އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ދީނާއި ކަނޑި (9)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ކެރޮލިންގިއަން ފްރޭންކުންގެ ދައުލަތް

މެރޮވިންގިއަން ފްރޭންކް ދައުލަތުގެ ބާނީ ކްލޯވީ އެއްވަނަ އަވަހާރަވީ މީލާދީން 511 ވަނަ އަހަރުގައެވެ. އޭނާއަށް ފަހު އޭނާގެ ވެރިކަން އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނަށް ވާރުތަވިއެވެ. އެ ހިސާބުން މެރޯވިންގިއަން ފްރޭންކް މުލޫކިއްޔާ ޝާހީ އަމީރުންނާއި، ދެން ވެސް ބާރުގަދަ ބޭފުޅުންގެ ކުޅޭކުޅޭ އެއްޗަކަށް ވެގެން ދިޔައެވެ. މި ކަހަލަ ގޮތަކަށް ޤަރުނަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔުމަށް ފަހު، އަނެއްކާވެސް ފްރޭންކުންގެ ތެރެއިން އާދަޔާ ޚިލާފު ޢާއިލާއެއް ފާޅުވެގެން އައެވެ. އެ ޢާއިލާއަކީ ކެރޮލިންގިއަން، ނުވަތަ ކާރލޮވިންގިއަން ޚާންދާނެވެ. މިއީ ފަރަންސޭސި މުލޫކިއްޔާގެ ދެވަނަ ދަރިކޮޅުގެ ނަމުން ނަން ދެވޭ ޚާންދާނެވެ. މި ޚާންދާނުގެ ޒައާމަތުގައި ފަރަންސޭސީން، ޔޫރަޕުގެ އެންމެ ވަރުގަދަ އެއް ދައުލަތަށް ވެގެން ދިޔައެވެ. އަދި މި ޚާންދާނުގެ ވެރިކަން، މީލާދީން 7 ވަނަ ޤަރުނުން ފެށިގެން 10 ވަނަ ޤަރުނާ ހަމަޔަށް ފަރަންސޭސީންގެ ތެރޭގައި ދެމިއޮތެވެ.

ކެރޮލިންގިއަން ދައުލަތުގެ ބާނީއަކީ ޕެޕިން އޮފް ހާރސްޓްލް ގެ ނަމުން ނަން ލިބިވަޑައިގެން ވާ އަމީރެކެވެ. އޭނާ ވެރިކަން ކުރެއްވީ މެރޯވިންގިއަން ރަސްރަސްކަލުންގެ ނަންފުޅުގައެވެ. މީލާދީން 687 ވަނަ އަހަރާ ހަމަޔަށް ދިޔަ އިރު، ކްލޯވީ އެއްވަނަ އުފެއްދެވި ފްރޭންކް ދައުލަތުގެ މުޅި ސަރަޙައްދުގެ މައްޗަށް ޕެޕިންގެ ބާރުފުޅު ހިނގާފައި ވެއެވެ. އަދި ރަސްކަމުގެ އެންމެހައި ކަންތައްތަކެއް ޢަމަލީ ގޮތުން އޮތީ އޭނާގެ އަތްޕުޅުގައެވެ. އޭނާގެ ދަރިކަލުން ޗާރލްސް މާރޓޭލަކީ އޭނާއަށް ވުރެ ވެސް ތާރީޚުގައި މަޝްހޫރު ބޭފުޅެކެވެ. ކްރިސްޓިއަން ދުނިޔޭގައި އެންމެ ބޮޑު ލޯތްބަކާއި ޝަރަފެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ ޗާރލްސް މާރޓޭލެވެ. އެއީ މުސްލިމުން ސްޕެއިން ފަތަޙަކޮށް، ފަރަންސޭސި ވިލާތާ ދިމާއިން ޔޫރަޕުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ހުއްޓުވައިލެއްވި ބޭފުޅަކީ ޗާރލްސް މާރޓޭލް ކަމަށް ޒަމާނުއްސުރެ ޔޫރަޕުގައި ބެލެވޭތީއެވެ.

ކޮންމެއަކަސް، ޗާރލްސް މާރޓޭލަކީ ކުރީންވެސް ދެންނެވި ފަދައިން ޕެޕިން އޮފް ހާރސްޓްލްގެ ދަރިކަލުންނެވެ. އެއީ އޭނާއަށް ކައިވަނީން ބޭރުގައި ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ޗާރލްސް މާރޓޭލަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ކާރލޮމާނާއި، ޕެޕިން ދަ ޝޯރޓް އެވެ. މާރޓޭލް އަވަހާރަވީ އޭނާގެ ދެ ބޭފުޅުންނަށް އޭނާގެ އަމީރުކަމުގެ ޙައްޤު ބައިބައިކޮށްދެއްވުމަށް ފަހުގައެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ކާރލޮމާން އޭނާގެ ޙައްޤު ދޫކޮށްލެއްވިއެވެ. އެގޮތުން ޕެޕިން ދަ ޝޯރޓަށް މުޅި ފަރަންސޭސި ދައުލަތުގެ މައްޗަށް ބާރު ލިބިވަޑައިގެންނެވިއެވެ. އަދި އޭނާގެ އިސްތަށިފުޅުގައި ފަރަންސޭސި ރަސްކަމުގެ ތާޖު ތުރުކުރެވި، ކެރޮލިންގިއަން ޚާންދާނުގެ ފުރަތަމަ ރަސްގެފާނު ކަމުގައި ވެވަޑައިގެންނެވިއެވެ. އެއީ މީލާދީން 751 ވަނަ އަހަރުގެ ތެރޭގައެވެ.

ރޯމަން ކެތަލިކް ބޮޑު ފައްޅީން، ޕެޕިން ދަ ޝޯރޓަށް ރަސްކަމުގެ ޙައްޤާއި ލަޤަބު އެރުވިއެވެ. ޕޯޕް ސްޓެފަން ދެވަނަ، އޭނާގެ އަތްޕުޅުން ޕެޕިނާއި އޭނާގެ ދެ ދަރިކަލުން ކާރލޮމާނާއި ޝާރްލްމާން، މުޤައްދަސް ފެނުން ފެންވަރުވައިދެއްވިއެވެ. އަދި ޕެޕިނަށް "ޕެޓްރިޝަސް ރޮމެނޯރަމް" ގެ މަތިވެރި ލަޤަބު ދެއްވިއެވެ. ޕެޕިން ވެސް ކެތަލިކް ފައްޅީގެ ދީނީ ޒައާމަތަށް ވަރަށް ބޮޑަށް ތަބާވެވަޑައިގެންނެވިއެވެ. މިއީ ވެސް ކުރެވުނު ވިޔަފާރިއެކެވެ. ފައްޅީން ޕެޕިނަކީ ފަރަންސޭސި ރަސްގެފާނު ކަމުގައި ކަނޑައަޅައި އެކަން އިޢުލާން ކޮށް، ރަސްކަމުގެ ޢިއްޒަތާއި ޙައްޤު އިލާހީ ދަރުބާރުން ޕެޕިނަށް ހޯދައިދިނީ، އިޓަލީގެ އުތުރުގައި އުޅުނު ލޮމްބާރޑުންގެ ފަރާތުން ބޮޑު ފައްޅި ސަލާމަތް ކޮށްދީ ރައްކާތެރިކޮށްދިނުން ޝަރުތުކޮށެވެ. އެއިރު އެ ހިސާބުގަނޑުގައި އެކަން ކުރެވޭ ވަރުގެ ބޭފުޅަކަށް ހުންނެވީ ޕެޕިން ކަމަށް ވާތީ، އެކަން އެގޮތަށް ކުރެވުނީއެވެ. ފައްޅީގެ ފަރާތުން ޕެޕިނާއި އޭނާގެ ބޭބޭފުޅުން ލޮމްބާރޑުންނާ އެތައް ހަނގުރާމައެއް ކުރެއްވިއެވެ. މި ހަނގުރާމަތަކުގައި އެތައް ހާސް ބަޔަކު ކަތިވެގެން ދިޔައެވެ. އެތައް ހާސް ބަޔެއްގެ ލޭ އޮހޮރުވައިލެވި، އެތައް ހާސް ބަޔަކު އަޅުވެތި ކުރެވިފައި ވެއެވެ. މި ހުރިހާ ކަމެއް ހިނގައިދިޔައީ ކެތަލިކް ބޮޑު ފައްޅީގެ އިރުޝާދުގެ ދަށުންނެވެ. ބޮޑު ފައްޅީގެ ފަދިރީންގެ ބައިވެރިވުމާ އެކުގައެވެ.

ޕެޕިން ދަ ޝޯރޓަށް ފަހު ފްރޭންކުންގެ ރަސްކަން ލިބިވަޑައިގަތީ އޭނާގެ ދެ ދަރިކަލުން ކާރލޮމާނާއި ޝާރްލްމާނަށެވެ. ނަމަވެސް މީލާދީން 771 ވަނަ އަހަރު ކާރލޮމާން އަވަހާރަވުމުން، ރަސްކަމުގެ ތާޖާއި ތަޚުތުގެ ހަމައެކަނި ވެރިޔަކީ ޝާރްލްމާން ކަމުގައި ވިއެވެ. ކާރލޮމާން އަވަހާރަ ވި ގޮތާ މެދު މުއައްރިޚުންގެ މެދުގައި ބަހުސްތައް ކުރެވިފައި ވެއެވެ. އެއީ ޝާރްލްމާންގެ ރޭއްވެވުމެއްގެ ދަށުން ކުރެވުނު ކަމެއް ކަމަށް ވެސް ބައެއް މުއައްރިޚުން ވިދާޅުވެއެވެ. ކާރލޮމާން އަވަހާރަ ވެފައި ވަނީ ޝައްކު އުފެދޭ ފަދަ ބީދައަކުންނެވެ. ނަމަވެސް މި ކަމުގައި ޔަޤީނީ ނިންމުމަކަށް ދާން އެކަށީގެންވާ ފަދަ ތާރީޚީ ހެކިތަކެއް ނެތެވެ.

ކޮންމެއަކަސް، ޝާރްލްމާންގެ ރަސްކަމުގެ ފެށުމަކީ ފަރަންސޭސި މުލޫކިއްޔާގެ އެންމެ ހައިބަތްތެރި ދައުރުގެ ފެށުމެވެ. ޝާރްލްމާނަކީ އެ ރަސްކަމުގެ ތާރީޚުގައި، މެދު ޒަމާނުގައި އުފެދުނު އެންމެ ވަރުގަދަ ރަސްގެފާނެވެ. ޝާރްލްމާން ފަރަންސޭސި ދައުލަތުގެ މުސްކުޅި ސަރަހައްދުގެ އިތުރުން، މިހާރުގެ ޖަރުމަނުގެ ސަރަހައްދުން ފްރޭންކުންގެ ބާރުގެ ދަށަށް ނައިސް އޮތް ސަރަހައްދާއި، މިހާރުގެ އޮސްޓްރިޔާގެ ސަރަހައްދާއި، މިހާރުގެ ސްވިޓްޒަރލޭންޑްގެ ސަރަހައްދާއި، އަލްޕް ފަރުބަދަ ސިލްސިލާގެ ތިރީގެ ސަރަހައްދުތަކާއި އުތުރު އިޓަލީ ފަތަޙަ ކުރެއްވިއެވެ. އަދި މި ބިޔަ ސަރަޙައްދުގައި ނުހަނު ބަދަހި ގޮތެއްގައި އޭނާގެ ބާރުފުޅު ހިންގެވިއެވެ.

ޝާރްލްމާން

ޝާރްލްމާނަކީ "ކާރްލޮސް މެގްނުސް" މި ދެ ނަން އެއްކޮށްލައިގެން ކިޔޭ ގޮތެކެވެ. އޭގެ މާނައަކީ "ޗާރލްސް ދަ ގްރޭޓް"، ނުވަތަ "ޗާރލްސް އަކްބަރު ނުވަތަ އަޢްޡަމް" މިއެވެ. ދިވެހިން ދަންނަވާ ނަމަ، "މަތިވެރިވެގެންވާ ޗާރލްސް" މިއެވެ.

ޝާރްލްމާން އުފަންވެވަޑައިގެންނެވީ، ބެލެވޭ ގޮތުގައި މީލާދީން 742 ވަނަ އަހަރުގައެވެ. މީލާދީން 771 ވަނަ އަހަރު ފަރަންސޭސި މުލޫކިއްޔާގެ ރަސްކަމުގެ ތާޖު އޭނާއަށް ލިބިވަޑައިގެންނެވި އިރު އުމުރުފުޅަކީ 29 ނުވަތަ 30 ވަރަކަށް އަހަރެވެ. މީލާދީން 800 ވަނަ އަހަރު ގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރޯމުގެ ބޮޑު ފައްޅީން އޭނާއަށް ޚާއްސަ ޢިއްޒަތެއް އަރުވައި، އޭނާއަށް "ހޯލީ ރޯމަން އެމްޕެރަރ" ނުވަތަ "ރޫމީންގެ މުޤައްދަސް ރަސްގެފާނު" ގެ ލަޤަބު އެރުވިއެވެ. މިއީ ކްރިސްޓިއަން ދީނަށް އޭނާ ކުރެއްވި ޚިދުމަތްތަކުގެ ބަދަލުގައި އެރުވި ލަޤަބެކެވެ. ފަރަންސޭސި ރަސްގެފާނުގެ ގޮތުގައި ވެރިކަން ކުރެއްވި 29 އަހަރާއި، ފަރަންސޭސި ރަސްކަލެއްގެ ގޮތުގައި އަދި ހޯލީ ރޯމަން އެމްޕެރަރގެ ގޮތުގައި ރަސްކަން ކުރެއްވި 14 އަހަރާ އެކު ޖުމްލަ 43 އަހަރު އޭނާ ޔޫރަޕުގެ އެންމެ ވަރުގަދަ ރަސްގެފާނުގެ މަޤާމުގައި އިންނެވިއެވެ. ބައެއް މުއައްރިޚުން އޭނާގެ ވެރިކަމުގެ ދައުރުގެ މުއްދަތަކީ 46 ކަމަށް ވެސް ވިދާޅުވެއެވެ. އެއީ މީލާދީން 768 ވަނަ އަހަރުން ފެށިގެން 771 ވަނަ އަހަރާ ހަމަޔަށް، އޭނާގެ ބޭބޭފުޅު ކާރލޮމާނާ އެކު ތަޚުތު ޙިއްސާ ކުރެއްވި 3 އަހަރު ވެސް ހިމަނުއްވައިގެންނެވެ.

ޝާރްލްމާންގެ އަރިސް ބޭފުޅެއް ކަމުގައި ހިމެނިވަޑައިގެންނެވި ކްރިސްޓިއަން ރާހިބު، އެއިންހާރޑް އޭނާގެ ޙަޔާތްޕުޅުގެ ވާހަކަ ލިޔުއްވިއެވެ. އެއިންހާރޑް ލިޔުއްވާފައިވާ ގޮތުގައި، ޝާރްލްމާނަކީ އިސްކޮޅުފުޅުން ވަރަށް ދިގު، ވަރުގަދަ ބޭފުޅެކެވެ. ސިއްހަތު ރަނގަޅު، އާދައިގެ މީހުންނަށް ވުރެ ބާރުފުޅު ގަދަ، ކުޅަދާނަ ބޭފުޅެކެވެ. އާދަޔާ ޚިލާފު ބުންވަރަކާއި ހަކަތައެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ވަރުބަލިކަމެއް ނެތި އެއް މައިދާނުން އަނެއް މައިދާނަށް ދަތުރު ކުރެއްވި ހަނގުރާމަވެރިއެކެވެ. އެ ލީޑަރެއްގެ ފަހަތުގައި އޭނާގެ އަހުލުވެރީން އެއްވެސް ޖެހިލުމެއް ނެތި ސާބިތުވެ ތިބި ވަރުގަދަ ލީޑަރެކެވެ. ނަމަވެސް އޭނާއާ ބެހޭގޮތުން އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ ކަމަކީ ކަނޑީގެ ބާރުގައި ކްރިސްޓިއަން ދީން ފަތުރުއްވަން އޭނާ ކުރެއްވެވި މަސައްކަތެވެ. އެ މަސައްކަތުގައި ހާސިލު ކުރެއްވި އާދަޔާ ޚިލާފު އުސްމިނެވެ.

ޝާރްލްމާންގެ ޢަސްކަރީ ހަރަކާތްތައް ފެށުނީ އޭނާގެ ރަސްކަމުގެ ކުރީކޮޅުގައެވެ. އެއީ ރޯމުގެ ބޮޑު ފައްޅީގެ ޕޯޕްގެ އެދިވަޑައިގަތުމަކަށް، އުތުރު އިޓަލީގެ ލޮމްބާރޑުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަތަކުންނެވެ. ލޮމްބާރޑުންނާ ދެކޮޅަށް ޝާރްލްމާންގެ ބައްޕާފުޅާއި ކާފާފުޅު ވެސް ފައްޅީގެ އެދުމުގެ މަތީން ހަނގުރާމަ ކުރެއްވިއެވެ. ޝާރްލްމާންގެ އަރިއަހުން ލޮމްބާރޑުންނާ ދެކޮޅަށް އަސްކަރީ މައުރިކާއެއް ހިންގަވަން އެދިވަޑައިގެންނެވީ ޕޯޕް އެޑްރިއަން އެއްވަނަ އެވެ. އެއީ ލޮމްބާރޑުން ފައްޅީގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކަށް ޙަމަލާ ދޭތީ ކަމަށް ބުނެއެވެ. އެއީ މީލާދީން 773 ވަނަ އަހަރުގައެވެ.

ޝާރްލްމާންގެ ބޭބޭފުޅު ކާރލޮމާން އަވަހާރަވެ، މުޅި ފަރަންސޭސި ދައުލަތުގެ ބާރު ޝާރްލްމާނަށް ލިބިވަޑައިގެންނެވިތާ ދެ އަހަރު ފަހުންނެވެ. ޕޯޕް އެޑްރިއަންގެ އެދިވަޑައިގަތުން އައުމާއެކު، ޝާރްލްމާން ރޯމަށް ވަޑައިގެންނެވިއެވެ. ޕޯޕާ ބައްދަލު ކުރައްވައި، އޭނާ ހުންނެވީ ޕޯޕަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައިކަން ޔަޤީން ކޮށްދެއްވިއެވެ. އެއަށްފަހު ލޮމްބާރޑުންނާ ދެކޮޅަށް ހަނގުރާމަ ފެއްޓެވިއެވެ. ދެ ފަހަރެއްގެ މަތީން އުތުރު އިޓަލީގެ ސަރަހައްދަށް ވަޑައިގެން ލޮމްބާރޑުންގެ ބާރު ކަނޑުއްވައިލެއްވިއެވެ. އެބައިމީހުންގެ ޝަހަރުތައް ފަތަޙަ ކުރައްވައި، އެބައިމީހުންނަށް ކްރިސްޓިއަން ދީނާއި ފައްޅީގެ ބާރުގެ ދަށުގައި ތިބެން މަޖުބޫރު ކުރެއްވިއެވެ. އަދި ލޮމްބާރޑް ސަރަހައްދަކީ އޭނާގެ ވެރިކަމުގެ ޕްރޮވިންސެއް ކަމުގައި ހެއްދެވިއެވެ. މި މަޢުރިކާތައް ނިންމަވައިލެއްވީ މީލާދީން 774 ވަނަ އަހަރުގައެވެ.
-----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ