އަދުގެ ޚާއްސަ

Print

ދެކަފި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ފަޔާޒް – އއ. ބޮޑުފޮޅުދޫ


ބުރަ ދުވަސް ކޮޅެކެވެ. އަބަދުވެސް ހުންނަން ޖެހެނީ ކޮންމެވެސް ކަމަކާ ދޭތެރޭ ފިކުރު ކޮށްލަކޮށްލައެވެ. ފިކުރަކީ ލިބޭ އާމްދަނީއާ ކުރަންޖެހޭ ޚަރަދާ ދިމާނުވުމެވެ. ބައެއް މީހުން ހިތަށް އަރާނެއެވެ. އަހަންނަކީ އަތްނބެއް ދަރިއެއް ހުންނަ މީހެއް ނޫނެވެ. ދެން ކުރަނީ ކޮން ޚަރަދެއް ހެއްޔެވެ؟ އެކަމަކު އެކަން އެނގޭނީ ބަލާ މީހަކަށެވެ.

އޮފީސް ނިމުނީ ރޭގަނޑުން ބަޔަކާ ލައިގެންނެވެ. ގެޔަށް މިސްރާބު ޖެހީ ވެސް އިތުރު އެހެން ކަމެއް ނުކޮށް ނިދައިލުމަށް އަޒުމް ކަނޑައަޅައިގެނެވެ. ގެއަށް އައިސް ވަރަށް އަވަސް ކޮށްލައިގެން އޮށޯތީމެވެ. ހަމަޖެހި ނުލެވިގެން އުޅެނިކޮށް ފޯނު ރިންގުވާންފެށިއެވެ. ނުނަގާނަމޭ ވެސް ހިތަށް އެރިއެވެ. އިތުރު ކަމެއް ޖެހިދާނެތީ އެވެ. ނަމަވެސް ކޮންމެފަދަ ކަމެއްގައި ކޮންމެމީހަކު ވެސް ގުޅައިފާނޭ ހިތަށްއަރައި ފޯނަށް ބަލައިލީމެވެ. ނުދަންނަ ނަމްބަރެކެވެ. ފޯނު ނެގުމަށް ފަހު ކަންފަތުގައި ޖައްސައި "އައްސަލާމް ޢަލައިކުމް" ބުނެލީމެވެ. އެކޮޅުން އެއްވެސް ވާހަކައެއް ނުދައްކައެވެ. ނުބައި ނަމްބަރެއް ކަމަށްހީކޮށް ބާއްވަންވެގެން އުޅެނިކޮށް މީހެއްގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނެވެ. އަހަރެން ހައިރާންވި އެވެ. އެހިސާބުން ފޯނު ބޭއްވުމުގެ ޚިޔާލު ދޫކޮށްލެވިއްޖެ އެވެ. ކާކުތޯ އެހީމެވެ. ރައްޓެއްސެއް ސަމާސާކުރަނީ ކަމުގައި ހީކޮށެވެ. ނަމަވެސް އެ ރުއިމުގައިވާ ވޭނީ އިޙްސާސްތަކުން އެއީ ދަންނަ ފަރާތެއް ކަމަށް ހިތެއް ޤަބޫލެއް ނުކުރި އެވެ. ކޮންމެއަކަސް އޭނާގެ ރުއިން މަސަލަސް ކުރެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އިޚްތިޔާރެއްގައެއް ނޫނެވެ. އަދި ވަކި މަޤްސަދެއްގައެއް ވެސް ނޫނެވެ. އެތައް އިރެއްގެ ވާހަކައަށް ފަހު އޭނާ ވާހަކަ ދައްކަންފެށިއެވެ. ގިސްލަމުންނެވެ. ފުރަތަމައިންވެސް ބުނީ އޭނާގެ ޢާއިލާ އެކަނި ވެރިވީ ވާހަކައެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރި ވާހަކައެވެ. އަހަރެނަށް ގުޅުނީ ހާސްވެގެން އޭނާގެ ރައްޓެއްސަކާ ގުޅަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުންޏެވެ.

އެރޭންފެށިގެން އޭނާއާ އަހަރެނާ ދެމީހުން ދަންނަ ދެމީހުނަށް ވިއެވެ. ކޮންމެ ރެއަކުވެސް ވާހަކަ ދައްކަމެވެ. ވަރަށް ގިނަވާހަކަ ދައްކަމެވެ. އަހަރެން ހައިރާންވީ އޭނާ އެއްވެސް ވަރަކަށް އަހަރެންގެ ނަމެއް އަދި އެއްވެސް މަޢުލޫމާތެއް ހޯދަން ނޫޅޭތީއެވެ. އޭނާ އެކަން ނުކުރާތީ އަހަރެންވެސް އެހާވަރަކުން އެކަމަކާ ނޫޅެމެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް އަހަރެމެންގެ ގުޅުން ބަދައިވާންފެށިއެވެ. ދަންނަ ދެމީހުނަށްވުރެ ގާތްވިއެވެ. ރައްޓެހިންނަށްވި އެވެ. އޭނާގެ ވާހަކަތައް ވަރަށް ހިތްގައިމެވެ. އަޑު ވަރަށް މައުސޫމެވެ. އަހަރެންގެ ހިތަށް އޭނާ ސިފަކުރެވެން ފެށިއެވެ. ރޭގަނޑާ ދުވާލު މަސައްކަތުގެ ތެރެއިންނާއި ހުސްވަގުތުގެ ތެރެއިން އޭނާ އަހަރެންގެ ޚިޔާލީ ޓީވީން ފެނިފެނި ހުރެއެވެ. މިވާ ގޮތެއް ނޭނގުނެވެ. އޭނާއަށް މިހެން ވޭބާއޭ ވެސް ހިތަށް އަރައެވެ؟ އަހަރެނަށް ވާގޮތް ކިޔައިދޭކަށް ވެސް ނުކެރެއެވެ. އޭނާ ހިތަށް އަރައިފާނޭ އެއްޗަކާމެދު ކަންބޮޑުވާތީއެވެ.

މާޒީއާ އެކުވަމުން ވަގުތުތައް ދާވަރަކަށް އަހަރެމެންގެ ގުޅުން ބަދަހި ވަމުން ދާވަރުވެސް އިތުރު ވަމުން ދިޔައެވެ. ރައްޓެހިންނަށްވުރެ ގާތް ބަޔަކަށް ވެވުނެވެ. އެކަމަކު.......... އެގުޅުމަށް ދޭނެ ނަމެއް ނޭނގުނެވެ. ދެފަރާތުންވެސް ލޯތްބަށް އިޤުރާރު ވެވިފައި ނުވާތީއެވެ. އެހެނަށް އަހަރެމެން ވަރަށް ގާތެވެ. ދުވާލުގެ ވަގުތު ތަކުގައި އޭނާވެސް ، އަހަރެންވެސް ލޯބީގެ އެމްއެމް އެސް ފޮނުވުމާ ލޯބީގެ މެސެޖް ކުރުމަކީ ކެތްނުކުރެވިގެން ކުރާކަމަކަށް ވިއެވެ. ނަމެއްނެތް ނަމަވެސް ލޯތްބަށް ޖެހޭނެ އިތުރު ކުލައެއް ނެތް ވަރަށް ހިތް ކިޔާކަން އެއީ ދެމީހުންނަށްވެސް އެނގޭ ކަމެކެވެ.
      
އެއްރެއެއްގެ އިރާކޮޅެވެ. ޓީވީން އަންނަ ޕޮރޮގުރާމެއް ބަލަން އޮތީމެވެ. އިރުކޮޅެއް ނުވެ އޭނާ އަހަރެނަށް މިސްކޯލެއް ދިނެވެ. އަވަހަށް ކޮޓަރިޔަށް ވަދެ ގުޅީމެވެ. ވަރަށް މަސްތީ އަޑަކުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ވެސް އެ ވާހަކަތަކަށް ޖަވާބުދެމުން އޭނާގެ ހިތް ހަމަޖައްސައި ދެމުން ދިޔައީ ވަރަށް އުފަލުންނެވެ. ކޮންމެއަކަސް އެރޭ އަހަރެން އޭނާގެ ނަން އެހީމެވެ. އޭނާ އެކަމަކާ އިންކާރެއް ނުކުރިއެވެ. ނަމަވެސް އޭނާ ބޭނުމީ އަދި އެކަން ސިއްރުކޮށްފައި ބޭއްވުމަށް ކަމުގައި އެދުނެވެ. އަހަރެންވެސް އެކަން ޤަބޫލުކުރީމެވެ. ވަރަށް ގިނަ ވާހަކަ ތަކަށް ފަހު ފޯނު ބޭއްވީ އަނެއް ރޭވެސް ގުޅާނެ ކަމުގެ ޚަބަރާއެކުއެވެ. ނިދުނީ އެ ފޮނިފޮނި ވާހަކަތައް ހަނދާން ކޮށްކޮށް އޮއްވައެވެ.

ހެނދުނު ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. ގަޑިބެލިއިރު ވަގުތު ވަނީ ކުޑަތަންވެފައެވެ. އަވަސްއަވަސް ކޮށްލައިގެން އޮފީހަށް ދިޔައީމެވެ. ދުވަހަކީ އޮފީހަށް އާސެކެޓްރީއެއް އަންނަ ދުވަހެވެ. އޭނާއާ މަސައްކަތް ޙަވާލުކޮށް މުވައްޒަފުން ތަޢާރަފް ކޮށް ދިނުމަށް ޙަވާލު ކުރެވިފައިވަނީ އަހަންނާއެވެ. އޮފީހަށް ގޮސް ކެބިންގައި މަޑުކޮށްލައިގެން އިންދައި ދޮރުގައި މީހަކު ޓަކިދިނެވެ. ބަލައިލި އިރު ވަރަށް ލަދުވެތި ގޮތަކަށް ހުރި ކުއްޖަކު ހުއްޓެވެ. އެއީ ކާކުކަން އެނގުމާއެކު އަހަރެން އޭނާ ގެނައީމެވެ. ކުރިމަރތީގައި ހުރިމޭޒު ދައްކައި އެއީ އޭނާގެ ކެބިން ކަމުގައި ބުނެދިނީމެވެ. މަސައްކަތް ކިޔައިދެމުން ދިޔައިރު އެހެން މީހުން ވަރަށް ވައްތަރުވައްތަރަށް މަށާ ދިމާއަށް ބެލިއެވެ. ދިމާކުރުމަށެވެ. ވާނީވެސް އެހެނެވެ. އާސިން އަކީ ނުލާހިކު ރީތި ކުއްޖެކެވެ. ޅަނބާޅަ ހަށިގަނޑެކެވެ. ހަމުގެ ކުލަ ދޮން ބުޅި އިސްތަށި ގަނޑެއްގެ ވެރިއެކެވެ. ދޮގުނުހަދާ ބުނާކަމަށްވާނަމަ ބުނެވޭނީ މަސައްކަތް ޙަވާލުކުރަމުން ކިޔައިދެމުން ދިޔަ ވަގުތު އަހަރެނަށް ވެސް އޭނާއާ ދިމާއަށް ބެލެއެވެ. އިޚުތިޔާރަކު ނޫނެވެ. އެހާވެސް އޭނާ ރީއްޗެވެ. މަސައްކަތް ކިޔައިދީ ނިމުނު އިރުވެސް އޭނާ ވާހަކައެއް ނުދައްކައެވެ. އިންނަނީ ލަދުވެތި ގޮތަކަށެވެ. އަހަރެންގާތަށް ހިނިވެސް އައެވެ. އެހާ ލަދުވެތި ކަމުންނެވެ. ހުރިހައި ކަމެއް ނިންމުމަށްފަހު އަރަހެން ހިނގައިގަތީ އަހަރެންގެ މަސައްކަތް ފެށުމަށެވެ.

"ޔާނީ ސަރ!" މީހަކު އަހަރެންނަށް ގޮވައިލިއެވެ. އެއަޑު ޖެހުމާއެކު އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. މީހާ ގަނޑުވިއެވެ. އަވަސްއަވަހަށް ފަހަތް ބަލައި ލެވުނެވެ. ގޮވާލީ ކާކުތޯ ބެލުމަށެވެ. އެއީ އާސިން އެވެ. އަހަރެނަށް ހައިރާންވެފައި ހުރެވުނީ ބަލާށެވެ. އެއަޑާމެދުއެވެ. އެއީ އަހަރެންގެ ހިތް އެއަޑެއް އެހުމަށް އަބަދުއެދޭ އަޑެވެ. އަހަރެންގެ އިޙްސާސްތަކާ އެއަޑެއް ކުޅެލާ އަޑެވެ. ދެވަނަ ފަހަރަށް އޭނާ އަހަންނަށް ގޮވައިލިއެވެ. އަހަންނަށް ޙަރަކާތެއް ގެނެވުނީ ދެނެވެ. ވަރަށް މަސައްކަތުން ނަފްސު ކޮންޓޮރޯލު ކުރުމަށްފަހު އޭނާއާ ކުރިމަތިލީމެވެ. ގޮވަނީ ކީއްވެތޯ ބެލުމަށެވެ. އޭނާ އެދުނީ އަހަރެންގެ އަދުގައި އޮތް ތަޅުދަނޑި ދިނުމަށެވެ. އޮޅިގެން އަހަންނަށް ހިނގައިގަނެވުނީ އޭނާގެ ޑްރޯވަރގެ ތަޅުދަނޑި ހިފައިގެންނެވެ.

ތަޅުދަނޑި ދިނުމަށްފަހު އަހަރެންގޮސް ގޮޑީގައި އިށިންދެ ހަމަޖެހެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއްވެސް ކަމަކާ ވެވިގެން ކަމެއް ކުރެވޭނެ ގޮތެއް ނުވިއެވެ. ހިތަށް އަރާފައިބާ އެއްޗެހިތައް ގިނަކަމުންނެވެ. އުފާވެސް ވެއެވެ. އަހަރެންގެ އޭނާ ކަމުގައި ހިތް ގަބޫލު ކުރާތީއެވެ. ސުވާލުވެސް އުފެދެއެވެ. އޭއީ އޭނާކަން ޔަގީން ކުރަން ބޭނުންވާތީއެވެ. އެހެންނަމަވެސް އަހާކަށް ނުކެރުނެވެ. ކޮންމެއަކަސް އެދުވަހަށްފަހު އާސިން ވީ އަހަރެންގެ އެންމެ ޚާއްސަ އެންގެ ގާތް ފަރާތަށެވެ. އެނާ ކުރީމަތީގައި އިންނަން ފެށުމުން އަހަރެންގެ ހިތް ލެބެންފެށިއެވެ. ނަމަވެސް އެއީ ސީދާ އަހަރެންގެ "އޭނާ" ކަން ޔަޤީން ނުވާތީ ހިތް ނުތަނަވަސް ވެސް ވެއެވެ.

ވަކިހިސާބަކުން އަހަރެން ނިންމީ ފޯނުން ދިމާވާ އަހަރެންގެ ހިތާ އެސުވާލުތައް ކުރާށެވެ. އޭނާއާ އާސިންނާ އެއީ އެކެއްތޯ ބަލާށެވެ. އެއް ރެއެއްގެ ފޯނު ކޯލުގެ ވަގުތެވެ. އަހަރެން އެތައް ބައިވަރު ވާހަކައިގެ ތެރެއިން ޖާގަ ހޯދައި ސުވާލު ކުރީމެވެ. އުޅެނީ އޮފީހެއްގައިތޯ އެހީމެވެ. ޖަވާބުގައި އޭނާވެސް އާއެކޭ ބުންޏެވެ. އަދި ކޮން އޮފީހެއްގައިތޯ ނޭހުމަށް އޭނާ އެދުނެވެ. އަހަރެން ސަބަބު ހޯދަން މަސައްކަތް ކުރީމެވެ. ޖަވާބުގައި އޭނާ ބުނީ އޭރުން މިހާރު މިކުރެވޭ އިޙްސާސް ނުކުރެވޭނެ ވާހަކައެވެ. އަހަރެން ވަރަށް ސާފުބަހުން ދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ވުން ވަރަށް މުހިއްމު ކަމުގައި ބުނީމެވެ. އޭނާ އެކަމާ އިންކާރު ކުރިއެވެ. އަދި ވަގުތު ނުޖެހޭ ކަމުގައި ބުންޏެވެ. އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކުމުން ވެސް އޭނާ އެއްބަހެއް ނުވިއެވެ. އަދި މިރޭ އެހައި ގިނައިން އެ ސުވާލުތައް އެކުރަނީ ކީއްވެތޯ އެއްސެވެ. އަދި މިހާރު އޭނާޔާހެދި އުދަގޫވަނީތޯ ވެސް އެއްސެވެ. އޭނާ ދެރަވެފައި އެވާހަކަތައް ދައްކަން ފެށުމުން އަހަރެންވެސް ދެރަވިއެވެ. ވުމާއެކު އެވާހަކަ ހުއްޓައިލީމެވެ.

އަނެއްދުވަހުގެ އޮފީހުގެ ވަގުތެވެ. މަސައްކަތް ރަނގަޅަށް ފަށައި ނުގަނެވެނީސް ކެބިންއަށް އާސިން އައިސް ވަނެވެ. އަހަރެންގެ ލޯ އެދިމާއަށް ހުއްޓުނެވެ. އޭނާ ލައިފައިވާ މަޑުފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމާއި އަޅައިފައިވާ ދޯޕައްޓާގައި އޭނާ ފެންނައިރު ރީތި ކަމުންނެވެ. ހާދާހާ ފުރިހަމައެވެ. ނުބުނަން ހިތްވަރު ކޮށްކޮށް އޮށްވައި އަހަންނަށް އޭނާ ވަރަށްރީއްޗޭ ބުނެވުނެވެ. އާސިން ލަދުވެތި ގޮތަކަށް ހިނގައިލައިފައި އައިސް ގޮޑީގައި އިށީންދެ މަސައްކަތް ފެށިއެވެ. އިރުއިރު ކޮޅާ އަހަންނަށް އެ ދިމާއަށް ބެލެއެވެ. މިހާރު އަހަންނަށް ހީވަނީ އާސިންއަށް ވެސް އެކަން ފާހަގަ ވާނެހެންނެވެ. އިރުއިރުކޮޅާ އޭނާ ވެސް އިސްއުފުލައިލައި އަހަންނަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކު އޭނާ އަހަންނަށް އެ ދޭ ލަދުވެތި ހިނިތުން ވުމުގެ ސަބަބުން އަހަރެންގެ ހިތް ހިފެހެއްޓުމެއްނެތި އޭނާއާ ދިމާއަށް ލެނބެމުން ދެއެވެ.

ނުވަގަޑިބައި އެހައިކަން ހާއިރެވެ. ސައިގަޑި ކަމުން އަހަރެންވެސް ނުކުތީ އޮފީހުގައި އޮންނަ ހުސް ގޯތިތެރެއަށެވެ. އިރުކޮޅެއްނުވެ އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ނަގައި ބަލައިލުމުން އަހަރެން ހައިރާންވިއެވެ. އެއީ އަހަރެންގެ" އޭނާ "އެވެ. ހައިރާންވީ ދުވަހަކުވެސް އޭނާ އަހަރެނަށް މިސްކޯލެއްވެސް ދުވާލުދީފައި ނުވާތީއެވެ. އަވަސް އަވަހަށް އަހަރެން އޭނާއަށް ގުޅީމެވެ. އެކޮޅުން ފޯނު ނެގުމަށްފަހު އަހަރެން ދައްކާ ވާހަކައެއް އަޑުނާހައި އޭނާ ވާހަކަ ފެށީއެވެ. އޭނާ ރީތިހޭ އަހަރެން ގާތުގައި އެއްސެވެ. އަހަރެން ހިނިއައެވެ. ސަބަބަކީއޭނާ ނުފެންނާތީއެވެ. ދެވަނަފަހަރުވެސް އޭނާ އެހެން އެއްސެވެ. އަހަރެން ތަންކޮޅެއް ރޮމް ވެލާފައި އޭނާއަކީ އަބަދުވެސް ރީތިކުއްޖެކޭ ބުނީމެވެ. އޭނާ ތޭންކްސްއޭ ބުންޏެވެ. ދެން ދުވަހަކުވެސް ދުވާޅު ނުގުޅާ މީހަކު ދުވާލު ގުޅުމުން އެސުވާލު ކުރީމެވެ. އޭނާ ދިނީ ކުރުޖަވާބެކެވެ. އެއީ ގިނައިން ގުޅުމުން އަހަރެން އުފާވާކަން އެނގޭތީ ދުވާލު ވެސް ގުޅާލީ ކަމުގައެވެ. އަދި މިއަދު އޭނާ ލައިގެންހުރީ އޭނާއަށް އެންމެ ރީތި ހެދުން ކަމުގައިބުންޏެވެ. ކޮން ކުލައެއްތޯ ގެސްކޮށްލަން އަހަރެން ގާތުގައި އެދުމުން އަހަރެންނަށް އެންމެ ރީތިކުލަ ބުނީމެވެ. ދިމައެއްނުވި އެވެ. އޭނާ ބުނީ މިއަދު އޭނާލައިގެންހުރީ މަޑު ފިޔާތޮށި ކުލައިގެ ހެދުމެއް ކަމުގައެވެ. އަހަރެންގެ ސިނކުޑީގެ މަސައްކަތް އަވަސްވެގަތެވެ. ވަރަށް އަވަހަށް އެ ހެދުމުގެ ކަނާއަތް ފަރާތުން ތިރީކަނުގައި ކަޅުކުލައިގެ މަލެއް ޖަހައިފައި އިންނާނެ ވާހަކަ ބުނީމެވެ. އޭނާ އާނއެކޭ ބުންޏެވެ. އަޅައިފައިވާ ދޯބައްޓާގެ މެދުތެރޭގައި މަޑުމަޑު ކުލަޔަކުން ރަތް ފިނިފެން މަލެއް ޖަހާފައި ވާނޭ ވާހަކަ ބުނީމެވެ. އޭނާ އަނެއްކާ ވެސް އާނއެކޭ ބުންޏެވެ. އަދި އަހަންނަށް އެނގުނީ ކިހިނެއްތޯ އެހީމެވެ. އަހަރެން އޭނާ ދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނުގައި ހުރެގެން އަވަސް އަވަހަށް އޮފީސް ތެރެއަށް ވަދެގެން ދަމުން އާސިން ހޯދަންފެށިމެވެ. އޭރު ވެސް އަނެއްކޮޅުން އަހަންނާ ސުވާލު ކުރަމުން ދެއެވެ. އަހަރެން ދެންހަމަ އަހަންނަށްވެސް އެނގިދާނެނޫން ހޭ ބުނީމެވެ. އިރުކޮޅަކުން އަހަންނަށް އާސިން ފެނުނެވެ. އޭނާ އިނީ އަހަންނަށް ފުރަގަސް ޖަހައިގެންނެވެ. ފޯނެއްގައެވެ. އަހަންނަށް ޔަޤީންވީއެވެ. އުފަލުން ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. އަހަރެން ވަރަށް ލޯބިން އޭނާ އުފާކޮށްލަދިނީމެވެ. އުފާވާކަހަލަ ވާހަކައިން އޭނާ ހިތް ހަމަޖައްސައި ދިނުމަށްފަހު ފޯނު ބޭއްވީމެވެ. ފޯނު ބޭއްވުމަށްފަހު އަވަސްއަވަހަށް ކެބިންއަށް ދިޔައީމެވެ. ވަނުމާއެކު ޢާސިން ބަލައިލި އެވެ. އަހަރެން ވެސް ބެލުމަށް ޖަވާބު ދިނީމެވެ. ވަރަށް އަސަރުގަދަ ގޮތަކަށެވެ. އަދި އެދުވަހު އޮފީސް ނިމުމުގެ ކުރިން ވަރަށް ސިއްރުން ކަމެއް ކޮށްލީމެވެ. ގަނޑުކޮޅެއްގައި ވަރަށް ރީތިކޮށް މިއަދު އޭނާ ވަރަށް ރީތިވާހަކަ ލިޔުނީމެވެ. އަދި އަބަދުވެސް އަހަންނަށް އޭނާ ރީތި ކަމުގައިވެސް އެ ނޯޓުގައި ބަޔާންކޮށް އަހަރެންނާއެކު ކެއުމަކަށް ދިޔުމަށް ދައުވަތު ދިނީމެވެ. އަދި ސިއްރުސިއްރުން އޭނާގެ އަތްދަބަހުގެ ތެރެއަށް އެގަނޑުކޮޅު ލީމެވެ.

ޖެހިގެން އައި ދުވަހެވެ. އޮފީހެވެ. ދެމީހުން އެކަނި ތިބޭ އެއްކަލަ ކެބިންއެވެ. އެރީތި ސޫރައެވެ. އަހަނަށް ހީވަނީ އީދެއް ލައިގަނެގެން އުޅޭހެނެވެ. އުފަލުން ކޮށްފައި ނުކުރާނެ ކަމެއް ނޭނގެއެވެ. ކޮންމެ ކަމެއްގައި އުޅުނަސް އަހަރެންގެ ނަޒަރު އާސިންގެ ސޫރައިން އެއްފަރާތެއް ނުކުރެވެއެވެ. އަހަރެން ކޮންމެވެސް ކަމެއްގައި ބޭރަށް ގޮސްފައި އައިސް އިށީނީމެވެ. ފައިލެއް ހިފައިގެންނެވެ. ފައިލުގައިވާ މަސައްކަތް ނިންމާލުމަށް މޭޒުމަތި ތަނަވަސް ކޮށްލަނިކޮށް އަހަރެންގެ ނަޒަރު ހުއްޓުނީ މޯބައިލް ފޯނުގެ ދަށުގައި އޮތް ނޯޓު ކޮޅަށެވެ. ނަގައި ކިޔައިލީމެވެ. އޭގައިވަނީ އަހަރެންގެ ހިތުގެ އެދުމެވެ. ލޮލުގެ ފިނި ކަމެވެ. ކަރުގެ ކަރުހިއްކުމެވެ. އުފަލުން ނުރޮވުނީ ކިރިޔާއެވެ. ލިޔެފައިވެއެވެ. " ނާޔީއެވެ. ކަލާއަށް އަހަރެން ރީތިވުން އެއީ އަހަރެންގެ ނަސީބެއެވެ. އަބަދުވެސް ހުންނަހިތްވަނީ ކަލާއަށް ރީތި ކޮށެވެ. ކަލާވެސް ރީއްޗެވެ. ވަރަށް ރީއްޗެވެ. އަހަންނަށް ކަލާއާ ދިމާއަކަށް އެހައި ގިނައިން ބަލާކަށް ނުކެރެއެވެ. އެކަމަކު މި ހިތް އަބަދުވެސް އެދެނީ ކަލާއާ ދިމާއަށް ބަލާށެވެ. ކޮންމެވެސް ދުވަހަކުން ހިތް ފުރޭވަރަށް ބަލައިލެވޭނެ ކަމުގައި އުއްމީދު ކުރަމެވެ." އަހަރެން އާސިން ބަލައިލައިތޯ އިނީމެވެ. މަސްތުން ފުރިގެނެވެ. އިރުކޮޅަކުން އޭނާ އިސް އުފުލައިލިއެވެ. އަހަރެމެންގެ ނަޒަރު ދިމާވި އެވެ. ލޮލާ ލޯ ސީދާވިއެވެ. އެތައް ބައިވަރު ވާހަކައެއް ދެއްކީމެވެ. ހުރިހާ ޚިޔާލަކާ ފިކުރަކުން އެއްކިބައިވެ އެހެން ދުނިޔެއެއްގައި އުދުހެން ފެށީމެވެ. އޭނާގެ ރީތި ލޮލެވެ. އަސަރުގަދަ ކަޅިރަވައެވެ. މަސްތީ ބެލުމެވެ. އަހަރެންގެ ހިތް ފުރި އުތުރި އަރައިގަތެވެ. އޭނާ ގާތަށް ދާން ހިތް އެދި ގޮވަނީއެވެ. އާދޭސް ކުރަނީއެވެ. އަހަރެމެން ދެމީހުން ވެސް ތިބީ އެމަސްތު ކަމުގެ ތެރޭގައެވެ. އެހެންކަމުން ބޭރުން ހިނގާ އެއްވެސް ކަމެއް އިޙްސާށްވެސް ނުވެއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ގާތުގައި ހުރި ފޯނު ރިންގުވާންފެށި އަޑަށެވެ. އޭރު އޮފީހުގެ ދެޖިންސުގެ ދެތިން ރައްޓެއްސަކު ހިނިފަޅައިގެން ގޮސްފައި ކެބިންތެރޭގައި ތިއްބެވެ. އަހަރެމެނަށް އެމީހުނާ ދިމާއަށް ބަލައިލެވުމާއެކު އެމީހުންގެ ހިނި ފަޅައިގެން ދިޔައެވެ. ދިމާކުރުމުގެ ގޮތުންނެވެ. އާސިން ރަކިވެގެން މޭޒުގައި ބޯޖެހިއެވެ. އަހަރެން ވެސް ވަރަށް ރަކިވިއެވެ. އެކަމަކު ވަރަށް އުފާވެސް ވިއެވެ. ހިތުގެ ލޯބި ރަސް މީކޮށް ފެށުނީމައެވެ.

ދެންއައި ދުވަސްތަކަކީ އަހަރެމެންގެ ބަހާރު މޫސުމެވެ. އުފާތަކުގެ ރަންޒަމާނެވެ. އަހަރެމެން އުފާކުރީމެވެ. އަދިރި އެތައް ރެއެއްގެ އަދިރި ކަމުގެ ތެރެއިންނެވެ. ފިނިއެތައް ފަތިހެއްގެ ފަތިހުގެ ތެރެއިންނެވެ. ރޭގަނޑު މެންދަން ޚާއްސަކުރެވިފައިވަނީ އެއްކަލަ ނަންނޭންގޭ އަހަރެންގެ "އޭނާ " އާ ފޯނުން ބައްދަލު ކުރުމުގައެވެ. އިޙްސާސްކުރެވޭ ފޮނިލޯތްބެއްގެ ތެރެއިންނެވެ. މަސްތީ ވާހަކ ތަކަކުންނެވެ. ދެމީހުން ބޭނުންވާ ކަންތައްތައް ފުއްދަމުންދިޔައީ އެފޯނު ކޯލުގެ ޒަރިއްޔާއިން ނެވެ. މިހާރު އަހަންނަށްވެސް ވަރަށް މަޖަލެވެ. ދުވާލު އެއީ އާސިންއެވެ. ރޭގަނޑުއެއީ އަހަރެންގެ ރޭގަޑަށްފޮޅޭ ނަންނޭނގޭ އިޝްޤީމަލެކެވެ. މާގިނަ ދުވަސްތަކެއްނުވެ އެކަކު އަނެކަކާ ވަކިން އުޅެން އުނދަގޫވިއެވެ. ކެތްތެރިކަން ކުޑަވިއެވެ. އިންތިހާއަށް އެކަކު އަނެކަކަށް ބޭނުންވިއެވެ. އަހަރެމެންގެ މިއެދުން ތަކަށް އިޖާބަދީ ކައިވެންޏަކާދިމާއަށް މިސްރާބު ޖެހީމެވެ. ޒަވާޖީ ވާފަށަކުން ގުޅައިލުމަށް ނިންމީމެވެ.

ޖެހިގެން އައިރޭ އަހަރެން ފުރަތަމަ ފަހަރަށް އާސިންގެ ގެއަށް ދިޔައީމެވެ. އާޢިލާ ވަރަށް ކުޑައެވެ. ބަލި މަންމައެކެވެ. އެއް އަހަރުގެ ތަފާތުން ހަގު ކޮއްކޮއެކެވެ. ދެންއާސިންއެވެ. ބައްޕަވަނީ ދާދި އެހަކަށްދުވަހު ނިޔާވެފައެވެ. ނިކަމެތި އާއިލާއެއް ނަމަވެސް އަހަރެން ވަރަށް އުފާވިއެވެ. އެ އާޢިލާއިން އަހަރެނަށްކީ މަރުހަބާއިންނެވެ. ވަގުތުގެ ގޮތުން އާސިންގެ ކޮއްކޮއާ ބައްދަލެއްނުވި އެވެ. މަންމައާ ވަރަށްގިނަ ވާހަކަ ދެއްކީމެވެ. ރޭގަނޑުގެ ކެއުމުގެ ތެރެއިންނެވެ. މަންމަގެ ވާހަކައިން އާސިން މީހަކާއިންނަން ނިންމުމުން އުފާވި ވާހަކަ ހާމަވިއެވެ. އަދި ކޮއްކޮ ވެސް ދެން މީހަކާއިނުމީ އޭނާގެ އެދުން ކަމުގައި ހާމަކުރިއެވެ. އެ ރޭގެ ބައްދަލުކޮށްލުން ނިންމާފައި ގެއަށް ދިޔުމަށް އަހަރެންނިންމީމެވެ. ނަމަވެސް އާސިން އެދުނީ ކޮއްކޮ އަންނަންދެން މަޑުކޮށްލުމަށެވެ. މާގިނައިރެއްނުވެ އޭނާ ވެސް އަތުވެއްޖެ އެވެ. އާސިން އަހަރެނަށް އޭނާ ތަޢާރާފްކޮށްދިނެވެ. ނަމަކީ ނާޝިޔާ ކަމާއި އޭނާގެ މިޒާޖު ވަރަށް މަޖާވާނެކަމަށް ބުނެދިނެވެ. ތެދެކެވެ. ވަގުތުން އޭނާވެސް ވަރަށް ރަޙްމަތްތެރިވިއެވެ. ދައްތަ އަބަދު އަހަރެންގެ ރީތިވާހަކައާއި ރަނގަޅު ވާހަކަ ދައްކާ ކަމަށް ހެމުންއިދެ އޭނާ ކިޔައިދިނެވެ. އަދިވެސް އެތައްއެތައް ވާހަކައެއް ދެއްކިއެވެ. އަހަރެން އެނބުރި ގެއަށްއައީ ވަރަށް އުފަލުން ހުރެއެވެ. ކައިވެނީ ގެ ތާރީޚެއްވެސް ކަނޑައަޅައިފައެވެ. ހުރިހާކަމެއް އަހަރެމެން ގެންދަން ބޭނުންވާގޮތް ނިންމައިފައެވެ. އައިސް ނިދީ އުފަލުންނެވެ. އުފާވެރި ތަދުބީރުތައް ކުރަމުންނެވެ. ހިތްގައިމު ފަތިހަކަށް އިންތިޒާރު ކުރަމުންނެވެ. ނަމަވެސް އިރުއަރާނީ ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭނެއެވެ. ތެދެކެވެ. އުފަލަކީ ތާއަބަދަށް ދެމި އޮންނަ ކަމެއްނޫނެވެ. އެކަމަށްވެސް ވަގުތެއްވެއެވެ. އެ ނެތިއްޖެނަމަ އެ ހުސްތަން ފުރާނީ ކަށަވަރުން ވެސް ހިތާމައެވެ. އެއާއެކުވެ އެރޭތަކުގެ ފަތިހުންއަލިވީ ބަނަވިލާ ފުނިތަކަކުން އުދަރެސް ބައްދާލައިގެންނެވެ. އަހަރެންގެ ހިތަށް ވެސް ނާންނަފަދަ ގޮތަކަށެވެ.

ޗުއްޓީ ދުވަހެއްކަމުން ހެދުނު އެ ގެއަށް ދިޔައީމެވެ. ކުރަންހުރި ކަންކަން ކޮށްލުމަށެވެ. ވަދެގެން ވަކިހިސާބަކަށް ދިޔަތަނާ ކުރިމައްޗަށް ހުއްޓުނީ އެއްކަލަ ހިތްގައިމު ފިޔާތޮށިކުލައިގެ ޕާކިސްތާނު ހެދުމެވެ. އަހަރެންގެ ހިތްފުރިގެން ދިޔައެވެ. އުފަލުން މޫނަށް ބަލައި ލީމެވެ. ދެން ލިބުނީ ހައިރާން ކަމެކެވެ. އެއީ އާސިން އެއްނޫނެވެ. ނާޝިޔާއެވެ. ދެން އުފެދުނީ ސުވާލު ތަކެކެވެ. އެކަމަކު އެހެދުން އެނާލީ ކީއްވެ ބާއެވެ؟ އޭހަމަ އެހެދުން ބާވައެވެ. އާއެކެވެ  އެއްކަނެއްގައި އެއްކަލަ މާކޯޅިވެސް އިނެވެ. އެފިކުރުގައި ހުއްޓައި އާސިން އަތުވެއްޖެ އެވެ. އަހަރެން ހުރިގޮތުން އޭނާ ހީނގަތެވެ. އޭނާއަށް ވީގޮތް އެނގުނީމައެވެ. އެ ވައްތަރުގެ އެއްކަހަލަ ދެހެދުން ދެމީހުނަށް އެއްފަހަރާ ފެހީ ކަމަށް ބުންޏެވެ. އަދި އެ ހެދުމަކީ ދެމީހުނަށްވެސް ވަރަށް ކަމުދާ ދެހެދުން ކަމުގައިބުންޏެވެ. ހަމައެއާއެކު އެހެދުމަކީ އާސިންއަށް ޚާއްސަ ހެދުމަކަށް ވީފައިދައިން ނާޝިޔާއަށްވެސް ޚާއްސަ ހެދުމެއް ކަމުގައި ބުންޏެވެ. އެއީ އޭނާގެ ބިޓަށްވެސް އެހެދުން ރީތިކަމުން ނެވެ. އެހިސާބުން އާސިން ނާޝިޔާއާ ދިމާކުރަންފެށިއެވެ. އަހަރެނަށް ނާޝިޔާގެ ލޯބީގެ ވާހަކަ ކިޔައިދިނެވެ. ދުވަހަކުވެސް ނުފެންނަ މީހަކާ ފޯނުން ލޯބިވެގެން އުޅޭ ވާހަކަ އެވެ. ނާޝިޔާވެސް ހީނގަތީ ދެނެވެ. ވީގޮތް އެނގުނީމައެވެ. ނަމަވެސް ލަދުން ހުރެއެވެ. އެއާއެކު އާސިން އަދި އެއަށްވުޔުރެ ބާރަށް ހީނގަތެވެ. ނުހެވުނީ އެކަކަށެވެ. އެއީ އަހަންނަށެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް ނޭނގޭ ކަންތައް ގަނޑަކުން އަހަރެން ވަށައިލިއެވެ. އެތައް ސުވާލަކުން ސިކުނޑި ބަރުވާންފެށި އެވެ. ވާންއުޅެނީ ކީއްބާވައޭ ހިތަށް އަރަންފެށިއެވެ. މިކަހަލަ ނުތަނަވަސް ކަމެއްގެ ތެރޭގައި ހުއްޓައި އެއްއަތުގައި އާސިން އަނެއްއަތުގައި ނާޝީޔާ ހިފައިގެން އަހަރެން އެތެރެއަށް ގެންދިޔައެވެ. ހަމައެވަގުތު އަހަރެން ނިންމީ އަހަރެންގެ ޝައްކު ޔަޤީން ކުރާށެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ މިހާރު އެސުވާލު އުފެދެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެހެންވާން ނޭދޭތީއެވެ. އެއީ ނާޝިޔާއަށް ވެއްޖެނަމަ ދެންވާނެ ގޮތް ހިތައް އަރާފައެވެ. ކޮންމެއަކަސް އަހަރެންގެ މުޅިމިޒާޖަށް ބަދަލު އަތުވެއްޖެއެވެ. ކާހިތެއް އަދި ބޯހިތެއްވެސް ނުވެއެވެ. ޖެހިގެން އައިރޭ "އޭނާ " އަކަށްވެސް ނުގުޅަމެވެ. މަސްހުނިވެފައިވާ ޚިޔާލުތަކުގެ ތެރެއިން ހަމަޖެހުމެއް ހޯދައިގެން ނިދުނުއިރު ވަނީ 3 ވެސް ޖަހައިފައެވެ.

ހެނދުނު ހޭލިއިރު ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. ނަމަވެސް އާސިންމެންގެއަށް ދާންޖެހޭތީ ހިތާދެކޮޅަށް ތެދުވީމެވެ. ތައްޔާރު ވެލައިގެން އެގެއަށް ދިޔައީމެވެ. ސައިބުއީވެސް އެގެއިންނެވެ. ހުރިހާއެންމެންވެސް އޭރު އުޅެނީ އެގޭގައެވެ. އަނެއްދުވަހުގެ ރޭގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ވާންޖެހޭ ތައްޔާރީތައް ވުމުގައެވެ. އަހަރެންވެސް އަހަންނާ ޙަވާލުވެފައިވާ ބައި ކުރިޔަށް ގެންދިޔައީމެވެ. މަސައްކަތުގައި އުޅެނިކޮށް މެސެޖެއް އައެވެ. އެއީ "އޭނާ"ގެ މެސެޖެކެވެ. އޭގައި ވަރަށް ލޯބިވާވާހަކައާއި އިންތިޒާރު ކުރާވާހަކަ އޮތެވެ. އަހަރެންވެސް " މީ ޓޫ " އޭ ޖަހާލުމަށްފަހު ފޯވާރޑް ކޮށްލީމެވެ. ފޯނުގެ ތެރެއިން ނެޓްވާކުގެ ޒަރިއްޔާއިން ޖައްވުގެތެރެއިން ބާރު ސްޕީޑޫގައި އެމެސެޖް ދާންވާ މަންޒިލަށް ތިރިކޮށް "އޭނާ" ގެފޯނަށް އާދެވުނު ކަމުގެ ސިގުނަލް ދީފިއެވެ. ފޯނުއޮތީ އާސިން އާ ނާޝިޔާއާ ދެމެދުއެވެ. ދެމީހުންތިބީ ކާޑްތައް އެރޭންޖު ކުރާށެވެ. ކުއްލިއަކަށް މެސެޖެއް އައުމުން އާސިން ނާޝިޔާގެ ފޯނުނެގިއެވެ. މެސެޖް އެލާޓެކެވެ. ފޮނުވިފަރާތަކަށް އިނީ "ޑްރީމް ބޯއީ " މިހެން ޖަހައިފައެވެ. އާސިން އެނަން ކިޔާލިއެވެ. ކުއްލިއަކަށް ނާޝިޔާ ބަލައިލިއެވެ. އަދި ފޯނު ޖަހައިގަނެގެން ދުރަށް ދިޔައެވެ. އާސިން ދިމާކޮށް ގަތެވެ. ނާޝިޔާ ދޫނެރެފައި ވައްތަރު ޖައްސާލިއެވެ. ދެކުދިން ވަރަށް މަޖާވެފައި ހީނހީނ އުޅޭއިރު ނަގައިފައިވާ ކަޅުވިލާ ގަނޑުގެ ނުރައްކާތެރިކަމުގެ ހިލަންވެސް އެމީހުންނަށް ނޭނގޭކަން އެނގެއެވެ.

ކޮންމެއެއަކަށް ރޭގަނޑުވެއްޖެއެވެ. ކައިވެންޏަށް ވާންޖެހޭ އެންމެހާ ތައްޔާރީއެއް އާސިންވަނީ ވެފައެވެ. ކައިވެނި ކުރަނީ އާސިންގެ ގޭގައިކަމުން އަވަސް އަވަހަށް ތައްޔާރު ވެލައިގެން އަހަރެންވެސް ދިޔައީ އެގެއަށެވެ. އާސިންގެ ކޮޓަރިޔާ ހަމައަސް ދެވުނު އިރު އޭނާ އަހަރެން ލަސްވެގެން ކުދި ކިޔައެވެ. އަހަރެން ހިނިވެސް އައެވެ. އޭނާ ހާސް ވެފައި އިންވަރުންނެވެ. ނާޝިޔާވެސް ހުރި ވަރަށް އުފާވެފައެވެ. ވާނީވެސް އެހެނެވެ. އޭނާގެ ހުރި ހަމައެކަނި ދައްތަ ގެ ކައިވެނި ވެފައެވެ. ލަސްވާތީ އަހަންނާ ދިމާއަށް ކުދިކިޔަކިޔައި އިން އާސިން ހާސްކޮށްލުމަށް އަހަރެން އެކޮޓަރީގެ ކުޑަ ދޮރުގައި ދަމާފައިވާ ފަރުދާގެ ތެރެއަށް ވަނީމެވެ. މަޖާކޮށްލާށެވެ. ކުއްލިއަކަށް އާސިން ނާޝިޔާގެ ފޯނުއަތުލިއެވެ. މަށަށް ގުޅުމަށެވެ. އަހަރެންގެ ހިތް ތެޅެންފެށީއެހިސާބުންނެވެ. އަހަރެންގެ ފޯނަކީ ރިންގް އޮން ކޮށްފައި އޮންނަ ފޯނެއް ކަމުންނެވެ. އޮފް ކުރަން ކުރަން އުޅެނިކޮށް އާސިން ގުޅައިފިއެވެ. ކޮޓަރިން އަހަރެންގެ ފޯނުގެ ރިންގު އަޑުއިވެންފެށިއެވެ. ނާޝިޔާ ހޯދަމުން ހޯދަމުން އައިސް އަހަރެން އޭގެ ދަށުން ނެރުނެވެ. އަހަރެން އޭގެ ދަށުން ނިކުތް އިރު އާސިން ހުރީ ގަނޑު ވެފައެވެ. އަހަރެނަށްވެސް ފޯނަށް ބަލައިލުމަށްފަހު ހަދާނެ ގޮތް ހުސްވިއެވެ. ފޯނަށް އަރާފައިވަނީ "އޭނާ" ގުޅަނީ ކަމުގައެވެ. އާސިން އެފޯނަށް ބަލަން ހުރެވުނީ އޭގައިވާ ނަމުން ނެވެ. އޭގައިވަނީ "ޑްރީމް ބޯއީ" ގެނަމެވެ. ދެމީހުން މިހެން ގަނޑުވެފައި ތިބެން ފެށުމުން ކަމެއްގޯސް ވެއްޖެހެން ނާޝިޔާއަށް ހީވިއެވެ. ދެމީހުންނަށްވެސް ތިބެވުނީ ފޯނަށް ބަލަން ކަމުން ނާޝީޔާވެސް އައިސް އާސިންގެ ފޯނުއަތުލައި ބަލައިލިއެވެ. ދެން އޭނާވެސް ހުއްޓުން އެރިއެވެ. ބަސްހުއްޓުނެވެ. މަޖާކަން ކެނޑުނެވެ. ކޮޓަރިއަށް ވަނީ ހަމަހިމޭންކަން ވެރިވިއެވެ. ނަމަވެސް އެއީ މާހައުލަށެވެ. އެކޮޓަރީގައިވާ އަހަރެމެން ތިންމީހުނަށްގެ ސިކުޑިވަނީ ގަދައެތޫފާނުގެ އޮއިވަރުގައި ޣަރަޤުވެފައެވެ. ބަލަބަލައި ތިއްބައި އެކަކު އަނެކަކުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ނާޝިޔާއަތުން ފޯނު ވެއްޓުނެވެ. ހަމައެ ހިނދު ކޮޅުގެ ތެރޭގައި އާސިންވެސް ހޭނެތިގެން ވެއްޓުނެވެ. އެތަން ބަލަން އަހަރެމެން ދެމީހުނަށްވެސް ހުރެވުނީއެވެ. އިރުކޮޅަކުން ނާޝިޔާވެސް ހެޔަށް ގޮތްވެގެން ވެއްޓުނެވެ. އެ ދެމީހުންވެސް ވެއްޓުނީ އަހަރެން ކުރިމަތީގައެވެ. އެކަމަކު އަހަރެނަކަށް އެއްވެސް ޙަރަކާތެއް ނުގެނެވުނެވެ. ދެމީހުން ވެއްޓުނު އަޑަށް ބޭރުން އާއިލާގެ އެކިވަރުގެމީހުން އައެވެ. އަދި ދެމީހުން ނަގައިގެން ފަރުވާދޭންފެށިއެވެ. އޭރުވެސް އަހަރެނަށް ހުރެވުނީއެވެ. އެތައް މަސައްކަތަކުން އާސިން ހޭ އެރިއެވެ. އޭނާ ފެށީ ރޯށެވެ. ގިސްލާށެވެ. ވެގެން އުޅޭ ގޮތް އެކަކަށްވެސް ނޭނގުމުން ހިތްދެރަ ބައެއް އެހެން ތިމާގެ މީހުންވެސް ރޯންފަށައިފިއެވެ. އެފުފާވެރި މާޙައުލު ނޭނގޭ ހިތާމައަކުން ވަށައިލައިފައިވާ ކަހަލައެވެ.

އެތައް ބަޔަކު އައިސް އަހަންނާވެސް އެތައް ސުވާލެއް ކުރިއެވެ. އަހަންނަށް އިވެނީ ހަމައެކަނި އަޑެވެ. ދެން ހަދަންވާ ގޮތެއް ނުވިސްނެވެ. ދެތިން ރައްޓެއްސަކު އަތުލަފިކޮށްގެން އަހަރެން ގޮޑިއެއްގައި ބޭންދިއެވެ. އާސިން ދުވެފައިގޮސް އޭނާގެ މަންމަގެ ކޮޓަރިއަށް ވަނެވެ. ފަހަތުން މަންމައާ އޭނާގެ ބޮޑުދައިތަ ވަނެވެ. އިރު ގަނޑެއް ވުމަށްފަހު އެންމެން އެންމެނަށް މަޑުމަޑުން ތުންތަޅުވައި ވާހަކަ ދައްކަން ފެށިއެވެ. އަދި އިސާހިތަކު މީހުންތައްވެސް މަޑުމަޑުން ބޭރަށްގޮސް ހުއްސްވެއްޖެއެވެ. އަހަރެންވެސް ދެރައްޓެއްސެއް ގެ އެހީގައި ބޭރަށް ނުކުތީމެވެ. އޭރުވެސް އެއްޗެކޭނުބުނެވެއެވެ. ވާނީވެސް އެހެނެވެ. އެކަހަލަ ޝޮކެއް ލިބުމަކީ ދުވަހަކުވެސް ވެދާނެ ކެމެއްކަމަށް ޤަބޫލެއް ނުކުރަމެވެ. ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެނަށް ދާނެ ވަކި އެހެން ތަނެއް ނެތެވެ. އެމީހުން އަހަރެން ގެނެސް ކޮޓަރިއަށް ލުމަށްފަހު އެތައް ހިތްވަރެއް ދިނުމަށްފަހު އެނބުރިދިޔައެވެ. އަހަރެންނަށް އިނދެވުނީ އެހެނެވެ. ގަބުވެފައެވެ. ހާލަތު ޤަބޫލު ނުކުރެވިފައެވެ. އޭރު މަންމަވެސް ރޮއިރޮއިފައި ފޯނުން ކޮންމެވެސް މީހަކަށް އެވާހަކަތައް ކިޔައިދޭ އަޑުވެސް އިވެއެވެ. ނާޝިޔާ ހޭނާރައި މަރުވިވާހަކައާއި އާސިން ހޮސްޕިޓަލަށް ގެންދިޔަ ވާހަކައާއި އަހަރެން ގަނޑުވެފައި އިންވާހަކައެވެ.

އަހަރެންގެ ހިތް ފަޅައިގެން ދިޔައެވެ. މަޑުމަޑުން ލޮލުން ކަރުނަފައިބަން ފެށީއެވެ. ރޮވެން ފެށިއެވެ. ހިތާދިމާއަށް ބާރުވާންފެށިއެވެ. އެތެރެ ފުރެންފެށީއެވެ. އިސާހިތަކު އަޑުންއަޑު ނަގައި ރޮވެން ފެށިއެވެ. މަންމަ އައިސް ރޮމުން އަހަރެންގެ ގައިގައި އޮޅުލާންފެށިއެވެ. އެކަމަކު އަހަރެނަކަށް ނުހުއްޓެވުނެވެ. ހިތާހިތާ ހެއްދެވިފަރާތާ ޝަކުވާކުރެވެންފެށިއެވެ. ގިސްލަމުންނެވެ. އެކަމަކު ދެން ހެދޭނެ ގޮތެއް ނެތެވެ. ކަންވަނީ ނިމިފައެވެ. ކުށްވެރިކުރާނެފަރާތަކީ ކޮބައި ކަމެއް ނޭނގުނެވެ. އެހެންނަމަވެސް ހިތް ދެރަވަނީ އެވެ. ވީގޮތް ޤަބޫލުކުރަން ބޭނުންނުވާތީއެވެ. އަހަރެންގެ ހިތަށް މަޑުމަޑުން އަރަމުން ދިޔައެވެ. މިހެން ހަމަވެދާނެބާވައެވެ؟ ޤަބޫލު ނުކުރެވޭތީއެވެ. މިގޮތަށް ލޯތްބެއް ނިމިދާނެ ބާވައެވެ؟ މިއީ އަހަރެންގެ ކުށް ބާވައެވެ. ކޮންމެއަކަސް އަހަރެންގެ ޙަޔާތަކީ އެންމެންގެ ދުލުކުރީގެ ބޮޑުވާހަކައަށް ވެގެން ނިމިގެން ހިނގައްޖެއެވެ. އެޅުނު ޅައެއްޗެއްގެ ސަބަބުންނެވެ. ސީދާ ލޯތްބެއް ވާންނޭންގުނީމައެވެ.
-------------
(ނިމުނީ)


މި ވާހަކަ
     ފޮނުވުން:    
އަލްޟިލް އަޙްމަދު ފަޔާޒް – އއ. ބޮޑުފޮޅުދޫ
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ