އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

 އަޙުމަދު މާޖިދު

ދެވަނަ ބާބު – ކްރިސްޓިއަނުންނާ މެދު މުސްލިމުން ޢަމަލު ކުރި ގޮތް

ފުރަތަމަ ބާބުގައި ދަންނަވާލެވިފައި ވާނޭ ފަދައިން، މުސްލިމުންނާ ކްރިސްޓިއަނުންގެ ޒަމާންވީ ކުރިމަތިލުމުގެ ތާރީޚަށް ބަލާ އިރު، ސާބިތުވެގެންދަނީ އެންމެ ފުރަތަމަ ޢުދުވާނުގެ ކަނޑި އުރައިން ދަމައިގަނެ ލޭއޮހޮރުވާލީ މުސްލިމުން ނޫން ކަމެވެ. އަދި ކީއްތޯއެވެ! މުސްލިމުން ހަނގުރާމައިގެ މަގު އިޚްތިޔާރުކުރީ ކްރިސްޓިއަން ބައިޒެންޓައިން ދައުލަތުގެ ފަރާތުން އިސްލާމީ ދައުލަތާ ދެކޮޅަށް އަނިޔާވެރި ޖަރީމާތަކެއް ހިންގުމުން އޭގެ ރައްދު ޝަރަފުވެރިކަމާއެކު ދިނުމަށްޓަކައެވެ. އިންސާނީ ފުރާނައަކީ ތިމާމެން ކުޅޭކުޅޭ އެއްޗެއް ކަމުގައި ބަލައިގެން، ރައްޔިތުންނާއި ދުޝްމަނުންގެ ލެއިން އެއް ބީދައަކުން ފެންކުޅި ކުޅެމުންގެންދިޔަ އަނިޔާވެރި ދައުލަތަކަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ޓަކައެވެ. އިންސާނާގެ ކަރާމާތާއި ޙައްޤުތަކަށް ފުރިހަމަޔަށް ޤަދަރު ލިބިދޭނޭ ނިޒާމެއް ފާޅުވެއްޖެކަމާއި، އަނިޔާވެރިކަމާއި ޡުލްމުގެ ނަތީޖާއަކަށް ވާނީ އިންސާފުގެ ކަނޑި ކަމުގެ އިޢުލާން ކުރުމަށްޓަކައެވެ!

ބައިޒެންޓައިން ކްރިސްޓިއަނުން މުސްލިމުންނާ ދެކޮޅަށް ހިންގި ޢުދުވާނީ ޙަމަލާތަކެއްގެ ރައްދު ދެއްވުމަށްޓަކައި އިތުރު ރަސޫލާ އެމީހުންނާ ދެކޮޅަށް ލަޝްކަރެއް ފޮނުއްވި ވާހަކަ ވާނީ އިސްވެ ދެންނެވިފައެވެ. މި ލަޝްކަރާ ބައިޒެންޓައިން ދައުލަތުގެ ލަޝްކަރާ ދެމެދުގައި ހިނގި ހަނގުރާމައަކީ މަޝްހޫރު މުއުތާގެ ހަނގުރާމައެވެ. މުއުތާގެ ހަނގުރާމައަށްފަހު މުސްލިމުންނާއި ބައިޒެންޓައިން ދައުލަތާ ދެމެދުގައި އޮތީ ހަނގުރާމައިގެ ޙާލަތެވެ. އަދި އެހިސާބުން ފެށިގެން ބައިޒެންޓައިން ރަސްކަމުގެ ފަރާތުން މުސްލިމުންނާ ދެކޮޅަށް ޢަސްކަރީ ރޭވުންތައް ރާވަމުން ގެންދިޔައެވެ. ބައިޒެންޓައިން ރަސްކަމުގެ ސިޔާސަތަކަށް ވެފައި އޮތީ އެބައިމީހުންގެ ވެރިކަމާއި ކިޔަމަނުގެ ދަށުގައި ތިބި ޢަރަބި ކްރިސްޓިއަނުން މުސްލިމުންނާ ދެކޮޅަށް ބޭނުންކުރުމުގެ ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ހިޖުރައިން 9 ވަނަ އަހަރުގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް ޣައްސާނީ ޢަރަބި ކްރިސްޓިއަނުންގެ ލަޝްކަރެއް ތައްޔާރުވާން ފެށިއެވެ. މި ލަޝްކަރާ ބެހޭ ޚަބަރުތައް މަދީނާއަށް އަންނަން ފެށީ މުސްލިމުންނަށް ދުވަހަކުވެސް ކުރިމަތިވެފައިނުވާހައި ބޮޑު ބިރުވެރިކަމެއްގެ ސިފައިގައެވެ. އެ ޚަބަރުތަކުގެ ސަބަބުން މަދީނާގެ މަސްރަޙު މުޅީން ހަލަބޮލިވެގެން ދިޔައެވެ.

ޙާލަތާމެދު އެކިގޮތްގޮތަށް ވިސްނާވަޑައިގަތުމަށްފަހު އިތުރު ރަސޫލާއަށް ފެނިވަޑައިގަތީ ކްރިސްޓިއަނުން މަދީނާއަށް އަންނަންދެން ތިބުމަށްވުރެ ރަނގަޅުގޮތަކީ އިސްލާމީ ލަޝްކަރާއިގެން އެބައިމީހުންނާ ދެކޮޅަށް އިސްވެ ނުކުތުން ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ އަމުރުފުޅަށް އިސްލާމީ ލަޝްކަރު ތައްޔާރު ކުރެވުނެވެ. މުސްލިމުން ޝާމްކަރަޔާ ދިމާޔަށް މިޞްރާބު ޖަހައިގެން ދަތުރަށް ފެށިއިރު ލަޝްކަރުގައި 30000 ސިފައިން ތިއްބެވެ. މިއީ އިތުރު ރަސޫލާގެ ޙަޔާތްޕުޅުގައި އެކުލަވާލެވުނު އެންމެ ބޮޑު އިސްލާމީ ލަޝްކަރެވެ. މި ލަޝްކަރާއެކު އިތުރު ރަސޫލާ ޝާމްކަރައިގެ ތަބޫކާ ހަމަޔަށް ވަޑައިގެންނެވިއެވެ. މި މަޢުރިކާ މަޝްހޫރުވެފައިވަނީ ތަބޫކު ހަނގުރާމައިގެ ނަމުންނެވެ. މަދީނާއަށް މުސްލިމުން އެނބުރި އައީ ހަނގުރާމައެއް ކުރުމަކާ ނުލައި އެ ސަރަޙައްދުގެ ކްރިސްޓިއަން ޢަރަބި ޤަބީލާތަކުގެ ކިޔަމަންތެރިކަމާއި ޠާޢަތު ހޯދައިގެންނެވެ. މިއީ ސިޔާސީގޮތުންނާއި ޢަސްކަރީގޮތުން ބައިޒެންޓައިން ދައުލަތަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. އެހެންކަމުން އެބައިމީހުންގެ ހިތުގައި މުސްލިމުންނާމެދު އޮތް ދުޝްމަންކަމާއި ޢަދާވާތްތެރިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައެވެ. ނަމަވެސް ޢަރަބި ކަރައިގެ ސަޙަރާއަށް އަރައި މުސްލިމުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޢަސްކަރީ ޙަރަކާތްތަކެއް ހިންގާކަށް އެބައިމީހުންނަކަށް ނުކެރުނެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ޞަޙަރާގެ ނުރައްޓެހި އަދި ނުކިއްސަރު މާޙައުލުގައި މުސްލިމުންނާ ކުރިމަތިލައިގެން ވަރުގަދަ ލަނޑެއް ލިބިދާނެކަމުގެ ބިރު ބައިޒެންޓައިން ވެރީންގެ ހިތުގައި އޮތުމެވެ. ތާރީޚުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޤަދީމީ ތާރީޚުގެ ހުރިހާ ދައުރުތަކެއްގައިވެސް ޢަރަބި ޞަޙަރާއަށް ވަނުމަށް ދުނިޔޭގެ ބޮޑެތި ފާތިޙުން ފަސްޖެހުނު އެންމެ ބޮޑު ސަބަބަކީ މިއެވެ.

ޚުލަފާއުއްރާޝިދޫންގެ ދައުރު


އިތުރު ރަސޫލާ ސުވަރުގެ ވަޑައިގެން، އިސްލާމީ ދައުލަތުގެ "ފޮތުގެ ހީރަސް ކެނޑުނު" ދަނޑިވަޅުގައި މުސްލިމުންނާ ދެކޮޅަށް ބައިޒެންޓައިން ދައުލަތުގެ ފަރާތުން ވަރަށް ނުރައްކާތެރި ހަތިޔާރެއް ނެގިއެވެ. އެހަތިޔާރަކީ އިސްލާމީ ދައުލަތުގެ ތެރޭގައި ބަޣާވާތްކުރި މީހުންނާއި ފިތުނަ ފަސާދަ އުފެއްދި މީހުންނަށް އެކިގޮތްގޮތުން އެބައިމީހުން ފޯރުކޮށްދިން އެހީތެރިކަމެވެ. ޚުލަފާއުއް ރާޝިދޫންގެ ދައުރުގައި ބައިޒެންޓައިން ދައުލަތާ ދެކޮޅަށް މުސްލިމުން ހަނގުރާމަ ފެށުމުގެ އެންމެ މުހިއްމު އެއް ސަބަބަކީ މިއީއެވެ. މި ހަނގުރާމައިގެ ނަތީޖާއަކީ އަބޫ ބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގައި މުސްލިމުންގެ އަތުން ބައިޒެންޓައިންގެ ލަޝްކަރުތައް ބައްޔަކަށް ފަހު ބައްޔެއް ވެގެން ދިޔުމެވެ. މުޅި ޝާމްކަރައިގެ އިތުރުން މިޞުރާއި އަދިވެސް އެހެން ސަރަޙައްދުތައް މުސްލިމުންގެ ބާރުގެ ދަށަށް އައުމެވެ.

މި ދެންނެވި ދައުރުގެ ތާރީޚުގެ ތަފްޞީލުތަކަށް ދިޔުމަކީ އަޅުގަނޑުގެ މަޤުޞަދެއް ނޫނެވެ. ކުރު ގޮތަކަށް ބަޔާން ކޮށްލަން އަޅުގަނޑު ބޭނުން ވަނީ ޚުލަފާއުއްރާޝިދޫންގެ ދައުރުގައި، އަދި އޭގެ ފަހުގެ ދައުރުތަކުގައި ވެސް، މުސްލިމުން ފަތަޙަ ކުރި ކްރިސްޓިއަން ބިންތަކުގެ އަހުލުވެރީންނާ މެދު މުސްލިމުން ޢަމަލު ކޮށްފައި ވަނީ އޯގާވެރިކޮށް ކަމެވެ. ކްރިސްޓިއަނުން ދުވަހަކު ވެސް މުސްލިމުންނާ މެދު ޢަމަލު ނުކުރާހައި ހިތްހެޔޮކޮށް ކަމެވެ. ބައިޒެންޓައިން ކްރިސްޓިއަނުންގެ އަތްދަށުން މިޞުރާއި ޝާމްކަރަ ފަދަ ތަންތަން ފަތަޙަ ކުރި މުސްލިމުންނަށް އެތަންތަނުގެ އަހުލުވެރި ކްރިސްޓިއަނުން މަރުޙަބާ ކިޔާފައި ވަނީ މި ދެންނެވި ސަބަބަށް ޓަކައެވެ. މި ޙަޤީޤަތާ ބެހޭގޮތުން މި ޒަމާނުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމަށް ވާ ކަރެން އާރމްސްޓްރޯންގް، އޭނާގެ "އިސްލާމް: އަ ޝޯރޓް ހިސްޓްރީ" މި ފޮތުގެ 26 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. "ޒިންމީން (ޒިންމީންނަކީ އިސްލާމީ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބޭ ޣައިރު މުސްލިމުންނެވެ) ގެ މައްޗަށް އޮތް ޒިންމާ އަކީ، އިސްލާމީ ދައުލަތުން އެބައިމީހުންނަށް ފޯރު ކޮށްދޭ ޢަސްކަރީ ރައްކާތެރިކަމުގެ ބަދަލުގައި ޖިޒްޔާ އެވެ ކިޔުނު ޓެކުހެއް ދެއްކުމުގެ ޒިންމާއެވެ. ޤުރުއާނުގެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، ޣައިރު މުސްލިމުންނަށް އެމީހުންގެ ދީނީ މިނިވަންކަން އޮތީ ދެވިފައެވެ. އަދި ކީއްތޯއެވެ! ބައިޒެންޓައިން ދައުލަތުގެ ވެރިކަމުގައި، ގްރީކް އޮރތޮޑޮކްސް ފައްޅީގެ ދީނީ ބޮޑުންނާއި ވެރިކަމުގެ ފަރާތުން އަނިޔާ ލިބުނު ކްރިސްޓިއަނުންގެ އެތައް ބަޔަކު ތިބީ މުސްލިމުންގެ ވެރިކަމާ މެދު މާ ބޮޑަށް ވެސް ހިތްހަމަޖެހިގެންނެވެ."

ފުތޫޙާތުތަކަށް ފަހު، ކްރިސްޓިއަނުންނާ މެދު މުސްލިމުން ޢަމަލު ކުރި ރީތި، މުތަސާމިޙް، އަދި ހިތްހެޔޮ ގޮތުގެ ތަފްޞީލުތަކަށް ދިޔުމުގެ ބަދަލުގައި އަޅުގަނޑު މި ބަޔާން ކޮށްލަނީ މިސާލުތަކެއް ކަމުގައި ހިމެނޭ ދެތިން ޙާދިޘާއެކެވެ. އޭގެ ތެރެއިން އެއް ޙާދިޘާއަކީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު، ޤުދުސް ފަތަޙަ ކުރެއްވި ޙާދިޘާއެވެ.

ޤުދުސްގެ ފާތިޙް


ޤުދުސް ނުވަތަ ޖެރޫސަލަމަކީ 71 މ. ވަނަ އަހަރާ ހަމަޔަށް ޔަހޫދީންގެ ވެރިކަމުގެ ވެރިރަށެވެ. އެ އަހަރު ރޯމަން ޝަހެންޝާހިއްޔާގެ ލަޝްކަރެއް ޔަހޫދީންގެ މައްޗަށް ވަރަށް ވަރުގަދަ ޙަމަލައެއް ދީ، ވަރުގަދަ ޤަތުލު ޢާއްމަކާއި އަނިޔާގެ ސިލްސިލާއަކަށްފަހު އެ ސަރަހައްދުން ޔަހޫދީން ބޭރުކޮށްލިއެވެ. ޔަހޫދީން ދުނިޔޭގެ އެތަން މިތަނަށް ފެތުރިގެން ދިޔަ ދަނޑިވަޅުގައި ޖެރޫސަލަމާއި އެ ޝަހަރުގެ ވަށައިގެން ހުރި ބިންތައް ދިޔައީ މަޑުމަޑުން ފަޅުވަމުންނެވެ.

ނަމަވެސް ރޯމްގެ އެމްޕެރަރ ކޮންސްޓަންޓީން ދަ ގްރޭޓް ގެ ރަސްކަމުގެ ދުވަސްވަރު ރޯމަނުން ކްރިސްޓިއަން ދީން ޤަބޫލު ކުރުމަށްފަހު އަނެއްކާވެސް ޖެރޫސަލަމަށް ދެވޭ އަހައްމިއްޔަތު އިތުރުވެގެން ދިޔައެވެ. ރޯމަން ކްރިސްޓިއަނުން ޖެރޫސަލަމުގައި ފައްޅިތައް ބިނާކުރިއެވެ. އެ ސަރަޙައްދުގައި ޔަހޫދީން އުޅުން މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެވުނެވެ. މީލާދީން ހަތްވަނަ ޤަރުނާއި ހަމަޔަށް ޖެރޫސަލަމް އޮތީ ރޯމަން (ބައިޒެންޓައިން) ސަރަޙައްދެއްގެ ގޮތުގައެވެ.

މީލާދީން 637 ވަނަ އަހަރު ވެގެން ދިޔައީ ފަލަސްޠީނުގެ ތާރީޚުގައި ވަރަށް މުހިއްމު ދަނޑިވަޅެއް އައި އަހަރެއް ކަމުގައެވެ. އެއަހަރު އިސްލާމީ ޚިލާފަތުގެ ލަޝްކަރު ފަލަސްޠީނު ފަތަޙަކުރިއެވެ. މިއީ ފަލަސްޠީނުގެ ތާރީޚުގައި ޞުލްޙައާއި އަމާންކަމުގެ ދައުރުގެ ފެށުމެވެ. ޤަރުނުތަކެއްގެ ހަނގުރާމަތަކާއި ތަޅާފޮޅުމާއި ފޭރިކެއުމާއި ޤަތުލުޢާއްމުތަކަށް ފަހުގައެވެ. އަނިޔާއާއި ގަދަބަދަވިކަމުގެ ދައުރުތައް ދައުރަކަށްފަހު ދައުރެއް ތަޖުރިބާ ކުރަމުން ގެންދިޔުމަށް ފަހުގައެވެ. "އިސްލާމް" އައުމަކީ ފަލަސްޠީނުގެ ބިމުގައި އެކި ދީންތަކުގެ މީހުންނަށް ޞުލްޙައާއި އަމަން އަމާންކަމުގައި އުޅެވުނު ދައުރެއްގެ ފާތިޙާއެވެ.

ފަލަސްޠީނު ފަތަޙަކުރެއްވީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބު ރަޟިޔަﷲ ޢަންހެވެ. ޖެރޫސަލަމް ފަތަޙަ ކުރައްވައި އެ ޝަހަރަށް ވަދެވަޑައިގަތުމުގައި އެކިއެކި ދީންތަކުގެ މީހުންނާއިމެދު ޢުމަރުގެފާނު ދެއްކެވި ޤަބޫލުކުރަންވެސް ދަތިވާފަދަ ހިތްޕުޅުހެޔޮކަމާއި، ތަހުޒީބީ ރިވެތި ޚުލްޤުފުޅަކީ މުސްލިމުންގެ ވެރިކަމުގެ ރިވެތިވެ ފުރިހަމަވެގެންވާ ދައުރުގެ ތަމްހީދެވެ. ކަރެން އާރމްސްޓްރޯންގް އެކަމަނާގެ ފޮތެއް ކަމުގައިވާ "ހޯލީ ވޯރ" ގައި ޢުމަރުގެފާނު ޤުދުސް ފަތަޙަކުރެއްވި ކުރެއްވުން ސިފަކުރައްވަމުން ވިދާޅުވެފައި ވެއެވެ.

"ޚަލީފާ ޢުމަރު ޖެރޫސަލަމަށް ވަދެވަޑައިގަތީ ހުދުކުލައިގެ ޖަމަލެއްގެ މަތީގައި އިންނަވައިގެންނެވެ. ޝަހަރުގެ ކްރިސްޓިއަން ވެރިޔާ، ޔޫނާނީ ފާދިރީ ސޮފްރޯނިއަސް ގެ އަރިއަހުގައެވެ.

ޚަލީފާ އެންމެ ފުރަތަމައިނުންވެސް އެދިވަޑައިގަތީ ޓެމްޕަލް މައުންޓްގެ ސަރަޙައްދަށް ވަޑައިގަތުމަށެވެ. އެތަނަށް އެކަލޭގެފާނު ގެންދެވުމުން އެކަލޭގެފާނުގެ ސާހިބާ މުޙައްމަދުގެފާނުގެ އިސްރާގެ ދަތުރުފުޅުގެ މަޤާމުގައި ނަމާދުފުޅު ކުރެއްވިއެވެ.

ފާދިރީ ހުންނެވީ ބިރުފުޅުންނެވެ. ދެން ވާނެ ގޮތެއްގެ އިންތިޒާރުގައި ބައްލަވަ ބައްލަވައެވެ. އޭނާ ހީފުޅު ކުރައްވައިގެން ހުންނެވީ މިހާރު އައިސްގެން މިއުޅޭ މެހުމާނަކީ ޖެރޫސަލަމްގެ ފައްޅިއަށް ވަންނާނެ ކަމަށް ބައިބަލުގައި ދާނިއާލް ނަބީކަލޭގެފާނު ޚަބަރު ކުރައްވާފައި ވާ އަނިޔާއާއި ހަލާކުގެ އަތް ކަމުގައެވެ. ފަހު ޒަމާނުގައި ފައުޅު ވާނޭ ކަމަށް ޚަބަރު ކުރެވިފައި ވާ މަސީޙުއްދައްޖާލު ކަމުގައެވެ.

ކޮންމެއަކަސް، ނަމާދުފުޅަށް ފަހު ޢުމަރުގެފާނު އެދިވަޑައިގަތީ ކްރިސްޓިއަނުންގެ މުޤައްދަސް ތަންތަން ބައްލަވައިލެއްވުމަށެވެ. މުސްލިމުންގެ ނަމާދުގެ ވަގުތު ޖެހުނީ ޖެރޫސަލަމުގައި ހުންނަ ކްރިސްޓިއަނުންގެ އެންމެ މުހިއްމު ބިނާ ކަމަށް ވާ، މުޤައްދަސް މަޤުބަރާގެ ފައްޅި، ނުވަތަ ޗާރޗް އޮފް ރިޒަރެކްޝަން، ނުވަތަ ޗާރޗް އޮފް ދަ ހޯލީ ސެޕަލްކަރގެ ތެރޭގައި އެކަލޭގެފާނު ހުންނަވަނިކޮށެވެ. އިސް ފާދިރީ ވަރަށް އަދަބުވެރިކަމާ އެކު ފައްޅީގެ ތެރޭގައި ނަމާދުފުޅު ކުރެއްވުމަށް ޢުމަރުގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ނަމަވެސް ޢުމަރުގެފާނު ހަމަ އެހައި ހިތްޕުޅުތިރިކަމާ އެކު އެކަމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު އިސް ފާދިރީގެ އަރިއަހުގައި ވިދާޅުވީ ފައްޅީގެ ތެރޭގައި އެކަލޭގެފާނު ނަމާދުފުޅު ކުރައްވައިފި ނަމަ މުސްލިމުން އެކަން ފާހަގަ ކުރުމަށްޓަކައި އެ ތަނުގައި މިސްކިތެއް އަޅަން އުޅެފާނެ ކަމުގައެވެ. އެހެން ވެއްޖެ ނަމަ ފައްޅި ތަޅާލެވޭތަން އަތުވެދާނެ ކަމުގައެވެ. މިހެން ވިދާޅުވެފައި ޢުމަރުގެފާނު ނަމާދުފުޅު ކުރެއްވީ ފައްޅިއާއި ތަންކޮޅެއް ދުރުގައި އޮތް މައިދާނެއްގައެވެ. އެކަލޭގެފާނު ލަފާފުޅު ކުރައްވާފައިވާ ފަދައިން މި މަޤާމުގައި މިހާރު އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވެގެން ވާ މިސްކިތެއް ވަނީ ބިނާކުރެވިފައެވެ.

ޢުމަރުގެފާނު ބިނާކުރެއްވި އަނެއް މިސްކިތްކޮޅަކީ މުސްލިމުންގެ ފަތަޙައިގެ ރަމްޒެއްގެ ގޮތުގައި ޓެމްޕަލް މައުންޓްގެ ސަރަޙައްދުގައި މަސްޖިދުލް އަޤްޞާއާ އެކު ބިނާކުރެއްވި މިސްކިތްކޮޅެކެވެ. މަސްޖިދުލް އަޤްޞާއަކީ މުޙައްމަދުގެފާނުގެ އިސްރާގެ ޒިކުރާގައި ބިނާކުރެވިފައި ވާ މިސްކިތްކޮޅެކެވެ. ކުރީން ޔަހޫދީންގެ ފައްޅިއެއް ހުރި މި ސަރަޙައްދު އެތައް އަހަރަކުއްސުރެ ކްރިސްޓިއަނުން ބޭނުންކުރަމުން އައީ ކުނިއަޅާ ގޮނޑެއްގެ ގޮތުގައެވެ. ޚަލީފާ އެކަލޭގެފާނުގެ އެކުވެރީންނާއިއެކު، ޚުދު އެކަލޭގެފާނުގެ އަތްޕުޅުން މަސައްކަތްޕުޅު ކުރައްވައި އެބިން ސާފުކުރެއްވިއެވެ. އަދި މުސްލިމުންގެ ތިންވަނަ ޙަރަމް ކަމުގައި ހިމެނޭ ބިމުގައި ޢިމާރާތް ކުރެވުނު ދެ މިސްކިތް ބިނާ ކުރެވުނީ އެ ސަރަހައްދުގައެވެ."

ކުރުގޮތަކަށް ދަންނަވާނަމަ މުސްލިމުން މުޅި ފަލަސްޠީނަށާއި ޤުދުސްއަށް "ތަހުޒީބާއި ޙަޟާރަތްތެރިކަން" ގެނެސްދިނެވެ. އެ މަތިވެރި ޝަހަރަށް ދާއޫދު ނަބީ ކަލޭގެފާނާއި އެކަލޭގެފާނުގެ މަތިވެރި ދަރިކަލުންގެ ދައުރަށް ފަހު، އެހެން އެއްވެސް ބަޔަކު ނުދޭ ލޯބި މުސްލިމުން ދިނެވެ. އެހެން މީސްތަކުންގެ މުޤައްދަސް އަގުތަކަށް ޙުރުމަތެއް ނުބަހައްޓާ ބަރުބަރީ ޢަޤީދާތަކުގެ ބާރު އެތަނުން ނެތިކޮށްލީ މުސްލިމުންނެވެ. ހަމައެކަނި ޢަޤީދީ ތަފާތުތަކަށް ޓަކައި އިންސާނުންގެ ފުރާނަ ދުއްވާލުމުގެ ނިޒާމު އެތަނުން ބޭރުކޮށްލީ މުސްލިމުންނެވެ. އިސްލާމް ދީނުގެ އިންޞާފުވެރި، މުތަސާމިޙް ޘަގާފަތުގެ ދިދަ އެ ބިމުގައި ޖެހީ މުސްލިމުންނެވެ. އެހެންކަމުން ޚަލީފާ ޢުމަރުގެފާނުގެ ފަތަޙައަށްފަހު މުސްލިމުންނާއި ކްރިސްޓިއަނުންނާއި ޔަހޫދީން ފަލަސްޠީނުގައި ދިރިއުޅެމުން ގެންދިޔައީ އުފާފާގަތިކަމާއި ޞުލްޙަމަސަލަސްކަމާ އެކުގައެވެ. އެހެން މީހުން އިސްލާމް ދީނަށް ވެއްދުމަށްޓަކައި މުސްލިމުން ދުވަހަކުވެސް ބާރުގެ ބޭނުމެއް ނުކުރެއެވެ. އިސްލާމް ދީނަށް ވަންނަ ބަޔަކު އެ ފިޔަވަޅު އަޅަނީ އަމިއްލަ އިޚްތިޔާރުގައެވެ.

ޤުދުސް ފަތަޙަ ކުރައްވާފައި، އެ ޝަހަރުގެ އަހުލުވެރީންނަށް ޚަލީފާ ޢުމަރު ރަޟިޔަﷲ ޢަންހު ދެއްވި އަމާންކަމުގެ ފަތްކޮޅުގެ ތަރުޖަމާއެއް މި ތާނގައި ނަކަލު ކޮށްލަމެވެ. މަޞްދަރަކީ އިމާމް އައްޠަބަރީގެ "ތާރީޚުލް އުމަމް ވަލް މުލޫކް" ގެ ތިންވަނަ ޖިލްދެވެ.  ފަތްކޮޅުގައި ވެއެވެ.

"ރަޙުމާނުވަންތަ، ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.

މި ފަތަކީ ﷲ ގެ އަޅު، އަމީރުލް މުއުމިނީން ޢުމަރުގެ ފަރާތުން އީލިޔާ (އީލިޔާއަކީ އެއިރު ޤުދުސަށް ޢާއްމުކޮށް ކިޔައި އުޅުނު ނަމެވެ) ގެ އަހުލުވެރީންނަށް ދެވޭ އަމާންކަމާއި ރައްކާތެރިކަމުގެ ގަރަންޓީއެކެވެ. މި ފަތުގެ ޒަރީޢާއިން، އީލިޔާގެ އަހުލުވެރީންގެ ފުރާނަތަކާއި، އެބައިމީހުންގެ މުދަލާއި، އެބައިމީހުންގެ ފައްޅިތަކަށާއި، އެބައިމީހުންގެ ޞަލީބުތަކަށް ރައްކާތެރިކަން ލިބިދެވެއެވެ. އެބައިމީހުންގެ ދީނީ މުޖުތަމަޢާއި، އެބައިމީހުން ކުރެ ބަލިވެ ތިބި މީހުންނާއި ގަދަވެ ތިބި މީހުން ވެސް ޝާމިލުވާ ގޮތުންނެވެ.

ފަހެ، އެބައިމީހުންގެ ފައްޅިތަކަށް އެއްވެސް މީހަކު ވަދެ އެތަންތަނަށް ބާރު ފޯރުވައި، އެތަންތަން އެމީހުންގެ އަތުން އަތުލައި ހަދައިގެން ނުވާނެއެވެ. އެ ތަންތަން، އަދި އެ ތަންތަނުން ބައެއް ނުވަތަ މިންވަރެއް ވިޔަސް އެމީހުންގެ އަތުން އަތުލައި، ނުވަތަ ހަލާކުކޮށް ހަދައިގެން ނުވާނެއެވެ. އެބައިމީހުންގެ އެއްވެސް މުދަލެއް، އަދި ޞަލީބެއް އެބައިމީހުންގެ ކިބައިން އަތުލައިނުގަނެވޭ ހުއްޓެވެ. އެބައިމީހުންގެ ދީނާ ގުޅުން ހުރި ކަންތައްތަކުގައި އެބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް މަޖުބޫރުކަމެއް ނުދެއްކޭ ހުއްޓެވެ. އަދި އެބައިމީހުންގެ ތެރެއިން އެކަކަށް ވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުދެވޭ ހުއްޓެވެ.

ޤަރުޔާތަކުގެ އަހުލުވެރީންނެކޭ އެއްފަދައިން އީލިޔާގެ އަހުލުވެރީން ވެސް ދައުލަތަށް ޖިޒީ ދެއްކުން ހުއްޓެވެ.

އީލިޔާގެ އަހުލުވެރީން ކުރެ ޝަހަރުން ނިކުމެއްޖެ ކޮންމެ މީހަކަށް، އޭނާ ދާން ބޭނުންވާ ރައްކާތެރި މަންޒިލަކަށް ދެވިއްޖައުމަށް ދާންދެން ރައްކާތެރިކަމާއި ސަލާމަތްކަން ފޯރުކޮށްދެވޭ ހުއްޓެވެ. އަދި އެމީހުން ކުރެ ޝަހަރުގައި ޤާއިމުވެ ހުރެއްޖެ ކޮންމެ މީހަކަށް ވެސް ސަލާމަތާއި ރައްކާތެރިކަން ހުއްޓެވެ. އަދި ޤާއިމު ވެ ހުރެއްޖެ މީހާ، ޝަހަރުގެ އަހުލުވެރީންނެކޭ އެއްފަދައިން ޖިޒީ ދެއްކުން ހުއްޓެވެ. 

އީލިޔާގެ އަހުލުވެރީންގެ ތެރެއިން، އެމީހެއްގެ މުދާ ހިފައިގެން، އެބައިމީހުންގެ ފައްޅިތަކާއި ޞަލީބުތައް ދޫކޮށްލާފައި ރޫމީންނާ އެކު އެހެން ތަނަކަށް ދާން އެދޭ މީހާއަށް، އޭނާގެ ފުރާނަޔާއި މުދާތަކާއި ފައްޅިތަކާއި ޞަލީބުތަކާ ގުޅިގެން ބޭނުންވާ ހުރިހާ ރައްކާތެރިކަމަކާއި އަމާންކަމެއް، އޭނާ ދާން ބޭނުންވާ މަންޒިލަކަށް ރައްކާތެރިކަމާ އެކު ދެވިއްޖައުމަށް ދާންދެން، ފޯރުކޮށްދެވޭ ހުއްޓެވެ.

އެބައިމީހުންގެ ތެރެއިން ޝަހަރުގައި ޤާއިމުވެ ހުރެއްޖެ މީހަކު ނަމަ، އީލިޔާގެ އެންމެހައި އަހުލުވެރީންނޭ އެއްފަދައިން ޖިޒީ ދައްކަން ޖެހޭނެއެވެ. ރޯމަނުންނާ އެކު ދާން އެދޭ މީހަކަށް އެ މިނިވަންކަން އޮންނާނެއެވެ. އަދި އެނބުރި ތިމާމެންގެ އަހުލުވެރީންގެ ގާތަށް އަންނަން އެދޭ މީހަކަށް އެ މިނިވަންކަން ވެސް އޮންނާނެއެވެ.

އީލިޔާގެ އަހުލުވެރީންގެ ދަނޑުތަކުގައި ގޮވާން ފައްކާވެ، ކެނޑުމުގެ ކުރީން އެބައިމީހުންގެ އަތުން އެއްވެސް އެއްޗެއް އަތުލެވިގެން ނުވާނެއެވެ.

އީލިޔާގެ އަހުލުވެރީން އެބައިމީހުންގެ މައްޗަށް ކަނޑައެޅިފައި ވާ ޖިޒީ ދައްކަމުން ގެންދާހައި ހިނދަކު، މި ފަތުގައި އެބައިމީހުންނަށް ދެވިފައިވާ ރައްކާތެރިކަމާއި އަމާންކަމާއި ޙައްޤުތަކާ މެދު ﷲ އާއި އެކަލާނގެ ރަސޫލާއާއި، ޚަލީފާއާއި މުއުމިނުންގެ ފަރާތުން ޔަޤީންކަން ލިބިދެވެއެވެ.
މި ފަތާ މެދު ހެކި ވީ، ޚާލިދު ބުނުލް ވަލީދާއި، ޢަބްދުއްރަޙްމާން ބިން ޢައުފާއި، ޢަމްރު ބުނުލް ޢާޞާއި، އަދި މުޢާވިޔާ ބިން އަބީ ސުފްޔާނެވެ. މި ފަތް އެކުލަވައިލެވުނީ ހިޖުރައިން 15 ވަނަ އަހަރުއެވެ."

މިއީ މުސްލިމުންގެ ޚަލީފާ، ޤުދުސްގެ ކްރިސްޓިއަނުންނަށް ދެއްވި ފަތްކޮޅެވެ. ކްރިސްޓިއަނުންގެ ޙައްޤުތަކާއި މިނިވަންކަމުގެ ގަރަންޓީއެއްގެ ގޮތުގައި ދެއްވި ފަތްކޮޅެވެ. މިފަދަ ރައްކާތެރިކަމަކާއި އަމާންކަމެއް އެއްވެސް އިރެއްގައި ކްރިސްޓިއަނުންގެ ފަރާތުން މުސްލިމުންނަށް ލިބިފައި ވޭ ބާވައެވެ!

ޢުމަރުގެފާނަށްފަހު


ޢުމަރު ރަޟިޔައްﷲ ޢަންހު އަވަހާރަވުމަށް ފަހުގައިވެސް މުސްލިމް ވެރީން ގެންދެވީ އެކަލޭގެފާނު ޤުދުސްގެ އަހުލުވެރީންނަށް ދެއްވާފައިވާ އަމާންކަމުގެ މުޢާހަދާއަށް ކަމޭހިއްތަވަމުންނެވެ. ކޮންމެ މުސްލިމް ވެރިޔެއް ވެސް ކްރިސްޓިއަން ޙައްޖާޖީންނަށް ކަމޭހިއްތަވައި އެމީހުންގެ ރައްކާތެރިކަމަށް ޓަކައި އެކަށީގެން ވާ ފިޔަވަޅު އެޅުއްވިއެވެ. ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު މަޝްހޫރު ޚަލީފާ ހާރޫނުއްރަޝީދު، އެ ދުވަސްވަރު ޔޫރަޕުގެ ކްރިސްޓިއަން ފަރަންސޭސި ރަސްގެފާނު ޝާރްލްމޭންގެ އެދިވަޑައިގަތުމަށް ޤުދުސްގައި ކްރިސްޓިއަން ޙައްޖާޖީންނަށް ޚާއްސަ މުސާފިރުޚާނާއެއް ހެދޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ. އަދި އެތަނަކީ ކްރިސްޓިއަނުން އައިސް ތިބޭ ތިބުމުގައި އެމީހުންނަށް ރައްކާތެރިކަމާ އެކުގައި ތިބެވޭނޭ ތަނަކަށް ހެއްދެވުމަށް ޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އަދި ޤުދުސްގައި ހުންނަ ކްރިސްޓިއަނުންގެ މުޤައްދަސް ތަންތަނުގެ ހުރިހާ ކަމެއް ޝާރްލްމާނާއި، ރޯމުގެ ނުވަތަ ވެޓިކަންގެ ބޮޑު ފައްޅިއާ ޙަވާލު ކުރެއްވިއެވެ. މަޖުބޫރެއް އޮވެގެނެއް ނޫނެވެ. ހަމަ ހިތްހެޔޮކަމާއި، މުތަސާމިޙާއި، އޯގާވެރިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ކްރިސްޓިއަން މުއައްރިޚުން ވެސް ވަނީ މި ޙަޤީޤަތްތަކަށް އިޢުތިރާފު ވެވަޑައިގެންފައެވެ. ކްރިސްޓިއަނުންގެ ތާރީޚާ ބެހޭގޮތުން ރޯމަން ކެތަލިކް  މުޞައްނިފުން އެކުލަވާލާފައިވާ އެންމެ މުހިއްމު އެއް ފޮތް ކަމުގައިވާ ކެތަލިކް އެންސައިކްލޮޕީޑިއާގައި "ކްރުސޭޑްސް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމުގައި ވެއެވެ.

"30 ނޮވެމްބަރު 800 މ. ގައި، ރޯމްގައި ޕޯޕް ލިއޯ ތިންވަނަ، ޝާރްލްމޭންއަށް (ހޯލީ ރޯމަން އެމްޕެރަރކަމުގެ) ބާރުތައް ދެއްވި ދުވަހު ހާރޫނުއް ރަޝީދުގެ ފަރާތްޕުޅުން ސަފީރުންތަކެއް އަތުވެއްޖެއެވެ. އެބައިމީހުން ފަރަންސޭސީންގެ ރަސްގެފާނު ޝާރްލްމޭންގެ އަތްޕުޅަށް މުޤައްދަސް މަޤުބަރާގެ ތަޅުދަނޑިފުޅާއި ޖެރޫސަލަމްގެ ދިދަކޮޅާއި އަދި ބައެއް އަގުހުރި ޒަޚީރާތައް އެރުވިއެވެ. މިއީ ޖެރޫސަލަމްގެ ކްރިސްޓިއަނުންގެ މައްޗަށް ފަރަންސޭސި މުލޫކިއްޔާގެ ޙިމާޔަތް އޮތްކަން ރަސްމީގޮތުން ޤަބޫލުފުޅު ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެކެވެ. 808 މ. ހިސާބުގައި ޖެރޫސަލަމުގައި ބިނާކުރެވިފައިހުރި ފައްޅިތަކާއި އަޅުކަންކުރާ ތަންތަނަށް ބަލައިލުމުން އެތަންތަނަކީ ޝާރްލްމޭންގެ މަސައްކަތްޕުޅުކަން ދޭހަވެއެވެ. 870 މ. ގައި ބާރނާރޑް ދަ މޮންކް ޖެރޫސަލަމަށް ދިޔައިރުވެސް މި ތަންތަނުގައި ވަނީ ފުދުންތެރިކަމާއި އުފާފާގަތިކަމެވެ. ..."

މި ލިޔުމުން ވަރަށް ގިނަ ޙަޤީޤަތްތަކަކަށް އިޝާރާތް ކުރެއެވެ. އެންމެ ފުރަތަމަ ކަމަކަށް މުސްލިމުން ކްރިސްޓިއަނުންނާ މެދުގައި މުޢާމަލާތު ކުރަމުން ގެންދިޔައީ ދީނީ އެއްވެސް ޙަސަދައެއް ރުޅިވެރިކަމެއް ނެތި ސާފު ހިތަކާއި އޯގާވެރިކަމާ އެކުގައި ކަމެވެ. ތާރީޚުގެ އެއްވެސް އަހުލުވެރިޔަކަށް އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން ހާރޫނުއް ރަޝީދުގެ ޒަމާނުގައި ޢައްބާސީ ދައުލަތަކީ ޢިލްމާއި ފަންނާއި މުއްސަނދިކަމާއި އާރާއި ބާރުގެ ގޮތުން ބަލާއިރު ދުނިޔޭގެ ކުރިބޯށްޓެވެ. ބާރާއި މުއްސަނދިކަމާއި ވެރިކަމުގެ ދާއިރާގެ ތަނަވަސްކަމަށް ބަލާ އިރު، ހާރޫނުއްރަޝީދަކީ ދުނިޔެ ދެކެފައިވާ އެންމެ ވަރުގަދަ، އެންމެ މަތިވެރި ޝަހެންޝާހެވެ. އެހެންކަމުން ޤުދުސްއަށް ކްރިސްޓިއަނުން ވަނުން މަނާ ކުރުމުގެ ބާރުވެސް މުސްލިމުންނަށް އޮތެވެ. މި ބާރުގެ ބޭނުން ކޮށްގެން މުސްލިމުން ކްރިސްޓިއަނުންގެ ކުރިމަތީގައި ފަލަސްޠީނުގެ ދޮރު ބަންދު ކުރި ނަމަވެސް އެބައިމީހުންނަށް ބަދަލުގައި އެއްވެސް ކަމެއް ކުރާހައި ބާރެއް އެއިރަކު ލިބިފައެއް ނެތެވެ. ނަމަވެސް މުސްލިމުން ހަމައެކަނި ޤުދުސްގެ ކަންތައް ބެލެހެއްޓުމުގެ މަގު އެބައިމީހުންނަށް މަގުފަހިކޮށްދިނީއެއް ނޫނެވެ. އަދި ކީއްތޯއެވެ. ޚުދު ޚަލީފާގެ ސަފީރުން އެތައްސަތޭކަ މޭލެއް ކަޑައްތު ކުރައްވައި ޔޫރަޕަށް ވަޑައިގެން ޤުދުސްގެ ކްރިސްޓިއަނުންގެ ދިދައާއި މުޤައްދަސް މަޤުބަރާގެ ފައްޅީގެ ތަޅުދަނޑިއާއި، އެހެނިހެން އެތައް ހަދިޔާއެއް ދެއްވީއެވެ. މިފަދަ ހިތްހެޔޮކަމަކާ އެކުގައި އަދިއަދަށް ދާންދެންވެސް ކްރިސްޓިއަނުން މުސްލިމުންނާއި މެދުގައި ޢަމަލުކޮށްފައެއް ނުވެއެވެ.
ކެތަލިކް އެންސައިކްލޮޕީޑީއާގައި މަތީގައިވާ ޢިބާރާތްތަކާއި ގުޅުވައިގެން އަދިވެސް ލިޔެފައި ވެއެވެ.

"ދިހަވަނަ ޤަރުނުގައި ޔޫރަޕުގައި ހަމަނުޖެހުންތައް ޢާއްމުވެ ތަޅާފޮޅުމާއި ލޭއޮހޮރުވުންތައް ގިނަވެގެން ދިޔަ ދުވަސްވަރު ވެސް ފާދިރީންނާއި ބަހާދަރުންނާއި ރާހިބުންނާއި އެހެނިހެން މީހުން ދީނީ އަޅުކަމުގެ މަޤުޞަދުގައްޔާއި އަދި ދުނިޔެ ބަލައިލުމުގެ މަޤުޞަދުގައި ޖެރޫސަލަމަށް ގޮސް އުޅުނެވެ. މުސްލިމުންގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވުމަކާ ނުލައެވެ. ދެން، ކުއްލިޔަކަށް، 1009 މ. ގައި މިޞުރުގެ ފާޠިމީ ޚަލީފާ ޙާކިމް މުޤައްދަސް މަޤުބަރާ ތަޅައިލުމުގެ އަމުރު އިއްވަވައި ޖެރޫސަލަމްގެ ހުރިހާ ކްރިސްޓިއަނުން ޝަހަރުން ބޭރުވުމަށް އަމުރު ކުރެއްވިއެވެ. އޭގެފަހުން އަހަރުތަކެއް ވަންދެން ކްރިސްޓިއަނުންނަށް އޭނާ ވަރަށް ބޮޑަށް އަނިޔާކުރެއްވިއެވެ. 1027 މ. ގައި ޖެރޫސަލަމްގެ މައްޗަށް އޮތް ފަރަންސޭސީންގެ ޙިމާޔަތް އުވާލެވި، ޝަހަރުގެ ކްރިސްޓިއަނުންގެ ކަންތައްތައް ބެލެހެއްޓުން ބައިޒެންޓައިން ދައުލަތާ ޙަވާލުވިއެވެ. މުޤައްދަސް މަޤުބަރާ އަލުން ބިނާކުރެވުނީ ބައިޒެންޓައިން ދައުލަތުގެ ފަރާތުން ކުރި މަސައްކަތުގެ ސަބަބުންނެވެ."

މި ލިޔުމުން ސާބިތުވާ ގޮތުގައި 1009 މ. އާއި ހަމަޔަށްވެސް މުސްލިމުންގެ ފަރާތުން ކްރިސްޓިއަނުންނަށް ލިބެމުން ދިޔައީ މެހުމާންދާރީއެވެ. މުސްލިމުންގެ ފަރާތުން ޤުދުސްގެ ކްރިސްޓިއަނުންނަށް އަނިޔާތަކެއް ލިބިފައި ވަނީ މީލާދީން 1009 ވަނަ އަހަރުގެ ފަހުންނެވެ. މާނައަކީ، ޢުމަރު ރަޟިޔަﷲ ޢަންހު، މީލާދީން 637 ވަނަ އަހަރު ޤުދުސް ފަތަޙަ ކުރެއްވީއްސުރެ މީލާދީން 1009 ވަނަ އަހަރާ ހަމަޔަށް، އާދެ 372 އަހަރު ވަންދެން މުސްލިމުން ކްރިސްޓިއަނުންނާ މެދު ކަންތައް ކުރީ ނުހަނު އޯގާވެރިކަމާއި އެކުވެރިކަމާ އެކުގައެވެ. އެހެންވިއްޔާ މީލާދީން 1009 ވަނަ އަހަރު ކްރިސްޓިއަނުންގެ މައްޗަށް މުސްލިމުންގެ ފަރާތުން އަނިޔާވެރިކަމުގެ ދައުރެއް ކުރިމަތިވުމުގެ ސަބަބަކީ ކޮބައި ބާވައެވެ!
------------
(ނުނިމޭ)

ނޯޓު: މިއީ ފާއިތުވި (1432ވަނަ އަހަރުގެ) ރަމަޟާންމަހު، ސަން. އެފް. އެމުން ގެނެސްދެއްވައިފައިވާ ސިލްސިލާ ޕްރޮގްރާމުތަކެއްގައި ހުށަހެޅުމަށް އެކުލަވައިލައި، ސަން. އެފް. އެމް މެދުވެރިކޮށް ދުރަށްފޮނުވިފައިވާ ލިޔުމެކެވެ.

މި ލިޔުން:

      ފޮނުވުން:              އަލްއުސްތާޛު އަޙްމަދު މާޖިދު
      އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

ވާހަކަ