އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ދީނާއި ކަނޑި (7)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ

 ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާޖިދު

ވަޘަނީންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް

ކްރިސްޓިއަން ދީނުގެ ދާއިރާގެ ތެރޭގައި ތިބެ، ތައުޙީދުގެ ޢަޤީދާއަށް އީމާންވި މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ އިތުރަށް، ރޯމަން ދައުލަތުގެ މުސްކުޅީ ދީން ކަމަށް ވާ ވަޘަނިއްޔަތު، ނުވަތަ އިނގިރޭސި ބަހުން ދަންނަވާ ނަމަ "ޕެގޭނިޒަމް" ގެ އަހުލުވެރީންނާ ދެކޮޅަށް ކްރިސްޓިއަނުން ނެގި ކަނޑި ވަކި ކޮށްޓެއް ނޫނެވެ.
އިސްވެ ދެންނެވިފައި ވާނޭ ފަދައިން، ކްރިސްޓިއަން ކަނޑިއާއިގެން ފުރިހަމަ ބާރާ އެކު އެންމެ ފުރަތަމަ ތެދުވެވަޑައިގަތީ މީލާދީން 380 އިގެ އަހަރުތަކުގެ ތެރޭގައި، ރޯމަން އަމްބަރާތޫރު ތިއޮޑޯސިއަސް އެވެ. މީލާދީން 380 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ނެރުއްވި ހާއްސަ ޝާހީ ގަރާރެއްގެ ބާރުގައި، ރޯމަނުންގެ ވެރިކަމުގެ ސަރަހައްދުގައި ކެތަލިކް، ނީސީން ކްރިސްޓިއަން ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް މީހަކަށް ނުއުޅެވޭނެ ކަމަށް ހަމަޖެއްސެވިއެވެ. މި ނިންމެވުމަކީ ކެތަލިކް ފައްޅިއާއި ތިއޮޑޯސިއަސް އާ ގުޅިވަޑައިގެން ނިންމެވި ނިންމެވުމެކެވެ. ދީނީ ބޮޑުންގެ ރުހުމެއް ނެތި، ރަސްގެފާނު އަމިއްލަ އަމިއްލަޔަށް ނިންމެވި ކަމެއް ނޫނެވެ. މި ނިންމެވުމުގެ ފަހަތުގައި ހުންނެވީ، ތިމާއަކީ ބިމުގައި ތިބޭ ޢީސާ ޢަލައިހިއްސަލާމްގެ ގާއިމުމަގާމު ކަމުގައި ދައުވާ ކުރައްވައިގެން ހުންނެވި ކެތަލިކް ޕޯޕެވެ. އަދި އޭނާގެ ދަށުން ތިއްބެވި ކެތަލިކް ދީނީ ބޮޑުންނެވެ.

މީލާދީން 380 ވަނަ އަހަރު އަމްބަރާތޫރު ތިއޮޑޯސިއަސް ނެރުއްވި ޝާހީ ގަރާރު މަޝްހޫރު ވެފައި ވަނީ "އެޑިކްޓް އޮފް ތެސަލޯނިކާ" ގެ ނަމުންނެވެ. މި އެޑިކްޓުގައި ރޯމަން ދައުލަތުގެ ހުރިހާ ރައްޔިތުންނަށް އަމުރު ކޮށްފައި ވަނީ "ރޯމާއި އެލެގްޒެންޑްރިއާގެ ފައްޅީގައި ގަބޫލުކުރާ ނީސީން ޢަޤީދާ، ނުވަތަ ތިންކައުވަންތަ ކަލެއްގެ އިލާހުވަންތަކަން ގަބޫލުކުރާ ކްރިސްޓިއަން ޢަޤީދާ ގަބޫލު ކުރުމަށެވެ". ހަގީގަތުގައި މި އެޑިކްޓްގެ މައިގަނޑު މަގުސަދަކީ ވަޘަނީ ރޯމަނުންގެ ޝިރުކީ ދީނާ ދެކޮޅު ހެދުމަށް ވުރެ ބޮޑަށް، ކްރިސްޓިއަން ދީނުގެ ތެރޭގައި އޮތް އިލާހީ ވަޙްދަތު، ނުވަތަ އެއްކައުވަންތަ އިލާހެއްގެ ޢަޤީދާ ގަބޫލުކުރާ މަޒްހަބުތަކާ ދެކޮޅަށް ހަތިޔާރު ނެގުމެވެ. ހާއްސަކޮށް އާރިއަނުންނާ ދެކޮޅަށެވެ. ނަމަވެސް އާރިއަނުންނާ ދެކޮޅަށް ހިންގުނު ޖަރީމާތަކާ ބެހޭ ތަފްސީލުތަކަށް ދިޔުމުގެ ކުރީން އަޅުގަނޑު ގަސްތުކުރަނީ ވަޘަނީންނާ ދެކޮޅަށް ހިންގުނު ޖަރީމާތަކަށް ކުރު ގޮތަކަށް ބަލައިލުމަށެވެ.

ވަޘަނީންނާ ދެކޮޅަށް ތިއޮޑޯސިއަސް ހަތިޔާރު ނެންގެވީ މީލާދީން 381 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ވަޘަނީންގެ ދީނަށް އުޅުމާއި، އެ ދީނުގެ އެއްވެސް ރަސްމެއް އަދި އަޅުކަމެއް އަދާ ކުރުމާއި، އެ ދީނުގެ އެއްވެސް ގާނޫނެއް ތަންފީޒު ކުރުމަކީ މަރު ނުވަތަ ބޮޑެތި އަނިޔާތަކުން އަދަބު ދެވޭ ކުށްތަކެއް ކަމުގައި ކަނޑައެޅުއްވިއެވެ.

މީލާދީން 389 ވަނަ އަހަރާއި 391 ވަނަ އަހަރާ ދެމެދު ތިއޮޑޯސިއަސް އޭނާގެ މަޝްހޫރު "ތިއޮޑޯސިއަސްގެ އަމުރުތައް" ނެރުއްވިއެވެ. މި އަމުރުތަކުގެ ދަށުން ވަޘަނީން އެބައިމީހުންގެ ފައްޅިތަކަށް ދިޔުމާއި، ވަޘަނީ އީދުތައް ފާހަގަކުރުމާއި، ދެންވެސް ވަޘަނީންގެ ދީނީ އަދި ސަގާފީ ކަންތައްތައް މަނާކުރެވުނެވެ. އަދި މި ނިންމެވުން ތަންފީޒު ކުރަން މުޅި ރޯމަން ސަރަހައްދުގައި، ހާއްސަކޮށް ވަޘަނީން ގިނަ ޔޫރަޕުގައި ރޯމުގެ ލަޝްކަރުތައް ހަރަކާތްތެރިވާން ފެށިއެވެ. މި ލަޝްކަރުތަކުގެ މީހުން ވަޘަނީންގެ މުޖުތަމައުތަކަށް އަރައި، މީސްތަކުންނަށް ގަދަބާރު ދައްކައި، ވަޘަނީ ފައްޅިތައް މުގުރައި ސުންނާފަތިކޮށް، އަނިޔާވެރިކަމާ އެކު ކްރިސްޓިއަން ދީން ފަތުރައި، ދެކޮޅު ހަދައިފި ކޮންމެ މީހަކު ކަތިލަމުން ގެންދިޔައެވެ. މީލާދީން 395 ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު، ކަނޑީގެ ބާރުގައި ރޯމަން ދައުލަތުގެ ސަރަހައްދުން ވަޘަނީންގެ އަސަރު ވެސް އޮތީ ގާތްގަނޑަކަށް މުޅީންހެން ފޮހެލެވިފައެވެ.

މި ދެންނެވީ ވަޘަނީންނާ ދެކޮޅަށް ކްރިސްޓިއަނުން ހިންގި ގަދަބަދަވިކަމުގެ ތާރީހުގެ ވަރަށް ވެސް ކުރު ހުލާސާއެކެވެ. މި ހަރަކާތްތަކުގައި މަރުވެ ފަނާވެގެން ދިޔައީ ކިތައް މީހުން ކަމެއް ތާރީހުގެ ސަފުހާތަކުން އަޅުގަނޑުމެންނަށް އެނގޭކަށް ނެތެވެ. ނަމަވެސް އިޓަލީއާއި ބަލްކަނާއި މެދުތެރޭ ޔޫރަޕާއި، އަދި ރޯމަން އަމްބަރާތޫރިއްޔާގެ އެހެނިހެން އެތައް ސަރަހައްދަކުން އެތައް ގަރުނެއް ވީ ދީނީ ސަގާފަތެއް، ކަނޑީގެ ބާރުގައި މުލުން ލުހެ އެއްލާލެވޭ އިރު އެތައް ލައްކަ ބައެއްގެ ލޭ އޮހޮރުވައިލެވިފައި ވާނޭ ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ވަޘަނީންނާ ދެކޮޅަށް ކްރިސްޓިއަނުން ހިންގި އަނިޔާވެރި ޖަރީމާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ހާދިސާއަކީ މިސުރުގެ އިސްކަންދަރިއްޔާ، ނުވަތަ އެލެގްޒެންޑްރިއާގެ ފަލްސަފާވެރިއެއް އަދި ހިސާބު އިލްމުވެރިއެއް ކަމަށް ވާ ހައިޕޭޝިއާއަށް ކުރި އަނިޔާތަކެވެ. ހައިޕޭޝިއާ އަކީ މީލާދީން 350 ވަނަ އަހަރުން ފެށިގެން 370 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގައި އުޅުއްވި ބޭފުޅެކެވެ. އެކަމަނާ ފާހަގަ ކުރެވެނީ ދުނިޔޭގެ ހިސާބު އިލްމުވެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައެވެ. އެކަމަނާ އަވަހާރަ ކޮށްލުމާ ބެހޭ ގޮތުން، މީލާދީން 7 ވަނަ ގަރުނުގެ ކްރިސްޓިއަން މިސުރުގެ ޤިބްޠީ ފާދިރީއެއް، އަދި އިލްމުވެރި މުއައްރިހެއް ކަމަށް ވާ ޖޯން އޮފް ނިކީއޫ އޭނާ ލިޔުއްވި މަޝްހޫރު ތާރީހުގައި ލިޔުއްވާފައި ވެއެވެ.

"އެ ދުވަސްވަރު އެލެގްޒެންޑްރިއާގައި މުޝްރިކު ވަޘަނީ އަންހެން ފަލްސަފާވެރިޔަކު އުފެދުނެވެ. އެ ކަނބުލޭގެއަށް ކިޔާ ނަމަކީ ހައިޕޭޝިއާ އެވެ. އެ ކަނބުލޭގެއަކީ އަބަދުވެސް ސިހުރާއި، ފާލުބެލުމުގެ ކަންތައްތަކާއި، މިޔުޒިކުގެ އާލާތްތަކަށް ހުސްވެގެން އިންނަ މީހެކެވެ. ޝައިތާނީ އަމަލުތަކަށް މީހުންނަށް މަގު ދައްކާ މީހެކެވެ. ... ދެން ފަހެ، މާތްރަސްކަލާނގެއަށް އީމާންވާ މީސްތަކުން އެލެގްޒެންޑްރިއާގެ އިސް މެޖިސްޓްރޭޓް ޕީޓަރގެ އިރުޝާދުގެ ދަށުން އެ ކަނބުލޭގެއާ ދެކޮޅަށް ތެދުވިއެވެ. އަދި ޝަހަރުގެ މީސްތަކުން މަގުފުރައްދާ އެ ނުބައި އަންހެނާ ހޯދަން ނިކުތެވެ. އެ ކަނބުލޭގެ އުޅޭ ތަން އެނގުމުން މީސްތަކުން އެ ތަނަށް ގޮސް އެ ކަނބުލޭގެ އެ ތަނުން ދަމާކޫއްތައި ނެރުނެވެ. އަދި ކައިސަރިޔޫމް އެވެ ކިޔުނު މަތިވެރި ފައްޅިއަށް އެކަނބުލޭގެ ގެނައެވެ. އެ ދުވަހަކީ މާތްރަސްކަލާނގެ އަޅުތަކުން ރޯދަޔަށް ތިބި ދުވަހެވެ. ދެން ފަހެ، އެބައިމީހުން އެކަނބުލޭގެ ގައިގައި އޮތް ހެދުންގަނޑު ވީދައި އެ ކަނބުލޭގެ މުޅީން އޮރިޔާން ކުޅައެވެ. އަދި ޝަހަރުގެ މަގުތަކުގައި އެ ކަނބުލޭގެ އެ ހާލުގައި ބަހައްޓައިގެން ގަން ހިންގިއެވެ. އެ ކަނބުލޭގެ ގެންދެވުނީ ސިނަރޯނެވެ ކިޔުނު ތަނަށެވެ. އެތާގައި އެ ކަނބުލޭގެ އަންދައިލެވުނީއެވެ."

ހައިޕޭޝިއާ އަވަހާރަ ކޮށްލެވުނު ގޮތާ މެދު ޖޯން އޮފް ނިކީއޫގެ ބަޔާނުގައި ބަޔާން ކުރައްވާފައި ނުވާ ތަފްޞީލެއް އޭނާއަށް ވުރެ ކުރީގެ މުއައްރިޚެއް ކަމަށް ވާ ސޮކްރެޓިސް ސްކޮލޭސްޓިކަސް ބަޔާން ކުރައްވާފައި ވެއެވެ. އެ ތަފްޞީލަކީ އެކަމަނާގެ ހެދުންކޮޅުތައް ފޭރިގަތުމަށް ފަހު، އޮރިޔާން ޙާލުކޮޅުގައި ބަހައްޓައިގެން ރަށުތެރޭގައި ގަން ހިންގުމަށް ފަހު، ރަޖަމު ކުރެވުނު ކަމެވެ. ހަށިކޮޅު އަންދައިލެވުނީ ރަޖަމު ކުރުމަށް ފަހުގައެވެ. ހަށިކޮޅުން ހަން ނެގެންދެން މުށީގެ މުގުރިފައި ހުރި އެތިކޮޅުތަކުން ރަޖަމު ކުރުމަށް ފަހުގައެވެ. ތާރީޚީ ބަޔާންތަކުން ދޭހަވަނީ އަވަހާރަ ނުވަނީސް އަންދައިލެވުނު ކަމަށެވެ. މި އަނިޔާވެރި ޢަމަލު ހިންގި ކްރިސްޓިއަން ޖަމާޢަތުގެ އިސް މީހަކަށް ހުރީ ކްރިސްޓިއަން ފާދިރީއެއް ކަމަށް ވާ "ޕީޓަރ ދަ ރީޑަރ" އެވެ. އެ ޖަމާޢަތަކީ ތިބީ އިސްކަންދަރިއްޔާގައި އެއިރު އުޅުނު ކްރިސްޓިއަން ދީނުގެ އެންމެ "އަޅުވެރި" އެއް ޖަމާޢަތެވެ.

ހަމަ އެހެންމެ މި ޙާދިސާގެ ތެރޭގައި ކްރިސްޓިއަނުން އެލެގްޒެންޑްރިއާގެ މަޝްހޫރު ކުތުބުޚާނާ ވެސް އަންދާލިއެވެ. ފަހުން ކްރިސްޓިއަން މުއައްރިޚުން ވަނީ މި ބަރުބަރީ ޢަމަލު ކުޅައީ ވެސް މުސްލިމުން ކަމުގައި ހަދަން އެތައް މަސައްކަތެއް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ވެސް މިހާރު ވަނީ މުޅީން ނާކާމިޔާބު ވެފައެވެ. އެހެނީ އިންކާރު ކުރެވެން ނެތް ތާރީޚީ ހެކިތަކުން މިހާރު ސާބިތުވެފައި ވަނީ އިސްކަންދަރިއްޔާގެ މަޝްހޫރު ލައިބްރަރީ ހަލާކު ކޮށްލީ ތިއޮޑޯސިއަސްގެ ޒަމާނުގައި، ހައިޕޭޝިއާ އަވަހާރަ ކޮށްލެވުނު ދުވަސްވަރު އެލެގްޒެންޑްރިއާގެ ކްރިސްޓިއަނުން ކަމެވެ.

ހައިޕޭޝިއާ އަވަހާރަ ކޮށްލެވުނު ހާދިސާގެ މައްޗަށް ބިނާކޮށް 2009 ވަނަ އަހަރު ސްޕޭނުގައި "އަގޯރާ" އެވެ ކިޔޭ ފިލްމެއް ވެސް ކުޅެވިފައި ވެއެވެ. މި ފިލްމުގައި ހައިޕޭޝިއާ އާ މެދު ކަންތައް ކުރެވުނު ގޮތުގެ ހަގީގަތް ކޮންމެވެސް ވަރަކަށް ހާމަކޮށްދީފައި އޮތުމުން، ކްރިސްޓިއަން ދުނިޔޭގެ ގިނަ ފަރާތްތަކަކުން ވަނީ މި ފިލްމާ ދެކޮޅަށް އެކި ކަހަލަ ހަރަކާތްތައް ހިންގައި، ފިޔަވަޅުތައް އަޅާފައެވެ. ވަރަށް ގިނަ ކްރިސްޓިއަން ޤައުމުތަކުގައި މި ފިލްމު މަނާ ކުރެވިފައި ވެސް     ވެއެވެ.

އިސްލާމީ ތާރީހު ބައްލަވާށެވެ! މުސްލިމުން، އިސްލާމީ އިލްމުވެރީންގެ އިރުޝާދުތަކާއެކު ނިކުމެ އެހެން ދީންތަކުގެ މީހުންނަށް މިފަދަ ލާއިންސާނީ، ނުބައި އަނިޔާތައް ކޮށްފައި ވޭތޯ ބައްލަވާށެވެ! ނިކަމެތި އަންހެނުންނަށް ދާންދެން ކްރިސްޓިއަން ކަނޑީގެ ހޮނުގުގުރީގެ ވޭން ތަޖުރިބާ ކުރަން ޖެހުނު އިރު، އިސްލާމް ދީނުގެ ކަނޑި އައީ އެ މީހުންގެ ހިމާޔަތުގައެވެ. ބަޔަކު ކިތަންމެ ދޮގުތަކެއް ހެދިޔަސް މި ތާރީހީ ހަގީގަތް ބަދަލެއް ނުވާނެއެވެ.
-------
(ނުނިމޭ)


މި ލިޔުން:

   ފޮނުވުން:              އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ