އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ދީނާއި ކަނޑި (10)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ފަސްވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 1


ޖޮނަތަން ރިލޭ-ސްމިތަކީ އިނގިރޭސި ވިލާތުގެ ކްރިސްޓިއަން މުއައްރިޚެކެވެ. ޞަލީބީ ހަނގުރާމައިގެ ތާރީޚާ ބެހޭ ގޮތުން ޚާއްސަ ގޮތެއްގައި ދިރާސާތައް ކުރެއްވި ބޭފުޅެކެވެ. ޞަލީބީ ހަނގުރާމަޔާ ބެހޭ ގޮތުން އޭނާ ވަރަށް ގިނަ ފޮތްތައް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި އިނގިރޭސި ވިލާތާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޔުނިވަރުސިޓީތަކުގައި އެތައް ލެކްޗަރުތަކެއް ދެއްވާފައި ވެއެވެ. އޭނާގެ ފޮތްތަކުގެ ތެރޭގައި 1987 ވަނަ އަހަރު ޝާއިޢު ކުރެވުނު "ކްރުސޭޑްސް: އަ ޝޯރޓް ހިސްޓްރީ" ހިމެނެއެވެ. އޭނާގެ ލެކްޗަރުތަކުގެ ތެރޭގައި 1979 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ޔުނިވަރސިޓީ އޮފް ލަންޑަންގެ ރޯޔަލް ހޮލޯވެއި ކޮލެޖްގައި ދެއްވި ލެކްޗަރު ހިމެނެއެވެ. މި ދެންނެވި ފަދަ ފޮތްތަކާއި ލެކްޗަރުތަކުގައި ރިލޭ-ސްމިތު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ މުރާދަކީ "ޞަލީބީ ހަނގުރާމައަކީ ލޯބީގެ ޢަމަލެއް" ކަން ސާބިތު ކުރެއްވުމެވެ. އިނގިރޭސި ބަހުން އޭނާ ބޭނުންފުޅު ކުރައްވާ ޢިބާރާތަކީ "ކްރުސޭޑިންގ އިޒް އޭން އެކްޓް އޮފް ލަވް" މިއެވެ. ރޯޔަލް ހޮލޯވެއި ކޮލެޖްގައި އޭނާ ދެއްވި ތަޤުރީރުގެ މައުޟޫޢަކީ ވެސް މިއެވެ.

ޖޮނަތަން ރިލޭ-ސްމިތު ފަދަ އެތައް ސަތޭކަ މުއައްރިޚުންނާއި ޢިލްމުވެރީންނާއި ލިޔުންތެރީންނާއި މުޤައްރިރުން ހުޅަނގުގައި އެބަތިއްބެވެ. ތޯމަސް އެފް. މޭޑްން އަކީ ވެސް ރިލޭ-ސްމިތު ފަދަ މަޝްހޫރު މުއައްރިޚެކެވެ. މިބައިމީހުންގެ ބޭނުމަކީ، އަދި އެބައިމީހުން ކުރާ މަސައްކަތަކީ ކްރިސްޓިއަން ފައްޅީގެ ކަޅު ތާރީޚުގެ ކަޅު ޞަފުޙާތައް ފޮރުވުމެވެ. ކްރިސްޓިއަނިޓީގެ ލޭގެ ތާރީޚުގެ ޙަޤީޤަތް ފޮރުވުމެވެ. ކްރިސްޓިއަނުން ދުނިޔޭގެ އެހެން މީހުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް އެއީ ނުހިނގާ ކަންތައްތަކެއް ކަމަށް ހެދުމެވެ. އެކަމަށް ޓަކައި ވަރަށް ޚިޔާނާތްތެރި ގޮތެއްގައި އެ މީހުން ގެންދަނީ ތާރީޚު ބަދަލު ކުރަމުންނެވެ. އިސްތިސްނާ ޙާލަތްތަކަކީ ޢާއްމު ޙާލަތުތަކެއް ކަމަށް ދައްކައި، ޢާއްމު ޙާލަތުތަކަކީ އިސްތިސްނާ ޙާލަތުތަކެއް ކަމަށް ދައްކައި، ހިނގި ކަންތައް ފޮރުވައި، ނުހިނގާ ކަންތައް ހިނގި ކަމަށް ބުނެ، ބުނެވިފައިވާ ބުނުންތަކާއި ދެކެވިފައިވާ ވާހަކަތަކާއި ލިޔެވިފައިވާ ލިޔުންތަކުގެ މާނަ އޮޅުވައިލައި، ހިނގާފައި ވާ ކަމަށް އިންކާރު ކުރެވެން ނެތް ކަންތައްތަކުން ހިތުހުރި މާނަތަކެއް ތަފްސީރު ކުރުން ފަދަ ނުބައި ޢަމަލުތައް ހިންގަމުންނެވެ.
ޞަލީބީ ހަނގުރާމައަކީ ޖޮނަތަން ރިލޭ-ސްމިތާއި ތޯމަސް އެފް. މޭޑްން ފަދަ ބޭފުޅުން ދަޢުވާ ކުރައްވާ ފަދަ "ލޯބީގެ ޢަމަލެއް" ތޯ ނުވަތަ ނޫންތޯ ބަލާލަމާ ހިންގަވާށެވެ.

ޞަލީބީ ހަނގުރާމަ

އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުކޮށް ކުރެވިފައި އޮންނަ މަފްހޫމަކީ، ޞަލީބީ ހަނގުރާމައަކީ މީލާދީން 1096 ވަނަ އަހަރުން ފެށިގެން މީލާދީން 1291 ވަނަ އަހަރާ ހަމަޔަށް ޔޫރަޕުގެ ކްރިސްޓިއަން ބާރުތައް އިސްލާމީ ދުނިޔެއަށް ޙަމަލަ ދީ، އެގޮތުން ދެފަރާތުގެ ދެމެދުގައި ހިނގައިދިޔަ ހަނގުރާމަތަކެއް ކަމުގެ މަފްހޫމެވެ. ނަމަވެސް މިއީ މުޅިއަކުން ޙަޤީޤަތެއް ނޫނެވެ. ޞަލީބީ ހަނގުރާމައަކީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ހިނގި ހަނގުރާމައެކެވެ. މުސްލިމުން ފިޔަވައި ޚުދު ޔޫރަޕުގައި ކްރިސްޓިއަން ދީނަށް ނުވަދެ ތިބި މީހުންނާ ދެކޮޅަށް ވެސް ޞަލީބީ ހަނގުރާމައިގެ ދިގު ސިލްސިލާތައް ހިންގިފައި ވެއެވެ. މި ދަންނަވާ ހަނގުރާމަތަކުގެ ތަފްޞީލުތައް އަންނަނިވި ބާބުގައި އިރާދަ ކުރެއްވިއްޔާ ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. މި ބާބުގައި މި ބަލައިލަނީ އިސްލާމީ ދުނިޔެއާ ދެކޮޅަށް ފޮނުވުނު ޞަލީބީ ހަނގުރާމައިގެ ފުރަތަމަ ޙަމަލާގެ ތެރޭގައި ހިނގައި ދިޔަ ބައެއް ކަންތައްތަކަށެވެ.

ހަމައެއާއެކު ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ، ޞަލީބީ ހަނގުރާމައިގެ ފުރިހަމަ ބަޔާނެއް ޚުލާސާ ގޮތަކަށް ނަމަވެސް ގެނެވޭނީ އެތައް ޞަފުޙާތަކަކުން ކަމެވެ. ވީމާ އަޅުގަނޑު މި ބާބުގައި ބަލާލާނީ ޞަލީބީންގެ ކްރިސްޓިއަން ކަނޑީގެ ރަހަ ޔަހޫދީންނާއި މުސްލިމުންނަށް ފެނުނު ގޮތުގެ މައްޗަށެވެ. މި ބަޔާންތަކުން، ރޯމުގެ ކެތަލިކް ބޮޑު ފައްޅީގެ ފާދިރީންނާ އެކު ދަތުރުކުރި، ފާދިރީންގެ އިރުޝާދުގެ ދަށުން ޙަރަކާތްތެރި ވި، ބޮޑު ފައްޅީގެ ކްރިސްޓިއަން ލަޝްކަރަކީ ކޮން ކަހަލަ ލަޝްކަރެއްކަން ތިޔަ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެއިރުން ޞަލީބީންގެ ވަޙުޝީ ހަނގުރާމައަކީ "ލޯބީގެ ޢަމަލެއް" ކަމަށް ބުނާ މީހުންނާ މެދު ތިޔަ ބޭފުޅުން ވެސް ޙައިރާންފުޅު ވެވަޑައިގަންނަވާނޫއެވެ!

ޞަލީބީ ހަނގުރާމަޔަށް ގޮވައިލެއްވީ ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ބޮޑު ފާދިރީ، ނުވަތަ ޕޯޕް އުރްބާން ދެވަނައެވެ. މީލާދީން 1095 ވަނަ އަހަރު، ފަރަންސޭސި ވިލާތުގެ ކްލަރމޮންޓް އެވެ ކިޔުނު ރަށުގައި އޮތް ޚާއްސަ މަޖިލީހެއްގައެވެ. އެއާއެކު ފައްޅިތަކުގެ ފާދިރީންނާއި ރާހިބުން ނިކުމެ ޞަލީބީ ހަނގުރާމައިގެ ގޮވާލުމުގެ އަޑު މެދުތެރޭ އަދި ހުޅަނގު ޔޫރަޕާއި އިޓަލީގައި އުފުލާން ފެށިއެވެ. މި ދަޢުވަތުގެ އަޑު އުފުލެން ފެށީ މުސްލިމުންނާ ދެކޮޅު ގޮވައިލުމެއްގެ ސިފައިގައެވެ. ނަމަވެސް ދާދި އަވަހަށް އެ ދަޢުވަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ޔޫރަޕުގެ ޔަހޫދީންނާ ދެކޮޅު ގޮވައިލުން ކަމަށް ވެގެން ދިޔައެވެ.

ޞަލީބީ ލަޝްކަރުތައް ފަރަންސޭސި ވިލާތާއި ޖަރުމަނާއި އުތުރު އިޓަލީގެ ސަރަހައްދުތަކުން ނިކުމެގެން ފަލަސްޠީނާ ދިމާޔަށް ދާން ފެށީ "ޑިއުސް ވުލްޓް" ނުވަތަ "މިއީ ކަލާނގެ އިރާދަފުޅު" މި ނަޣަރާ ކުރަމުންނެވެ. ލަޝްކަރުތަކުގައި އިސްވެ ތިބީ ބިންވެރި އަމީރުންނާއި ކްރިސްޓިއަން ރާހިބުންނާއި ފާދިރީންނެވެ. ކޮންމެ މީހަކު ދިޔައީ ރާހިބުންގެ ޚާއްސަ ބަޕްތިސާމްގެ ފެނުން ފެންވަރައި، ރާހިބެއްގެ އަތުން ލިބިގަތް ޞަލީބަކާ އެކުގައެވެ. ޞަލީބީންގެ ދީނީ ހަނގުރާމަ ވެގެން ދިޔައީ މެދުތެރޭ ޔޫރަޕުގެ ޔަހޫދީންގެ އާބާދީތަކަށް ކުރިމަތިވި އެންމެ ބޮޑު އެއް މުޞީބާތް ކަމަށެވެ. ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގައި އުޅުއްވި، އަދި އެ ހަނގުރާމައިގެ ތާރީޚު ލިޔުއްވައި ރައްކާ ކުރެއްވި ކްރިސްޓިއަން ފާދިރީއެއް ކަމަށް ވާ ގައިބަރޓް ޑި ނޮޖެންޓް ލިޔުއްވާފައި ވެއެވެ. "ޞަލީބީ ހަނގުރާމަވެރީން ބުނެއުޅުނެވެ. އަހަރެމެން މި ދަނީ އިރުމަތީގައި ތިބި މާތްރަސްކަލާނގެ ދުޝްމަނުންނާ ހަނގުރާމަ ކުރާށެވެ. ނަމަވެސް އަހަރެމެންގެ ނޯށްދަށުގައި މި ތިބި ޔަހޫދީންނަކީ މާތްރަސްކަލާނގެ ރަސްކަންފުޅާ އެހެން އެންމެންނަށް ވުރެ ދުޝްމަންކަން ބޮޑު ބައެކެވެ. ފަހެ މިބައިމީހުންނާ ހަނގުރާމަކުރުން އެހެން ކޮންމެ ބަޔަކާ ހަނގުރާމަ ކުރުމަށް ވުރެ އައުލާކަން ބޮޑެއް ނޫން ބާވައެވެ!"

ޔަހޫދީންގެ މިނިކަތިލުން

މި ވިސްނުމާ އެކު ދެން ފެށުނީ އިންސާނީ މިނިކަތިލުމާއި ގަދަކަމުން ކްރިސްޓިއަން ދީނަށް ވެއްދުމުގެ އަނިޔާވެރި ސިލްސިލާއެކެވެ. އެމެރިކާގެ މުއައްރިޚެއް ކަމަށް ވާ އެޑްވަރޑް އެޗް. ފްލެނަރީ އޭނާގެ "ދަ އެންގުއިޝް އޮފް ޖޫވސް" ޓުވެންޓީ ތްރީ ސެންޗަރީޒް އޮފް އެންޓި ސެމިޓިޒަމް" މި ފޮތުގެ 93 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވާ ގޮތުގައި ޞަލީބީންގެ މި އަނިޔާވެރިކަމުގެ ސިލްސިލާގައި އުތުރު ފަރަންސޭސި ވިލާތާއި ޖަރުމަނުގެ ޔަހޫދީންގެ އާބާދީގެ ހަތަރުބައިކުޅަ އެއް ބަޔާއި ތިންބައިކުޅަ އެއްބަޔާ ދެމެދުގެ ޢަދަދެއް މަރައި ހުސް ކޮށްލެވުނެވެ. އެއީ ގަދަބާރުން ކްރިސްޓިއަން ދީނަށް ވަން މީހުންގެ އިތުރުންނެވެ. ކަނޑީގެ ބާރުގައި ވެސް ކްރިސްޓިއަން ދީނަށް ވަންނަން އިންކާރު ކުރި މީހުންނެވެ. މި ޤަތުލުޢާއްމުތަކުގެ ތެރޭގައި ޔަހޫދީންގެ އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ޒުވާނުން ކަތިލައި، އެބައިމީހުންގެ ފައްޅިތައް އަންދައި، އެބައިމީހުންގެ ފޮތްތަކާއި މުދާތައް ހަލާކު ކޮށް ނުވަތަ ފޭރިގަނެވިފައި ވެއެވެ. އެތައް ހާސް ބަޔަކު އަޅުވެތި ކުރެވިފައި ވެއެވެ. އެތައް ހާސް އަންހެން ކުދީންގެ ޢިއްފަތްތެރިކަން ފޭރިގަނެވިފައި ވެއެވެ. ޞަލީބީންގެ ލަޝްކަރާ އެކު ޖިންސީ އަޅުންގެ ގޮތުގައި ގެންދެވިފައި ވެއެވެ. މި ނުބައި އަނިޔާވެރިކަން ޔަހޫދީންގެ މައްޗަށް ޞަލީބީން ގެނެސްގަތީ ޔަހޫދީން ޞުލްޙަވެރިކަމުގައި އުޅެއުޅެ ތިއްބައެވެ. އެއްވެސް ކަމަކާ ނުލައެވެ. އެއްވެސް ޙައްޤަކާ ނުލައެވެ.

ޔަހޫދީންނާ ދެކޮޅަން ހިންގި މިނިކަތިލުންތަކުގެ ތެރޭގައި ވޯލްކްމަރ އެވެ ކިޔުނު ކްރިސްޓިއަން ފާދިރީއެއްގެ ލީޑަރުކަމުގައި ސެކްސަނީގެ ޞަލީބީން މެގްޑެބަރގާއި އަދި ޕްރާގުގައި ހިންގި ދެ ޤަތުލުޢާއްމާއި، ގޮޓްޝޯލކްގެ ނަން ލިބިގެންވާ ކްރިސްޓިއަން ފާދިރީއެއްގެ ވެރިކަމުގެ ދަށުގައި ރިޖެންސްބަރގްގައި ހިންގުނު ޤަތުލު ޢާއްމު ހިމެނެއެވެ. މީގެ އިތުރުން ވެސް މަޝްހޫރު ޤަތުލުޢާއްމުތަކުގެ ތެރޭގައި ސްޕެޔަރގައި ހިންގުނު ޤަތުލުޢާއްމާއި، ކޮލޯގންގައި ހިންގުނު ޤަތުލުޢާއްމާއި، ވޯރމްސްގައި ހިންގުނު ޤަތުލުޢާއްމު ހިމެނެއެވެ. މި ހުރިހާ ޤަތުލުޢާއްމުތަކެއް ވެސް ފެށެނީ އަނިޔާވެރި ގޮތެއްގައި ޞަލީބީން ޝަހަރުތަކަށް އަރައިގަނެ، ޔަހޫދީންގެ އާބާދީތައް ފޭރި އެތައް ބަޔަކު މަރާލުމާ ހަމައިންނެވެ. އެއަށްފަހު ޔަހޫދީ އާބާދީ އެއްކޮށް، އެބައިމީހުންނަށް ދެވެނީ ދެ އިޚްތިޔާރެވެ. އެއީ އެހެންޏާ ކްރިސްޓިއަން ދީނަށް ވަނުން، ނުވަތަ ފުރާނައިން އަތް ދޮވެލުމުގެ އިޚްތިޔާރެވެ. މި ހުރިހާ ޙާދިސާތަކެއްގެ ތަފްސީލުތައް މިފަދަ ކުރު ބަޔާނެއްގައި ގެނައުމަކީ މުސްތަޙީލު ކަމަކަށް ވާތީ، މި ފުރުޞަތުގައި ތަފްޞީލީ ގޮތެއްގައި އަޅުގަނޑު ބަލާލާނީ އެންމެ ޙާދިސާއަކަށެވެ. އެއީ އެއިރުގެ މެޔެންސް، މިހާރުގެ ޖަރުމަނުގެ މެއިންޒް އެވެ ކިޔޭ ޝަހަރުގައި ހިންގުނު ވަރުގަދަ ޤަތުލުޢާއްމެވެ.

މެއިންޒަށް ޞަލީބީން އެރީ މަޝްހޫރު ކައުންޓް އެމީކޯގެ ވެރިކަމުގެ ދަށުގައެވެ. އޭނާގެ ލަޝްކަރުގައި ތިބީ ޞަލީބީންގެ 10000 ހަނގުރާމަވެރީންނެވެ. ދެން ތިއްބެވީ ފައްޅިތަކުން އައި ފާދިރީންނާއި ރާހިބުންނެވެ. އެ ދުވަސްވަރު ޖަރުމަނުގެ ސަރަޙައްދުގެ ރަސްކަމުގެ އަމްބަރާތޫރަކީ ހޯލީ ރޯމަން އެމްޕެރަރ ހެންރީ ހަވަނައެވެ. ހެންރީ އެއިރު ހުންނެވީ އިޓަލީގެ ދެކުނުގައެވެ. އޭނާ ހުންނެވީ ރޯމަން ކެތަލިކް ބޮޑު ފައްޅިއާ ގުޅުން ކަނޑުއްވާލައްވައިގެންނެވެ. އެހެންކަމުން އޭނާ ޞަލީބީ ޙަރަކާތުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ. އަދި އޭނާގެ ވެރިކަމުގެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ ޞަލީބީން ޔަހޫދީންގެ މިނިކަތިލުންތައް ޢާއްމު ކުރަމުންދާ ޚަބަރު ލިބިވަޑައިގަތުމާ އެކު، އޭނާ އޮތީ މެއިންޒުގެ ވެރީންނަށް ވެސް އެފަދަ ޢަމަލެއް އެ ޝަހަރުގައި ހިނގިޔަނުދޭން އަންގަވާފައެވެ.

މެއިންޒުގެ ބޮޑު ފާދިރީ ރުތަރޑް ޞަލީބީން އެ ޝަހަރަށް ވަނުން މަނާ ކުރެއްވިއެވެ. އެއީ ޝަހެންޝާހުގެ އަމުރުފުޅަށް ޢަމަލުކުރުމާ އެކު، ތިމާމެންގެ ސަލާމަތާއި ރައްކާތެރިކަމުގެ އަގެއްގެ ގޮތުގައި ޔަހޫދީން އޭނާއަށް އެރުވި އެތައް ބައިވަރު ރަނެއްގެ ބަދަލުގައެވެ. ރުތަރޑް ޔަހޫދީންނަށް ރައްކާތެރިކަން ދިނީ ވަރަށް ނިކަމެތި ގޮތަކަށް ބަންދު ކުރެވިފައި ހުރި އޭނާގެ ގަނޑުވަރުންނެވެ. ނަމަވެސް ކައުންޓް އެމީކޯއާއި އޭނާގެ ޞަލީބީ ހަނގުރާމަވެރީން ދާދި ފަސޭހަކަމާ އެކު އެ ގަނޑުވަރުގެ ސަރަހައްދަށް ވަނެވެ. އެއީ މީލާދީން 1096 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހެވެ. ޞަލީބީން ގަނޑުވަރުގެ ސަރަޙައްދަށް ވަނުމަށް ފަހު ވަލު ޖަނަވާރުތަކެއް ފަދައިން ޔަހޫދީންގެ މައްޗަށް އަރައިގަނެ، ކުޑަ ކުއްޖެއް އަންހެނެއް މުސްކުޅިއެއް ފަރަގު ކުރުމެއް ނެތި މަދުވެގެން 1100 މީހުން، ނުވަތަ އެއަށްވުރެ ގިނަ މީހުން ކަތިލިއެވެ. ޞަލީބީން ގަނޑުވަރުގެ ސަރަހައްދަށް ވަނުމުން، ގަނޑުވަރުގެ ވެރިޔާ، އަދި ޔަހޫދީންނަށް ޙިމާޔަތް ދެއްވާނެ ކަމަށް ވަޢުދުކުރައްވައި އެބައިމީހުންގެ އަތުން އެތައް ބައިވަރު ރަނެއް ހޯއްދެވި ކްރިސްޓިއަން ފާދިރީ ރުތަރޑް، އޭނާގެ ދީނީ ބޮޑުންނާއި ރާހިބުންގެ ޖަމާޢަތާއިގެން ގަނޑުވަރުން ނިކުތީއެވެ. ޞަލީބީން ހުއްޓުވަން އެބައިމީހުން މަސައްކަތް ކުރީ ހަމައެކަނި ނަމެއްގައެވެ.

މެއިންޒްގައި ޞަލީބީންގެ އަނިޔާވެރި މިނިކަތިލުން ފެނި، ތިމާމެންގެ އަހުލުވެރީންނަށް ވަމުން ދިޔަ ގޮތް ފެނުމުން އުއްމީދު ކެނޑިފައިވާ ޙާލުގައި ޔަހޫދީންގެ އެތައް ބަޔަކު ތިމާމެންގެ އަނބިދަރިންނާއި ގާތްތިމާގެ މީހުން އަމިއްލަ އަތުން ކަތިލައިފައި، އަމިއްލަޔަށް މަރުވެފައި ވެއެވެ. މީލާދީން 1140 ހާ ތާނގައި އުޅުނު ޔަހޫދީ މުއައްރިޚެއް ކަމަށް ވާ ސޮލޮމޮން ބާރ ސެމްސަން ވަނީ މި ޙާދިސާގެ ތަފްސީލުތައް ލިޔެފައެވެ. އޭނާގެ ބަޔާންތަކުން ވެސް، އަދި އެހެން އެތައް ބަޔާނަކުން ވެސް އެނގޭ ގޮތުގައި މެއިންޒްގެ ޔަހޫދީ މަންމައިންނާއި ބައްޕައިން ޞަލީބީންގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ތިމާމެންގެ ކިރުބޯ ޅަ ދަރީން ކަތިލައިފައި، އަމިއްލަޔަށް މަރުވެފައި ވެއެވެ. އޭގެ ތެރޭގައި އެންމެ މަޝްހޫރު ޙާދިސާއަކީ ރޭޗަލް އެވެ ކިޔުނު ޔަހޫދީ އަންހެނެއްގެ ޙާދިސާއެވެ. އޭނާ އަމިއްލަޔަށް މަރުވެފައި ވަނީ އޭނާގެ ކުޑަ ހަތަރު ކުދީން ކަތިލުމަށް ފަހުގައެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ކިރު ބޯ އުމުރުގެ ތުއްތު ކުއްޖެކެވެ.
ސޮލޮމޮންވެސް ލިޔެފައި ވަނީ ޔަހޫދީން ރައްކާތެރިކޮށްދޭން ވަޢުދުވެ އެމީހުންގެ އަތުން ބޮޑު އަގެއް އަތުލި ފާދިރީ ރުތާރޑާއި އޭނާގެ ރާހިބުން އެންމެ ކުރީ ބައިގައި ރައްކާވެގެން ދިޔަ ކަމަށެވެ.

މި ދެންނެވި ފަދަ ހާދިސާތަކަކީ ޔަހޫދީންނާއި ކްރިސްޓިއަން މުއައްރިޚުންގެ ތެރެއިން، އެ ޙާދިސާތައް ހިނގިއިރު އެތާނގައި ތިބި، އަމިއްލަ ލޮލުން ދެކެ އަތުން ހިފައިގެން ކްރޯނިކަލްސްތައް ލިޔުނު އެތައް ބައެއްގެ ފަރާތުން ވާރިދުވެފައި ވާ ހާދިސާތަކެކެވެ. އެހެންކަމުން، މި ހާދިސާތައް ނުހިނގާ ކަމަށް ހެދުމަކީ މިއަދު ކުރެވޭނެ ކަމަކަށް ނުވެއެވެ. އެހެންކަމުން ޖޮނަތަން ރިލޭ-ސްމިތާއި ތޯމަސް އެފް. މޭޑްން ފަދަ ބޭފުޅުން މަސައްކަތް ކުރައްވަނީ މިއީ އިސްތިސްނާ ޙާދިސާތަކެއް ކަމަށް ހައްދަވާށެވެ. ރޯމަން ކެތަލިކް ބޮޑު ފައްޅިއާއި، އަދި އެހެނިހެން ފައްޅިތަކުގެ ފާދިރީންގެ ނުރުހުމުގައި، އެމީހުންގެ އަމުރާ ޚިލާފަށް ހައްދު ފަހަނަޅާފައިވާ މަދު ބަޔަކު ކުރި ކަމެއް ކަމަށް ހައްދަވާށެވެ. ނަމަވެސް މިއީ ތާރީޚު އޮޅުވައިލުމުގެ ހުތުރުވެގެންވާ ނަމޫނާއެއް ކަމަށް ހިމެނޭ މަސައްކަތެކެވެ. އެހެނީ ޙަޤީޤަތަކީ، ޔަހޫދީންނާ މެދު ހަމްދަރުދީ ވި ފާދިރީންނަކީ މަދު ބަޔަކު ކަމުގައި ވުމެވެ. މިސާލެއްގެ ގޮތުން، އެ ބޭފުޅުން ވަނީ މެއިންޒްގެ ފާދިރީ ރުތަރޑް ވެސް ޔަހޫދީން ރައްކާތެރިކުރަން މަސައްކަތް ކުރި ކަމަށް ދަޢުވާ ކުރައްވާފައެވެ. ނަމަވެސް އޭނާ ޔަހޫދީންނަށް ރައްކާތެރިކަން ހޯދައިދޭން ވައުދުވީ އޭގެ އަގެއްގެ ގޮތުގައި އެބައިމީހުންގެ ރަންތައް އަތުލައްވައިގެން ކަމުގެ ވާހަކަ އޮންނަނީ ގިނަ ފަހަރު ފޮރުވާފައެވެ. ހަމައެއާއެކު ޞަލީބީން މެއިންޒަށް ވަނުމާ އެކު ރުތާރޑާއި އޭނާގެ އެކުވެރީން ފިލައި ރައްކާވެގެން ދިޔަ ވާހަކަ އޮންނަނީ، އޭނާއަށް ޞަލީބީން ނުހުއްޓުވިގެން ޖާނު ސަލާމަތްކުރީ ކަމުގައި ހަދައިގެން ރީތި ކޮށްފައެވެ.

ޙަޤީޤަތަކީ ޔަހޫދީންނާ ދެކޮޅަށް ހިންގުނު ޞަލީބީ ޤަތުލުޢާއްމުތަކަކީ ކްރިސްޓިއަން ފައްޅީގެ ހިތްވަރުދިނުމާ އެކު ހިންގުނު ހުތުރު ޖަރީމާތަކެއް ކަމަށް ވާ ކަމެވެ. އެ ޢަމަލުތައް ހިންގީ ޞަލީބު އަޅައިގެން ދިޔަ ޞަލީބީ ހަނގުރާމަވެރީންނެވެ. ބޮޑު ފައްޅީން ފޮނުވި ހަނގުރާމަވެރީންނެވެ. ބޮޑު ފައްޅީގެ ބަރަކާތްތެރި ފެނުން ފެންވަރުވާފައި، ބޮޑު ފައްޅީގެ ޞަލީބު ޖެހި ޔުނިފޯމު އަޅުވާފައި ފޮނުވި މީހުންނެވެ. ބޮޑު ފައްޅީގެ ފާދިރީން އެ ލަޝްކަރުތަކެއްގެ ލީޑަރުންގެ ގޮތުގައި ތިއްބެވި މީހުންނެވެ. މި ޙަޤީޤަތްތަކަށް އިންކާރުކުރަން ކްރިސްޓިއަން މުއައްރިޚުން ކުރައްވާ މަސައްކަތްތަކަކީ އިންތިހާ ދަރަޖައިގެ އަގެއް ނެތް މަސައްކަތެއް ކަމާ މެދަކު ޝައްކެއް ނެތެވެ.

ޞަލީބީ ލަޝްކަރުގައި ހިމެނުނު އެންމެ މުހިއްމު އެއް ލީޑަރަކީ، އަދި ފަލަސްޠީނަށް ގޮސް ފަލަސްޠީނު ހިފުމަށް ފަހު ޞަލީބީން އެތަނުގައި އުފެއްދި ރަސްކަމުގެ ފުރަތަމަ ރަސްކަލަކީ ގޮޑްފްރެއި އޮފް ބޮއިލަން އެވެ. އޭނާއަކީ ފަރަންސޭސި ނަވާބެކެވެ. 2003 ވަނަ އަހަރު ޕެޓްރިކް ޖޭ. ގިއަރީ ލިޔުއްވައި ޝާއިޢު ކުރެއްވި "ރީޑިންގސް އިން މިޑީވަލް ހިސްޓްރީ" މި ފޮތުގައި ބަޔާން ކުރައްވާފައި ވާ ގޮތުގައި، ގޮޑްފްރެއިއަށް ޞަލީބީ ލަޝްކަރުތަކުގެ އެންމެ މަތީ ވެރިކަމުގެ ދަރަޖަ އެރުނީ ސީދާ ބޮޑު ފައްޅީގެ ޕޯޕް އުރްބާނެވެ. ޔަހޫދީންނާ ބެހޭ ގޮތުން ގޮޑްފްރެއި ހުވައި ކުރައްވައިފައި ވެއެވެ. "މި ދަތުރު ދިޔުމުގައި ޞަލީބަށް އެރުވި ލޭފޮދު އޮހޮރުވައިލެވުނު އަހަރެމެންގެ ސާހިބާގެ ލޭފޮދުގެ ބަދަލުގައި ޔަހޫދީންގެ ލޭ އޮހޮރުވައިލުމަށާއި، އަދި ޔަހޫދީ މިނަން ބޭނުން ކުރާނޭ އެއްވެސް ފުރާނައެއް ދިރިދުނިޔޭގައި ނުބެހެއްޓުމަށް އަހަރެން ހުވާ ކުރަމެވެ."

ޔަހޫދީން ދެކެ ނަފްރަތު ކުރުމާއި، އެބައިމީހުންނަކީ "މަސީޙުގެ ޤާތިލުން" ނުވަތަ "ކްރައިސްޓް ކިލަރޒް" ކަމުގެ ތަޢުލީމަކީ ކްރިސްޓިއަނުންގެ ތެރޭގައި އުފެދުނު އުސާމާ ބިން ލާދިނެއްގެ ތަޢުލީމެއް ނޫނެވެ. އެބައިމީހުންގެ ތެރޭގައި އުޅުނު ޙަސަން ބިން ޞަބާޙެއްގެ ފިކުރެއް ނޫނެވެ. އެއީ ޚުދު ކެތަލިކް ބޮޑު ފައްޅީގެ ބޮޑު ފާދިރީއާ ހަމައިން ފެށިގެން ޔޫރަޕްގެ ކްރިސްޓިއަން ފައްޅިތަކުން، ރައްޔިތުންނަށް އުނގަންނައިދިން ފިކުރެކެވެ. އެމެރިކާގެ ޓެމްޕަލް ޔުނިވަރސިޓީގެ ޕްރޮފެސަރ އެމެރިޓަސް އޮފް ރިލިޖަން، ޖެރާރޑް އެސް. ސްލޯޔާން އޭނާގެ މަޒުމޫނެއް ކަމަށް ވާ "ކްރިސްޓިއަން ޕަރސެކިޔުޝަންސް އޮފް ޖޫވސް އޯވަރ ސެންޗަރީޒް" ގައި ލިޔުއްވާފައި ވާ ގޮތުގައި، މަޝްހޫރު ޕޯޕް ގްރެގަރީ އެއްވަނަ ޔަހޫދީންނަށް ނިސްބަތް ކުރައްވައި "ހޮޑު"، "ޕަރފިޑިއާ"، "މަސީޙުގެ ދުޝްމަނުން" ފަދަ އެތައް ޢިބާރާތްތަކެއް އޭނާގެ ވާހަކަފުޅު ދެއްކެވުމުގައި، އަދި ލިޔުއްވުންތަކުގައި ބޭނުން ކުރައްވާފައި ވެއެވެ.
ޔަހޫދީންނާ ދެކޮޅަށް ޞަލީބީން ހިންގި ނުބައި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރި ކަމަށް ކްރިސްޓިއަން މުއައްރިޚުން ދަޢުވާ ކުރައްވާ އަނެއް ފާދިރީއަކީ ޕީޓަރ އެވެ ކިޔުނު މަޝްހޫރު ފާދިރީއެކެވެ. އޭނާއާ ބެހޭ ގޮތުން ކެމްބްރިޖް ޔުނިވަރސިޓީގެ މުއައްރިޚެއް ކަމަށް ވާ ނޯރމަން ގިބް، އޭނާ ލިޔުއްވި "ދަ ޖޫވސް އިން މިޑީވަލް ނޯރމަންޑީ" އަ ސޯޝަލް އެންޑް އިންޓެލެކްޗުއަލް ހިސްޓްރީ" މި ފޮތުގައި ވިދާޅުވެފައި ވަނީ "ޔަހޫދީންނާ މެދު ޕީޓަރގެ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް، އޭނާގެ ޒައާމަތުގައި ދިޔަ ޞަލީބީން ހިތުހުރި ގޮތަކަށް ޔަހޫދީން މަރައި، އެމީހުން ފޭރެމުން ދިޔަ ދިޔުމާ މެދު އޭނާ އެއްވެސް ކަމެއް ކޮށްފައެއް ނުވާ" ކަމަށެވެ.

އަނެއްކޮޅުން، ތިން ހަތަރު ޤަރުނު ވަންދެން ޔަހޫދީންނާ ދެކޮޅަށް ޞަލީބީން މި ނުބައި ޖަރީމާތައް ހިންގި އިރު، ބައެއް ފަހަރު ދުލުކުރީން އެކަން ކުށްވެރި ކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ރޯމަން ކެތަލިކް ބޮޑު ފައްޅީން އަޅާފައެއް ނުވެއެވެ. އެކަން ކުރި މީހަކަށް ދުވަހަކުވެސް އަދަބެއް ދެވިފައެއް ނުވެއެވެ. އެމީހުންނަށް ހުރީ ނަރަކައޭ ބުނުން ހައި ވަރު ވެސް ކޮށްލާފައެއް ނުވެއެވެ. އެއާ ޚިލާފަށް، ޔަހޫދީންނާ ދެކޮޅަށް ނުބައި ޤަތުލުޢާއްމުތައް ހިންގައި، އެތައް ހާސް ބަޔަކު ގަދަކަމުން ކްރިސްޓިއަން ދީނަށް ވެއްދުމުގެ ޢަމަލުތައް ހިންގާ ލަޝްކަރުތަކުގައި، ބިންވެރި އަމީރުންނާއެކު އިސްވެތިބެނީ ފައްޅީން ފޮނުވާފައި ތިބޭ ފާދިރީން ނުވަތަ ރާހިބުންނެވެ. ގަދަކަމުން ކްރިސްޓިއަން ދީނަށް ވެއްދޭ ޔަހޫދީން ބަޕްތިސާމްގެ ފެނުން ފެންވަރުވަނީ ކްރިސްޓިއަން ފާދިރީންނެވެ.

ހަމައެއާއެކު، ޞަލީބީންގެ ހަނގުރާމަވެރީން ޔޫރަޕުގެ އެތަންމިތާގައި ގަދަބާރުން، ކްރިސްޓިއަންދީނަށް ވެއްދި ޔަހޫދީންނަކީ ކްރިސްޓިއަނުން ކަމުގައި ރޯމްގެ ކެތަލިކް ބޮޑުފައްޅީންނާއި އެހެނިހެން ފައްޅިތަކުން ގަދައަޅައި ބުނަމުން ދިޔައެވެ. ކަނޑީގެ ބިރުދައްކައިގެން ޔަހޫދީ ދީނުން ބޭރުކުރެވި ބަޕްތިސާމް ކުރެވިފައި ތިއްބަސް އެމީހުންނަކީ ޞައްޙަ ގޮތުގައި މަސީޙުގެ ދުނިޔެއަށް ގެނެވިފައިތިބި މީހުން ކަމުގައި ބުނެ، އެމީހުންނަކީ ޔަހޫދީން ނޫން ކަމަށް ބަޔާން ކުރަމުން ދިޔައެވެ. ފައްޅީގެ އިސްވެރީން ވިދާޅުވިގޮތުގައި ޞަލީބީ ހަނގުރާމަވެރީން ބިރުދެއްކި ވަގުތު ކްރިސްޓިއަން ދީނަށް ވަންނަން ދެކޮޅުހެދި މީހުންނަކީ އެމީހުންގެ ދީނުގައި ސާބިތުވެތިބި މީހުންނެވެ. ބިރުދައްކައިގެން ވިޔަސް ކްރިސްޓިއަން ދީނަށް ވަދެއްޖެނަމަ ދެން ހުންނަންޖެހޭނީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. މިހެން ވިދާޅުވި އިރު ޞަލީބީ ހަނގުރާމަވެރީން ކްރިސްޓިއަން ދީނަށް ވައްދަން ބިރުދެއްކިވަގުތު އެބައެއްގެ ދީން ދޫކޮށްލަން އިންކާރުކުރި ކޮންމެ ޔަހޫދީއަކު އިންސާނީ ހިތަށް ނުކަތާވަރުގެ ވޭންދެނިވި ޢަޒާބާއެކު ވަގުތުން މަރާލެވިފައިވާކަން ހަނދުމަފުޅުކުރައްވާކަށް އެބޭފުޅުން ބޭނުންފުޅެއް ނުވިއެވެ.

ކަން މިހެން އޮތް އިރު، ޞަލީބީން ހިންގި ޤަތުލުޢާއްމުތަކަކީ ކްރިސްޓިއަން ފައްޅިއާއި ދީނީ މީހުންގެ ބައިވެރިވުމެއް ނެތި ކުރެވުނު ކަމެކޭ ބުނެވޭނީ ކޮންފަދައަކުންތޯއެވެ؟

(ނުނިމޭ..)

މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އަޙުމަދު މާޖިދު
(ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ