ބިން ޢަމްރުލް ޣައްސާނީގެ އަމުރަށް އޭނާގެ އެކުވެރީން އެކަލޭގެފާނު ހައްޔަރުކޮށް ވަރަށް އަނިޔާވެރިގޮތެއްގައި އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. މި ނުބައި ޢަމަލާގުޅިގެން ޝުރަޙަބީލަށް އެކަށީގެންވާ އަދަބު ދިނުމުގެ ބަދަލުގައި ބައިޒެންޓައިން އެމްޕެރަރގެ ފަރާތްޕުޅުން އޭނާއަށް ދެވުނީ މަދަދާއި ތާއީދެވެ. އެހެންކަމުން އެ ޢަމަލުގައި ބައިޒެންޓައިން ދައުލަތަށް ހުރިހާ މާނައެއްގައިވެސް ބައިވެރިވެވުނީއެވެ.
 
ސަފީރުން ޤަތުލުކުރުމަކީ އިންސާނީވަންތަކަމުން މުޅީން ބޭރުވެފައިވާ އަނިޔާވެރި ޢަމަލެއްކަމާމެދު އެންމެންވެސް އެއްބަސްވެއެވެ. އެ ޢަމަލަކީ އެއް ޤައުމަކުން އަނެއް ޤައުމަކާ ދެކޮޅަށް ހިންގޭނެ އެންމެ ބޮޑު އެއް ޖަރީމާ ކަމަށް އެއިރުވެސް އަދި މިހާރުވެސް މީސްތަކުން ޤަބޫލުކުރެއެވެ. އެފަދަ ޢަމަލަކީ ވަކީން ޚާއްސަ ގޮތެއްގައި އިސްލާމީ ދައުލަތަށް ޤަބޫލުކުރެވޭނޭ ޢަމަލެއް ނޫނެވެ. އެއީ އިސްލާމް ދީނުގައި އިންސާނާގެ ފުރާނަޔަށް ދެއްވާފައިވާ މަތިވެރި މަޤާމަށްޓަކައެވެ. މުސްލިމެއްގެ ފުރާނަޔަށް ލިބިދޭ ޚާއްސަ ރައްކާތެރިކަމަށްޓަކައެވެ.

މުސްލިމުންގެ ފޮތުގައި އޮންނަނީ އަނިޔާގެ މަގުން އެންމެ އިންސާނެއްގެ ފުރާނަ ނަގައިލުމަކީ މުޅި އިންސާނިއްޔަތު ފަނާކޮށްލުންފަދަ ޢަމަލެއް ކަމުގައެވެ. ވުމާއެކު ނުޙައްޤު ގޮތުގައި އިސްލާމީ ދައުލަތުގެ ސަފީރަކު ޤަތުލުކޮށްލުމަކީ މުސްލިމުންނަށް ހަނދާން ނައްތައިލެވޭނެކަމެއް ނޫނެވެ. ދުނިޔޭގެ މަޞްލަޙަތުތަކާއި، ސިޔާސީ ފައިދާތަކާއި، އިޤްތިޞާދީ ސަބަބުތަކަށްޓަކައި މުސްލިމުންނަށް މަޢާފު ކުރެވޭނޭ ކަމެއްވެސް ނޫނެވެ. އަދި ކިޔެއްތަ، އަނިޔާވެރިގޮތުގައި ޝަހީދުވެ ވެއްޔާ މޮޑެވިގެންދާ މުސްލިމެއްގެ ހިތްދަތި އާހުތަކުގެ އަޑަކީ މުސްލިމުންނަށްޓަކައި ހޮނުގުގުރީގެ ފިތްކަނޑުވައިލަނިވި އަޑަށްވުރެ ވަރުގަދަ އަޑެކެވެ.

ބައެއް މުއައްރިޚުން ވިދާޅުވާ ގޮތުގައި ބައިޒެންޓައިން ދައުލަތާ ދެކޮޅަށް ހަނގުރާމަ ފެއްޓެވުމަށް އިތުރު ރަސޫލާ ނިންމެވީ އަލް ޙާރިޘް ބިން ޢުމައިރު ޝަހީދުކޮށްލުމުގެ ޙާދިސާގެ އިތުރަށް އެފަދަ އެހެން ޙާދިސާއެއްވެސް ހިނގުމާ ގުޅިގެންނެވެ. އެ ޙާދިސާއަކީ ބަނޫ ސުލައިމް ވަންހައިގެ މީހުންގެ ގާތަށް އިތުރު އެކަލޭގެފާނު ފޮނުއްވި ދެ ސަފީރުން ޝަހީދުކޮށްލެވުނު ޙާދިސާއެވެ. އެ ދެބޭކަލުން ޝަހީދުކޮށްލީވެސް ބައިޒެންޓައިން ދައުލަތުގެ ބަތާކައިގެން، ބައިޒެންޓައިން އެމްޕެރަރގެ އަމުރުފުޅުގެ ދަށުގައި އުޅެމުންދިޔަ ޢަރަބި ކްރިސްޓިއަނުންނެވެ.

ކޮންމެއަކަސް މި ދެ ޙާދިސާ ނުވަތަ މީގެ ތެރެއިން ކޮންމެވެސް އެއް ޙާދިސާއަކާ ގުޅިގެން އިތުރު ރަސޫލާ އިސްލާމީ ލަޝްކަރު ޝާމްކަރައިގެ ސަރަޙައްދަށް ފޮނުއްވައި، މުއުތާގެ ހަނގުރާމަ ހިނގިއެވެ. އެއާއެކު މުސްލިމުންނާއި ކްރިސްޓިއަނުންގެ ދެމެދުގައި ހަނގުރާމައިގެ ސިލްސިލާއެއް ފެށުނެވެ. އިސްލާމީ ޚިލާފަތުގެ ޒަމާނުގައި މުސްލިމުން ބައިޒެންޓައިން ކްރިސްޓިއަނުންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޝާމްކަރަޔާއި، މިސުރު ފަދަ އެތައް ސަރަހައްދެއް ފަތަހަކުރިއެވެ. ނަމަވެސް ތަކުރާރުކޮށް ދަންނަވަން ޖެހެނީ މި ތަންތާނގައި ދީން ފެތުރުމަށްޓަކައި މުސްލިމުން އެއްވެސް ކަހަލަ ބާރެއްގެ ބޭނުން ކޮށްފައި ނެތް ކަމަށެވެ.
----------
(ނުނިމޭ)

ނޯޓު: މިއީ ފާއިތުވި (1432ވަނަ އަހަރުގެ) ރަމަޟާންމަހު، ސަން. އެފް. އެމުން ގެނެސްދެއްވައިފައިވާ ސިލްސިލާ ޕްރޮގްރާމުތަކެއްގައި ހުށަހެޅުމަށް އެކުލަވައިލައި، ސަން. އެފް. އެމް މެދުވެރިކޮށް ދުރަށްފޮނުވިފައިވާ ލިޔުމެކެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ