އަދުގެ ޚާއްސަ

Print

އިންސާނީ ތާރީޚުގެ އެންމެ އަރާހުންނެވި ޝަޚްޞިއްޔަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

މުޞަންނިފު ބަޔާންކުރައްވާ ގޮތުގައި،[އެކަލޭގެފާނު އާދައިގެ ޢާއިލާއަކުން ވަޑައިގެން ދުނިޔޭގެ ވަރަށްބޮޑު ދީނެއްގެ ބިންގާ އެޅުއްވިއެވެ. އެދީން ފަތުރުއްވައި ދީނުގެ ދާއިރާ ތަނަވަސް ކުރެއްވިއެވެ. ހަމައެއާއެކު ސިޔާސަތުގައިވެސް ބާރުހުރި ޤިޔާދަތެއް ހޯއްދަވައި ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ތޭރަސަތޭކަ އަހަރު ވޭތުވެ ދިޔުމަށްފަހު މިއަދުވެސް އެކަލޭގެފާނުގެ އަސަރު އޭގެ ފުރިހަމަ ބާރާއި ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ.]

ތާރީޚްގެ މަޝްހޫރު އަދި އަރާތިބި ޝަޚްޞިއްޔަތްތަކާއި އިތުރު ސާހިބާއާ އަޅާބައްލަވަމުން މުޞަންނިފު ލިޔުއްވައިފައިވެއެވެ.

[މިފޮތުގައި އަޅުގަނޑު އެޝަޚްޞިއްޔަތު ތަކެއްގެ ވާހަކަ ގެނެސްފައިވާ ގިނަ ޝަޚްޞިއްޔަތުތަކަކީ ތަހްޛީބު ވެފައިވާ އަދި ސިޔާސީގޮތުން ކުރިއަރައިފައިވާ ޤައުމުތަކާއި، ޘަޤާފަތާއި ތަމައްދުނުގެ މަރުކަޒު ތަކުގައި، އުފެދިފައިވާ ޝަޚްޞިއްޔަތު ތަކެކެވެ. ނަމަވެސް محمد (صلّى اللّه عليه وسلم) ދުނިޔެއަށް ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުއެވެ. ޢަރަބިކަރައިގެ ދެކުނުގެ ރަށެއްކަމުގައިވާ މައްކާގައެވެ. އެދުވަސްވަރު އެއީ އެއްވެސް ރަށްވެހިކަމެއްނެތް ނިކަމެތި ހިސާބުގަނޑެކެވެ. ވިޔަފާރިއާއި، އާޓާއި ޢިލްމާއި ފަންނުގެ މަރުކަޒުތަކާ ވަރަށް ދުރުގައި އޮތް ރަށެކެވެ. ޢުމުރުފުޅުން ހަ އަހަރު ފުޅުގައި އެކަލޭގޭފާނު ޔަތީމުވެ ވަޑައިގެންފިއެވެ. އިސްލާމީ ރިވާޔަތްތަކުގައި ވާގޮތުން އެކަލޭގެފާނަކީ އުއްމިއްޔެކެވެ. މާލީ ޙާލުކޮޅުވެސް ރަނގަޅުވީ ޢުމުފުޅުން ފަންސަވީސް އަހަރުފުޅުގައެވެ. ހުވަފަތްވެފައި އިންނެވި މުއްސަނދި އަންހެން ސާހިބަކާ ކާވަނި ބައްލަވައި ގަތުމުންނެވެ. ޢުމުރުފުޅުން ސާޅީސް އަހަރުފުޅު ވީއިރުވެސް އެކަލޭގެފާނަކީ އެފަދަ މަތިވެރި ޝަޚްޞިއްޔަތަކަށް ވެވަޑައި ގަންނަވާނެކަމުގެ އެއްވެސް ދަލީލެއް ބޭރު ފުށަކުން ނުފެނެއެވެ.]

މުޞަންނިފްގެ ހިތްޕުޅަށް އޭނާއަކީ، ކްރިސްޓިޔަނެއްކަމާއި مسيح އަށްވުރެ އިސް މަޤާމެއް محمد صلّى اللّه عليه وسلم އަށް ދެއްވި ދެއްވުމާމެދު ކްރިސްޓިޔަން ދުނިޔޭގެ ކުރިމަތީގައި މަސްއޫލުވެރިވެ ވަޑައިގަންނަވަން ޖެހިވަޑައި ގަންނަވާނެކަން ތަކްރާރުކޮށް އަރަމުންދެއެވެ. ކްރިސްޓިޔަނުންނަކީ މުސްލިމުންނަށްވުރެ ޢަދަދު ގިނަ ބައެއްވެސް މެއެވެ. އެހެންކަމާއެކު އޭނާ ލިޔުއްވައެވެ.

[مسيح އަށްވުރެ އިސް މަޤާމެއް ދެސަބަބަކަށްޓަކައި محمد (صلّى اللّه عليه وسلم) އަށް އަރުވަންޖެހެއެވެ.]

[އެންމެ ފުރަތަމަ ސަބަބަކީ ކްރިސްޓިޔަން ދީނާބެހޭގޮތުން مسيح ކުރެއްވި މަސައްކަތްޕުޅަށްވުރެ މާގިނަ މުހިންމު މަސައްކަތްޕުޅުތަކެއް (އިސްލާމްދީން ފެތުރުއްވުމާއި ތަރައްޤީ ކުރެއްވުމުގައި محمد (صلّى اللّه عليه وسلم)) ކުރެއްވިކަމެވެ. مسيح ކްރިސްޓިޔަން ދީނުގެ މައިގަނޑު އަޚްލާޤީ ތަޞައްވުރުތައް ހުށަހެޅުއްވި ކަމުގައިވިޔަސް އެއަށް ދީނެއްގެ ސިފަ ގެންނެވުމުގެ ފަޚުރު ލިބިވަޑައި ގަންނަވަނީ ސެއިންޓްޕޯލަށެވެ. އެއާ މުޅިން ޚިލާފަށް އިސްލާމްދީންގެ ތަޞައްވުރުތައް ހުށަހެޅުއްވީވެސް އަދި އެއަށް ޢަމަލީ ސިފަ ގެންނަވައި ހިންގަވައި ލެއްވީވެސް ޚުދު محمد (صلّى اللّه عليه وسلم) އެވެ.]

[ދެވަނަ ސަބަބަކީ ޤުރްއާން ކަރީމެވެ. އެ ފޮތާބެހޭގޮތުން محمد (صلّى اللّه عليه وسلم) ވިދާޅުވަނީ ކަލާނގެ ޙަޟްރަތުން ލިބިވަޑައިގެންނެވި ވަޙީކަމުގައެވެ. އެފޮތް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވަނީ އެކަށީގެންވާ ސިފައެއްގައި ލިޔުއްވިފައެވެ. އެކަލޭގެފާނު އަވަހާރަވިތާ މާގިނަ ދުވަހެއްނުވަނީސް އިތުބާރުހުރި ގޮތުގައި ޖަމާކުރެވި ފޮތެއްގެ ސިފަ ގެނެވިއްޖެއެވެ. އެއާ ޚިލާފަށް مسيح ގެ ތަޢުލީމުގެ އެފަދަ އެއްވެސް މަޖްމޫޢާއެއްނެތެވެ.]

[ހަމައެއާއެކު محمد (صلّى اللّه عليه وسلم) އަކީ ދީނީގޮތުން މަގުދައްކަވާ ބޭކަލަކަށް ވެވަޑައިގަތުމުގެ އިތުރަށް، އެކަލޭގެފާނަކީ ދުނިޔަވީ ލީޑަރެއްވެސް މެއެވެ. އަދި ކީއްތޯއެވެ؟ ޢަރަބީންގެ ފުތޫޙާތުގެ ފަހަތުގައިވާ އަޞްލު ޖަޒްބާގެ މުޙައްރިކެއްގެ ޙައިޘިއްޔަތުން ދީނީ ލީޑަރޝިޕާ އެކުއެކުގައި ދުނިޔޭގެ އެންމެ އަރާހުންނެވި ސިޔާސީ ލީޑަރ ކަމުގައިވެސް އެކަލޭގެފާނުވަނީ ހިމެނިވަޑައިގެންފައެވެ.]

މުޞަންނިފު އޭނާގެ ފޮތުގެ މިބާބުގައި އިސްލާމީ ފަތޫޙާތުގެ މައްޗަށްވެސް ބައްލަވައި ލައްވައިފައިވެއެވެ. އާދޭހެވެ! [ބަދަވީންގެ އާދައިގެ ލަޝްކަރެއްގެ ޛަރީޢާއިން ރޯމަނުންނާއި ޕާރޝިޔަނުންގެ ގަދަފަދަ ލަޝްކަރުތައް ބަލިކޮށްލުމަކީ އިންސާނީ ތާރީޚްގެ އެންމެ ބުއްދި ޙައިރާން ކުރުވަނިވި ފުތޫޙާތެވެ. އެ ފުތޫޙާތަށް ލިބިގެންވާ އެންމެ ޚާއްޞަ އެއް އިމްތިޔާޒަކީ، ސްޕޭން ފިޔަވައި މުސްލިމުން ފަތަޙަކުރި ހުރިހާތަނެއް މިއަދުވެސް މުސްލިމުންގެ ތަންތާނގެ ގޮތުގައި ދެމިއޮތްކަމެވެ.] މުޞަންނިފު ލިޔުއްވައިފައިވެއެވެ.

[ވަރަށްގިނަ މުހިންމު ތާރީޚީ ވާޤިޢާތަކާ ބެހޭގޮތުން އެއީ އެކަށީގެންނުވާ ކަންކަމެއްނޫނޭ ދެންނެވިދާނެއެވެ. ވަކި ޚާއްޞަ ސިޔާސީ ލީޑަރެއްގެ ޤިޔާދަތު ނުލިބުނު ކަމުގައިވިޔަސް އެކަންތައްވާނެއޭ ދެންނެވިދާނެއެވެ. މިސާލެއްގެ ގޮތުން ދެކުނު އެމެރިކާގައި ސްޕޭންގެ އަޅުވެތިކަމުގެ ދަށުގައި ހުރިތަންތަން [ސައިމަން ބޯލިޔޯރ] އާ ނުލައިވެސް މިނިވަންކަން ހޯދާނެ ކަމުގައި ދެންނެވިދާނެއެވެ. ނަމަވެސް ޢަރަބީންގެ ފުތޫޙާތާ ބެހޭގޮތުން ފަހަރެއްގައިވެސް އެހެން ބުނެވޭކަށެއް ނެތެވެ. އެހެނީ އެ ފުތޫޙާތާގުޅޭ ކަހަލަ ޙާދިޘާއެއްވެސް محمد (صلّى اللّه عليه وسلم) ގެ ކުރީގައި ހިނގައިފައެއް ނެތެވެ. އަދި އެކަލޭގެފާނާ ނުލައި، އެފުތޫޙާތު ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގެ އެއްވެސް ދަލީލެއްވެސް ނެތެވެ. އިންސާނީ ތާރީޚުގައި މިބާވަތުގެ މިސާލެއް ދެން ފެންނާނީ މުޣޫލުންގެ ފުތޫޙާތުންނެވެ. އެ ފުތޫޙާތު ހިނގީ ތޭރަވަނަ ޤަރުނުގައި ޗަންގީޒުޚާނުގެ ވެރިކަމުގެ ދަށުގައެވެ. ނަމަވެސް އެފުތޫޙާތަކީވެސް މުސްތަޤިއްލު އެއްޗަކަށް ނުވިއެވެ. އެހެނީ މޮންގޯލިޔަނުންގެ އަތްދޮށުގައި މިއަދުއޮތީ ޗަންގީޒުޚާނުގެ ކުރީގައިވެސް އެމީހުންގެ އަތްދޮށުގައި އޮތް ތަންކޮޅެވެ. އެއާ ޚިލާފަށް ޢަރަބީންގެ ފުތޫޙާތުގެ ސަބަބުން ޢިރާޤުން ފެށިގެން މޮރޮކޯއާ ހަމައަށްވަނީ ޢަރަބި ޤައުމުތަކުގެ ސިލްސިލާއެއް އުފެދިފައެވެ. އެބައިމީހުންގެ މެދުގައި އިސްލާމީ ޢަޤީދާއާއި ޢަރަބިބަހާއި ޘަޤާފަތާއި ތާރީޚުގެ އެއްބައެއް ވަންތަކަން އެބައޮތެވެ. ޢަރަބި ބަހުގައި އެހިސާބުގަނޑެއްގެ އަސަރާއި ލަހްޖާގެ ތަފާތު ހުރިކަމުގައިވިޔަސް، ޤުރްއާން ޢަރަބިބަހުން އޮތުމުގެ ސަބަބުން ޢަރަބިބަސްވަނީ ނިކަމެތިވެ އުވިގެން ދިޔުމުން ސަލާމަތް ވެގެންނެވެ. ތެދެފުޅެކެވެ. އެ ޤައުމުތަކުގެ މެދުގައި ދެބަސްވުންތަކެއް އެބަހުރިމެއެވެ. ނަމަވެސް އެބައިމީހުންގެ ވަގުތީ ބައިބައިވުމާއި، އެކުވެރިކަމެއް ނެތުމުގެ ސަބަބުން އެބައިމީހުންގެ މެދުގައި ބަރާބަރަށް ދެމިއޮތް އެއްބައެއްވަންތަކަމުގެ ސަބަބުތަކާމެދު ލޯމަރައިނުލުން ބޭނުމެވެ.]

މުޞަންނިފު ލިޔުއްވައިފައިވެއެވެ. [ދީނާއި ދުނިޔޭގެ މި މިސާލެއްނުވާފަދަ އެއްވުން އަދި އޭގެ މިނަތީޖާއާއި އަސަރަކީ އަޅުގަނޑުގެ ފޮތުގައި محمد (صلّى اللّه عليه وسلم) އަށް އިންސާނީ ތާރީޚްގެ އެންމެއަރާ ހުންނެވި ޝަޚްޞިއްޔަތެއްގެ ގޮތުން ޖާގައެރުވި ސަބަބެވެ.] صلى اللّه على محمد صلّى اللّه عليه وسلم
_____________________________

(ނިމުނީ)
ނޯޓް: މިއީ ޕާކިސްތާނުގެ ދީނީ ކަންތައްތަކާބެހޭ ވަޒީރުކަން ކުރެއްވި ބޭފުޅެއް ކަމުގައިވާ މައުލާނާ ކައުޘަރު ނިޔާޒީ [ދި ހަންޑްރެޑް] މައްޗަށް ލިޔުއްވައިފައިވާ [ބަލައިލުމެއް] ގެ ތަރުޖަމާއެކެވެ. މިމަޒުމޫނު އެންމެ ފުރަތަމަ ޝާއިޢުކުރެވުނީ 1982 ގައެވެ. މި މަޒުމޫނުގެ ބައެއް ޢިބާރަތްތަކަށްވަނީ ބަދަލު ގެނެސްފައެވެ. – ފާރޫޤު ޙަސަން

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ