Print

ކުށްވެރިޔާ...

ޝާޢިއުކުރީ އަޙްމަދު ނާފިޢު . ހިމެނޭބަޔަކީ ވާހަކަ



އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ

  
        
ސިއްސައިގެން ގޮސް ހޭލެވުމާއެކު އަހަންނަށް ވަށައިގެން ބަލައިލެވުނެވެ. އަވަސްއަވަހަށް އަތުކުރީގަޑިއަށް ބަލައިލިއިރު ގަޑިއެއް ނެތެވެ. ގަޑިން ކިހާއިރެއްވެދާނެބާއެވެ؟ އަހަރެންގެ ގަޑި ކޮބައިބާވައެވެ؟ އަހަންނަށް މިއޮވެވުނީ ކޮންތާކުބާވައެވެ؟ އެއްފަހަރާ އެތައް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރައިފައިބަމުންދިޔައެވެ. ވަށައިގެން ބަލައިލީމެވެ. އާދައިގެ ކުޑަ ނިދާ ބޮތްކެއްގެ އަލި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަންހުރީ އަނދިރިކަމެވެ. ހާސްކަމެވެ. ކުއްލިއަކަށް އަހަންނާ ދިމާއަަށް މީހަކު އަންނަތަން ފެނުނެވެ. އޭނާ އަހަންނާ ދިމާއަށް ބަލައިލުމަށްފަހު [241] ގޮވާލި އަޑުއިވުނެވެ. އަހަރެންނަކަށް އެކައްޗެއް ވެސް ނުވިސްނުނެވެ. އެއީ އަހަންނާ މުޚާތަބުކުރުމުގެ ގޮތުން ބުނިއެއްޗެއްބާވައެވެ. ކޮންމެއަކަސް ޔުނިފޯރމެއްގައި ހުރި އެމީހާ އަހަރެންގެ ކައިރިއަށް ހުއްޓި އޭނާ ގެނައި ތަށްޓެއް އަހަރެންގެ ކުރިމަތީގައި ބެހެއްޓުމަށްފަހު ދިޔައީއެވެ. އަހަރެން ލައިގެން ހުރި ޓީޝާޓަށް ބަލައިލީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނޭނގޭ ބިރުވެރިކަމެއް އަހަރެންގެ ހިތަށް ވެރިވާންފެށިއެވެ. އަހަރެން ލައިގެން ހުރީ ޓީޝާޓެއް ނޫންކަމާއި އެއީ  [241] މިހެން ލިޔެފައިވާ އާދައިގެ ހުދުފޮތީގެ ހެދުމެއްކަން އެނގުމާއެކު އަހަރެންގެ ދެލޯފެންކަޅިވިއެވެ. އަހަންނަކީ ކުށްވެރިއެއްކަމާއި އަހަރެންގެ ޢުމުރުގެ އެންމެ ޒުވާން ދުވަސްތައް ޖަލުގެ އަނދިރި ގޮޅިތަކުގައި ހޭދަކުރަންޖެހިފައިވާ ދެރަ ނިކަމެއްޗެއްކަން އިހްސާސްކުރެވުނީ އެހިސާބުންނެވެ.

މިއީ އަހަރެން ޖަލުގެ އަނދިރި ގޮޅީގައި ހޭދަކުރި ފުރަތަމަ ދުވަހެވެ. ފަސް އަހަރު ދުވަހަށް އަހަރެން ޖަލަށްލުމަށް ޖިނާޢީ ކޯޓުގައި އިއްޔެ ހުކުމްކުރި ވަގުތު އަހަރެންގެ އަންހެނުންގެ މޫނުމަތިން ފެނިގެންދިޔަ ފުންއަސަރާއި ވޭނީ އާހްގެ މަތިން ހަނދާންވުމާއެކު އަހަރެންގެ ހިތްކަތިލެވުނު ކަހަލައެވެ. އަހަރުމެންގެ އެއްއަހަރަށްދާ ލޯބިލޯބި ދަރިފުޅުގެ ގައިގައި ބާރަށް ހިފަހައްޓައިގެން ހުރެ އޭނާ ރުއި ރުއިންތައް އަދިވެސް އަހަރެންގެ ލޯމަތިން ފެންނަ ކަހަލައެވެ. އަހަރެންގެ ދަރިފުޅު އެންމެ ފަހުފަހަރަށް އުރައިލިވަގުތު އެދަރިފުޅު އަހަރެންގެ ގައިގައި އޮޅުލައިގަނެގެން އަހަރެން ގާތުން ދުރަށް ނުދާންވެގެން އުޅުނީ މި ބައްޕަގެ ކުށް އަދި ނުވިސްނޭތީތާ އެވެ. އަހަރެންގެ ހަޤީޤަތް އެނގޭ ދުވަހަކުން އެދަރިފުޅު ވެސް އަހަރެން ދެކެ އިންތިހާ އަށް ނަފުރަތުކުރާނެ އެވެ. އަހަރެންގެ މަންމަ ފަދައިންނެވެ. އަހަރެންގެ ބައްޕަވެސް މިއަދު ދުނިޔޭގައި ހުރިނަމަ ލަދުންގޮސް މަރުވާނެއެވެ. އާނއެކެވެ. އެއްވެސް މީހަކު އެމީހެއްގެ ދަރިއަކީ ނުވަތަ ފިރިމީހާއަކީ ނުވަތަ ބައްޕައަކީ ވަގެކޭ ބުނާ އަޑުއަހާކަށް ބޭނުމެއްނުވާނެ އެވެ. އެކަމަކު ޙަޤީޤަތަކީ އެއީއެވެ. އަހަންނަކީ ކުށްވެރިއަކީމެވެ. 
                  
އެހެނަސް އަހަންނަށް އެފަދަ ކުށެއް ކުރެވުނުކަން ޤަބޫލުކުރަން ޚުދު އަހަންނަށްވެސް ދަތިވެއެވެ. ކުއްލިއަކަށް އަހަރެންގެ ޙަޔާތުގެ ޞަފުޙާތައް ލޯމަތިން އުކެން ފެށިއެވެ........ 

މާލޭގެ އެންމެ ނަން މަޝްހޫރު އެއް ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލްގައި ކިޔެވި ދުވަސްވަރެވެ. ރައްޓެހިންނާއެކު ސަކަރާތްގަނެ އުޅުނުއުޅުންތަކާއި ޓީޗަރުންނަށް ޖެއްސުން ކުރުމަށް ކުރި ކަންތައްތަކެވެ. އޯލެވެލް ނަތީޖާ ހިފައިގެން ގެއަށް ދިޔަ ދުވަހު އަހަރެން އިތުރަށް ކިޔަވަން ބޭނުންނޫންކަމަށް ބުނެ މަންމައާ ދެއްކި ވާހަކަތަކެވެ. މަންމައާއި ބައްޕަގެ ބާރުއެޅުމާއެކުވެސް އަހަރެން [ގޮތުގައި] ހިފެހެއްޓީ އަހަރެން އެއްގޮތަކަށްވެސް ކިޔަވާ ހިތްނުވާތީއެވެ. މާލޭގެ ގެދޮރު ހުރުމާއެކު ކޮންމެހެން ވަޒީފާއަކަށް ދިއުމުގެ މުހިއްމުކަމެއްވެސް ނެތީމައެވެ. އަހަންނަކީ މަންމައާއި ބައްޕަގެ ތިބި ދެކުދިންގެ ތެރެއިން ދޮށްޓަށް ހުރި ދަރިފުޅަށްވެފައި އަހަންނަށްވުރެ ހަގަށްވެސް ހުރީ އަންހެން ކުއްޖެއް ކަމަށްވުމާއެކު މަންމަ އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ނިންމުމާއިމެދު މަންމަ ފަހުން ރުހޭނެކަމުގެ ޔަޤީންކަން އަހަންނަށް އޮތެވެ.

މަންމަ އަހަރެން ދެކެ ރުޅިއައިސްގެން އެކިދުވަހު ދެއްކި ވާހަކަތައް ވެސް މިހާރު ހަނދާނަށް އެބައާދެއެވެ. އަހަރެން ވަޒީފާއަކަށް ނުދާތީއާއި ރައްޓެހިންނާއެކު ގިނަ ވަގުތު ބޭރުގައި އުޅޭތީއެވެ. އެކަމަކު އެހެނޭ ކިޔައިފައި އަބަދު ގޭގައި ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މަންމަ ގާތު އަހަރެން ބުނީމެވެ. އަހަރެންގެ މަންމައާއި ބައްޕަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެކަމަކު އަހަރެންގެ ދިރިއުޅުން އަހަރެން އުޅޭނީ އަމިއްލަ [ސްޓައިލް] ގައި ކަމަށާއި އަހަންނަކީވެސް ބޮޑު މީހެއްކަން މަންމަމެން ޤަބޫލުކުރުމަށް އަހަރެން ބުނީމެވެ. އަހަރެންގެ ބޯދިގުކޮށް ބަހައްޓަނީ އެއްވެސް ގޯސް ނިޔަތެއްގައެއް ނޫންކަމަށާއި އެއީ އަހަންނަށް ރީތިވީމާ ކަމާއި އަދި އަހަންނާއެކު އުޅޭ އަހަރެންގެ ރައްޓެހިންނަކީވެސް ގޯސްބައެއް ނޫންކަން މަންމައަށް ވިސްނަދޭން އަހަރެން އޭރު މަސައްކަތްކުރީމެވެ. އެހެންނަމަވެސް އަހަރެންގެ ގުރޫޕުގައި ހިމެނޭ ބައެއް ކުދިންނަކީ ބައެއްކަހަލަ މައްސަލަތަކުގައި ފުލުސް އޮފީހަށް ގެންގޮސްފައިވާ ކުދިންކަން އަހަންނަށް އޭރުވެސް އެނގެއެވެ. އެކަމަކު އެ ވާހަކަތައް އަހަރެން މަންމަ ގާތަކު ނުބުނަމެވެ. މާމުހިންމު  ވާހަކަތަކެއްނޫންވީމައެވެ. ކޮންމެއަކަސް އަހަރެން ރަނގަޅު މީހަކަށްވީމާ މަންމަމެނަށް ނިމުނީތާއެވެ.  
 
ރައްޓެހިންނާއެކު އަހަރެން ވަރަށް ގިނައިން ކޮފީއަށް ގޮސް އުޅުނީމެވެ. ބައެއްރޭރޭ  ދޭއް ތިނެއް ޖަހަންދެންވެސް އަހަރުމެން ކޮފީގައި ހޭދަކުރަމެވެ. އަހަންނާ ނިޝްއާ ފުރަތަމަ ދިމާވީވެސް ކޮފީއަކަށް ގޮސް އުޅެނިކޮށެވެ. އެދުވަހު ނިޝްހުރީ އަހަންނާ ދިމާ ކުރިމަތީގައި ހުރި މޭޒުގައެވެ. ނިޝްއަކީ ފިރިހެނުން ހިތްކިޔާހާ ރީތި ކުއްޖެކެވެ. އެހާމެ ހިތްގައިިމު ހިނިތުންވުމެކެވެ. ފަރި ޙަރަކާތްތަކެކެވެ. ރައްޓެހިންގެ ދިމާކުރުންތަކާއެކު ވެސް އެރޭ އަހަރެން ވަރަށް ގިނައިރުވަންދެން ނިޝްއަށް ބަލަން އިނީމެވެ. އޭނާއަށްވެސް އެކަން ފާހަގަކުރެވުނުކަހަލައެވެ. އަހަރުމެން ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތެއްގައި އޭނާ އަހަންނަށް ހީލިއެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. އުންމީދުތަކެއް އާވިއެވެ. އޭނާއާ ވާާހަކަ ދައްކަން ބޭނުންވިއެވެ. އަހަރެން ވެއިޓަރަށް އިޝާރަތްކުރުމުން ވެއިޓަރު އަހަރެން ކައިރިއަށް އައުމުން ޓިޝޫއެއްގައި އަހަރެންގެ ފޯނު ނަންބަރާއި އަހަރެންގެ [މިގް އެޑް] ލިޔެ ނިޝްއަށް ދިނުމަށް ބުނީމެވެ.

ނިޝް އޭގައި ހިފިއެވެ. އެކަމަކު އޭގެ ފަހުން އަހަންނާ ދިމާއަށް ނުވެސް ބަލައެވެ. އަދި އަވަސް އަވަހަށް އެތަނުން ދިޔައީއެވެ.

އޭގެ ފަހުން އަހަރުމެން ދެމީހުން ބައްދަލުވީ [މިގް] ޗެޓުންނެވެ. [ނައިސް ހެއަރ ސްޓައިލް] ނިޝް ފުރަތަމަވެސް ބުނި ޖުމްލައަކީ އެއީއެވެ. އަހަރެން ވަރަށް އުފާވިއެވެ. އޭގެ ފަހުން ފޯނުން ވެސް ބައްދަލުވާން ފެށިއެވެ. އަދި ކޮފީއަށް ދިއުމާއި އެކަހެރި ބައްދަލުވުންތައްވެސް ބާއްވަމުން ދިޔައީމެވެ. އެންމެ ފަހުން ދެމީހުން ކައިވެނިކުރީއެވެ. ކުއްލިއަކަށް އަހަރެންގެ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އައެވެ. ރައްޓެހިންނަށް ދެވޭ ވަގުތުތައް ވަރަށް ބޮޑަށް މަދުވިއެވެ. ރޭގަނޑުގެ ގިނަވަގުތުތައް ވެސް ގޭގައި ހޭދަކުރެވެން ފެށުނެވެ. އަހަރެންގެ އުޅުމަށް އައި ބަދަލުތަކުން މަންމައާއި ބައްޕަވެސް ހިތްހަމަޖެހިފައި ތިބިކަން އަހަންނަށް އެނގުނެވެ. އަހަރެން ވަޒީފާއަކަށް ދިއުމަށް ނިޝްވެސް ބާރުއަޅަން ފެށިއެވެ. އަހަރެން ނޫސްތައް ބަލައި ހެދީމެވެ. ބައެއް ވަޒީފާތައް ހުއްޓެވެ. އެކަމަކު އަހަރެން ދާހިތްވާ ކަހަލަ ވަޒީފާތަކެއް ނެތެވެ. ގިނަގަޑިއިރު ޑިއުޓީގައި އުޅެންޖެހޭ ކަހަލަ ވަޒީފާތަކަށް ދާން އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ވަޒީފާއަކަށް ނުދިޔަ ނަމަވެސް ގޭގެ ކުއްޔަށްދީފައި ހުރި ދެފްލޯއިން ލިބޭ ލާރިން ހަމަޖެހިލައިގެން ދިރިއުޅެވެއެވެ. އަނެއްކޮޅުން ކޮއްކޮވެސް މިހާރު އެހެރީ ކިޔަވައި ނިމިގެން ވަޒީފާއެއްގައެވެ.

އަހަރެން ވިސްނަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ދިރިއުޅުމުގެ ހުރިހާ އުފަލެއް އަހަންނަށް ދިޔައީ ޙާޞިލުވަމުންނެވެ. ބަހާރުމޫސުމުގެ ކޮކާލެއް ފަދައިން އަހަރެންގެ ޙަޔާތުގެ ގުލްޒާރުގައި އުދުހެމުންދިޔައީމެވެ. ޒަވާޖީ ހަޔާތުގެ ފޮނިމީރުކަމާއި ދިރިއުޅުމުގެ ހުރިހާ އުފަލަކާއި ހުރިހާ ލައްޒަތެއް އެއްފަހަރާ އަހަންނަށް ލިބެމުން ދިޔައެވެ. އެހެނަސް ދުނިޔޭގެ ކެހިވެރިކަމާއި ދުނިޔެ އެކި ދުވަހު އެކި ކުލަތައް ދައްކާކަން އޭރު އަހަރެންގެ މިމޮޔަ ހިތެއް ޤަބޫލެއް ނުކުރެއެވެ.

 ދުވަސްތައް މާޒީއާއެކުވަމުންދެއެވެ. ނިޝް އިނީ ބަލިވެއެވެ. ގޭތެރޭގެ އުފާވެރިކަން އިންތިހާއަށް އިތުރު ވިއެވެ. އެހެނަސް އެއުފާވެރިކަން މާގިނަދުވަހު ދެމިއޮންނަ ގޮތެއް ނުވިއެވެ. ސަބަބަކަށްވީ ބައްޕަގެ ބަލި ހާލަތެވެ. އެދުވަސްކޮޅު ބައްޕަ ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. އެކިފަހަރުމަތިން އެކި ޑޮކްޓަރުންނަށް ދައްކައި ހެދިފަހުން އެނގުނީ ބައްޕަގެ ބައްޔަކީ ކެންސަރު ކަމެވެ. ބައްޕައަށް ބޭސްކުރަން ފައިސާ ބޭނުންވެއްޖެއެވެ. އަނެއްކޮޅުން ނިޝް އެހެރީ ވިހަން ކައިރިވެފައެވެ. އަހަރުމެންނަށް ލިބޭ ލާރިން ދެކޮޅުޖެހޭ ގޮތެއް ނުވިއެވެ. މިއީ ކުރިން އަހަރެން އެއްގޮތަކަށްވެސް ނުވިސްނާ ކަންތައްތަކެވެ. މިކަހަލަ ދުވަހެއް އަހަރެންގެ ޙަޔާތުގައި އަންނާނެއެކޭ އަހަރެންގެ ހިތަކަށް ނާރައެވެ. އެކަމަކު ތަޤްދީރުގައި ކުރެހެމުންދާ ކުރެހުންތަކެއް އެކަކަށްވެސް ކުރިއަކުން ނޭނގޭނެތާއެވެ.

އަހަރެން އެކަނިއޮވެ ވިސްނައި ހެދީމެވެ. އަހަންނަކީ ޢާއިލާގެ ދޮށްޓަށް ހުރި މީހާކަމުން ބައްޕައަށް މިއަދު އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހަކީ އަހަންނެވެ. އެހެނަސް އަހަރެންނަކީ ކިހާ ނުކުޅެދޭ މީހެއް ހެއްޔެވެ؟ އަހަންނަށް ބައްޕައަށްޓަކައި ކުރެވޭނެ އެއްކަމެއްވެސް ނެތެވެ. އަހަރެންގެ ކޮއްކޮވެސް މިއަދު އަހަންނަށްވުރެ މާ ޒިންމާދާރުތާއެވެ.

އަހަރެންގެ ހާސްކަމާއި ފިކުރު ކުޑަކުރެވޭތޯ ބައެއް ފަހަރަށް ރައްޓެހިންގެ ގޭގެއަށްގޮސް ހަދަން ފެށީމެވެ. އަދި ރައްޓެހިންނާއެކު ބޭރަށް ގޮސް އުޅޭން ފެށުނެވެ. އެހެންނަމަވެސް އަހަރެންގެ ހާސްކަމާއި ފިކުރަކަށް ބަދަލެއް ނާދެއެވެ. ނިޝް ވިހެއީވެސް އެދުވަސްކޮޅުއެވެ. އަހަރެންގެ އަލަތު ދަރިފުޅު ލިބުނުއިރުވެސް އަހަރެން ކުރިން އުންމީދު ކުރި ކަހަލަ އުފާތަކެއް ޙާޞިލެއް ނުވިއެވެ. އެއްކޮޅުން ބައްޕަގެ ބަލި ޙާލަތެވެ. އަނެއް ކޮޅުން ދަރިއަކު ލިބުމުން ޢާއިލާގެ ޚަރަދުތައް ބޮޑުވީއެވެ. އަހަންނަށް ހަދާނެ ގޮތް ހުސްވިއެވެ. އޭގެ ދުވަސްކޮޅެއްފަހުން ގޭގެ އެއްފްލޯގައި ހުރި އެޕާރޓްމަންޓްގެ  އެގްރީމަންޓްގެ މުއްދަތު ހަމަވުމުން އެފްލޯގައި ތިބި މީހުންނަށް ތަން ހުސްކުރުމަށް ބުނެ އެމީހުން ފޮނުވާލުމަށްފަހު އަލުން ބޮޑު އެޑްވާންސްއަކާއެކު ކުލިވެސް ބޮޑުކުރީމެވެ. އެފަހަރު ލިބުނު ލާރިން ބައްޕަ ގޮވައިގެން ފުރަތަމަ ފަހަރަށް އިންޑިއާއަށް ގޮސް ބޭސްކުރަން ފެށުނެވެ. އެހެންނަމަވެސް ބައްޕަގެ ބައްޔަކީ ދިގުމުއްދަތަށް ބޭސްކުރަންޖެހޭ ބައްޔަކަށްވުމުން ފައިސާއިން އަބަދުވެސް އޮންނަނީ ދެކޮޅު ނުޖެހިފައެވެ.

ބައްޕައާއެކު އިންޑިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އަހަރެން މާލެއައީމެވެ. ކޮންމެ ގޮތެއް ހަދާފަވެސް އަނެއްކާވެސް ވަޒީފާއަކަށް ވަންނަން މަސައްކަތް ފެށީމެވެ. އެހެންނަމަވެސް ކިރިއާވެސް ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނަމަ ބޭނުުންވަނީ އޭލެވެލް ފެންވަރުގެ މީހުންނެވެ. މަންމަގެ ބަސްއަހައިގެން އޭލެވެލް ފެންވަރަށްވެސް ކިޔެވުނުނަމަ ހާދަހާ ރަނގަޅުވީހޭ ހިތަށް އެރިއެވެ. އެކަމަކު އަހަރެންނަށް އޭރު ނުވިސްނުނީތާއެވެ. އަހަރެންނާ އެއްއުމުރެއްގެ މީހުން މިހާރު ތިބީ ތަންތަނުގެ ހަރުދަނާ ވަޒިފާތަކުގައިކަމުން އަހަރެން ވަރަށް ދެރަވެއެވެ. ބައެއް ފަހަރަށް އަމިއްލަ ނަފުސް ކުށްވެރިކުރެވެއެވެ. އަދި ބައެއް ފަހަރަށް އަންހެނުންނާއި ދަރިފުޅު ދެކެވެސް ރުޅި އާދެވެން ފެށިއެވެ.

އެއްދުވަހެއްގެ ހަވީރެއްގެ ވަގުތެވެ. އަހަރުމެން ގެއަށް ނިޝްގެ ބޭބެ  ނިޝާމް އައެވެ. ނިޝާމް އަކީވެސް ސްކޫލް ދައުރުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި އަހަރުމެން ޓީމަށް ކުޅުނު އޭރުއްސުރެ ދެކެ ފަރިތަ ރައްޓެއްސެކެވެ. އޭނަ އަކީ ދިރާގު މޯބައިލް ފިހާރައިގައި ކޭޝިއަރެއްގެ ވަޒީފާ އަދާކުރަމުންދާ  މީހެކެވެ. އެދުވަހު ދެކެވުނު ވާހަކަތަކުގެ ތެރޭގައި އެތަނުގެ ބައެއް ވާހަކަތައްވެސް އޭނާ އަހަރެން ގާތު ދެއްކިއެވެ. އެފިހާރަށްއަށް ލައްކައިން ފައިސާ ވަންނަ ކަމަށާއި ފައިސާ ބެލެހެއްޓުމުގައި ހަރުދަނާ އުސޫލުތަކެއްވެސް ނުހުންނަ ކަމާއި އެތަނުގެ ތިޖޫރީ ތަޅުދަނޑިވެސް އޮންނަނީ ފަސޭހައިން ފެންނަ ހިސާބުގައި ކަމާއި އެކަހަލަ އެތައް ވާހަކައެއް ދެއްކިއެވެ. އެހެންނަމަވެސް އެތަނުގެ ބޭރު ދޮރުން ވަދެވެން އަންނަނީ ސެކިއުރިޓީ ކާރޑެއް ބޭނުންކޮށްގެން ކަމާއި އެނޫން އެއްވެސް ސެކިއުރިޓީއެއް ނުހުންނަ ކަމާއި އެތަނުގެ ދޯދިޔާ ވާހަކަތައް ކިޔައިދިނެވެ. އޭނާ އެއްވެސް ޚިޔާލެއް ފިކުރެއްނެތި ދައްކަމުން ދިޔަ އެވާހަކަތަކުގެ ސަބަބުން އެވަގުތުން ފެށިގެން އަހަރެންގެ ސިނޑުޑިއަށް ޝައިތާނާގެ ވަސްވާސް ވަންނަން ފެށިއެވެ. ރައްޓެހިންނާއެކު ކޮފީއަށް ގޮސް އުޅޭ އުޅުމުގައި އެމީހުންގެ ތެރެއިން ބައެއް މީހުން ކޮށްފަ ހުންނަ ކަންތައްތައް ކިޔައިދީފައި ހުރުމުންކަންވެސް ނޭނގެއެވެ. އަހަރެންގެެ ސިނކުޑިތެރޭގައި ނުބައި ރޭވުންތަކެއް ރޭވެން ފެށުނީ އެހިސާބުންނެވެ.
 
އޭގެ ދުވަސްތަކެއް ފަހުން އެއްދުވަހު އަހަރެން ނިޝާމް ކައިރީގައި ބުނެގެން އެތަނުގެ އަންހެން ކުއްޖެއްގެ އޮފީސް ސެކިއުރިޓީ ކާރޑެއް ހޯދީމެވެ. އެކާރޑަކީ މުއްދަތު ހަމަވެފައިވާ ކާރޑެއް ކަމުން މާބޮޑު ކަމަކަށް ނަހަދާ  އޭނާ އަހަންނަށް އެކާރޑް ދީފިއެވެ. އަހަރެން އެކާރޑް ގެންދިޔައީ ރައްޓެއްސެއްގެ އޮފީހުގައި ކާރޑް ބޭނުންކުރަން ފަށާތީ [ސާމްޕަލް] އަކަށް ބަލާލަން ކަމަށް ބުނެއެވެ. ކާރޑް ލިބުމާއެކު އަހަރެން އަވަސް އަވަހަށް ދިޔައީ ސަމީރު ކައިރިއަށެވެ. އެއްދުވަހަކު ދެކެވުނު ވާހަކައެއްގައި އޭނާ ކުރި މޮޅުކަމެއް ކިޔައިދެމުންގޮސް މުއްދަތުހަމަވެފައިވާ ކާރޑެއް ބޭނުންކުރި ވާހަކަ ބުނި ހަނދާން ވެގެންނެވެ. އަހަރެން އޭނާ ލައްވާ އެކާރޑް [އެކްޓިވޭޓް] ކުރުވީ އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އޭނާގެ ފަހުގެ ކާރޑު ގެއްލިގެން އުޅޭ ކަމަށާއި އަދި އެކަން އެނގިއްޖެނަމަ އޮފީހުން ވަރަށް ބޮޑަށް ޖުރިމަނާ ކުރާނެ ކަމަށް ބުނެއެވެ. ކޮންމެއަކަސް އޭނާއަކީ އަހަރުމެންނާއެކު އުޅޭ މީހެއްކަމުން އޭނާ އަހަންނަށް އެކަންތައް ވަރަށް ފަސޭހައިން ކޮށްދީފިއެވެ.

އޭގެ ފަހުން ދެރޭ ވަންދެން އަހަންނަށް އެއްގޮތަކަށްވެސް ނުނިދެއެވެ. އަހަރެންގެ ސިކުނޑިތެރޭގައި ރޭވެމުންދިޔަ ރޭވުންތަކަށް ޢަމަލީ ސިފަ ގެނައުމާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އެކަން އެނގޭކަށް އަހަރެން ބޭނުންނުވާތީ އެމީހުންނަށް އަހަރެން ކުރަން އުޅޭ ކަމެއް ނުބުނެ އެމީހުންގެ ބޭނުން ހިފާނެ ގޮތަކާއިމެދު އަހަރެން ވިސްނީމެވެ.

ޖެހިގެން އައި ރޭ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ސުނީދުއާއި އަދިވެސް ދެތިން ރައްޓެއްސަކަށް ގުޅައިގެން ކޮފީއަކަށް ގޮސް ވަރަށް ދަންވަންދެން ތިބީމެވެ. އަދި އެރޭ ގާތްގަނޑަކަށް ދޭއްޖަންއުޅެނިކޮށް ސުނީދުއާއެކު އޭނާގެ ސައިކަލު ފަހަތުގައި އަހަރެން ގެއަށް އައިސް އޭނާ ކައިރީގަ މަޑުކޮށްދިނުމަށް ބުނެފައި ގެއަށްވަދެ ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސަކާއި އަދި ކަޅު ބޫޓަކަށް އަރާ ބޮލުގައިވެސް ކަޅު [ވިގެއް] އަޅާ އަދި ކަޅުކުލައިގެ ދަބަހެއް ހިފައިގެން ނުކުތީމެވެ. އަހަރެން ހުރި ގޮތް ފެނުމުން ސުނީދު ސުވާލެއް ނުކުރަނީސް އަހަރެން ވާހަކަ ފެށީމެވެ. އަހަރެން މިއުޅެނީ ކަޒިން އަކަށް [ސަޕްރައިސް] އެއް ދޭން ކަމަށާއި އެގެއަށް ގެންގޮސް ދިނުމަށް އެދުނީމެވެ. އަދި ސައިކަލުން ވަކި ހިސާބަކަށް ގޮސް މަޑުކުރުމަށް ބުނީމެވެ. އަދި އެގެ ހުންނަނީ ދިރާގް ޝޮޕްކައިރީގައި ކަމަށާއި އެހެންނަމަވެސް ސައިކަލުގެ އަޑު އިވިއްޖެއްޔާ [ސަޕްރައިޒް] "ފަނިވާނެ" ކަމަށާއި އޭނާ އަމީނިއްޔާ ސްކޫލާ ހިސާބުގައި މަޑުކުރުމަށް ބުނީމެވެ. އަދި އަހަރެން އެހިސާބުން އެކަނި ހިނގާފަ ގޮސް ދިރާގު މޯބައިލް ޝޮޕް ކައިރީގައި ހުރި ގާރޑް ނިދާފަ ހުއްޓާ އޭނާއަށް ގޮވީމެވެ. އަދި ތިހިރީ ނިދާފަ ނޫންހޭ ބުނީމެވެ. އަހަރެން ބޭނުންވީ ގާޑަށް އަހަރެންގެ ސިފަ ފެންނާށެވެ. އަދި ކާރޑް ޖައްސަން ހުރި ތަނުގައި ކާރޑް ޖެއްސުމުން ދޮރު ހުޅުވުމުން އަހަރެން އެތަނަށް ވަނީމެވެ.

އަދި ކުރީ ދުވަހު ނިޝާމް އެތަނުގެ ވާހަކަ ދެއްކިއިރު ބުނިހެން ދިމާލަށް ހުރި ތިޖޫރީ ފެނިއްޖެއެވެ. އަދި ތަޅުދަނޑިހުރީ ތިޖޫރީގައި ޖަހާފައެވެ. އެއްވެސް ވަގުތެއް ހޭދަކުރުމެއް ނެތި އަހަރެން އަތުގައި އޮތް ދަބަސް ފުރެންދެން ލާރި އަޅާ ބަރުކުރީމެވެ. އެތަނުގެ ހުރި ހުރިހާ ފައިސާއެކެވެ. އަދި އަހަރެން ދޮރުން ބޭރަށް ނުކުމެ ހިނގަމުން ހިނގަމުން ގޮސް ޗާންދަނީ މަގާ ހަމައަށް ގޮސް ސުނީދުއަށް ގުޅީމެވެ. އޭނާ އައުމުން އޭނާއާއެކު ސައިކަލުގައި އަހަރެން ގޮސް ގެއަށް ވަނީމެވެ. އޭރު ގަޑިން ތިނެއް ޖެހިނަމަވެސް ދަބަސް ގެއަށް ވެއްދުމަށްފަހު އަނެއްކާވެސް އަހަންނާއި ސުނީދު އާއި އަދިވެސް އިތުރު ރައްޓެހިންތަކެއް ދިޔައީ ކޮފީއަކަށެވެ. މިފަހަރު އައި. ޖީ. އެމް.އެޗްގެ ކެންޓީނަށެވެ. އަހަރެން އެގޮތަށް ކަންތައް ކުރީވެސް އެއްްވެސް މީހަކަށް އަހަރެންގެ މައްޗަށް ޝައްކުނުވާނޭ ހެންނެވެ.

އެންމެ ފަހުން ގާތްގަނޑަކަށް ފަހެއް ޖަހަން ކައިރިވެފައިވަނިކޮށް ގެއަށް ވަދެ ދަބަހުގައި ހުރި ލާރިތައް ގުނަން ފެށީމެވެ. އޭގައި ގާތްގަނޑަކަށް ދިހަ ލައްކައެއްހާ ރުފިޔާ ހުއްޓެވެ. އެލާރިތައް އެއްވެސް މީހަކަށް ނުފެންނާނެހެން ފޮއްޓަކަށް ލައި ފޮށީގެ ބޭރުން ތަޅު އެޅުވީމެވެ. އެއަށްފަހު އަހަރެން އެނދުގައި ޖައްސާލި ނަމަވެސް އަހަންނަށް އެއްގޮތަކަށްވެސް ނުނިދުނެވެ. އެއްވެސް މީހަކަށް ނޭނގި އެހާ ބޮޑުކަމެއް އަހަންނަށް ކުރެވުނު ކަމަށްޓަކައި އަހަރެން ހައިރާންވިއެވެ. އަހަރެންގެ ރައްޓެހިންނާއި އަދި ޚުދު އަހަރެންގެ އަމިއްލަ ނަފްސަށްވެސް ސިއްރުން އެފަދަ ބޮޑުކަމެއް ކުރެވުނުކަން އަހަންނަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އަހަންނަށް ނުނިދުމުން އެދުނގެ އެއްފަރާތުގައި އޮތް އަހަރެންގެ ދަރިފުޅާއި އަންހެނުންނާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު އެމަޢުސޫމް ދެމައިންގެ މޫނަށް ބަލާފަ އަހަރެންނަކީ ކުށްވެރިއެކޭ ހިތަށް އެރިއެވެ. އަހަރެންގެ ލޯމެރޭތޯ މަސައްކަތްކުރީމެވެ. އެހެނަސް  ދުނިޔޭގެ އަރާމު ނިދިން މަހްރޫމުވި ކަހަލައެވެ. އެންމެ ފަހުން އެގޮތުގައި އެތަށް އިރެއްވީފަހުން އަހަންނަށް ނިދުނެވެ.

އަނެއް ދުވަހު ހޭލެވުނީ މެންދުރު ދޭއް ޖަހަން އުޅެނިކޮށެވެ. އަންހެނުންވެސް މިހާރަކަށް އައިސް އަހަރެން ނިދާފަ އޮތަަސް އަޅައެއް ނުލައެވެ. އަހަންނަށް ގޮވިއަސް ނުހޭލާތީކަމަށްވެސް ވެދާނެއެވެ. އެހެންނޫނަސް އެދެމައިންނާ އަޅައިނުލާތީ ދެމީހުން ކުރި ޒުވާބަށްފަހު ނިޝް އަދިވެސް އަހަންނާ އަނގައިންނެއް ނުބުނެއެވެ. އެރޭ އަހަރެން ނިޝް ގޮވައިގެން ބޭރަށް ކާން ދިޔައީމެވެ. އަދި އަހަރެން ނިޝް ކައިރިން މަޢާފަށް އެދުނީމެވެ. އެދެމައިންނާ އަޅާލާން ބޭނުންކަމަށާއި ރަނގަޅު ހަރުދަނާ މީހަކަށް ވާން ބޭނުންކަމަށާއި އެކަމުގައި ނިޝްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނީމެވެ. އެރޭ ނިޝްވެސް ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ. އަހަންނަށް އެހާ ބޮޑު ބަދަލެއް އައީތީ އުފާކުރިއެވެ. އެހެންނަމަވެސް އަހަންނަކީ ކިހާބޮޑު ކުށްވެރިއެއްކަން އޭރު ނިޝްއަކަށް ނޭނގެއެވެ.

ކޮންމެއަކަސް ޖެހިގެން އައިދުވަހު އިންޑިޔާގައި ހުރި މަންމައަށް ފޯނުކޮށް ބައްޕަގެ ހާލުބެލީމެވެ. އަދި ލާރި ހިފައިގެން އިންޑިޔާއަށް ފުރީމެވެ. އަދި ބާކީ ހުރިލާރިތައް ހުރި ފޮށި ނިޝްއާ ހަވާލުކުރުމަށްފަހު އޭގައި އަހަރުމެންގެ ގޭގެ މުހިއްމު ލިޔުންތަކެއް ހުންނާނެ ކަމަށާއި އެފޮށި ރައްކާތެރިކަމާއެކު ބަލަހައްޓައިދިނުމަށް އެދުނީމެވެ.

އަހަރެންގެ އަތުގައި ހުރި ލާރިތައް ހިފައިގެން އިންޑިޔާއަށް ގޮސް ބައްޕަގެ ބޭސްފަރުވާގެ ހުރިހާ ކަންތަކެއް ހަމަޖެއްސީމެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތު ބައްޕަ ނިޔާވީއެވެ. ބަރަކާތެއް ނެތް ޙަލާލުނޫސް ފައިސާތަކަކުން ބޭސްކުރީމަ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް އިންޑިޔާގައި މަހެއްހާ ދުވަސް ހޭދަކުރުމަށްފަހު އަހަރެން ރަށަށް އައީމެވެ. އެތަނުގައި ހުރިނަމަވެސް ރާއްޖޭގެ ޚަބަރުތައް ޓީވީން އަހަރެން ބެލީމެވެ. ދިރާގް މޯބައިލް ޝޮޕްގައި ހިނގި ވައްކަން ވެސް ޚަބަރުގެ ފަލަ ސުރުޚީއަށް އެރިއެވެ. ފުލުހުންގެ ތަހްޤީޤް ކުރިއަށްދާ ވާހަކައާއި އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ވާހަކައެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ހައްޔަރުކުރާނީވެސް ކިހިނެތްބާއެވެ! އެކަން ކުރީ އަހަންނެވެ.  ސިއްރުސިއްރުންނެވެ. ޚުދު އަހަރެންގެ އަމިއްލަ ނަފްސަށް ވެސް ސިއްރުންނެވެ.  އެކަމަކު އަހަރެންގެ ހިތް އަބަދުވެސް ތެޅެއެވެ. ބިރުގަނެއެވެ. އަހަންނަށް ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން އިހްސާސްކުރެވޭ ކޮންމެ ފަހަރަކު ﷲގެ ޙަޟްރަތަށް ބިރުވެތިވާ ހާލު ފާފަ ފުއްސެވުން އެދި ދުޢާ ދަންނަވަމެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ.

އަހަރެން މާލެއައީ މުޅިން އާދިރިއުޅުމެއް އުޅެން ނިންމައިގެންނެވެ. މަންމައާއި ބައްޕަ ބޭނުންވި ކަހަލަ ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ދިރިއުޅުން ވެއަތުކުރުމަށް އުންމީދުކޮށްގެންނެވެ. އެހެނަސް އަހަރެން މާލެއައިތަނުން އެނގުނީ ފުލުހުން އަހަންނަށް ފާރަލަމުންދާކަމެވެ. އެމައްސަލަ ހަލުވިކަމާއެކު ތަހްޤީޤްކުރަމުން ދާކަމެވެ. ފުލުހުންގެ ޒަމާނީ ޓެކްނޮލޮޖީއާއި ފޮރެންސިކް ހެކީގެ ކުރިމަތީގައި އަހަރެން އިސްޖެހުނެވެ. ކިތަންމެ ސިއްރުން ކުރިނަމަވެސް އެކަން އޮތީ ފަޅައިއަރައިފައެވެ. އަހަރެންގެ އަތްފައިގައި ކަސްތޮޅު އެޅުނެވެ. މުޅިދުނިޔެއަށް ބަދުނާމުވެއްޖެއެވެ. އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އަހަރެން ތަހްޤީޤަށް އެއްބާރުލުންދިނީމެވެ. އަދި އަހަރެން އެކަންތައް ކުރި ގޮތް ކިޔައިދީ އަތުގައި ބޭނުންނުކޮށް ހުރި ފައިސާތައް ޙަވާލުކުރީމެވެ. އަދި މުޅިދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށް ޤަބޫލުކޮށް އެކުށަށް ތަޢުބާވެ ފާފަފުއްސެވުމަށް ދުޢާކުރީމެވެ. އަހަރެން ފުލުސް އޮފީހުގައި ބަންދުކުރިފަހުން އެއްދުވަހު ނިޝް އަހަންނާ ބައްދަލަށް އައެވެ. އަދި އޭނާއަށް ދެން އަހަންނާއެކު ނޫޅެވޭނެ ކަމަށާއި އޭނާ މިނިވަންކޮށްދިނުމަށް އެދުނެވެ. އެދުވަހު އޭނާ ވާހަކަދައްކަމުން ދިޔައީ ގިސްލަމުންނެވެ. އަދި އެދުވަހު ނިޝްގެ ފަރާތުން އަހަންނަށް އެނގުނީ ނިޝާމްވެސް ވަޒީފާއިން ވަކިކުރިކަމެވެ. އޭނާގެ އެއްވެސް ކުށެއްނެތިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަންނަކީ ކިހާ ބޭކާރު މީހެއްހެއްޔެވެ؟ އަހަރެންގެ އަންހެނުން  އުންމީދުކުރި ފަދަ ފިރިއަކަށް އަހަންނަށް ނުވެވުނެވެ. އަދި އަހަރެންގެ މަންމަ އުންމީދުކުރި ފަދަ ދަރިއަކަށްވެސް އަހަންނަށް ނުވެވުނެވެ. އަހަރެންގެ ސަބަބުން ކުށެއްނެތް މަޢުސޫމް އެތައް ބަޔަކަށް ވޭނާއި ހިތްދަތިކަން އިހްސާސްކުރަން ޖެހިއެއްޖެއެވެ. މިއަދު މުޅި ދުނިޔެވެސް އަހަންނަށް މަލާމަތްކުރަނީއެވެ.

އެކަމަކު މިއަދު ހިތަށް އެބައަރައެވެ. އަދި އެއްފަހަރު ދުނިޔެއަށް އަންނާނެ ނަމަ ހާދަހާ ރަނގަޅުވީހެވެ. އޭރުން އަހަރެން ރަނގަޅުމީހެއްގެ ގޮތުގައި ދިރިއުޅޭނަމަވެ. އަހަރެންނާމެދު މީހުން ފަޚްރުވެރިވާ ފަދަ މީހަކަށް ވާނަމެވެ. މަންމައާއި ބައްޕަގެ ނަސޭހަތަކީ ކިހާ މުހިއްމު އެއްޗެއްކަން މިއަދު ވިސްނިއްޖެއެވެ. ރަނގަޅު ރައްޓެހިން އިޚްތިޔާރުކުރުމާއި ހެޔޮލަފާ މީސްމީހުންނާއި ގުޅިގެން އުޅުމުގެ މުހިންމުކަމެވެ. ކިޔެވުމުގެ މުހިންމުކަމާއި ޒިންމާދާރު ވުމުގެ މުހިންމުކަމެވެ. ދަތި އުނދަގޫތަކަށް ކެތްތެރިވުމާއި، އަދި ކުށަށް އަރައިގަތުމުގެ ހިތިކަމެވެ.
 
ފުންޚިޔާލެއްގެ ތެރެއިން ދުނިޔެއަށް ހޭލެވުމާއެކު ކުރިމަތީގައި ހުރި ތައްޓަށް ބަލައިލެވުނެވެ. އޭގައި ހުރީ ރޮއްޓާއި މުގު ރިހައެވެ. [އަދިވެސް ނުކަނީތަ؟]  އެހެން ގޮޅިތަކުން މީހުން ކައިފައި ހުރި ތަށިތައް ހިފައިގެން އައި މީހަކު ސުވާލުކުރިއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި ކާން ފެށީމެވެ. އަހަރެން ހިތާހިތުން ބުނީމެވެ. އިރާދަކުރެއްވިއްޔާ މިދުވަސްތައް އަހަރެން ކެތްތެރިކަމާއެކު ވެއަތުކުރާނަމެވެ. އަދި ކޮންމެވެސް ދުވަހަކުން އުފާވެރި ދިރިއުޅުމެއް ވެސް އުޅޭނަމެވެ. މާތްﷲ އަހަރެންނަށް ހެޔޮ ތަޢުފީޤް ދެއްވާށިއެވެ.
-----------
(ނިމުނީ)

ނޯޓް: މިވާހަކައަކީ ހިނގައިފައިވާ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އާތިފާ ހަސަންގެ އެހީތެރިކަމާއެކު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

މި ލިޔުން
    ފޮނުވުން:              އަލްފާޟިލް އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ
    އަލުން ބެލުމާއި ޝާއިޢުކުރުުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ