ޤާނޫނީ ޙިމާޔަތް
އާދަމް ނަޞީރު އިބްރާހީމް
އަދުގެ ދުނިޔެ ވަނީ އިންސާނީ ޙައްޤުތަކުގެ ރޭހުގައި މެކުހަށް ޖަހައިފައެވެ. ނޫނެކެވެ. ދަތްގަނޑު ނަގައި ކޮޅުގައި އަޅުވައިލައިފައެވެ. މި ކަމުގައި އަވަދިނެތިފައި ވަނީ ވެސް ހުޅަނގުގެ ޖާގަ ބޮޑެތި ދޮން ސިކުނޑިތަކެވެ. އެ މީހުން ލޮލުފިޔައެއް ނުޖަހައި ކުރާހައި ވެސް މަސައްކަތަކީ އިންސާނިއްޔަތަށް ހެޔޮ ގޮތް ހޯދައިދިނުމެވެ. ހުރިހައި ބާވަތެއްގެ ހުރިހައި ޒާތެއްގެ ޙައްޤުތައް އިންސާނުންނަށް ފޯރުކޮށްދިނުމެވެ. ބޮން އަޅައި އަންދައިލި ޢިރާޤުގެ ބައެއް ރަށްރަށަށް ހުޅަނގުގެ ނޫސްވެރީން ނުދިޔުމަށް އެމެރިކާއިން ބާރުލައި އެންގީ އެހެންވެގެންނެވެ. އިންސާނުން ކަހަލަ އިންސާނަކަށް ދެރައެއް ލިބިދާނެތީ އެވެ.
ރަޙްމަތްތެރިޔަކު ކިޔައިދިނެވެ. ސްވިޑްންގައި، ޤާނޫނެއް ތަޢާރުފު ކުރެވިއްޖެއެވެ. އިންސާނީ ޙައްޤުތަކުގެ ލާމަސީލު ޤާނޫނެކެވެ. މި ޤާނޫނު އިންސާނާއަށް ވަރަށް ބޮޑު ޙިމާޔަތެއް ދެ އެވެ. މި ޤާނޫނު ބުނާ ގޮތުން އެއްވެސް ކުއްޖެއްގެ އުމުރުން 18 އަހަރު ފުރުމުގެ ކުރީގައި އެ ކުއްޖަކަށް [He or She] އަންހެން ނުވަތަ ފިރިހެން ޖިންސަށް އެ ކުއްޖަކު ނިސްބަތްކޮށް މުޚާޠަބު ކުރުމަކީ މަނާ ކަމެކެވެ. މާނައަކީ، މުރާދަކީ ކޮބައިތޯއެވެ؟ ބައްޕަޔަކު ނުވަތަ މަންޔަކު ވިޔަސް، ދަރިފުޅު ދެކެ ލޯބިން ކަލޯއޭ ނުވަތަ ކަނބުލޯއޭ ބުނުމަކީ މަނާ ކަމެކެވެ. ސަބަބަކީ އޭރުން އެ ކުއްޖެއްގެ ޖިންސު އެކުއްޖެގެ އިޚްތިޔާރާ ނުލައި ކަނޑައެޅޭތީ އެވެ. މި ޤާނޫނު ބުނާ ގޮތުން އެކަން ކަނޑައަޅާނީ އެ ކުއްޖަކު އަމިއްޔަ އަށެވެ. 18 އަހަރު ފުރުނީމައެވެ. އެއަށް ފަހު ތިމަން ދުނިޔޭގައި އުޅޭނީ އަންހެނެއްގެ ގޮތުގައޭ ނޫނީ ފިރިހެނެއްގެ ގޮތުގައޭ ބުނެ އެކަން ނިންމާނީ އެ ކުއްޖަކު އަމިއްލައަށެވެ. އޭގެ ކުރީން ބަދަލުނަމެއްގެ ގޮތުގައި ބޭނުން ކުރަންޖެހެނީ [ it ] މި އިޝާރާތުގެ ނަމެވެ! ކިހައި ރީތިތޯ އެވެ؟ ދުރުގައި އިން ދަރިފުޅަށް ގޮވައިލައި ދީބަލާށޭ މީހެއް ގާތު ބުނަން ވިޔަސް ބުނަންވީ [އޭނދަ އެއްޗަށް ގޮވައިލައި ދީބަލާށޭ] އެވެ. މި ހުންނަނީ ކިހައި ފުރިހަމަ، އަދި ސަލާމަތް ބުއްދިޔަށް ކިހައި ޤަބޫލު ކުރެވޭ ހަމަތައްތޯ އެވެ؟ ފަހަރެއްގައި އަޅުގަނޑުމެން ކަހަލަ ފަސްކުޅަނދު މަދު މީހަކު ބުނެފާނެ އެވެ. އެހެން ވެއްޖެއްޔާ އެ ކުއްޖަކު ކާނެ އެއްޗަކާއި އެ ކުއްޖަކު ކިޔަވާނެންޏާ ކިޔަވާނެ އެއްޗެއް ކަނޑައެޅުން ވެސް 18 އަހަރާ ހަމައަށް ފަސްކޮށް ނުލީ ކީއްވެބާއެވެ؟
އެހެން ވާހަކައެކެވެ. މި ޖުލައި މަހުގެ 13 ވަނަ ދުވަހެވެ. ޖަރުމަނުގެ ކޯޓަކުން ކުރި ޙުކުމެއްގެ ވާހަކަ ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ފަލަސުރުޚީގައި އޮތެވެ. ކޯޓުން ނިންމީ ފިރިހެން ކުދީން ޚިތާނު ކުރުމަކީ މަނާ ކަމެއް ކަމުގައެވެ. ސަބަބަކީ އިންސާނީ ޙައްޤަކަށް އަރައިގަނެވުމެވެ. ފަނޑިޔާރު ވިދާޅުވި ޚިތާނުކުރުމަކީ ފިރިހެން ކުއްޖާގެ [ގުނަވަނަށް] ކުރެވޭ އަނިޔާއެކެވެ. އެއްވެސް އަނިޔާއެއް ހުއްދަކުރެވޭކަށް ނޯންނާނެއެވެ. އެހެންވީމާ، ފިރިހެނުން ޚިތާނުކުރުމަކީ މަނާކަމެކެވެ.
ހިތަށް އެރި އެވެ. އިންސާނުންނަށް ކަންކަން މި އެނގެނީ، ހަމަ ވިސްނޭ ބަޔަކު ބުނެދިނީމާތާއެވެ. އެހެން ނޫނީ މިއީ މީގެ ކުރީގައި އަނިޔާއެއް ކަމުގައި ހަމަ ހިތަށް ވެސް އަރައިފައި އޮތް ކަމެއް ނޫނެވެ. ތެދެކެވެ. ބައިބަލްގެ އެއް ފޮތަށް ވުރެ އަނެއް ފޮތް މޮޅުވަމުން ކުރީގެ ފޮތް ބާޠިލު ވަމުން ދިޔަ ދިޔުމަކީ ވެސް ދަންނަ މީހުންގެ އޮޅުން ފިލުވައިދިނުމެވެ. ޢުޘްމާނީ ޚިލާފަތުގައި ފަރަންސޭސި ރަސްގެފާނަށް ފޮނުއްވި ގަޑިން ޖަހަން ފެށީމާ އެއީ އޭގެ އެތެރޭގައި ވާ ޝައިޠާނެއްގެ ސަބަބުން ވާކަމެއްކަން ފަރަންސޭސީންގެ ސިކުނޑިތަކަށް ވިސްނި، އެ ގަޑި ކަނޑުފެއްތީ ވެސް ރަސްގެފާނު ފަދަ ތޫނު ވިސްނުމެއްގެ ވެރިޔަކު އެކަން އޮޅުން ފިލުވައި ދިނީމާތާ އެވެ. 1940 އާ ހަމަ އަށް އިރަކީ ވެސް ހަމަ ހުއްޓި ހުރިތާ ދަގަނޑު ފޭރާއެއްހެން ހުންނަ އެއްޗެއްކަން އޭރުގެ މީހުންނަށް އެނގުނީ ހަމަ މޮޅު [ދޮނަކު] މޮޅު ބުއްދިޔަކުން އަންގައި ދީފައިވާތީ ތާ އެވެ. ހަމަ އެހެންމެ އުފަންވުމުގައި ހުންނަ އުނިކަމާއި އެ ނޫން ސަބަބުތަކާހުރެ ޖިސްމާނީ، ނަފުސާނީ ނުކުޅެދުމެއް ހުރެއްޖެ އިންސާނަކު ނަމަ، އަވަހަށް ބޯކަނޑައި ވަޅުލުމީ އިންސާނިއްޔަތަށްޓަކައި ކޮންހެން ކުރަން ޖެހޭ ކަމެއްކަން ވެސް ދުނިޔެއަށް އެނގުނީ، ކޮންމެ ވެސް ޤައުމެއްގައި ކޮންމެ ވެސް ޒަމާނެއްގައި އުޅުނު ހިޓުލަރޭ ކިޔުނު މީހެއްގެ މޮޅު ބުއްދިން އެކަން ބުނެދިނުމަށްފަހުގައިތާ އެވެ.
ކޮންމެއަކަސް މި ޚަބަރު އަހައިފައި އަޅުގަނޑު ހިތަށް އެރިއެވެ. ކޯޓަކުން ނިންމާ ޤާނޫނީ ނިންމުމެއް ވާނީ ވަރަށް އޮއްޓަރު ހުރި ނިންމުމަކަށެވެ. ނޭނގޭ މީހުންވާނީ އެނގޭ މީހުންގެ ވާހަކަ އަހާށެވެ. އަމުދުން ދުނިޔެ މިހައި ކުރި އަރައިގެން ދާއިރު، ބޯދާ ޚިޔާލުތަކުން ދުރުވެވޭތޯ އަޅުގަނޑު ވެސް މަސައްކަތް ކުރަންވާނެ އެވެ.
ވިސްނައިލީމެވެ. ރަނގަޅު ވާހަކައެކެވެ. އިންސާނެއްގެ އައުރަ ގުނަވަނުން ހަންފޮއްޗެއް ކަނޑައިލައި ލޭ އޮހޮރުވުމަކީ ހަމަ ޙަޤީޤަތުގައި ވެސް ވޭން ހުންނާނެ ކަމެކެވެ. ރިހުން ހުންނާނެ ކަމެކެވެ. އެހެން ވީމާ، މި ފަނޑިޔާރުގެ ވިސްނުންފުޅަކު ގޯހެއް ނެތެވެ. ނިޔާ ޢަދުލުވެރިއެވެ.
ކުއްލިޔަކަށް އައީ އެހެން ޚިޔާލެކެވެ. މައްސަލަ އަދި ނުނިމޭތާ އެވެ. މި ކަމުގައި ސްވިޑްންގެ ޤާނޫނީ ވަކީލުން ނަންގަވާނެ ފަޅިއެއް އަދި އެބަ އޮތެވެ. އެއީ މި ކަމުގައި ވެސް ދެ ޖިންސު ހަމަހަމަ ވުމެވެ. ލޭ އޮހޮރުނަ ނުދޭން ކުރާ މަސައްކަތެއްގައި ދެ ޖިންސަށް ވެސް މި ކަން އޮންނަން ވާނެއެވެ. ޤާނޫނުން ފިރިހެނުންނަށް މި ވަރުގެ މުހިންމު ޙައްޤެއް ލިބިދޭ އިރު، އަންހެން ކަނބަލުންނަށް މި ޙިމާޔަތް ނުލިބުމަކީ ވަރަށް ވެސް ބޮޑު ބޭ އިންސާފެކެވެ.
ކުޑަ އިރުކޮޅަކަށް ސްވިޑްންގެ ޤާނޫނީ ވަކީލަކަށް ވެއްޖައީމެވެ. މި ކަމާބެހޭ ބިލެއް ޑްރާފްޓު ކުރަންފަށައިފީމެވެ. އެއްވެސް ފަރާތަކަށް ބޭއިންސާފު ނުވާގޮތަށެވެ. ދެޖިންސުގެ ޙައްޤުތައް ހަމަހަމަ ވާ ގޮތަށެވެ.
ބިލް ނިމުނީއެވެ. ޤާނޫނަކަށް ވެއްޖެ އެވެ. ތަސްދީޤު ވެސް ވެއްޖެ އެވެ. ހަމަޖެހިފައިވާ ގޮތުން މި ޤާނޫނުން ޙިމާޔަތް ލިބޭނީ މި ޤާނޫނު ތަޞްދީޤުވާ ދުވަހު އުފަންވީ ކުދީންނަށް އެކަންޏެވެ. މިއީ ވެސް ބިލުގެ ފުރިހަމަ ކަމުން ވީ ގޮތެކެވެ.
މިހާރު އޭގެ ފަހުން 60 އަހަރުވީއެވެ. މުޅި ދުނިޔެ އޮތީ ބަދަލުވެފައެވެ. ވަރަށްބޮޑު ބަދަލެކެވެ. އެއްވެސް ކުޑަ ކުއްޖަކު ނެތީއެވެ. ޒުވާނަކު ވެސް ނެތެވެ. މުޅީން ވެސް ތިބީ 60 އަހަރު ވެފައިވާ އަންހެނުންނާ ފިރިހެނުންނެވެ.
މި މަންޒަރުތައް ފެނުމުން ހިތަށް އެރި އެވެ. ޤިޔާމަތް ވަރަށް ކައިރީވީތާ އެވެ. ދަންނަ ބޭކަލުން ވިދާޅުވަނީ ޤިޔާމަތް ވާނީ ދަރިމައިނުވެ އެތައް އަހަރެއް ވުމަށްފަހުގައި ކަމެވެ.
އެކަމަކު ވިސްނުމެއް އައެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތާ، ދުނިޔޭގެ އިންސާނީ ނައުޢަށް މި އައި ބަދަލާ އަދި މުޅިން ތަފާތެވެ. މީހުން މީހުންނާ ނީންނާނެ ވާހަކައެއް އެ ބޭކަލުންނެއް ވިދާޅެއް ނުވެ އެވެ. އެހެންވީމާ މިއީ ހަމަ ޤާނޫނީ ޙިމާޔަތެވެ. އިންސާނުން އިންސާނުންނަށްޓަކައި ހޯދައިފައިވާ އިންސާނީ ޙައްޤުތަކެވެ. ޤިޔާމަތަކާ ގުޅުމެއް ހުރި ކަމެއް ނޫނެވެ.
ކޮންމެއަކަސް، މިހާރު ދުނިޔޭގައި ތިބި އެއްބަޔަކީ، ޤާނޫނުގެ ޙިމާޔަތުގެ ސަބަބުން ޚިތާނު ނުކޮށް އެހެންތިބެ އަބަހައްދަވެފައިވާ މުސްކުޅި ފިރިހެނުންނެވެ. އަނެއް ބަޔަކީ ޤާނޫނުގެ ސަބަބުން އެ މީހުންގެ ފޫޅާ ކަކުލާ ދެމެދަށް [ވަރަށް ބޮޑު ޙިމާޔަތެއް] ލިބި، އެ ގޮތުގައި ޢިއްދައިން ކެނޑިފައިވާ ބިކުރުވެރި އަންހެނުންނެވެ.
މި ބައި މީހުންނަށް ލިބިފައިވާ ޤާނޫނީ ޙިމާޔަތާ މެދު މި އެންމެން އުފާކުރެ އެވެ. އަނިޔާއެއް ނެތް ދުނިޔެއެއްގައި އުމުރު ހުސްކޮށްލެވޭތީ އެވެ. ހުރިހައި ޙައްޤެއް ފުރާ ފުރިހަމަ ވެފައިވާ ވާތީއެވެ. މި ފަދަ ފިކުރުތައް އީޖާދުކުރާ ސިކުނޑިތަކުގެ ފުރިހަމަ ކަމާއެވެ!
އެއްދުވަހެއްގެ ހަވީރެވެ. މީގެ ތެރޭން ކޮންމެ ވެސް މީހަކު އިސްކޮށް ހުރެ އެއްޗެކޭ އެބަ ކިޔައެވެ. ފުރަތަމަ ފިރިހެނުންގެ ޖަމާޢަތުގެ ތެރޭގައެވެ. ދެން ދިޔައީ އަންހެނުންގެ ޖަމާޢަތުގެ ތެރެއަށެވެ. ދެ ބައި މީހުންގާތުގައި ވެސް ދެއްކީ އެ މީހުން އަތުން ނިގުޅައިގެންފައިވާ ވަރަށް މުހިންމު އެއް ޙައްޤެއް އަދި ވިސްނައިނުލެވި އަޅައިނުލެވި ވެއްޖެކަމުގައެވެ. ދެނަކާ ދެނެއް ނެތެވެ. އެއްމެންހެން ތެޅެމުން ފޮޅެމުން، ހިރެމުން ކިރެމުން، ހެލެމުން އެއްލެމުން ދިޔައީ އެމީހުން ވިއްސި ޑޮކްޓަރުންތައް ވަޅުލައިފައިވާ ސަހަރާ ދޮށަށެވެ. ދެން ފެށުނީ ވަރުގަދަ މުޒާހަރާއެކެވެ. ނަގައި ކިޔަން އިސްޖަޑިބަކު ހުއްޓެވެ. އޭނާ އަޑުގެ ކޮޅަށް ގޮވާލައެވެ.
ޖަޑިބު: [އަހަރެމެންގެ ފޫޅު]
މުޒާހަރާގެ ބައިވެރީން: [ހަމަ މިހާރު ގެނޭ]
ޖަޑިބު: [އަހަރެމެންގެ ފޫޅު]
މުޒާހަރާގެ ބައިވެރީން: [ހަމަ މިހާރު ގެނޭ]
---------------
(ނިމުނީ)
(ނިމުނީ)