އަދުގެ ޚާއްސަ

Print

އެތައް ކަމަކަށް ފަހި ސްވިސް ނައިފް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ސަމީރު ޢަލީ

އެތައް ކަމަކަށް ފަހި ސްވިސް ނައިފް، ފަލްސަފީ ވިސްނުމަކުން                  


ސްވިޓްޒަލެންޑްގެ ވިކްޓޯރިނޮކްސް ކުންފުނިން ތަފާތު ވައްތަރުގެ ތަކެތި އުފައްދައެވެ. މި ކުންފުނިން އުފައްދާ ތަކެތީގެ އެންމެ މުހިންމު އަދި އެންމެ ފާހަގަ ކުރެވޭ އެއްސިފައަކީ އުފައްދާ ކޮންމެ އެއްޗެއްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކަމެވެ. ވިކްޓޯރިނޮކްސް ކުންފުނީގެ އެންމެ މަޝްހޫރު އުފެއްދުމަކީ މުޅި ދުނިޔެއަށް މަޝްހޫރު [ސްވިސް އާމީ ނައިފް] އެވެ. އެންމެ މަޝްހޫރު ކުލަޔަކީ ރަތްކުލައެވެ. ތަފާތު ބޭނުންތައް، ހިފޭ މި 'ވަޅި' އަކީ އޭގެ މަޝްހޫރުކަން، އެ އުފައްދާ ކުންފުނީގެ ނަމަށްވުރެ  މާ މަޝްހޫރު އެއްޗެކެވެ.

ވިކްޓޯރިނޮކްސް ދަންނަނީ ކާކުތޯއެވެ. ސްވިސްނައިފް ނުދަންނަނީ ކާކުތޯއެވެ. ވަޅިއެއްގެ ގޮތުގައި މަޝްހޫރުވެގެން މި އުޅޭ އެއްޗަކީ ހަގީގަތުގައި އިސްކުރު އަނބުރާ (ދެ ވައްތަރުގެ) ކަށިގަނޑު، އަލިފާން ރޯކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރެވޭވަރުގެ ބޮޑުވާ ބިއްލޫރި، ފުޅިމަދު އުނގުރިނެގޭ ކަހަލަ އާލަތެއް، ދެ ސައިޒުގެ ދެ ވަޅި، ބުޅި ނައްޓާނެ ކުޑަ އާލަތެއް، މިހެން ގޮސް މިހާރުގެ ޕެން ޑްރައިވް އަދި ފޯނު ކަހަލަ ކުދި ތަކެތި ރޫޅައި ރާވައި ހެދޭވަރުގެ ކުދި އިސްކުރު އަނބުރާ ކަށިގަނޑު ސެޓާއި، ދަތްކޮށްޓި، ގަޔަށް ހެރޭ ތަކެތި ނަގާ ކުޑަ އާލަތެއް، މިފަދަ ވަރަށް ތަފާތު އެއްޗެތި މި 'ވަޅީގައި' ހިމެނެއެވެ.


މި ދެންނެވި ސްވިސް ނައިފް ގައި ހިމެނޭ ކޮންމެ އެއްޗަކީ މެދުފަންތީގެ ވަރަށް ގިނަކަންތައް ކުރެވޭ ފެންވަރުގެ ތަކެއްޗެވެ. އިސްކުރު އަނބުރާ ކަށިގަނޑުން ގިނަ ފަހަރު ދިމާވާކަންތައް ކުރެވެއެވެ. ނަމަވެސް މާ ދަތި ތަނެއްގައި އިން އިސްކުރެއްނަމަ އެކަމަށް ޚާއްސަ ކުރެވިފައިވާ ކަށިގަނޑެއް ހޯދަން ޖެހެއެވެ.

އޭގައިވާ ފަތިގަނޑަކީވެސް ގާތްގަނޑަކަށް 3 އިންޗީގެ ފަތިގަނޑެކެވެ. މަހެއްގެ ދިގުމިނަށްވުރެ އަނގައިގެ ބޮޑުމިން ބަލައިލެވިދާނެއެވެ. އަޅުގަނޑުމެން މި ދެކޭ ކުރުމަސް، ފިޔަލަ ކަހަލަ މަހެއްގައި ފޫޓް އަޅަން ބޭނުންނަމަ، ޖެހޭނީ ފޫޓު ފީތާއެއް ހޯދާށެވެ. މިހާރަކަށް އައިސް މި ވަޅީގައި ހަރުކޮށްފައި ހުންނަ  ޕެންޑްރައިވަކީ ވެސް އެކަމަށް އެންމެ ފަސޭހަ ވައްތަރެއްނޫނެވެ.  ގެންގުޅެން އެންމެ ފަސޭހަ، ސްޓޯރޭޖް ބޮޑު ޕެން ޑްރިވެއް ބޭނުންފުޅު ނަމަ، ވަކިން އޭގެ އެއްޗެއް ހޯއްދެވުން ބުއްދިވެރިއެވެ! މީގައިވާ ކުރު ކީހަކީވެސް ޕިކްނިކްގޮސް އުޅެނިކޮށް ދިމާވާ ކަމެއްގައި ހަމަ އަތްމަތީ އެއްޗެކެވެ. ނަމަވެސް ގަހެއް، ރުކެއް ބުރިކޮށްލަން ބޭނުންނަމަ އެކަމަށް ވަޑިން ގެންގުޅޭކަހަލަ ކީހެއްގެ ބޭނުން ޖެހޭނެއެވެ.

ދަންނަވަން މި އުޅެނީ އަޅުގަނޑުމެން އާދައިގެ އިންސާނުންނާ، މި ސްވިސް އާމީ ނައިފާ ހުރި ގުޅުމުގެ ވާހަކައެވެ.    އަޅުގަނޑުމެން އާދައިގެ މީހުންނަށް އިސްތިރިއެއް  ފަންކާއެއްގެ ޓޮޕް ގުޅާލަން އެނގެއެވެ.
 
ފައިވާން ބަހައްޓާ ހަރެއް، ކުޑަ ކުއްޖަކު ކުޅޭ އެއްޗިހި އަޅާނެ ފޮށިގަނޑެއް ޖަހާލަން އެނގެއެވެ. ގޭތެރޭގެ ކުދިކުދި މަރާމާތު އަމިއްލައަށް ކުރަން އެނގެއެވެ. ކޮންޕިޔުޓަރުގެ މަދަބޯޑު ހަލާކުވުމުން، ދެން އަޅުގަނޑުމެން އާދައިގެ މީހުންގެ ބޭނުން ކެނޑި، ތަޖުރިބާކާރަކަށް ގޮވަންވީއެވެ. ޕެނަޑޯލު، ބޭސް މަލަން، ނުވަތަ ފިނިފެނުން ރުމާލެއް ތެންމާލައިގެން މާލީސްކޮށްލާވަރަށްވުރެ ކަންތައް މައްޗަށް ދިޔައީ ކަމަށް ލަފާކުރެވުމުން، އެވީ ދެން ހޮސްޕިޓަލަށް ދާށެވެ.  ތަޖުރިބާ ކާރުންނަށް ގޮވަންވީއެވެ. މި ހިސާބުން، އަޅުގަނޑުމެން ބޭކާރުވީބާއެވެ؟

ތެދެއްމެއެވެ. ތަޖުރިބާކާރުންނަކީ މުހިންމު ބައެކެވެ. ނަމަވެސް އާއިލާ ބަލަހައްޓަނީ އާދައިގެ މައިންނާއި ބަފައިންނެވެ. އެދުރުދައިތައާއި، ނަރުހާއި،ފެޝަން ޑިޒައިނަރާއި، ހެއަރ ޑްރެސަރާއި، މޭކަޕްއާޓިސްޓާއި،ޕެޑިކެއަރ، މެނިކެއަރ މިހުރިހައި އިނގިރޭސި ނަންނަށް ހަރުކޮށްފައިވާ ސްވިސްނައިފަކީ މަންމަ އެވެ! ނެޓްބޯލް ކޯޗް، ލަވަ ދަސްކޮށްދޭ ކޯޗަކީވެސް ހަމަ އެއްކަލަ ސްވިސްނައިފެއް ފަދަ މަންމައެވެ!

ބައްޕަ ނައިފްތޯއެވެ؟ މަސްބާނަން ދަސްކޮށްދޭ ކޯޗް، ގަސްގަހާގެހީގެ ނަން ދަސްކޮށްދޭ ބޮޓެނިސްޓު، އިރާއި ހުޅަނގާއި އޮޔާއި ވައި ދަސްކޮށްދެއްވާ ޓިޗަރު، ރުޅިގަދަވާ ވަގުތު ކެތްކުރަން، ހައްގު ގެއްލޭ ވަގުތު މަޑުމައިތިރިކަމާއެކު، އަޅުގަނޑުގެ މާކްސް އެއްކުރެވިފައިވަނީ ނުބައިކޮށޭ ބުނަން ދަސްކޮށްދެއްވާ ލައިފްކޯޗް، ފުޓްބޯޅަކުޅެއިރު އަނިޔާނުވެ ބޯޅަހޯދުމުގެ ހުނަރު، ބާސްކެޓުގެ ހުނަރު، ފަތަން، ޑައިވް ޖަހަން ދަސްކޮށްދެއްވާ ކޯޗަކީ އެއްކަލަ ބައްޕަ ސްވިސްނައިފެވެ. މަންމަ ވެސް އަދި ބައްޕަވެސް ތަޖުރިބާކާރުންގެ އެހީ ހޯއްދަވާ ހިސާބަށް ދިޔުމުން ފަހެއް ނުޖެހޭނެއެވެ. ނަމަވެސް ކުރެވެން އޮތްކަމެއް އަމިއްލަޔަށް، މެދުމިންވަރެއްގައި ތަފާތު ގިނަ ކަންތައް ކުރުމަކީ، ސްވިސް ނައިފުވެސް އަޅުގަނޑުމެން އާދައިގެ  އެންމެންގެކިބައިގައި ވެސް ފާހަގަ ކުރެވޭ އެންމެ ރީތިސިފައެވެ!
-----------------
(ނިމުނީ)



އިދާރާ

ވާހަކަ