އަދުގެ ޚާއްސަ

Print

ކުޑަކުދިންނަށް ގޯނާކުރުން ހުއްޓާލާން ޖެހޭނެ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ހާދިސާއެއް

 

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

''އަޅުގަނޑަކީ ޢުމުރުން އެންމެ 07 އަހަރުގެ ފިރިހެން ކުއްޖަކީމެވެ. އަޅުގަނޑު ވަރަށް ކުޑައިރު އަޅުގަނޑުގެ ބައްޕަ އަޅުގަނޑުމެން ދޫކޮށް ދޮންމަންމަ އަކާއެކު ދިރިއުޅުން ވަނީ އިންޑިޔާއަށް ބަދަލުކޮށްފައެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެންފެށިގެން އަޅުގަނޑާއި އަޅުގަނޑުގެ އަންހެން ކޮއްކޮގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދަނީ އަޅުގަނޑުގެ މަންމަ އެވެ. މަންމަ ނިދަން އޮންނަނީ އަބަދުވެސް އަޅުގަނޑުގެ ކައިރީގައެވެ. ނަމަވެސް އަޅުގަނޑުގެ ޢުމުރުން 6 އަހަރުން ފެށިގެން އަޅުގަނޑުގެ މަންމަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. ރޭގަނޑު އަޅުގަނޑު ނިދާފައި އޮންނައިރު އަޅުގަނޑަށް ހޭލެވެނީ މަންމަ އަޅުގަނޑާއިމެދު ބަދުއަޙްލާޤީ ޢަމަލު ހިންގަން ފެށުމުންނެވެ. އަދި އަޅުގަނޑަށް ހޭލެވި، އެކަމާ ދެކޮޅު ހެދުމުން ގަދަކަމުން މަންމަ އަޅުގަނޑާއިމެދު ބަދުއަޙްލާޤީ ޢަމަލު ހިންގަމުން ގޮސްފައިވެއެވެ. މަންމަގެ މިފަދަ ފިނޑި ޢަމަލެއް ހިންގަފާނެކަމަކަށް މީގެކުރިން ދުވަހަކުވެސް އަޅުގަނޑުގެ ހިތަކަށް އަރާފައެއް ނުވެއެވެ.

މިވާހަކަތައް އަޅުގަނޑު ކިޔައިދޭނީ ވަކި ކާކަށްތޯއެވެ. މިއީ އަޅުގަނޑު އެންމެ ތުއްތު އިރުއްސުރެންފެށިގެން އަޅުގަނޑު ބަލަހައްޓަމުންދާ އަޅުގަނޑުގެ މަންމައެވެ. މަންމަ އަޅުގަނޑުމެން ބަލަހައްޓަމުން ދަނީ އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތިއެވެ. އަނެއްކާ މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ އަޅުގަނޑު މަރާލާނެކަމަށްބުނެ މަންމަ ވަނީ އަޅުގަނޑަށް މަރުގެ އިންޒާރުވެސް ދީފައެވެ. އެހެންކަމުން މަންމަ އަޅުގަނޑާމެދު ގަދަކަމުން ބަދުއަހްލާޤީ ޢަމަލު ހިންގާ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނާކަށް އަޅުގަނޑަކަށް ނުކެރެއެވެ. އަދި މިވާހަކަތައް މީހަކު ޤަބޫލު ނުކޮށްފާނެތީ މަންމަދެކެ ގަންނަ ބިރަކުން ބުނާކަށްެވެސް ނުކެރެއެވެ. ނަމަވެސް މަންމަ އަޅުގަނޑާއިމެދު މި ހަޑި މުޑުދާރު ޢަމަލު ހިންގުން ހައްދުފަހަނަ އަޅާދިޔައެވެ. އެހެން މީހުންނަށްވެސް އަޑުއިވޭ ހިސާބުގައިވެސް އަޅުގަނޑުގެ ކައިރީ މިފަދަ އަމަލުތައް ކުރަން އަންނާށޭ ބުނެއެވެ. އަދި އަޅުގަނޑު ނުދާން ގަދަހެދުމުން މަންމަ އަޅުގަނޑު ގަދަކަމުންވެސް ގެންދެއެވެ.

މަންމަ އަޅުގަނޑާއިމެދު ބަދުއަހްލާޤީ ޢަމަލު ހިންގާ ހަމައެކަނި ޖިންސީ އަނިޔާ ދެނީއެއް ނޫނެވެ.  އަޅުގަނޑުގެ މިނިކަމެތި ޢުމުރުން އެންމެ 6 އަހަރުގެ ޅަ ހަށިގަނޑަށް އެކިވަރުގެ އަނިޔާކޮށް މީހުންގެ ތެރޭގައި ލަދުވެސް ގަންނުވައެވެ. މަންމަ ބުނާކަމެއް ނުކޮށްފިނަމަ އަޅުގަނޑުގެގައި ގައި ތަޅާ އަނިޔާކޮށްވެސް ހަދަމުން ގެންދެއެވެ. އެގޮތުން އެއްދުވަހަކު މަންމަ އަޅުގަނޑުގެ ބޮލުގައި އެއްޗަކުން ޖެހުމުން އަޅުގަނޑުގެ ހެއަށްވެސް ގޮތްވިއެވެ. އަދި ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެހެންނަމަވެސް މަންމަ އަޅުގަނޑަށް އެއްވެސް ފަރުވާއެއްވެސް ނުދެއެވެ. އެކަމާ އަޅާވެސް ނުލައެވެ. އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑު ފަދަ އެހެން ކުދިންގެ މައިންބަފައިންވެސް އެކުދިންނާމެދު ޢަމަލުކުރަމުންދަނީ ހަމަ މިގޮތަށް ބާވައެވެ. ހަމަ މިހާ މިއަނިޔާވެރިބާވައެވެ. މިފަދަ އަނިޔާވެރިކަމާއެކު މައިން ބަފައިންގެ ކައިރީ އުޅުމަށް ދުނިޔެ އަށް އައީތީވެސް އެކަމާ އަޅުގަނޑު މިއަދު ހިތާމަކުރަމެވެ. އަދި މިފަދަ އަނިޔާވެރި މައިން ތިޔައިން އެއްވެސް ކުއްޖަކަށް ލިބުމަކަށް އަޅުގަނޑު ނޭދެމެވެ. ދެން މިއަދު އަޅުގަނޑު މިކަމުން ސަލާމަތްވާނީ ކިހިނަކުންބާވައެވެ. ނުވަތަ މި ރަހުމްކުޑަ އަނިޔާ ތަކުން ސަލާމަތްވުމަށް އަޅުގަނޑު އަޅުގަނޑު އަމަލުކުރާނީ މިއަދު ކިހިނަކުންތޯއެވެ؟...

މައިން ބަފައިންގެ ފަރާތުން މިފަދަ ޖިންސީ އަނިޔާތައް ލިބެމުންދާ ކުދިންނަށް މިފަދަ ޢަމަލުކުރާ މައިން ބަފައިންނާ ދޭތެރޭ ޢަމަލުކުރަން ޖެހޭގޮތާއި ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ މައިން ބަފައިންގެ ޙައިޘިއްޔަތުން ކުރަން ޖެހިއްޖެ ކަމެއް ފިޔަވައި އެހެން ކަންތައް ތަކުން ދުރުވެ އެއްކިބާ ވުމަށެވެ. އެމީހުންގެ އެބާވަތުގެ އެންމެހާ ޢަމަލުތަކަށް އިންކާރު ކުރެވެން އޮތްގޮތަކަށް އިންކާރު ކުރުމަށެވެ.

ކަންމިހެން ހުރިނަމަވެސް އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުއަށް ނަޒަރު ހިންގާލާއިރު ބައްޕަ ނުވަތަ މަންމަގެ ފަރާތުން އެމީހުންގެ އުފަން ދަރިންނަށް ކުރާ މިފަދަ ނޭދެވޭ ޖިންސީ ހާނިކަތައް މިހާރަކަށް އައިސް މިދަނީ އިތުރު ވަމުންނެވެ. ނަމަވެސް މިފަދަ މަންމަ އެއްގެ ފަރާތުން އެމީހުންގެ ފިރިހެން ދަރިންނަށްކުރާ މިފަދަ ޢަމަލުތައް ކުރަމުންދާކަމުގެ ނިޝާނެއް ފެނިއްޖެނަމަ ކުއްޖާއާއި ސުވާލުކޮށް މަންމަ ހެދިގޮތެއް އޮޅުންފިލުވާ އަދި ކުއްޖާއަށް މިކަންކަން ކުރުމަކީ ގޯސްކަމެއްކަމަށް ބުނެދިނުމަކީ ކޮންމެ ބައްޕަ އެއްގެ ވާޖިބަކަށް މިއަދު މިވަނީ ހަދަން ޖެހިފައެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކުރަން ޖެހޭ އިހްތިރާމާއި އަޅާލުން އިތުރުކުރުމާއި، ކުދިންގެ ކުރިމަތީގައި މައިން ބަފައިން މާބޮޑަށް ގައިގޯޅިވެ ނުހެދުމާއި، މިފަދަ ނޭދެވޭ ވާހަކަތައް ކުދިންގެ ކުރިމަތީގައި ހާމަނުކުރުން މީ މިއަދު އަޅުގަނޑުމެން ކޮންމެ މަޔަކާއި ބަފަޔަކަށްމެ ކުރެވިދާނެކަމެއްކަން ގައިމެވެ.

ކޮންމެ ކުއްޖަކުވެސް އުފާވެރި މުޞްތަޤްބަލަކަށް އެދޭނެއެވެ. އާއިލާގެ އެއްބައިވަންތަކަމާއި، އަޚްވަންތަކަށް ދަމަހައްޓަން ބޭނުންވާނެއެވެ. ނަމަވެސް އާއިލާގެ ތެރޭގައި ހިމެނޭ އެއްވެސް މެންބަރަކު އާއިލާގެ އެއްވެސް ކުއްޖެއްގެ މުސްތަޤްބަލް މިފަދަ ހަޑިމުޑުދާރު ގޮތަކަށް ވެއްޔާއި މޮޑެލާ މީހަކު އާއިލާއެއްގެ ތެރޭގައި ހުރިނަމަ އެއާއިލާއަކަށް ހިތްހަމަޖެހުމާއި، ފާގަތިކަން ލިބޭނީ އެމީހަކު އާއިލާއިން ބޭރުކޮށްގެން، ނުވަތަ އަމިއްލައަށް އިޞްލާޙްވެ މަޢާފަށް އެދި ކުށަށް ތަޢުބާވެގެންނެވެ. އަދި އެކަމުގެ ހައްޤުވާ އަދަބްވެސް ލިބިގެންކަން ޔަޤީނެވެ. އޭރުން މިފަދަ ނިކަމެތިކަން ލިބޭ ކުދިން މިދިވެހި މުޖުތަމަޢުއިން މަދުވާނެކަން ޔަޤީނެވެ.
ތިމާގެ އުފަން ފިރިހެން ދަރިންނަށް ޖިންސީ ގޯނާކުރާ މައިންނަށް ދީނީގޮތުން އެޅޭ ހަރުކަށި އަދަބުތަކާއި ބެހޭގޮތުން އިލްމުވެރިން ވިދާޅުވަނީ އެފަދަކަމެއް ފާޅުވާ ހިނދު މައްސަލަ ޝަރީއަތަށް ގެންދިއުމެވެ. އަދި ޝަރީޢަތުން އެކަމަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމެވެ. އަދި އެކުދިން މައިމީހާއާއި ވަކިކުރުމެވެ. ބައްޕަ ނުވަތަ ބޮޑުބޭބެ އެކުދިންގެ ހުރިހާކަމެއްގެ ޛިންމާ އުފުލުމެވެ.

މައިން ބަފައިންނަށްޓަކާ ދަރިން އަދާކުރަންޖެހޭ ޙައްގުތަކެއް ވެއެވެ. އެޙައްގުތައް އަދާކުރުންމަތީ ދެމިހުންނަންޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރަތަކަށް އަދާކުރަންޖެހޭ ޙައްގުތައް އަދާކުރުންމަތީ ދެމިހުންނަންށް ޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރަތަކަށް އަދާކުރަންޖެހޭ ޙައްގު އަދާ ނުކުރުމުން އެކަމުގެ ސުވާލު އަންނާނީ އެފަރާތަކަށެވެ! ތިމާމެންގެ ބާއްޖަވެރިކަން ބިނާވެފައިވަނީ ތިމަތިމާމެންގެ މައްޗަށް ވާޖިބުވެގެންވާ ޙައްޤުތައް އަދާކުރުންމަތީ ދެމިހުރި މިންވަރަކުންނެވެ. ކީރިތިﷲ ރުހިވޮޑިގެންވާ އަނަސުގެ ފާނުގެ އަރިހުން ރިވާވެގެންވާ ކީރިތިރަސޫލުﷲގެ ފާނުގެ ބަސްފުޅެއްގެ މާނައިގާ ވިއެވެ. ''އެމީހެއްގެ ރިޒުޤު ތަނަވަސް ވުމަށް އެދޭމީހާ، އަދި އެމީހެއްގެ ޢުމުރު ދެމިހުރުމަށް އެދޭމީހާ ފަހެ، ތިމާގެ ކަން ވާސިލްކުރާ ހުށިކަމެވެ! '' ދެޝައިޚުން ރިވާކުރެއްވިއެވެ.

މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނައި ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެންބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނީއްކަކޮށް މުޖުތަމަޢުން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލް ބިނާކުރާން ޖެހޭ މީހުންނެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ މައިން ނުވަތަ ބަފައިން ނުހިންގުމަށް އަޅުގަނޑު ގޮވައިލަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވައި ކަމާބެހޭ ފަރާތްތަކަށް އަންގަވައި އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މައިން ނުވަތަ ބަފައިން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވައިލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.
------------
(ނިމުނީ)

އިދާރާ

ވާހަކަ