އަދުގެ ޚާއްސަ

Print

ކުރިސްޓިއަން ދީނާއި ކަނޑި (8)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ހަތަރުވަނަ ބާބު – ފަރަންސޭސި ރަސްކަލުންގެ މުޤައްދަސް ކަނޑިކޮޅު


އަޙްމަދު މާޖިދު

ތިންވަނަ ބާބުގައި އަޅުގަނޑު ވާހަކަ ދައްކާލާފައި ވާނީ ރޯމަން އަމްބަރާތޫރު ކޮންސްޓަންޓީންގެ ވެރިކަމުގެ ދައުރުގައި ކްރިސްޓިއަން ދީން ފެތުރުމަށް، އަދި ކްރިސްޓިއަން ދީނުގެ ތިންކައުވަންތަކަމުގެ ޢަޤީދާ ފެތުރުމަށް ޓަކައި ކަނޑީގެ ބާރުގައި ކުރެވުނު މަސައްކަތްތަކާ މެދުގައެވެ. އަދި އޭނާއަށް ފަހު ހަމަ އެ މަސައްކަތް އޭނާގެ ފަހުން ވަޑައިގެންނެވި ރަސްކަލެއް ކަމުގައި ވާ ތިއޮޑޯސިއަސް ކުރެއްވި ގޮތާ މެދުގައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރޯމަން ބައިޒެންޓައިން ދައުލަތުގެ ސަރަހައްދުން ވަޘަނީ ދީނުގެ މީހުން މުޅީން ހުސް ކޮށްލެވުނެވެ. އަދި ބޮޑު ފައްޅީގެ ޢަޤީދާތަކާ ތަފާތު ފިކުރުތައް ގެންގުޅުނު ޑޮނޭޓިސްޓުންނާއި އާރިއަނުން ފަދަ ޖަމާޢަތްތައް ވެސް ގާތްގަނޑަކަށް މުޅީން ހެން ނެއްތައިލެވުނެވެ. ސުލްހަވެރިކަމާއި ލޯތްބާ އެކު، ފިރުމައިގެން ވިސްނައިދީގެނެއް ނޫނެވެ. ކަނޑިއާއި އަލިފާނުގެ ބާރުގައެވެ. ކަތިލައި، އަންދައި، ސުންނާފަތި ކޮށްގެންނެވެ.  
މި ބާބުގައި އަޅުގަނޑު ބަލާލާނީ ކްރިސްޓިއަން ދީން ފެތުރުއްވުމަށް ޓަކައި ކަނޑީގެ ބާރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެ މަސައްކަތްތައް ވަރަށް ބޮޑަށް ކާމިޔާބު ކުރެއްވި ކްރިސްޓިއަން ރަސްކަލެއް ކަމަށް ވާ ޝާރްލްމާންގެ ޙަޔާތްޕުޅަށެވެ. އަދި މެދުތެރޭ ޔޫރަޕުގައި ކްރިސްޓިއަން ދީން ފަތުރުއްވަން އޭނާ ކުރެއްވި ހަނގުރާމަތަކުގެ މައްޗަށެވެ. ޝާރްލްމާނަކީ ފަރަންސޭސި މުލޫކިއްޔާގެ އެންމެ މަޝްހޫރު ރަސްގެފާނެވެ. ހަމަ އެހެންމެ، ފަރަންސޭސީންނަކީ މެދުތެރޭ ޔޫރަޕުގެ ޖަރުމާނީ ޤަބީލާތަކުގެ ތެރެއިން ކްރިސްޓިއަން ދީނުގެ ތަޢުލީމު އެންމެ ފުރަތަމަ ޤަބޫލު ކުރި މީހުންނެވެ. އެހެންކަމުން ޝާރްލްމާންގެ މަސައްކަތްޕުޅުތަކާ ބެހޭގޮތުން ރަނގަޅު މަފްހޫމެއް ލިބޭނީ ފަރަންސޭސީން ކްރިސްޓިއަން ދީނަށް ވަން ގޮތާއި، އެ ދުވަސްވަރު މެދުތެރޭ ޔޫރަޕުގެ ޖަރުމާނީ ޤަބީލާތަކަށް ކޮންމެވެސް ވަރެއްގެ ތަޢާރުފެއް ދީގެން ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެހެންކަމުން މި ހިސާބުން މި ބަލައިލަނީ މި ދެންނެވި ބައިތަކަށެވެ.

ޖަރުމާނީ ޤަބީލާތައް


ޖަރުމާނީ، ނުވަތަ "ޖަރމޭނިކް" ޤަބީލާތަކުގެ މީހުން ޔޫރަޕުގެ ހުޅަނގާއި މެދުތެރޭގެ ސަރަހައްދުތަކަށް އަންނަން ފެށީ ޢީސާ ޢަލައިހިއްސަލާމްގެ ސަނަތުގެ 5 ޤަރުނު ކުރީންނެވެ. ޢީސާ ޢަލައިހިއްސަލާމްގެ 2 ޤަރުނު ކުރިޔާ ހަމަޔަށް އައިއިރު މިހާރުގެ ފަރަންސޭސި ވިލާތާއި ޖަރުމަނާއި އޮސްޓްރިއާ އާއި ބެލްޖިއަމާއި ޑެންމާރކާއި ހޮލެންޑް ފަދަ ޤައުމުތައް ހިމެނޭ ބިޔަ ސަރަހައްދު އޮތީ އެބައިމީހުން ދިރިއުޅޭ ބިންތަކެއްގެ ގޮތުގައެވެ. އެބައިމީހުންގެ ތެރޭގައި އެތައް ޤަބީލާތަކެއް ދިރިއުޅުނެވެ. އެއިރަކު އެ ހުރިހާ ޤަބީލާތަކުގެ މައްޗަށް ރަސްކަން ކުރާ ރަސްކަލެއް އެބައިމީހުންގެ ތެރެއަކު ނުވެއެވެ. ކޮންމެ ޤަބީލާއެއްގެ ވެސް ވެރިޔަކީ އެ ޤަބީލާގެ ބޮޑެކެވެ. ކޮންމެ ބައެއްގެ ވެސް ސަރަޙައްދަކީ އެ ޤަބީލާއެއްގެ އަހުލުވެރީން ދިރިއުޅޭ ސަރަހައްދާއި އެބައިމީހުންގެ ދަނޑުފަނގުތައް އޮންނަ ސަރަހައްދެވެ. ޤަބީލާތަކުގެ މެދުގައި ބައެއް ފަހަރު އެކުވެރިކަން އޮވެއެވެ. ބައެއް ފަހަރު ހަނގުރާމަ އޮވެއެވެ. އެބައިމީހުންނަކީ ހަނގުރާމައިގައި ގަދަފަދަ، ކުޅަދާނަ، އަދި ހިތްވަރުގަދަ ބައެކެވެ. އެބައިމީހުންގެ ތެރޭގައި އޮތީ ވަޘަނިއްޔަތު ނުވަތަ "ޕެގެނިޒަމް" އެވެ. އެހެންކަމުން އެބައިމީހުން އަޅުކަން ކޮށް އުޅުނީ ތަފާތު އެތައް އިލާހުންނަށެވެ. އެ އިލާހުންގެ ބުދުތަކާއި، އެ އިލާހުން ރަމްޒު ކޮށްދޭ އެހެނިހެން ތަކެއްޗަށެވެ. ގަސްގަހާގެއްސާއި ފެންފެންގަނޑާއި ހިލަހިލަގަނޑު ފަދަ ތަކެއްޗަށެވެ. އެ ތަކެއްޗަކީ މުޤައްދަސް ތަކެތި ކަމަށް އެބައިމީހުން ޤަބޫލު ކުރެތެވެ.

މި ދަންނަވާ ދުވަސްވަރު ޖަރުމާނީ ޤަބީލާތަކުގެ ތެރޭގައި ސިމްބްރީ، ޓިއުޓަންސް، ގޮތްސް، އަލަމާނީ، އޭންގްލްސް، ސެކްސަންސް، އަދި ފްރޭންކްސް ހިމެނެއެވެ. މީގެ ތެރެއިން ފްރޭންކްސް އަކީ އަޅުގަނޑުމެން ފަރަންސޭސިންނޭ ކިޔާ ނަސްލެވެ. ފަރަންސޭސިންނަކީ ޖަރުމާނީ ޤަބީލާތަކުގެ ތެރެއިން އެންމެ ބައިބޯ، އަދި އެންމެ ވަރުގަދަ އެއް ޤަބީލާއެވެ. އެބައިމީހުން ޔޫރަޕަށް ހިޖުރަކުރީ ޢީސާގެފާނުގެ ސަނަތުން 3 ޤަރުނު ކުރީންނެވެ. އެބައިމީހުންގެ ވަޒަނަކަށް ވީ ހުޅަނގު ޔޫރަޕުގެ އެންމެ ހުޅަނގެވެ. އެއިރު ކިޔާ ގޮތުން "ގޯލް" އެވެ. މިހާރުގެ ފަރަންސޭސި ވިލާތެވެ.

ޖަރުމާނީ ޤަބީލާތައް ޔޫރަޕުގެ މެދުތެރެއާއި ހުޅަނގަށް ހިޖުރަ ކުރި ދުވަސްވަރަކީ ޤަދީމީ ރޯމަން ދައުލަތުގެ ޅަނދޮޅު ދުވަސްވަރެވެ. ޖައްބާރީ ބާރާއެކު ކައިރި ހުރިހާ ހިސާބުތަކެއް ފަތަޙަކޮށް، އެބައިމީހުންގެ ދައުލަތް ބޮޑު ކުރަމުން، ބާރު ފަތުރަމުން ގެންދިޔަ ޒަމާނެވެ. ރޯމަން ދައުލަތުގެ މަރުކަޒު އޮތީ އިޓަލީގެ ރޯމުގައެވެ. ރޯމަނުންނާއި ޖަރުމާނީ ޤަބީލާތަކާ މެދު އެންމެ ފުރަތަމަ ދުވަހުއްސުރެ އޮތީ ހަނގުރާމައާއި ކުރިމަތިލުންތަކެވެ. ރޯމަނުންގެ ފޮތްތަކުގައި ޖަރުމާނީން ސިފަ ކުރެވިފައި ވަނީ ތަހުޒީބު ނުވާ ބަރުބަރީންގެ ގޮތުގައެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް ވެސް ހުޅަނގުގެ ތާރީޚު ފޮތްތަކުގައި ޖަރުމާނީ ޤަބީލާތައް ސިފަ ކުރެވެނީ ރޯމުގެ ތަހުޒީބީ ދުނިޔޭގެ ސަރަހައްދީ ރޮނގުގެ ބޭރުގައި ތިބެގެން، ރޯމަށް ނުފޮރުއްޕާން ކުރަމުން ގެންދިޔަ ބަރުބަރީންގެ ގޮތުގައެވެ. ރޯމަނުންނަކީ ހަނގުރާމައިގައި އަތުލައިގަނެވޭ އަސީރުންގެ ގައިގެން ހަން ނެގުމަށް ފަހު، އެމީހުން ދިރިތިއްބައި ކުއްތާއަށާއި ސިންގާއަށް ކާން ދީ އުޅުނު ބައެއް ކަމާއި، އިންސާނުންގެ ހަތަރެސްފަޔަށް މޮހޮރު ޖަހައިފައި ޞަލީބަށް އެރުވުމުގެ ވޭންދެނިވި އަދަބު ދުނިޔެއަށް ތައާރަފު ކުރީ ރޯމަނުން ކަމާއި، ދުޝްމަނުންނަށް އަދަބު ދިނުމުގެ ގޮތުން އެބައިމީހުން އަލިފާނުން އެންދުން ފަދަ ކަންކަމަކީ ރޯމުގެ ކުޅިވަރު މައިދާންތަކުން ކޮންމެ ދުވަހަކު ހެން ފެންނަމުން ދިޔަ ކަންކަން ކަމުގައި ވާތީ، ޖަރުމާނީންނަށް ވުރެ ރޯމަނުން އެންމެ ތަންފުކެއް ވެސް ތަހުޒީބު ތޯ މި ސުވާލަކީ މުޅީން އެހެން ސުވާލެކެވެ!!

ފަރަންސޭސި މުލޫކިއްޔާގެ ފެށުން


ކޮންމެއަކަސް، ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން މެދުތެރޭ އަދި ހުޅަނގު ޔޫރަޕަށް ހިޖުރަކުރި ޖަރުމާނީ ޤަބީލާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޤަބީލާއަކީ ފްރޭންކުން، ނުވަތަ ފަރަންސޭސީންނެވެ. ޢީސާގެފާނުގެ 3 ޤަރުނެއްހައި ދުވަސް ކުރީން އެބައިމީހުން މެދުތެރޭ ޔޫރަޕަށް ހިޖުރަކޮށް، އެންމެ ފުރަތަމަ ވަޒަންވެރިވީ ރައިން ކޯރުގެ އައްސޭރި ސަރަހައްދުތަކުގައެވެ. ޢީސާ ޢަލައިހިއްސަލާމްގެ މީލާދުގެ 358 އަހަރު ފަހުން، ރޯމަން އަމްބަރާތޫރު ޖޫލިޔަން ފްރޭންކުންގެ ސަރަހައްދުގެ ވަރަށް ބޮޑު ބައެއް ފަތަހަ ކުރެއްވިއެވެ. އެއަށްފަހު އެ ސަރަހައްދުގައި އުޅުނު ސޭލިއަން ފްރޭންކުން ރޯމަނުންނާ އެކު ސުލްހަވެ، އެބައިމީހުންގެ އިއްތިހާދީންގެ ގޮތުގައި އުޅެން އެއްބަސްވިއެވެ.

މީލާދީން 486 ވަނަ އަހަރާ ހަމަޔަށް ސޭލިއަން ފްރޭންކުން އުޅެމުން އައީ ރޯމަނުންގެ ދަށުގައެވެ. ނަމަވެސް އެ އަހަރު، ސޭލިއަން ފްރޭންކުންގެ ރަސްގެފާނު ކްލޯވީ 1 ވަނަ، އެއިރު ގޯލް ނުވަތަ ސޭލިއަން ފްރޭންކުންގެ ސަރަހައްދުގައި ހުންނެވި ރޯމަން ގަވަރުނަރު ސިއާގްރިއަސް ބޭރު ކޮށްލެއްވިއެވެ. އަދި ފްރޭންކް ނަސްލުގެ ފުރަތަމަ ރަސްކަމުގެ ބިންގާ އެޅުއްވިއެވެ. އެ ރަސްކަން ތާރީޚުގައި މަޝްހޫރުވެފައި ވަނީ މެރޯވިންގިއަން ދަރިކޮޅުގެ ރަސްކަމުގެ ނަމުންނެވެ. ކްލޯވިސް، އޭނާގެ މެރޯވިންގިއަން ފްރޭންކް ވެރިކަމުގެ ދާއިރާ ފުޅާ ކުރައްވައި، ރަސްކަމުގެ ބާރު ވަރުގަދަ ކުރެއްވިއެވެ. ޖަރުމާނީ އެހެން ޤަބީލާތައް ކަމަށް ވާ އަލަމާނީންނާއި، ބުރްގަންޑިއަނުންނާއި، ވިޒިގޮތުންނާއި އަދި، ޚުދު ފްރޭންކް ޤަބީލާގެ ތެރެއިން އޭނާގެ ވަންހަޔަށް ތަބާ ނުވެ ތިބި ރިޕުއޭރިއަން ފްރޭންކުންގެ ސަރަހައްދުތައް ފަތަޙަ ކުރެއްވިއެވެ. އޭނާގެ ގަދަފަދަ ކަނޑިކޮޅުގެ ބާރުގައި، މި އެންމެންނަކީ ފްރޭންކް މެރޯވިންގިއަން ދައުލަތުގެ ކިޔަމަންތެރި ރައްޔިތުން ކަމުގައި ހެއްދެވިއެވެ. އޭނާގެ ފުތޫޙާތުގެ ސަބަބުން މިހާރުގެ ފްރާންސް ހިމެނޭ ބިޔަ ސަރަޙައްދާއި، ޖަރުމަނުގެ އިރުމަތީ ފަޅި ކަމުގައި ހިމެނޭ ސަރަހައްދު އޭނާގެ ބާރުގެ ދަށަށް ދިޔައެވެ. އަދި އޭނާގެ މެރޯވިންގިއަން ފްރޭންކް މުލޫކިއްޔާ މެދުތެރޭ އަދި ހުޅަނގު ޔޫރަޕުގެ އެންމެ ވަރުގަދަ ރަސްކަން ކަމަށް ވެގެން ދިޔައެވެ. އޭނާ ކްރިސްޓިއަން ދީނަށް ވަދެވަޑައިގެން، އޭނާގެ ރައްޔިތުން ކްރިސްޓިއަން ދީނަށް ވެއްދެވީ މީލާދީން 496 ވަނަ އަހަރުއެވެ. އެއާއެކު، ފްރޭންކުންނާއި، އިޓަލީގެ ރޯމުގައި ހުންނަ ކްރިސްޓިއަން ކެތަލިކް ބޮޑު ފައްޅީގެ ޒަމާންވީ "ލޯބީގެ ގުޅުން" ފެށުނެވެ.

ކްލޯވީ ކްރިސްޓިއަން ދީނަށް ވެދެވަޑައިގެންނެވީ އެ ދީނުގެ ސުލްހައާއި ލޯބީގެ މެސެޖެއް ލިބިވަޑައިގެން، އޭގެ ސަބަބަކުން ނޫނެވެ. އޭނާގެ ލޯބިފުޅުވާ ކްރިސްޓިއަން އަނބިކަމަނާގެ އެދިވަޑައިގަތުމުގެ މަތީންނާއި، އަދި ކުރެއްވި ވަރުގަދަ ހަނގުރާމައެއްގައި އޭނާއަށް ނަސްރު ލިބިވަޑައިގެންނެވީ އެ ހަނގުރާމަޔަށް އޭނާ ވަޑައިގަތުމުގެ ކުރީން އަނބިކަމަނާ ކްރިސްޓިއަން ކަލާނގެއަށް ކުރެއްވި ދުޢާފުޅުގެ ސަބަބުން ކަމަށް އޭނާއަށް ޤަބޫލުފުޅު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ކްލޯވީގެ އަނބިކަމަނާއަކީ ބުރްގަންޑިއަން ޤަބީލާއެއްގެ އަމީރާއެއް ކަމަށް ވާ ކްލޮޓިލްޑާއެވެ. ކްލޯވީއާ ކައިވަނި ބައްލަވައިގެންނެވި އިރު ވެސް އެ ކަމަނާ އަކީ ކްރިސްޓިއަން ބޭފުޅެކެވެ. އެ ކަމަނާގެ ސަބަބުން ފިރިކަލުން ކްލޯވީގެ ހިތްޕުޅު ކްރިސްޓިއަން ދީނާ ދިމާޔަށް ފިރާލައި، ފިރިކަލުންގެ އިސްތަށިފުޅު ކްރިސްޓިއަން ބަޕްތިސާމުގެ ފެނުން ދޮވެލެވުނީ މީލާދީން 496 ވަނަ އަހަރުގައެވެ. ކުރީންވެސް ދެންނެވި ފަދައިން، މި ކަން ހިނގައިދިޔައީ ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ބެލުމުގެ ދަށުންނެވެ. އަދި ކްލޯވީ ހިމެނިވަޑައިގެންނެވީ ބޮޑު ފައްޅީގެ އެންމެ ލޯބިވާ ދަރި ކަމުގައެވެ. ފައްޅީގެ އިރުޝާދުގެ ދަށުން، އޭނާގެ ވެރިކަމުގެ ސަރަޙައްދުގައި ކްރިސްޓިއަން ތިންކައުވަންތަކަމުގެ ޢަޤީދާއާއި، ދެންވެސް ބޮޑު ފައްޅީގެ ތަޢުލީމުގެ އެހެން ބައިތައް ފަތުރުއްވަން ކްލޯވީ އޭނާގެ ބާރުގެ ބޭނުން ވަރަށް ބޮޑަށް ކުރެއްވިއެވެ. އަލަމާނީންނާ ހަނގުރާމަ ކުރައްވައި، މީލާދީން 506 ވަނަ އަހަރު އެބައިމީހުން މުޅީން ބަލިކޮށް ހަންމަތަ ކުރެއްވިއެވެ. އަދި އެ ދުވަސްވަރު މެދުތެރޭ ޔޫރަޕުގައި އެއްކައުވަންތަ ކަމުގެ ޢަޤީދާ ޤަބޫލު ކޮށްގެން ތިބި ވިޒިގޮތިކް ކްރިސްޓިއަނުންނާ ހަނގުރާމަ ކުރައްވައި، އެމީހުން މުޅީން ސުންނާފަތި ކޮށްލެއްވިއެވެ.

އެހެންކަމުން، ފަރަންސޭސި މުލޫކިއްޔާގެ ފުރަތަމަ ދައުރުގައި، މުލޫކިއްޔާގެ ކަންކޮޅުތަކުގައި ކްރިސްޓިއަން ދީނުގެ މޫ ލައިފައި ވަނީ ކްލޯވީގެ ޝާހީ އަމުރުފުޅުގެ ބާރާއި، އޭނާގެ ކަނޑިކޮޅުގެ ބާރުގައެވެ. ކިޔަމަން ނުވެ، ދެކޮޅު ހެދި ކޮންމެ ބަޔަކު މައިތިރިކޮށް ބޮޑު ފައްޅީގެ ޠާޢަތުގެ ދަށަށް ގެނެވުނީ ކްލޯވީގެ ކަނޑިކޮޅުގެ ބާރުގައެވެ.
-----------
(ނުނިމޭ)


މި ލިޔުން:

      ފޮނުވުން:             އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުމާއި ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

ހަމަމިގަލަމުން

އިދާރާ

ވާހަކަ