އަދުގެ ޚާއްސަ

Print

ޚަލީލާއި ޛަބީޙުގެ އުފާވެރި ހަނދާން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް



ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖްމަލް ޙާމިދު

1. ގޮަވައިލެއްވި ގޮވައިލެއްވުން

އިބްރާހީމްގެފާނު ކަޢުބާ ބިނާކޮށް ނިންމެވުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުމަށް މާތް ﷲ އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިއަމުރުފުޅާމެދު އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވާލު އުފެދުނެވެ. އެކަލޭގެފާނު ދެންނެވިއެވެ. "ޔާ ﷲ އެވެ. މިއަޅާގެ އަޑު އެހުރިހާ އެންމެންނަށް ފޯރާނީ ކިހިނަކުންތޯއެވެ؟" އެހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވީ އެކަލޭގެފާނުގެ ވާޖިބަކީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވުން ކަމަށެވެ. އެގޮވައިލެއްވުން އެންމެހާ މީސްތަކުންނަށް ފޯރުކޮއްދެއްވުމަކީ އެކަލާނގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް ޢިބުރަތްތެރި ފިލާވަޅެއްވެއެވެ. ތިބާ ތިޔަ ލާ ހިތްވަރާއި ތިޔަ ކުރާ މަސައްކަތުގެ ނަތީޖާއާމެދު ނުވިސްނާށެވެ. އޭގެ ބަދަލުގައި ތިޔަ ކުރާ މަސައްކަތް ތިބާގެ ޤާބިލިއްޔަތު ތަންދޭ އެންމެ ރަނގަޅު ފެންވަރަކަށް ކުރުމަށް ގަދައަޅައި ހިތްވަރުކުރާށެވެ. އިބްރާހީމްގެފާނަށް އެ އެންގެވި އަމުރުފުޅާ އެއްގޮތަށް ކަން ކުރެއްވުމުގައި އެދެވޭ ނަތީޖާ ޙާޞިލްނުވާނެކަމަށް ވިސްނިވަޑައިގެން އެކަލޭގެފާނު އެކަން ނުކުރެއްވިނަމަ މިއަދަކު ޙައްޖެއްނުވީހެވެ. ނަމަވެސް އެއާ ޚިލާފަށް އެކަލޭގެފާނު މާތް ﷲ އަށް ވަކީލުކުރައްވައި އެކަލޭގެފާނަށް ކުރެއްވެން އޮތް އެންމެ ފުރިހަމައަށް އެކަން ކުރެއްވީއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގަތް އެންމެ އުސް ފަރުބަދައަށް އަރައިވަޑައިގެން، އެކަލޭގެފާނަށް ވެވަޑައިގެންނެވި އެންމެ ހަރެއްކޮށް، އެންމެ ބާރަކަށް މީސްތަކުންނަށް ޙައްޖަށް ގޮވައިލެއްވީއެވެ.

އެދުވަސްވަރު ދުނިޔޭގައި ތިބި އެންމެހާ ބަޔަކަށް އެގޮވައިލެއްވުމުގެ އަޑު އިވުނެވެ. އަދި ޙައްޖުގެ އަޅުކަން ފެށިގެން ދިޔައެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނު އަރިހަށް އަންނާނެއެވެ."

އެހެންވީމާ މި ޙާދިސާއިން ލިބޭ އެންމެ ބޮޑު ޢިބުރަތަކީ އެދެވޭ ނަތީޖާ ޙާޞިލްނުވެދާނެކަމަށް ހީކޮށް، ހިތްވަރުލައި ގަދަ އަޅައި މަސައްކަތްކުރުމުން ތިބާގެ ނަފުސު މަނާކޮށްގެން ނުވާނެކަމެވެ.

ތިބާގެ މައްޗަށް ވާޖިބުވާ މިންވަރު ތިބާ އަދާކުރާށެވެ. ބާކީ އޮތްބައި ކަށަކުޅަދުންވަންތަ އިލާހަށް ދޫކޮށްލާށެވެ.

2. ސަބަބު

އިބްރާހީމްގެފާނަށް އެންގެވި އަމުރުފުޅު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް ނިންމަވައިލެވުމުގައި ދެސަބަބެއް ވެއެވެ.

-    އެމަސައްކަތް ފުރިހަމަ ކުރައްވަން އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެކަލޭގެފާނު އެޅުއްވިއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގަތް އެންމެ އުސް ފަރުބަދައަށް އަރައިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ވެވެޑައިގަތް އެންމެ ހަރެއްކޮށް އެންމެ ބާރަށް ގޮވައިލެއްވިއެވެ.
-    އެކަލޭގެފާނު އެކަން ކުރެއްވީ އިޚްލާޞްތެރިކަމާއެކުގައެވެ. އެކަލޭގެފާނުގެ އެގޮވައިލެއްވުން މާތް ﷲ އެންމެހާ އިންސާނުންނަށް ފޯރުކޮށްދެއްވާނެކަމަށް އެކަލޭގެފާނު އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރެއްވިއެވެ.

ދުނިޔެއާއި އާޚިރަތުގެ ޙަޤީޤީ ފަލާޙާއި ކާމިޔާބު ޙާޞިލްކުރުމަށް ބޭނުންވަނީ މިދެ ބަހާއެވެ. އިޚްލާޞްތެރިކަމާއި ގަދައަޅައި މަސައްކަތްކުރުމެވެ.

ރަނގަޅު ނިޔަތަކާއިގެން ހިތްވަރުލައި މަސައްކަތްކުރާށެވެ.

3. ކިބުރުވެރިނުވުން:

އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކަޢުބާގެ ބިނާކުރައްވަމުން ކުރެއްވި ދުޢާ ވާރިދުވެފައިވާ އާޔަތާމެދު އަޅުގަނޑު އަޖާއިބުވަމެވެ. މާތް ﷲ ވަޙީކުރައްވާފައިއެވެ. "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ!"

އޭގެ ދެބަފައިކަލުން އޭރު ކުރައްވަމުން ގެންދެވީ ނުހަނު ޝަރަފުވެރި މަސައްކަތްފުޅެކެވެ. އެއީ އިލާހީ އަމުރުފުޅެއްގެ ޢަމަލީ ތަންފީޒުކުރުމެކެވެ. ނަމަވެސް އޭގެ ދެބަފައިކަލުން އެކަމުގެ މައްޗަށް ބޮޑާވެ ވަޑައެއްނުގަންނަވައެވެ. ނަމަވެސް މަޑުކޮޅިކަމާއެކު މާތް ﷲ ގެ ޙަޟުރަތުން އެމަސައްކަތް ޤަބޫލުކުރެއްވުން އެދި ދުޢާކުރެއްވީއެވެ.

ތިބާއަށް ރަނގަޅަށް ނުވަތަ މޮޅަށް ކަމެއް ކުރެވޭނަމަ އެކަމާމެދު ބޮޑާވެ މީހުން ކައިރި އެކަމާބެހޭގޮތުން ސަޅިބައިސާ ނުކަނޑާށެވެ. ހަނދާންކުރާށެވެ. ތިބާއަށް އެކަން ރަނގަޅަށް އަދި މޮޅަށް ކުރުމަށް މަގު ތަނަވަސް ކޮށްދެއްވީ ފުދިވޮޑިގެންވާ ﷲ އެވެ. އެކަމުގެ މައްޗަށް އެކަލާނގެއަށް ޝުކުރުވެރިވެ، ތިބާގެ އެމަސައްކަތް ޤަބޫލުކުރެއްވުން އެދި އެކަލާނގެއަށް ދަންނަވާށެވެ.

4. ފާރަވެރިޔާ

އަދިވެސް އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު ކުރެއްވި ދުޢާގެ ވާހަކައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލު ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އޭގެ ދެބަފައިކަލުން ކުރެއްވި ދުޢާ ނިންމަވައިލައްވައިފައިވަނީ، މާތް ﷲ އަކީ "މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ" ކަމަށް އިޢުތިރާފުވެ ވަޑައިގަންނަވަމުންނެވެ. ނިކަން ތަޞައްވަރު ކޮށްލަބަލާށެވެ. ތިބާ ކުރާ ކޮންމެ ކަމެއް މާތް ﷲ ބައްލަވައިވޮޑިގެންވާކަމާއި ތިބާ ތިޔަ ކުރާ ކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ދަނެގެން ކުރާނަމަ އެކަންކަން ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ ތިބާ ކުރުމަށް އިޚްތިޔާރުކުރާނީ ކޮންކަހަލަ ކަންކަމެއް ހެއްޔެވެ؟ ތިބާގެ އުފެއްދުންތެރިކަމަށްވާނީ ކިހިނެއް ހެއްޔެވެ؟ ތިބާ ތިޔަ ކުރާކަމެއް ފަރުވާތެރިކަމާއެކު، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރުމަށް ތިބާ ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟

ތިބާގެ ކަންނެތްކަމާއި އެކަމާމެދުވާ ފޫއްސެއްގެ ބޮޑުކަމުން ނުކޮށް ފަސްކުރަމުންދާ ކަންކަމުގެ ތެރެއިން އެއްކަމެއް އިޚްތިޔާރުކުރާށެވެ. އަދި އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. އަހަރެން މިކަމެއް އިޚްލާޞްތެރިކަމާއެކު، މާތް ﷲ ގެ ވަޖްހުފުޅު އަދައިގެން، އެކަލާނގެ އަހަރެން މިކުރާ ކަމެއް ބައްލަވައިވޮޑިގެންވާކަން ދަނެގެން ކުރާނަމަ މިކަމެއް ކުރާނީ ކޮން ފޭޑިއަކަށް ހެއްޔެވެ؟

ތިބާގެ ޖަވާބާމެދު ޚުދު ތިބާ ވެސް ހައިރާންވެދާނެއެވެ!

5. ޔަޤީންކަން

އެއްދުވަހަކު އިބްރާހީމްގެފާނު އަވަހާރަފުޅުން ހޭފުޅުލެއްވި ގޮތަށް ހާޖާރުގެފާނުގެ އަރިހުން، ދިގު ދަތުރަކަށް އެކަމަނާއާއި ތުއްޕުޅު އިސްމާޢީލްގެފާނު ތައްޔާރުވުމަށް ވިދާޅުވިއެވެ. އިބްރާހީމްގެފާނާއި ހާޖަރުގެފާނު ހިންގަވަމުން ވަޑައިގަތެވެ. ހަނަފަސް ބިންތަކާއި ދިރުމެއްނުވާ ފަރުބަދަތައް ފަހަނައަޅައި އެންމެފަހުން ޢަރަބި ސަހަރާއަށް ވާޞިލްވެވިއްޖެއެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލުންނާއިގެން މަރުވާ ކިޔާ އުސްފަރުބަދައަކަށް އަރުއްވާ އޭގެ ދެމައިން އެތާ ގަހެއްގެ ދޮށުގައި ބޭތިއްބެވިއެވެ. އަދި އޭގެ ދެމައިންގެ ކައިރީގައި ފެންހަމަކާއި ކަދުރު ކޮތަޅެއް ބެހެއްޓެވުމަށްފަހު، އެއްވެސް ފަރުވާލެއްނެތި ފަސްދީ ހިންގަވަން ފައްޓަވައިފިއެވެ.

ތިބާއަށްވެސް ހާޖަރުގެފާނުގެ ހިތްޕުޅުގައި ހިނގަމުންދާނެ ޝުޢޫރުތައް ތަޞައްވަރުކުރެވޭނެއެވެ. އެކަމަނާ ބައްލަވަން ނުހުންނަވައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދުވެވަޑައިގަތެވެ. އަދި ތަކުރާރުކޮށް އައްސަވަމުން ގެންދެވިއެވެ. "އެއްވެސް ބަޔަކު ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑާއި ތުއްޕުޅު ދަރިކަލުން ދޫކުރައްވައި ވަޑައިގަންނަވަނީތޯއެވެ؟" ނަމަވެސް އިބްރާހީމްގެފާނު އެކަމަނާއަށް ބެއްލެވުމެއްނެތި އަދި އެކަމަނާގެ އެސުވާލަށް ވެސް ޖަވާބުދެއްވުމެއްނެތި ކުރިއަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން އެކަމަނާ ސުވާލުކުރެއްވިއެވެ. "ތިފަދައިން ކަންކުރެއްވުމަށް މާތް ﷲ އަމުރުކުރެއްވީތޯއެވެ؟" އެކަލޭގެފާނު ޖަވާބުގައި އާނއެކޭ ވިދާޅުވުމުން އެކަމަނާ ވިދާޅުވިއެވެ. "އެހެންކަމުގައިވާނަމަ އެކަލާނގެ އަޅުގަނޑުމެންނާމެދު އިހުމާލުވެވޮޑިއެއް ނުގަންނަވާނެއެވެ."

މިވާހަކައިގައި ވަރަށް މުހިންމު ޢިބްރަތެއްވެއެވެ. އެއީ، މާތް ﷲ ތިބާ އިމްތިޙާނު ކުރައްވާނަމަ އެކަލާނގެ ތިބާ ގިނިކަންޏާ ދޫކޮށްނުލައްވާނެކަމެވެ. ތިބާއަކީ މުސްލިމެކެވެ. ތިބާ އެކަލާނގެއަށް އީމާންވަމުއެވެ. އަދި އެކަލާނގެ ތިބާ އެކަނި ދޫކޮށެއްނުލައްވާނެކަން ޔަޤީނެވެ. ތިބާ ކުރިމަތިލާ ކޮންމެ ކަމެއް، ދިމާވާ ދަތި އުނދަގޫ އިމްތިހާނުތަކާމެދު ނުވިސްނައި، ވީ އެންމެ ފުރިހަމައެއްކޮށް ކުރާށެވެ. އަދި މާތް ﷲ ތިބާ އެކަނި ދޫކޮށް ނުލައްވާނެކަން ޔަޤީންކުރާށެވެ.

6. މިންޖުވާން ބޭނުންވާ މުޢުޖިޒާތް

ހާޖަރުގެފާނު އިސްމާޢީލްގެފާނަށް ގާތުންދެއްވަމުން ގެންދެވިއެވެ. އެކަމަނާވެސް ދިޔައީ ފެންހަމުން ފެންފޮދު ހިއްޕަވަމުންނެވެ. އެންމެ ފަހުން އެފެންހަން ހުސްވެ އެކަމަނާގެ ކަރުހިއްކުން އިންތިހާއަށް ހިނގައްޖެއެވެ. ތުއްޕުޅު އިސްލާޢީލްގެފާނު ކީރިތި ކުރައްވަނީއެވެ. އިސްމާޢީލްގެފާނު މަރުވާގައި ބައިންދަވައިފައި، ފެން ހޯއްދެވުމަށް އެކަމަނާ އެތާ ކައިރީގައިހުރި ޞަފާ ފަރުބަދައަށް ދުވެވަޑައިގެން އެރުއްވިއެވެ. އެފަރުބަދައިގެ ކުންނަށް ވާޞިލްވުމުން ފަރުވާތެރިކަމާއެކު ބައްލަވައިލެއްވިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. މީހެއްގެ އަސަރެއް ނުފެނުމުން ޞަފާއިން ފައިބާވަޑައިގެން ވާދީ ހުރަސްކުރެއްވުމަށްފަހު މަރުވާއަށް ދުވެވަޑައިގެން އެރުއްވިއެވެ. އެތާ ހުންނަވައި މީހަކު ފެނިވަޑައިގަނޭތޯ ބެއްލެވިއެވެ. ނަމަވެސް އެހަނަފަސް ސަހަރާގައި އެކަމަނާއާއި ތުއްޕުޅު އިސްމާޢީލްގެފާނު ފިޔަވައި އެހެން މީހަކު ނެތެވެ. އެކަމަނާ މިގޮތަށް ޞަފާއާއި މަރުވާދޭތެރޭ 7 ބުރު ޖެއްސެވިއެވެ. މީހެއްގެ ހިލަމެއްވޭތޯއެވެ. ގެއްލިފައި ނަމަވެސް ފެންފޮދެއްވޭތޯ ބެއްލެވުމަށެވެ. މަރުވާއަށް އެންމެ ފަހު ފަހަރު ވާޞިލްވިއިރު އެކަމަނާވަނީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެފައެވެ. މުޢުޖިޒާތް މެދުވެރިވީ އެހިނދުއެވެ. ވަޙީގެ އަމާނާތްތެރިޔާ ޖިބްރީލްގެފާނު މާތް ﷲ ގެ އަމުރުފުޅާއި އިޒުނަފުޅާއެކު ތުއްޕުޅު އިސްމާޢީލްގެފާނުގެ ފައިންޕުޅު ދަށުން ފެން އާރެއް ނެރުއްވިއެވެ. އާދޭހެވެ! ޒަމްޒަމް އުފަންވީއެވެ.

ތިބާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލާށެވެ. މާތް ﷲ ހާޖަރުގެފާނު މަރުވާއާއި ޞަފާއާ ދެމެދު 7 ފަހަރު ދުވެވަޑައިގަތުމަށް ދާންދެން ފެންއާރު ނުނެރުއްވައި ލަސްކުރެއްވީ ކީއްވެބާއެވެ؟ އެކަލާނގެ އިރާދަކުރެއްވިނަމަ އެކަމަނާ އިނގިލިފުޅެއްގެ މިންވަރުވެސް ހަރަކާތްކުރެއްވުމެއްނެތި އެކަމާނާއާއި ތުއްޕުޅު ދަރިކަލުންނަށްޓަކައި ފެންއާރެއް ނެރުއްވެވިދާނެއެވެ. މިކަމުގައި އިލާހީ ދަރުސެއް ވެއެވެ. މުޢުޖިޒާތަކަށް އެދޭނަމަ ގަދައަޅައި މަސައްކަތް ކުރާށެވެ.

އުޑުން ރަނުގެ ވާރޭއެއް ނުވެއްސަވައެވެ. ގަދައަޅައި މަސައްކަތްކުރާށެވެ. އަދި ތިބާއަށްވީ އެންމެ ފުރިހަމަ ވައްޓަފާޅިއަކަށް މަސައްކަތް ކުރާށެވެ. އޭރުން ހީވެސް ނުކުރާހާ މަގުމަގުން މާތް ﷲ ތިބާއަށް ރިޒްޤު ތަނަވަސްކޮށްދެއްވާނެއެވެ.

މިއީ މުޅި އިސްލާމީ އުންމަތަށްވާ މެސެޖެކެވެ. އުންމަތަށްޓަކައި ކަމެއް ނުކޮށް ތިހެން ދެއަތް އުރައިލައިން ތިއްބަކަސް މިއުންމަތުގެ ހާލަތު ބަދަލުވެ ނަޞްރާއި ކާމިޔާބީއެއް ނުލިބޭނެއެވެ.

އަދު ބޭނުންވަނީ ހަރަކާތްތެރި މުޖުތަމަޢުތަކެކެވެ. އަމިއްލަ އަރާމަށްވުރެއް އެހެން މީހުންގެ ހިތްހަމަޖެހުމާއި އުފާ އިސްކުރާ ބަޔެކެވެ. އަހަރުމެން ކޮންމެ މީހަކުވެސް އެމީހަކު ކުރާ ކަމެއްގައި އުފެއްދުންތެރިވެ އިހުނަށްވުރެއް ގަދައަށް އުންމީދާއަކު މަސައްކަތް ކުރަންވެއްޖެއެވެ. އަދި އަހަރުމެން ވަށައިގެންވާ މީހުންނަށް ވެސް އެފަދައިން ކަންކުރުމަށް ހިތްވަރުދޭން ވެއްޖެއެވެ. މާތް ﷲ ގެ އިރާދަފުޅާއެކު އާރުހުރި އުންމަތެއްގެ ގޮތުގައި އަހަރުމެންނަށް ތެދުވެވޭނީ އޭރުންނެވެ.
------------
(ނިމުނީ)
މި ލިޔުން:
       ތަރުޖަމާކޮށް އެކުލަވައިލުން: އަޙްމަދު އަޖްމަލް ޙާމިދު
       އަލުން ބެލުން:         ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
       ޝާއިޢުކުރުން:         ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ