ދިވެހިބަހުގެފުރަތަމަ ޕުރޮފެސަރު (1)
އާދަމް ނަޞީރު އިބްރާހީމް
[ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.
ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟]
ތިޔަ ވިދާޅުވީ ދިވެހިރާއްޖެ ދުށް އެންމެ އުފެއްދުންތެރި އަދީބު، ދިވެހި އަދަބުގެ ފަތިހުގެ ތަރި ފަޟީލަތުއްޝައިޚު އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީނު ފަނޑިޔާރުމަނިކުފާނުގެ ތަޢާރުފުގައި،އެ މަނިކުފާނުގެ ލޮބުވެތި ދަރިވަރު، ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ޝާޢިރުލްޢުމޫމީ ޝައިޚުލްއިސްލާމް ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނު ފަނޑިޔާރުމަނިކުފާނު ކުރައްސަވައިލައްވައިފައިވާ ތަޢުރީފުގެ އަބާރަނައެކެވެ.
ވަރަށްބޮޑު ތެދުފުޅެކެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އަދި ކިޔެއްތަ އާދަޔާ ޚިލާފު ބޭފުޅެކެވެ. ތޫނުފިލިކަމުގައެވެ. އުފެއްދުންތެރިކަމުގައެވެ. ވިސްނުންފުޅު ތަނަވަސްވުމުގައެވެ. ޤައުމީ ފިކުރުގައެވެ. ފިޤުހު ޢިލްމާއި އަދަބިއްޔާތުގައެވެ. އެމަނިކުފާނުގެ ގަލަމީ އެކުލަވައިލުންތައް މި ކަމަށް ހެކިދެއެވެ.
މި މަޒުމޫނުގައި ބަލައިލާނީ ފަޟީލަތުއްޝައިޚުގެ އަދަބީ އުފެއްދުންތަކުގައިވާ އާދަޔާ ޚިލާފު ބައެއް ނުކުތާތަކަށާއި އެ ނުކުތާތަކާއި މި ޒަމާނުގެ ޢިލްމީ ހޯދުންތަކާ ގުޅުވައިލީމާ ލިބިދޭ އަޖާބު ކުރުވަނިވި ނަތީޖާގެ މައްޗަށެވެ.
އުފަންވެވަޑައިގަތުމާއި ތަޢުލީމީ ފުރުޞަތު
ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1298 ވަނަ އަހަރު އެވެ. ދުވަހަކީ އެ އަހަރުގެ ޖުމާދަލް އޫލާ މަހުގެ 15 ވަނަ ދުވަހެވެ. މީލާދުން އެ ދުވަހަކީ، 1881 ވަނަ އަހަރުގެ އޭޕްރީލުމަހުގެ 14 ވަނަ ދުވަހެވެ.
19ވަނަ ސައްތައިގެ އެ ދުވަސްވަރަކީ މި ސަރަހައްދުގެ ނިސްބަތުގައި ދަތި ދުވަސްވަރެކެވެ. ރާއްޖޭގެ ހާލު އަދި މާބޮޑެވެ. އުފެއްދުންތެރިކަމާއި ޞިއްޙީ ޙާލަތެވެ. ހައިހޫނުކަމާއި ތަދުމަޑުކަމުގެ އާފަތެވެ. ތަޢުލީމު ދޮގެއްތޯ އެވެ؟ މަދަރުސާތަކެއް ނެތެވެ. ނިޒާމީ ތަޢުލީމުގެ އުސޫލުތައް ކީއްކުރަންތޯއެވެ؟ އޭގެ ހިޔަނި ވެސް ނެތެވެ. ފަޟީލަތުއްޝައިޚުގެ އާއިލާ އަކީ މާލޭގެ ހަރޮށި އާއިލާއެއްކަމުގައި ވިޔަސް، ތަނުގައި ނެތް ޢިލްމެއް މި ބިމުން ހޯއްދަވައިދެއްވާނީ ކިހިނަކުންތޯއެވެ؟
ފަޟީލަތުއްޝައިޚު ލިޔުއްވައިފައިވާ ގޮތުގައި ޢަރަބި ތަޢުލީމުގެ ކަންފުޅެއް އެމަނިކުފާނަށް ލިބިވަޑައިގަތީ، އުމުރުފުޅުން 14 އަހަރުފުޅުގައެވެ. ކިޔަވާ ވިދާޅުވާ ހިތްޕުޅުން އައްޑު އަތޮޅަށް ވަޑައިގަތީއެވެ. ހުންނެވީ އަލްފަޤީހު އިބްރާހީމް ތަކުރުފާނު އަރިހުގައެވެ. އާދެ! ދިވެހިތާރީޚުގައި މަޝްހޫރު އައްޑޫ ދޮންބެއްޔާގެ އަރިހުގައެވެ. ކިހާ ދުވަހަކު ކަމަށްތޯ އެވެ؟ އެންމެ ދޮޅު އަހަރެއްހައި ދުވަހުއެވެ. މި މުއްދަތުގެ ތެރޭގައި ކިޔެވުން އޮތީ ވެސް ވަރަށް އާދައިގެ ގޮތެއްގައެވެ. ޝައިޚު ދޮންބެއްޔާ ދިރިއުޅުއްވުމަށް ކުރައްވާ މަސައްކަތަކީ މަސްވެރިކަމެވެ. ދުވާލު ދޮންބެއްޔާ އުޅުއްވަނީ ކަނޑުމަތީގައެވެ. ދޮށީގެ މަސްވެރިކަމުގައެވެ. ކިޔަވައި ދެއްވުން އޮންނަނީ ރޭގަނޑު ޢިޝާނަމާދަށްފަހުއެވެ. ފަޟީލަތުއްޝައިޚު ވިދާޅުވެފައިވާ ގޮތުގައި ކިޔަވައި ދެވޭ ގޮތަކީ އަރަބި ބަހުގެ ގަވާއިދުގެ ބައެއް ފިލާވަޅު ނަންގަވައިދެއްވުމާއި، ކޮންމެ ރެޔަކު ވެސް ޢަރަބި ބަހުން ކުޑަ ވާހަކައެއް ކިޔައިދެއްވުމެވެ. ދެން ކިޔެވުމަށް ހިތްވަރު ލިބޭ ކަހަލަ ވާހަކަތައް ކިޔައިދެއްވައެވެ. އަދި އަރަބި ބަހުގެ ލަފުޒު ފޮތްފޮތުން ލަފުޒު ބަލާނެ ގޮތް ބުނެދެއްވައެވެ.
އުމުރުފުޅުން އެންމެ 14 އަހަރުފުޅުގައި ވަޑައިގެން، އައްޑޫގައި ހޭދަ ކުރެއްވި ދޮޅު އަހަރެއްހައި ދުވަހުން ފަޟީލަތުއްޝައިޚުގެ [ފުރަތަމަ ޑިގުރީ ނިމުނީ] އެވެ. ދެން ޖެހިވަޑައިގަތީ މާލެ ވަޑައިގަންނަވާށެވެ. މި ގޮތަށް ކަންކުރައްވަން ޖެހުނީ ދޮންބެއްޔާގެ ޞިއްޙީ އުޒުރަކަށްޓަކައެވެ. ނަމަވެސް މާލޭން ނައިބުތުއްތޫ އަރިހުން އިތުރަށް އުނގެނިވަޑައިގަތުމަށް ދޮންބެއްޔާ ނަސޭހަތްތެރިވެވަޑައިގެން، އެކަމުގައި އަމަލުކުރައްވަންވީ ގޮތުގެ އިރުޝާދު ވެސް ދެއްކަމަށްވެއެވެ.
ތަޢުލީމުގެ ދެވަނަ މަރުޙަލާ
ނައިބު ތުއްތޫ އަރިހުން އުގެނިވަޑައިގަތުމީ ފަސޭހަފުޅުކަމަކަށް ނުވެ އެވެ. ސަބަބަކީ ތުއްތޫގެ މިޒާޖުފުޅާ ރަސްކަމުގެ ސިޔާސަތާ މުޑިއަރާވަރުންނެވެ. ތުއްތޫ އަބަދުހެން ހުންނަވަން ޖެހެނީ ރާއްޖޭގެ ކޮންމެ ވެސް ރަށެއްގައެވެ. މާލެ ވަޑައިގަތުމުގެ އިޒުނަ ނެތް ގޮތެއްގައެވެ. ފޮނުވައިލެއްވިފައެވެ. އަރުވާލެއްވިފައެވެ. ނަމަވެސް ތުއްތޫ އަރިހުން ވެސް ކޮންމެވެސް ވަރެއް ކުރެއްވި އެވެ. އެއަށްފަހު، ޙުސާމުއްދީނޭ ކިޔުނު ޢަރަބި ޢިލްމުވެރިއެއްގެ އަރިހުން ވެސް އުނގެނިވަޑައިގަތެވެ.
ކޮންމެއަކަސް އުމުރުން ފުޅުން އަށާރަ އަހަރުފުޅު ފުރިހަމަ ވުމުގެ ކުރީން، ދައުލަތުގެ ބަންޑާރަ ނައިބުކަމުގެ މަގާމަށް އެމަނިކުފާނު އިސްކުރެއްވިއްޖެއެވެ.
ބަސްފޮތާއި ލަފުޒުފޮތް
[ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ...] ވިދާޅުވަނީ އަޅުގަނޑުމެންގެ ފަޟީލަތުއްޝައިޚެވެ. ހަމަ އެހެންމެ ލަފުޒު ފޮތުން ލަފުޒު ބަލަން ދަސްކުރާ ވާހަކަ ވިދާޅުވީ ވެސް އެމަނިކުފާނެވެ. ބަހެއްގައި ހިމެނޭ ލަފުޒުތަކުގެ މާނަ ލިޔެ ހިމަނައިގެން އެކުލަވައިލާ ފޮތަށް ޒަމާނުއްސުރެ އަޅުގަނޑުމެން ކިޔަމުން މި އައީ ބަސްފޮތެވެ. ދިވެހިބަސްފޮތެވެ.މިއީ ރަނގަޅު ނަމެއް ނޫން ކަމަށް ބަހަވީ ޢިލްމުގެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ. ބަސްފޮތޭ ބުނީމާ އޭން ދޭހަވަނީ [ދިވެހިބަސް] [އިނގިރޭސިބަސް] [ފަރަންސޭސިބަސް] ނުވަތަ [އަރަބިބަސް] ފަދަ ބަހެއްގެ ފޮތެއްކަމުގެ މާނަ ކަމަށް ބަހަވީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެހެންވީމާ ބަހެއްގައި ހިމެނޭ ވަކި ވަކި ލަފުޒުތަކުގެ މާނަ ލިޔެގެން އަޅުގަނޑުމެން މި ގެންގުޅޭ ފޮތަށް، ތަފާތު އެހެންނަމެއް ކިޔުމަކީ ޢިލްމީ ގޮތުން ބަލާއިރު ރަނގަޅުގޮތެވެ. ފަޟީލަތުއްޝައިޚު މި ވަނީ މި ހަމަ، މާ ކުރިން ހިފަހައްޓަވައި ދައްކަވައިދެއްވައިފައެވެ. މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ބަހަވީ ޢިލްމުގެ ތަރަހަތައް ޤުދުރަތުން ލައްވައިފައިވާކަމުގެ ދަލީލެއް ނުންތޯ އެވެ؟
ޕޯލްގުރައިސް ގެ ނަޒަރިއްޔާ
1972ވަނަ އަހަރު ބަހުގެ ޢިލްމާ ބެހޭ ވަރަށް ޚާއްޞަ އާ ހޯދުމެއް ހޯދުނެވެ. މި ހޯދުން ހޯއްދެވީ ޕޯލް ގުރައިސް ނަމަކަށް ކިޔުނު ބަހަވީ މާހިރެކެވެ. އެތައް ދިރާސާތަކަކަށްފަހު، އެނާ އެކުލަވައިލެއްވި ނަޒަރިއްޔާ ބުނާ ގޮތުގައި އިންސާނުން އެކަކު އަނެކަކާ ދައްކާ ވާހަކަ ކާމިޔާބު ވުމާއި ނާކާމިޔާބުވުން މައިގަނޑު ހަތަރު ސިފައެއްގެ މައްޗަށް ބިނާވެގެންވެއެވެ. އޭގެތެރޭގައި ދެކެވޭ ވާހަކައިގެ މިންވަރާއި އޮއްޓަރު ހިމެނެއެވެ. ގުޅުމާއި އަދަބުހިމެނެއެވެ. މިއިން ކޮންމެ ނުކުތާއަކަށް އެއްތައް ތަފުޞީލެއް އޭނާ ހުށަހަޅުއްވައެވެ.
ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތަކުން، މީގެ ތެރޭން އެއް ނުކުތާއަކާ ބެހޭ މިސާލެއް ހުށަހަޅައިލާނަމެވެ. މި ނުކުތާ އަކީ ވާހަކައިގެ އަދަބާ ގުޅުންހުރި ނުކުތާއެވެ. މި ތާނގައި އަދަބުގެ މާނަ ވަރަށް ފުޅަލެވެ. އޭގެ ތެރޭގައި އެ ބަހެއްގައި މުވާޞަލާތު ކުރުމަށް ބޭނުންކުރާ އާދަ ކާދަތައް ވެސް ހިމެނެއެވެ. މި ސާލަކަށް ދިވެހިންގެ ބަހުގެ ޠަބީޢަތް ނިޔާ ކުރާ ގޮތުން ތަންކޮޅެން ބަނިޔާދަން ބައްޕަ އަކު ނުވަތަ މަންމައަކު، އަންހެން ދަރިޔަކާ މުޚާޠަބު ކުރަނީ [ކަލޭ] އޭ ކިޔާފައެއް ނޫނެވެ. އެ ހާލަތުގައި ބޭނުންކުރާ ލަފުޒަކީ [ކަނބުލޯ] މި ލަފުޒެވެ. ދެން ފަޟީލަތުއްޝައިޚު މި ހަމަ ގެންގުޅުއްވައިފައިވާ ގޮތް ބައްލަވާށެވެ. [ކަނބުލޯ ބައްޕައާއި ވަކި ވިފަހުން ލައްކަ ނުބައިވެއްޖެތާއޭ]މިއީ ސީރަތުއްނަބަވިއްޔާ އިން ނަކަލު ކޮށްފައިވާ ޖުމުލަ އެކެވެ.
އަބޫސުފިޔާނު މުޝްރިކެއްގެ ގޮތުގައި ހުރެ ކީރިތި މާތް ނަބިއްޔާގެ ގެކޮޅަށް ދިޔަ ދުވަހެކެވެ. އޭނާގެ އަންހެން ދަރިފުޅު، ކީރިތި މާތް ނަބިއްޔާގެ އަނބިކަނބަލުން އިތުރު އެކަލޭގެފާނުގެ ދާންމަތިކޮޅުގެ ޙުރުމަތަށްޓަކައި އެ ދާންމަތިކޮޅު އެއްކިބާ ކުރެއްވި އެވެ. މި ކަމާ ހިތް ހަމަ ނުޖެހިގެން އަބޫސުފިޔާނު އެ ކަމާނާއާ ދިމާ އަށް ބުނި އިބާރާތް، ފަޟީލަތުއްޝައިޚު ދިވެހިބަހަށް ގެންނަވައިފައިވާ ފުރިހަމަ ގޮތް، ދިވެހިބަހުގެ ތަބީއަތާ ގުޅެއެވެ. ޕޯލް ގުރައިސްގެ ނަޒަރިއްޔާ އަށް ފެތެ އެވެ. އެހެންނާ އަރަބި ބަހުން އޮތް ޖުމުލައިގެ އަސްލު ލަފުޒީ މާނަ އަށް ބަލާއިރު [ކަލޭ] އޭ ބުންޏަސް މާނަ ގޯހެއް ނުވާނެ އެވެ.
ކަމޭ ހިތުމުގެ ނަޒަރިއްޔާ
ދެން ވެސް ހަމަ މި ކަހަލަ ޢިލްމީ އަޖާބެކެވެ.ކަމޭ ހިތުމުގެ ނަޒަރިއްޔާގެ ނަމުގައި 1978ވަނަ އަހަރު ބަހަވީ ޢިލްމުގެ އާ ނަޒަރިއްޔާއެއް ތަޢާރުފުވި އެވެ. މި ނަޒަރިއްޔާގެ ބާނީންނަކީ ބްރައުންނާއި ސްޓެފަނެވެ. މައިގަނޑު ގޮތެއްގައި މި ނަޒަރިއްޔާގައި ބަޔާން ކުރަނީ ކަމޭ ހިތުމާއެކު ވާހަކަ ދެއްކުމުން ނެރެދޭ ނަތީޖާތަކުގެ މައްޗަށެވެ. އެއާ ގުޅިފައިވާ ސަބަބުތަކުގެ މައްޗަށެވެ.
ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތައް ކަމޭހިތުމުގެ ނަޒަރިއްޔާ އަށް ވެސް ފެތެއެވެ. މިސާލު މި ފަހަރުވެސް ސީރަތުން ނަގަމާތޯ އެވެ. އަބޫ ލަހަބުގެ ދަރިޔަކު ކުރި ވިޔަޔާ ނުދާ ކަމެއްގެ ސަބަބުން ކީރިތި މާތް ނަބިއްޔާ އަށް ދުޢާފުޅެއް ކުރެއްވުނެވެ.[ހައްދަވައި ބޮޑުކުރެއްވި ކަލާކޯއޭ އޭނާގެ މައްޗަށް އިބަ ސުވާމީންގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާކުރައްވައިފާނދޭވެ!]
މި ޚަބަރު ލިބިވަޑައިގެން އަބޫޠާލިބުގެފާނު ވިދާޅުވި ކަމަށް އޮންނަ ބަސްފުޅެއް ގެންނަވައިފައިވާ ގޮތް ބައްލަވާށެވެ! އަބޫޠާލިބުގެފާނު ވިދާޅުވި ބަސްފުޅު ދިވެހިބަހަށް ގެންނަވައިފައިވަނީ މި ފަދައިންނެވެ.[އޭ އަޚްކަލޭގެފާނުގެ ދަރިކަލުންނޭވޭ!ކަލޭގެފާނުގެ އަޚާގެ ދަރިޔާގެ މައްޗަށް ތިޔަވަރުގެ ދުޢާފުޅެއް ނުކުރެއްވިޔެއްކަމަކު ފުދިއްޖައީސް ނޫންތޯ އެވެ؟]ހަގީގަތުގައި އަރަބި ބަހުން އޮތް އަސްލު ޖުމުލައިގެ ލަފުޒީ މާނައަކީ [އޭ އަޚްކަލޭގެފާނުގެ ދަރިކަލުންނޭވޭ! ކަލޭގެފާނުގެ އަޚާގެ ދަރިޔާގެ މައްޗަށް ތިޔަވަރުގެ ދުޢާފުޅެއް ނުކުރެއްވިޔެއްކަމަކު ފުދިއްޖައީހެވެ] މި އެވެ. ނަމަވެސް ފަޟީލަތުއްޝައިޚު އެ ވަނީ [ނޫންތޯ އެވެ] މި އިބާރާތް އިތުރު ކުރައްވައިފައެވެ. ނަތީޖާ އަކީ ކަމޭ ހިތުމުގެ ސިފަ މި ބުނުމަށް ލިބުމެވެ. އެހެންވީމާ، ބްރައުންނާ ސްޓެފަންގެ ކަމޭ ހިތުގެމުގެ ނަޒަރިއްޔާ އަށް ފެތުމުގައި ވެސް ފަޟީލަތުއްޝައިޚުގެ ލިޔުއްވުންތައް ނަމޫނާ އަކަށް އެބަވޭ ނޫންތޯ އެވެ؟
ތަރުޖަމާކުރުމުގެ ފަންނު
އެނގިވަޑައިގަންނަވާނެ ފަދައިން ތަރުޖަމާކުރުމަކީ ފަންނެކެވެ. ޢިލްމެކެވެ. ހުނަރެކެވެ. މި ރޮނގުގައިވެސް ފަޟީލަތުއްޝައިޚަކީ އާދަޔާ ޚިލާފު ބޭފުޅެކޭ ދަންނަވަން ޖެހެއެވެ. ތިރީގައި މިވާ ޢިބާރާތް ތިބާ ތަރުޖަމާ ކުރައްވާނީ ކިހިނަކުންތޯ އެވެ؟
فجاءالأسديتشمموجوههمحتىضربعتيبةفقتله. وفيرواية «فضخرأسه»
މިއީ އަބޫ ލަހުބާ ބެހޭގޮތުން އިސްވެ ދެންނެވުނު ހާދިސާއާ ގުޅިފައިވާ ވާހަކަ އެކެވެ. އޭނާގެ ދަރި މަރުވެގެން ދިޔަ ގޮތެވެ. ޖަންގަލީގެ ބޮޑު ބިޔައެއްގެ ސަބަބުންނެވެ. ސިންގާއެއްގެ ސަބަބުންނެވެ. އަޅުގަނޑު މި އިބާރާތް، އަރަބި ބަސް ދަންނަ މި ޒަމާނުގެ ޒުވާން ދެ ޢިލްމުވެރިޔަކާ ހިއްސާކޮށްލީމެވެ. އެ ބޭފުޅުން މި ޖުމުލަ ތަރުޖަމާ ކުރެއްވީ އަންނަނިވި ގޮތަށެވެ. [ފަހެ، ސިންގާއެއް އައެވެ. ދެން އެ މީހުންގެ މޫނުތަކުން ބަސްބެލި އެވެ. އުތައިބަތު ޤަތުލުކޮށްލެވެންދެނެވެ.] ކޮންމެ އަކަސް ފޯނުން އަޅުގަނޑު ދަންނަވައިލި ދަންނަވައިލުމަކަށް ކުރެއްވި މި ތަރުޖަމާ ދެވަނަ ފަހަރަށް ދައްކައިލެވުނު ނަމަ އެ ބޭފުޅުން ވެސް މި އަށްވުރެ ރަނގަޅު ކުރައްވާނެކަން ކަށަވަރެވެ. އެކަން ވީވެސް އެހެންނެވެ. ދެން ފަޟީލަތުއްޝައިޚުގެ ތަރުޖަމާ ބަލައިލަމާ ހިނގާށެވެ. [އިސާހިތަކު މި ތަނަށް ނިކުތް ސިންގާއެއްގެ ބޮޑުކަމާއި ސިފަހުތުރުކަމުން ހަމަ އެކަކަށް ހިރިލާންވެސް ނުކެރި ތިއްބާ އެކި މީހުންގެ މޫނަށް ވަކި ވަކިން ނޭވާ އަޅަމުން ވަސްގަންނަމުން އައިސް ކުއްލިޔަކަށް އުތައިބަތުގެ މޭފަޅައި ބޯޗިސްޗިސް ކޮށްލައިފައި ހިނގައްޖެ އެވެ]
މި ތަރުޖަމާ އަޅުގަނޑު އެބޭފުޅުންނަށް ދައްކައިލީމެވެ. އެ ބޭފުޅުން ހައިރާންފުޅުވީ އެންމެ ނުކުތާއަކާ މެދު އެވެ. އެއީ [يتشمم] މި ލަފުޒުން ފަޟީލަތުއްޝައިޚު ނެރުއްވައިފައިވާ، އެބޭފުޅުންނަށް ކުރިން ވިސްނާލެއްވިފައި ވެސް ނެތް މުހިންމު މާނަ އެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ޢަރަބި ބަހުގައި [ޝައްމަ] ގެ މާނަ އަކީ ވަސްބެލުމެވެ. ނުވަތަ ވަސްގަތުމެވެ. ނަމަވެސް [ޔަތަ ޝައްމަމަ] މި ގޮތަށް މި ލަފުޒު އައިމާ އެއީ [ވަސްގަންނަމުން] މި ގޮތަށް އެ ބުނުން ބަދަލު ވީ އެވެ. ފަޟީލަތުއްޝައިޚު ގެންނަވައިފައި އެވަނީ އެ ފުރިހަމަ މާނަ އެވެ. ހަމަ އެހެންމެ ޖަނަވާރަކާ ގުޅިފައިވާ ހާދިސާ އަކަށްވާތީ ބަސްތަކުގައި ބިރުވެރިކަން އުފެއްދެވި އެވެ. [ނޭވާ އެޅުން] ފަދަ ލަފުޒުތައް ބޭނުން ކުރެއްވި އެވެ. މިހިރީ ވެސް ފަޟީލަތުއްޝައިޚުގެ ހުރި އާދަޔާ ޚިޔާލު ޤާބިލްކަމެވެ.
މީގެ އިތުރަށް އަރަބި ޅެންވަޒަނަށް ހެދިފައި ހުންނަ ބުނުންތައް ހަމަ އެގޮތަށް އެ [މީރުކަމާއެކު] ދިވެހިބަހަށް ގެންނަވައެވެ. އެ މިޔުޒިކަށެވެ.
[ހިލައިން ހެދިފައިވާ އިލާހުންތަކީ ބިލާހެއްކަމުގައިވެ ފިލައި ހިނގައްޖެ އެވެ.]
ޅެންވެރިކަން
އާދެ ފަޟީލަތުއްޝައިޚުގެ ޅެންވެރިކަމާބެހޭ ގޮތުން ވެސް ހަމަ އެންމެ ނުކުތާއެއް ނަމަވެސް ފާހަގަ ކޮށްލާހިތްވެއެވެ.
[ވަޅި ނެރޭ ތަން ދެކެފައި ހާކުޅައޭ އަސްތަޣުފާރު
މަޅިފަތީގައި ޖެހުމުން ކުކުޅު ޙަރާމް ކުޅައެ އެ ބާޒު]
އާދެ! އަޖަލު ޖެހުމުން އަނިޔާވެރިޔާ ވެސް ވޮޑިގެންވާކަން ހަނދާންވެ އެވެ. ކުށުގައި ބެދުމުން މުޖުރިމާ އޭނާގެ ހިކި ހިތްވަރު ދޫކުރެ އެވެ. އެކަމަކު ސަލާމަތްވެ މިންޖުވަންދެނެވެ.
ޅެންވެރިކަމަށް ބަލާއިރު މިއީ ކޮންފަދަ މާނަ ފުން މާނަ ރީތި ބައިތެއްތޯ އެވެ؟
ޢިބާރާތްކުރެއްމުގެ މޮޅުކަން
[އަޅުގަނޑުމިމުދައުއެއްކުޅަގޮތްދެނެހުންނެވީމުތޯއެވެ. އެއެއްކުޅައީއަރާމެއްނެތިމަސައްކަތްކޮށްގެންވަރުބަލިވާހައިތަދުބީރުކޮށްގެންއަބުރުދާހައިމަކަރުހަދައިގެންކަށްވަޅުއަނދިރިވާހައި
ދޮގުހަދައިގެންބަނޑުފެޅޭހައިސޫދުކައިގެންކުޅުހިކިލަގޮނޑީގައިނާށިލާހައިދަހިވެގެންހަލާކުވާހައިޚަރަދުކުޑަކޮށްގެންނެވެ. އެމުދައުގިނަވިގިނަވިހެންއަޅުގަނޑުގެހިތުންދިޔައީމައިބަފައިކަމުގެކުލުނުވެރިކަމާއި. ގާތްތިމާގެކަމުގެއޯގާވެރިކަމާއި.
އިންސާންކަމުގެއަބުރުވެރިކަމާއިމަރުވަމުންނެވެ. ދެންމުދައުގިނަވެތަނަވަސްވެމީހުންގެލޯތައްމަށާދިމާޔަށްހުއްޓިމީހުންއަބަދުވެއެބަހަރަވެއެވެ. އެހެންވީވީހެންއަޅުގަނޑުގެހިތްދަނީމީހުންގެމައްޗަށްކުޑައިވަމުންފައުނުގެމައްޗަށްބޮޑާވަމުންނެވެ. މިކަހަލަމުއްސަނތިކަމަކުންސުވަރުގެއާއިބާއްޖަވެރިކަންލިބޭނޭކަމަށްހޭ. އީމާންކަމަކާލަފާކަމެއްއަންނާނޭކަމަށްހޭތިޔަހެންނަމަވާޤާރޫނުގެތަޅުދަނޑިފަތިމޫސާގެފާނުންގެޢަޞާކޮޅަށްވުރެމޮޅުވީސްތާއެވެ.]
ތިޔަ ވިދާޅުވީ ފަޟީލަތުއްޝައިޚުގެ އާދަޔާ ޚިޔާލު ތަޢުބީރުތަކެވެ. ޢިބާރާތްކުރުމުގައި ތަބާވާންޖެހޭ ހުރިހައިކަމެއް
މި ޖުމުލަތަކުން ފެނިވަޑައިނުގަންނަވާތޯ އެވެ. އެތުރުމުގެ ތަރުތީބެވެ. މުނާސަބު އެކަށޭނަ ލަފުޒުތައް ބޭނުން ކުރައްވައިފައިވުމެވެ.
އެއްޖުމުލަ އަނެއް ޖުމުލައިގެ މައްޗަށް ބިނާވެފައިވުމެވެ. އޭގެ ގެތުމުގެ ބަދަހިކަމެވެ. އޭގައިވާ މިޔުޒިކެވެ. މާނައިގެ ފުރިހަމަކަމެވެ.
(ނުނިމޭ....)