އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ދީނާއި ކަނޑި (11)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.



ޞަލީބީ ކްރިސްޓިއަން ކަނޑި ޤުދުސްގައި

ދެން އޮތީ ޞަލީބީން ޤުދުސްއަށް އަރައި ހިންގި ނުބައި ޖަރީމާތަކުގެ ވާހަކައެވެ. މިއީ އެ ވާހަކައެއް އަޑު އަހާ ޅަކުދީންގެ ބޮލުގައި ހުންނަ އިސްތަށިތައް ނުރަޔަށް ވާ ފަދަ ވާހަކައެކެވެ. ތާރީޚުގެ ސަފުހާތަކުން މިފަދަ ލޭ އޮހޮރުވުމެއްގެ މިސާލެއް ފެންނާކަށް ނެތެވެ. ނުވަތަ ފެނިފައި ވަނީ ވަރަށް ވެސް މަދުންނެވެ. މިއީ ދުނިޔެ ދެމި އޮތްހައި ދުވަހަކު އިންސާނީ ރަޙްމާއި ހަމްދަރުދީއާއި ހިތްހެޔޮކަމުގެ އަގުތަކުން ލަޢުނަތް ދޭނޭ ކަމެކެވެ. އާދޭހެވެ! ރޯމަން ކެތަލިކް ބޮޑު ފައްޅީގެ އަމީރުންނާއި ފާދިރީން، އެބައިމީހުންގެ ޞަލީބީ ކްރިސްޓިއަން ހަނގުރާމަވެރީންނާއެކު ޤުދުސްއަށް އައިސް ހިންގި ލާމަސީލު ޤަތުލުޢާއްމަކީ އިންސާނީ ތާރީޚުގެ ކަޅު ސަފުހާތަކުގެ ތެރެއިން އެންމެ ކަޅު އެއް ސަފުހާއެވެ.

ޞަލީބީން ޤުދުސްގެ މުސްލިމް، ކްރިސްޓިއަން އަދި ޔަހޫދީ އާބާދީގެ ބޮޑު ބައެއް މަރައިހުސްކޮށްލިއެވެ. އފިރިހެނެއް، އަންހެނެއް، މުސްކުޅިއެއް، ކުޑަކުއްޖެއް ވައްކެއް ނުކުރެއެވެ. ފަރަންސޭސީންގެ މުއައްރިޚުން އިޢުތިރާފުވާ ގޮތުގައި 70000 އަށްވުރެ ގިނަ މީހުން މަރާލެވުނެވެ. މަންޒަރު ދުށް މުއައްރިޚުންގެ ބަޔާންތަކުން އެނގޭ ގޮތުގައި ޤުދުސްގެ މިސްކިތް ފަދަ ބައެއް ތަންތަނުގައި ޞަލީބީން ދަތުރުކުރިއިރު އެބައިމީހުންގެ އުނަގަނޑުތަކާ ހަމަޔަށް އޮތީ މަރާލެވުނު މީހުންގެ ލެއިން ފެންބޮޑުވެފައެވެ. މުސްލިމް ރާވީން ވިދާޅުވާގޮތުގައި މަރައިލެވުނު މީސްތަކުންގެ ޢަދަދު 100000 އަށް އަރައެވެ. 

ކޮންމެއަކަސް، މި ޙާދިސާގެ ތަފްޞީލުތަކަށް ދާކަށް އަޅުގަނޑު ގަސްދެއް ނުކުރަމެވެ. މި ޙާދިސާގެ ވޭންދެނިވި ތަފްޞީލުތައް އިސްލާމީ މުއައްރިޚުން ކުރެ އިބްނުލްޤަލާނިސީއާއި އިބްނުލް ޢާޠިރު ފަދަ ބޭފުޅުން ވަރަށް ދިގުކޮށް ބަޔާން ކުރައްވާފައި ވެއެވެ. ނަމަވެސް މި ފުރުސަތުގައި މި ދަންނަވާލަނީ ޚުދު ކްރިސްޓިއަން މުއައްރިޚުންގެ ފަރާތުން ލިބިފައި ވާ ހެކިބަސްތަކެކެވެ. 

އެންމެ ފުރަތަމަ އަޅުގަނޑު މި ހުށަހަޅާލާ ބަޔާނަކީ މަންޒަރުތައް ލޮލުންދުށް ޞަލީބީންގެ ފާދިރީއެއް ކަމުގައިވާ ފުލްކާރ އޮފް ޗާރޓެސް އޭނާގެ "ހިސްޓޯރިއާ ހިއެރޯސޮލިމިޓާނާ" ގައި ލިޔެފައިވާ ބަޔާނެކެވެ.

"ދެން ޢަރަބި އަދި ޙަބަޝީ މުސްލިމުން ދާއޫދުގެފާނުގެ ކޮއިލުކޮޅުގެ ތެރެއަށް ވަނދެ ޙިމާޔަތް ހޯދައިފިއެވެ. އަނެއް ބަޔަކު މާތްރަސްކަލާނގެ (އެބަހީ ޢީސާގެފާނުގެ) ފައްޅިއާއި ސުލައިމާނުގެފާނުގެ ފައްޅީގެ ތެރެއަށް ވަނދެ އެތަނުގެ ތެރޭގައި ރައްކާތެރިކަން ހޯދޭތޯވެސް ބެލިއެވެ. މި ފައްޅިތަކުގެ މާލަންތަކުގައި ތިބި ޞަލީބީ ސިފައިން އެބައިމީހުންގެ މައްޗަށް ވަރަށް ވަރުގަދަޔަށް ޙަމަލާ ދިނެވެ. އެބައިމީހުންނަށް އަހަރެމެންގެ ހަނގުރާމަވެރީންގެ ކިބައިން ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭނޭ އެއްވެސް ޖަގަހައެއް ނުފެނުނެވެ. އޭގެ ތެރެއިން ބައެއް މީހުން ފިލަން އުޅުމުގެ ތެރޭގައި ސުލައިމާނުގެފާނުގެ ފައްޅީގެ މައްޗަށް އެރުމުން އަހަރެމެންގެ ސިފައިން އެބައިމީހުންނަށް ޙަމަލާދިނީ ތީރުންނެވެ. އެތައްބަޔަކު މި ތީރުތަކަށް އެމުނިގެންވެސް މަރުވިއެވެ. ތީރުތައް އެބައިމީހުންގެ ހަށިތައް ތޮރުފައިލުމުން އަރައިތިބޭ ފާރުތަކުން ވެއްޓިގެން އެނބުރެމުން ސެނބުރެމުން އެބައިމީހުން ބިންމައްޗަށް ތިރިވަމުން ދިޔައެވެ. ފައްޅީގެ ސަރަޙައްދުގައި އެކަނިވެސް ގާތްގަނޑަކަށް ދިހަހާހެއްހައި މީހުން ޤަތުލުކުރެވުނެވެ. ތިޔަބައިމީހުން އެތަނުގައި ތިބިނަމަ ތިޔަބައިމީހުންނަށްވެސް ހިތްތަކަށް ހާއުފާކަން ގެނެސްދޭފަދަ މަންޒަރުތަކެއް ފެނުނީހެވެ. އެހެނީ މުސްލިމުންގެ ހިޔަޅުކަން އެނގޭތީވެ، އެމީހުން ދިރިތިބިއިރު ރައްކާތެރި ކުރުމަށްޓަކައި ރަނާއި ރިހީގެ ދިރުހަމްތަކާއި ދީނާރުތައް ދިރުވާލާފައިވާނެތީވެ، އަހަރެމެންގެ ބަހާދަރުންނާއި ފައިމަގުގައި ހަނގުރާމަކުރާ ސިފައިން އެބައިމީހުންގެ ބަނޑުތައް ފަޅައި ހާވަމުން ގެންދިޔައެވެ. ދުވަސްކޮޅެއްގެ ފަހުން އަހަރެމެންގެ ސިފައިން މަރުވެފައިތިބި މީހުންގެ ހަށިތައް ބޮޑު ސިންގާ ފުންޏަކަށް ޖަހާފައި އަންދާލީއެވެ. އެއީ އެ ހަށިތައް އަނދައި އަޅިއަށް ވުމުން ދީނާރުތައް ހޯދަން ފަސޭހަ ވާނެތީއެވެ.

އަހަރެމެންގެ ސިފައިން އުރައިން ދަމައިގަނެވިފައިވާ ކަނޑިތަކާއިގެން ނިކުމެ ޝަހަރު މުޅީން ސާފުކުރިއެވެ.

އެބައިމީހުން ދުޝްމަނުންގެ އެކަކުވެސް މިންޖުވެގެން ދިޔަޔަކަ ނުދެއެވެ. އެއްވެސް އާދޭހަކަށް ރަޙުމެއް ނުބަހައްޓައެވެ.

މަރުވެފައިވާ މީހުންތައް އެތަންމިތަނަށް އުކިފައިތިބީ ކުނިވަމުންދާ މޭވާތަކެއްގެ ސިފައިގައެވެ. 

ނުވަތަ، ސިފަކުރެވުނު ގޮތުގައި، އޯކު ގަހަކުން ކަނޑައިލެވޭ ބަދަންތަކެއްގެ ސިފައިގައެވެ.

މި ބުނެވިދިޔަފަދަ ޤަތުލު ޢާއްމަކަށްފަހު އަހަރެމެންގެ ސިފައިން ގޭގެއަށް ވަދެ އެމީހެއްގެ އަތުޖެހުނު އެއްޗެއް އެ މީހަކު މިލްކު ކުޅައީއެވެ. މިކަން ހިނގައިދިޔަ ގޮތަކީ، ކޮންމެ ގެއަކަށްވެސް އެންމެ ފުރަތަމަ ވަން މީހަކީ، މުއްސަންޖަކަސް ނުވަތަ ފަޤީރަކަސް، އެހެން އެއްވެސް މީހެއްގެ ބެހުމަކާއި ނުލައި އެ ގެއަކުން ނުވަތަ ގަނޑުވަރަކުން އެ މީހަކު އަތުލައިގަތް އެއްޗެއްގެ ޙައްޤުވެރި ފަރާތެވެ. މި ގޮތުން އެކަކަށް ލިބޭ އެއްޗެއްސާއި މެދުގައި އެހެން އެންމެންވެސް ޖެހޭނީ ރުހޭށެވެ. ނަތީޖާއަކީ ފަޤީރުންގެ އެތައް ބަޔަކަށް މުއްސަނދިކަމުގެ ނިޢުމަތް ލިބުމެވެ."

ފުލްކާރ އޮފް ޗާރޓެސްގެ "ފަޚުރުވެރި" ބަޔާނަށް ފަހު ދެން މި ހުށަހަޅާލަނީ ވިލިއަމް އޮފް ޓަޔަރ ލިޔުއްވާފައިވާ ބަޔާނެކެވެ. އެއީ އޭނާގެ ފޮތް "އަ ހިސްޓްރީ އޮފް ޑީޑްސް ޑަން ބިޔޯންޑް ދަ ސީ" ގައެވެ. އޭނާ އަކީ ވެސް ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު އުޅުއްވި ބޭފުޅެކެވެ. 

"މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޙިމާޔަތް ހޯދުމަށްޓަކައި ވަދެތިބީ ފައްޅީގެ ގޯތިތެރެއަށެވެ. ނަމަވެސް އެ ތަނަށް ވަނުމަކުން އެބައިމީހުންނަށް ލިބުނު ރައްކާތެރިކަމެއް ނެތެވެ. އެހެނީ ޓޭންކްރެޑް އިސާހިތަކު މުޅި ލަޝްކަރުގެ ބޮޑު ބަޔާއިގެން އެ ސަރަޙައްދަށް ވަޑައިގެންފިއެވެ. އޭނާ ބާރުގެ ބޭނުން ކުރައްވައިގެން އެ ސަރަޙައްދަށް ވަދެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު ހިނގި ބިރުވެރި ޤަތުލުޢާއްމަށްފަހުގައި އޭނާ އެނބުރިވަޑައިގަތީ، ބުނެވޭ ގޮތުގައި، ބައިވަރު ރަނާއި ރިއްސާއި ޖަވާހިރު ހިއްޕަވައިގެންނެވެ. ...

ލަޝްކަރުގެ އެހެނިހެން ވެރީންވެސް ޝަހަރުގެ އެކިއެކި ހިސާބުތަކުން އަތުޖެހުނުހައި ދުޝްމަނުންނެއް މަރައި ހުސްކުރިފަހުން، ގިނަ ޢަދަދެއްގެ ބަޔަކު ޙިމާޔަތް ހޯދުމަށްޓަކައި ފައްޅީގެ މުޤައްދަސް ވެގެންވާ ހިސާބުތަކަށް ވަދެ ފިލައިތިބިކަން އެބައިމީހުންނަށް އެނގިއްޖެއެވެ. އެއާއިއެކު އެންމެން އެކުގައި އަވަސްވެގަތީ އެ ދިމާޔަށެވެ. މީހުންތައް ފިލައިތިބި ތަންތަނަށް ބަހާދަރުންނާއި ފައިމަގުގައި ހަނގުރާމަކުރާ ސިފައިންގެ ޖަމާޢަތެއްގެ މީހުން ވަދެގަނެ، އެތެރޭގައި ޙިމާޔަތް ހޯދައިގެން ތިބިހައި ބަޔަކު މަރައި ހުސްކުރިއެވެ. އެއްވެސް މީހަކާ މެދުގައި އެމީހުން ރަޙުމެއް ނުބަހައްޓައެވެ. މުޅި ސަރަޙައްދުގެ ބިމުގައި ފެންބޮޑުވެފައި އޮތީ ޤަތުލުކުރެވުނު މީހުންގެ ލެއިންނެވެ. ... 

ޤަތުލުކުރެވުނު މީހުންތައް ބިންމަތީގައި އުކިފައި ތިބި މަންޒަރުތައް ދެކޭ ކޮންމެ މީހެއްގެ ހިތް ބިރުވެރިކަމުން ފުރިގެން ނުގޮހެއް ނުހުންނާނެއެވެ. ހުރިހާ ހިސާބުތަކެއްގައި ފެތުރިފައިއޮތީ އިންސާނީ ގުނަވަންތަކާއި އިންސާނީ ހަށިތަކުގެ ބައިތަކެވެ. އަދި މުޅި ބިން ފެވިފައިއޮތީ މަރައިލެވުނު މީހުންގެ ލެއިންނެވެ. މަންޒަރުތައް ދެކޭ ބަޔެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދެނީ ހުރިހާ ދިމަދިމާއަކަށް އުކިފައި ހުރި، ބޯތައް ކަނޑައިލެވިފައިހުރި ހަށިތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އަދި ކޮށައި ފޮތިފޮތިކުރެވިފައި ހުރި އިންސާނީ ގުނަވަންތަކުގެ ސަބަބުން އެކަންޏެއްވެސް ނޫނެވެ. އެއަށްވުރެވެސް ބިރުވެރީ، އަދި ހިތަށް ސިހުންތެރިކަން ގެނުވާ މަންޒަރަކީ ނަޞުރުގެ އަހުލުވެރީންގެ ސޫރަތަކެވެ. ބޯތަކުން ފެށިގެން ފައިތިލަތަކާއި ހަމަޔަށް ލެއިން ފޯވެގެން ތިބިއިރު އެބައިމީހުން ދެކޭ ކޮންމެ މީހެއްގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއެވެ. ބުނެވިފައިވާ ގޮތުގައި ފައްޅީގެ ގޯތިތެރޭގައި އެކަނިވެސް  ކާފިރުންގެ ދިހަހާހެއްހައި މީހުން ޤަތުލުކުރެވުނެވެ. އެއީ ޝަހަރުގެ އެހެނިހެން ސަރަޙައްދުތަކާއި މަގުތަކާއި މައިދާންތަކުގައި މަރައިލެވުނު މީހުންގެ ބޭރުންނެވެ. ފަހުން މި ބުނި ތަންތާގައި މަރާލެވުނު މީހުންގެ ޢަދަދުވެސް މިއަށްވުރެ މަދެއް ނުވާނެއެވެ. ... 

ސިފައިންގެ ބާކީތިބި މީހުން ދިޔައީ ޝަހަރުގެ ތެރޭގައި މީހުން މަދު ހިސާބުތަކާއި ތަންތަނުގައި ފުރާނަޔަށް ބިރުން ފިލައިތިބި މީސްމީހުން ހޯދުމަށެވެ. މި ގޮތަށް ފިލައި ތިބި މީހުންތައް އެ މީހުން ތިބި ތަންތަނުން ދަމައިނެރެ، މީހުންގިނަ މައިދާންތަކުގައި ބައިތިއްބައިގެން ކަންބަޅިތަކެއް ފަދައިން ކަތިލެވުނެވެ. ސިފައިންގެ ބައެއް މީހުން ޖަމާޢަތް ޖަމާޢަތުގެ ގޮތުގައި ގޭގެއަށް ވަދެ، އެ ގޭގޭގެ ވެރީންނާއި އެމީހުންގެ އަނބީންނާއި، ދަރީންނާއި ދެންވެސް ގޭގައި ތިބިއްޔާ ތިބިހައި ބަޔަކާއި ދެކޮޅަށް އަނިޔާވެރިކަމާއި ގަދަފަދަކަން ދެއްކިއެވެ. އޭގެ ތެރެއިން އެއް ބަޔަކު ކަނޑިތަކުން ޤަތުލު ކުރެވުނީއެވެ. އަނެއް ބަޔަކު ނިކަމެތި، ވޭނީ ގޮތެއްގައި މަރުވުމަށްޓަކައި އުސްތަންތަނުން އެކޮޅުކޮޅުން ވައްޓައިލެވުނީއެވެ. ...

ސިފައިންގެ ކޮންމެ މީހަކުވެސް އެ މީހަކު އެ ގެއަކަށް ވަނދެ، އެ ގެއެއްގެ މީހުން މަރައިހެދި ގެއަކާއި އެ ގެއެއްގައި ހުރިނަމަ ހުރިހައި މުދަލެއް މިލްކު ކުރީއެވެ. އެހެނީ ޞަލީބީ ސިފައިން ޝަހރު ހިފުމުގެ ކުރީގައި އެ މީހުންގެ އިސްވެރީން އަންގާފައި ވަނީ ޝަހަރު ހިފުމަށްފަހު ކޮންމެ މީހަކުވެސް ޙާޞިލުކުޅަ ކޮންމެ އެއްޗަކީ އެ މީހެއްގެ މިލްކިއްޔާތުގެ ގޮތުގައި ހިބަކޮށްދެވޭނޭ އެއްޗެއް ކަމުގައެވެ. އެހެން ކަމާއިއެކު ކޮންމެ ހަނގުރާމަވެރިއަކުވެސް ވަރަށް ފަރުވާތެރިކަމާއި ހިތްވަރާ އެކު ޝަހަރުގެ އަހުލުވެރީން ޤަތުލުކޮށް ހެދިއެވެ. އެބައިމީހުން ދުޝްމަނުންގެ އެންމެ އަމިއްލަ ހިސާބުތައްވެސް ދޫކޮށެއްނުލައެވެ. ސިފައިންގެ ކޮންމެ މީހަކުވެސް ގެއަކަށް ވަދެ އެ ގެއެއްގެ މިލްކުވެރިކަން ފޭރިގަތުމަށްފަހު އެ ގޭގެ ކުރިމަތީގައި އެ މީހެއްގެ އައްޑަނައާއި ހަތިޔާރުތައް ބަހައްޓައެވެ. އެއީ އެ ހިސާބުގަނޑަށް އަންނަ އެހެން ސިފައިންނަށް އެ ގެއަކީ ކޮންމެވެސް މީހަކު މިލްކުކޮށްފައިހުރި ގެއެއްކަން ދެއްކުމަށްޓަކައެވެ. ..."
ޤުދުސްގެ ޔަހޫދީންނާ މެދު ޞަލީބީން ޢަމަލުކުރީ ތަންފުކެއް ވެސް ދޫނުކުރާ ފަދަ އަނިޔާވެރި ބީދައަކުންނޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ ޞަލީބީން ޤުދުސްގެ ފާރުތައް ފޫއަޅުވައިލައިފައި ޝަހަރަށް ވަދެގަތުމުން ޔަހޫދީން ފުރާނަތައް ސަލާމަތް ކުރަން ވަނީ ޝަހަރުގެ ބޮޑު ޔަހޫދީ ފައްޅިއަށެވެ. ކްރިސްޓިއަނުން އައިސް އެ ޢިމާރާތުގެ ވަށައިގެން ދަރު އަޅައި، ދަރަށް ތެޔޮ އަޅައިފައި އަލިފާން ރޯކޮށްލީއެވެ. ފައްޅީގެ ތެރޭގައި ތިބި ގާތްގަނޑަކަށް ހާހެއްހައި ޔަހޫދީން މަރުވީ އެ އަލިފާނުގައެވެ. ފައްޅީގައި އަލިފާން ރޯކޮށްލުމަށް ފަހު، އެތެރޭގައި ތިބި ތުއްތު ކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި ޒުވާނުންގެ އެތައް ބަޔަކު ދުމުގެ ވިލާތަކުގެ ތެރޭގައި ކޮށި އަރައި، އަލިފާނުގެ ގަދަފަދަ ހޫނުން ފިހެވި، އިންސާނަކަށް ކެތް ނުކުރެވޭ ފަދަ ގަދަފަދަ ވޭނާއި ޢަޒާބުގައި ނިމިގެން ދިޔައިރު، ޞަލީބީ ހަނގުރާމަވެރީންނާއި އެބައިމީހުންގެ ދީނީ ލީޑަރުން އެ ފައްޅީގެ ވަށައިގެން ގޮންޏެއް ހަދާލައިގެން ތިބެ، ޞަލީބުތައް ވަޔަށް އުފުލަމުން "ކްރައިސްޓް، ވީ އެޑޯރ ދީ" މިފަދައިން އަޑުގެ ކޮޅަށް ލަވަކިޔަމުން ދިޔައެވެ. މާނައަކީ "އޭ މަސީޙްއެވެ! އަޅަމެން ތިޔަ ކަލާނގެ ދެކެ ހައުދަހައި ލޯބިވަމެވެ" މިއެވެ. މި ޙާދިސާގެ ތަފްސީލުތައް 1990 ވަނަ އަހަރު ޑޭވިޑް ރޯޝް ލިޔުއްވި "އަ ލެގަސީ އޮފް ހޭޓްރެޑް: ވައި ކްރިސްޓިއަންސް މަސްޓް ނޮޓް ފޮރގެޓް ދަ ހޮލޮކޯސްޓް" މި ފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. 

މި ދެންނެވި ނުބައިވެގެންވާ ޤަތުލުޢާއްމަށް ފަހު، ބާކީ ތިބި މުސްލިމުން އަޅުވެތި ކުރެވުނީއެވެ. އަދި އެބައިމީހުންނަށް ޞަލީބީން ޖެއްސީ މުޅި ޝަހަރުގެ އެތަން މިތާނގައި ކަތިލެވި އުކައިލެވިފައި ތިބި އެބައިމީހުންގެ މުސްލިމު އަޚުން، އުޚުތުން، ދަރީން، މައިން، ބަފައިން، އަނބީންގެ ހަށިތައް ރަށްބޭރަށް ނެރެ ފުންޏަކަށް ޖެހުމަށެވެ. އެއަށްފަހު އެ ހަށިތައް އަންދައިލެވުނެވެ. އެއަށްފަހު ސަލާމަތުން ތިބި މުސްލިމް އަންހެނުންގެ ތެރެއިން ޒުވާން ޢުމުރުގެ ހުރިހައި އަންހެނުންނާއި ޅަޒުވާން އަންހެން ކުދީން ރޭޕްކުރުމުގެ ޝައިތާނީ ސިލްސިލާއެއް ހިންގުނެވެ. މި ގޮތުން ރޭޕް ކުރެވުނު އެތައް ހާސް މުސްލިމް އަންހެން ކުދީންގެ ބަނޑުން ޞަލީބީންނަށް ވިހެއި ދަރީންނަށް "ޕުލާނީން" ގެ ނަމުން ނަން ދެވިފައި ވެއެވެ. ފިލިޕް ޝޯފް ލިޔުއްވާފައި ވާ "ހިސްޓްރީ އޮފް ދަ ކްރިސްޓިއަން ޗާރޗް" ގެ 5 ވަނަ ވޮލިޔުމްގެ 7 ވަނަ ޗެޕްޓަރުގައި ލިޔުއްވާފައި ވާ ގޮތުގައި މި "ޕުލާނީން" ނަކީ މީސްތަކުންގެ ތެރެއިން އީމާންކަމެއް، އަޚްލާޤެއް، ހަމައެއް ލަމައެއް ނެތުމުގައި ޙައްދުފަހަނައަޅާފައި ތިބި ބައެކެވެ. 

މި ޙާދިސާއާ ގުޅިގެން ޤުދުސްގެ މުސްލިމް ޅެންވެރިޔަކު ވިދާޅުވެފައި ވެއެވެ. 

"އަހުރެމެން އަހުރެމެންގެ ލެޔާއި ކަރުނަ އެއްކޮށްލައިފީމުއެވެ.
މި އަނިޔާވެރީން ދުރުކޮށް އެއްފަރާތްކޮށްލައިދިނުމުގެ ކުޅަދާނަކަން ލިބިގެންވާ ހަމައެކަކުވެސް އަހަރެމެންގެ ތެރޭގައި ބާކީވެ ނެތެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! ދެމިގެން ދިޔަ ލޭގެ ކޯރުތަކަށްފަހު ތިމާމެންގެ ޢިއްފަތާއި އަބުރު ރައްކާތެރިކުރުމަށްޓަކައި އަހަރެމެންގެ އަންހެނުންނަށް އެބައިމީހުންގެ ނާޒުކު އަތްތައް ފިޔަވައި އެހެން ބާރެއް ލިބިގެންނެއް ނުވެއެވެ.

ކަނޑިތަކާއި ލޮންސިތައް ކޭއްތިގެންދާ ބިރުވެރި އަޑުފަށްގަނޑުގެ ތެރޭގައި ތުއްތު ކުދީންގެ މޫނުތައް ވަނީ ބިރުވެރިކަމުގެ ސަބަބުން ހުދުވެފައެވެ."
ފަހެ ރޯމުގެ ބޮޑު ފައްޅީން ފޮނުވި ޞަލީބީ ކްރިސްޓިއަނުންގެ އަނިޔާވެރިކަމާއި ނުބައިކަމުން ޢީސާ ޢަލައިހިއްސަލާމް ބަރީއަވެގެންވާ ކަމަށް އަޅު ހެކިވަމެވެ! 

ޖޮނަތަން ރިލޭ-ސްމިތު ފަދަ ކްރިސްޓިއަން މުއައްރިޚުން އެ ވިދާޅުވާ "ޞަލީބީ ލޯބިވެރިކަމަކީ" މި ދެންނެވީއެވެ! 

(ނުނިމޭ..)

މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އަޙުމަދު މާޖިދު
(ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ