އަދުގެ ޚާއްސަ

Print

އިޤްތިޞާދީ ނަހަމަކަމާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ހ. ޒަކާތްދިނުން.


އިސްލާމްދީނުގައި ޒަކާތުގެ ދެބާވަތެއް ވަނީ ތަޢާރުފުކުރައްވައިފައެވެ. އެއްބާވަތަކީ ފިޠުރު ޒަކާތެވެ. އަނެއް ބާވަތަކީ މުދަލުގެ ޒަކާތެވެ. ޒަކާތަކީ އިސްލާމްދީނުގެ އިޤްތިޞާދީ އިޙްސާންތެރިކަމުގެ އިދާރާގެ މައިތަނބެވެ. އިޖްތިމާޢީ އިޤްތިޞާދީ ގޮންޖެހުންތައް ކަމުގައި ހިމެނޭ ވަޒީފާ ނެތުމާއި، ފަޤީރުކަމާއި، އަސާސީ ބޭނުންތައް ނުފުދުމުގެ މަސްއަލައިގެ ޙައްލެވެ.

މުސްލިމުން ކުރެ އެމީހެއްގެ ރައުސުމާލުގައި ނިޞާބު ހަމަވާ ކޮންމެ މީހަކު އަހަރަކު ވަކި މިންވަރެއް ޒަކާތަށް ނެރެން ޖެހެއެވެ. (މި މަޒުމޫނަކީ ޒަކާތް ވާޖިބުވާ ތަކެއްޗާއި އޭގެ ނިޞާބުތަކާއި އެނޫންވެސް ފިޤުހީ މަސްއަލަތަކާމެދު ވާހަކަދައްކާ މަޒުމޫނެއް ނޫނެވެ. ހަމައެކަނި ޒަކާތުގެ ނިޒާމާމެދު އިޝާރާތްކުރާ މަޒުމޫނެކެވެ. ޒަކާތުގެ ބޭނުންތެރިކަމާ ބެހޭގޮތުން ސުރުޚީއެއް އަޅައިލާ މަޒުމޫނެކެވެ.)

އިސްލާމްދީން ކަނޑައަޅައިފައިވާ ގޮތުގައި މުދާވެރި މުސްލިމުންގެ މުދަލުގައި ނިކަމެތީންނާއި ފަޤީރުންގެ ޙައްޤެއް ވެއެވެ.

(( وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ ))

"އަދި ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް އެއުރެންގެ މުދަލުގައި ޙައްޤެއް ވެއެވެ." (އައްޛާރިޔާތު: 19)

ޒަކާތަކީ އިސްލާމްދީނުގެ ތަނބުތަކުގެ ތެރެއިން އެއް ތަނބެވެ. އެހެންކަމުން ޒަކާތްދިނުމުން މަނާވެގަންނަ މީހުނާމެދު އިސްލާމީ ދައުލަތަށް ބާރުގެ ބޭނުންވެސް ކުރެވިދާނެއެވެ. އިސްލާމްދީނުގެ ނަބިއްޔާއާއި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިން ވަނީ ޒަކާތްދިނުމުން މަނާވެގަންނަ މީހުނާ ހަނގުރާމަކުރައްވައިފައެވެ. މި ނިޒާމަކީ ހައިހޫނުކަމާއި، ބަނޑަށް މަރުވުމާއި، މިނޫންވެސް އިޤްތިޞާދީ އެތައް ބަލިމަޑުކަމެއްގެ ފަރުވާއެކެވެ. ޒަކާތުގެ ބެހެނިވެރީންގެ ގިންތިތަކަށް ވިސްނައިލުމުން އެކަން ރަނގަޅަށް އެނގެއެވެ. އިސްލާމީ ޤައުމުތަކުގައި ދިރިއުޅޭ މުއްސަނދި ޣައިރުމުސްލިމުން ޒަކާތްދިނުން ވާޖިބެއް ނޫނެވެ. ނަމަވެސް ނިކަމެތި ފަޤީރު ޣައިރުމުސްލިމުންނަށް، ޒަކާތް ބެހެވޭއިރު އެއިން ބައި ހޯދިދާނެއެވެ. މިއީވެސް އިސްލާމްދީނުގައިވާ އިންސާނީ ހަމްދަރުދީއާއި އޯގާވެރިކަމުގެ ރަންކުލަގަދަ މިސާލެކެވެ.

ޒަކާތަކީ މުދާ އެއްފަރާތެއްގައި ހުއްޓިހުރުމުގެ ގެއްލުމުގެވެސް ޙައްލެކެވެ. މުދާ ރޯލުކުރުމަށް އެޅޭ ބާރެކެވެ. ޒަކާތް އަމިއްލަ އުފެއްދުންތެރިކަން ނުހުންނަ މީހުންގެ ކިބައިގައިވެސް މުދާގަތުމުގެ ބާރު އުފައްދައިދެއެވެ. ޒަކާތުގެ މަޠުލަބަކީ ހަމައެކަނި ހޭދަކުރާ ބަޔަކު އުފެއްދުމެއްވެސް ނޫނެވެ. ބަޔަކު އަމިއްލަފައިމައްޗަށް ތެދުކޮށް އިޤްތިޞާދީގޮތުންވެސް ވަރުގަދަކުރުވުމެވެ. ހަމައެކަނި ޒަކާތް ލިބިގަންނަ ބައެއްގެ ގޮތުގައި ނުތިބެ ޒަކާތް ދޭ ބަޔަކަށްވެސް ވުމެވެ. އެހެންކަމުން ޒަކާތަކީ އިޤްތިޞާދީ މުޅި ނިޒާމު ހަލުއިކޮށް ޙަރަކާތްތެރިކުރުވުމުގެ ވަސީލަތެއްވެސް މެއެވެ.

ށ. ވާރުތަމުދާ އަވަހަށް ބެހުން


މިޒަމާނުގެ އިޤްތިޞާދީ ގޮންޖެހުންތަކުގެ މައިކްރޯމަޢީޝީ އެއް ޙައްލަކީ ވާރުތަމުދާ އިންސާފުވެރިކަމާއެކު އަވަހަށް ބަހައިލެވުމެވެ. އިސްލާމްދީން ވަނީ އޭގެކުރީން ވާރުތަމުދަލުން ބައިނުލިބޭ އެތައް ބަޔަކަށް އިންސާފުވެރިކަމާއެކު ބައިލިބޭގޮތް ހަމަޖައްސައިދީފައެވެ. ވާރުތަމުދާ އަވަހަށް ބެހުމަށް އަމުރުކޮށްފައެވެ. މިއީ އެތައްބަޔަކު އިސްލާމީ ނިޒާމަށް ޝުކުރުވެރިވާން ޖެހޭނެ ކަމެކެވެ.

ރާއްޖޭގައި ޢާއްމުކޮށް ނުހިނގާ ކަމެއް ކަމުގައި ވިޔަސް އިސްލާމީ އުއްމަތުގެ ބައެއް މުޖްތަމަޢުތަކުގައި ވާރުތަމުދާ ބެހުން ލަސްވުމަކީ ތަފާތު މަސްއަލަތައް އުފެދޭ ކަމެކެވެ. ޢާއިލާގައި ތިބޭ ތަންކޮޅެއް "ސްމާޓު" ދަހިވެތި މީހުން މުޅި މުދާކޮޅު ބޭނުންކޮށްލުން ފަދަ ކަންކަމެވެ. ތަރިކައިގެ ޙައްޤުވެރީންކުރެ ބައެއް މީހުން ތަރިކައިން ބައި ލިބުމުން މަޙްރޫމުވުމެވެ.

ނ. ޚައިރާތުގެ ކަންކަމަށް މުދާ ވަގުފުކުރުން


އިސްލާމީ ތާރީޚު ރަންކުލައިގެ ޞަފުޙާތަކުން ފެންނަގޮތުގައި އިސްލާމްދީނުގެ ނަބިއްޔާ ޤާއިމުކުރައްވައިފައިވާ ވަޤުފުގެ ނިޒާމަކީވެސް މަޙްރޫމުވެފައިވާ ފަންތިއަކަށް ނުހަނު ބޭނުންތެރި އިޙްސާންތެރިކަމުގެ ވަސީލަތެކެވެ. މުސްލިމުންގެ ތެރެއިން ހެޔޮކަމުގެ އަހުލުވެރީން ވަނީ އެބައިމީހުންގެ ނުހަނު މުއްސަނދި ބިންބިމާއި، ދަނޑުފަނގާއި ބަގީޗާތަކާއި ހިނގަހިނގައި ހުންނަ ވިޔަފާރިތައް ހެޔޮކަންކަމަށް ވަގުފުކޮށްފައެވެ. ހަމައެކަނި އިންޑިޔާއަށް ނަޒަރުހިންގާ އިރުވެސް ތިރީހަކަށް މިލިއަން އެމެރިކާ ޑޮލަރުގެ ވަގުފު މުދާ އެބަހުއްޓެވެ. ވަގުފުތަކުގެ އެހީގައި އިސްލާމީ އުއްމަތުގައި ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ޔުނިވަރސިޓީތައް ހިނގަމުން އައިސްފައި ވެއެވެ. އެތަންތާނގެ ފައިދާ ވަނީ މުސްލިމުންނާއި ޣައިރުމުސްލިމުންވެސް ލިބިގެންފައެވެ. އިސްލާމީ އުއްމަތުގެ ބައެއް އެހެނިހެން ދާއިރާތަކެކޭ އެއްގޮތަށް ވަގުފުތައް ހިންގުމާއި ބެލެހެއްޓުމުގެ ކަންތައްތައްވެސް މިއަދުވަނީ ޤާބިލު އަތްތަކަކުން އަލުން އިންތިޒާމުކުރާން ޖެހިފައެވެ.

އާދެ، މަތީގައި އެވަނީ ފަޤީރުކަން ނައްތައިލުމާއި، އެންމެންގެ އަސާސީ ބޭނުންތައް ފުއްދުމަށް އިސްލާމްދީނުގެ ނަބިއްޔާ ޤާއިމުކުރެއްވި އިޙްސާންތެރިކަމުގެ ނިޒާމުގެ މައިގަނޑު ބައެއް ދާއިރާތަކެވެ.

އިންސާނީ ޙަޔާތަށް ބޭނުންވާ ވަސީލަތްތަކާ ބެހޭގޮތުން މިޒަމާނުގެ އިޤްތިޞާދިއްޔަތުގެ އުޞޫލުތަކާއި ކަންހިނގާމަގު އިސްލާމީ އުޞޫލުތަކާ ވަޑިފަތިވެއެވެ. އިންސާނުންގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމުގެ އެއް ސަބަބަކީ މިޒަމާނުގެ އިޤްތިޞާދުގެ ކުށް ތަޞައްވުރެވެ. މިޒަމާނުގެ އިޤްތިޞާދުގެ މޭސްތިރިން ބުނާގޮތުގައި މައިގަނޑުގޮތެއްގައި ބިންމަތީގައި ވަނީ އިޤްތިޞާދުގެ ދާދި މަދު ވަސީލަތްތަކެކެވެ. އެހެންކަމުން އެވަސީލަތްތައް ލިބުނު ގޮތަކުން އަތުލައިގަތުމަށް ވާދަކުރާން ޖެހެއެވެ. އެވާދަކުރުން ބިނާވެފައިވަނީ ފުރަޞަތާއި ޤާބިލިއްޔަތު (Efficiencies) ގެ މައްޗަށެވެ. މިފިކުރުގެ ސަބަބުން ފަރުދުންނާއި، އިދާރާތަކަށް ޤުދްރަތީ ވަސީލަތްތައް ލިބުނުގޮތަކަށް ހޯދައިގަތުމުގެ ދޮރު ހުޅުވެއެވެ. މިކަމާބެހޭގޮތުން މިޒަމާނުގެ އިޤްތިޞާދީ މާހިރަކު ދަނޑުވެރިކަމުގެ މައުޟޫޢުގައި ޚިޔާލުފާޅުކުރަމުން ބުނެފައިވާ މަޝްހޫރު ޖުމުލައެއް ވެއެވެ. "ވަސީލަތްތައް މަދުވެފައިވަނީ ފިޠުރަތުގެ ބަޚީލުކަމުގެ ސަބަބުންނެވެ" (Scarcity is the result of nature’s niggardliness) (ނަޢޫޛު ބިﷲ)

މިވާހަކަޔަށް އިސްލާމްދީނުގައިވާ ޖަވާބަކީ ކާއިނާތުގެ ޚާލިޤު ވަނީ އިންސާނުންގެ ބޭނުންތަކަށް ގިނަ ޢަދަދެއްގެ (optimally) ވަސީލަތްތަކެއް ތަނަވަސްކޮށްދެއްވައިފައެވެ. ވަސީލަތްތައް ލިބިދެއްވުމުގެ ސިލްސިލާ މެދުކެނޑުމެއްނެތި ދަނީ ކުރިޔަށެވެ. ވަސީލަތްތައް މަދުކަމުގެ އިޙްސާސަކީ އިންސާނުންގެ ޖުމުލަ ދަހިވެތިކަމާއި ނުކުޅެދުންތެރިކަމާއި (greed and inefficiency) ވަސީލަތްތައް ބޭނުންކުރުމުގައި ގެންގުޅޭ ޙިކުމަތްތެރިކަމެއް ނެތް ޙަރަކާތްތަކުގެ ނަތީޖާއެވެ.

ގެއްލުމެއް ލިބިނުގަންނާށެވެ. ގެއްލުމެއް ނުދޭށެވެ.


ދިރިއުޅުމުގެ ވަސީލަތްތައް ލިބިގަތުމާއި، އެކަމާގުޅޭ ހުރިހާ އުފެއްދުންތެރި މަސައްކަތްތަކުގައި (އުފެއްދުންތެރިކަމާއި، ބަދަލުކުރުމާއި، ބަހައިލުމާއި، ހޭދަކުރުން) (production, exchange, distribution & consumption) ތިމާގެ ޤާބިލިއްޔަތު ބޭނުންކުރުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެކެވެ. އެމީހެއްގެ މަސްއަލަތައް ޙައްލުކުރުމަށެވެ. އެމީހެއްގެ ޙާލަތު ރަނގަޅުކުރުމަށެވެ. އެމީހަކަށް ލާބައާއި މަންފާ ހޯދުމަށެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިކަމުގައި ވަރަށް ފުރިހަމަ އުޞޫލެއް ކަނޑައަޅުއްވައިފައެވެ. އެކަލޭގެފާނުގެ ވަރަށް މަޝްހޫރު ޙަދީޘުފުޅެއްގައި ވަނީ އެ އުޞޫލު ބަޔާންކުރައްވައިފައެވެ. އެ ޙަދީޘުފުޅުގައި ވަނީ "ގެއްލުމެއް ނުއުފުލާށެވެ. ގެއްލުމެއް ނުދޭށެވެ." މިފަދައިންނެވެ.

ޝައްކެއްނެތެވެ. ކަލާއަށް އެއްވެސް ގެއްލުމެއް ނުލިބުމަކީ ކަލާގެ ޙައްޤެކެވެ. ހަމައެފަދައިން އޭނާއަށްވެސް އެއްވެސް ގެއްލުމެއް ނުލިބުމަކީ އޭނާގެވެސް ޙައްޤެކެވެ. ތިމާގެ ފައިދާއަށްޓަކައި ގަދައަޅައި މަސައްކަތްކުރާން ވީއެވެ. ތިމާޔަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމުގެ ހުރިހާ ތަދުބީރެއް ޚިޔާރުކުރާންވީއެވެ. އެކަމަކު އަނެކަކަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބޭފަދަ ކަމެއް ކޮށްގެނެއް ނުވާނެއެވެ. މިގޮތުން ފަރުދުންވެސް، ފަރުދުން ބައިވެރިވާ ޤައުމުތަކުންވެސް، މި ދެފަރާތުގެ ޙައްޤު (reciprocal) ގެ އުޞޫލަށް ޢަމަލުކުރާންވީއެވެ. ދުނިޔެއިން މި ފެންނަހައި ހުއްދަނޫން ފައިދާ ލިބިގަތުމަކާއި، އަނިޔާތަކަކާއި، ވަޙްޝީކަމެއްގެ ސަބަބަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވައިފައިވާ މި އިރްޝާދު ބޮލާލައިޖެހުމުގެ ނަތީޖާއެވެ.
----------------
  (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ