އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (29)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު
                                                   10 ޖޫން ( އާދިއްތަ ) އާ ގުޅޭ..
ކޮންމެއަކަސް ނާޖިޔާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އެއްފަހަރުވެސް ބަލައެއް ނުލައެވެ. އޭގެ މާނައަކީ އޭނާގެ ނިންމުމަށް ކުޑަވެސް ބަދަލެއް ނުގެންނަ ކަމެވެ. ޖަލާލީ އިންތިހާއަށް މާޔޫސްވެފައި ހުއްޓެވެ.

އިންސާނުންނަކީވެސް އަޖައިބެއްކަހަލަ އެއްޗެކެވެ. ދެފުށް ދެގޮތްވުމުގެ ނަމޫނާއެކެވެ. އެތެރޭން އެހެން ގޮތެކެވެ. ބޭރުން އެހެން ގޮތެކެވެ. ޣަރަޤުވެގެން ދާއިރުވެސް އެހީތެރިއަކު ހޯދުމަކީ އެމީހުންގެ ފިޠުރީ އާދައެކެވެ. އެމީހުން ޣަރަޤުވާކަށް ނޭދެއެވެ. އެކަމަކުވެސް ގެނބިގެން ދަނީއެވެ. ހިތާމައަކީ އެމީހުންގެ ދުޝްމަނެކެވެ. އެކަމަކު އެ ހިތްދަތިކަމުގައި ދުނިޔެ ހޭދަކަރުމަކީ އެމީހުންގެ އާދައެކެވެ. ކުރަންނޭދޭ ކިތަންމެ ކަމެއްވެސް ކުރެއެވެ. އިންތިހާއަށް ގޮތްދޫނުކުރާ ބައެކެވެ. ފެންނަނީ އަމިއްލަ މޮޅުކަމެވެ.

ޖަލާލީ ހިތާދެކޮޅަށް ކާރުގައި އިށީނދެއްޖެއެވެ. އަދި ގަރާޖުން ކާރުނެރެ މަގުމައްޗަށް ނުކުމެފައި އޭނާގެ ރީތި ގެއަށް ބަލާލިއެވެ. މިއީ މިހިސާބުގަނޑުގައި ހުރި އެންމެ ރީތިގެ ނޫންކަމެއްވެސް ނޭނގެއެވެ. އެކަމަކު ޖަލާލީއަށް ހީވަނީ މިއީ ބިރުވެރި ކިއްލާއެއް ހެންނެވެ.

އޭނާގެ ހިސާބެއްނެތް ޢަދަދެއްނެތް ފައިސާތައް ހަރުފަތަކެއް ފަދައިން ވިހަލަމުން ދަނީކަމުގައި ހީކުރެވެއެވެ. އޭނާގެ ހިތަށް އަރައެވެ. އަހަންނަކީ ޢާންމު މީހަކަށްވެފައި އާދައިގެ މީހެއްގެ ސިފަ ލިބި އާދައިގެ ގެގަނޑެއް ލިބުނުނަމަ ކޮންފަދަ ހެއްޔެވެ. އެހެން ދިމާވިނަމަ ލޯބިވާ އަންބަކާ އަދި އެ ހިތްހަމަޖެހޭ ގޭގައި ލޯބީގެ މާތަށް ފޮޅުނީހެވެ.

އެކަމަކު...........

މި ހުރިހާ ވިސްނުންތަކެއް ވަނީ ބޭކާރުވެފައެވެ. އެއަށް ޙަޤީޤީ ކުލަ އައުމަކީ ވަރަށް ދުރުކަމެކެވެ.
އޭނާ ސީދާ ދިޔައީ އޮފީހަށެވެ. އޭނާގެ މެނޭޖަރ މިސްޓަރ ހެޑްސަންއާ ކުޑައިރުކޮޅަކު ވިޔަފާރީގެ ވާހަކަ ދެއްކިއެވެ.

[ޖަލާލީއަށް ތިންލައްކަ ޑޮލަރުގެ ފައިދާ ލިބިއްޖެއެވެ. މިސްޓަރ ހެޑްސަން ޝޮޕިންގ ކޮމްޕެނީއިން ލިބުނު އުފާވެރި ޚަބަރުގެ ވާހަކަ ޖަލާލީ ގާތުގައި ބުނެފިއެވެ. [ޖަލާލީއަކީ ވަރަށްބޮޑު ނަސީބު ވެރިއެކެވެ.]

ޖަލާލީ ފުންނޭވާއެއް ލައިފިއެވެ. [އަހަރެންފަދަ ބަދުނަސީބު އިންސާނަކު ދުނިޔޭގައި ނުހުންނާނެ ކަންނޭގެއެވެ.]

[ނޫނެކެވެ. ތިޔަހެން ނުބުނުއްވާށެވެ.]

]ލަންޑަން އޮފީހުންވެސް މިއަދު ޚަބަރެއް ލިބުނެވެ.]

[ކޮން ޚަބަރެއް ހެއްޔެވެ؟]
[އެތަނަށް މުވައްޒަފުންކޮޅެއް ބޭނުންވެއެވެ. ހުއްދަ ދެއްވައިފިއްޔާ ދެތިން މީހަކަށް ވަޒީފާދޭން ގަސްތުކުރަމެވެ.]

[މިވަގުތު އަހަރެން މިދަނީ މުހިންމު ބޭނުމަކު ޓައުން ހޯލަށެވެ. މާދަމާ ހެނދުނު އައިސް ތިޔަ މައްސަލާގައި ވާހަކަ ދައްކާނީއެވެ.]

[އެންމެ ރަނގަޅެވެ.]

[އެތަނަށް މީހުން ބޭނުންކަން އަހަންނަށްވެސް އޮތީ އެނގިފައެވެ.]

[ލައްބައެވެ..... މަސައްކަތުގެ ދާއިރާވެސް ފުޅާވަމުން އެބަދެއެވެ. ވީމާ މީހުންވެސް ބޭނުންވާނެ ނޫންތޯއެވެ. މިސްޓަރ ރޮކް ބުނުއްވާ ގޮތުގައި ޕާކިސްތާނުގެ ދެތިން ޒުވާނަކު ވަޒީފާއަށް އެބައާދެއެވެ. އެމީހުންގެ އިންޓަރވިޔު ނެގުން ކިހިނަކުންތޯއެވެ؟]

[މަދާމާ ތިޔަކަމާ ބޭހޮގުތުން ފިޔަވަޅެއް އަޅާނީއެވެ.]

ޖަލާލީ އޮފީހާބެހޭ އެނގުންތަކެއް އަންގާފައި ބޭރަށް ނުކުމެއްޖެއެވެ.

ބައްދަލުކުރަންވާ މީހަކާ ބައްދަލުކޮށްފައި އޭނާ އެނބުރި ގެއަށް އައިއިރު ވަރަށް ހަވީރު ވެއްޖެއެވެ. ހުޅަނގު ފަރާތުން އުޑުމައްޗަށް ރަތްކުލަ އަރަން ފަށައިފިއެވެ. ދޫނިތައް ދުވާލުގެ މަސައްކަތަށްފަހު އެސޮރުމެންގެ ހާލިތަކާ ދިމާއަށް ގޮވަމުން ދަތުރުކުރަމުން ދިޔައެވެ. ވައިގެ އަސަރެއްވެސް ނެތެވެ. އެކަމަކުވެސް ފިނިބޮޑުވެފައިވާ ވަރުން ޖަލާލީއަށް ކާރުގެ ހީޓަރު ޖައްސަން ޖެހުނެވެ.

އޭނާ ކާރުން ފައިބައިގެން ސީދާ ނިދާ ކޮޓަރިއަށް ހިނގައްޖެއެވެ. ފެންނަ ފެނުމުގައި އޭނާހުރީ ހިސާބަކަށް ފިކުރުބޮޑުވެފައެވެ. އޭނާ އެއައީ ވަރިއާ ބެހޭގޮތުން އެކަންތައްތަކުގެ ބޮޑުމީހާއާ ބައްދަލުކޮށްފައެވެ. ޖަލާލީއަށް އެމެރިކަން ސިޓިޒަން ޝިޕް ލިބިފައިވެއެވެ. އެހެންކަމުން ވަރީގެ މައްސަލާގައި މަޝްވަރާވެސް ބޭނުންވެއެވެ. ޑިވޯރސް ކޮންސަލްޓެންޓް ޖަލާލީއަތުން ބޮޑުފީއެއް ނެގިއެވެ. އަދިކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާކަމެއް ނިންމާދޭނެ ކަމުގައި ބުންޏެވެ.

ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ޖަލާލީ އެތައް ސިގިރޭޓެއް ހުލިކޮށްލައިފިއެވެ. މާބޮޑަށް ހާސްވާން ފެށުމުން އޭނާ ކޮންމެވެސް ކްލަބަކަށް ނުވަތަ ހޮޓަލަކަށް ދާން ގަސްތުކޮށްފިއެވެ. މިޚިޔާލު އައުމާއެކު އޭނާ ޑްރެސިންގރޫމަށް ވަދެ ހެދުން ނަގަން ފަށައިފިއެވެ. ވިއްސަކަށް މިނެޓް އިރުތެރޭގައި އޭނާ ތައްޔާރުވެގެން ނުކުމެއްޖެއެވެ. އަދިވެސް ޠަބީޢަތަކަށް ބަދަލެއް ނާދެއެވެ.

މިސިޒް ހެރަލްޑް ކޮބައިތޯ އޭނާ ބެލިއެވެ. ބަދިގެއާއި ކާގެ ބަލައިފިއެވެ. ހެރަލްޑް އެއްތާކުވެސް ނެތެވެ. ގޭގެ ފުރަގަހުން ގޯތިތެރެއަށް ދިޔައިރު ބަގީޗާ ތެރޭގައި ހެއްލޭ ގޮނޑިއެއްގައި ޖަޔާ އޮތެވެ. އޭނާ ލައިގެންއޮތީ ހެނދުނު ލައިގެންހުރި ރަތް ބްލައުޒާއި ޖީންސެވެ. ރީތިކޮށް ބޯއޮމާން ކޮށްފައިވެއެވެ. މޭކަޕްވެސް ކޮށްފާވެއެވެ. އޭނާގެ ރީތި ސިފަ ފެނުމުން ޖަލާލީ ހިނދުކޮޅަކަށް ހުއްޓުން އަރައިފިއެވެ.

ޖަޔާ ގޮނޑި މަޑުކޮށްފައި ބުރަކަށި ތެދުކޮށްލައިފިއެވެ. އަދި ރުޅިވެރި ގޮތަކަށް ބަލާލިއެވެ. ޖަލާލީ ތެޅިގަތެވެ.

[މިސިޒް ހެރަލްޑް ގޭގައި ނެތީ ހެއްޔެވެ؟] ޖަލާލީ އަވަސް އަވަހަށް ބުންޏެވެ.

[ލައްބައެވެ!] އޭނާ ނުރުހުން ވެފައި މޫނު ކުނިކޮށްލަމުން ބުންޏެވެ.

[ދިޔަތަނެއް ބުނެދީފާނަން ހެއްޔެވެ؟] އޭނާ އިރުކޮޅަކު ޖަޔާގެ ރީތިކަން ބަލަން އެތާނގައި މަޑުކޮށްލުމުގެ ގޮތުން ބަހަނާއެއް ދައްކަން އުޅޭ ކަހަލައެވެ.

[އޭނާގެ ކޮޓަރީގައެވެ.] ޖަޔާ ކުރުކޮށް ޖަވާބުދިނެވެ. ދެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[އެހެން ހެއްޔެވެ؟] ޖަލާލީގެ ފައި އެހުރި ތަނުގައި ހަރުލައިފިއެވެ. އަދި ހިނދުކޮޅެއް ވަންދެން އެގޮތަށް އޭނާ ހުއްޓެވެ.
ޖަޔާ ރުޅިއައިސްފައި ގޮނޑިން ތެދުވެއްޖެއެވެ. [މިސިޒް ހެރަލްޑް މިތާކުނެތެވެ.]

[ނާޖިޔާ އެއްފަހަރު ބުނެފީމެއް ނޫން ހެއްޔެވެ. އަހަރެން އަޑުއަހައިފީމެވެ.] ޖަލާލީ ބުންޏެވެ.

[އެހެންވީއިރު ތިޔަ ހުންނެވީ ކީއްވެފައި ތޯއެވެ.] އޭނާ ރުޅިއައިސް ރަތްވަމުން ބުންޏެވެ.

ޖަލާލީއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. ހަމައެކަނި ހިނިތުން ވެލިއެވެ. މިހިތާމަ އެކުލަވޭ ހިނުތުންވުމަކީ ދެކެފި މީހަކު ކަތިލާފަދަ ހިނިތުން ވުމެކެވެ.... ޖަޔާ ބުންޏެވެ. [އަޅުގަނޑު އެކަނި މިތާނގައި އިންކަމުގައި ހީކުރައްވާ ދުރުވީ ކަންނޭނގެއެވެ]

ޖަލާލީ ހިތާ ދެކޮޅަށް ހީނލިއެވެ..... [ނާޖިޔާ ކޮންމެ ރެއަކުވެސް އޮންނަނީ އެކަނި ނޫން ހެއްޔެވެ.]

އެވަގުތު އެތާނގައި ހުރި ގޮނޑިނަގާފައި ޖަލާލީގެ ބޮލުގައި ޖަހާފާނަމޭ ޖަޔާގެ ހިތަށް އެރިއެވެ.

[އަހަރެންކުރި ވަޢުދާ ފަހަރެއްގައިވެސް ޚިލާފެއް ނުވާނަމެވެ. އެއީ މާތް އިންސާނެއްގެ ވަޢުދެއްކަމުގައި ހީކުރާށެވެ. މިސިޒް ހެރަލްޑް ގޭގައި އުޅުނަސް ނޫޅުނަސް އަހަރެންގެ ވަޢުދު ހަނދާން އެބަހުއްޓެވެ..... އަހަރެން މިއައީ މިރޭގެ ކެއުމަށް އަހަންނަށް އިންތިޒާރު ނުކުރުމަށް ހެރަލްޑް ގާތުގައި ބުނުމަށެވެ. ކްލަބަށް ދާވާހަކަ ބުނުމަށެވެ. މެންދަމުން އަލިވެ ތިނެއް ޖަހާއިރުވެސް އާދެވިދާނެއެވެ..... މިވާހަކަ އޭނާ ގާތުގައި ބުނެދީފާނަން ހެއްޔެވެ.] އޭނާ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލައި ހިނގައި ގަތުމަށް އެނބުރިލިއެވެ.

ޖަޔާ ވަރަށް ފުރިހަމައަށް އޭނާއާ ދިމާއަށް ބަލާލިއެވެ. ކިހާ ހައިބަތުހުރި ހަށިގަނޑެއް ހެއްޔެވެ. އޭނާގެ މޫނު އެހާ ހުތުރުނޫންނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ..... ޖަޔާ ހިތާ ހިތުން ވިސްނާލިއެވެ.

ޖަލާލީ ދޮރު ކައިރިއަށް ގޮސްފައި ކުޑަކޮށް އެނބުރިލަމުން ބުންޏެވެ.

[ކްލަބަށް ދާނަންހޭ ޖަޔާ ގާތުގައި އަހާލުމަކީވެސް ބޭކާރު ކަމަކަށް ވާނެއެވެ.]

[ޝުކުރިއްޔާއެވެ!] ޖަޔާހަރުއަޑުން ބުންޏެވެ. [މާގިނަ ވާހަކަދައްކަވަން ނޫޅުއްވާށެވެ. އަޅުގަނޑާ ޖަލާލީއާ...]

[ޝުކުރިއްޔާ!] ޖަލާލީ އަވަސް ފިޔަވަޅު އަޅަމުން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ އަދި ވަކިން ބޮޑަށް ހާސްވެއްޖެއެވެ. ކާރުގައި އިށީނުމާއެކު ބާރަށް ދުއްވާފައި ހައިވޭއަށް ނުކުމެއްޖެއެވެ. ދެން އޭނާ އެތައް އިރެއްވަންދެން ހައިވޭގައި މިންއަޅަމުން ދުއްވިއެވެ.

އެއަށްފަހު ކްލަބަށް ހިނގައްޖެއެވެ. އޭނާ ދެކެފަރިތަ އެތައް ބަޔަކު އެތާނގައި ތިއްބެވެ.

[މިސްޓަރ ޖަލާލީއެވެ. ޝާދީ މުބާރަކެވެ. އަނބިކަނބަލުން ކޮބައިތޯއެވެ؟]

[އެކަނިތޯއެވެ. އަނބިކަނބަލުން ވީކޮންތާކު ތޯއެވެ؟]

]އޭނާ އަދި ޕާކިސްތާނުން ނާންނަނީތޯއެވެ؟]

[މީހަކާ އިނުމަށްފަހު ތިޔަކަހަލަ އިންތިޒާރަކީ ވަރަށް ހިތްދަތި އެއްޗެކެވެ.]

]އަނބިކަނބަލުން މިރަށަށް ދުރުވެއްޖެއޭ ބުނާ އަޑު އަޅުގަނޑު އެހީމެވެ.]

ޖަލާލީގެ ކެނެޑިއަން، އެމެރިކަން އަދި މެކްސިކަން ރައްޓެހިން ސުވާލުކުރަމުން ދިޔައެވެ. ޖަލާލީ ޖަވާބުދެމުން ދިޔައެވެ. އެސުވާލުތަކުގެ ރިހުން ހިނިތުންވުމުގައި ފޮރުވަމުން ދިޔައެވެ.

ގިނައިރަކު މިގޮތަށް ހިފަހައްޓައެއް ނުލެވުނެވެ. ކްލަބުން ބޭރަށް ނުކުމެއްޖެއެވެ. އޭނާ ބޭނުންވަނީ މިރީތި ދުނިޔެއާ ދުރަށް ދިއުމަށެވެ. އާދެ، ކްލަބާ މާދުރަށް ދިއުމަށެވެ. އެހެންކަމުން ކާރުގެ ބާރު ދުވެލީގައި މަގުމައްޗަށް ދޫކޮށްލައިފިއެވެ. އަދި އެއްވެސް މިޞްރާބެއްނެތި އެގޮތް މިގޮތަށް ދުއްވަން ފަށައިފިއެވެ.
******************

[ޖަލާލީ ނިދީ ލިވިންގރޫމުގައެވެ. މިކޮޓަރީގެ ހުރިހާ ފާރެއްހުރީ ބިއްލޫރިންނެވެ. އެ ފާރުތަކުގެ އެތެރެ ފަރާތުގައި އަގުބޮޑު ފަރުދާތައް ދެމިފާވެއެވެ. މަޑު އަދި އެހާމެ ބޯ ކާޕެޓެއް އޮތެވެ. ބޮޑެތި ސޯފާތަކެވެ. ބިއްލޫރި މޭޒުތަކެވެ. ޒީނަތްތެރި ކުރުމުގެ ހުރިހާ އެއްޗެއް މިތާނގައިވެސް ހުއްޓެވެ. މިއުޒިކް ކުޅޭ ގަޑިއެއްވެސް ހުއްޓެވެ.

ޖަލާލީ ގެއަށް އައީ ރޭގެ ދޭއްޖެހުމާ ކައިރިވެފައި ހުއްޓައެވެ. ވަރުބަލިވެފައި ހުރިވަރުން އެތާނގައި ޖައްސާ ލެވުނީއެވެ. އޭނާގެ ސިކުނޑި އެވަގުތު ހާސްވެފައި ވެއެވެ. އެހެންކަމުން އޭނާ އޮތީވެސް ވޭލިއަމް ކައިގެންނެވެ. ނަތީޖާއެއްގެ ގޮތުން އަނެއްދުވަހު ދިހައެއް ޖަހަންދެން އެއްވެސް ޚަބަރެއްނެތި ނިދަން އޮވެވުނެވެ. މިހާރު އޭނާ ނާސްތާކޮށްގެން ކޮޓަރިއަށް އަތުވެއްޖެއެވެ. އެތެރެހަށީގައި ހިނގަމުންދާ ޠޫފާނަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

މިސިޒް ހެރަލްޑް ގާތުގައި ބުނެގެން އޭނާ ނާޖިޔާގެ ޕާސްޕޯޓް ގެނެސްފައިވެއެވެ. އޭނާ އަރާމު ގޮނޑިއެއްގައި އިނދެގެން އެޕާސްޕޯޓް ބަލަމުން ގެންދިޔައެވެ. ހަމައެކަނި އެންމެ ދަތުރެއް ކޮށްފައިވާ އިންޓަރނޭޝަނަލް ޕާސްޕޯޓެކެވެ. ބާކީ ލިޔުންތައްވެސް މޭޒުމަތީގައި ހުއްޓެވެ. ޖަޔާ ފުރުމުގެ ކަންތަކާއެކު ވަރީގެ ކަންތައްވެސް އޭނާ ހަމަޖައްސަން ޖެހެއެވެ. ޤާނޫނީ ނުކުތާތައް އިއްޔެ އޭނާ އޮޅުން ފިލުވައިފިއެވެ. މިއަދު އެމްބަސީއަށް ދާންޖެހެއެވެ. ޕާކިސްތާނުގެ ޤާނޫނާ ބެހޭގޮތުންވެސް މަޢުލޫމާތު ހޯދަން ޖެހެއެވެ.

ޖަލާލީ މޭޒުމަތީގައި ޕާސްޕޯޓް ބާއްވާފައި ފައިލް ނަގައިފިއެވެ.

ކުއްލިއަކަށް ކުރިމަތީގައި ހުރި ދޮރު ހުޅުވިއްޖެއެވެ. ޖަޔާ އެތެރެއަށް ވަދެއްޖެއެވެ.

އޭނާ އެތެރެއަށް މަޑުމަޑުން ޙަރަކާތް ކުރަން ފަށައިފިއެވެ. ހަމަ އަވަހަށް އެނބުރި ދިއުމަށް ހީކުރިއެވެ. އެކަމަކު ދޮރެއް ނުހުޅުވުނެވެ.

[އަންނާށެވެ.] އޭނާ ފެނުމާއެކު ޖަލާލީ ބުންޏެވެ.

[ދޮރު ހުޅުވާ ދެއްވާށެވެ.]

]ކީއްކުރަން ހެއްޔެވެ؟]

[އަޅުގަނޑު ދާންވެގެންނެވެ.]

[މިތާނގައި އިށީނދެލާފައި ދާންއަންނާށެވެ. އަހަރެން ކިތަންމެ ފަހަރަކު ބުނެފީމެއްނޫން ހެއްޔެވެ. އަހަރެން..]
[އަޅުގަނޑު ދާން ބޭނުމެވެ.]

[ނިކަން ބަލާލަ ބަލާށެވެ. މިހިރީ ނާޖިޔާގެ ދަތުރާބެހޭ ކަރުދާސްތަކެވެ. އަހަރެން މިއުޅެނީ އެމަސައްކަތުގައެވެ. ވީހާ އަވަހަކަށް އަހަރެން މިއުޅެނީ މިނަރަކައިން ޖަޔާ ސަލާމަތް ކޮށްދެވޭތޯއެވެ.]

ޖަޔާ ދޮރުގައި ބުރަކަށި ޖައްސާލިއެވެ. އޭނާގެ ނަޒަރު ސީދާކުރެވިފައި ހުރީ ބިއްލޫރި ފާރުގެ ބޭރުން ފެންނަމުންދާ މަންޒަރު ތަކަށެވެ. ކޮޓަރި އެނބުރެމުން ދާއިރު އެމަންޒަރުތައް ކިހާ ރީތި ހެއްޔެވެ. ކޮޓަރި މަޑުމަޑުން އެނބުރެމުން ދިޔައެވެ. އެކަމަކު ބަލާބެލުމަށް ހީވަނީ މަންޒަރުތައް އެނބުރެމުން ދާހެންނެވެ.

[ނާޖިޔާއެވެ! އިށީންނާށެވެ! އަހަރެމެންގެ ގުޅުން މިހާރު މިއޮތީ ގޮތަކަށް ވަކިވެފައެވެ. މިހާރު އަހަރެމެންނަކީ އެއްވެސް ގުޅުމެއްނެތް ބަޔަކު ކަމުގައި ހީކޮށްލާށެވެ. އެހެން ނަމަވެސް އިންސާނީ އެއްބައިވަންތަކަމުގެ ގޮތުން ކުޑައިރުކޮޅަކު މިތާނގައި މަޑުކޮށްލުމަކީ އަދި މާކަ ހުތުރުކަމެއް ހެނެއް އަހަންނަކަށް ހިއެއް ނުވެއެވެ.]

[އަޅުގަނޑު........ ދާން ބޭނުމެވެ.] ޖަޔާ އިޚްތިޔާރަކާ ނުލައި އެކި ލަފްޒަށް ބާރުލަމުން ބުންޏެވެ.
ޖަލާލީ ހިނިތުންވެލާފައި އޭނާގެ މޫނަށް ބަލާލިއެވެ.......... ނާޖިޔާ އެއްފަރާތަކަށް މޫނު އަނބުރާލިއެވެ.

[އިށީނދެ ބަލާށެވެ. މަޑުމައިތިރި ކަމާއެކުގައިވެސް ވާހަކަ ދެކެވިދާނެއެވެ.]

[ދޮރު ހުޅުވާ ދެއްވާށެވެ.]

[ތިޔައީ މާކަ އުނދަގޫ ކަމެއްނޫނެވެ. ކޮޓަރި އެއްބުރު އެޅުމަށްފަހު އަމިއްލައަށް ހުޅުވޭނެއެވެ.

ޖަޔާ ޙައިރާންވެފައި ޖަލާލީއަށް ބަލާލިއެވެ.

މިފަދަ ވަގުތެއްގައި ޖަލާލީގެ ގޮތްހުސްވެފައިވާ ހިތަށް އަނިޔާ ލިބެމުންދާނީ ކިހާ ވަރަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.

[ނާޖިޔާއެވެ! ކުޑައިރުކޮޅަކު މިތާނގައި މަޑުކޮށްލަ ބަލާށޭ އަހަރެން ބުނެފީމެއްނޫން ހެއްޔެވެ؟]

[ކީއްކުރަން ތޯއެވެ؟]

[ތިޔަ ސުވާލުގެ ޖަވާބެއް އަހަންނަކަށް ދެވޭކަށްނެތެވެ. އެކަމަކު އަޚްލާޤީ ގޮތުންވެސް މިތާނގައި އިރުކޮޅަކު މަޑުކޮށްލެވިދާނެ ނޫން ހެއްޔެވެ......]

ޖަޔާ އެއްވެސް ޖަވާބެއް ނުދިނުމުން ޖަލާލީ ހިތާމައިން ފުރިފައިވާ ހިނިތުންވުމަކާއެކު ބުންޏެވެ. [އަހަންނަކީ އިންސާނަކު ކަމުގައި ޖަޔާ ނުދެކެނީ ކަންނޭގެއެވެ. ނާޖިޔާއެވެ. ޔަޤީން ކުރާށެވެ. އަހަންނަކީ އިންސާނަކީމެވެ. އެހެނިހެން މީހުން ކަހަލަ ޢާންމު އިންސާނަކީމެވެ.]

ޖަޔާގެ ހިތުގައި ފުރަތަމަ ފަހަރަށް ރިހުން އުފެދުނެވެ. ޖަލާލީގެ ކަރުގައި މަޅިގަނޑެއް އަޅުވާފައިވާ ކަހަލައެވެ. އަޖައިބެއްފަދަ ހާސްކަމެއް މޫނުމަތިން ފެންނަން ހުއްޓެވެ. އޭނާގެ މިރިހުން ތޫނުކަނޑިއެއް ފަދައިން ޖަޔާގެ ހިތް ޒަޚަމްކޮށްލީ ކީއްވެގެން ކަމެއް ނޭނގުނެވެ.

އެކަމަކު...........

އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ބޭޤަރާރު ކަމާއިއެކު އަތުގެ އިނގިލިތައް ޙަރަކާތް ކޮށްލިއެވެ. ނަމަވެސް މިއީ ކުޑަހިނދުކޮޅެއްގެ ކަމެކެވެ..... ހަމްދަރުދީގެ ހުރިހާ ޚިޔާލެއް ހިތުން ފޮހެލިއެވެ..... ކެއްސެވެ...... މަކަރެވެ...... އޭނާގެ ސިކުނޑި ގުގުމައިގަތެވެ. އެއާއެކު ޖަލާލީއާ ދިމާއަށް ބަލާލިއެވެ.

ޖަޔާގެ އެތެރެހަށީގެ ހައިޖާނު ހިނގަމުންދާގޮތެއް ޖަލާލީއަކަށް ނޭނގެއެވެ. އޭނާގެ އަމިއްލަ ހިތާމައިގައި އިނދެފައި ބުންޏެވެ.

[މިބުރުގައި ދޮރު ހުޅުވޭނެއެވެ. ދެން ނުކުމެވިދާނެއެވެ.]

[އަޅުގަނޑުފުރުމާ ދެމެދު ކިހާދުވަހެއް ވާނެތޯއެވެ.] ޖަޔާ ހިމޭން ކަމާއިއެކު ބުންޏެވެ.

ނާޖިޔާގެ އަޑު ބަދަލުވެފައިވާ ވަރު އިޙްސާސް ކުރެވެމުން އޭނާ ޙައިރާންވެފައި ސުވާލުކުރިއެވެ.

[ކިހިނެއްވީ ހެއްޔެވެ؟]

[ކިހާ ދުވަހެއް ވާނެތޯއެވެ؟]

[ދެހަފްތާއެއްހާ ދުވަސްވާނެ ކަންނޭނގެއެވެ. އެއަށްވުރެ އަވަސްވެސް ވެދާނެއެވެ. ލަސްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަހަރެން މަސައްކަތް މިކުރަނީ ވީހާވެސް އަވަހަކަށް މިނަރަކައިން ޖަޔާ ސަލާމް ކޮށްދެވޭތޯއެވެ.]

[ދެހަފްތާ.......؟]

[އާނއެކެވެ.]

[ދެހަފްތާ ވަންދެން އަޅުގަނޑު މިގެއަކު ނީންނާނަމެވެ.]

[ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟]

[ފައުޒިއްޔާ ދައްތަގެ ގެއަށެވެ. ހަމަ މިއަދު އެގެއަށް އަޅުގަނޑު ފޮނުވާ ދެއްވާށެވެ.]

ޖަލާލީގެ ބޮލުގައި ކޮންމެވެސް މީހަކު ބަރު ދަގަނޑު ބުރިއަކުން ޖެހި ކަހަލައެވެ. އޭނާ ސޯފާގެ އަތްގަނޑުގައި ބާރަށް ހަފަހައްޓާލާފައި ތަންކޮޅެއް މަގަތަށް ޖެހިލިއެވެ.

[އަޅުގަނޑު މިގޭގައި އިންނާކަށް ބޭނުމެއްނޫނެވެ.] ޖަޔާ ބުންޏެވެ.

[ޖަޔާއަށް ފައުޒިއްޔާގެ ގެއަކަށްވެސް ނުދެވޭނެއެވެ.] ޖަލާލީގެ މޫޑުވެސް ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ސިކުނޑިއަށް ވެރިވެފައިވާ ހާސްކަން އެއްފަރާތަކަށް ފިރުކެން ފަށައިފިއެވެ.

[އަޅުގަނޑު ދާނަމެވެ.] އޭނާ ގަދަ ދެއްކިއެވެ.

[ނާޖިޔާއެވެ!] ޖަލާލީ ކެތްތެރި ކަމާއިއެކު ބުންޏެވެ. [އެގެއަކަށް ނުދެވޭނެއެވެ. މިހާތަނަށް ވެނިމިފައިވާ ކަންތައްތަކަކީ އަހަރެންގެ ނަސީބުގައި ހުރިގޮތްކަމުގައި އަހަރެން މިހިރީ ނިންމައިގެންނެވެ. އެކަމަކު މިކަންތައްތަކުގެ އެންމެ ލަފުޒެއްވެސް އަހަރެންގެ ރަޙްމަތްތެރިންގެ ކަންފަތުގައި ޖެހުމަކީ އެދޭކަމެއްނޫނެވެ. އަހަރެމެން ގޭގައި ނޫޅޭނެ ވާހަކަ އެމީހުން ގާތުގައި އަހަރެން އޮންނާނީ ބުނެފައެވެ.]

ނާޖިޔާ ބުމައަށް ގޮތެއް ހަދާލާފައި މަލާމާތުގެ ގޮތަކަށް ބަލާލިއެވެ. އަދި ބުންޏެވެ. [ދޮގެކެވެ.........]
ޖަލާލީ އޭނާގެ ބަސްމެދުކަނޑާލާފައި ބުންޏެވެ. [ޖަޔާއެވެ. އަހަންނަކީ އަބަދުވެސް ތެދުބަސް ބުނާ މީހަކީމެވެ.]

(ނުނިމޭ...)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ