އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (12)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ހަވަނަ ބާބު – ޞަލީބީ ހަނގުރާމައިގެ ކަނޑިއާއި އަލިފާން 2


ޞަލީބީން ފަލަސްޠީނަށް އައިސް، މުސްލިމުންގެ އަތުން ޤުދުސް ނުވަތަ ޖެރޫސަލަމް އަތުލައިގަތް އިރު އެތަނުގައި ހިންގި ޤަތުލުޢާއްމާ ބެހޭ ޚުލާސާ ބަޔާނެއް މި ދިޔަ ބާބުގައި ވާނީ ގެނެސްދެވިފައެވެ. އެ ބަޔާނުގައި ދަންނަވާފައި ވާނޭ ފަދައިން ޤުދުސް އަތުލައިގަތުމުގެ ތެރޭގައި ޞަލީބީން ދައްކައިފައި ވާ އަނިޔާވެރިކަމާއި ރަޙުމުކުޑަކަމަކީ ތާރީޚުގެ ސަފުހާތަކުގެ ތެރެއިން މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އެ ނުބައި ޤަތުލުޢާއްމު ހިންގާފައި ވަނީ ހަމައެކަނި ކްރިސްޓިއަނުން ކަމަށް ދަޢުވާ ކޮށްގެން، ކްރިސްޓިއަން ދީނުގެ ޢިލްމުވެރީންނާއި ލީޑަރުންގެ ބަހާ ޚިލާފު ވަމުން ދިޔަ ލާދީނީ ބައިގަނޑެއްގެ މީހުންނެއް ނޫނެވެ. އަދި ކީއްތޯއެވެ! އެ ޢަމަލު ހިންގީ ޚުދު ރޯމުގެ ކެތަލިކް ބޮޑު ފައްޅީގެ ލަޝްކަރުގެ ސިފައިންނެވެ. ބޮޑު ފާދިރީގެ އަތްޕުޅުން ޞަލީބު ލިބިގެން ތިބި ބަހާދަރުންނެވެ. ފައްޅީގެ ފާދިރީންގެ އިރުޝާދުގެ ދަށުގައި ޤުދުސް އަށް އައި މީހުންނެވެ. އެހެންކަމުން އެބައިމީހުން ހިންގި ނުބައިވެގެން ވާ ޖަރީމާތަކަކީ ކެތަލިކް ބޮޑު ފައްޅީން ހިންގި ޖަރީމާތަކެއް ކަމުގައި ނުބެލެވޭނެ ގޮތެއް ނެތެވެ.

ޞަލީބީން ޤުދުސް އަތުލައިގަތުން

ޞަލީބީން އިސްލާމީ ދުނިޔެއަށް އަރައިގަތުމަށް ޓަކައި އައި މަގުމަތީގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ވާހަކަ ވެސް ވާނީ ދެންނެވިފައެވެ. އެ އަނިޔާވެރިކަން އެބައިމީހުން އިސްލާމީ ދުނިޔޭގައި އެޅި ފުރަތަމަ ފިޔަވަޅާ އެކު މުސްލިމުންނަށް ދައްކަން ފެށިއެވެ. އެބައިމީހުންގެ އަތުޖެހޭ ކޮންމެ މީހަކަށް ވެސް އޮންނަނީ ފުރާނައިން އަތް ދޮވެލުން، ނުވަތަ އަޅުވެތިވުމެވެ. އިންޠާކިއްޔާ ހިފައިގަތުމަށް ފަހު އެބައިމީހުން އެ ޝަހަރުގެ ޢާއްމުންގެ ތެރެއިން އަޅުންގެ ގޮތުގައި ހިފި ބަޔަކު ފިޔަވައި، އެހެން އެންމެން ކަނޑިއާއި އަލިފާނަށް ނަޒުރު ކޮށްލިއެވެ. އަންހެނުންނަށް އޮންނަ އެންމެ ފުރަތަމަ ކަމަކީ ޞަލީބީންގެ ދައްޖާލީ ސިފައިންގެ ޢައްޔާޝިއްޔަތުގެ ޝިކާރައަކަށް ވުމެވެ. އެއަށްފަހު މަރު ނުވަތަ ދާއިމީ އަޅުވެތިކަމެވެ.

މަޢައްރަތުއް ނުޢްމާން ގައި ވެސް އިންޠާކިއްޔާގައި ހިންގި ފަދަ ޤަތުލުޢާއްމެއް ހިންގުމަށް ފަހު ޞަލީބީން ވަނީ ކަތިލެވުނު މުސްލިމުންގެ ހަށިތައް ބޮޑެތި ތާހުގައި ކައްކައިގެން، އެ މަސް ކައިފައެވެ. އެ ޙާދިސާ ހިނގި ތަނުގައި ޙާޒިރުވެ ހުރި ކްރިސްޓިއަން މުއައްރިޚެއް ކަމަށް ވާ ރުޑޮލްފް އޮފް ކައެން ލިޔެފައި ވެއެވެ. "މަޢައްރާގައި އަހަރެމެންގެ ސިފައިން ޝައިތާނީ ދީނުގެ އަހުލުވެރީންގެ ބޮޑެތި މީހުންގެ ހަށިތައް ފެނުކައްކައިގެން ކެއެވެ. ކުޑަކުދީންގެ ހަށިތައް ކެއީ އަލިފާނަށް ލައި ފިހެގެންނެވެ." މި ޙާދިސާގެ ތަފްސީލުތައް އަމީން މަޢްލޫފް ލިޔުއްވި "ދަ ކްރުސޭޑްސް ތްރޫ އެރެބް އައިޒް" މި ފޮތުގެ 39 ވަނަ ޞަފުޙާގައި ބަޔާން ކުރެވިފައި ވެއެވެ.

މިފަދަ ވަޙުޝިއްޔަތެއް ދައްކަމުން، އިންސާނިއްޔަތު ލަދު ގަންނުވަމުން އައިސް، ޞަލީބީން ޤުދުސް ޙިސާރު ކުރި އިރު، އެ ޝަހަރުގެ ދިފާޢުގައި އޮތީ މިޞުރުގެ ފާޠިމީންގެ ވަރަށް ބައި މަދު ޖަމާޢަތެކެވެ. ޞަލީބީން ދެމަހެއްހައި ދުވަސްވަންދެން ޝަހަރު ޙިޞާރުކޮށްގެން ތިއްބެވެ. އެބައިމީހުންގެ ޝަހަރަށް ވަދެގަތީ އުތުރު ފަރާތުގެ ފާރުން ތަންގަނޑެއް ހަލާކު ކޮށްލައިގެންނެވެ. ކުރީންވެސް ދެންނެވި ފަދައިން، އެއީ 492 ހ.ގެ ޝަޢުބާން މަހުގެ 22 ވީ ހުކުރު ދުވަހެވެ. 1099 މ. ގެ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ.

ޞަލީބީން ޝަހަރަށް އަރައިގަތުމަށްފަހު ޝަހަރުގެ އާބާދީ އެކުގައި ކަހަލަ ގޮތަކަށް ސުންނާފަތި ކޮށްލީއެވެ. އެބައިމީހުން ފޭރުމާއި ލޫޓުވުމާއި ރޭޕްކުރުމާއި އަނިޔާގެ ލާމަސީލު މިސާލުތައް ދެއްކުމުގެ ދައުރެއް އެއް ހަފުތާ ވަންދެން ޝަހަރުގައި ހިންގިއެވެ. އިބްނުލްޢާޠިރު ލިޔުއްވާ ގޮތުގައި މުސްލިމުންގެ ތެރެއިން ޞަލީބީން މަރާލި މީހުންގެ ޢަދަދު އެއް ލައްކައަށް ވުރެ ގިނައެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ޢަދަދަކަށް މުސްލިމުގެގެ އިމާމުންނާއި ބޮޑެތި ޢިލްމުވެރީންނާއި ދުނިޔަވީ ދިރިއުޅުން ދޫކޮށް ﷲ އަށް ކުއްތަންވެ ތިބެ އަޅުކަންކުރުމަށް ޚާއްސަވެގެންތިބި މީހުން ހިމެނެއެވެ. އެބައިމީހުންނަކީ އެމީހުންގެ އަމިއްލަ ރަށްތަކާއި ވަޒަންތައް ދޫކޮށްފައި މުޤައްދަސް ޙަރަމްފުޅުގައި ދިރިއުޅުން ވޭތިކުރުމުގެ ޤަސްތުގައި އައިސް ޤުދުސްގައި ތިބި މީހުންނެވެ. ފަރަންސޭސީންގެ މުއައްރިޚުން އިޢުތިރާފުވާ ގޮތުގައި 70000 އަށްވުރެ ގިނަ މީހުން މަރާލެވުނެވެ.

ޞަލީބިން ޤުދުސް ހިފުމާ ބެހޭގޮތުން އެ ދުވަސްވަރު އުޅުއްވި ދިމިޝްޤުގެ މުސްލިމް މުއައްރިޚް އިބުނުލް ޤަލާނިސީ ވިދާޅުވެފައިވެއެވެ. "އެއަށްފަހު އެބައިމީހުން (ޞަލީބީން) އައީ ޤުދުސްއާއި ދިމާޔަށެވެ. އެއީ މި އަހަރުގެ (1099 މ. ގެ) ރަޖަބު މަހުގެ ފަހުކޮޅެވެ. އެބައިމީހުން އަންނަން ފެށުމުން އެ ސަރަހައްދުގެ ހިސާބުތަކުގެ މީހުން ބިރުން އެބައިމީހުންގެ ފުރާނަތަކާއިގެން އެހެން ހިސާބުތަކަށް ފިލައިގެން ދިޔައީއެވެ. ޞަލީބީން އެންމެ ފުރަތަމަ ދިމާކުރީ ރަމްލާއާއެވެ. އެއީ ދަނޑުތަކުގެ މަތިވަރު އައިސް ގޮވާން ކެނޑުމުގެ މޫސުމެވެ. ރަމްލާ ހިފުމަށްފަހު އެމީހުން ސީދާ އައީ ޤުދުސްއަށެވެ. ޤުދުސްގެ އަހުލުވެރީން ޝަހަރު ބަންދުކޮށް ދިފާޢަށް ތައްޔާރުވިއެވެ. ޞަލީބީން ޝަހަރު ޙިސާރުކުރީއެވެ. އެއަށްފަހު އެކިދިމަދިމާއިން މަންޚަނީޖުތައް ބޭނުންކޮށްގެން ޝަހަރަށް ޙަމަލަ ދެމުން ގެންދިޔައެވެ. ދުވަސްކޮޅެއްގެ ފަހުން އިވުނީ މިޞުރުން އަލްއަފްޟަލްގެ ވެރިކަމުގެ ދަށުގައި ޤުދުސް ޙިމާޔަތްކޮށް، ޞަލީބީންނާއި ހަނގުރާމަކުރުމަށްޓަކައި ލަޝްކަރެއް އަންނަ ޚަބަރެވެ. މި ޚަބަރާއި ގުޅިގެން ޞަލީބީން ޝަހަރަށް ދެމުން ގެންދިޔަ ޙަމަލާތައް ވަރުގަދަ ކުރިއެވެ. އެ ދުވަހުގެ އިރު އޮއްސެންދެން ޙަމަލަތައް ދިނުމަށްފަހު އިރު އޮއްސި އަނދިރިވާން ފެށުމުން އެބައިމީހުން ފައުޖުތައް ފަހަތަށް ދަމާލިއެވެ. އެވަގުތު ފާރުތަކުގެ ދިފާޢުގައި ތިބި މުސްލިމުންގެ ތެރެއިން ގިނަބަޔަކު ފާރުތައް ދޫކޮށްލާފައި ފޭބިއެވެ. މި ވަގުތު ޞަލީބީން ސަމާލުވެ ތިބެފައި ފާރުތަކަށް ކުއްލި ޙަމަލައެއްދީ ފާރުމައްޗަށް އަރައިގެންފިއެވެ. އަދި ދިފާޢުގައި ތިބި މުސްލިމުންގެ މަދުމީސްކޮޅު ކަތިލައި ހުސްކޮށްލާފައި އެ ދިމާއިން ފާރާއި ބުރުޒުތައް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފިއެވެ. މި ޙަމަލައިގައި ޞަލީބީންގެ ފައުޖުތައް އެދިމާއިން ރަށުތެރެއަށް އަރައިގަނެ މުޅި ރަށަށް ޠޫފާނީ ސިފައެއްގައި ޙަމަލަ ދިނެވެ. ގިނަ ޢަދަދެއްގެ މީހުން ދާއޫދުގެފާނުގެ ޙަރަމްފުޅަށް ޖަމާވިއެވެ. މީސްތަކުންގެ ތެރެއިން ގިނަމީހުން މަރުވީއެވެ. ޔަހޫދީންތައް އެބައިމީހުންގެ ސިނަގޮގަށް ވަނުމުން ޞަލީބީން އެތަން އެމީހުންނާއިއެކު އަންދާލީއެވެ. ދާއޫދުގެފާނުގެ ޙަރަމްފުޅުގައި ތިބި މީހުން އެތަން ދޫކޮށް ނިކުތުމަށް އެއްބަސްވީ 22 ޝަޢުބާން ގައެވެ. ދެން އެބައިމީހުން ޙަރަމްފުޅާއި އިބްރާހީމްގެފާނުގެ މަޤްބަރާ ސުންނާފަތި ކޮށްލިއެވެ."

ޞަލީބީން ޤުދުސް ހިފައިގަތުމަށް ފަހު އެތަނުގައި ހިންގި އަނިޔާވެރިކަމުގެ ވާހަކަތައް މުސްލިމް މުއައްރިޚުން ވަނީ ތަފްޞީލުތަކާ އެކު ލިޔުއްވައި ރައްކާތެރި ކުރައްވާފައެވެ. އިބްނުލް ޢާޠިރާއި އިބްނުލް ޤަލާނިސީ ފަދަ މުއައްރިޚުންނެވެ. ނަމަވެސް މި ދިޔަ ބާބުގައި އަޅުގަނޑު ދަންނަވާލާފައި ވާނީ ކްރިސްޓިއަން ކްރޯނިކްލަރުންގެ ތެރެއިން މަޝްހޫރު ދެ ބޭފުޅަކު އެ ޙާދިސާ ސިފަކުރައްވާފައި ވާ ގޮތެވެ. އެއީ ވިލިއަމް އޮފް ޓަޔަރ އާއި ފުލްކާރ އޮފް ޗާރޓެޒް އާ ދެ ބޭފުޅުންގެ ބަޔާނެވެ. މިއީ ކްރިސްޓިއަން ފާދިރީންނެވެ. ފައްޅީގެ ބޭފުޅުންނެވެ. މި ބޭފުޅުންގެ ލިޔުއްވުންތަކަށް ބަލާލާ އިރު އެންމެ އަޅައިގަންނަ އެއް ކަމަކީ ޤުދުސްގެ މިނިކަތިލުމާއި، ދެންވެސް ޞަލީބީންގެ އަނިޔާވެރިކަމުގެ ވާހަކަތައް އެ ބޭފުޅުން ދައްކަވާފައި ވަނީ ފަޚުރުވެރިކަމާ އެކުގައި ކަމެވެ. ތިމާމެންގެ މޮޅުކަން ދެއްކުމުގެ ރާގެއްގައި ކަމެވެ. ކުރެވުނު ނުބައި ކަންތައްތަކާ މެދު ދެރަވެ، ލަދު ގަތުމުގެ ކަންފުޅެއް ވެސް އެ ލިޔުންތަކުގައި ނެތް ކަމެވެ. މިއިން ވެސް އެނގެނީ ޞަލީބީންގެ ޤަތުލުޢާއްމަކީ ކެތަލިކް ފައްޅީގެ ރުހުމާ އެކު ހިންގުނު، ކެތަލިކް ފައްޅީގެ "ބަރާކާތުން ބަރަކާތް ލިބިގަތް" ޤަތުލުޢާއްމުތަކެއް ކަމެވެ. އަދި އެއިރު ކްރިސްޓިއަން ފައްޅީގެ ވިސްނުމާއި ފިކުރު ހުރީ ކިހިނެއް ކަމެވެ.

ޤުދުސްގެ މިނިކަތިލުމާ ބެހޭ ގޮތުން ޞަލީބީންގެ ލަޝްކަރުގެ އިސް ބޭފުޅެއް ކަމަށްވާ ރޭމަންޑް އޮފް ގައިލްސް ލިޔުއްވާފައި ވެއެވެ. "ދެން ފެނިގެން ދިޔައީ ހިތްތައް އުފާކުރަނިވި މަންޒަރުތަކެކެވެ. އަހަރެމެންގެ ތެރެއިން ހިތުގައި ހަމްދަރުދީ ހިނގާ ބައެއް މީހުން ދުޝްމަނުންގެ ބޯތައް ކަނޑަމުން ގެންދިޔައެވެ. އެހެން މީހުން ގެންދިޔައީ ޓަވަރުތަކުގެ މަތީގައި ތިބި ދުޝްމަނުންގެ ގަޔަށް ތީރުތައް އުކަމުންނެވެ. އެއީ އެ ތީރުތަކަށް އެމުނި އެބައިމީހުން އެނބުރެމުން ސެނބުރެމުން ބިމަށް ތިރިވާނޭ ގޮތުންނެވެ. ބައެއް މީހުން ދުޝްމަނުން އަލިފާނަށް ލައި، ވޭނީ ގޮތްގޮތަށް އެބައިމީހުން މަރަމުން ގެންދިޔައެވެ. މުޅި ޝަހަރުގެ މަގުތަކުގައި އޮތީ ޤަތުލުކުރެވުނު މީހުންގެ ބޯތަކާއި އަތްތަކާއި ފައިތަކެވެ. ހިނގަން ޖެހެނީ އެ ފުނިފުނީގެ ތެރެއިން މަގު ހޯދައިގެންނެވެ. ނަމަވެސް މިއީ ސުލައިމާނުގެފާނުގެ ފައްޅިކޮޅުގައި ކަންތައް ހިނގި ގޮތާ ބަލާފައި އެއްވެސް ކަމެއް ނޫނެވެ. ފަހެ، އެ ފައްޅީގެ ޕޯޗުގައި އަހަރެމެންގެ އަސްވާރުން ދަތުރުކުރި އިރު، އެބައިމީހުންގެ އަސްތަކުގެ ލަގަންތަކާ ހަމަޔަށް ހުރީ ލެއެވެ."

މުސްލިމުންގެ ތެރެއިން ކަތިލެވުނު މީހުންގެ ހަށިތަކާއި، ކޮށައި އަޅައިލެވިފައި ހުރި ގުނަވަންތައް ޝަހަރުގެ ބޭރަށް ގެންގޮސް، ފުންޏަކަށް ޖެހުމުގެ މަސައްކަތް ޖެއްސީ މުސްލިމުންގެ ތެރެއިން ބާކީވެ ތިބި މީހުންނަށެވެ. އެމީހުން އެ މަސައްކަތް ކުރިގޮތް ފަޚުރުވެރިކަމާއެކު ސިފަކޮށްދެމުން، މަޝްހޫރު ކްރިސްޓިއަން ރާހިބު އަދި ކްރޯނިކްލަރ ރޮބަރޓް ދަ މޮންކް ލިޔެފައި ވާ ކަމަށް، ފިލިޕް ޝޯފް އޭނާގެ ފޮތް "ހިސްޓްރީ އޮފް ދަ ކްރިސްޓިއަން ޗަރޗް" ގެ 5 ވަނަ ވޮލިޔުމްގެ 7 ވަނަ ބާބުގައި ލިޔުއްވާފައި ވެއެވެ. "އެވެރީން ރޮމުން ރޮމުން، މަރާލެވުނު މީހުންގެ ހަށިތައް ޝަހަރުން ބޭރަށް އުފުލަމުން ގެންދިޔައެވެ."

ޞަލީބީންނާއި މުޖާހިދުންގެ ތަފާތު

ތާރީޚުގެ ޞަފުޙާތައް ޞަލީބީންގެ ނުބައިކަމާއި އަނިޔާވެރިކަމުގެ ވާހަކަތައް ކިޔައިދޭ ފަދައިން، އެބައިމީހުންގެ އަތްދަށުން ޤުދުސް މިނިވަން ކުރި އިސްލާމީ އަބްޠާލުންގެ މަތިވެރިކަމާއި އިންސާނިއްޔަތުކަމުގެ ވާހަކަތައް ވެސް ކިޔައިދެއެވެ. ޞަލީބީން ޤުދުސް ހިފައި، ޤުދުސްގެ މިނިކަތިލުން ހިންގީ މީލާދީން 1099 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ހިޖުރީ ކަލަންޑަރުން، އެ ކަޅު ދުވަހަކީ 492 ވަނަ އަހަރުގެ ޝަޢްބާން މަހުގެ 22 ވީ ހުކުރު ދުވަހެވެ. މުސްލިމުންގެ މަތިވެރި ބަޠަލް ޞަލާޙުއްދީން ޔޫސުފް އިބްނުލް އައްޔޫބް، ނުވަތަ ޞަލާޙުއްދީނުލް އައްޔޫބީ ޞަލީބީން ބަލި ކުރައްވައި ޤުދުސް މިނިވަން ކުރެއްވީ އޭގެ 88 އަހަރު ފަހުންނެވެ. މީލާދީން 1187 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އިސްލާމީ ކަލަންޑަރުން ރަޖަބު މަހުގެ 27 ވީ ހުކުރު ދުވަހެވެ. ޞަލީބީން މުސްލިމުންގެ ލެއިން، ބައިތުލްމަޤްދިސްގެ ޙަރަމްފުޅުގެ ތެރޭގައި ފެންކުޅި ކުޅުނު ދުވަހަށް ފަހު ޤަރުނެއް ވެސް ނުވަނީސް އެބައިމީހުން ބަލި ކުރައްވައި ޤުދުސް މިނިވަން ކުރެއްވުމަށް ފަހު ޞަލާޙުއްދީނުލް އައްޔޫބީ ކަންތައްތައް ކުރެއްވި ގޮތަކީ ރޭގަނޑާއި ދުވާލުގެ ތަފާތު ދައްކައިދޭ މަންޒަރެކެވެ. ތަހުޒީބާއި ނާތަހުޒީބުގެ ތަފާތު ދައްކައިދޭ މިސާލެކެވެ. އިންސާނިއްޔަތުކަމާއި، ޙައިވާނިއްޔަތުގެ ފަރަގު އޮޅުން ފިލުވައިދޭ މިސާލެކެވެ. ޙައްޤާއި ބާޠިލް ވަކިކުރާ ފުރްޤާނެއް މެއެވެ.

ޞަލާޙުއްދީނުލް އައްޔޫބީ އަކީ އިސްލާމް ދީނުގެ މުޖާހިދުންގެ ތެރެއިން އަރައިހުންނެވި މުޖާހިދެކެވެ. އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހު އިސްލާމީ ދުނިޔެ ދުށް އެންމެ ވަރުގަދަ އަބްޠާލުންގެ ތެރެއިން ބޭފުޅެކެވެ.

ޞަލާޙުއްދީނުލް އައްޔޫބީ އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޞަލީބީންގެ އަނިޔާވެރިކަމާއި ނުބައިކަމާ ދެކޮޅަށް ޖިހާދު ކުރެއްވުމުގައެވެ. މުސްލިމުން ރައްކާތެރި ކުރެއްވުމުގައެވެ. އިސްލާމް ދީނާއި އެ ދީނުގެ އޯގާވެރި ތަޢްލީމުގެ ދިފާޢުގައެވެ. އެމަނިކުފާނަކީ އިތުރު މާތް ޞަޙާބީންނަށް ފަހު އިސްލާމީ ދުނިޔެ ދުށް އެންމެ މަތިވެރި އެއް ބަޠަލެވެ. އެމަނިކުފާނަކީ ކީރިތި ޤުރްއާނާއި މާތް ސުންނަތުގެ ތަރަހަތަކުގެ މަތީގައި ވެރިކަން ކުރެއްވި މަތިވެރި ލީޑަރެކެވެ. ދީންވެރި، ތަޤުވާވެރި، ތަވާޟުޢުވެރި، ޒުހުދުވެރި މުސްލިމެކެވެ. ޞަޙާބީންގެ ދައުރަށް ފަހު މުސްލިމުންގެ ތެރޭގައި ވެރިކަން ކުރެއްވި ގިނަ ބޭފުޅުންނާ ޚިލާފަށް، ޞަލާޙުއްދީނަކީ ދީނީ ޢިލްމުވެރިއެއް ވެސް މެއެވެ. އެމަނިކުފާނުގެ ތުއްޕުޅު ޢުމުރުފުޅާއި، ޒުވާން ޢުމުރުފުޅު ހޭދަކުރެއްވީ މަޝްހޫރު ދީނީ ޢިލްމުވެރީންގެ މަޖިލިސްތަކުގައެވެ. ދީން ކިޔަވައިވިދާޅުވުމުގައެވެ. އެ ޢިލްމުވެރިއެއްގެ ނުފޫޒު ޞަލާޙުއްދީނުލް އައްޔޫބީގެ މައްޗަށް ޚާއްސަ ގޮތެއްގައި ފޯރި އެއް ޢިލްމުވެރިޔަކީ މަޝްހޫރު އިމާމް އަލްޣަޒާލީ ރަޙިމަހުއްﷲ އެވެ.

ޞަލީބީންނާ ދެކޮޅު ހަނގުރާމައިގައި ޞަލާޙުއްދީން ދެއްކެވީ އިސްލާމް ދީނުގެ މުޖާހިދެއްގެ އޯގާވެރިކަމާއި ތަހްޒީބިއްޔަތުގެ ދިރިހުރި މިސާލެކެވެ. އެމަނިކުފާނު ތަބަޢަ ވެވަޑައިގެންނެވީ އެހެން ހުރިހާ އިންސާނުންނަށް ވުރެ އެ ބޭކަލަކު ދެކެ އެމަނިކުފާނު ލޯބިވެވަޑައިގެންނެވި މާތް ނަބީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ފަތަޙައިގެ ދުވަހު ދެއްކެވި ރިވެތި ނަމޫނާއަށެވެ. އެ މާތް ނަބަވީ ސުންނަތަށެވެ. އަދި ޤަރްނުތަކެއް ކުރީން މުސްލިމުންގެ މަތިވެރި ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު، ޤުދުސް ހިއްޕެވުމަށް ފަހު ދެއްކެވި ރިވެތި ނަމޫނާއަށެވެ. އާދޭހެވެ! ޞަލާޙުއްދީން ތަބާވެވަޑައިގެންނެވީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތްތަކަށެވެ.

"ނުބައިކަމެއްގެ ޖަޒާއަކީ އެއާ އެއްފަދަ ނުބައިކަމެކެވެ. ނަމަވެސް މަޢާފުކޮށް، ޞުލްޙަވެރިކަން ޚިޔާރު ކުރާ މީހާ ދަންނާށެވެ. ފަހެ އޭނާގެ ޘަވާބު ވަނީ ﷲ ގެ ޙަޟުރަތުންނެވެ. އެހެނީ ނުބައި ޢަމަލުތައް ގެނެސްގަންނަ މީހުން ދެކެ ﷲ ލޯބިވެވޮޑިއެއް ނުގަންނަވައެވެ." – ސޫރަތުއް ޝޫރާ: 40
"އަދި ތިޔަބައިމީހުން ޢުޤޫބާތް ދޭ ނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދަޔަކުން ފަހެ ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ. އެހެނެއްކަމަކު، ތިޔަބައިމީހުން ކެތްތެރިވެއްޖެ ނަމަ، ފަހެ ކެތްތެރީންނަށް ޓަކައި އެ ގޮތް ހެޔޮކަން ބޮޑުވެގެންވާ ކަން ކަށަވަރެވެ." ސޫރަތުއް ނަޙްލު: 127
ޞަލާޙުއްދީން ޤުދުސް ހިއްޕެވި ދުވަހާ ބެހޭ ގޮތުން މިޒަމާނުގެ އެންމެ މުޢުތަބަރު، އަދި އެންމެ އިޙްތިރާމް ލިބިގެން ހުންނެވި އެއް ޢިލްމުވެރިޔާ، ކަރެން އާރމްސްޓްރޯންގް އެ ކަމަނާ ލިޔުއްވި "ހޯލީ ވޯރ" މި ފޮތުގެ 185 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. "1187 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ޞަލާޙުއްދީން އޭނާގެ ލަޝްކަރާއެކު ފާތިޙުންގެ ގޮތުގައި ޖެރޫސަލަމަށް ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު 800 އަހަރު ވަންދެން ޖެރޫސަލަމް އޮތީ މުސްލިމުންގެ ބާރުގެ ދަށުގައެވެ. ... ޞަލާޙުއްދީން އޭނާގެ ބަސްފުޅާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ. އަދި ފަތަޙަ ކުރެވުނު ޝަހަރުގެ އަހުލުވެރީންނާ މެދު އިސްލާމީ އަޚްލާޤުގެ އެންމެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރެއްވިއެވެ. 1099 ވަނަ އަހަރު ޞަލީބީން ހިންގި ޤަތުލުޢާއްމުގެ ބަދަލު ހިއްޕަވާކަށް އޭނާ ނުއުޅުއްވައެވެ. އެއީ ޤުރްއާނުގެ 16 ވަނަ ސޫރަތުގެ 127 ވަނަ އާޔަތާއި، 2 ވަނަ ސޫރަތުގެ 193 އަދި 194 ވަނަ އާޔަތުގައި ކުރައްވާފައި ވާ އަމުރާ ތަބާވެވަޑައިގެންނެވުމުގެ ގޮތުންނެވެ. ފަހެ، އެންމެ ކްރިސްޓިއަން ފުރާނައެއް ވެސް ނުޙައްޤުން ޞަލާހުއްދީން ނުހިއްޕަވައެވެ. އެއްވެސް ކަހަލަ ފޭރުމެއް ލޫޓުވުމެއް ހިނގިޔަކަ ނުދެއްވައެވެ. ޝަހަރުގެ އަހުލުވެރީންގެ އަތުން ނެންގެވި ފިދްޔައަކީ ވަރަށް ވެސް ކުޑަކުޑަ މިންވަރެކެވެ. އެއީ ބޮޑު މިންވަރެއް ނަންގަވަން ޞަލާޙުއްދީން ބޭނުންފުޅު ނުވުމުންނެވެ."

(ނުނިމޭ...)
މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އަޙުމަދު މާޖިދު
(ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ