ކަރާގެ ރަދީފު (1)
އާދަމް ނަޞީރު އިބްރާހީމް
ތިޔަ ބޭފުޅުން މީގެ ކުރިން ވާނީ ރ. ގެ ރަދީފު ވިދާޅުވެފައެވެ. އެ ރަދީފުގައި ހިމެނިފައި ވަނީ ދިވެހިބަހުގައި ރ. އިން ފެށޭ ލަފުޒުތައް ދޮގެއްތޯއެވެ؟
މި ފަހަރު ތަފާތުކޮށްލައްވައިފައި [ކަރާގެ ރަދީފު] ވިދާޅުވެލެއްވުން ކިހިނެއްވާނެތޯއެވެ؟
މި [ރަދީފު] ގައި ހިމެނޭނީ ކަރާގެ ދަނޑުވެރިކަމުގެ ދިގު ތާރީޚެއް ލިބިފައިވާ، ތޮއްޑޫގެ ދަނޑުވެރީން އެ މަސައްކަތުގައި ބޭނުން ކުރާ ނަންނަމެވެ. އެ ނަންނަމުން އެ މީހުން ގަސްތުކުރާ މާނަޔާ އެކީގައެވެ.
1- ކަރާ މޫސުން
ކަރާ މޫސުމަކީ، ކަރާގެ ދަނޑުވެރިކަން ކުރާ، ވަކި ޚާއްޞަ ދުވަސްވަރަކަށް ކިޔާނަމެކެވެ. މި މަޒުމޫނު ލިޔުމަށްޓަކައި މަޢުލޫމާތު ހޯދަން އަޅުގަނޑު ގުޅައިލި އެއްބޭކަލަކީ އަލްފާޟިލް ޢަލީ އާދަމެވެ. ތޮއްޑޫގެ ޤަދަރުވެރި ބޭކަލެކެވެ. ކަތީބުކަމާއި ގާޒީކަން ވެސް ކުރައްވައިފައިވާ، ޢިލްމީ ފިކުރުގެ ހަރުދަނާ ބޭކަލެކެވެ. އޭނާ ކިޔައިދެއްވި ގޮތުގައި އިހުގައި ކަރާ މޫސުން ފެށެނީ ބަދުރުވަލައިގަތީމައެވެ. އޭރުގެ މުސްކުޅިން ބުނަނީ ބިން ދިރޭނީ ބަދުރުވަލައިގަތީމާ ކަމުގައެވެ.
ފަހުގެ ތާރީޚުގައި ކަރާމޫސުން ފެށެނީ ފަހުއާޚިރުމަހު ފަހުކޮޅުގައެވެ. ނުވަތަ ރަޖަބު ފެށޭ ހިސާބުންނެވެ. ފަހުއާޚިރު މަހަކީ ޖުމާދަލްއާޚިރާ މަހެވެ.
މި ޒަމާނަށް އައި އިރު މި މަސައްކަތަކަށް ވަކި ޚާއްޞަ ދުވަސްވަރެއް ނެތެވެ. އަހަރުގެ ހުރިހައި ދުވަސްވަރެއްގައި ވެސް ކަރާގެ މަސައްކަތް ކުރިޔަށް ދެއެވެ. ނަމަވެސް ރަމަޟާން މަސް ޚާއްޞަ އެވެ. އެހެންކަމުން މި ޒަމާނުގެ ކުދީން ކިޔައިއުޅެނީ [ރަމަޟާން ސީޒަން] އެވެ.
2- ކަރާ ދޫކުރުން
ފަހަކަށް އައިސް ކަރާގެ ދަނޑުވެރިކަން ކުރުމަށް ބިންދޫކުރަނީ ވެރިކަމުގެފަރާތުންނެވެ. ރަށުއޮފީސް މެދުވެރިވެގެންނެވެ. ރައްޔިތުންނާ މަޝްވަރާކުރެވިގެން ހަމަޖެހޭ އުސޫލެއްގެ މަތިންނެވެ. މި މަސައްކަތަށް ކިޔައި އުޅޭނީ [ކަރާ ދޫކުރުން] އެވެ. އެ ގޮތުން އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި [ކޮބައި އަދިވެސް ކަރާ ދޫކުރާކަށް ނުފަށައިތެ؟ މި އަހަރު ކަރާ ދޫކުރަން ފަށާނީ ކިހައިތާކުބާ] މި ފަދަ ގޮތްގޮތަށް ޖުމުލައިގެ ތެރޭގައި މި ނަން ބޭނުން ކޮށް އުޅެއެވެ.
3- ކަރާ ނަގައިދިނުން
ކަރާދޫކުރާ ދުވަހަކީ ރައްޔިތުން ރަށުއޮފީސް ދޮށަށް އެއްކުރެވޭ ދުވަހެވެ. އެ ދުވަހު ވަލުތެރެއަށް ގޮސް ކަނޑައެޅިފައިވާ ގޮތުގެ މަތިން އެކި މީހުންނަށް ބިންދޫކުރެވެއެވެ. އިންވަކިކޮށް ހަވާލުކުރެވެއެވެ. އޮފީހާއި ޖަމިއްޔާތަކާއި ކޮމިޓީތަކުގެ އިސްވެރީންގެ ބެލުމުގެ ދަށުންނެވެ. މި ކަމަށް ކަރާނެގުމޭ ނުވަތަ ކަރާ ނަގައިދިނުމޭ ކިޔައެވެ. އެ ގޮތުން ކަރާ ދޫކުރުމަށް އޮންނަ މުއްދަތުގެ ތެރޭގައި [ކޮބައި ހަސާނިކާ ކަރާ ނަގައިފީމު؟ މަދެން މިފަހަރު ބަލިހާލު ހުރިގޮތުން ކަރާ ނުނަގާނަމޭ ހިތައި މި ހުންނަނީ] މި ފަދަ ގޮތްގޮތަށް މި ބުނުން، ބޭނުން ކުރެވެއެވެ. މަޤުޞަދަކީ ކަރާގެ ދަނޑުވެރިކަން ކުރުމަށް ބިން ނުނަގާ ވާހަކަ ބުނުމެވެ.
4- ކަރާވެޔޮ
ކަރާވެލުގެ ދެ މާނައެއް އޮވެއެވެ. އެއްމާނަ އަކީ ކަރައޭ މިކިޔާ މޭވާ ގަންނަ އޭގެ ގަހެވެ. އަނެއް މާނައަކީ ކަރާގެ ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިމެވެ. ނުވަތަ ދަނޑެވެ. ތޮއްޑޫ މީހުންގެ އިޞްޠިލާޙުގައި ވެލުގެ އެއް މާނަ އަކީ ދަނޑެވެ. ކަރާ، ކެކުރި، ބަރަބޯ ފަދަ، ވެޔޮވެލަށް ހެދޭ ތަކެތި ކިތަންމެ ބޮޑު ސަރަހައްދެއްވައި ހައްދައިފައި އޮތަސް ކިޔަނީ ވެލެވެ. ކަރާވެލަށްދާން، ބަރަބޯ ވެލަށްދާން، ކަންބާ ވެލަށް ބޭސްޖަހަން މިގޮތަށެވެ. ދަނޑަށް ދާން ކިޔަނީ ބަށި، ވިލާތުބަށި، ފަދަ ބައެއް ގަސްގަހުގައި ގަންނަ ބާވަތްތައް ހައްދައިފައި އޮންނަ ބިމަށް ނިސްބަތްކޮށެވެ. ބަށިދަނޑު ޓޮމާޓޯ ޑަނޑު މިހެން ކިޔައިއުޅެއެވެ. ނަމަވެސް މިރުސް ތަފާތެވެ. މިރުހުގެ ހުންނަނީ ކޮށްޓެވެ. މިރުސްކޮށްޓެވެ.
5- ކަރަލަށްވަނުން
ތޮއްޑޫ މީހުންގެ ބަހުރުވައިގައި ކަރައެކޭ ނުކިޔައެވެ. އެ މީހުން ކިޔައި އުޅެނީ [ކަރަލެއް] މި ގޮތަށެވެ. ކަރަލަށްވަނުމަކީ، ބިން ނެގުމަށްފަހު އެ ބިމުގައި މަސައްކަތް ކުރުމަށް ދާންފެށުމެވެ. މަސައްކަތް ހިނގައިގަތުމެވެ. [ރަޖަބު މަހު ފަހުކޮޅަކީ ރަށު ހުރިހައި ރައްޔިތުން ކަރަލަށްވަންނަ ދުވަސްވަރޭ އެހެންވީމާ ކަރަލަށް ނުވަންނަނީސް ކެމްޕޭނަށް ވަޑައިގަތިއްޔާ މީހުނާ ދިމާވާން ފަސޭހަވާނެޔޭ] މިފަދަ ގޮތަކަށް ޖުމުލައިގައި މި ބަސް ބޭނުންކޮށްފާނެ އެވެ.
6- ކަރާ އުފުރުން
''ކަރަލަށްވަދެ'' އެންމެ ފުރަތަމަ ކުރަން އޮންނަ ކަމަކީ، ދަނޑުހައްދަން ލިބުނު ބިމުގެ ވިނަ ދިލައި ސާފުކުރުމެވެ. ކަރާ އުފުރުމޭ ކިޔަނީ މި މަސައްކަތަށެވެ. ކަރާވެޔޮ އުފުރުމޭ ވެސް ކިޔައެވެ.
7- ކަރާ އެންދުން
ދަނޑުބިމުން ވިނަ ދިލައި ތޮނަ ނޮޅައި ނިމުމަށްފަހު އެ ތަކެތި ހިކިލަންދެން ދެތިން ދުވަހު މަޑުކޮށްލައިފާނެ އެވެ. އެ އަށްފަހު ހުޅުޖަހައި މުޅި އެ ހިސާބު އަންދައިލައެވެ. މި އަންދާ އެންދުމަށް ކަރާ އެންދުމޭ ކިޔައެވެ. ކަރާވެޔޮ އެންދުމޭ ވެސް ކިޔައެވެ.
8- ކަރާ އިންދުން
ކަރާ އަންދައި ނިމުމަށްފަހު ނުވަތަ ކަރާވެޔޮ އަންދައި ނިމުމަށްފަހު ދެން އޮންނާނީ ކަރާ އިންދުމެވެ. މި މަސައްކަތަށް ކަރާވެޔޮ އިންދު ކިޔައެވެ. މާނައަކީ ކަރާދަނޑު އިންދުމެވެ.
9- ކަރާފެޅުން
ކަރާފެޅުމުގެ ދެތިން މާނައެއް އޮވެއެވެ. އެއްމާނަ އަކީ އިންދާފައިވާ ކަރާ އޮށްތަކުން ގަސްފެޅުމެވެ. މި ކަމަށް ކަރާވެޔޮ ފެޅުމޭ ވެސް ކިޔައެވެ. އަނެއް މާނަ އަކީ ވަޅިއެއް ފިޔޮއްސެއް ފަދަ އެއްޗަކުން ކަރައެއް ދެ ފަޅި ކޮށްލުމެވެ. އަނެއް މާނަ އަކީ ކަރައެއް ވެށްޓިގެން ޖެހޭ ޖެހުމަކުން ނުވަތަ މީހަކު އެއްލައިގެން ޖަހާ ޖެހުމަކުން ނުވަތަ އެއްޗެއް އެއްލައި ޖަހާޖެހުމަކުން ފަދަ ކަމަކުން ފަޅައިގެން ދިޔުމެވެ.
10- ކަރާހެއްދުން
ކަރާހެއްދުމަކީ ކަރާދަނޑު ހެއްދުމެވެ. ކަރާވެލަށް ފެންދީ ބެލެހެއްޓުމެވެ. ކާދު އަޅައި ހޭހަންކުރުމެވެ.
11- ކަރާއެޅުން
ކަރާއެޅުމުގެ މާނައަކީ ކަރާ ދަނޑު ފޯދުމެވެ. މާ އަޅައި ކަރާބުހި ތަނޑިންލަނބައި ބިމު ޖެހުމެވެ. ގޯންޏަކަށް ފަދަ އެއްޗަކަށް ކަރާ އަޅާ އެޅުމަކީ ވެސް ކަރާ އެޅުން ދޮގެއްތޯ އެވެ؟
12- ކަރާބިނުން
ތޮއްޑޫ މީހުންގެ ބަހުރުވައިގައި [ކަރަލަކީ ބިންނައެއްޗެކެވެ.] ކަނޑާ އެއްޗެއް ނޫނެވެ. ކަރާ ބިނުމަކީ ކަރާ އޭގެ ވެލުން ވަކި ކޮށްލުމެވެ. އާއްމުކޮށް މި ކަންކުރަނީ ފިޔޮއްސަކުން ތަނޑިބުރިކޮށްލައިގެންނެވެ.
13- ކަރާނެރުން
ކަރާ ނެރުމުގެ އެއް މާނަ އަކީ ވެލުން ކަނޑައިގެން އަވާމައްޗަށް ނެރުމެވެ. އަވަލަކީ ދެ ވެޔޮ ދެމެދުން ހިނގަން އޮންނަ ހަނިމަގުން ކޮންމެ ވެލެއްގެ ވެސް ވެލާ ކައިފަރާތެވެ. ވެލުން ނެއްޓި އޮންނަ ހުސް ޖާގަ އެވެ.
ކަރާނެރުމުގެ ދެވަނަ މާނައަކީ ގޯނިގޯންޏަށް އަޅައިގެން އަތިރިމައްޗަށް ނެރޭނެރުމެވެ. ވިއްކަން މާލެ ގެންދިޔުމަށެވެ.
14- ކަރާލުން
ކަރާލުމަކީ މާލެ ގެންދިޔުމަށް ކަރާ އޮޑިޔަށް އެރުވުމެވެ. [ކޮބައި ކަރާލާން ފަށަނީ ކޮން އިރަކުންހޭ ކަރާލާން ދޯނިދޮށަށް އަންނަންވީ ކޮން އިރަކުންހޭ] ސުވާލުކޮށް އުޅެއެވެ.
15- ކަރަލައި ދަތުރުކުރުން
ކަރަލައިދަތުރުކުރުމަކީ ކަރާ ވިއްކަން ތޮއްޑުވާ މާލެއާ ދެމެދު ދަތުރުކުރާ ދަތުރު ކުރުމެވެ.
16- ކަރާބޭލުން
ކަރާ ބޭލުމަކީ ވިއްކުމަށްޓަކައި މާލޭގެ މާރުކޭޓަށް އޮޑިން ކަރާ ބޭލުމެވެ.
17- ކަރާދުވުން
ކަރާ ދުވުމަކީ ރަނގަޅު ކަރާދަނޑެއް ހެދުމެވެ. [މި ފަހަރު މަށަށް ވަރަށް ރަނގަޅަށް ކަރާ ދުވުނޭ، މި ދިޔަ އަހަރަށް ވުރެ މާ ރަނގަޅަށް މި އަހަރު ކަރާދުވުނޭ] ނުވަތަ [ މިފަހަރު އެއްގޮތަކަށް ވެސް ކަރަލެއް ނުދުވުނޭ] ބުނެ އުޅެއެވެ.
18- ކަރާ ނުދުވުން
މިއީ ރަނގަޅު ނަފާއެއް ލިބޭގޮތުގައި ކަރާދަނޑު ނުހެދުމެވެ. [މި ފަހަރަކު އަހަންމަދަކަށް ކަރަލެއް ނުދުވުނޭ] ބުނެފާނެ އެވެ. މާނައަކީ ކޮންމެ ވެސް ސަބަބަކާ ހުރެ ކަރާވެޔޮ މަރުވުން ނުވަތަ ދެރަވުމެވެ.
19- ކަރާ މަރުވުން
މި ބަސް ގިނައިން ކިޔައި އުޅެނީ ކަރާވެޔޮ މަރުވުން މިގޮތަށެވެ. [މިފަހަރު ދެ ފަހަރަށް ކަރާ އިންދައިގެން ވެސް ވީ މަރޭ، ކުރީ ފަހަރު ވެސް އެހެން ވެޔޮވެލަށްވުރެ ކުރިން، މަ ހެއްދި ކަރާވެޔޮ މަރުވެއްޖެއޭ] މި ފަދަ ގޮތްގޮތަށް ބަސް ބޭނުންކޮށް އުޅެއެވެ.
20- ކަރާއޮށްނެގުން
ކޮންމެ އަހަރެއްގެ ކަރާ މޫސުން ނިމި ވެޔޮ މަރުވާއިރު ވެލާ އެކު ހަލާކުވެދާ ކަރާ، ވެލުގައި ހުންނާނެއެވެ. އަންނަ އަހަރު އިންދަން އޮށް ނަގަނީ މި ކަރާއިންނެވެ. ކަރާ އޮށްނެގުމަކީ މިއެވެ. ނަމަވެސް މިހާރު މިކަމެއް ނޯވެއެވެ.
21- ކަރާހެދުން
ކަރާ ހެދުމަކީ ކާންވެގެން ކަރައެއް ފަޅައި، ފޮތިޖަހައިލަން ކިޔާނަމެވެ. ހަމަ އެހެންމެ ފަހަކަށް އައިސް ކަރާދުވުމުގެ މާނައިގައި ވެސް ކަރާހެދުން ކިޔައެވެ. [މި ފަހަރު ވަރަށް ރަނގަޅަށް ކަރާ ހެދުނޭ] ބުނެ އުޅެއެވެ.
22- ކަރަލަށް ފެންދިނުން.
މިއީ ކަރާވެލަށް ފެންޖެހުމެވެ. ދަނޑަށް ފެންދިނުމެވެ. އަޅުގަނޑުމެން ކުޑަ އިރު މި މަސައްކަތް ކުރަނީ ޑަބިޔާއެއްގައި ލޯވަޅުތޮރުފައިގެންނެވެ. މިހާރު ބޭނުން ކުރަނީ އިންޖީނުޕަންޕެވެ. މުޅި ވެޔޮ އޮންނަނީ ޒާތަކަށް ފެންވައިރުކޮށްފައެވެ. ޕަންޕު ރަށަށް ދިޔައީ އަޅުގަނޑު ވެސް ރަށުގައި އުޅެނިކޮށެވެ.
23- ކަރާ ހަކުރުލުން
ތޮއްޑޫ މީހުންނަކީ ކަރާގައި ފަނިގިރާ ބައެއް ނޫނެވެ. އެމީހުންނަކީ ކަރާ ހަކުރުލާބައެކެވެ. ކަރާ ހަކުރުލުމަކީ ފަނިގިރަން ކޮށާފަދައިން (ނަމަވެސް ތަންކޮޅެއް ބޮޑެތިކޮށް) ކަރާ ކޮށާފައި ހަކުރު އެޅުމެވެ. ފެނެއް ނާޅާނެ އެވެ. ރޯދަވީއްލަން ކަރާ ހަކުރުލުމަކީ އަޅުގަނޑުމެން ކުޑަ އިރު ވެސް ރަށުގައި ވަރަށް އޮތް ކަމެކެވެ. އާދައެކެވެ.
24- ކަރާބޮނބި
ކަރާބޮތްނބަކީ ކަރާ ތޮށްޓެވެ. ކަރާގެ ތޮށިގަނޑެވެ. [އިންޑިޔާ ކަރަލުގެ ބޮނބިގަނޑުވަރަށް ހަރުވާނެޔޭ] ބުނެފާނެއެވެ.
25- ކަރާކަރު
މިއީ ކަރާ ފަޅައިލީމާ އޭގެ މެދުތެރެ އެވެ. އެންމެ ރަހަމީރު އެންމެ މަޑު އެންމެ ފޮނިބައެވެ.
26- ކަރާގޮބޮޅި
ކަރާ ގޮބޮޅިއޭ ކިޔަނީ މަލުގައި ކަރާ އަށަގަނެ، ތަނޑިލަނބައި ބިމުގައި ޖެހޭ މަރުޙަލާގައި އެ އުމުރުގެ ކަރަޔަށެވެ. ތަންކޮޅެއް ކުދި ކުދި ކަރަޔަށް ވެސް ކަރާގޮބޮޅިއޭ ކިޔައެވެ. އެކަމަކު މަޖާޒީ ގޮތެއްގައެވެ.
27- ކަރާބުހި
ކަރާ ބުއްސޭ ކިޔަނީ ރަނގަޅަށް ކަރަޔަށް ނުވެ އެތެރޭގައި ކޮންމެ ވެސް އައިބެއް ހެދިފައިވާ ޅަކަރަޔަށެވެ.
28- ކަރަލުން އަގުޅިގެނޑުން
[ކަރަލުން] އަގުޅިކެނޑުމަކީ ދޮން ކަރައެއްތޯ ބެލުމަށް ކަރާގެ އަރިމައްޗަކުން އަގުޅިއެއް ކެނޑުމެވެ. އަލިފާންފޮށްޓެއްގެ ދޮބުރިކޮށް އެއްބުރިހައިތަން ހަތަރެސްކަނަށް ވާގޮތަށް ކަނޑައިނެގުމެވެ. މި ކެނޑުމުގައި، ފިޔޮހިތިލަ ކަރާގެ އެންމެ ފުނަށް ދުއްވައިލައި ކަރުގަނޑާ ހަމައިން ކަނޑައި ނަގާނެ އެވެ. ބައެއް މީހުން މި އަގުޅި ތިނެސްކަނަށް ވެސް ކަނޑައެވެ.
29- ކަރާދެރަވުން
ކަރާ ދެރަވުމަކީ ބާޒާރުގައި ކަރާވިކޭ އަގު ދަށްވުމެވެ. ކަރާގެ ވިޔަފާރި ދެރަވުމެވެ. މި ބަހުގެ އަނެއްކޮޅަކީ ކަރާ މޮޅުވުމެވެ. [ފަހަރު ހާދަ ކަރާ މޮޅޭ، ނުވަތަ ކަރާ ރަނގަޅޭ] ބުނެ އުޅެއެވެ.
30- ކަރާއޮޑި
ކަރާ ހިފައިގެން މާލެއާ ތޮއްޑުވާ ދެމެދު ތަދުރުކުރާ އޮޑިއަކީ ކަރާ އޮޑިއެވެ.
----------------------
(ނުނިމޭ)
(ނުނިމޭ)