އަދުގެ ޚާއްސަ

Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

14އޮކްޓޯބަރ (ހުކުރު) އާ ގުޅޭ..

އިސްލާމްދީނުގެ ނަބިއްޔާގެ މަގުދެއްކެވުން

ޢަބްދުﷲ ފާރޫޤު ޙަސަން

މާއްދިއްޔަތަށް އަޅުވެތިވެފައިވާ ދުނިޔެ، އަންހެނުންނާ ބެހޭގޮތުން ކޮންމެވެސް އެއްއަތަކަށްގޮސް ޙައްދުފަހަނަޅާގޮތްވަނީ ކީއްވެގެންތޯއެވެ. އެހެންޏާ ދީލިކަޑަވަނީ، އެހެންޏާ ނެގިމަޑުވަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ސީދާ ޖަވާބަކީ، އަންހެނުންގެ ޙަޤީޤީ ޙައިޘިއްޔަތާއި އެބައިމީހުންގެ މަޤާމާއި ދަރަޖަ ދެނެގަތުމުގައި، ދުނިޔެ އަބަދުވެސް އަންނަނީ ގޯސްތަކެއް ހަދަމުންނޭ ދެންނެވުމެވެ. އަންހެނުން އުފައްދަވައިފައިވާ މަޤްޞަދާއި، ޖިސްމާނީގޮތުން އަންހެނުންގެ ހަށިތައް ފަރުމާވެފައިވާގޮތާއި، އަންހެނުންގެ ނަފްސިއްޔާތާއި، އަޚްލާޤީ ވުޖޫދު ދެނެގަތުމުގައި ނާކާމިޔާބުވެފައޭ ދެންނެވުމެވެ. މި ނާކާމިޔާބީގެ އެންމެ މުހިންމު ސަބަބަކީ، އިންސާނުން އެބައިމީހުންގެ އިމެއްގެ ތެރޭގައިވާ އުނިވިސްނުން، މަގުދައްކާ ފަރާތެއް ކަމުގައި ބަލައިގެން، އަންހެނުންގެ ޙައިޘިއްޔަތު ކަނޑައެޅުމެވެ. ފުރާނަ އެޅުއްވި ކޮންމެ އެއްޗެއް ޖޯޑުޖޯޑަށް އުފެއްދެވީ ކީއްވެގެންކަމާމެދު ވިސްނައިލުމުގެ [ބުރަ އުފުލަން] އެބައިމީހުން ބޭނުން ނުވުމެވެ. އަންހެންފިރިހެން މަޚްލޫޤާތުގެ ޖިސްމާނީ ފަރުމާއާއި، އުފެދިފައިވާ ގޮތާމެދު ޚިޔާލުކުރަން ބޭނުން ނުވުމެވެ. ދެޖިންސުގެ ޖިސްމާނީ އުފެއްދެވުމުގައި މި ތަފާތު ލައްވައިފައިވަނީ، ހަމައެކަނި ޖިންސީ މީރުކަން ލިބިގަތުމަށްޓަކައި ކަމެއް ނުވަތަ އެކަމުގައި އެއަށްވުރެ މާމަތިވެރި ތަމައްދުނީ މަޤްޞަދެއްވާކަން ފާހަގަ ނުކުރެވުމެވެ. ހުޅަނގުގެ ދުނިޔެވަނީ އުފެއްދެވި ޚާލިޤުގެ ހިދާޔަތު، ތިމާމެންނަށް ބޭނުމެއް ނޫންކަމުގައި ހަދައިފައެވެ. އެކަމަކު އިންސާނުންގެ ފިޠުރަތާއި، ޙާލަތާއި، ބޭނުންތަކުގެ ދާއިރާއާއި ޢަމަލުކުރުމުގެ އެކަށޭނަކަން ހުރިގޮތް ދެނެވޮޑިގަތުން ވަނީ އެފަރާތަށެވެ.

އިންސާނީ ޙަޔާތުގެ ތިލަފަތް ހަމަކުރެއްވީ، އެބޭކަލެއްގެ އަތްޕުޅުމަތީގައި އިސްލާމްދީން ފުރިހަމަކުރެއްވި މާތް ﷲ ގެ ރަސޫލާއެވެ. މި ޙަޤީޤަތާމެދު ފަރުވާލެއް ނުބެހެއްޓުމުގެ ނަތީޖާއަކީ، އަންހެނުންނާ ބެހޭގޮތުން ދުނިޔެ އަބަދުވެސް ދަތުރުކުރަންވާ ނެރުގެ އެއްފަރާތަކަށް ބީހުމެވެ.

ޝައްކެއްނެތެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މިހާރުވެސް މަސައްކަތް ކުރެވެމުން މިދަނީ، އަންހެނުންނަށް ޙައްޤުތަކެއް ހޯދައިދިނުމުގެ ނަމުގައެވެ. ނަމަވެސް، ފިކުރީގޮތުން ވަޒަން ހަމަނުކުރެވުމުގެ ސަބަބުން އަންހެނުންނަކަށް އެބައިމީހުންނަށް ޙައްޤު މަޤާމު ހޯދައެއް ނުދެވުނެވެ. އިސްލާމްދީނަކީ ރަޙްމަތުގެ ނިޒާމެކެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ގެނެސްދެއްވައިފައިވާ އިންސާނީ ޙަޔާތުގެ ނިޒާމެކެވެ. އެ ނިޒާމަށް ފިލަންދުވުމުގެ ނަތީޖާއަކީ، މިއަދުވެސް އަންހެނުންނަކީ އަނިޔާ ލިބެމުންދާ ބަޔަކު ކަމުގައިވުމެވެ.

އިސްލާމްދީން ވަނީ އަޚްލާޤީ ގޮތުންނާއި ޤާނޫނީ ގޮތުންނާއި އިންސާނީ ޙައިޘިއްޔަތުން، އަންހެނުންނަށް ފިރިހެނުންނާ އެއްވަރުގެ މަޤާމެއް ދީފައެވެ. މުޖްތަމަޢުގައި އަންހެނުންނަށް އިއްޒަތާއި ޝަރަފު ހޯދައިދީފައެވެ. އިސްލާމްދީން ކަނޑައަޅައިފައިވާ ގޮތުގައި، އިޖްތިމާޢީ، އިޤްތިޞާދީ ޙައްޤުތަކާއި، ތަމައްދުނީ ޙައްޤުތަކާއި ވާޖިބުތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައެވެ. ޝައްކެއްނެތެވެ. ދަރަޖައިގެ ގޮތުން ބަލާއިރު، ބައެއް މަޤާމުތަކުގައި އަންހެނުން މަތިވެރިއެވެ. އަނެއްބައި މަޤާމުތަކުގައި ފިރިހެނުން މަތިވެރިއެވެ. މައިވަންތަކަމުގެ ޙައިޘިއްޔަތުން އަންހެނުން ތިބީ ފިރިހެނުންނަށްވުރެ ތިންދަރަޖަ ކުރިއަށެވެ. ފިރިޔެއްގެ ޙައިޘިއްޔަތުން ފިރިހެނުންނަށްވަނީ އަންހެނުންގެ ޤިވާމަތު ލިބިފައެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ޖަޒުބާތީ ގޮތުންނާއި، ބަޔޮލޮޖިކަލްގޮތުން ދެބައިމީހުންގެ ހުރި ތަފާތާ ގުޅޭގޮތަށް ދެބައިމީހުންގެ މަސައްކަތުގެ ދާއިރާ ވަނީ ވަކިކޮށްފައެވެ.

އިސްލާމްދީނުގައި އަންހެނުންނަށް ލިބިފައިވާ މަތިވެރި މަޤާމުގެ އެއް ހެތްކަކީ، ކީރިތި ޤުރްއާނުގައި އެބައިމީހުންގެ ނަމުގައި މުސްތަޤިއްލު ސޫރަތެއް އޮތުމެވެ. އައްނިސާއު ސޫރަތެވެ. އެބައިމީހުންގެ ވާޖިބުތަކާއި ޙައްޤުތައް ފުރިހަމަޔަށް ބަޔާންކުރެވިފައިވާކަމެވެ. ކީރިތި ޤުރްއާނުގެ އެހެނިހެން ސޫރަތްތަކުގައިވެސް (މިސާލެއްގެގޮތުން ދަންނަވާނަމަ، އަޙްޒާބު ސޫރަތާއި، ނޫރު ސޫރަތާއި، ޠަލާޤު ސޫރަތުގައިވެސް) އަންހެނުންނާބެހޭ އެތައް އިރުޝާދުތަކެއް ވަނީ ބާވައިލައްވައިފައެވެ. ކީރިތި ޤުރްއާނުގައި ޞަރީޙަކޮށް އަންގަވައިފައިވެއެވެ.

(( وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ))
    
[ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބީން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.] (ސޫރަތުއްރޫމް: 21)

އިސްލާމްދީން އިޢުލާންކޮށްފައިވާގޮތުގައި، މާތް اللّه އަންހެނުން ހައްދަވައިފައިވަނީ، މިނިވަނުންގެ ގޮތުގައެވެ. އަންހެނުން އެބައިމީހުންގެ ޢަމަލުތަކަށް ޖަވާބުދާރީވާންޖެހެނީ އެހެންވެގެންނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އިރްޝާދު ދެއްވައިފައިވެއެވެ. ދުނިޔޭގެ އެންމެ ރަނގަޅު ނިޢުމަތަކީ، ހެޔޮލަފާ އަނތްބެކެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم އިރްޝާދު ދެއްވައިފައިވާގޮތުގައި، އެމީހެއްގެ އަންހެން ދަރިޔަކުވާ މީހަކު، އެދަރިފުޅު ވަޅުލައި މަރައިނުލައި، އެކުއްޖާއަށް އިހާނެތިކޮށް ނުހިތައި، އެކުއްޖާގެ މައްޗަށް ފިރިހެން ދަރީންނަށް ތަރްޖީޙުނުދީ ގެންގުޅެފިނަމަ، އަރަހުށި މާތް اللّه އެމީހަކަށް ސުވަރުގެ ދެއްވާނެއެވެ.

މިފަދަ އެތައް ގޮތަކުން އިސްލާމްދީން ވަނީ އަންހެނުންގެ މަޤާމު މަތިވެރިކޮށްފައެވެ. އަންހެނުންނާއި ފިރިހެނުންނާ ހަމަހަމަކޮށްފައެވެ. ނަމަވެސް، އިސްލާމްދީން ވަނީ ދަރީން މެރުން ޙަރާމް ކުރައްވައިފައެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ޙައްޖަތުލްވަދާޢުގައި އިޢްލާންކުރެއްވި އިންސާނީވަންތަކަމުގެ ޗާޓަރުގައި ގޮވައިލައްވައިފައިވެއެވެ. [އޭ މީސްތަކުންނޭވެ! ރަނގަޅަށް އަޑުއަހާށެވެ. އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.] އެހެން މުނާސަބާއެއްގައި ދެއްވި އިރްޝާދެއްގައި ޙަދީޘު ކުރައްވައިފައިވެއެވެ. [ތިޔަބައިމީހުންކުރެ އެންމެ ހެޔޮކަންބޮޑު މީހަކީ، އެމީހެއްގެ އަނބީންނަށް އެންމެ ހެޔޮ މީހެކެވެ.] ކީރިތި ޤުރްއާނާއި ކައުސާހިބާގެ ޙަދީޘްފުޅުތައް ދިރާސާކުރުމުންނާއި، އިސްލާމީ ތާރީޚުގެ ގަނޑުތައް އުކައިލުމުން ސާބިތުވާގޮތުގައި، އިސްލާމްދީން އަންހެނުންނަށް ދީފައިވާފަދަ މަތިވެރި މަޤާމެއް، އަންހެނުންނަށް ދީފައިވާ އެއްވެސް ނިޒާމެއް ދުނިޔެއަކު ނުވެއެވެ. އިސްލާމްދީން އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައިވާ ވަރާއި، އަންހެނުންނަށް ހެޔޮކޮށް ހިތައިފައިވާ ދަރަޖަޔަކީ، ދުނިޔޭގެ އެހެން އެއްވެސް ނިޒާމަކުން އޭގެ ބައިކުޅަބައިވެސް ނުފެންނަހައި މަތިވެރި ދަރަޖައެކެވެ. އިސްލާމްދީން އަންހެނުންގެ މަތިވެރިކަން ހަމައެކަނި އިޖްތިމާޢީ ފެންވަރެއްގައި ޤަބޫލުކުރީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އަންހެނުންނަށް ހެޔޮކޮށް ހިތުމަކީ، ޘަވާބު ލިބޭ ހެޔޮ ޢަމަލެއް ކަމުގައްޔާއި، ސުވަރުގެ ލިބުމުގެ ވަސީލަތެއް ކަމުގައިވެސް ހަމަޖެއްސިއެވެ.

އިސްލާމްދީން ވަނީ އިންސާނީ ތަމައްދުނު ފިތުނަފަސާދަޔާއި، ބައިބައިވުމުން ސަލާމަތް ކުރުމަށްޓަކައި، ބައެއް އަސާސީ އުސޫލުތައްވެސް ހަމަޖައްސައިފައެވެ. އޭގެތެރޭގައި، ޢިއްފަތްތެރިކަމާއި، ޢިޞްމަތްތެރިކަމާއި، ލަދުވެތިކަމާއި، ޢައުރަ ނިވާކުރުމާއި، މަޙްރަމުންނާއި، ޣައިރު މަޙްރަމުންގެ ތަޞައްވުރު ހިމެނެއެވެ. އަންހެނުންނަށްވެސް އެކަންކަމަށް ތަބާވާންޖެހެއެވެ. އަންހެނުންނަށް ބުރުގާއެޅުން ޝަރްޢުކުރެއްވިއެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން މިނިވަންކަމާއެކު މަސްހުނިވެއުޅުން މަނާކުރެއްވިއެވެ. އެއްޖިންސުގެ ގުޅުން ހިންގުމާއި، ހަށިވިއްކުމާއި، ހައްޔަރުން ނައްޓުވައި، ދަރީން މެރުމާއި، އޮރިޔާންކަމާއި، ޖިންސީ ފާޙިޝް ކަންތައްތައް އިޝްތިހާރު ކުރުމަކީ ހުއްދަނޫން ކަންތައްތަކެއް ކަމުގައި ހަމަޖެއްސިއެވެ.

އިސްލާމްދީން ވަނީ އަންހެނުންނަށް މިނިވަންކަން ހޯދައިދީފައެވެ. އަސާސީ އިންސާނީ ޙައްޤުތައް ލިބިދީފައެވެ. ތަޢުލީމު ޙާޞިލުކުރުމާއި، ވިޔަފާރިކުރުމާއި، ކާވެނިކުރުމާއި، ޚިލްޢުގެ ޙައްޤު ލިބިދީފައެވެ. ޟަމީރާއި، ޢަޤީދާއާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައެވެ. ފުރާނައާއި ޢިއްޒަތާއި އަބުރު ރައްކާތެރި ކުރުމުގެ ޙައްޤު ދީފައެވެ. މިލްކުވެރިކަމުގެ ޙައްޤާއި، ވިރާޘަތުގެ ޙައްޤު ލިބިދީފައެވެ. އިޤްތިޞާދީ ރައްކާތެރިކަމުގެ ޙައްޤާއި، ޢަދްލުއިންޞާފު ލިބިގަތުމާއި، އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އިޙްތިޖާޖު ކުރުމުގެ ޙައްޤު ދީފައެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އަދިއަދަށް ދާންދެންވެސް އަންހެނުންނަކަށް ވިރާޘަތުގެ ޙައްޤެއް ނުލިބެއެވެ. އެ ޙައްޤު ލިބިދީފައިވާ ތަންތަނުން ނަމޫނާ ލިބިގަތީ، އިސްލާމްދީނުގެ ދާއިރާއިންނެވެ.

އިސްލާމްދީން ކަނޑައަޅާ ގޮތުގައި، އޮރިޔާންކަމަކީ އިންސާނިއްޔަތު ނިކަމެތިކޮށްލުމެވެ. އިސްލާމްދީން އިރްޝާދުދޭ ގޮތުގައި، ތިމާމެން އަމިއްލަޔަށް ނިކަމެތިކަމުގެ ތެރެއަށް ވެއްޓިގަތުމަކީ، މުއުމިނުންގެ ޢިއްޒަތާއި ކަރާމަތާ ކުފޫހަމަވާ ކަމެއް ނޫނެވެ. އިންސާނާއަކީ މަލާއިކަތުންގެ މަސްޖޫދު ކަމުގައިވާހިނދުއެވެ.

ކާވެނީގެ ޒަރީޢާއިން ހުއްދަ ލައްޒަތު ލިބިގަތުމަކީ އިސްލާމްދީން ރުހި ބާރުއަޅާ ކަމެއްކަމުގައި ވަނީ އަންގައިފައެވެ. ނަމަވެސް، ޒިނޭއާމެދު ހަމަޖައްސައިފައިވަނީ ބޮޑު ފާފައެއް ކަމުގައެވެ. ތަފާތު އެކިއެކި ޙުކުމްތަކުން އެކަން ޢަމަލީގޮތުން ހުއްޓުވަން ވަނީ މަސައްކަތް ކޮށްފައެވެ. ޤިޔާމަތްދުވަހުން އިލާހީ ޢަރްޝިފުޅުގެ ހިޔާ ލިބޭ މީހުންގެ ތެރޭގައި ޤަދަރުހުރި ރީތި ޒުވާން އަންހެންކުއްޖަކު ފާޙިޝް ޢަމަލަކަށް ދަޢުވަތު ދިނުމުން، މާތް اللّه އަށް ބިރުވެތިވެ، އެކަމުން އެއްކިބާވެގަތް މީހާވެސް ހިމެނޭކަންވަނީ އަންގައިފައެވެ. އިސްލާމްދީން ކާވެންޏަށްދީފައިވަނީ ބެލުންތައް ތިރިކޮށް، ލަދުވެތި ގުނަވަންތައް ޙިމާޔަތްކުރާ އަޅުކަމެއްގެ ދަރަޖައެވެ. ފިރިހެނުންގެ ފިތުނައާމެދު އަންހެނުންނަށް، އަންހެނުންގެ ފިތުނައާމެދު ފިރިހެނުންނަށް ވަނީ ދުރާލާ އިންޒާރުކޮށްފައެވެ. އިސްރާއީލުބާގައިގެ މީހުން އިމްތިޙާނުކުރެއްވީ، އަންހެނުން މެދުވެރިކުރައްވައިކަންވަނީ އަންގައިފައެވެ. ލޮލާއި، ކަންފަތާއި، އަތާއި، ފަޔާއި، ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ޒިނޭއަށް ހުށަހެޅުން ހުއްޓުވުމަށް ވަނީ ޝައުޤުވެރި ކުރުވައިފައެވެ. އިދިކޮޅު ޖިންސުގެ މީހެއްގެ މައްޗަށް އެއްފަހަރު ކަޅިހުއްޓުމަށްފަހު، ދެވަނަފަހަރަށް ބަލައިލުމަކީ ޝައިޠާނާގެ ފަރާތުގެ ބާރުއެޅުމެއް ކަމުގައިވަނީ އަންގައިފައެވެ. ފިރިހެނުންނަށްވަނީ އަނބީންގެ އިތުރަށް އަޅުއަންހެނުންގެވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައެވެ. އަންހެނުން ވަކިދުރުމިނެއްގެ ދަތުރުތަކުގައި މަޙްރަމަކު ބައިވެރިކުރުމަށް ވަނީ އަންގައިފައެވެ. ޢިއްފަތްތެރި އަންހެނުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ކުށެއްކަން އަންގައި، އެކަމަށް އަދަބު ކަނޑައަޅައިފައެވެ.

އިތުރު ސާހިބާ صلّى اللّه عليه وسلّم ބިނާކުރެއްވި ތާހިރު މުޖްތަމަޢަކީ ފާފަތަކަށް އަރައިގަތުމުގެ އެކަށޭނަކަމުގެ ދާއިރާ ވަރަށްވެސް ހަނި މުޖްތަމަޢެކެވެ. ޢިއްފަތާއި ޢިޞްމަތްތެރިކަމުގެ މީރުވަހުން ޖައްވު ހުވަނދުލެވިފައިވާ މުޖްތަމަޢެކެވެ. ޢާއިލީ ނިޒާމު، ނުހަނު ބަދަހި އަދި އެހައިމެ ހަރުދަނާ މުޖްތަމަޢެކެވެ. ބަދުއަޚްލާޤީ ކަންތައްތަކަކަށް އެ މުޖްތަމަޢަކު މޫސުން ތަނެއް ނުދެއެވެ. ފަހަރެއްގައި މީހެއްގެ ފަރާތުން ފާފަވެރި ޢަމަލެއް ހިނގިޔަސް އެކަން ޢާއްމުވެ ފެތުރިގެން ދިޔުމުގެ އެކަށޭނަކަމެއް ނޯވެއެވެ. އެހެންކަމުން، އެފަދަ ކަމެއް ހިނގި މަދުފަހަރުފަހަރުވެސް އެކަން ކުރެއްވުނު ފަރާތްތަކުންވަނީ އަމިއްލަ ނަފްސު ޠާހިރު ކުރައްވައި އެންމެހައި އިންސާނުންނަށް ފުދޭފަދަ ތައުބާވެވަޑައިގަތުމަކުން ތައުބާވެވަޑައިގެންފައެވެ.

ނަމަވެސް، މިއަދުގެ ޙާލަކީ ކޮބައިތޯއެވެ؟ ކުރީގެ ޞަފްޙާތަކުގައިވެސް ބަޔާންކުރެވުނު ފަދައިން، އިންސާނުން ނޭވާލަމުން ގެންދަނީ ފާޙިޝްކަމާއި އޮރިޔާންކަން ހައްދުފަހަނަޅައިފައިވާ ދުނިޔެއަކަށެވެ. ފާފަވެރިކަމާއި ލަދުހުތުރުކަމުގެ އިންތިހާޔަށް ގޮސްފައިވާ ދުނިޔެއަކަށެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުންގެ ހަށިތަކުގެ ވަނާތަކާއި ބައްޓަންތައް ދައްކައި، އަގު އަރުވަމުން އަންހެނުން ނީލަމުގައި ވިއްކި ފަދައިން، މިއަދު އަނެއްކާވެސް ވިޔަފާރި ކުންފުނިތަކުގެ ވިޔަފާރި އިޝްތިހާރު ކުރުމުގެ އެންމެބޮޑު ވަސީލަތަކީ އަންހެނުންގެ ހަށިތަކެވެ. އަންހެނުންގެ އޮރިޔާންކަމެވެ. އެފަދަ ކުންފުނިތަކާއި މީޑިޔާތަކުގެ ކުރިމަތީގައި [އެންމެ އަގުހެޔޮ] އެއްޗަކީ އަންހެނުންގެ ޢިއްފަތާއި ޢިޞްމަތެވެ.

އެހެންކަމުން، ހުޅަނގުގެ އޮރިޔާންވަންތަކަމާއި ފާހިޝްކަމާހުރެ ޙައިރާންވެ ފިކުރު ބޮޑުވެފައިވާ އަންހެނުން ހިޔާވަހިކަން ހޯދަމުންގެންދަނީ އިސްލާމްދީނުގެ ރަޙްމަތުގެ ދާއިރާއިންނެވެ. ހުޅަނގުގައި ހަލުއިކަމާއެކު އިސްލާމްދީން ފެތުރެމުންދާއިރު އިސްލާމްވާ މީހުންގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކީ ޒުވާން އަންހެނުންނެވެ. މިއީ ހުޅަނގުގެ ވަރަށްގިނަ އަންހެނުން ހުޅަނގުގެ ތަހްޒީބަށްވުރެ އިސްލާމްދީނުގެ ދާއިރާ އެބައިމީހުންނަށް މާރައްކާތެރިކަމުގައި ޤަބޫލުކުރާކަމުގެ ހެއްކެކެވެ. ހުޅަނގުގައި ބުރުގާއާ ދެކޮޅަށް ކުރެވޭ ޕްރޮޕެގެންޑާތަކާއި، ހިންގޭ އަނިޔާވެރި ޢަމަލުތަކާއެކުވެސް މުސްލިމް އަންހެނުންނާއި އައު މުސްލިމް އަންހެނުންގެ ހިތްތަކުގައި ނިވާކަމަށް އޮންނަ ލޯބި ކުޑަނުވާކަމުގެ ހެއްކެކެވެ. ނިވާކަމަށްޓަކައި ޤުރްބާންވުމުގެ ޖަޒުބާތަށް ފިނިކަމެއް ނާންނަކަމުގެ ދަލީލެކެވެ.

ހުޅަނގު ބިރުގަންނަނީ އަންހެނުން ލަދުވެތިކަމާއި ނިވާކަމާއި އިސްލާމްދީނުގެ ރަޙްމަތުގެ ދާއިރާއިން ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިފިނަމަ ހަމައެކަނި އެބައިމީހުންގެ ތަހްޒީބު އަވާމެންދުރަކަށް ވެދާނެތީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެބައިމީހުންގެ އިޤްތިޞާދިއްޔަތުވެސް ބޮލާއަޅައިފާނެތީއެވެ. އެހެންކަމުން، ހުޅަނގު ވަނީ އިސްލާމްދީނާ ދެކޮޅަށް ފިސާރި ވަރުގަދަ ހަނގުރާމަޔަކަށް ތައްޔާރުވެފައެވެ. [އެންމެ ހެޔޮ އުންމަތުގެ] ފަޚްރުވެރި ލަޤަބު ލިބިފައިވާ އުންމަތުގެ ކޮންމެ ދަރިޔެއްގެވެސް ވާޖިބަކީ ފާޙިޝްކަމާއި، އޮރިޔާންކަމާއި ލަދުހުތުރު ފާފަތަކާ ދެކޮޅަށް ޖިހާދު ކުރުމެވެ. ހުޅަނގުން ތައްޔާރުވަމުންދާ ތަހްޒީބުގެ ހަނގުރާމައާ ކުރިމަތިލުމަށްޓަކައި [އަސްތަކުގައި ކައިދާއަޅުވައި ސަރަޙައްދީ ރޮނގު ކައިރިޔަށް ނެރެ] ސަމާލުވެގެން ހޭލައިތިބުމެވެ.
---------------
ނިމުނީ



ހަމަމިގަލަމުން

އިދާރާ

ވާހަކަ