އަދުގެ ޚާއްސަ

Print

ދިވެހި ޝަޚުޞިއްޔަތު ބިނާ ކުރުން (1)

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ އިޖުތިމާޢީ


ދިވެހިންގެ ބަސް

ޢަބްދުﷲ ކަމާލުއްދީން

ދިވެހި ޝަޚްޞިއްޔަތު ބިނާ ކުރުމުގެ މައުޟޫޢުގައި ދެން އޮތީ އަޅުގަޑުމެންގެ މާދަރީ ބަހާ ތާރީޚާއި ޘަގާފަތުގެ ވާހަކަ ދަންނަވާލުމެވެ. އަޅުގަޑު ބޮޑުވަމުން އައި ދުވަސްވަރު ދިވެހި ބަހުން ވާހަކަދައްކާ ލިޔެ އުޅޭ ތިން ގޮތެއް އޮވެއެވެ. އެެ އިރަކީ ރާއްޖޭގައި ކުރިން އޮތް ރަސްކަމުގެ އެންމެ ފަހު އަހަރުތަކެވެ. އާދެ، އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ތެރެއެވެ. އޭރު ރަސްކަމުގެ ޢާއިލާގެ ބޭފުޅުންނާ އެ ބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނަށާއި ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ ވެރިންނަށް މުޚާޠަބު ކޮށް އުޅެނީ "އާދެ، ވަޑައިގަންނަވާ" ބަހުރުވައިންނެވެ. އެ އާ ޖެހިގެން މުޖުތަމަޢުގެ އަދި ސަރުކާރުގެ މެދު ފަންތީގެ ވަޒީފާ ތަކުގައި ތިއްބެވި ބޭކަލުންނަށް "ލައްބަ، ދުރުވަން" ކިޔައިގެންނެވެ. އަދި، މުޖުތަމަޢުގެ އެންމެ ދަށުފަންތީގެ މީހުންނަށް "ހޫނ، އަންނަން" ކިޔައިގެންނެވެ. މި އަދު އަޅުގަޑުމެން ދިރިއުޅެމުން މިދާ ޒަމާން ފަދަ އެންމެން ހަމަހަމަ ޒަމާނެއްގައި ބަޔާން ކުރަން ވެސް އުނދަގޫ ގޮތަކަށް އޮތް ކަމެކެވެ. އެހެން ނަމަވެސް، އެ ގޮތަށް ވާހަކަ ދައްކާ، ލިޔެކިޔާ އުޅުނު ދުވަހު ވެސް ދިވެހި ބަހުގެ ގަވާއިދުތަކެއް ހުއްޓެވެ. އަދި، އެ ގަވާއިދުތައް އެންމެން ވެސް ނަގަހައްޓާ ދެމެހެއްޓި އެވެ. އެކަކު އަނެކަކާ މުޚާޠަބުކޮށް އުޅުމުގައިވެސް، އަމިއްލަވަންތަ ހަރުދަނާ ޝަޚުޞިއްޔަތު ހަމަ ކޮންމެ ދިވެއްސަކު ވެސް ދައްކައިދިނެވެ.

ރަސްކަމުގެ ދުވަސްތައް ނިމިގެން ގޮސް ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހު ކުރިން އަޅުގަނޑުމެންގެ ތެރޭގައި އޮތް "ލައްބަ، ދުރުވުމުގެ" ބަހުރުވަ ގާތްގަނޑަކަށް ފުހެވިގެން ހިނގައްޖެ އެވެ. ދެން މިވީ ގޮތަކީ "އާދެ، ވަޑައިގަތުމުގެ" ބަހުރުވަ އިން މުޚާޠަބު ކުރެވެން ފެށީ އެ މީހެއްގެ އަމިއްލަ މަސައްކަތުން މުޖުތަމަޢުގެ، (އެއީ ސަރުކާރުގެ ކަމުގައިވިޔަސް އަދި ނުވަތަ އަމިއްލަ ދާއިރާ ކަމުގައި ވިޔަސް) ވަކި ދަރަޖައެއް ޙާޞިލު ކުރާ މީހުންނަށެވެ. އެ ނޫން އެހެން މީހުންނަށް "ހޫނ، އައުމުގެ" ބަހުރުވަ އެވެ. އަދި ވެސް ތަންކޮޅެއް ކިޔާދޭން އުނދަގޫ ގޮތެކެވެ. އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑުމެން ނިންމަންވީ އަޅުގަނޑުމެން މިހާރު މިއުޅޭ ފަދަ އެންމެން ހަމަހަމަ ޑިމޮކްރެޓިކް ވެށްޓެއްގައި ބަހުގެ ދެ ދަރަޖަ އޮންނަން ޖެހޭތޯ އެވެ. އެކަކު އަނެކަކަށް "އާދެ، ވަޑައިގަންނަވަން" ކިޔައިގެން މުޚާޠަބު ކުރަން ނިންމިއަސް، އެކަކު އަނެކަކަށް "ހޫނ، އަންނަން" ކިޔައިގެން މުޚާޠަބު ކުރަން ނިންމިއަސް، އަދި މިހާރު ވެސް މި ގެންދާ ގޮތަށް ބަހުގެ ދެ ދަރަޖަ ބޭނުން ކުރިއަސް، ބަހުގެ ގަވާއިދުތަކާއި ހަމަ އެންމެންނަށް އެނގި އަޅުގަނޑުމެންނަކީ ފިސާރި ރީތި ދިވެހި ބަހުން އެކަކު އަނެކަކާ މުޚާޠަބު ކުރާ ބަޔަކަށްވުމީ، އަޅުގަޑުމެންގެ ދިވެހިވަންތަ ޝަޙުޞިއްޔަތު ވަރަށް ރަނގަޅަށް ހާމަކޮށްދޭނެ ކަމަކަށް ނޫނީ ނުވެ ނުދާނެ އެވެ.

އަނެކާ އަށް ރީތިކޮށް މުޚާޠަބު ކުރުމަކީ ތިމާގެ އަމިއްލަ ދަރަޖަ ދަށްވެގެންދާ ކަމެއްކަމުގެ ވިސްނުން އަޅުގަޑުމެންގެ ތެރޭގައި އުޅޭކަން އަޅުގަޑަށް ވެސް އެނގެއެވެ. އަޅުގަޑުގެ ސުވާލަކީ އެކަން އޮތީ އެހެންތޯއެވެ. އެހެން ބަސްތަކުން ވާހަކަ ދައްކާ އެހެން މުޖުތަމަޢުތަކުގައި ވެސް މައިން ބަފައިންނަށް، މުޖުތަމަޢުގައި ވަކި ދަރަޖައެއް ޙާޞިލުކޮށްގެން ތިބޭ މީހުންނަށް، ތިމާއަށްވުރެ ދޮށީ މީހުންނަށް މުޚާޠަބު ކުރާއިރު އާދައިގެ ވާހަކަ ދައްކާ ބަހުރުވައަށްވުރެ ތަންކޮޅެއް މާތް ބަހުރުވައަކުން މުޚާޠަބު ކުރާކަން އަޅުގަޑުމެންނަށް އެނގޭ ނޫންތޯ އެވެ؟ އެހެންވިއިރު އަޅުގަޑުމެންގެ ބަހުގައި ވެސް އެފަދަ މީހުންނަށް އެ ގޮތަށް މުޚާޠަބު ކުރުމަކީ އަޅުގަޑުމެން އަމިއްލައަށް ދެރަވެގަންނަންވީ ކަމެއް ނޫނެވެ. އެއާ ޚިލާފަށް އެކަމުން ދައްކައިދޭނީ އަޅުގަޑުމެންގެ ޝަޚުޞިއްޔަތުގެ ހަރުދަނާކަމެވެ.


ހަމަ އެފަދައިން އަޅުގަޑުމެންގެ ތާރީޚާއި ސަގާފަތަކީ ވެސް އަޅުގަޑުމެންގެ އަމިއްލަވަންތަ ޝަޚުޞިއްޔަތު ބިނާ ކުރުމަށް މުހިއްމު ކަންކަމެވެ. ތެދުފުޅެކެވެ. 1153 ވަނަ އަހަރުން ފެށިގެން ލިޔެފައިވާ ތާރީޚެއް އަޅުގަޑުމެންގެ އަތްމަތީގައި އޮތްނަމަ ވެސް އެ މަސައްކަތަކީ އެހާ ފަރުވާތެރިކޮށް ކުރެވިފައިވާ ކަމެއް ކަމަކަށް  ގަބޫލު ކުރެވޭފަދަ ހެކިތަކެއް އަޅުގަނޑަކަށް ވެސް ލިބިފައެއް ނެތެވެ. އަދި ސަރުކާރުގެ ލިޔުންތައް ނައްތާލުމުގެ ގަވާއިދުތަކާއި އުޞޫލުތައް ހަމަޖެހިފައި ވަރަށް ކުރީއްސުރެ ހުރި ގޮތުން މުހިއްމު ކިތަންމެ ކިތަންމެ ލިޔުންތަކެއް ނެތިގޮސް ނުވަތަ ހުންނަންވީ ތަންތަން ނޫން އެހެން ތަންތާނގައި ހުންނާނެ ކަމާމެދު އަޅުގަނޑަށް ޝައްކު ކުރެވެއެވެ. އެހެން ނަމަވެސް، އަޅުގަޑުމެންނަކީ ފަޚުރުވެރި ތާރީޚަކާއި ޘަގާފަތެއް އޮތް ބަޔެއް ކަމީ ހަމަ އެއްވެސް މީހަކަށް ޝައްކު ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އިތުރު ހޯދުންތައް ހޯދައިގެން ވެސް އެ ތާރީޚާއި ސަގާފަތު ނަގަހައްޓާ ދެމެހެއްޓުމަކީ މި އަދު ދިރިތިބީންގެ ވަރަށް މުހިއްމު ވާޖިބެއް ކަމުގައި އަޅުގަޑު ދެކެމެވެ.


އަޅުގަޑުމެންނަކަށް އަޅުގަޑުމެންގެ ތާރީޚު ނުވަތަ މާޒީ ބަދަލެއް ނުކުރެވޭނެއެވެ. އިތުރު ހޯދުންތައް ހޯދައިގެން ވެސް އަޅުގަޑުމެންނަށް ޖެހޭނީ ތާރީޚީ ޙަޤީޤަތްތައް ހޯދައި ކުރިޔަށް ނެރޭށެވެ. ނަމަވެސް ސަގާފީ ބައެއް ކަންކަމަކީ ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ބަދަލު އަންނާނެ ކަންކަން ކަމުގައި އަޅުގަނޑު ވެސް ގަބޫލު ކުރަމެވެ. އަޅުގަނޑުމެންގެ ވާޖިބަކީ އަޅުގަޑުމެންގެ ސަގާފަތުގެ ވެސް އަޞްލުތައް ނެތި ގެއްލިދިޔަ ނުދީ ބެލެހެއްޓުމެވެ. އެ ކަންކަން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް މި އަދު ވެސް ހަމަޖެހިފައިވާ ކަމީ އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާއެކު ގަބޫލުކުރާ ކަމެކެވެ. އާދެ، މިނިސްޓްރީ އޮފް ޓުއަރިޒަމް، އާރޓްސް އެންޑް ކަލްޗަރެވެ. އެ މިނިސްޓްރީގެ ދަށުގައި ގެޒެޓް ކުރެވިފައިހުރި އެކިއެކި މުއައްސަސާތަކެވެ. ޤައުމީ ޔުނިވަރސިޓީ އެވެ. ދިވެހި ބަހުގެ އެކެޑެމީ އެވެ. އެތަންތަނުން، އަޅުގަޑުމެންގެ ފަޚުރުވެރި ދިވެހި ބަހާއި، ތާރީޚާއި ސަގާފަތު ނަގަހައްޓާ ދެމެހެއްޓެވުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމާ މެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ. އަޅުގަޑުގެ އުއްމީދަކީ ކުރިޔަށް އޮތްތާނގައި މިގޮތުން އަޅުގަޑުމެންނަށް ކުރެވޭ މަސައްކަތްތައް އަޅުގަޑުމެން ރައްޔިތުންނަށް ވެސް ފެނިގެން ރައްޔިތުންގެ ބައިވެރިވުމާއެކު ކުރެވޭތަން ފެނިގެން ދިޔުމެވެ.


އަޅުގަޑުމެންގެ ފޮތްތެރިކަން ވަނީ އިތުރުކުރަން ޖެހިފަ އެވެ. ފޮތް ލިޔާ މީހުންނަށް އިތުރު ހިތްވަރު ދޭންޖެހެއެވެ. އަޅުގަޑުމެންގެ އަދަބީ ޖަމްޢިއްޔާތަކަށް އިތުރު ހިތްވަރުދީ އެ ޖަމްޢިއްޔާތައް ނަގަހައްޓަން ޖެހެއެވެ. މުޅިންހެން އަމިއްލަ މަސައްކަތުން އުފެދި ކުރިއަރަމުން އަންނަ އަޅުގަޑުމެންގެ ފިލްމު އިންޑަސްޓްރީ އަށް އިންޤިލާބީ ބަދަލުތަކެއް ވަނީ ގެންނަން ޖެހިފަ އެވެ. އެކަމަށްޓަކައި އެ އިންޑަސްޓްރީ ފެންބޮވައިގެންފައިވާ އެހީތެރިކަމާއި އެއްބާރުލުން ވަނީ ދޭންޖެހިފައެވެ.


އެއްވެސް ޝައްކެއްނެތް ގޮތުގައި ޝަޚުޞިއްޔަތު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާ ކުރަން ޖެހެނީ ޢާއިލާގެ މުއައްސަސާ އިންނެވެ. ބަދަހި ޢާއިލާތަކެއް އުފެދި ދެމި އޮތުމަކީ ހަރުދަނާ ޞަޚުޞިއްޔަތެއްގެ ވެރި ބަޔެއްގެ މައްޗަށް އެކުލެވިގެންވާ ބަދަހި މުޖުތަމަޢެއްގެ އެންމެ މުހިއްމު އަސާސެވެ. އެހެންކަމުން ބަދަހި ޢާއިލާ ތަކަކާ ދިމާޔަށް ދަތުރު ކުރުމަށް އަޅުގަޑުމެން މި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފަ އެވެ. ހުރިހާ މަންމައިންނާއި ހުރިހާ ބައްޕައިންނަކީ ތަޢުލީމާ ތަޖުރިބާގެ ގޮތްގޮތުން އަދި ހޭލުންތެރިކަމުގެ ގޮތުން ވިޔަސް އެއްވަރުގެ ބައެއް ނޫނެވެ. އެހެންކަމުން، އެ މީހުންގެ ޢާއިލާތައް ހެޔޮ ގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މުޖުތަމަޢުން އެމީހުންނަށް ލިބިދޭން އެބަ ޖެހެ އެވެ. ހަމަ އެފަދައިން ކޮންމެ ޢާއިލާ އެއްގެ ވެސް ގޭތެރޭގެ ދިރިއުޅުމަކީ ބަދަހި ދިރިއުޅުމަކަށް ހެދުމަށްޓަކައި އެ ޢާއިލާއެއް އަމިއްލަ އަށާއި އަދި މުޖުތަމަޢުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވޭނެ މަގުތައް ތަނަވަސްވެފައި އޮންނަން ވެސް އެބަޖެހެ އެވެ. ގައުމުގެ މައިންބަފައިންނާއި މުޖުތަމަޢުގެ ލީޑަރުންނަކީ، ޤައުމުގެ ބޮޑެތި ވަމުން އަންނަ ކުޑަކުދިންނަށާއި ޒުވާނުންނަށް ހުރިހާ ގޮތަކުން ވެސް ރިވެތި މިސާލު ދައްކައިދޭ މީހުންނަށް ވެގެން ނޫނީ އަޅުގަޑުމެންގެ ޤައުމީ މަޤުޞަދު ޙާޞިލު ކުރާނީ ކިހިނަކުންތޯ އެވެ. ދިވެހި ޤައުމީ ޝަޚުޞިއްޔަތު ބިނާ ކުރާނީ ކިހިނަކުންތޯއެވެ؟

މި މުހިއްމު ވާޖިބު އަދާ ކުރުމަށްޓަކައި ފަރުވާތެރި ކަމާއެކު އަޅުގަޑުމެން އެންމެން އަތުކުރި އޮޅާލަމާތޯއެވެ؟ އަޅުގަޑުމެންގެ ޢާއިލާތަކުންނެވެ. އިޖުތިމާޢީ ޖަމްޢިއްޔާ ތަކުންނާއި ސިވިލް ސޮސައިޓީއިންނެވެ. ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އަދި ސިޓީ ކައުންސިލް ތަކުންނެވެ. އަމިއްލަ ކުންފުނި ތަކާއި ސަރުކާރުގެ މުއައްސަސާތަކުންނެވެ. އިސްތިސްނާ އެއްނެތި ހުރިހާ މީޑިއާ އެއް އަޑަކުން، އެއް ގަލަމަކުން، އެއް އަމާޒަކަށެވެ. އާދެ، ފުރަތަމަ ވެސް ޤައުމެވެ. ދެން ވެސް ޤައުމެވެ. އަބަދުވެސް ޤައުމެވެ!
----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ