އަދުގެ ޚާއްސަ

Print

ބަރުބާދުވީ ޙަޔާތް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ނާފިޢު, ބ.ދަރަވަންދޫ  

އައްޑު އަތޮޅު ހިތަދޫ / ބަރުބާދުގޭ އަލީ ސަލީމް (އަސްލު ނަމެއް ނޫން) އާއި އެރަށު / ބަރޯސާގޭ ހުސްނާ ޢުމަރާއި (އަސްލު ނަމެއްނޫން) ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ވީއިރު އެދެމަފިރިންނަށް 3 ކުދިން ވަނީ ލިބިފައެވެ. އެތިން ކުދިންގެ ތެރޭގައި ޢުމުރުން 10 އަހަރުގައި ބާލިޣުވެ ފުރާ ފުރިހަމަވެފައިވާ ޒުވާން ރީތި އަންހެން ކުއްޖަކު ހުރެއެވެ. އޭނާގެ ނަމަކީ ސާރާ އަލީ (އަސްލު ނަމެއް ނޫން) އެވެ. ސާރާ އަކީ އެދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅުވެސް މެއެވެ. މި ތިން ކުދިންގެ އިތުރުން މިގޭގައި އިތުރު މީހަކު އުޅެމުން ގެންދެއެވެ. އެ މީހަކީ މާލެއަށް ނިސްބަތްވާ ހ.ދިލްކޮށާގޭ ފަރުހާދު މޫސާ (އަސްލު ނަމެއް ނޫން) އެވެ. ހުސްނާ، ސާރާ ވިހައިގެން ހަތަރު ވަނަ އަށް ވީ ދުވަހުން ފެށިގެން ފަރުހާދު އެ ގެއަށް ގޮސް އުޅެއެވެ.  ފަރުހާދު ހުސްނާ މެންނާ ރައްޓެހިކަމުގެ ގުޅުން އުފެދުނު ފަހުން އޭނާ ސ.ހިތަދުއަށް ހިނގައްޖެ ނަމަ ހުންނަނީ ވެސް ހުސްނާމެން ގޭގައެވެ.

ދުވަހަކަށްވުރެ ދުވަހެއް، މަސްތަކަކަށްފަހު އަހަރުތަކެއް ވޭތުވަމުން ދެއެވެ. ސާރާ އަންނަނީ ބޮޑުވަމުންނެވެ. އޭނާގެ ޢުމުރުން މިހާރު 15 އަހަރު ފުރިއްޖެއެވެ. ޅަޢުމުރުގައި ބާލިޣުވެ ފުރާ ފުރިހަމަ ޒުވާނަކަށް ވުމުން އޭނާގެ ރީތިކަމަށް  މިހާރުވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށި ގަނޑެކެވެ. ބުރުސޫރަ ރީތި ފަން އިސްތަށި ގަނޑެކެވެ. ވަޔާ ވިހުރިލާއިރު ހީވަނީ ސާލެއް ފަތުރާލާފައި އޮންނަ ހެންނެވެ. ނަމަވެސް ސާރާގެ ހިތުގައި ނުތަނަވަސް ކަމެއް ވަނީ ފެތުރިފައެވެ. ހަތަރުކަޅި ހަމަކޮށް ފިރިހެނަކަށް ބަލައިވެސް  ނުލައެވެ. ހީވަނީ މުޅި އުމުރަށް ފިރިހެނުން މަތިން ފޫހިވެފައިވާ ހެންނެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ބާވައެވެ. ނޫންނަމަ.... ދެން ކޮން ކަމެއް ބާވައެވެ. ރަށުގެ ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ޝާހީ ދެލޮލެވެ. ނަމަވެސް ހިތާމައަކީ ކޮބައިހެއްޔެވެ؟ ދުނިޔެ މަތިން ފޫހިވަނީ ބާވައެވެ. ސާޒް(އަސްލު ނަމެއް ނޫން) އަކީވެސް ރަށުގައި ގަދަރު ހުރި ޢުމުރުން 20 އަހަރުގެ ފުރައި ފުރިހަމަ ވެފައިވާ ރީތި ޒުވާނެކެވެ. ސާރާގެ ލޯތްބަށްޓަކައި އެންމެ ކުޑައިރުއްސުރެވެސް ފެންބޮވައިގެންފައިވާ ޒުވާނެކެވެ. 'އެކަމަކު.... ކީއްވެބާ ސާރާ އަހަރެން ދެކެ ރުޅި އަންނަންވީ... އެންމެ ކުޑަ ދުވަހުވެސް ބަތް ކައްކާ ކުޅެން އުޅުނީވެސް އަހަރެންނާއެކު... ކިޔަވަން މާލެ ދިޔަނަމަވެސް ސާރާއަކީ ރަށުގައި އުޅުނު ދުވަސްވަރު ސާޒްގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް މިހާރު ބަލާވެސް ނުލަނީ ކީއްވެބާއޭ' ސާޒްގެ ހިތަށް އަރަމުންދެއެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެކެވެ. އިރު ފެނުން ތޮޅެލީ ވަގުތެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ގަހެއްގެ ނިވަލުގައި ސާރާ ވަރަށް ފިކުރު ބޮޑުވެފައި އިންދައި ސާޒަށް ފެނިއްޖެއެވެ. ސާޒް ގޮސް ސާރާގެ ކައިރީގައި އިށީނދެއްޖެއެވެ. އެވަގުތު ކަތި ނަޒަރަކުން ވަރަށް ދެރަވެފައި ސާޒާ ދިމާއަށް ބަލައިލިއެވެ. "ދުރަށްދޭ.. ދުރަށްދޭ..." ސާރާ ވަރަށް ބިރު ގަތެވެ. ބިރުން ހުރެ ވަރަށް ބާރަށް ހަޅޭއް ލަވަން ފެށިއެވެ. ނަމަވެސް އެވަގުތު ސާޒް ފިޔަވައި އެއަޑު އަހާނެ އިތުރު މީހަކު އެތަނަކު ނެތެވެ. ސާޒް ވަރަށް މަޑުން ހުރެ ސާރާ އާ ސުވާލުކުރަން ފެށިއެވެ. އަދި ބުންޏެވެ. "..... ކީއްވެ ފިރިހެނުން ފެނުމުން ބިރު ގަންނަނީ..." އެވަގުތު ސާރާ ވާހަކައެއް ބުނަން ބޭނުންވި ހެން ސާޒް އަށް ހީވިއެވެ. އަދި ބުންޏެވެ. "ސާރާ ތި ބުނަން އުޅޭ ވާހަކައެއް ނިކަން އަހަރެންނަށް ބުނެދީބަލަ. އަހަރެން އިތުރު އެއްވެސް މީހަކަށް ނާންގާނަށް. އަހަރެންނަށް އިތުބާރުކުރޭ ސާރާ." ސާޒް މިހެން ދެތިން ފަހަރަކު މައެއްގެ ގާތުން ޅަދަރިއަކު ކިރުބޯން ރޯފަދަ ރާގަށް ތުން ތަޅަން ފެށުމުން ސާރާ ސާޒަށް އިތުބާރުކޮށްފައި ސާރާގެ ހިތުގެ އާދޭސްތައް ސާޒަށް ކިޔައިދޭން ފެށިއެވެ. ހަޔާތުގެ ޞަފުޙާތަކުން ޞަފްޙާއެއް އުކަން ފެށިއެވެ.

"އަޑު އަހާށެވެ. ފިރިހެނުންނަކީ ކޮންފަދަ ބައެއް ހެއްޔެވެ؟ އެމީހުންނަށް ދަރިންނާ މައިން ވަކިކުރަން ނޭގެނީ ބާވައެވެ؟ ވަރަށް ފާޑެއްގެ ބައެއް ދޯއެވެ؟ އެކަމަކު ހުރިހާ ފިރިހެނުންނެއް ނޫނެވެ. މަދު ބައެއްގެ ސަބަބުންނެވެ. އަހަރެން ވަރަށް ކުޑައިރުއްސުރެން ފެށިގެން އަހަރެންގެ ގޭގައި ފަރުހާދު ނަމަކަށްކިޔާ މާލޭ މީހަކު އުޅޭކަން އެނގޭ ނޫންހެއްޔެވެ؟ އަހަރެންގެ ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައި އޭނާ އެކިގޮތް ގޮތުން އަހަރެންނަށް ޖިންސީ ގޯނާތައް ކުރަމުންގެމްދެއެވެ. އަހަންނަށް އޭނާގެ ފަރާތުން އެފަދަ ގޯނާތައް ވާން ފެށީ އަހަރެންގެ ޙަޔާތުގެ ކިހާ ހިސާބަކުންކަން އަހަންނަށް ބުނެދޭކަށްވެސް ނޭނގެއެވެ. ހަނދާން ހުންނަން ފެށިފަހުން (ސްކޫލަށްދާން ނުފަށަނީސް) އޭނާ އަހަރެންގެ ލަދުވެތި ގުނަވަނުގައި ތަފާތު ވައްތަރު ވައްތަރުގެ ބޭސް އުގުޅައި އަހަރެންގެ ޖިންސީ ގުނަވަނާ ބެހި ހަދައެވެ. އަހަންނަށް މިހާރު ވިސްނޭގޮތުން އަހަންނަށް އޭނާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބެންފެށީ އަހަރެންގެ ޢުމުރުން ފިރުކެންފެށި ދައުރުގައެވެ. ސަބަބަކީ އަހަރެންގެ ޢުމުރުން އެންމެ 3 އަހަރުވެސް ނުވަނީސް އަހަރެންގެ އެ ގުނަވަނަށް މައްސަލަތަކެއް ދިމާވެގެން ޑޮކްޓަރަށް ދައްކަން ފެށިކަމަށް މަންމަމެން ބުނެފައިވެއެވެ. އޭރު އަހަރެންނަކީ އެއްވެސް ބާރެއް ނެތް ކުޑަކުއްޖެކެވެ. ކޮންމެ ފަދަ ކަމެއް ކުރިއަސް އަހަންނަކަށް އެކުރަނީ ރަނގަޅު ކަމެއްކަން ނުވަތަ ގޯސް ކަމެއް ކަންވެސް ބުނެދޭކަށެއް ނޭނގެއެވެ. މިފަދަ ރަޙުމު ކުޑަ ގޮތަކަށް ފަރުހާދު އަހަރެންނާ އޭރުއްސުރެ ބެހެމުން ގޮސްފައިވާއިރު ބެހި ހެދުމަށްފަހު އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް ބުނެ އަހަރެންނަށް އޭނާ އެކިގޮތްގޮތުން ބިރު ދައްކައިފައިވެއެވެ. އެހެންނަމަވެސް ޙާލުގެ ދުލުން އަހަރެންގެ މަންމައަށް މިހުރިހާ ވާހަކައެއް ވެސް އަހަރެން ބުނެދިނީމެވެ. އަހަރެންގެ  އެގުނަވަނަށް ތަދުވާ ވާހަކަ އަބަދު ވެސް ބުނަމެވެ. އަދި އަހަރެންގެ އެގުނަވަނުން އެއްޗެހި އަންނާތީ އެކަމާ ފަރުވާ ހޯދާފައިވެއެވެ. އަދި އަހަރެންގެ ގޭގައި އުޅޭ ފަރުހާދު ދެކެ ފޫހިވާކަމަށް ބުނަމެވެ. ނަމަވެސް މަންމައަކަށް އެހާވަރަކުން ނުވިސްނުނެވެ. ނަމަވެސް މިއަށްވުރެ އިތުރަށް މިވާހަކަތައް ކިޔައިދޭނެ ހިތްވަރެއް އޭރު އަހަރެންނަކަށް ނުލިބުނެވެ. ސަބަބަކީ މި ވާހަކަ މީހެއްގެ ކައިރީ ބުނެފިނަމަ އަހަރެން ބަންދުކޮށް އަދަބުދޭނެކަމަށް ބުނެ އޭނާ އަހަރެންނަށް ބިރު ދައްކަމުން ދިއުމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް 2003 ވަނަ އަހަރުގެ 3 ދައުރު ނިމި 2004 ވަނަ އަހަރަށް އަޅައިގަތީ އެވެ. އަހަރެންގެ ޢުމުރުން ހަތް އަހަރު ފުރިއްޖެއެވެ.  އެއްދުވަހަކު މަންމަ ބަދިގޭގައި ކައްކަން ހުއްޓައި އަހަރެން ފަހަތުން ގޮސް މަންމަގެ ގައިގައި އޮޅުލައިގެންފައި ވަރަށް ދެރަވެފައި ފަރުހާދު އަހަންނާ ބެހެނީއޭ ބުނީމެވެ. ނަމަވެސް އޭނަ ބެހެނީ ކޮންގޮތަކުންތޯއެއް އަހަރެން ނުބުނަމެވެ. މިހެން އަހަރެން މަންމަ ގާތު ބުނުމުން މަންމަ ފަރުހާދުކައިރީ އެއީ ތެދެއްތޯ އެހުމުން އޭނަ އެކަން ދޮގުކުރިއެވެ. އަދި މަންމަ އެކަމާ އޭގެ ފަހުން އަޅައެއް ނުލިއެވެ. އެއީ މާބޮޑު ކަމަކަށް މަންމައެއް ނުހެދިއެވެ. އެކަމާ އަހަރެން ވަރަށް ދެރަވި އެވެ. މަންމަ އަހަންނާ އިތުރަށް ސުވާލުނުކުރުމުން އަހަރެންގެ އުދާސްތައް ދުވަހުން ދުވަހަށް ދިޔައީ ހިތުގައި ގިނަވަމުންނެވެ. އަހަރެންގެ މިއަޑު އަހާނެ މީހަކު ނެތް ކަމުގެ އިޙްސާސް ކުރެވޭ ކޮންމެ ވަގުތަކު އަހަންނަށް ރޮވެއެވެ. މި ވާހަކަތައް ބުނެދޭނެ ގޮތެއް ވެސް އޭރު އަހަންނަކަށް ނޭނގެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަމެން އަހަރެން ކިޔަވަން މާލެ ފޮނުވި އެވެ. އަހަރެން ކިޔަވަން ހުންނަނީ އަހަރެންގެ ބޮޑު ދައިތައެއްގެ ކައިރީގައެވެ. ނަމަވެސް އަހަރެން މާލެ ކިޔަވަން ބަހައްޓަން ވެގެން ބައްޕަ އަހަރެން ގޮވައިގެން މާލެ ދިޔަ ދުވަސްކޮޅު އަހަރެން ފުރަތަމަ ހުރީ ފަރުހާދުމެން ގޭގައެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ. އޭނާ އަހަންނަށް ދެންކުރާނީ ކޮން ކަމެއްކަން ވެސް ނޭނގޭތީއެވެ. ރޭގަނޑުގެ ކަނު އަނދިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތު ތެރެއަށް ނުތަނަވަސްކަން ދިޔައީ ވެރިވަމުންނެވެ. ކަންވީވެސް އެހެންނެވެ. އެގޭގައި ހޭދަވި ފުރަތަމަ ރެއަކީވެސް އޭނާގެ ޝިކާރައަކަށް އަހަރެންވި ބިރުވެރި ރެއެކެވެ. އެއީ އެރޭގެ ގާތްގަނޑަކަށް 10 ޖަހާ އެހާކަންހާއިރެވެ. އަހަރެން އޮތީ ބައްޕަ ކައިރީގައި ބިންމަތީގައި ގޮދަޑިއެއްގެ މަތީގައެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހަންނަކަށް ނުނިދެއެވެ. ނިދުނަސް އިރުކޮޅަކާ ސިއްސައިގެންގޮސް ހޭލެވެއެވެ. ކުއްލިއަކަށް އަހަރުމެން ތިބި ކޮޓަރީގެ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ފަރުހާދުކަން އެނގުމުން އަހަރެން ނިދާ ކަމަށް ހެދީމެވެ. އެހެންނަމަވެސް އޭނާ އައިސް އަހަރެންގެ އަތުގައި ހިފައި ގަދަކަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނެރުނެވެ. އަދި އޭނާ އުޅޭ ކޮޓަރިއަށް އަހަރެން ވައްދައި އަހަރެންނަށް ވިޔާނުދާ މަންޒަރު ދައްކުވައިދޭ ފިލްމާއި އެކި ޒާތްޒާތުގެ ބިރުވެރި ފިލްމުތައް ދައްކައި ހެދިއެވެ. އަދި ފާޑެއްގެ ކުލައެއްގައި ހުރި ބޭހެއް އޭނާ އަހަރެންނަށް ބޯންދިނެވެ. އަދި ކުޑަ ކުދިން ގެންގުޅޭ ކަހަލަ ބަޑިއެއް ހިފައިގެން އޭނަ އައިސް އަހަރެންގެ ލަދުވެތި ގުނަވަނަށް އެބަޑި ޖެހިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަަށް އެބަޑީގެ ވަޒަން ވަނެވެ. އެވަަޒަން ހުންނަނީ ދިގުކޮށް ބުނަން ނޭގޭފަދަ ކުލައެއްގައެވެ. އޭގެ ފަހުން އަހަރެންގެ ދަށް ބަނޑަށް ތަދުވާން ފެށިހެން ހީވިއެވެ. އޭގެ ފަހުންވީ ގޮތެއް އަހަންނަކަށް ނޭގެއެވެ. އަހަންނަށް ހޭވެރިކަން ވެރިވީއިރު އަހަރެންގެ ގައިމަތީގައި އޮތީ ހަމަ އެކަނި ފޮތިގަނޑެއް އަޅައިފައެވެ. އަހަންނަށް ހޭވެރިކަންވީ އޭނާ އަހަރެންގެ ގައިގަ ހިފާ ތަޅުވަން ފެށުމުންނެވެ. ހޭލެވުމާއެކު އަހަރެން ދުވެފައި ގޮސް އަހަރެންގެ ހެދުންތައް ނަގައި އެ ހެދުންތައް ލީމެވެ.

އޭގެ އަނެއް ދުވަހު އަހަރެންގެ އަނގަ އާއި ދަތްތަކުގެ ކުލަ ބަދަލުވެ އަނގައިން ފާޑެއްގެ ބިހިތަކެއް ނަގަން ފެށިއެވެ. އެއީ މާހައުލު ބަދަލުވުމުން ދިމާވި އެލާރޖީއެއްކަމަށް އަހަރެންގެ ބައްޕައަށް އޭނާ ވިސްނައިދިން އަޑު އަހަރެން އެހީމެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއީ ހަމަ އިންސާނެއް ބާވައެވެ. ހިތެއް ވެސް ނެތީ ހެއްޔެވެ؟ މިހެން ކަންތައް ވުމާއި އަދި އަހަރެންގެ ބަނޑަށް ތަދުވާތީ އަހަރެންގެ ބައްޕަ އަހަރެން ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެފަހަރުވެސް ޖިންސީ ގޮތުން މީހަކު ބެހިފައިވާ ވާހަކައެއް ޑޮކްޓަރެއްވެސް ނުބުނެއެވެ. 

ޖެހިގެން އައި ރޭވެސް ކަންތައްވީ ހަމައެހެންނެވެ. ބައްޕައަށް ނިދޭއިރަށް އަހަރެންގެ ކޮޓަރިއަށް އޭނާ ވަނެވެ. އަދި އޭނާގެ ކޮޓަރިއަށް އަހަރެން ގެންގޮސް އަހަރެންގެ ގަޔަށް އިންޖަކްޝަން ޖަހައި އަހަންނަށް ބޭސްބޯންދީ ހޭނައްތައި އަހަރެންގެ ހިއްސު ކަނޑުވައި އަހަރެންނާ ބެހި ހަދައިފައިވެއެވެ. އޭނަ އަހަރެންނަށް ގޯނާކުރާ އެއްވެސް ދުވަހަކު އަހަރެން ހަޅޭއްލަވައެއް ނުހަދަމެވެ. އެހެން މީހަކަށް އެކަން އެނގިދާނެތީ އަހަރެން ބިރުގަނެއެވެ. އަދި އަހަރެން ގަދަ ހަދާ ފަހަރުވެސް އޭނަ އަހަރެންގެ ގައިގާ ތަޅައި ހަދައެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެންގެ ހަޔާތް ބަރުބާދުވެ ނާއުންމީދުވަމުން ދިޔައެވެ. މިގޮތުގައި 3 ދުވަސް އެގޭގައި ހޭދަވުމަށްފަހު އަހަރެން ބޮޑުދައިތަ ކައިރީގައި މާލޭގައި ކިޔަވަން ބަހައްޓާފައި ބައްޕަ ރަށަށް ދިޔައެވެ. މިއީ އޭނާގެ ކިބައިން ސަލާމަތްވެވުނީ ކަމަށް އަހަންނަށް ހީކުރެވުނެވެ. އެކަމާ އަހަރެން އުފާކުރީމެވެ. އެހެންނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ބޮޑުދައިތަމެން ގޭގައި އަހަރެން އުޅެމުން ދިޔައިރު އޭނަ ވަރަށް ގިނައިން އަހަރެން އުޅޭގެއަށް އައިސް އަހަރެން އޭނާގެ ގެއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެކަމާ އަހަރެން އިންކާރުކުރަމެވެ. އެއްދުވަހަކު އަހަރެންގެ ދަށްބަނޑަށް ތަދުވާތީ މަންމައަށް ގުޅައިފައި އެވާހަކަ ބުނީމެވެ. އަދި މަންމަގެ އެދުމުގެ މަތިން އަހަރެން ޑޮކްޓަރަށް ދައްކަން އައީ އަހަރެންނަށް އެ މީހެއްގެ ފަރާތުން ޖިންސީ ގޯނާތައް ލިބެމުންދިޔަ ފަރުހާދެވެ. އެހެންނަމަވެސް އޭނާ އެރޭ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ވެގެންނޭ ކިޔާފައި ގެންދިޔައީ އޭނާގެ ގެއަށެވެ. އަދި އެދުވަހުވެސް އޭނަ އަހަންނާ ބެހި ހެދިއެވެ. މިކަން ކުރީ އޭނާގެ އަންހެނުންނާއި ދަރިފުޅު ކޮންމެވެސް އެއްޗެކޭ ކިޔާފައި ގެއިން ބޭރަށް ފޮނުވައިލައިފައެވެ. މިކަހަލަ އެތައްދުވަހެކެވެ. އަހަރެން ބޮޑުދައިތަމެން ގޭގައި އުޅުނު ނަމަވެސް އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްވެސް ކުރަނީ އޭނާ އެވެ. ބޭނުންވާ ކޮންމެ އެއްޗެއް ވެސް އޭނާ ހޯދައިދެއެވެ. މަންމަމެންގެ ރައްޓެއްސަކަށްވީމައެވެ. އެގޮތުން އޭނާ ވަނީ އަހަރެންގެ މައިންބަފައިންގެ އިތުބާރު ހޯދައިފައެވެ. އަހަރެން ގޮވައިގެން އޭނާ އުޅޭ ގެއަށް ވަރަށް ގިނައިން ދެއެވެ. ބައެއް ފަހަރު އޭނަގެ އަންހެނުން ގެއަށް އައިސް ދޮރުގައި ޓަކި ޖެހުމުން އަހަރެން ފާޚާނާއަށް ވައްދައި ދޮރު ތަޅުލާފައި އޭނާގެ އަންހެނުންގާތު އޭނާ ނިދަނީކަމަށް ބުނެ ދޮގުހަދައެވެ. މިގޮތަށް އޭނަ އެތައް ފަހަރެއްގެ މަތިން އަހަރެންނާ އެ ގޮތަށް ބެހި ހަދައިފައިވެއެވެ. މިކަމުގެ ސަބަބުން އަހަރެންނަށް ނުކިޔެވި ހާސްވެ ބިރުގަނެ ނަފްސާނީ ގޮތުން ބޮޑު ބައްޔަކަށް ބަދަލުވިއެވެ. ފިރިހެނުންދެކެ ބިރު ގަންނަން ފެށިއެވެ. އެގޮތުން ބިރު ގަނެ ކަންތައްވާތީ ވަރަށް ގިނައިން ނަފްސާނީ ޑޮކްޓަރަށް ވެސް އަހަރެންގެ ބޮޑުދައިތަ އަހަރެން ދައްކައި ހަދައިފައިވެއެވެ. އެހެންނަމަވެސް އޭރުވެސް އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްވެސް މީހަކަށް އަދި ޑޮކްޓަރަކަށް ވެސް ފާހަގައެއް ނުވެއެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރެންގެ ޢުމުރުން 10 އަހަރުގައި އަހަރެން ބާލިޣުވެ ފުރާފުރިހަމަ ވެއްޖެއެވެ. އަހަންނަށް މައްސަރު ކަންތައް ޖެހޭ ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ލޭ އައުމުގެ ސަބަބުން ބޮލަށް އެނބުރުން އަރައި ލޭ މަނާނުވެ، ގިނަ ދުވަސްތަކެއް ވަންދެން ދެމިހުރެއެވެ. މިކަން މިހެން ވުމުން ވަރަށް ގިނައިން ޑޮކްޓަރަށް ދައްކައިވެސް ހަދަމެވެ. ނަމަވެސް މިކަމަކަށް އެއްވެސް ހައްލެއް ނާދެއެވެ. އަހަރެންގެ މައިންބަފައިން މިކަމާމެދު ކަންތައް ބޮޑުވެ ހަދާނެގޮތް ހުސްވި ކަހަލައެވެ. އެހެންކަމުން މަންމަމެން ނިންމީ އަހަރެން ގޮވައިގެން ބޭސްފަރުވާކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެހެންކަމުން ޖެހިގެން އައި އަހަރުގެ ޗުއްޓީގައި  ބޮޑުދައިތައާއެކު އަހަރެން ރާއްޖެއިން ބޭރަށް ފޮނުވިއެވެ. އެފަހަރު ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޖިންސީގޮތުން މީހަކު އަހަންނާ ބެހިފައި ހުރިކަމަށް ޑޮކްޓަރު ބުންޏެވެ. އެއީ އަހަރެންގެ ބަދު ނަސީބު ކަމެއް ނުވަތަ ނަސީބުކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހަޔާތުގެ އަނދިރި ފަރާތް ހާމަވީ އޭގެ ފަހުންކަމެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށްފަހު އަހަރެން ބޮޑުދައިތައާއެކު އެނބުރި މާލެއައުމަށްފަހު ބޮޑުދައިތަ އެކަމާ ބެހޭގޮތުން އަހަންނާ ސުވާލުކުރަން ފެށިއެވެ. އެންމެ ފުރަތަމަ އަހަރެން އެކަމާ އިންކާރުކުރީމެވެ. އެއީ އަހަރެންގެ ވާހަކަ ޤަބޫލު ނުކޮށްފާނެތީ އާއި އަހަރެންވެސް އެކަމުގައި ކުށްވެރިވާނެ ކަމަށް އަހަންނަށް ޤަބޫލުކުރެވޭތީ އެވެ. ކޮންމެއަކަސް ބޮޑުދައިތަ އެ ވާހަކަތައް ތަކުރާރުކޮށް އަހަން ފެށުމުން އެވާހަކަތައް ކިޔައިދޭން އަހަންނަށް މަޖުބޫރުވިއެވެ. އެހެންކަމުން އެދުވަހު އެހުރިހާ ވާހަކައެއް އަހަރެންގެ ބޮޑު ދައިތައަށް ކިޔައިދިނީމެވެ. އަހަރެންގެ ޢުމުރުން ވަރަށް ކުޑައިރުއްސުރެ އަހަރުމެންގޭގައި އުޅޭ މަންމަމެންގެ ރައްޓެއްސެއްކަމަށްވާ ފަރުހާދު އަހަރެންނާ އެކިގޮތްގޮތުން ބެހި އަހަންނަށް ކޮށްފައިވާ ޖިންސީ ހާނިއްކަތަކުގެ ވާހަކަ ކިޔައިދިނީމެވެ.

އަދި މީގެ އިތުރުންވެސް އޭނާގެ ފަރާތުން އަހަންނަށް ފެނުނު އެހެން ވާހަކައެއްވެސް ބުނީމެވެ. އެއީ އެއްދުވަހަކު އަހަރެން ފަރުހާދުމެން ގެއަށް ގޮސް ހުރި ދުވަހެއްގައި ފަރުހާދުގެ ކޮޓަރި ތަޅުލާފައި ހުރުމުން ކޮޓަރީގެ ކުޑަދޮރުގެ ބާގަނޑަކުން އަހަރެން ކޮޓަރިތެރެ ބަލައިލިއިރު ފަރުހާދުގެ ޢުމުރުން އެންމެ 5 އަހަރުވެސް ނުވާ ކުޑަކުޑަ މަޢުސޫމް އަންހެން ދަރިފުޅު ލައިގެން ހުރި އެއްޗެހިތައް ބާލައި ބައްޕަ އެދަރިފުޅަށް ޖިންސީ ގޯނާ ކުރަން ހުރި މަންޒަރުވެސް ފެނިފައިވާ ވާހަކައެވެ. އަދިވެސް އަހަންނަށް އެނގޭ ހުރިހާ ވާހަކައެއް އަހަރެން ބޮޑުދައިތައަށް ކިޔައިދިނީމެވެ. އަހަރެންގެ އިތުރުން ރަށުގެ އިތުރު ދެކުއްޖަކު ވެސް އޭނަގެ ޝިކާރައަކަށް ވެފައިވާކަން އަހަންނަށް އެނގުނެވެ. އެ ވާހަކަތައް ވެސް  ބޮޑުދައިތަ ކައިރީގައި ބުނީމެވެ. އަދި މިހުރިހާ ވާހަކަަތައް ވެސް އަހަރެންގެ މައިންބަފައިންނަށް ވެސް މިހާރު އެނގެއެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. އަހަރެންގެ ހަޔާތް ބަރުބާދު............."

ކުއްލިއަކަށް ސާރާއަށް ގިސްލައިފައި ރޮވިއްޖެއެވެ. އެ ވާހަކަ ކިޔައިދެމުން ދިޔައިރު ސާރާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ސާޒުގެ އުނގަށް އެޅި ސާޒުގެ ގައި ވަނީ ތެމި ފޯވެފައެވެ. ސާރާއަށް ސާޒު ހިތްވަރުދެމުން ގެންދިޔައެވެ. އަދި ދުވަހަކުވެސް އެފަދަ މީހަކަށް ސާރާގެ ހައްޤަކަށް ނޭރޭނެކަމަށް ބުނެ ސާރާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. އަދި ސާރާއަށް ދިމާވާ ކޮންމެ ކަމެއްގައި ސާޒު ފަހަތުގައި ހުންނާނެކަމަށް ބުންޏެވެ. ސާރާގެ ހިތް ކުދިކުދި ވެއްޖެއެވެ. ހަޔާތް ބަރުބާދު ވެއްޖެއެވެ. ނަމަވެސް މިއަދު ޝިފާއަކީ ސާޒުގެ ފަރާތުން ދޭ އޯގާތެރިކަމެވެ. ވަފާތެރިކަމެވެ. ހެޔޮއެދޭ ރަޙްމަތް ތެރިއެކެވެ. ސާރާ ސާޒު ކައިރީގައި ބުންޏެވެ. މި ކިޔައިދިނީ އަހަރެންގެ ބަރުބާދުވި ހަޔާތުގެ ވާހަކައެވެ. މިހަޔާތް އަލުން އާރާސްތުކުރެވޭނެ ބާއެވެ؟ ސާޒެވެ. ފިރިހެނުންނަކީ އަންހެނުންނަށް ހިތި ބަޔެކެވެ. ނަމަވެސް ތިޔަ ކަހަލަ ހެޔޮއެދޭ ފިރިހެނުން މަދުވާނެ އެވެ. އިރުގަނޑެއްގައި ވާހަކަ ދެއްކުމަށްފަހު ސާރާގެ އަޑު ކެނޑިގެން ހިނގައްޖެއެވެ. އޭރު ސާރާ އޮތީ ސާޒުގެ ގައިގައި ބޯއަޅައިލައިގެންނެވެ. ސާޒް ސާރާއަށް ގޮވަމުން ގެންދިޔައެވެ. ސާރާގެ ހަބަރު ހުސްވެއްޖެއެވެ.

އެވަގުތު ސާޒްއަށް ހަޅޭއް ލަވައި ގަނެވުނެވެ. އަދި ސާރާ އަތް ދަނޑި މައްޗަށް ލައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ސާރާގެ ގެއަށް ވަނެވެ. ސާރާ ފެނުމާއެކު އޭނާގެ މަންމަ ސާރާގެ ގައިގައި އޮޅުލައިގަތެވެ. އަދި ސާރާ ހޭއަރައިތޯ މަސައްކަތްކުރަން ފެށިއެވެ. އެ ވަގުތު އަމިއްލަ ދަރިފުޅުގެ ހާލާމެދު އެ މަންމަ ގިސްލައި ރޮމުންދިޔައީ އަމިއްލަ ނަފުޞު ކުށްވެރިކުރާ ހާލުގައެވެ. ތުއްތު ކުއްޖެއްގެ ގޮތުގައި ހުރެ އެދަރިފުޅަށް ލިބުނު ޖިންސީ ހާނިއްކަ އަކީ އެ މަންމަގެ އިހުމާލުންވިޔަސް ނުވަތަ އެފަދަ ހޭލުންތެރިކަން ނެތުމުން ދިމާވި ގޮތް ކަމަށްވެސް ވެދާނެއެވެ. އިރުކޮޅެއްފަހުން ސާރާއަށް ހޭއަރައިފި އެވެ. ހޭވެރިކަން އައުމާއެކު ވަކިވަކި މީހުންގެ މޫނަށް ސާރާ ބަލަމުން ދިޔައެވެ. ހައިރާންކަމާއެކުގައެވެ. ވީގޮތެއް ސާރާއަށް ނުވެސް އެނގޭ ކަހަލައެވެ. މިއީ މިއަދު އެފަކީރުގެ ހާލެވެ. ހާސްވެ ކަންބޮޑުވުމާ ހޭނެތުން ފަދަ ކަންތައް ދިމާވުމަކީ ޢާންމު ކަމެކެވެ. އިރުކޮޅެއްފަހުން ސާރާގެ މަންމަ އެތަނުން ދިއުމުން ސާޒް ސާރާއާ ވާހަކަދައްކަން ފެށިއެވެ. ސާރާގެ ހުރިހާ އުދާސްތައް ސާޒް އަޑުއަހައިފިއެވެ. ސާރާގެ ބަރުބާދުވި ހަޔާތް އަލުން އާރާސްތުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސާޒު ސާރާއަށް ދިނެވެ. އަދި ސާރާއަށް ލިބިފައިވާ ގެއްލުންތަކުގައި ސާރާ ކުށްވެރިނުވާކަން ވިސްނައިދީ އަލުން ދިރިއުޅުމާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. އަދި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ބާރުއެޅިއެވެ. އެންމެފަހުން ސާރާގެ މަންމަމެން އެގޮތަށް އެއްބަސްވިއެވެ. އާއިލާ ބަދުނާމުވެދާނެކަމަށް އެއްވެސް ޖެހިލުމެއް ނެތިއެވެ. ސާރާއަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދުން މާމުހިންމު ކަމެއްކަމުގައި ވިސްނުނީކަމަށްވެސް ވެދާނެއެވެ.

މިއަދު ސާރާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ތަޖުރިބާކާރު ފުލުހުންގެ އެހީތެރިކަމާއެކު ނަފުސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދައި ދިރިއުޅެން އަލުން ދަސްކުރަމުންދާ ޒުވާނެކެވެ.

މުޖުތަމަޢުގައި ދިރިއުޅޭ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުގެ ސަބަބުން މިފަދަ އެތައް މައުސޫމް ދަރިންތަކެއްގެ މުސްތަޤުބަލް ބަރުބާދުވެގެންދާކަމީ ހިތާމަހުރިކަމެކެވެ. (ނޯޓް: މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އެޑްރެހާއި ނަންތައް އެ ވަނީ ބަދަލުކޮށްފައެވެ.)
--------------
(ނިމުނީ)

މި ލިޔުން:
     ފޮނުވުން:   
އަލްފާޟިލް އަޙްމަދު ނާފިޢު, ބ.ދަރަވަންދޫ 
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު     

އިދާރާ

ވާހަކަ