އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (5)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދު

ތިންވަނަ ބާބު – ކްރިސްޓިއަން  ކަނޑީގެ ފުރަތަމަ ދައުރު

ކްރިސްޓިއަން ދީނުގެ ތާރީޚުގައި ތޯމަސް އަކީނާސް އަކީ، އިސްލާމީ ޢިލްމުތަކުގެ ތާރީޚުގައި އިމާމް އައްޝާފިޢީ ރަޙިމަހުﷲ އަށް ދެވިގެންވާ ދަރަޖަ، ނުވަތަ އެއަށްވުރެ ވެސް މަތީ ދަރަޖައެއް ދެވިފައި ވާ ބޭފުޅެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 1225 ވަނަ އަހަރުން ފެށިގެން 1274 ވަނަ އަހަރާ ހަމަޔަށެވެ. އަކީނާސްގެ "ސަންމާ ތިއޮލޮޖީކާ" އެވެ ކިޔުނު ފޮތާއި "ސަންމާ ކޮންޓްރާ ޖެންޓައިލްސް" އެވެ ކިޔުނު ފޮތަކީ ކްރިސްޓިއަން ދީނުގައި ބައިބަލަށް ފަހު ދެން އެންމެ މުހިއްމު ފޮތްތަކުގެ ތެރެއިން ދެ ފޮތެވެ. މިއަދުވެސް ކްރިސްޓިއަން ތަޢްލީމުގެ މައިގަނޑު ފޮތްތަކުގެ ތެރޭގައި އެ ދެ ފޮތް ހިމެނެއެވެ. އަދި ފާދިރީންނަށް ވުމަށް ޓަކައި ކިޔަވާ ދަރިވަރުން އެންމެ ބޮޑަށް ތަހުގީގު ކުރަން ޖެހޭ އެއް ޝަހުސިއްޔަތަކީ ތޯމަސް އަކީނާސްގެ ޝަހުސިއްޔަތެވެ. ހަމަ އެހެންމެ، ވެޓިކަންގެ ބޮޑު ފައްޅިއާއި، ކްރިސްޓިއަން ޢިލްމީ ދުނިޔޭގެ ލީޑަރުން މިއަދުވެސް ގަބޫލު ކުރައްވާ ގޮތުގައި ކްރިސްޓިއަން ތާރީހު ދެކެފައިވާ އެންމެ ބޮޑު ފަލްސަފާވެރިޔަކީ އަދި ތިއޮލޮޖިއަނަކީ ތޯމަސް އަކީނާސެވެ.

ތޯމަސް އަކީނާސާ ބެހޭގޮތުން ފާހަގަ ކޮށްލަން ޖެހޭ އެއް ކަމަކީ އޭނާއަކީ މުސްލިމުންގެ މަޝްހޫރު ފަލްސަފާވެރިޔާ އަދި އިލްމުވެރިޔާ އިބްނު ރުޝްދުލް އަންދަލޫސީގެ ފޮތްތަކާއި ފަލްސަފާ ވަރަށް ބޮޑަށް ކިޔަވައިވިދާޅުވި ބޭފުޅެއް ކަމެވެ. ނަމަވެސް އަޅުގަނޑުމެންގެ މިއަދުގެ މައުޒޫއާ ގުޅުން ހުރި ކަމަކީ ގަދަބާރުން ދީނަށް ވެއްދުމާ މެދު އަކީނާސްގެ ތައުލީމެވެ. "ސަންމާ ތިއޮލޮޖީކާ" އާއި، އަދި އޭނާގެ އެހެނިހެން ފޮތްތަކުގައި އަކީނާސް ވަނީ ކްރިސްޓިއަން ތާރީހުގެ ކުރީގެ ދައުރުތަކުގައި ވެސް ކުރެވުނު ކަމަކަށް އިތުރަށް ބާރު އަޅުއްވާފައެވެ. އެކަމަކީ ކްރިސްޓިއަން ދީނަށް ގަދަކަމުން މީހުން ވެއްދުމެވެ. އަކީނާސްގެ އިބާރާތަކީ "ކޮގްނީޓޭ އިންޓްރާރޭ" އެވެ. މި އިބާރާތުގެ މަފްހޫމަކީ "މީސްތަކުން ގަދަކަމުން ކްރިސްޓިއަން ދީނަށް ވައްދާށޭ" މިއެވެ. އަކީނާސްގެ، އަދި ދާދި ފަހަކާ ޖެހެންދެން ކްރިސްޓިއަން ދީނުގެ ބޮޑުންގެ ވިސްނުމަކީ، ގަދަކަމުން މީސްތަކުން ކްރިސްޓިއަން ދީނަށް ވެއްދުމުން އެމީހުންގެ ރޫޙުތައް ނަރަކައިން ސަލާމަތް ވާނެ ކަމެވެ. އެހެންކަމުން، ކިތަންމެ ބޮޑު އަނިޔާވެރިކަމެއް ދައްކައިގެން ވެސް މީސްތަކުން ކްރިސްޓިއަން ދީނަށް ވެއްދުމަކީ ހެޔޮލަފާ އަމަލެއް ކަމަށް އެބައިމީހުން ގަބޫލު ކުރިއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ޢީސާ ޢަލައިހިއް ސަލާމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތެދުވެރި، މަތިވެރި، ލޮބުވެތި ރަސޫލު ބޭކަލެކެވެ. އަދި ކްރިސްޓިއަނުން އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ އެތައް ޖަރީމާތަކުގެ ބަދުނާމު އިތުރު އެކަލޭގެފާނުގެ އިސްތަށިފުޅުގައެއް ނޭޅުވޭނެއެވެ. އެހެންކަމުން ރޯމަން ބައިޒެންޓައިން ދައުލަތާއި، ރޯމުގެ ކެތަލިކް ބޮޑު ފައްޅީގެ ފަރާތުން އެތައް ސަތޭކަ އަހަރެއް ވަންދެން ހިންގި ޖަރީމާތަކުން އިތުރު އެ މާތް ސާހިބާ ވަނީ ބަރީއަވެގެންނެވެ. އަޅުގަނޑުމެން މުސްލިމުން އެކަމަށް ހެކިވަމުއެވެ.

ކްރިސްޓިއަން ދީނުގެ ތާރީޚުގެ ފުރަތަމަ ދައުރުތަކުގައި އެ ދީނަކީ އަނިޔާ ލިބުނު ދީނެކެވެ. އެއިރު ކްރިސްޓިއަނުން އުޅެން ޖެހިފައި އޮތީ ވަޘަނީ (ވަޘަނިއްޔަތަކީ އިނގިރޭސިން ކިޔާ ގޮތުން ނަމަ ޕެގޭނިޒަމް (Paganism) އެވެ) ރޯމުގެ ދައުލަތުގެ ވެރިކަމުގެ ސަރަހައްދުގެ ތެރޭގައެވެ. އެ ބިމެއްގައި ކްރިސްޓިއަން ދީން އުފަން ވި ބިން ކަމަށް ވާ ފަލަސްޠީނާއި، އަދި ކްރިސްޓިއަން ދީން ފެތުރިގެން ދިޔަ ސަރަހައްދުތައް ކަމަށް ވާ ޝާމްކަރަޔާއި އުތުރު އެފްރިކާއާއި ގްރީކާއި އިޓަލީއަކީ އެއިރު ރޯމަން ދައުލަތުގެ ސަރަހައްދުތަކެވެ. އެހެންކަމުން ރޯމުގެ ވަޘަނީ ރަސްކަލުން ގެންދެވީ ކްރިސްޓިއަނުންނަށް ވޭންދެނިވި އަނިޔާތައް ދެއްވަމުންނެވެ. ބިރުން ފިތްކަނޑައިގެން ދާ ފަދަ އަހުވަ ދެއްވަމުންނެވެ.

ކްރިސްޓިއަނުންނަށް ބާރު ލިބުނީ މީލާދީން 313 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު ރޯމުގެ ތަހުތުގައި ރެދަލި ކުރައްވަމުން ގެންދެވި ފްލޭވިޔަސް ވެލީރިޔަސް އޯރޭލިޔަސް ކޮންސްޓަންޓިނަސް އޮގަސްޓަސް، ނުވަތަ މަޝްހޫރު އަމްބަރާތޫރު ކޮންސްޓަންޓީން ދަ ގްރޭޓް ކްރިސްޓިއަނުންނަށް ދީނީ މިނިވަންކަން ދެއްވުމުންނެވެ. އަދި "އެޑިކްޓް އޮފް މިލާން" ގެ ނަމުގައި ނެރުއްވި ހާއްސަ ޝާހީ ގަރާރެއްގެ ބާރުގައި، ކްރިސްޓިއަން ދީނަކީ ރޯމަން އެމްޕާޔަރުގެ ރަސްމީ ދީން ކަމުގައި ހަމަޖެއްސެވުމުންނެވެ. ކޮންސްޓަންޓީން ކްރިސްޓިއަން ދީނަށް ވެދެވަޑައިގެންނެވީ މާ ފަހުންނެވެ. އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައެވެ. އޭނާ ކްރިސްޓިއަނުންނަށް މިނިވަންކަން ދެއްވީ، އަދި ފަހުން އެ ދީނަށް ވެދެވަޑައިގެންނެވީ ކޮން ސަބަބުތަކާ ހުރެ ތޯ މި ސުވާލާ މެދު މުއައްރިހުންގެ ތެރޭގައި ހިލާފުތައް އުފެދިފައި ވެއެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ނިންމެވުމުގެ ފަހަތުގައި ފޮރުވިފައި ވަނީ ސިޔާސީ ސަބަބުތަކެކެވެ. ބައެއް މުއައްރިހުންގެ ނަޒަރުގައި އެ ނިންމެވުމަކީ އޭނާގެ މައިކަނބަލުންގެ ސަބަބުން ނިންމެވި ނިންމެވުމެކެވެ. ކޮންސްޓަންޓީންގެ މަންމާފުޅު ހެލީނާ އޮގަސްޓާއަކީ ކޮންސްޓަންޓީންގެ ބައްޕާފުޅު ކޮންސްޓޭންޝަސްގެ ޖާރިޔާއެއް ކަމުގައި ހިމެނިވަޑައިގެންނެވި ކްރިސްޓިއަން ބޭފުޅެކެވެ.

އަމްބަރާތޫރު ކޮންސްޓަންޓީންގެ އެންމެ މަޝްހޫރު އެއް ފިޔަވަޅަކީ ރޯމުގެ ރަސްކަމުގެ ތަހުތު، އިޓަލީގެ ރޯމުން އޭޝިޔާ މައިނަރގެ ބައިޒެންޓިއަމަށް ބަދަލުކުރެއްވުމެވެ. އޭނާ ބައިޒެންޓިއަމުގައި އާ ޝަހަރެއް ބިނާ ކުރެއްވިއެވެ. އެ ޒަމާނުގެ ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ، އަދި އެންމެ ވަރުގަދަ އެއް ޝަހަރަށް ވެގެން ދިޔަ މި ޝަހަރަށް ނަން ދެވުނީ ކޮންސްޓަންޓީންގެ ނަންފުޅަށް ނިސްބަތް ކޮށް "ކޮންސްޓެންޓިނޯޕްލް" މިހެންނެވެ. ޢަރަބި ބަހުން ނަމަ ޤުސްޠަންޠީނިއްޔާއެވެ. މިހާރު މި ޝަހަރަކީ ތުރުކީގެ އިސްތަންބޯލެވެ. އަމްބަރާތޫރު ކޮންސްޓަންޓީން މި ޝަހަރު ބިނާ ކުރައްވައި، އޭނާގެ ވެރިކަމާއި ބާރު ރޯމުން މި ޝަހަރަށް ބަދަލު ކުރެއްވުމުން، ރޯމުގެ ސިޔާސީ ބާރުގެ މަރުކަޒަކަށް އެ ޝަހަރު ވެގެން ދިޔައެވެ. އެއާއެކު އައި މުހިއްމު އަނެއް ބަދަލަކީ ރޯމުގެ ބާރުތައް ވެޓިކަންގެ ކެތަލިކް ބޮޑު ފައްޅީގެ ވެރީންގެ އަތްޕުޅުމައްޗަށް އައުމެވެ.

އަމްބަރާތޫރު ކޮންސްޓަންޓީނަކީ އާއްމު ގޮތެއްގައި ޑިޕްލޮމަސީގެ ބޭނުން ހިއްޕެވި ބޭފުޅެކެވެ. ނަމަވެސް، އަންނަނިވި ސަފުހާތަކުން ސާފުވެވަޑައިގަންނަވާނޭ ފަދައިން އޭނާ ވެސް ވަނީ ކްރިސްޓިއަން ކަނޑީގެ ތޫނުކަން އެތައް ބަޔަކަށް ދައްކަވާފައެވެ. އޭނާގެ އަނިޔާވެރިކަން ފެނިގެން ދިޔަ އެންމެ މަޝްހޫރު އެއް ޙާދިސާއަކީ އޭނާގެ ޅިޔަން، އަދި ރޯމުގެ ތަޚްތަށް އޭނާއާ ވާދަކުރެއްވި ލިސީނިއަސް އަވަހާރަކޮށްލެއްވި ގޮތެވެ. ކޮންސްޓަންޓީން ލިސީނިއަސް އަވަހާރަ ކޮށްލެއްވީ ރަޙުމު ކުރައްވާނެ ކަމުގެ އަހުދު ކަށަވަރެއް ދެއްވައި، ލިސީނިއަސް އެ އަޙުދަށް އިޢުތިބާރު ބަހައްޓަވައިގެން ކޮންސްޓަންޓީންގެ ބާރުފުޅުގެ ދަށަށް އޭނާގެ އަމިއްލަ ނަފްސުފުޅު ދޫކޮށްލެއްވުމުންނެވެ. ކޮންސްޓަންޓީންގެ މި އަނިޔާވެރި ޢަމަލުފުޅު ގިރިޓީ ކުރަން އޭނާގެ ޙަޔާތުނާމާ ލިޔުއްވި މަޝްހޫރު ކްރިސްޓިއަން ފާދިރީ، އަދި ޤައިޞަރިއްޔާގެ ފައްޅީގެ ބޮޑު ފާދިރީ އިޔުސޭބިޔަސް މަސައްކަތް ކުރައްވާފައި ވެއެވެ. އިޔުސޭބިޔަސް ވިދާޅުވާ ގޮތުގައި ލިސީނިއަސްއަކީ ވަޘަނީއެކެވެ. ކްރިސްޓިއަން ދީނުގެ ދުޝްމަނެކެވެ. ވަޢުދު އުވާލާފައި ވެސް ކްރިސްޓިއަނުންގެ ދުޝްމަނުން މެރުމަކީ މައްސަލައެއް ނޫނެވެ. (ހިސްޓްރީ އޮފް ކްރިސްޓިއަނިޓީ، ފިލިޕް ޝެފް، ސަފްހާ 13) މިއީ ކްރިސްޓިއަން ދީނުގެ ބޮޑެތި ޢާލިމުންގެ ވިސްނުންފުޅު ދާދި ފަހަކާ ޖެހެންދެން ހުރި ގޮތެވެ.

ކްރިސްޓިއަން ދީނުގެ ކަނޑި އޭގެ ފުރިހަމަ ބާރާ އެކު އުރައިން ދަމައިގަނެވުނީ އެ ދީނަށް ބާރު ލިބުނުތާ ގަރުނެއް ވެސް ނުވަނީހެވެ. މީލާދީން 380 އާއި 390 އިގެ އަހަރުތަކުގެ ތެރޭގައެވެ. ރޯމަން އެމްޕެރަރ ތިއޮޑޯސިއަސް އެއްވަނަ ގެ ދައުރުގައެވެ. ނަމަވެސް ކޮންސްޓަންޓީންގެ ދައުރުގައި ވެސް ފައްޅީގެ ފިކުރާ ތަފާތު ފިކުރުތަކުގެ އަހުލުވެރީންނާ މެދު ޢަމަލު ކުރެވުނީ ހަރުކަށިކަމާއި އަނިޔާވެރިކަމާ އެކުގައެވެ. ކްރިސްޓިއަން ޢަޤީދާ ފެތުރުމަށް ޓަކައި ޚުދު ކޮންސްޓަންޓީން ވެސް، ފައްޅިތަކުގެ އިރުޝާދާއި ނަޞޭޙަތާ އެކު، ކަނޑީގެ ބޭނުން ކުރެއްވިއެވެ.

ޑޮނޭޓިސްޓުންނާއި އާރިއަނުން


ކްރިސްޓިއަން ކަނޑީގެ ރަހަ ލިބުނު އެންމެ ފުރަތަމަ ޖަމާއަތްތަކުގެ ތެރޭގައި އުތުރު އެފްރިކާގެ ޑޮނޭޓިސްޓުންނާއި އާރިއަނުން ހިމެނެއެވެ. ޑޮނޭޓިސްޓުންނާއި އާރިއަނުންނާ ދެކޮޅަށް ބައިޒެންޓައިން ކްރިސްޓިއަން ދައުލަތާއި ރޯމާއި އެލެގްޒެންޑްރިއާގެ ފައްޅިތައް ގުޅިގެން ނެގި ކަނޑިއަކީ ވަރަށް ތޫނު ކަނޑިއެކެވެ. ޑޮނޭޓިސްޓުންނާއި އާރިއަނުންނާ ދެކޮޅަށް ކްރިސްޓިއަނުން ތެދުވީ އިންތިހާ ދަރަޖައިގެ ރަހުމު ކުޑަކަމާއި ބަރުބަރިއްޔަތާ އެކުގައެވެ. އޭގެ ސަބަބަކީ ކޮބައިތޯއެވެ! އާދެ، ސަބަބަކީ ޑޮނޭޓިސްޓުންނާއި އާރިއަނުންނަކީ ޢީސާ ޢަލައިހިއްސަލާމް ގެންނެވި ތެދުވެރި ދީނުގައި ހިފަހައްޓައިގެން ތިބެވޭތޯ މަސައްކަތް ކުރި ބަޔަކަށް ވުމެވެ. މުސްލިމުންގެ ގޮތުގައި، އެއްކައުވަންތަ އިލާހަށް އީމާން ވެ، އެ އިލާހަށް އެކަނި އަޅުކަން ކޮށް، ޢީސާ ޢަލައިހިއްސަލާމަކީ އެ އިލާހުގެ ތެދުވެރި ރަސޫލެއް ކަމަށް ގަބޫލު ކޮށްގެން ތިބި ބަޔަކަށް ވުމެވެ.

ޑޮނޭޓިސްޓުންގެ ލީޑަރަކީ އުތުރު އެފްރިކާގެ ގިރްތާޖިނާ، ނުވަތަ ކާރތޭޖްގެ ބޮޑު ފައްޅީގެ އިސް ފާދިރީކަން ކުރެއްވި ޑޮނޭޓަސް މެގްނަސް އެވެ. އެ މަގާމު އޭނާއަށް ލިބިވަޑައިގެންނެވީ މީލާދީން 313 ވަނަ އަހަރުއެވެ. އާރިއަނުންގެ ލީޑަރަކީ މީލާދީން 256 ވަނަ އަހަރުން ފެށިގެން 336 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގައި އުޅުއްވި "އާރިއަސް" އެވެ ކިޔުނު ބޭފުޅެކެވެ. އޭނާއަކީ މިސުރުގެ އެލެގްޒެންޑްރިއާއަށް ނިސްބަތް ވެވަޑައިގެންނެވި ބޭފުޅެކެވެ. ޓްރިނިޓީ، ނުވަތަ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާ ކްރިސްޓިއަން ދީނުގެ ރަސްމީ ޢަޤީދާ ކަމުގައި ހެދުމަށް އިސްކޮށް މަސައްކަތް ކުރެއްވި އެތެނޭސިއަސް އާ އެއް ދުވަސްވަރެއްގައި އުޅުއްވި ބޭފުޅެކެވެ.

ކްރިސްޓިއަން ދީނުގެ ރަސްމީ ޢަޤީދާ އަކީ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާ ކަމުގައި ހަމަޖެހުނީ، އެ ބޭފުޅެއްގެ ވާހަކަ އަޅުގަނޑު ކުރީން ވެސް ދެންނެވި އަމްބަރާތޫރު ކޮންސްޓަންޓީންގެ ވެރިކަމުގެ ދައުރުގައެވެ. އިސްވެ ދެންނެވި ފަދައިން އަމްބަރާތޫރު ކޮންސްޓަންޓީނަކީ ރޯމަން ދައުލަތުގެ ދީނަކީ ކްރިސްޓިއަން ދީން ކަމުގައި ކަނޑައެޅުއްވި ބޭފުޅާއެވެ. ރޯމަން ދައުލަތުގެ ފުރަތަމަ ކްރިސްޓިއަން ރަސްގެފާނެވެ. ކޮންސްޓެންޓިނޯޕްލް ގެ ނަމުން މަޝްހޫރު ވި ޝަހަރު ބިނާކުރެއްވި ބޭފުޅާއެވެ. އޭނާގެ ވެރިކަމުގައި، މީލާދީން 325 ވަނަ އަހަރު، ނީސިއާ އެވެ ކިޔުނު ޝަހަރުގައި "ނީސިއާގެ ފުރަތަމަ ކައުންސިލް" ގެ ނަމުގައި ކްރިސްޓިއަން ފާދިރީންނާއި ދީނީ ބޮޑެތި ޢިލްމުވެރީންގެ ބޮޑު މަހާސިންތާއެއް ބޭއްވުނެވެ. މި މަހާސިންތާގެ މަގުސަދަކީ ކްރިސްޓިއަން ދީނުގެ ތަފާތު ޢަޤީދާތަކާ މެދު މަޝްވަރާ ކޮށް، އެއްމެން އެއްބަސް ވެ އިއްތިފާޤު ވާ ގޮތެއް ހޯދުމެވެ. ކްރިސްޓިއަން ދުނިޔޭގެ އެކި ހިސާބުތަކުގެ ފައްޅިތަކުގައި ރަސްމީކޮށް ގަބޫލު ކުރެވޭ އެއް ޢަޤީދާއެއް އުފެއްދުމެވެ.

ނީސިއާގެ ފުރަތަމަ މަހާސިންތާގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި މިސުރުގެ އެލެގްޒެންޑްރިއާގެ ބޮޑު ފައްޅީގެ އިސް ބޭފުޅުން ކަމަށް ވާ އެލެގްޒޭންޑަރ އަދި އެތެނޭސިއަސް ހިމެނިވަޑައިގަތެވެ މަހާސިންތާއިން ފާސް ކުރި ރަސްމީ ޢަޤީދާއަކީ ތިންކައުވަންތަ އިލާހެއް ކަމުގެ ޢަޤީދާއެވެ. މި ޢަޤީދާ ފާސްކުރަން އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އެލެގްޒޭންޑަރ އާއި އެތެނޭސިއަސްއެވެ. އެހެންކަމުން އެ ޢަޤީދާއަށް "އެތެނޭސިއަން ކްރީޑް" މި ނަމުން ނަން ދެވިފައި ވެއެވެ. އެތެނޭސިއަސް އަކީ އެލެގްޒޭންޑަރ އަށް ފަހު މިސުރުގެ އެލެގްޒެންޑްރިއާގެ ފައްޅީގެ ބޮޑު ފާދިރީކަމުގެ މަގާމަށް ވަޑައިގެންނެވި ބޭފުޅާއެވެ. އެއީ މީލާދީން 325 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަގާމުގައި އޭނާ 45 އަހަރުގެ ދިގު މުއްދަތެއްގައި ހުންނެވިއެވެ. އަދި ޑޮނޭޓިސްޓުންނާއި އާރިއަނުންނާ ދެކޮޅަށް ހިންގުނު އަނިޔާވެރި ހަރަކާތްތަކުގެ ފަހަތުގައި ހުންނެވި އެންމެ އިސް އެއް ލީޑަރަކީ އޭނާއެވެ.
--------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ