އަދުގެ ޚާއްސަ

Print

ނެތިދިޔަފަހުންނެވެ...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ.ކުނބުރުދޫ

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެންދަނީއެވެ. މިފަދައިން ތަކުރާރުކޮށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާނެއެވެ. އިރުގެ ގަދަ އަލިކަން ފަނޑުވެ ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ނަމަވެސް ހައިޝަމްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދެއެވެ. އެއެކަނިވެރިކަމާއި މާޔޫސްކަމެވެ. ހާސްކަމާއި ނުތަނަވަސްކަމެވެ. އާދައިގެ މަތީން މިއަދުވެސް ހައިޝަމް އެއިނީ، އޮއްސެމުންދާ އިރާއެކު، އުދަރެހަށް އަރާފައިބަމުން އެދާ ކުލަތަކާއި، ސާފުމޫދަށް ގެނުވާ ރަންދޯދީގެ ޖަރީކަމާއި، ޖެހޭ ހިތްގައިމު ވައިރޯޅީގެ ބީހުންތަކާއި، ގަސްގަހާގެހީގެ ހެލުންތަކުން އުފައްދަމުންދާ ހަމަހިމޭން މިއުޒިކުގެ އަޑުން ހިތްހަމަޖެހުން ހޯދުމަށް ސާފު ދޮންވެލި ތުނޑީގައި އިށީންދެލައިގެންނެވެ. އޮފީހުގެ ރަސްމީގަޑި ނިންމާލުމަށްފަހު ގެއަށްގޮސް ސައިބޮއިގެން އައިގޮތަށެވެ. ގޭތެރެއިން ލިބޭ ހިތްހަމަނުޖެހުމާއި ހާސްކަން ފިލުވާލުމަށްޓަކައެވެ. މަންމަ އާއި ބައްޕަގެ ޒުވާބުން ސިކުނޑީގައި އުފައްދާ ގޮތްނޭނގޭ ނުތަނަވަސްކަމުގެ ބާނިތައް މައިތިރި ކޮށްލުމަށްޓަކައެވެ. އޭނާގެ މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރުތައް އޮއްސެމުންދިޔަ އިރާއެކު މަޑުމަޑުން ފުހެވި މޫނު ތާޒާވަމުންދިޔައެވެ.
           
އިރުއޮއްސުމާއެކު ހައިޝަމް ގެއަށްދިއުމަށްޓަކާ ތެދުވެ ގައިން ވެލިފޮޅާލިއެވެ. މަޑުމަޑުން ހިނގައިގަތުމަށްފަހު، ހުއްޓިއްޖެއެވެ. އޭނާގެ ނަޒަރުގޮސް ހުއްޓިފައިވަނީ ތުނޑީގެ މެދެއްކަންހާހިސާބު ހެދިފައިހުރި ކެރަގަސްތަކާ ދިމާލަށެވެ. ނޫނެކެވެ. އެކެރަ ގަސްތައް ކައިރީގައި އިން ޒުވާން އަންހެން ކުއްޖާއަށެވެ. ހިތާމަވެރިކަމުގެ ކުލަ އެކުއްޖާގެ މޫނުމަތީން ފެންނަމުން ދިޔަނަމަވެސް އެމޫނުގައިވާ ޖާޒުބީ ރީތިކަމުގެ އަސަރު ނުކުރާނޭ ހިތެއް ނުވާނެއެވެ. ހައިޝަމްއަށްވެސް ވީ އެކަހަލަ ގޮތެކެވެ. އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައިވާ އެއަންހެން ކުއްޖާފެނި ހުއްޓުން އެރީއެވެ. ފުރަތަމަ ނަޒަރުން ހިތުގެ ހާއްޞަ ކަނެއްގައި އެސޫރަ ރައްކާކުރެވުނީއެވެ. މިއިޙުސާސްތަކަށް ދޭނީ ލޯބީގެ ނަންކަމެއް ނުވަތަ ނޫންކަމެއްވެސް ހައިޝަމް އަކަށް ކަނޑައެއް ނޭޅުނެވެ. އެހެން ނަމަވެސް އޭނާގެ ހިތްއެދި ގޮވަނީ އެކުއްޖާއާ ވާހަކަ ދައްކާލުމަށެވެ. ހިތުގައި އުފެދިފައިވާ ފާރުގަނޑުތަކަށް ޝިފާ ލިބިދާނެކަމުގެ އުންމީދު އާވީތީއެވެ.
            
ހައިޝަމް މަޑުމަޑުން ހިނގައިގަތެވެ. އޭނާގެ ނަޒަރު، އިސްދަށަށް ޖަހައިގެން އިން އެއަންހެން ކުއްޖާގެ ގައިން ނެއްޓިގެން ނުދެއެވެ. "އަހަރެން މިތަނުގައި ޖައްސާލިޔަސް މައްސަލައެއް ނެތްތަ؟." ހައިޝަމްގެ ސުވާލާއެކު އެއަންހެން ކުއްޖާ ސިއްސައިގެން ގޮސްފައި ބަލައިލިއެވެ. އެމޫނުގައި ވަނީ ހައިރާންކަމާއި، ހާސްކަމުގެ އަސަރެވެ. ހަމައެއާއެކު އެއަންހެން ކުއްޖާ ތެދުވެގެން ހިނގައިގަތެވެ. ހައިޝަމްއާ ދިމާއަށް އިތުރަށް ބަލައިލުމަކާވެސް ނުލާ ހަލުވިކަމާއެކު ރަށުތެރެއަށް އެރުމަށް އެއަންހެން ކުއްޖާ މިސްރާބު ހިފާފައިހުރި އިރު، ހައިޝަމްއަށް ހުއްޓިގެން ހުރެވުނީއެވެ. ހައިރާންވެފައެވެ. ކޮންމެވެސް މިންވަރަކަށް ލަދުވެސް ގަނެފައެވެ.
            
ހައިޝަމްގެ ސިކުނޑިން އެދުވަހުގެ ހަނދާންތައް ފުހެއެއް ނުލެވުނެވެ. އެރޭގައި ނިދިން މަޙުރޫމްވިއެވެ. ބަލާލި ކޮންމެ ދިމާއަކުން އެސޫރަ ސިފަވާކަހަލައެވެ.
            
ކޮންމެ ދުވަހަކު ތުނޑިއަށް ދިއުމުގެ އާދަ ހައިޝަމް ދޫކޮށެއް ނުލައެވެ. ނަމަވެސް ކުރިން އޭނާގެ ނަޒަރު ހުއްޓިފައިވަނީ ގުދުރަތީ ރީތި މަންޒަރު ތަކަށްކަމުގައި ވިޔަސް މިހާރު ބެލެނީ ރަށުގެ ތުނޑީގެ މެދެއްކަންހާ ހިސާބު ހެދިފައިވާ ކެރެގަސްތަކާ ދިމާއަށެވެ. ކޮންމެ ދުވަހެއްގެ އިރުއޮއްސެންވާއިރަށް އެއަންހެން ކުއްޖާ އެތަނަށް އާދެއެވެ. ހައިޝަމްއަށް އަބަދުމެ ބެލެނީ އެރީތި ސޫރައަށެވެ. އެއަންހެން ކުއްޖާވެސް ވަށްކަޅިން ބައެއް ފަހަރު ބަލައިލާކަން ޔަޤީންވެސް ހައިޝަމްގެ އުންމީދުތައް އާވަމުން ދިޔައެވެ. އެއަންހެން ކުއްޖާއާ އަދި ވާހަކަވެސް ދައްކާނުލެވުނަސް، ލޯބި ހާސިލް ކުރުމަށް އަޒުމު ކަނޑައަޅައިފިއެވެ.
            
ދުވަސްތައް ފާއިތުވަމުންގޮސް އެންމެފަހުން ހައިޝަމްގެ އުންމީދުން ބައެއް ފުރިހަމަ ވެއްޖެއެވެ. "އަހަންނަށް ކިޔަނީ އީނާޝް" އެއަންހެން ކުއްޖާގެ އަޑު ފުރަތަމަ ފަހަރަށް އިވުމާއެކުވެސް އެކުއްޖާއަށް ދެވިފައިވާ ޝައުޤުވެރިކަން ހައިޝަމްގެ ހިތުގައި އެތައް ގުނައަކަށް އިތުރުވެއްޖެއެވެ.. ހައިޝަމްގެ ކެއްތެރިކަމުން ކޮޅުންލާފައިވާ ހިތް މަޑަކުން ނޯތެވެ.
ހައިޝަމް : އީނާޝް.. ވަރަށް ރީތި ނަމެއް.. އަސްލު އަހަރެން، މީގެކުރިން އީނާޝްއެއް ނުދެކެން.. ނުވެސް ދަންނަން.. ތުނޑިމަތިން އެކަނި މިފެންނަނީ.. ބޭރަށް ނުނިކުންނަނީތަ؟
އީނާޝް  : (ހިނިތުންވެލަމުން)  އަހަރެން ނޭނގުނަސް މިރަށު އެންމެންވެސް އަހަރެންގެ ބައްޕަ ދަންނާނެ.. މަޝްހޫރު ވިޔަފާރީވެރިޔާ ގާދިރު އެނގެއެއްނު.
ހައިޝަމް : އާނ.. ގާދިރު ދޯ... ގާދިރުއަކީ ވަރަށް ހިތްހެޔޮ ރަނގަޅު މަޑުމައިތިރި މިޒާޖެއްގެ މީހެއްކަމަށް ރަށުގެ އެންމެންވެސް ކިޔާތީ އަޑުއަހަން.. އަހަރެންނަކީވެސް އެހާގިނައިން ބޭރަށް ނުކުމެ އުޅޭ މީހެއްނޫން. އެހެންވެ އެހާބޮޑަކަށް ނޭނގޭނެތާ.

ހައިޝަމްގެ މިވާހަކަތަކުން އީނާޝްގެ ތުންފަތަށް ވެރިކުރުވީ މަލާމާލުގެ ހިނިތުންވުމެކެވެ. އަދި މޫނުގެ ކުލަވަރު ބަދަލުވުމާއެކު ހައިޝަމްއަށް ފުރަގަސްދިނެވެ.

ހައިޝަމް : އަހަރެންނަކީ މާކަ މޮޅަށް ވާހަކަ ދައްކަން އެނގޭ މީހެއްނޫން.. އަދި އެހެންމީހުންހެން ހިތުގައި އޮންނަ އެއްޗެއް ނުބުނެ ދިގު ދަންމާ މީހެއްވެސް ނޫން.. އީނާޝް އަށް އެނގޭނެ އަހަރެން މިހެން އީނާޝްއާ ވާހަކަ ދައްކާލާ ހިތުން އިންނަތާ ކިތަންމެ ދުވަހެއް ވެއްޖެކަން.. އަހަންނަށް އީނާޝް ވަރަށް ކަމުދޭ.. އަހަރެންނާ ރައްޓެހިވާންވީނު.
      
ހައިޝަމް އޭނާގެ ހިތުގެ އުދާސްތައް އެއްވެސް ހިފެހެއްޓުމެއްނެތި އީނާޝްގެ ކުރިމައްޗަށް އެއްފަހަރާ ބަންޑުންކޮށްލިއެވެ. އަދި ޖަވާބެއްގެ އިންތިޒާރުގައި އީނާޝްގެ މޫނަށް ބަލަން އިނެވެ.

އީނާޝް  : އަހަރެންވެސް ބޭނުން.. އެކަމަކު ނެތް ތިކަން ވާކަށް.. އަހަރެންގެ ބައްޕަ ގަބޫލެއް ނުވާނެ..
ހައިޝަމް : (ހައިރާން ކަމުން ފުރިގެންވާ ނަޒަރަކުން ބަލައިލަމުން) އެކީއްވެ.. އީނާޝްގެ ބައްޕައަށް އަދި އަހަރެން ނުވެސް އެނގޭނެ. އަނެއްކާ ހަމަގައިމުވެސް އަހަރެންނަކީ ނުބައި މީހެއް ނޫން.. ދެން ހައިޝަމްގެ ސިކުނޑީގައި އެތައް ސުވާލެއް އެނބުރެމުން ދިޔައެވެ.
އީނާޝް  : ފިރިހެނުންނަކީ ވަރަށް ގަމާރުބައެއް.. ދުވަހަކުވެސް ކަމެއްގެ ހަގީގަތެއް ނޭނގޭނެ. ނުވެސް ހޯދާނެ.. އެންމެ ކުޑަމިނުން ފިރިހެންނުންގެ ގޮތްވެސް ގިނަ ފިރިހެނުންނަށް ނޭނގޭނެ.. (އީނާޝް މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކަމުން ދިޔައެވެ.) ހައިޝަމް ބޭނުމިއްޔާ އަހަރެން ހައިޝަންއާ ރައްޓެހި ވެދާނަން.. އެކަމަކު އެއީ ވެވޭ ބޮޑު ގުރުބާނެއްކަން ހަނދާން ކުރަންވާނެ..
          
ހައިޝަމްއަށް އީނާޝް ދައްކަމުންދިޔަ ވާހަކަ ދެނެގަންނާކަށް ފަސޭހައެއް ނުވިއެވެ. އެހެން ނަމަވެސް އީނާޝްގެ ލޯތްބައް ބޭނުންވެފައިވަނީ އިންތިހާ ދަރަޖައަށެވެ. އެހެން ކަމުން ކޮންމެ ފަދަ ހާލެއްގައިވެސް އީނާޝް އާއެކު އުޅޭނެކަމަށް ބުނެ ވައުދުވިއެވެ.
          
ލޯބީގެ އައު ސަފުޙާއެއް ފެށި ގުނެމުން ދުވަސްތަކާއެކު މާޒީވަމުން ދިޔައެވެ. ހައިޝަމް އާއި އީނާޝް ބައްދަލުކުރަނީ ތުނޑިމަތީގައެވެ. އިރުއޮއްސި މީހުން މަދުވެ ފަޅުވީމައެވެ. ނަމަވެސް ހައިޝަމް ތަކުރާރުކޮށް އެދެމުން ދިއައީ އީނާޝްގެ ގޭގައި ބައްދަލުކުރުމަށެވެ. އީނާޝްގެ މަންމަ ނިޔާވެފައި ވިޔަސް އާއިލާގައި ހުރި ހަމައެކަނި މީހާ ކަމަށްވާ ބައްޕައަށް ފެނިދެނިވެ ބައްޕަގެ ރުހުން ހޯދަން ހައިޝަމް ބޭނުންވެއެވެ. އީނާޝް މިކަމާ ދެކޮޅު ހަދަމުން ދިޔަނަމަވެސް އެންމެ ފަހުން އޭނާއަށް ގޮތް ދޫކޮށްލަން މަޖުބޫރުވިއެވެ. ހައިޝަމް ތަކުރާރުކޮށް ކުރަމުން ގެންދިޔަ އާދޭހަށް ފުރަގަސްދޭން ނުކެރިގެންނެވެ.
           
ހައިޝަމް އޭނާގެ ލޯބިވެރިޔާ އީނާޝްއާ ބައްދަލުކުރަން އެގެއަށް ދިއުމަށް ހިނގަމުން ދިޔައިރު ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. އެންމެފަހުން ގޭގެ ދޮރާ ހަމައަށް އަރާފައި ފުންނޭވާއެއް ލުމަށްފަހު ދޮރު ހުޅުވާލަން އުޅެނިކޮށް އެތެރެއިން މީހަކު ދޮރު ހުޅުވާލިއެވެ. އެއާ އެކު ހައިޝަމް އަށް ހުއްޓެވުނެވެ. ދޮރު ހުޅުވާލާފައި ނުކުތީ ގާދިރެވެ. އީނާޝްގެ ބައްޕައެވެ. ހައިޝަމް ގާދިރަށް ގޮވާލިއެވެ. ނަމަވެސް ގާދިރު މޫނުމަތިން ފެނިގެން ދިޔައީ ނުރުހުމުގެ ކުލަވަރެވެ. އަނގައިންވެސް ނުބުނެ ދަމުންދަމުން ހައިޝަމް އާ ދިމާއަށް ބަލައިލީ ބުޅަލެއް މަސްގަނޑަކާ ދިމާއަށް ބަލައިލާފަދަ ގޮތަކަށެވެ. ހައިޝަމްގެ ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. އެއީ ރަށުގައި ހިތްހެޔޮކަމަށް ނަންމަޝްހޫރު ގާދިރު ހެއްޔެވެ؟
            
އެރޭ އީނާޝްއާ ބައްދަލުކުރުމަށްފަހު ހައިޝަމް ގެއަށް އައިއިރު އޭނާއަށް ގޮތް ނޭނގޭ ވަހުމްތަކެއް ކުރެވި އެތައް ސުވާލުތަކަކުން ސިކުނޑިއަށްވަނީ ބަރުވެފައެވެ. ކުރިން ގެއިން ލިބެމުންއައި ނުތަނަވަސް ކަމުގެ ބަދަލުގައި މިހާރު އެހެން ނުތަނަވަސްކަމެއް އިތުރުވެއްޖެއެވެ. ހައިޝަމް އަށް ތަކުރާރުކޮށް ވިސްނެމުންދިޔައެވެ. އީނާޝްއާ ފުރަތަމަ ވާހަކަ ދެއްކި ދުވަހު އީނާޝް ދެއްކި އާދަޔާ ޚިލާފު ވާހަކަތަކާމެދުގައެވެ. ރައްޓެހިވެގެން މިވީ ދުވަސްކޮޅުގެ ތެރޭގައި ކަންތައް ވަމުން އައި އާދަޔާ ޚިލާފު ގޮތްތަކާމެދުއެވެ. ފުރަތަމަ ފަހަރަށް ހައިޝަމް އީނާޝްގެ އަތުގައި ބީހިލި ރޭގައި އީނާޝްއަށް ލިބުނު ޝޮކާއި އޭނާގެ މޫނުމަތީން ފެނުނު ބިރުގަތުމުގެ ކުލަވަރެވެ. އެކަން އެތައް ފަހަރެއްގެ މަތީން ތަކުރާރު ވެފައިވާ ވުމާމެދުގައެވެ. އަދި މިހުރިހާ ކަމަކާއެކު މިރޭ އީނާޝްގެ ބައްޕަގެ ފަރާތުން ފެނުނު މަންޒަރުތަކުން ހައިޝަމްއަށް އިތުރަށް ވިސްނެމުން ދިޔައެވެ. ޝައްކު ކުރަން ބޭނުން ނޫނަސް، ނުބައި ޝައްކެއް ހިތުގައި އަށަގަނެއްޖެއެވެ. ޖަވާބު ހޯދުމަށް ހައިޝަމް އީނާޝްއާ ކުރިހާ ސުވާލެއްވީ ބޭކާރެވެ. އެންމެ ފަހުން ހައިޝަމް އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ..
            

އިރުއޮއްސި އަނދިރިވެއްޖެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިރޭގެ މިވަގުތު ހައިޝަމް ހޭދަކުރަމުން ގެންދިޔައީ އެނދެއްގެ ދަށުގައެވެ. ތުނޑީގައެއް ނޫނެވެ. އެންމެ ލޯބިވާ އީނާޝްގެ ކޮޓަރީގައެވެ. ދޮރު ހުޅުވާލުމަށްފަހު އީނާޝް ކޮޓަރިއަށް ވަނެވެ. އަދި ފާޚާނާއަށް ވަނުމަށްފަހު ނުކުމެ އެނދުގައި އިށީންނިއެވެ. އެއާއެކު އިތުރު މީހަކު ދޮރު ހުޅުވާލިއެވެ. އީނާޝްގެ ދެލޯ ބޮޑުވެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. "ބައްޕާ ހެޔޮ ނުވާނެ... އަހަރެންނަށް ތިހެން ނުހަދާ" އީނާޝްގެ އަޑު ގިސްލުމުގެ ތެރެއިން އިވިގެން ދިޔައެވެ. "މާގިނަ ވާހަކަ ނުދައްކާ. ކަލޭ ހީކުރީ ވައްތަރެއްގެ މީހާ ގަނޑަކާ ރައްޓެހިވެގެން މަގޭ ކައިރިން ސަލާމަތް ވެވޭވޭ ކަމަށްތަ" އޭގެ ރައްދުގައި އިވިގެން ދިޔައީ ގާދިރު ހަރުކަށި އަޑެވެ.
            
ތަޅުދަނޑި ވަގަށް ނަގައިގެން ކޮޓަރިއަށްވަދެ އެނދު ދަށުގައިއޮތް ހައިޝަމްއަށް މަންޒަރެއް ނުފެނުނަސް ސާފުކޮށް އަޑު އިވެމުން ދިޔައެވެ. ކެއްތެރިކަން ކޮޅުން ލުމާއެކު އެނދުދަށުން ތެދުވެ ހަޅޭއްލަވައިގަތެވެ. "މިހިރަ ހަޔާތްކުޑަ މީހާ ގަނޑާ.. ހަމަ މިހާރު ދުރައްދޭ". ހައިޝަމްގެ އަޑަށް ގާދިރާއި އީނާޝްއަށް އެކުއެކީގައި ބަލައިލެވުނެވެ. ދެމީހުންގެ މޫނަށްވެސް ވެރިކުރުވީ ހައިރާންކަމެވެ. ކަންތައް ގޯސް ވުމުން އިތުރަށް ވިސްނުމަކާ ނުލާ ގާދިރު ހައިޝަމް އަށް ކުއްލިއަކަށް ހަމަލާދިނެވެ. ހައިޝަންގެ ކަރުގައި ހިފައި ފާރާދިމާއަށް ކޮއްޕާލިއެވެ. އެދިޔަ ބާރުމިނުގައި ފާރުގައި ޖެހުމާއެކު ހައިޝަމްގެ ބޯފަޅައިގެން ގޮސް ލޭއަންނަން ފެށިއެވެ. އެހެން ނަމަވެސް ގާދިރު ތަކުރާރުކޮށް ހައިޝަމްއަށް އަނިޔާ ކުރަމުން ދިޔައެވެ. ގާދިރު ހަމައަކަށް އެޅުނީ އެނބުރެމުންދިޔަ ފަންކާ ހުއްޓުމަކަށް އައުމާއެކު އިވުނު ވޭނީ އާޙުގެ އަޑުންނެވެ. ތެޅިގެންފައި ފަހަތް ބަލައިލެވުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަންކާގައި އޮޅާލާފައިހުރި ބެޑުޝީޓުގައި ދަންޖެހި މަރުވެފައި އެހުރީ އީނާޝްއެވެ. އޭރު ހައިޝަމްގެ ކަޅިވަނީ ހުއްޓިފައެވެ. ފުރާނަވަނީ މިކެހިވެރި ދުނިޔެއަށް އަލްވަދާޢުކިޔައިފައެވެ.
 
ކަންތައްތައް ވެގެންދިޔަގޮތުން ގާދިރަށް އެއްވެސް ކަމެއް ފޮރުވޭގޮތެއް ނުވިއެވެ. އެތައް އަހަރުތަކެއް ވާންދެއް ގާދިރު ހިންގަމުން އައި ޖަރީމާ މުޅިރަށަށް ފަޅައަރާ ބޭޒާރުވީއެވެ. ގާދިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަޙުޤީޤަށްފަހު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވި ޙައްޤު އަދަބު ދެވުނެވެ. އިންސާފު ޤާއިމް ކުރެވުނެވެ. ނަމަވެސް ކުށެއްނެތް މަޢުސޫމް ދެފުރާނަ މިކެހިވެރި ދުނިޔޭގެ އަނިޔާގައި ނެތިދިޔަ ފަހުންނެވެ.

ނޯޓު:  އަމިއްލައަށް މަރުވުމަކީ ކުފުރުގެ މަރެއްކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެފަދަ މީހަކު ދާނީ ނަރަކަށް ކަމުގައިވެސް ވިދާޅުވެއެވެ. މިވާހަކައިގައި ހިތާމަތަކަށް ކެއްނުކުރެވިގެން އަމިއްލަ މަރުވާކަމަށް ގެނެސްދީފައިވަނީ އެއްވެސް ހާލެއްގައި އެފަދަކަމަށް ބާރުދީ ހިތްވަރުދީ ނުވަތަ އެއީ ރަނގަޅުކަމެއް ކަމަށް ބަޔާންކުރުމުގެ ބޭނުމުގައެއް ނޫނެވެ. އަދި އެއީ އޮތް ހައްލެއްވެސް ނޫނެވެ. މިއީ ހަމައެކަނި އައި ޚިޔާލެއްގެ މައްޗަށް އުފައްދާފައިވާ ވާހަކައަކަށް ވީތީ އެފަދައިން ގެނެސްދީފައިވަނީއެވެ.
--------
(ނިމުނީ)

މި  ވާހަކަ:
      ފޮނުވުން:    އަލްފާޟިލް
މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ.ކުނބުރުދޫ
      އަލުން ބެލުން: ޢަބްދުލް ޢަޒީޒު ޖަމާލަު އަބޫބަކުރު،
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޡު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ