އަދުގެ ޚާއްސަ

Print

ކ. ދޫނިދޫއަށް ނަޒަރު ހިންގައިލާއިރު...

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް

 

''ދޫނިދޫގެ މާޒީގައި ތަފާތު ކަންތައްތަކެއް ހިނގައިފައިވާކަން ދިވެހި ތާރީޚުން އެނގޭ''

 

 އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

ކ. ދޫނިދޫ އޭ ބުނެފިނަމަ ކޮންމެ ބޭފުޅަކަށް ވެސް ސިފަވެގެން ދަނީ އެއީ ކުށްވެރިން ބައިތިއްބާ ޖަލެއްގެ ގޮތުގައެވެ. ނަމަވެސް ކ.ދޫނިދޫގެ ޒަމާންވީ މާޒީއަށް ނަޒަރު ހިންގައިލާއިރު މި މަންޒަރު ތަފާތެވެ. އެގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު އަމީން ދީދީ ޗުއްޓީ ހޭދަކުރައްވާ ރަށެއްގެ ގޮތުގައި މި ރަށް ބޭނުން ކުރެއްވިއެވެ.

ބޭރު ގައުމަކުން ރާއްޖެއަށް ފުރަތަމަ ކަނޑައެޅުއްވި ސަފީރަކީ އިނގިރޭސި ސަރުކާރުން ކަނޑައެޅުއްވި ސަފީރު މރ.އާރތިންގޓަން ޑޭވީ އެވެ. އެއީ މީލާދީން 1960 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. މީނާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ހުންނެވުމަށް ހަމަޖެހުނު ފުރަތަމަ ސަފީރު ވެސް މެއެވެ. މީނާ ފުރަތަމަ ހުންނެވީ މުލީއާގޭގައެވެ. ނަމަވެސް މާ ގިނަދުވަސްތަކެއް ނުވެ މީނާ ހުންނަވާ ތަނަކީ ދޫނިދޫކަމުގައި ހަމަޖެހިގެން މި ރަށަށް ބަދަލުވިއެވެ. ދޫނިދޫގައި މިސްޓަރ ޑޭވީ ހުންނެވީ ދޫނިދޫ ގަނޑުވަރު ކިޔާ ޢިމާރާތެއްގައެވެ. ދޫނިދޫގައި މި ދެންނެވި ސަފީރު ހުންނެވި ގަނޑުވަރު އެކި ދުވަސްވަރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އެކިކަހަލަ ކުދިކުދި ބަދަލު ގެނައުމުގައިވެސް މިއަދާ ހަމައަށް ވެސް އެ ތަނުގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް އެތަން ބެހެއްޓިފައިވެއެވެ. އަދި މިގަނޑުވަރު ސިފައިންނާއި ފުލުހުންގެ އޮފިސަރުން ފެށިގެން މަތީގެ ބޭބޭފުޅުންގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލާ ތަނެއްގެ ގޮތުގައިވެސް ބޭނުން ކުރެވުނެވެ.

ދިވެހިން މިނިވަންކަން ހޯދަން ކުރި މަސައްކަތުގައި އިނގިރޭސި ސަފީރަށް ފާޅުކުރި ނުރުހުމުގެ ޝުޢޫރުތައް ފާހަގަކުރުމުގެ ގޮތުން ދޫނިދޫ ވަށައިގެން ރޭގަނޑު ބިރުގެންނެވުމުގެ ދަތުރުތައް ކުރިއެވެ. އަދި ހަމަ ރޯމާ ދުވާލު މާލޭގެ ފަޅުތެރޭގައި ހުރި ދޯނިފަހަރު ކަނޑައިލައިގެން އަންހެނުން ފަލިޖަހައިފައި ދޫނިދޫއަށް ގޮސް ޤައުމީ ޝުޢޫރުތައް ފާޅުކުރުމުން ގެންގޮސްފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚްގައި ދިވެހި އަންހެނުން ކުރި ފުރަތަމަ މުޒާހަރާއެވެ. މިކަންތައް ހިނގީ 16 ނޮވެމްބަރ 1962 ގައެވެ. މިކަހަލަ ކަންތައްތައް ބޮޑުވެގެން ދިއުމާގުޅިގެން އަދި ދިވެހިން ނިކުމެ ހުޅުލޭގައި އިނގިރޭސިންގެ ބޭނުމަކަށް ހަދައިފައި އޮތް ރަންވޭ ހަލާކުކޮށްލުމާއެކު މރ.ޑޭވީ އާއި އޭނާގެ ސްޓާފުން ދޫނިދޫގައި ވަރަށް ބޮޑަށް ދަތިހާލުގައި އުޅުނުކަމަށް ވެއެވެ. އަދި އެމީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެފަދަ ސާމާނު މަތިންދާ ބޯޓެއްގައި ގެނެސް ދޫނިދޫއަށް އެޅިކަމަށް ވެސް ވެއެވެ. އެންމެފަހުން ދިވެހިންގެ އުނދަގޫތައް ބޮޑުވެގެން މރ.ޑޭވީ އާއި އޭނާގެ ސްޓާފުން ގޮވައިގެން އައި މަނަވަރުގައި ތިބެފައި ރާއްޖެއަށް މިނިވަންކަން ލިބުމުގެ ކުރިން ރާއްޖެ ދޫކޮށް ދިޔައީއެވެ. އަދި މިމީހުން ދެވަނަ ފަހަރަށްވެސް އަތުވެދާނެކަމަށް ވިސްނާ ދޫނިދޫގައި ހުރިހުރިހާ ރުއްގަހެއް ކަނޑައި ރަށް ސާފުކޮށް ހުސްބިމަކަށް ހަދާ ރަށް ނެތިކޮށްލުމަށް މަސައްކަތް ކޮށްފައިވެއެވެ. މިހާރު ދޫނިދޫގައި ހުރި ރުއްގަހަކީ ކ.ވިލިނގިލިން ގެނެސް އިންދިފާވާ ރުއްގަސް ކަމުގައިވެއެވެ. އަދި ރާއްޖޭގެ މައިގަނޑު އާމްދަނީ ކަމުގައިވާ މަސްވެރިކަން ދަށް ދުވަސްވަރު ޚިޖުރީމަހުގެ ފުރަތަމަ ހުކުރު ދުވަހު ދޫނިދޫގައި ހުންނަ ޒިޔާރަތް ދޮށުގައި '' ކަންޒޫރީ'' ކިޔުން ބާއްވާކަން ކުރީގެ ތާރީޚް ތަކުން އެގެއެވެ.

ދޫނިދޫގައި އެންމެ ފުރަތަމަ ސިފައިން ތިބެންފެށީ 1943 ވަނަ އަހަރު އިނގިރޭސިން ވަޔަރލެސް ސްޓޭޝަނެއް ބެހެއްޓުމާއި ގުޅިގެން އެ ތާރީޚުން ފެށިގެންނެވެ. ދޫނިދޫގައި އެކިފަހަރު މަތިން ސިފައިން ތިބެމުން އައިސް ދާއިމީކޮށް ސިފައިން ތިބެންފެށީ ރާއްޖެއަށް ކުލީ ސިފައިން ގެނައި ބަޣާވާތުގައި ހައްޔަރު ކުރި މީހުން ބެލެހެއްޓުމަށް އައި ސިފައިންގެ މީހުން އައި ތާރީޚުން ފެށިގެންނެވެ. އޭރު ސަރުދާރުންގެ ގޮތުގައި ތިއްބެވީ ކޯޕްރަލް އާދަމް އިބްރާހިމް އާއި ލ.ކޯޕްރަލް ޢަބްދުއްލަތީފް މުހައްމަދެވެ. އޭރު ދޫނިދޫގެ މަސައްކަތްތައް ހިގަމުންދިޔައީ ޑިއުޓީ ސެކްޝަންގެ ދަށުން އެތާގާ ހުންނަވާ އޮފިސަރެއްގެ މަޝްވަރާގެ މަތިންނެވެ. އޭރު ދޫނިދޫ ހިނގަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުންނެވެ. އަދި ދޫނިދޫގެ ނަމަށް ''ދޫނިދޫ އެން.އެސް.އެސް'' މިނަން ދެވުނެވެ.

ދިވެހިތާރީހީ ފަތްފުށްތަކުން އެނގެން އޮތް ގޮތުގައި އެންމެފުރަތަމަ ދޫނިދޫގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދީދީ އެވެ. އެއީ 31 އޯގަސްޓް 1953 ވަނަ އަހަރުގައެވެ. މިތާރީޚުން ފެށިގެން އެކި ދުވަސްވަރު ދޫނިދޫގައި މީހުން ހައްޔަރު ކޮށްފައިވާކަމަށް ވެއެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ދޫނިދޫ އަކީ ކުށްވެރިން ހައްޔަރުކުރަމުން ގެންދާ ސިފައިންގެ އެއް ޖަލުކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.

ނަމަވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުން އައި ދޫނިދޫ ޑިޓެންޝަން ޔުނިޓް 01 ޖެނުއަރީ 1994 ވަނަ އަހަރުން ފެށިގެން ޕޮލިސް ހެޑްކްއޯޓަރޒްގެ ދަށަށް ވަނީ ބަދަލުކުރެވިފައެވެ.
-----------
(ނިމުނީ)

މި ލިޔުން
     ފޮނުވުން:
    އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ