އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (6)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

10 ނޮވެމްބަރު (ބުރާސްފަތި) އާ ގުޅޭ..

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙުމަދު މާޖިދު
ޑޮނޭޓިސްޓުން ސުންނާފަތި ކޮށްލުން
ނީސިއާގެ ފުރަތަމަ ކައުންސިލުގެ ބައިވެރީން، ކްރިސްޓިއަން ދީނަކީ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާގެ ދީނަކަށް ހަދައި، ޢީސާ ޢަލައިހިއްސަލާމަކީ ކަލެއް، އަދި ކަލާނގެ ދަރިކަލުން ކަމުގައި ހެދުމުން އެކަމާ ޑޮނޭޓަސް އިދިކޮޅު ހެއްދެވިއެވެ. އަމްބަރާތޫރު ކޮންސްޓަންޓިންއާއި ރޯމާއި އެލެގްޒެންޑްރިއާގެ ބޮޑު ފައްޅިތަކުގެ އިސް ވެރީން ކުރެއްވި އެތައް މަސައްކަތަކުން ވެސް ޑޮނޭޓަސް އާއި އޭނާގެ އެކުވެރީންގެ "ތައުޙީދު" ގެ ޢަޤީދާ ފުނޑުފުނޑުކޮށެއްނުލެވުނެވެ. އެންމެ ފަހުން އަމްބަރާތޫރު ކޮންސްޓަންޓީން ގަސްތު ކުރެއްވީ ކަނޑީގެ ބާރުގައި ޑޮނޭޓިސްޓުންގެ މައްސަލަ ހައްލު ކުރެއްވުމަށެވެ. ދެން ކަންތައް ވެގެން ދިޔަ ގޮތާ މެދު، އަލަށް އިސްލާމް ވެވަޑައިގެންނެވި އިނގިރޭސި ވިލާތުގެ ޤާނޫނީ ވަކީލެއް، އަދި ލިޔުންތެރިއެއް ކަމަށް ވާ އަޙުމަދު ތޮމްސަނާއި، އިންޑިޔާގެ މުސްލިމް ޢިލްމުވެރިއެއް ކަމަށް ވާ މުޙައްމަދު ޢަޠާއުއްރަޙްމާން ލިޔުއްވާފައި ވާ "ފޯރ ކްރައިސްޓްސް ސޭކް" މި ފޮތުގެ 24 ވަނަ ސަފުހާގައި ވެއެވެ.

"ދެބައިމީހުން އެއް ވިސްނުމަކަށް ގެނައުމަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ވީ ނާކާމިޔާބެވެ. ދެން ކޮންސްޓަންޓީން ގަސްތު ކުރެއްވީ ބާރުގެ ބޭނުން ކުރައްވައިގެން ޑޮނޭޓިސްޓުންގެ ފިކުރު ބަދަލު ކޮށްލެއްވުމަށެވެ. އެހެންކަމުން އޭނާ ރޯމުގެ ލަޝްކަރު ތައްޔާރު ކުރެއްވިއެވެ. އަދި ކްރިސްޓިއަން، ޕޯލައިން ފައްޅީގެ ނަމުގައި ޑޮނޭޓިސްޓުންނާ ދެކޮޅަށް އެ ލަޝްކަރު ފޮނުއްވިއެވެ. ... (ރޯމުގެ) ލަޝްކަރު (ކާރތޭޖަށް އައިސް) ޑޮނޭޓިސްޓުންނާ ދެކޮޅަށް ނުހަނު ބިރުވެރި ގަތުލުއާއްމެއް ހިންގަން ފެށިއެވެ. މި ގަތުލުއާއްމުގެ ތެރޭގައި ޑޮނޭޓިސްޓް ފާދިރީން އެބައިމީހުންގެ ފައްޅިތަކުގައި ތިއްބައި ކަތިލެވިފައި ވެއެވެ. އަދި އެބައިމީހުންގެ ހަށިތައް ވަޅުވަޅުގަނޑަށް އަޅާލެވިފައި ވެއެވެ. އެޑިކްޓް އޮފް މިލާނުގައި ބުނާ ފަދަ ސުލްހަވެރި ގޮތެއްގައި މުއާމަލާ ކުރެވުނީ ހަމައެކަނި ކޮންސްޓަންޓީންގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލު ކުރި މީހުންނާ މެދުގައެވެ. އެއަށްފަހު، ވަރަށް ފުރިހަމަޔަށް ރޭވިގެން ހިންގުނު މަޝްރޫއެއްގައި ޑޮނޭޓިސްޓުންގެ ލިޔެކިޔުންތަކާއި ފޮތްތަކާއި ރިކޯޑުތައް މުޅީން ކަހަލަ ގޮތަކަށް ސުންނާފަތި ކޮށްލެވުނެވެ. މިއަދު ފެންނަން ހުރީ އޭގެ ތެރެއިން ނުހަނު މަދު އެއްޗެކެވެ. މިގޮތުން އަމްބަރާތޫރު ކޮންސްޓަންޓީނާއި، އަދި ރޯމާއި އެލެގްޒެންޑްރިއާގެ ދީނީ ލީޑަރުން، އެބޭފުޅުންގެ ފަހުތިބީންނަށް ޓަކައި، ކްރިސްޓިއަން ދީނުގެ ރަސްމީ ޢަޤީދާތަކާ ޚިލާފު ވާ މީހުންނާ މެދު ކަންތައް ކުރަން ޖެހޭ ގޮތުގެ ނަމޫނާ މިސާލެއް ގާއިމު ކުރެއްވިއެވެ."

މިކަމާ މެދު، ކެމްބްރިޖް މިޑީވަލް ހިސްޓްރީގައި، ހެންރީ ހާރޓް މިލްމޭން ލިޔުއްވާފައި ވެއެވެ.

"ޑޮނޭޓިސްޓް ފާދިރީން ރަށުން ބޭރު ކޮށް ފައްސައިލެވުނެވެ. އެބައިމީހުންގެ ފައްޅިތައް ހަލާކު ކުރެވުނީއެވެ. ނުވަތަ ވިއްކައިލެވުނީއެވެ. އެބައިމީހުންގެ އަމިއްލަ މުދާމާލު ޝަހެންޝާހުގެ ޚަޒާނާއަށް ނެގުނީއެވެ."

އާރިއަނުންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް

އާރިއަނުންނާ މެދުގައި ކަންތައް ކުރެވުނީ ޑޮނޭޓިސްޓުންނާ މެދު ވެސް ކަންތައް ކުރެވުނު ގޮތަށެވެ. އާރިއަސް އަކީ އާރިއަން ޙަރާކަތުގެ ބާނީއަށް ވުމާ އެކު، އެ ޙަރަކާތް ފެށުނީ އާރިއަސްގެ އުފަން ބިން ކަމަށް ވާ އެލެގްޒެންޑްރިއާގައެވެ. އިސްވެ ދެންނެވި ފަދައިން، އެލެގްޒެންޑްރިއާގެ ބޮޑު ފާދިރީ އެލެގްޒޭންޑަރާއި އޭނާގެ ދަރިވަރު އެތެނޭސިއަސްގެ ހަޔާތްޕުޅުގައެވެ. މުޙައްމަދު ޢަޠާއުއްރަޙްމާނާއި އަޙްމަދު ތޮމްސަން ލިޔުއްވި "ޖީސަސް، އަ ޕްރޮފެޓް އޮފް އިސްލާމް" މިފޮތުގެ 91 ވަނަ ސަފުހާގައި އާރިއަސްގެ ޢަޤީދާއާ ބެހޭ ގޮތުން ލިޔުއްވާފައި ވެއެވެ.

"އާރިއަސް ވިދާޅުވެފައި ވެއެވެ. ޢީސާގެފާނަކީ ހަގީގަތުގައި ވެސް ކަލާނގެ ދަރިކަލުން ކަމުގައި ވާ ނަމަ، އޭގެ މާނައަކީ ބައްޕަ ކަލާނގެ، ދަރި ކަލާނގެއަށް ވުރެ ކުރީން ވުޖޫދުގައި ވޮޑިގެން ވާނޭ ކަމެވެ. އެހެންކަމުން، ޢީސާގެފާނަކީ ކަލާނގެ ދަރިކަލުން ކަމުގައި ވާ ނަމަ، ޢީސާގެފާނު ވުޖޫދުގައި ނުވާ ޒަމާނެއް އިސްވެ ގޮސްފައި ވާން ޖެހޭނެއެވެ. އެހެންކަމުން ސާބިތުވަނީ، ޢީސާގެފާނަކީ އަބަދު ވުޖޫދުގައި ދެމިހުންނަ ޒާތު ފިޔަވައި އެހެން ޒާތެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމެވެ. މާތްރަސްކަލާނގެއަކީ އަބަދު ވުޖޫދުގައި ވާ ޒާތުފުޅެއް ލިބިވޮޑިގެންވާ އިލާހެއް ކަމަށް ވާތީ، އަދި ޢީސާގެފާނަކީ އެފަދަ ޒާތުފުޅެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅަކަށް ވާތީ، ޢީސާގެފާނަކީ މާތްރަސްކަލާނގެ ޒާތުފުޅާ އެއްފަދަ ބޭކަލެއް ނޫނެވެ. ... އަދި ޢީސާގެފާނަކީ މާތްރަސްކަލާނގެ ޚަލްޤު ކުރެއްވި ބޭކަލަކަށް ވާތީ، ޢީސާގެފާނަކީ އަބަދު ވުޖޫދުގައި ވެވަޑައިގެންނެވި ފަރާތެއް ވެސް ނޫނެވެ. ޢީސާގެފާނަކީ ޚަލްޤުކުރެއްވުނު މަޚްލޫޤަކަށް ވާތީ، އެހެން މަޚްލޫޤުންގެ ސިފަތައް އެކަލޭގެފާނަށް ވަނީ ލިބިވަޑައިގެންފައެވެ. ބަދަލުވުމެއް ނެތް، ޚަލްޤުތަކުންގެ ސިފަތަކުން އަރަހުށި ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ. އެހެންކަމުން ޢީސާގެފާނަކީ އިލާހެއް ނޫންކަން ސާފުކޮށް އެނގެއެވެ."

އާރިއަސްގެ މި ފިކުރާ މެދު ކްރިސްޓިއަން ރޯމަން ދައުލަތާއި، އަދި ބޮޑު ފައްޅީގެ ދީނީ ލީޑަރުން ރުހިވަޑައެއްނުގަތެވެ. ހާއްސަކޮށް އެލެގްޒެންޑްރިއާގެ ބޮޑު ފައްޅީގެ ބޮޑު ފާދިރީ އެލެގްޒޭންޑަރާއި އޭނާގެ ދަރިވަރު އެތެނޭސިއަސް، އާރިއަސް އާ ދެކޮޅަށް އެކިއެކި މަސައްކަތްތައް ކުރެއްވިއެވެ. އެ ދުވަސްވަރު އެލެގްޒެންޑްރިއާ އޮތީ ގާތްގަނޑަކަށް ދެބައި ވެފައެވެ. އެއް ބަޔަކީ ބޮޑު ފައްޅީގެ ފާދިރީންގެ ވިސްނުންފުޅާ އެއްގޮތަށް، ޢީސާގެފާނުގެ އިލާހުވަންތަކަން ގަބޫލު ކުރި މީހުންނެވެ. އަނެއް ބަޔަކީ އާރިއަސްގެ އިސްލާމީ، ތައުޙީދީ ވިސްނުންފުޅާ އެއްގޮތަށް ތިބި މީހުންނެވެ. ހަގީގަތުގައި، އެ މަހާސިންތާއެއްގެ ވާހަކަ ކުރީން އަޅުގަނޑު ދެންނެވި "ނީސިއާގެ ފުރަތަމަ މަހާސިންތާ" ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މި ބައިބައިވުމުގެ މައްސަލަ ހައްލު ކުރުމެވެ. އާރިއަނުންނާއި، ދެން ވެސް ތައުހީދުގެ ނިދާގެ އަޑު އިއްވަމުން، ޢީސާ ޢަލައިހިއްސަލާމްގެ އިލާހުވަންތަކަމުގެ ފިކުރާ ދެކޮޅު ހަދަމުން ގެންދިޔަ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމެވެ.

ނަމަވެސް "ނީސިއާގެ ފުރަތަމަ ކައުންސިލް" ގެ ނިންމުންތަކުން ވެސް އާރިއަސް އާއި އޭނާއަށް ތަބާވީ މީހުންގެ ފިކުރު ބަދަލެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ނީސިއާގެ ކައުންސިލަށް ފަހު ދެބައިމީހުންގެ ޢަޤީދީ ތަފާތުތައް ހައްތާ ވީ ބޮޑެވެ. ހަމައެއާއެކު، އަޅުގަނޑުމެން ހައިރާން ވާން ޖެހޭ ކަމަކީ، އަދި ތާރީހުގެ ފަށްފުށްތަކުން ދައްކާ އަޖާއިބު ކުރުވަނިވި މަނާޒިރުގެ ތެރެއިން އެއް މަންޒަރަކީ، ޑޮނޭޓިސްޓުންނާ ދެކޮޅަށް ހަތިޔާރުގެ ތޫނުކަން ދައްކަވައި، އާރިއަނުންނާ ދެކޮޅަށް އެތައް ސިޔާސަތުތަކެއް ގެންގުޅުއްވި އަމްބަރާތޫރު ކޮންސްޓަންޓިން އެންމެ ފަހުން އަވަހާރަ ވީ އާރިއަނުންގެ ތައުހީދީ ޢަޤީދާގެ މަތީގައި ކަމެވެ. އޭނާ އަވަހާރަވުމުގެ ދެ އަހަރު ކުރީން، މީލާދީން 335 ވަނަ އަހަރު، އާރިއަން ފާދިރީއެއް ކަމަށް ވާ އިޔުސޭބިއަސް އޮފް ނިކޮމީޑިއާގެ އަތްޕުޅުމައްޗަށް ބަޕްތިސާމް ކުރެއްވިގެންނެވެ.

ކޮންސްޓަންޓީންގެ ދަރިކަލުން ކޮންސްޓަންޓީނަސް އަކީ ވެސް އާރިއަން ތައުހީދު ގަބޫލުފުޅު ކުރެއްވި ބޭފުޅެކެވެ. އޭނާގެ ދައުރުގައި މުޅި ރޯމަން ދައުލަތުގެ ކަންކޮޅުތަކުގައި އާރިއަން ޢަޤީދާ ފެތުރުއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. ކަނޑިއަކާ ނުލައެވެ. އެގޮތުން "ކައުންސިލް އޮފް ރިމީނީ" ގެ ނަމުން މަޝްހޫރުވެފައި ވާ މަހާސިންތާ ބޭއްވެވިއެވެ. އިޓަލީއާއި، ސްޕޭނާއި، ފަރަންސޭސި ވިލާތާއި، އިނގިރޭސި ވިލާތާއި ބަލްކަން ސަރަހައްދުން ހަތަރުސަތޭކައަށް ވުރެ ގިނަ ފާދިރީންނާއި ދީނީ އިލްމުވެރީން ބައިވެރިވެވަޑައިގެންނެވި މި މަހާސިންތާގައި، ޢީސާ ޢަލައިހިއްސަލާމަކީ ކަލެއް ނޫން ކަމުގެ ޢަޤީދާ އަލުން ރުޖޫއަ ކުރެވުނެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން، ރޯމުގެ ތަހުތުގައި އެ ބޭފުޅެއްގެ ވާހަކަ ކުރީން ވެސް ދެންނެވި ތިއޮޑޯސިއަސް އިށީދެވަޑައިގަތުމުން، ރިމީނީގެ މަހާސިންތާގެ ނިންމުން ބާތިލުކޮށް، "ނީސިއާގެ ފުރަތަމަ ކައުންސިލް" ގެ ޢަޤީދާ ކަމަށް ވާ "ޓްރިނިޓީ" އަކީ ރަސްމީ ޢަޤީދާ ކަމަށް އަނެއްކާވެސް ކަނޑައެޅުނީއެވެ. ޓްރިނިޓީ ނުވަތަ ތިންކައުވަންތަ އިލާހެއްގެ ޢަޤީދާ އާޚިރީ ގޮތެއްގައި އެކަށައެޅުނީ ތިއޮޑޯސިއަސްގެ އަމުރުފުޅަށް، މީލާދީން 381 ވަނަ އަހަރު ބޭއްވުނު "ކައުންސިލް އޮފް ކޮންސްޓެންޓިނޯޕްލް" ގައެވެ.

ރޯމުގެ ފައްޅިއާއި، އެލެގްޒެންޑްރިއާގެ ފައްޅީގެ މޭސްތިރިކަމުގެ ދަށުގައި، އަމްބަރާތޫރު ތިއޮޑޯސިއަސްގެ ކަނޑިކޮޅުގެ ބާރުގައި ދެން ފެށުނީ ތިންކައުވަންތަ އިލާހުގެ ޢަޤީދާ ގަބޫލު ނުކުރާ މީހުންނާ ދެކޮޅަށް އަނިޔާވެރިކަމާއި ގަދަބަދަވިކަމުގެ ދައުރެކެވެ. އެންމެ ފުރަތަމަ ފެށުނީ ދަތިކުރުމުގެ ފިޔަވަޅުތަކުންނެވެ. އެގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ރަސްމީ ޢަޤީދާއާ ހިލާފު ވާ މީހުންނަށް އެ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ހިމާޔަތެއް ލިބިދޭ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް ނަމަ، ވަގުތުން ބާތިލު ކުރުމާއި، އެބައިމީހުންގެ ގެދޮރާއި މުދަލާއި ފައްޅިތަކަށް އެއްވެސް ކަހަލަ ހިމާޔަތެއް ރައްކާތެރިކަމެއް ނުދިނުމާއި، އެބައިމީހުންގެ ފައްޅިތަކަށް ދެވެމުން އައި ފައިސާގެ އިނާޔަތްތައް ކަނޑާލުމާއި، އެބައިމީހުންގެ ދީނީ ފިކުރުތައް ހާމަކުރުމުގެ އަދަބެއްގެ ގޮތުން މުދަލާއި ގެދޮރު ފޭރިގަތުމާއި، އަރުވާލުން ފަދަ އެތައް ކަމެއް ހިމެނުނެވެ. މީގެ އިތުރުން އާރިއަނުންގެ ލީޑަރުންގެ އަތުން ނުކުޅަދާނަ ވަރުގެ ބޮޑު އަދަދުތަކުގެ ޓެކްސް ނެގުމަކީ ވެސް އާއްމުކޮށް ކުރެވުނު ކަމެކެވެ. އެއްވެސް ބާވަތެއްގެ ދީނީ ރަސްމެއް، އަޅުކަމެއް، ނުވަތަ އެއްވުމެއް އާއްމު ތަންތަނުގައި ވެސް، އަދި ސިއްރިޔާތުގައި ބޭއްވުން ވެސް މަނާ ކުރެވުނެވެ. ހަމައެއާއެކު، އާރިއަނުންނާއި އެމީހުންގެ ތައުޙީދީ ފިކުރުގެ އަހުލުވެރީންނާ ދެކޮޅަށް ކޮންމެ ފަދަ ގުނާއެއް ގެނަޔަސް، ކޮންމެ ފަދަ އަނިޔާއެއް ކުރިޔަސް އަނިޔާ ކުރާ މީހާއަށް އަދަބެއް ނުލިބޭ ގޮތަށް ވެސް ހަމަޖެހުނެވެ.

މި ދުވަސްވަރު އާރިއަނުންނާ ދެކޮޅަށް "އިންކުއިޒިޝަން" ގެ ނަމުގައި އަމްބަރާތޫރު ތިއޮޑޯސިއަސްއާއި ފައްޅީގެ ދީނީ ބޮޑުން ގުޅިވަޑައިގެން ހާއްސަ ހަރަކާތެއް ފެއްޓެވިއެވެ. މި ހަރަކާތުގެ ބޭނުމަކީ ފައްޅީގެ ރަސްމީ ޢަޤީދާއާ ހިލާފު ވާ މީހުން ހޯދައި، އެމީހުންނަށް ދޭން ޖެހޭ އަދަބުތައް ދިނުމެވެ. ތާރީހުގެ އަހުލުވެރީންނަށް އޮޅިވަޑައިގެންފައި ނުވާނޭ ފަދައިން، ކްރިސްޓިއަން ތާރީހުގެ ފަހުގެ ދައުރުތަކުގައި އެކިއެކި ދީންތަކާއި، ކްރިސްޓިއަން ނޫން މުޖުތަމައުތަކާ ދެކޮޅަށް މިފަދަ އެތައް "އިންކުއިޒިޝަން"ތަކެއް ވަނީ އެކުލަވާލެވިފައެވެ. އެހެންކަމުން އެ ނަމަކާ ޙައްޤު ނޫން ގޮތުގައި އޮހޮރައިލެވުނު އިންސާނީ ލެޔާ ގުޅިލާމެހިފައިވާ ނަމެއް ކަމުގައި ވާ "އިންކުއިޒިޝަން" ގެ ބައްޕައަކީ އަމްބަރާތޫރު ތިއޮޑޯސިއަސް އާއި އޭނާގެ އިސް ފާދިރީންނެވެ.

ތިއޮޑޯސިއަސް އާއި ކެތަލިކް ފައްޅީގެ އަމުރަށް އަނިޔާކޮށް މަރައިލެވުނު އާރިއަން ފާދިރީންގެ ތެރޭގައި ސްޕޭނުގެ ފާދިރީން ގިނަ އަދަދަކަށް ހިމެނިވަޑައިގަތެވެ. އެއިރު ސްޕޭނުގައި އާރިއަން ތައުޙީދުގެ ފިކުރު އޮތީ ވަރަށް ބޮޑަށް ފެތުރިފައެވެ. ސްޕޭނުގެ އާރިއަނުންގެ އެންމެ އިސް އެއް ލީޑަރަކީ އަވީލާ އެވެ ކިޔުނު ޝަހަރުގެ ފާދިރީ ޕްރިޝިލިއަން އެވެ. ކެތަލިކް އިންކުއިޒިޝަންގެ ސިފައިން އޭނާއާއި އޭނާގެ ހަ އެކުވެރީން ހައްޔަރު ކޮށްގެން، އެތައް ދުވަހެއް ވަންދެން އަނިޔާ ކޮށް، ނިކަމެތި ކޮށްފައި، ވޭންދެނިވި ގޮތަކަށް އަވަހާރަ ކޮށްލީއެވެ. މި ހާދިސާގެ ތަފްސީލުތައް މުޙައްމަދު ޢަޠާއުއްރަޙްމާނާއި އަޙްމަދު ތޮމްސަންގެ "ފޯރ ކްރައިސްޓްސް ސޭކް" މި ފޮތުގެ 30 އަދި 31 ވަނަ ސަފުހާގައި ބަޔާން ކުރައްވާފައި ވެއެވެ.

މި ދެންނެވި ފަދަ ޖަރީމާތަކާ އެކު، އާރިއަނުންގެ ހަރަކާތްތައް ސިއްރިޔާތުގައ ހިންގޭ ހަރަކާތަކަށް ބަދަލު ކޮށްލެވުނީ، ފައްޅީގެ ބޮޑެތި ވެރީންގެ އިރުޝާދާ އެއްގޮތަށެވެ. އެއީ ވެރިކަމުގައި ހުރި މީހަކު، އޭނާގެ އަމިއްލަ ސިޔާސީ އެދުންތަކެއް ފުއްދަން، ދީނީ ލީޑަރުންނާއި އިލްމުވެރީންގެ ރައުޔާ ހިލާފަށް ކުރި ކަމެއް ނޫނެވެ. ވެޓިކަނާއި އެލެގްޒެންޑްރިއާއާއި ކޮންސްޓެންޓިނޯޕްލާއި އެންޓިއޯކް ފަދަ ކްރިސްޓިއަން ތައުލީމުގެ މަރުކަޒުތަކުގައި ތިއްބެވި، ދީނީ ލީޑަރުންނާއި އިލްމުވެރީންގެ ލަފާފުޅާ އެއްގޮތަށް ކުރެވުނު ކަމެކެވެ. ތިއޮޑޯސިއަސްގެ ވެރިކަމުގައި އާރިއަނުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރުމުގެ އެންމެ ބޮޑު އެއް މޭސްތިރިއަކީ މަޝްހޫރު ކްރިސްޓިއަން ދީނީ ލީޑަރަކީ މިލާންގެ ބޮޑު ފާދިރީ، އަދި ކެތަލިކް ކްރިސްޓިއަން ދީނުގެ ތާރީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި އުފެދުނު އެންމެ މުހިއްމު ހަތަރު އިލްމުވެރީންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައި ވާ ސެއިންޓް އެމްބްރޯސް އެވެ. އޭނާއަކީ ކެތަލިކް ފައްޅީގެ ބިންގާ އެޅުއްވުމުގައި އިސް ދައުރެއް އަދާ ކުރެއްވި ހަތަރު "ޑޮކްޓަރޒް އޮފް ދަ ޗާރޗް" ގެ ތެރެއިން އެއް ބޭފުޅެކެވެ. އެ ބޭފުޅެއްގެ ފިކުރާއި ވިސްނުންފުޅުގެ އަސަރު މިއަދާ ހަމަޔަށް ކްރިސްޓިއަން ތައުލީމުގައި ބިންވަޅު ނެގިފައި ވާ ބޭފުޅެއް މެއެވެ.

ޔޫރަޕުގައި އާރިއަން ތައުޙީދުގެ ފިކުރު ފެތުރުއްވެވި އެންމެ މުހިއްމު ބޭފުޅަކީ ވިޒިގޮތިކް ނަސްލުގެ ބޭފުޅެއް ކަމަށް ވާ އުލްފިލާސް އެވެ. ފައްޅީގެ ބާރު އެ ސަރަހައްދެއްގައި ނިސްބަތުން ކުޑަ ސަރަހައްދެއް ކަމަށް ވާ ދެކުނު އިރުމަތީ ޔޫރަޕުގައި ތައުޙީދުގެ ފިކުރު ފަތުރުއްވަވައި، ޢީސާގެފާނަކީ އިލާހެއް ނޫން ކަމާއި، އެކަލޭގެފާނަކީ މަތިވެރި މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމުގެ ފިކުރު އުނގަންނައިދެއްވުމުގައި އޭނާ ސާޅީސް އަހަރު ހޭދަކުރެއްވިއެވެ. އެއީ މީލާދީން 341 ވަނަ އަހަރުން ފެށިގެންނެވެ. އޭނާއަކީ ތައުޙީދުގެ ދިދަ އުފުއްލެވި ލީޑަރެކެވެ. ތައުޙީދަށް ޓަކައި ޖިހާދު ކުރެއްވި މުޖާހިދެކެވެ. ތިއޮޑޯސިއަސްގެ ކުރީން ރޯމުގެ ތަހުތުގައި އިންނެވި އާރިޔަން ތައުޙީދަށް ތަބާވެވަޑައިގެންނެވި ރަސްގެފާނު ކޮންސްޓޭންޝަސް، އުލްފިލާސް ސިފަކުރެއްވީ "އަހަރެމެންގެ ޒަމާނުގެ މޫސާ" ގެ ގޮތުގައެވެ.

ނަމަވެސް އުލްފިލާސް އަވަހާރަ ވީ، އޭނާގެ ކުރީން އާރިއަސް ވެސް އަވަހާރަ ވި ފަދައިން ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަހަލަ ހާލަތެއްގައެވެ. ފެންނަން ހުރި ހުރިހާ ހެކިތަކުން އެނގެނީ ދެ ބޭފުޅުން ވެސް ވިހަ ދީގެން އަވަހާރަ ކޮށްލެވުނީ ކަމެވެ. (އަޙުމަދު ތޮމްސަން، މުޙައްމަދު ޢަޠާއުއްރަޙްމާން، ފޯރ ކްރައިސްޓްސް ސޭކް، ސަފުހާ 44) އުލްފިލާސް އަވަހާރަވުމަށް ފަހު، އޭނާގެ ފިކުރަށް ތަބާވީ މީހުން ވެސް ހަރުކަށި ފިޔަވަޅުތަކުގެ އެހީގައި ދައުލަތުގެ ސަރަހައްދުން ބޭރުކޮށްލެވުނީއެވެ. އަދި އެބައިމީހުންގެ ދީނީ ލިޔުންތަކާއި ފޮތްތައް ވެސް މުޅީން ސުންނާފަތި ކޮށްލެވުނީއެވެ. އުލްފިލާސަށް ފަހު އޭނާގެ އަހުލުވެރީންގެ ލީޑަރެއްގެ ގޮތުގައި ތެދުވެވަޑައިގެންނެވި އެލަރިކަށް ވެސް ކުރިމަތިވެވަޑައިގެންނެވީ ހަމަ މި ދެންނެވި ކަހަލަ ޖަރީމާތަކާއެވެ. ކްރިސްޓިއަން ކަނޑީގެ ތޫނުކަމާއެވެ.
-----------
(ނުނިމޭ)


މި ލިޔުން:

   ފޮނުވުން:              އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ