އަދުގެ ޚާއްސަ

Print

ހިޔުމަން ރިސޯސް ޕްލޭނަކީ ކޮބާ؟

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

ކުންފުނިތަކާއި ވިޔަފާރިތައް ހިންގަވާ ވަރަށްގިނަ ފަރާތްތަކުން އެމީހުންގެ ވިޔަފާރި ފެށުމުގެ ކުރިން ބިޒްނަސް ޕްލޭނެއް ހަދައެވެ. ނަމަވެސް ދަށްފަންތީގެ ވިޔަފާރިވެރިން ނުވަތަ ކުދި ވިޔަފާރިވެރިން އެމީހުންގެ ބިޒްނަސް ޕްލޭންތަކުގައި ހިޔުމަން ރިސޯސް ޕްލޭނިންގ ހިމަނާފައެއް ނުހުރެއެވެ. އެހެނީ ގިނަފަރަށް ކުދިވިޔަފާރިވެރިން ވިޔަފާރި ފަށަނީ ވަރަށްމަދު ނޫނީ އެއްވެސް މުވައްޒަފެއް ނެތިއެވެ. އެހެނަސް ފަހުން ވިޔަފަރި ފުޅާވެ މުވައްޒަފުންގެ މުހިންމުކަން ބޮޑުވެ، ކުރިއަށް އަންދާޒާކޮށް (forecast) މުވައްޒަފުން ހޯދަންޖެހެއެވެ. ނަމަވެސް މިކަން ކުރިމަތިވާއިރު އެކަމަށް ޕްލޭންކުރެވިފައި ނުވުމުން އޮގަނައިޒޭޝަނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެ މާރކެޓްގައި ހިފަހައްޓާލަން އުދަގޫވެއެވެ. އަދި ރަގަޅަށް ވިޔަފާރި ކުރިއަކަށް ނުގެންދެވެއެވެ. އޮގަނައިޒޭޝަނެއްގެ ކާމިޔާބީއާއި (success) ނާކާމިޔާބީ ގުޅިފައިވަނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށެވެ. އެހެންކަމުން ރަގަޅު މުވައްޒަފުން ހޯދައި އެމީހުންނަށް ވަޒީފާ ދިނުމަކީ (hiring) ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މުވައްޒަފުނަށް ކުރާ ހޭދަކުޑަކޮށް އެކަންކަންކުރާނެ ރަގަޅު ގޮތްތައް ކަނޑައެޅުމަށްޓަކައި ހިޔުމަން ރިސޯސް ޕްލޭނިންގއަކީ ވަރަށް މުހިންމުކަމެކެވެ.

އޮގަނައިޒޭޝަނަށް ބޭނުންވާ، ކަމަށް އެކަށޭނަ (skills and competencies) މުވައްޒަފުން ހޯދައި ކުންފުނީގެ ލަނޑުދަނޑިތައް ޚާސިލް ކުރުމަށް ހިޔުމަން ރިސޯސް ޕްލޭނިންގ އެހީތެރިވެދެއެވެ. އެހެނީ ހިޔުމަން ރިސޯސް ޕްލޭން މަސައްކަތްކުރާނީ އޮގަނައިޒޭޝަނުގެ ބިޒުނަސް ޕްލޭން އަޞްލަކަށް ބަލައިގެން އޭގައި ކަނޑައެޅިފައިވާ ކަންކަން ޚާޞިލްކުރުމަށެވެ. އެހެންކަމުން މޭންޕަވަރ ޕްލޭނިންގައި ބުނެދީފައިވާނީ އޮގަނައިޒޭޝަނަށް ބޭނުންވާ މުވައްޒަފުންގެ އަދަދުތަކާއި، މުވައްޒަފުން ހޯދާނެގޮތާއި މުވައްޒަފުންގެ ކިބައިގައި ހުންނަންވާނެ ފެންވަރާއި މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރާނެ ގޮތްތަކެވެ. އަދި އެމަޖަންސީއެއްގައި މުވައްޒަފުން ކުންފުންޏަށް ވައްދާނެ އުޞޫލުތަކާއި ހަމަތަކެވެ.

މި މަޒުމޫނުގައި ބަލާލާފައިވާނީ ހިޔުމަން ރިސޯސް ޕްލޭނިންގއަކީ ކޮބައިކަމާއި، މިބާވަތުގެ ޕްލޭނެއް ހަދާނެގޮތާއި، އެކަމަށްޓަކައި ގިރާކުރާންޖެހޭ ހަރުފަތްތަކާއި، މިފަދަ ޕްލޭނެއްގެ ބޭނުމާއި އޭގެ ސަބަބުން އޮގަނއިޒޭނަށް ކުރާނެ ފައިދާތަކުގެ މައްޗަށެވެ. އަދި އޭގެ އިތުރުން ހިޔުމަން ރިސޯސް ޕްލޭނިންގގައި އެކުލެވިފައިވާ މައިގަނޑު ބައިތަކަށް ވަރަށް ޚުލާޞާގޮތެއްގައި އަލިއަޅުވާލެވިފައިވާނެއެވެ.
ހިއުމަން ރިސޯސް ޕްލޭނަކީ ކޮބައިކަން

އިންޑަސްޓްރީއެއްގެ ނޫނީ ޚިދުމަތެއް ފޯރުކޮށްދޭ ކޮންމެ އޮގަނައިޒޭޝަނެއްގެ ކާމިޔާބީ ގުޅިފައިވަނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އިޚްލާސްތެރި މަސައްކަތާއެވެ. އަދި ޚިދުމަތެއް ފޯރުކޮށްދޭ ކޮންމެ އޮގަނައިޒޭޝަނެއްގެ ޚިދުމަތް ގުޅިފައިވަނީ އެތަނެއްގއި މަސައްކަތްކުރާ މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ކިތްހަމަޖެހުމުގެ މައްޗަށެއެވެ. އެހެންކަމުން ޚިދުމަތް ފޯރުކޮށްދޭ އޮގަނައިޒޭޝަނުގެ އުފެއްދުންތެރިކަން އިތުރުކުރެވެނީ ދެވޭ ޚިދުމަތްތައް ރަގަޅަށް ދަންނަ (ރަގަޅަށް ޕްރޮޑަކްޓް އުފައްދަން ދަންނަ) ބަޔަކު އެ އޮގަނައިޒޭޝަނުގައި މަސައްކަތްކުރާނަމައެވެ. ވީމާ އިންސާނީ ޚިދުމަތްތައް ރާވާ ތަރައްޤީކޮށް ބަލަހައްޓާ ފަރާތުން (Human resource planning) އަބަދުވެސް މަސައްކަތްކުރަންވާނީ އެއޯރގަނައިޒޭޝަނެއްގެ މަޤްޞަދުތައް ޚާޞިލްވާނޭހެން، އެންމެ އުފެއްދުންތެރިގޮތުގައި މުވައްޒަފުންގެ ކަންކަންރާވައި ތަރުތީބު ކުރުމާއެކު މުވައްޒަފުންގެ ފަންނުވެރިކަން އިތުރުކުރުވުމަށެވެ. އެހެންވީމާ އޮގަނައިޒޭޝަންތަކުގެ އިންސާނީ ވަޞީލަތްތަކާބެހޭބައިން (HR Department) އަބަދުވެސް މަސައްކަތްކުރަމުންދާނީ އެވަގުތަކަށް އެއޮގަނައިޒޭޝަނަކުން ކަނޑައަޅާފައިވާ ލަނޑުދަނޑި (GOAL) ޚާސިލް ކުރެވޭނެ ގޮތަކަށް މުވައްޒަފުން ރުކުރުވާލުމަށެވެ.


މިގޮތުން އޮގަނައިޒޭޝަންތަކުގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރާ ފާރާތްތަކުން (HRD) އެމީހުންގެ ޕްލޭންތަކުގައި (HRP) މުވައްޒަފުންނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމަނައި ތަންފީޒުކުރެއެވެ. އޭގެ ތެރޭގައި މުވައްޒަފުން ހޯދުމާއި (Recruiting)، ވަޒީފާއަށް މުވައްޒަފުން ހޮވުމާއި (selecting)، މުވައްޒަފުންނަށް އިތުރު ތަމްރީނުދިނުމާއި (training)، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ވަޒީފާގެ ކުރިއެރުން ދިނުމާއި މުވައްޒަފުން ހިތްހަމަޖެއްސުމަށް (developing and motivating) ގިނަ ހަރަކާތްތައް ރާވާ ހިނގުން ހިމެނެއެވެ. އަދި މުވައްޒަފުނާއި އެމީހުންގެ ވަޒީފާގެ ކަންކަން ރާވައި (planning) ހިންގައި (designing) އެމީހުންގެ ކަންކަން ބެލެހެއްޓުން (evaluating)ވެސް ހިމެނެއެވެ. އަދިހަމަ އޮގަނައިޒޭޝަނާއި މުވައްޒަފުންނާއި ދެމެދު އޮންނަންވާނެ ގުޅުންތައް ކަނޑައަޅައި އެގުޅުންތައް އުފައްދާ އަދި ގުޅުންތަކުގެ ހުދޫދު ކަނޑައަޅައި މުވައްޒަފުންނާއި އޮގަނައިޒޭޝަނާ ދެމެދުގައި އޮންނަ އެއްބަސްވުންތައްވެސް އެކުލަވާލާނީ އެ އޮފީހެއްގެ އިންސާނީ ވަޞީލަތްތަކާބެހޭ ޔުނިޓުންނެވެ.

ހިޔުމަން ރިސޯސް ޕްލޭނެއްގެ މައިގަނޑު ބޭނުމަކީ އެއޮގަނައިޒޭޝަނެއްގެ ލަނޑުދަނޑިތައް ކާމިޔާބުކުރުމަށް އެހީތެރިވުމެވެ. އެގޮތުން މިކަހަލަ ޕްލޭނަކުން މަސައްކަތްކުރާނީ އެއޮގަނައިޒޭޝަނެއްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބޭނުންކޮށްގެން އެމުވައްޒަފުންގެ ބައިވެރިވުމާއިއެކު އޮގަނައިޒޭޝަނުގެ ލަނޑުދަނޑި ކާމިޔާބު ކުރުމެވެ. އެހެންކަމުން އޮގަނައިޒޭޝަނުގެ ވަޒީފާތަކަށް އެކަށީގެންވާ )ގޮންޖެހުންތަކާއެކުވެސް ވަޒީފާގައި އިޚްލާސްތެރިކަމާއެކު ދެމިތިބޭނޭ( ރަގަޅު މުވައްޒަފުން ހޯދައި އެމީހުންގެ ކަންކަން ބަލަހައްޓައި ވަޒީފާއަށް ޝައުޤުވެރިކުރުވުމާއި މުވައްޒަފުންގެ އެހެނިހެންވެސް ކަންކަން ރާވާހިންގާނެ ގޮތްތައް ބަޔާންކުރެވިފައި އޮންނާނީ ހިއުމަން ރިސޯސް ޕްލޭންގައެވެ. އެގޮތުން ވަޒީފާގެ ރައްކާތެރިކަމާއި (job satisfactory) ވަޒީފާގެ ހަމަހަމަކަމާއި (job satisfactory) ވަޒީފާގެ ކުރިއެރުމާއި (promotion) ކުރިއަށްދެވޭނެ މަގުތަކާއި (better opportunity) ދެވޭނެގޮތްތައް މިޕްލޭނިންގައި ބަޔާންކުރެވިފައިވާނެއެވެ. އަދި އޮގަނައިޒޭޝަންގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތަކަށްވެސް (pressures and opportunities) އަލިއަޅުވާލެވިފައި އޮންނަންވާނެއެވެ. މިޕްލޭނިންގައި މުޖުތަމަޢަށް ބޭނުންތެރި ވަޒީފާތަކެއް އުފައްދައި އެ މުޖުތަމަޢަށް ހުޅުވާލެވިފައި އޮންނަން ވާނެއެވެ. ހަމައެހެންމެ ހިޔުމަން ރިސޯސް ޕްލޭނިންގައި އޮގަނައިޒޭޝަންގެ ލަނޑުދަނޑިތައް ޚާސިލްކުރާނެ ގޮތްތައް ކަނޑައަޅާފަދައިން މުވައްޒަފުންގެ ރައްކާތެރިކަންވެސް ކަނޑައެޅިފައިވާނެއެވެ.

ރަގަޅު ހިޔުމަން ރިސޯސް ޕްލޭނެއްނަމަ އެޕްލޭނުން އޮގަނައިޒޭޝަންގެ ކުރުމުއްދަތުގެ ލަނޑުދަނޑިތަކާއި ދިގުމުއްދަތުގެ ލަނޑުދަނޑިތައް ޚާޞިލް ކުރެވޭނެއެވެ. އެހެނީ ހިޔުމަން ރިސޯސް ޕްލޭނިންއަކީ ދިގުދެމިގެންދާނެހެން (continues) އެކުލަވާލެވޭ ޕްލޭނެކެވެ. އަދިހަމަ އެޕްލޭނުގައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނޭ ގޮތްތަކާއި އެކަމަށްޓަކައި ގިރާކުރަންޖެހޭނެ ހަރުފަތްތަކާއި (appraisal) މިންކުރާނެ ގޮތްތަކާއި (evaluate) މުވައްޒަފުންނާމެދު ކަނޑައެޅިފާއިވާ އުޞޫލުތަކާއި އަދި މުވައްޒަފުން ތަރައްޤީކުރުމަށް (apprenticeship) ތަފާތު ބާވަތްތަކުގެ ޓްރެއިނިންގްތައް (training of unskilled to semi-skilled employee) ހިންގާނެގޮތްތައް ރާވާލާފައި ހުންނާނެއެވެ. މިހުރިހާ ކަމެއްހިމެނޭގޮތަށް ހަދާ ހިޔުމަން ރިސޯސް ޕްލޭނެއް އޮންނަންވާނީ އޮގަނައިޒޭޝަނުގެ ޕްލޭނާއި (Business plan) ފުށުނާރާނެހެންނެވެ. ގްރާފް 1ގައި އެވަނީ  ބިޒުނަސް ޕްލޭންގެ މައްޗަށް ބިނާކޮށް ހިޔުމަން ރިސޯސް ޕްލޭން ހަދާނެ ގޮތުގެ ނަމޫނާއެއް ދައްކުވައިދީފައެވެ.

ހިޔުމަންރިސޯސް ޕްލޭނިންގެ ބޭނުން

ހިޔުމަން ރިސޯސް ޕްލޭން ހެދުމުގެ ބެނުމަކީ އެންމެ އުފެއްދުންތެރިގޮތެއްގައި ފަސޭހަކަމާއެކު ވީއެންމެ އަވަހަށް އޮގަނައިޒޭޝަންގެ މަޤްޞަދުތައް ޚާސިލްކުރެވޭނެ މަގެއް ކޮށާލުމެވެ. މީގެއިތުރުން މިކަހަލަ ޕްލޭނިންއަކުން ޚާޞިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ތިރީގައި މިބަޔާންކުރާ ކަންކަންވެސް ހިމެނެއެވެ.

1.    ބާރުތައް ހިނގަމުން އަންނަގޮތް ހާމަކޮށް އެކަންކަން ތަންފީޒުކުރުން. (Key to managerial functions)
މިގޮތުން މެނޭޖީރިއަލް ހަތަރު ފަންކްޝަނެއް މިކަހަލަ ޕްލޭންތަކުން ވަރަށް ސާފުކޮށް ދައްކުވައިދީފައިވާނެއެވެ. އެއީ ޕްލޭނިން (planning)، އޮގަނައިޒިންގ (organizing)، ޑައިރެކްޓިންގ (directing)، އަދި ކޮންޓްރޯލިންގ (controlling) އެވެ. މިހަތަރުބައިވެސް އަމާޒުކުރެވިފައިވާނީ ހިޔުމަންރިސޯސް ޕްލޭނިންގއާއެވެ. އެހެނީ މިކަންކަން ތަންފީޒުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދާނީ ހިޔުމަން ރިސޯސްގެ ތެރެއިން ކަމަށްވުމެވެ. އެހެންވީމާ މުވައްޒަފުން ވެގެންދަނީ މެނޭޖީރިއަލް ފަންކްޝަންތަކުގެ އެންމެ މުހިންމު ބައި ނުވަތަ ކީރޯލް ކުޅޭ ފަރާތަށެވެ.

2.    އުފެއްދުންތެރިގޮތުގައި ކަންކަންރާވާ ހިންގުން. (Efficient utilization)
ކުރިއަރަމުން އަންނަ ދުނިޔެ ހެކިވާ ގޮތުގައި ހިންގުންތެރި ( Efficient) މެނޭޖްމަންޓްތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އެތަނެއްގައި މަސައްކަތްކުރާ ހީވާގި، ކަމަށް ކަމޭހިތާ މުވައްޒަފުންނެވެ. އެގޮތުން ބޮޑެތި (large scale enterprises) އޮގްނައިޒޭޝަންތަކަށް ގިނައަދަދެއްގެ މުވައްޒަފުން ނުވަތަ މޭންޕަވަރ ބޭނުންވެއެވެ. އެފަދަ ބޮޑެތި އޮގަނައިޒޭޝަން ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އުފެއްދުންތެރި (effectively) ބައެއްގެ ގޮތުގައި ބަލަހައްޓަނީ ހިޔުމަން ރިސޯސް ޕްލޭނިންގެ އެހީގައެވެ.

3.    މުވައްޒަފުން މަސައްކަތަށް ޝައުޤުވެރި ކުރުވުން. (Motivation)
ހިޔުމަން ރިސޯސް ޕްލޭންގެ ހަމައެކަނި ބޭނުމަކީ އެވަޒީފާ އަކަށް އެންމެ ޤާބިލްމީހާ (putting right men on right job) ހޯދައި މަސައްކަތް ހަވާލުކުރުމެއް ނޫނެވެ. މީގެ އިތުރުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމާއި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މުވައްޒަފުންނަށް ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުން ހިމެނެއެވެ. އެގޮތުން މުވައްޒަފުންނަށް އިތުރު އިނާޔަތްތައް ތަޢާރަފުކުރުމާއި އެމްޕްލޯއީ އޮފް ދަ މަންތް ކަހަލަ ހަރަކާތްތައް ރާވައި އެކަން ކުރިއަށް ގެންދާނެ އުޞޫލުތައް ކަނޑައަލައި އެކަންކަން ކުރުންވެސް ހިމެނެއެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދީ އެމީހުންގެ ޙައްޤުތައް ރައްކާތިކޮށްދިނުންވެސް ހިމެނެއެވެ. ވީމާ މުވައްޒަފުންނާ ގުޅުންހުރި ހުރިހާކަމެއްވެސް ހިޔުމަން ރިސޯސް ޕްލޭނިންގައި ހިމެނިފައި ހުންނަން ޖެހެއެވެ.

4.    ރަގަޅު ގުޅުންތަކެއް އުފެއްދުން. (Better human relations)
މުވައްޒަފުންގެ ޝަކުވާތަކާއި މުވައްޒަފުންނާމެދު މެނޭޖުމަންޓުގެ ކަންބޮޑުވުންތައް ފާޅުކޮށް ދެފަރާތުގެ ދެމެދުގައި އޮންނަންވާ ގުޅުންތައް ކަނޑައެޅި ބަޔާންކުރެވެނީ ހިޔުމަން ރިސޯސް ޕްލޭނިންގެ ހިޔުމަން ރިލޭޝަންގެ ތެރޭގައެވެ. އަދި މިދެމުގައި ގުޅުން އުފައްދައި އެގުޅުން ރަގަޅު ގުޅުމަކަށް ހަދަނީ ހިޔުމަން ރިސޯސްއިންނެވެ. މީގެތެރެއިން ދޭދޭ މުވައްޒަފުންގެ މެދުގައި އުފެދިދާނެ ނޭދެވޭ ގުޅުންތައް ކޮންޓްރޯލް ކުރުމާއި ވެރިންނާއި މުވައްޒަފުންނާއި ދެމެދު ކުރެވޭ މުޢާމަލާތާއި މުވާޞަލާތުތައް ހިންގަނެ އުޞޫލްތަކެއް ކަނޑައަޅަނީ މީގެ ތެރެއިންނެވެ. އަދި މުވައްޒަފުންގެ މެދުގައި ރަގަޅު ލީޑަޝިޕެއް އުފައްދުވައި އެމީހުންގެ ކަންކަން ސުޕަވައިޒްކޮށް ޓްރައިނިން ޕޮރޮގްރާމްތައް ހިންގައި މުވައްޒަފުންގެ މެދުގައި ރަގަޅު ކޯޕަރޭޓިވް ގުޅުމެއް އުފެއްދުމަކީވެސް މިޕްލޭނިންގެ މަޤުޞަދެކެވެ.

5.    އުފެއްދުންތެރިކަން އިތުރުކުރުން. (Higher productivity)
އޮގަނައިޒޭޝަނެއްގެ އުފެއްދުންތެރިކަމުގެ މިންވަރު އިތުރުކުރެވޭނީ ނުވަތަ މަތިކުރެވޭނީ އޮގަނައިޒޭޝަނުގެ ވަސީލަތްތައް ރަގަޅު ގޮތުގައި ބޭނުން ކުރެވޭނަމައެވެ. އަނެއްކޮޅުން ރަގަޅު ނުވަތަ މަތީލެވެލެވްގެ އުފެއްދުންތެރިކަމަކީ ބޭކާރު ޚަރަދު ކުޑަކުރުމާއިއެކު ވަޤުތާއި ފައިސާއާއި ހަކަތަ ބޭނުކުރެވޭ މިންވަރު މަދުކޮށްގެން ރަނގަޅު އުފެއްދުންތަކެއް އުފެއްދޭ މިންވަރު އިތުރުކުރުމެވެ. މިކަން މިގޮތަށް ކާމިޔާބުރެވޭނީ ރަގަޅު ޕްލޭނިންއެއް ހެދިގެންނެވެ. އަދި މުވައްޒަފުންނަށް ރަގަޅު ޢިނާޔަތްތަކަކާއި ތަމްރީނުތަކާއި ކުރިއެރުންތަކެއް އޮގަނައިޒޭޝަންގެ ތެރެއިން ފަހިކުރެވިފައިވާނަމެވެ. މިކަންކަން އެމަގަށް ކުރަނީ ހިޔުމަން ރިސޯސް ޕްލޭނިންގެ ތެރެއިންއެވެ.

ހިޔުމަންރިސޯސް ޕްލޭނެއް ހަދާނެގޮތް

ހިޔުމަން ރިސޯސް ޕްލޭނިން ނުވަތަ މޭންޕަވަރ ޕްލޭނިންއަކީ އޮގަނައިޒޭޝަންގެ ލަނޑުދަނޑި ޚާޞިލްކުރުމަށްޓަކައި އެކަށީގެންވާ އަދަދަށް (putting right number of people)، އެކަށިގެންވާ މުވައްޒަފުން ( right kind of people)، އެކަށިގެންވާ ތަނަށް (at the right place)، ރަގަޅު ވަޤުތުގައި (right time)، ރަގަޅު މަސައްކަތައް (doing the right things) ފޯކަސްކޮށްގެން ލަނޑުދަނޑި ކާޞިލްކުރުމެވެ. އެހެންވެ އޮގަނައިޒޭޝަންތަކުގައި ހިޔުމަން ރިސޯސް ޕްލޭނިންގއަކީ ވަރަށް މުހިންމު ރޯލެއްކުޅޭ އެއްޗެކެވެ. މިގޮތުން ހިޔުމަން ރިސޯސް ޕްލޭނެއް ހެދުމުގައި ވަކި އުސޫލުތަކަކާއި (a systems approach) ވަކިހަމަތަކަކަށް (procedure) ބަލަންޖެހެއެވެ. އެހަމަތަކަކީ:

1.    ހިނގަމުންދާ ހިޔުމަން ރިސޯސް ޕްލޭން އެނަލައިޒްކުރުން. (Analyzing the current manpower inventory )
2.    ކުރިއަށް ލަފާކުރާ ހިޔުމަން ރިސޯސް ޕްލޭންގެ ފޯކާސްޓެއް ހެދުން. (Making future manpower forecasts
3.    މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރާވައި ކުރިއެރުވުން. (Developing employment programs )
4.    ތަމްރީނު ޕްރޮގްރާމްތަކެއް ފަރުމާ ކުރުން. (Design training programs)
ހިޔުމަން ރިސޯސް ޕްލޭނެއް ހެދުމުގައި ގިރާކުރަންޖެހޭ ހަރުފަތްތައް:
1.    ހިނގަމުންދާ ހިޔުމަން ރިސޯސް ޕްލޭންގެ ކަންކަން އެނަލައިޒްކޮށް އިންވެންޓްރީއެއް ހެދުން. – ކުރިއަށް ލަފާކުރާ ހިޔުމަން ރިސޯސް ޕްލޭނެއްގެ ފޯކާސްޓެއް ތައްޔާރުކުރުމުގެ ކުރިން ހިނގަމުންދާ ހިޔުމަން ރިސޯސް ޕްލޭން އެނަލައިޒް ކުރަން ޖެހޭނެއެވެ. މިކަމަށްޓަކައި ތިރީގައި މިދަންނަވާ ކަންކަމަށް ބަލަންވާނެއެވެ. 

•    އޮގަނައިޒޭޝަންގެ ބާވަތް
•    އޮގަނައިޒޭޝަންގެ ޑިޕާރޓްމަންޓްތަކުގެ އަދަދު
•    ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އަދަދު
•    އެޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ބާވަތް

މިކަންކަން ބަލައި އެނަލައިޒްކޮށް ވަޒަންކުރުމަށްފަހު ދެން ކުރިއަށް ލަފާކުރާ ފޯކާސްޓްތަކައިގެން ކުރިއަށް ދާން ފެށިދާނެއެވެ.
2.    ކުރިއަށް ލަފާކުރާ ހިޔުމަން ރިސޯސް ޕްލޭނެއްގެ ފޯކާސްޓް އެކުލަވާލުން. – ކުރިއަށް ލަފާކުރާ ހިޔުމަން ރިސޯސް ޕްލޭނަކަށް ނުފޫޒުފޯރުވާ ކަންކަން ދެނެގަނެވިއްޖެނަމަ ދެން އަލަށް ފަށަން މަސައްކަތްކުރާ ހިޔުމަން ރިސޯސް ޕްލޭނައިގެން ކުރިއަށް ދާން ފެށިދާނެއެވެ. މިގޮތަށް އޮގަނައިޒޭޝަނަކަށް ތައްޔާރުކުރާ ޕްލޭނެއް ތައްޔާރުކުރުމުގައި ބަލާ ދާއިރާތަކެއް ހުރެއެވެ. އެއީ:

•    އެކްސްޕާރޓް ފޯކާސްޓް (Expert Forecasts) – މީގައި އިންފޯމަލް ޑިސިޝަނާއި ފޯމަލް އެކްސްޕާރޓް ސާރވޭތަކާއި ކަންކަން ކުރާނެ އެހެނިހެން ޓެކްނިކްސްތަކަށް ބެލޭނެއެވެ.
•    ޓްރެންޑް އެނަލީސިސް (Trend Analysis) – މީގައި އިންސާނީ ވަސީލަތްތައް ތަރުތީބުކުރުމުގައި ކުރިން ކުރެވިފައިވާ ތަޖުރިބާ ތަކާއި، މިހާރު ހިނގަމުންދާ އަހަރުގެ ތަޖުރިބާއާއި، ޤާބިލްކަމަށް ބެލެވޭނެއެވެ.
•    ވޯރކްލޯޑް އެނަލީސިސް (Work Load Analysis) – މިބައިގައި އަލިއަޅުވާލަނީ އެޑިޕާރޓްމަންޓެއްގެ ނުވަތަ ބްރާންޗެއް ނޫނީ ޑިވިޝަނެއްގައި މަސައްކަތުގެ ވެއްޓާއި ކުރާ މަސައްކަތެއްގެ ބާވަތުގެ މައްޗަށެވެ.
•    ވޯރކްފޯސް އެނަލީސިސް (Work Force Analysis) – މަސައްކަތައް ބޭނުންވާ މުވައްޒަފުން ހޯދުމުގައި އެމީހން މަސައްކަތުގައި ހޭދަކުރާން ޖެހޭ ވަޤުތާއި ކުރަން ޖެހޭ މަސައްކަތައްބަލައި އެމީހުންގެ މުސާރައާއި އެލަވަންތަކަށް އަލިއަޅުވާލައި ވަޒަންކުރަނީ މިބައިގައެވެ.
•    ބޭނުންކުރެވެ އެހެންގޮތްތައް (Other methods) – ހިޔުމަން ރިސޯސް ފޯކާސްޓް ޕްލޭނެއް ހެދުމުގައި ހިސާބުގެ (ކްއެންޓިޓޭޓިވް) ތަފާތު ވައްތަރުތައް ކޮމްޕިއުޓަރުގެ އެހީގައި ބޭނުންކުރެވެއެވެ. އެގޮތުން ބަޖެޓިންނާއި ޕްލޭނިން އެނަލީސިސްއާއި އިތުރު ކަންކަމުގައިވެސް މިޢާލާތްތައް ބޭނުން ކުރެވެއެވެ.

3.    މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ރާވައި ކުރިއެރުވުން – މިހާރު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި ބެހޭ އިންވެންޓްރީއެއް ފުރިހަމަކުރެވުމުން، ދެން ކުރިއަށް ލަފާކުރާ މުވައްޒަފުންގެ އަދަދާއި އަޅާކިޔާ، މުވައްޒަފުންގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާއި ބެހޭގޮތުން ރާވާލަން (programs can be framed) ފެށިދާނެއެވެ. އެގޮތުން މުވައްޒަފުން ހޯދާނެގޮތަކާއި (recruitment)، އައްޔަން ކުރާނެ ގޮތްތަކާއި (selection procedures) އަދި ބަދަލު ކުރާނެ ގޮތްތައް (placement) ކަނޑައަޅާ ރާވާލެވިދާނެއެވެ.
4.    ތަމްރީނު ޕްރޮގްރާމްތަކެއް ފަރުމާ ކުރުން – މިބައި ބިނާވާނީ އޮގަނައިޒޭޝަނުން ކުރާން ބޭނުންވާ ކަންކަންމުގެ މައްޗަށެވެ. އައުކަމެއް (new product) ފަށާނަމަ އެކަމަށް ބޭނުންވާ މުވައްޒަފުން ބިނާކުރުމަށެވެ. ނުވަތަ އައު މުވައްޒަފުން ހޯދުމަށާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ މައްޗަށެވެ. މި ތަމްރީން ޕްރޮރްމާތައް ބިނާކުރެވޭނީ މުވައްޒަފުންގެ ހުނަރު (skills) އިތުރުކުރުމަށާއި، މަޢުލޫމާތުގެ (knowledge) ދާއިރާ ފުޅާކުރުމަށާއި، ޤާބިލްކަން (capabilities) އިތުރުކުރުމަށެވެ. މީގެ އިތުރުން ޓެކްނޮލޮޖީއާއި މެޝިނަރީ އިތުރުކޮށް އެތަކެތި އޮޕަރޭޓް ކުރެވޭނެ ގޮތްތައްވެސް ބަލައި އެކަންކަން ކުރާނެގޮތް މިބައިގައި ޕްލޭންކުރެވޭނެއެވެ.
މިއަށްފަހު ޕްލޭން ފެށުމުގެ ކުރިން ބަލަންޖެހޭ އެހެން ކަންތައްތަކެއްވެސް ވެއެވެ. އެބައިތައް މިހިމަނާލަނީ ވަރަށްކުރުކޮށް ގްރާފެއްގެ ގޮތުގައެވެ. ތިރީގައިވާ ގްރާފް 2އަށް ބައްލަވާށެވެ. ގްރާފް 2ގައި އެވަނީ ހިޔުމަން ރިސޯސް ޕްލޭނިންގައި ކޮންމެހެން އަލިއަޅުވާލަންޖެހޭ ބައެއް ބައިތަކެވެ.

މިހަރުފަތްތައް ގިރާކުރުމަށްފަހު، ދެން ޕްލޭނިންގެ މަސައްކަތް ފެށިދާނެއެވެ. އަދި އެއްކުރެވުނު މަޢުލޫމާތުތަކުގެ އެހީގައި ކުރިއަށް ލަފާކުރާ ކަންކަމަށް "އެޑްރެސް" ކުރެވޭނެހެން ޕްލޭން ލިޔަމުން ގެންދަންވީއެވެ.
ހިޔުމަން ރިސޯސް ޕްލޭނެއްގައި ހިމެނޭ ބައިތައް

ހިޔުމަން ރިސޯސް ޕްލޭނިން އަކީ އޮގައިނާއިޒޭޝަނަކަށް ބޭނުންވާ އެންމެ މުހިންމު އެއްބައެވެ. އެހެނީ ހިޔުމަން ރިސޯސް ޕްލޭނިންގައި އެތައް ބައިތަކެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި މުވައްޒަފުންނާ ގުޅުންހުރި ހުރިހާކަމަކާއި މަސައްކަތު މާޙައުލާއި ބޭނުން ކުރާނެ އާލާތްތަކާއި އެކަން ކަމަށް ހިނގާނެ ޚަރަދުތައްވެސް ހިމެނެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ އޮގަނައިޒޭޝަނެއް ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް ޕްލޭން ކުރެވިގެންދަނީ ހިޔުމަން ރިސޯސް ޕްލޭނިންގައެވެ. ތިރީގައި އެވަނީ ހިޔުމަން ރިސޯސް ޕްލޭންގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ބައިތަކެވެ.
1.    ބޭނުންވާނެ މުވައްޒަފުންގެ އަދަދާއި މަޤާމުތައް ކަނޑައެޅުން.
2.    ވަޒީފާގެ މަސްޢޫލިއްޔަތާއި އުޖޫރަ އަދި ކުރިއެރުންދޭނެ ގޮތްތައް ކަނޑައެޅުން.
3.    ސްޓާފް ރެކްރޫޓިން އެންޑް ފަޔަރިން(ވަކިކުރާނެ) ޕޮލިސީ އެކުލަވާލުން.
4.    މުވައްޒަފުންގެ ޒިންމާ ތަކާއި މޮނިޓަރިން ކަންކަން ކުރާނެ ގޮތްތައް އެކުލަވާލުން.
5.    ޓްރެއިނިން ޕޮލިސީސް ކަނޑައެޅުން.
6.    މަސައްކަތުގެ މާޙައުލާއި ގުޅުންތައް އޮންނަންވީގޮތްތައް ކަނޑައެޅުން.
7.    މަސައްކަތް ކުރުމަށް ބޭނުންކުރާނެ އާލާތްތައް ކަނޑައެޅުން.
ހިޔުމަން ރިސޯސް ޕްލޭނިންގެ ފައިދާ

ހިޔުމަން ރިސޯސް ޕްލޭނިންގ އަކީ ދެކަމަކަށް އެއްފަހަރާ ބަލައިގެން ހަދަންޖެހޭ އެއްޗެކެވެ. ސަބަބަކީ މޭންޕަވާރ ޕްލޭނިންއެއްގައި އެނަލައިޒް ކުރަންޖެހެނީ ހަމައެކަނި ހިނގަމުންދާ (current human resources) ހިޔުމަން ރިސޯސްއަށް އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު އޮގައޮނައިޒޭޝަނަށް ބޭނުންވާނެކަމަށް ލަފާކުރެވޭ މުވައްޒަފުންގެ އަދަދުތަކާއި އެމީހުންނަށް ހިންގާނެ ޕްރޮގްރާމްތަކަށްވެސް ބަލާލަން ޖެހެއެވެ. އެހެންކަމުން މިޕްލޭންނިންގެ ސަބަބުން އޮގައިޒޭޝަނަށް ފައިދާތަކެއްވެސް ކުރާނެއެވެ. އޭގެތެރޭގައި:
1.    މަސައްކަތަށް ބޭނުންވާ މުވައްޒަފުން މަދުވާކަން، ނޫނީ އެކަށީގެންވާ ވަރަށްވުރެން މުވައްޒަފުން އިތުރުކަން ( Shortages and surpluses) ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. އެހެންކަމުން އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވާނެއެވެ.
2.    މުވައްޒަފުން ހޯދުމާއި ވަޒީފާއަށް ގެނައުމުގެ ކަންކަން (recruitment and selection programs) ބިނާވެފައި އޮންނާނީ މޭންޕަވަރ ޕްލޭނިންގެ ތެރޭގައެވެ. އެހެންކަމުން މުވައްޒަފުންގެ ކަންކަން އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވި ރަގަޅު މީހާ ޚިޔާރުކުރަން ފަސޭހަވާނެއެވެ.
3.    މީގެ ސަބަބުން މުވައްޒަފުންނަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް (reduce the labour costs) އެހީތެރިވެދޭނެއެވެ. އެހެނީ މުވައްޒަފުން އިތުރުވާކަން ދެނެގަނެވޭނެއެވެ. އަދި އިތުރުވާ މުވައްޒަފުން މަދުކުރެވޭނެ ގޮތްތަށް ކަނޑައެޅުމަށް މިޕްލޭން އެހީވެދޭނެއެވެ.
4.    މިފަދަ ޕްލޭނަކުން މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރުވެރިކަން ދެނެގަންނަށް ފަސޭހަވާނެއެވެ. އެހެނީ މިޕްލޭންގައި މުވައްޒަފުންގެ ޤާބިލްކަން ދެނެގަނެ، އެމީހުންނަށް އިތުރު ތަމްރީނުތައް ފޯރުކޮށްދޭނެ ގޮތްތައް ކަނޑައެޅިފައި ވާނެއެވެ. އެހެންކަމުން މިޕްލޭނިންގެ އެހީގައި ޚިދުމަތުގައި ތިބި މުވައްޒަފުންނަކީ އެކަމަށް އެންމެ އެކަށީގެންވާ މުވައްޒަފުންކަން ކަށަވަރު ކުރެވޭނެއެވެ.
5.    މިފަދަ ޕްލޭނަކުން އޮގަނައިޒޭޝަނުގެ ކުރިއެރުމަށް (growth) އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެހެނީ މިފަދަ ޕްލޭނަކުން މުވައްޒަފުންގެ ޙާލަތު ވަޒަން ކުރެވުމުގެ އިތުރުން ކުންފުންޏަށް އެންމެ ފައިދާ ބޮޑުގޮތްތަކަށް މުވައްޒަފުން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ބަދަލުކުރުމަށް (utilized in best manner) މަގުފަހިކޮށްދޭނެއެވެ.
6.    މިކަހަލަ ޕްލޭންތަކުގެ ސަބަބުން އޮގަނައިޒޭޝަނަކަށް، ހިޔުމަން ރިސޯސް މުހިންމުވާ މިންވަރު ހާމަވެގެންދާނެއެވެ. އަދި ހިޔުމަން ރިސޯސް ރަގަޅަށް ޕްލޭން ކުރެވިއްޖެނަމަ ކުންފުންޏަށް ވާނެ ފައިދާ ދެނެގަނެވޭނެއެވެ.
ނިންމުން

ކޮންމެ އޮގަނައިޒޭޝަނެއްގެ ކާމިޔާބީގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އެތަނެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންނަށްވާތީ، ހިޔުމަން ރިސޯސް ޕްލޭނިންއަށް ކޮންމެހެން މުހިންމު ކަމެއް ދޭންޖެހެވެ. ހަމައެހެންމެ ހަނދާންކުރާންޖެހޭ އަނެއް ކަމަކީ ހިޔުމަން ރިސޯސް ޕްލޭނިންގ އަބަދުވެސް އޮންނަންވާނީ ކުންފުނީގެ ބިޒުނަސް ޕްލޭން ތަންފީޒުކުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައިކަމެވެ. ވީމާ "ޑިމާންޑާއި" އެއްވަރަށް "ސަޕްލައި" އިތުރުކުރެވޭނެ ގޮތްތަކާއި ކުންފުންޏަށް ކޮންމެހެން ބޭނުންނުވާ މުވައްޒަފުންނާއި އަދި ހިންގުމުގައި ބޭނުންކުރާ ޢާލާތައް މަދުކުރެވޭނެ ގޮތްތައް އެޕްލޭނުން ސާފުވާންވާނެއެވެ. އަދި އެކަންކަން ތަންފީޒް ކުރެވޭނެ ގޮތްތައް ހިޔުމަން ރިސޯސް ޕްލޭނިންގައި ކަނޑައެޅެންވާނެއެވެ. ހިޔުމަން ރިސޯސް ޕްލޭނިން އަކީ ހިނގަހިނގާ (process) އޮންނަ ކަމަކަށްވާއިރު މިޕްލޭނިން ތެރެއިން އަބަދުވެސް މުވައްޒަފުންގެ ބޭނުންތަކާއި އެމީހުންގެ ކަންބޮޑުވުންތައް (concerns) ބެލެންވާނެއެވެ. އަދި އެކަށީގެންވާ ރަގަޅު މުވައްޒަފުންނާއެކު އަބަދުވެސް އޮގަނައިޒޭޝަން ކުރިއަށްދާނެ މަގުތައް ހޯދައި ކުރިއަރުވަމުން ގެންދެވެން ވާނެއެވެ. އެހެންވީމާ ހިޔުމަން ރިސޯސް ޕްލޭނިން އަކީ  ދަސްކުރަމުން (learn) ތަޖުރިބާ ކުރަމުން (experience) ކުރިއަށް (improve) ގެންދެވޭ އެއްޗެކެވެ.
ނޯޓް: ދިވެހިބަހުން ޢާންމުކޮށް ލިޔެ ޝާޢިއު ކުރެވިފައި ހުންނާތީ ފެންނަނީ ބަހާއި ދީނީ ލިޔުންތަކެވެ. ނޫނީ ޅޭމާއި ވާހަކަތަކެވެ. ވިޔަފާރިއާއި ހިންގުމުގެ ދާއިރާގެ ލިޔުންތައް ލިޔެ ޝާޢިއު ކުރެވިފައި ހުންތަން ފެންނަނީ ވަރަށްވެސް މަދުންނެވެ. އެހެންކަމުން ހިންގުމުގެ ދާއިރާގެ ލިޔުންތައް ލިޔެ ޝާޢިއު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އަޅުގަނޑު މިލިޔުން ލިޔުމަށް ޝަޢުޤުވެރިވީ އެސަބަބަށްޓަކައެވެ. ވީމާ އަޅުގަނޑު އުންމީދު ކުރަނީ މިޔުމަކީ ކިޔުންތެރިންނަށް ކަމުދާނެ ލިޔުމަކަށް ވާނެކަމަށެވެ. 
   
Bibliography:
Human Resource Planning: an Introduction, Reilly P. Report 312, Institute for Employment Studies, 1996.
Harvard Business School, Harvard Business Essentials: Hiring and Keeping the Best People
(Boston: Harvard Business School Press, 2002).
Monica Beauregard and Maureen Fitzgerald, Hiring, Managing and Keeping the Best: The
Complete Canadian Guide for Employers (Toronto: McGraw-Hill Ryerson, 2000).
Margaret Butteriss, Help Wanted: The Complete Guide to Human Resources for Canadian
Entrepreneurs, (Toronto: John Wiley & Sons Canada, 1999).
Burack, Elmer H. “Linking Corporate Business and Human Resource Planning: Strategic Issues and Concerns,” Human Resource Planning, (June 1985).
H. Michael Boyd, Human resource planning: The long and short of it. (boyd Associates 2008).
Biles, George E. and Holmberg, Stevan R. Strategic Human Resource Planning. (Glenn Ridge, New Jersey: Thomas Horton and Daughters, 1980).
Harpreet. what is Human resource planning. (September 2011)
Planning resource center - http://www.work911.com/planningmaster/Human_Resource_Planning/
Management study guide - http://www.managementstudyguide.com

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ