އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (37)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ނާޖިޔާ ލޯހުޅުވާލިއެވެ. އަދި ޙައިރާން ކަމާއެކު މިސިޒް ހެރަލްޑްގެ މޫނަށް ބަލާލިއެވެ. އޭނާ އަވަހަށް ބުންޏެވެ. [ދެދުވަހޭ؟]

[ލައްބައެވެ!]

[ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟]

[އަޅުގަނޑުގެ ޗުއްޓީ ދެދުވަހަށް ފަހުގައި ފެށެނީއެވެ.]

[ދެން ހަމަ ދާނީ ހެއްޔެވެެ؟]

[ލައްބައެވެ!]

[ކޮންތާކަށް ހެއްޔެވެ؟]

[މިފަހަރު އަޅުގަނޑު ގަސްތުކުރަނީ ޗުއްޓީ ހޭދަކޮށްލަން އަމިއްލަ ރަށްނޫން އެހެން ރަށަކަށް ދިއުމަށެވެ.]

[އެކަމަކު މިގޭގައި..... އުޅޭނީ ކާކުހެއްޔެެވެ؟]

[ނާޖިޔާއާއި މިސްޓަރ ޖަލާލީއެވެ.]

[ނޫނެކެވެ..... ނޫނެކެވެ......]

މިސިޒް ހެރަލްޑް ހިމޭންހުނުމާއެކު ބުންޏެވެ. [އަޅުގަނޑު ނެތިއްޔާ ނާޖިޔާގެ ވިސްނުމަށް ބަދަލު އައުމަކީވެސް އެކަށީގެންވާ ކަމެކެވެ. މުޅިން އާ ދުނިޔެއަކަށް ލޯހުޅުވި ދާނެއެވެ.]

ޖަޔާ ބުނެލަން ހިތަށް އެރިއެވެ. [އަހަރެން މިހިރީ އާދުނިޔެއަކަށް ލޯހުޅުވިފައެވެ. ވިސްނުމަށްވެސް ބަދަލު އަތުވެއްޖެއެވެ. އެކަމަކު އޭނާ.......... އަހަރެން އޭނާއާ އެކުގައި އުޅޭނީ ކިހިނެއް ހެއްޔެވެ.]

އެހެން ނަމަވެސް ނާޖިޔާ ދުލުން މިޖުމްލަ ބޭރެއް ނުކުރިއެވެ.

މިސިޒް ހެރަލްޑް ރީތި ގުލްދަސްތާއެއް ތައްޔާރު ކޮށްލައިފިއެވެ. ވަރަށް ރީތި ފިނިފެން މަލެއް އޭނާ ނާޖިޔާއާ ދިމާއަށް ދިއްކޮށްލިއެވެ.

[ޝުކުރިއްޔާއެވެ!] ނާޖިޔާ ހިތާދެކޮޅަށް މަލުގައި ހިފައިފިއެވެ. މިސިޒް ހެރަލްޑްގެ ޗުއްޓީއާބެހޭ ވާހަކަ އަޑު އަހާފައި އޭނާހުރީ ކަންބޮޑުވެފައެވެ. މިގޭގައި އެކަނި އުޅުމަކީ ކުޅަދާނަކަމެއް ނޫނެވެ. ބިރުވެރިކަމުގެ ފިނި ތުރުތުރެއް ލޭގައި އަށަގެންފި ކަމުގައި ހީވިއެވެ.

[މިސިޒް ހެރަލްޑެވެ. ޗުއްޓީ ތަންކޮޅެއް ފަސަކޮށްލެވޭނެ ގޮތެއް ނުވާނެހެއްޔެވެ؟] އޭނާ އަވަހަށް ބުންޏެވެ.
[ނުވާނެއެވެ. ނާޖިޔާއެވެ. ގަދަ މަސައްކަތަށްފަހު ކޮންމެ އިންސާނަކަށްވެސް އަރާމު ބޭނުންވާނެއެވެ.] އޭނާ އަނެއްކާވެސް ހެމުން ބުންޏެވެ. [އަޅުގަނޑު އެހާ އަވަހަކަށް މުސްކުޅިވާކަށް ނޭދެމެވެ. މިޗުއްޓީގައި ހުރިހާ ފިކުރަކާ ދުރުގައި މިނިވަންކަންމަތީ އުޅެލާނަމެވެ. އަޅުގަނޑު ފައިސާ ކޮޅެއްވެސް ޖަމާކޮށްފައި ހުންނާނެއެވެ. ހުރިހާ ފައިސާއެއް އުފާކުރުމަށް ޚަރަދު ކޮށްލާނަމެވެ. އަޅުގަނޑުގެ ރަޙްމަތްތެރި ފެރީވެސް ދާނެއެވެ. އަޅުގަނޑުމެން އޮންނާނީ ވަރަށް ގަދައަށް ޕްރޮގްރާމް ތައްޔާރު ކޮށްފައެވެ.]

ޖަޔާ ކަޅިޖަހާނުލައި އޭނާގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

[މިމީހުނާ އެއްގޮތަށް އަހަންނަކަށް ނުޅެވޭނެ ބާވައެވެ.] ޖަޔާ ވިސްނާލިއެވެ. މިސިޒް ހެރަލްޑަކީ ހުވަފަތް އަންހެނެކެވެ. އޭނާގެ ޒުވާން ފިރިހެން ދަރިފުޅުވެސް މަރުވީއެވެ. އެކަމަކުވެސް ޙަޔާތުގެ ދުވަސްތައް އޭނާ އެނގުނަނީ ކިހާ ފަސޭހަގޮތަކަށް ހެއްޔެވެ. ކިހާ ރީތި ގޮތަކަށް ހެއްޔެވެ. މީނާ ގާތުން ފިލާވަޅު ހޯދަންވީއެވެ.....!

ޖަޔާ މިސިޒް ހެރަލްޑާ ކައިރިވެލިއެވެ.

[މިސިޒް ހެރަލްޑެވެ!]

[ކީކޭތޯއެވެ.]

ތިޔަ ދަތުރުގައި އަހަރެން ނުގެންދެވޭނެ ހެއްޔެވެ؟]

[ސޮރީއެވެ.....!]

[ކީއްވެގެންހެއްޔެވެ؟]

[ނާޖިޔާއެވެ. ހަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނާޖިޔާ އެނބުރި ރަށަށް ދުރުވަނީއެވެ.]

ޖަޔާގެ ހިތުގައި މީހަކު ގޮށްމުށުން ޖެހި ކަހަލައެވެ.

 [މިސިޒް ހެރަލްޑެވެ!] ޖަޔާ ބޮލުގައި ދެއަތުން މިފަހައްޓާލިއެވެ. އޭނާ އަނބުގައި ގަންނަ ކަހަލަ ގޮތެއްވީއެވެ. އެއާއެކު އަވަސް އަވަހަށް ދުވެފައި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޖަލާލީ ކަނާތް ފަރާތު ކޮޓަރީގައި ހުއްޓެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައިވެއެވެ. ޖަޔާ ބޮލުގައި ހިފަހައްޓައިގެން ދުވެފައި ކޮޓަރިއާ ދިމާއަށް ދިޔަތަން އޭނާއަށް ފެނުނެވެ. ދޮރުކައިރިއަށް ދިއުމަށް އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެހިސާބަށް ނުދެވި އުޅެނިކޮށް ޖަޔާ ލިވިންގރޫމް ހުރަސްކޮށް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

ކުޑައިރުކޮޅަކަށްފަހު މިސިޒް ހެރަލްޑް އެތެރެއަށް އަތުވެއްޖެއެވެ. އޭނާވެސް ދަނީ ލިވިންގރޫމާ ދިމާއަށެވެ.
ޖަޔާއަށް ވީގޮތެއް ހެރަލްޑް ގާތުން އަހާލުމަށް އޭނާގެ ހިތަށް އެރިއެވެ.

އެކަމަކު......

އޭނާ އެދެމީހުންކުރެ މީހެއްގެ އެއްވެސް ޙަރަކާތެއް ނުފެންނަކަށް ފާޅުކޮށްދޭ ކަހަލަ ގޮތަކަށް އަނެއް ފަރާތަށް އެނބުރިއްޖެއެވެ.

މިސިޒް ހެރަލްޑް ޖަޔާގެ ފަހަތުންގޮސް ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ. ޖަޔާ އެނދުމަތީގައި އޮތެވެ. އޭނާއަށް މަތިނޭވާ ލެވެމުން ދެއެވެ. ލޯމެރިފައިވެއެވެ.

[ނާޖިޔާއެވެ.......!] މިސިޒް ހެރަލްޑް ގޮވާލިއެވެ.

ޖަޔާ ތެދުވެ އިށީނދެއްޖެއެވެ.

[ކިހިނެއްވީތޯއެވެ؟] ހެރަލްޑް ސުވާލު ކުރިއެވެ.

ސިކުޑި އެނބުރެނީއެވެ. އަހަންނަށް މިވަނީ ކީއްކަމެއްވެސް ނޭނގެއެވެ.] ހެރަލްޑް އޭނާގެ ކައިރީގައި އިށީނދެފައި ކޮނޑުމަތީގައި އަތްބާއްވާލިއެވެ. އަދި ނިކްތުރީގައި އަތް ޖައްސާލިއެވެ. ނާޖިޔާގެ ނިތްކުރި ވަރަށް ހޫނެވެ.

[ހުންފާޑުވީ ނޫން ބާވައެވެ.] ހެރަލްޑް ތެދުވަމުން ބުންޏެވެ.

[އަހަންނަށް އެކައްޗެއްވެސް ނޭނގެއެވެ.] ޖަޔާ ބާލީހުގައި ބޯއަޅާލިއެވެ.
މިސިޒް ހެރަލްޑް އެނދުގައި ޖަޔާ ރަނގަޅަށް ބާއްވާލާފައި މެޔާހަމައަށް ރަޖާގަނޑު އަޅާދިނެވެ. އަދި ބުންޏެވެ.
[ހުންބަލާ ކަށިގަނޑު ހިފައިގެން އަޅުގަނޑު އެބައަންނަމެވެ.]

އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހުންބަލާ ކަށިގަނޑު ހިފައިގެން އަތުވެއްޖެއެވެ.

މިދުވަސްކޮޅު ހިތްހަމަނުޖެހުމާ ހާސްކަމުގެ ސަބަބުން ނާޖިޔާ ވަރުބަލި ކޮށްލާފައިވެއެވެ. އަރާމެއްނެތި ޚިޔާލުކޮށްކޮށް ސިކުނޑިއާއި ހަށިގަނޑު ކަންނެތް ވެފައިވެއެވެ. އޭނާ މިހާރު ގޮތް ހުސްވުމުގެ އެންމެފަހު މަރުޙަލާ ކަޑައްތު ކުރަނީއެވެ.
**********************

ޖަލާލީ ޕާކިސްތާނަށް ކޯލެއް ބުކް ކޮށްފައިވެއެވެ. ފައުޒިއްޔާގެ ކޮއްކޮ ސޯފިޔާގެ ގެއަށް ކާވެނީގެ ކުރިގައިވެސް އޭނާ ފޯނުކުރެއެވެ.

ޖަޔާގެ ދެބޭބެއަށް ލަންޑަން އޮފީހުގައި ދެވަޒީފާ ޖަލާލީ ހަމަޖައްސާފައި ވެއެވެ. މިގޮތަށް ޖަލާލީ ނިންމީ ކީއްވެގެން ބާވައެވެ. އެކަން އެނގޭނީ ހަމަ އޭނާ އަށެވެ. އާނއެކެވެ. އޭނާއަކީ ތެދުވެރިއެކެވެ. މީހަކަށް ރަނގަޅުކަމެއް ލިބުނުކަމުގައި ވިޔަސް އޭނާއަކަށް ގެއްލުމެއް ނެތެވެ. މިއީ ހަމަ އޭނާގެ އާދައެވެ.

ނާޖިޔާ އޭނާ ދޫކޮށްލާފައި ދަނީއެވެ. ވީމާ ޅިޔަނުންނާވެސް ގުޅުން ކެނޑެނީއެވެ. އެކަމަކު ކާވެނީގެ ކުރީގައި އެމީހުންގެ ގޭގެ ޙާލަތާ ބެހޭގޮތުން ފައުޒިއްޔާ ދެއްކި ވާހަކަތައް މިހާރުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އެފިރިހެން ކުދިންގެ އެއްވެސް ކުށެއް ނެތެވެ. ޖަލާލީގެ އަތުގައި އެހީވެދެވޭނެ ގޮތްތައް އެބަހުއްޓެވެ. އަދި އެކުދިން ނަސީބު ވަޒަން ކުރަނީއެވެ..... ކާވެނީގެ މިގުޅުން ކެނޑިގެންދިޔަ ކަމުގައި ވިޔަސް އިންސާނިއްޔަތުކަމުގެ ގުޅުން ބޭއްވިދާނެ ނޫން ހެއްޔެވެ.

ފޯނުން ގުޅުނީ ހަމަ ސޯފިޔާ އާއެވެ. އަދި މިކަމާބެހޭގޮތުން ވާހަކަ ދެއްކިއެވެ. މީގެ އިތުރުން މުހިންމު ވާހަކަ ތަކަކަށްފަހު އޭނާ ބުންޏެވެ.

[އެމީހުންގެ ޕާސްޕޯޓް މިހާރު ނިމިދާނެ ކަންނޭގެއެވެ. އޭގެ ނަމްބަރު ލަންޑަނު އޮފީހަށް ފޮނުވާ ދެއްވާށެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑު އޮންނާނީ މިސްޓަރ ފޭލަރއާ ވާހަކަ ދައްކާ ނިންމާފައެވެ.]

ސޯފިޔާ ޖަލާލީގެ އެދުމުގެ މަތިން ހުރިހާ ވާހަކައެއް ނޯޓް ކުރިއެވެ. އަދި ލަންޑަނު އޮފީހުގެ ފޯނު ނަމްބަރުތައްވެސް ނޯޓްކުރިއެވެ.

ވިޔަފާރިއާ ބެހޭގޮތުން ވާހަކަ ދެއްކުމަށްފަހު ސޯފިޔާ ޖަޔާއާ ބެހޭގޮތުން ސުވާލުކުރިއެވެ. އެއާއެކު ޖަލާލީގެ ހަށިގަނޑަށް ލޮޅުމެއް އެރިއެވެ. ކުރު ޖަވާބެއް ދިނުމަށްފަހު އަނެއްކާވެސް ދެޅިޔަނުންނާބެހޭ މުހިންމު ވާހަކަތައް ދައްކަން ފަށައިފިއެވެ.

ފޯނު އަތްގަނޑު ބޭއްވުމަށްފަހު ޖަލާލީ ހޫނު ނޭވާއެއް ދޫކޮށްލިއެވެ.

އޭނާ ނާޖިޔާގެ ދެބޭބެއަށް ވަޒީފާ ދިނުމުން އެކުރެވުނީ ބުއްދިވެރިކަމެއް ހެއްޔެވެ؟..... ނާޖިޔާއަށް މިކަން އެނގިއްޖެއްޔާ އަނެއްކާ އިތުރު ހަނގުރާމައެއް ނުފެށޭނެ ބާވައެވެ.

މިކަމުގައި އޭނާ ނާޖިޔާއާ މަޝްވަރާކުރަން ޖެހޭނެ ހެއްޔެވެ؟

އެކަމަކު އެމީހުންނަށް ވަޒީފާ ދިނުމަށް އެދި ޖަލާލީ ގާތުގައި އޭނާއަށް ބުނަން ކެރިދާނެ ހެއްޔެވެ.

ޖަލާލީ ސިގިރެޓް ދަމާލާފައި ދޫކޮށްލި ދުންތަކުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނދެ ވިސްނަމުން ދިޔައެވެ. އޮފީހުގައި އޭނާ އިންނަތާ ދެގަޑިއިރު ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް މަސައްކަތްވެސް ކުރިއެވެ.

މިސްޓަރ ޖަލާލީ އޮފީހުގެ ދޮރުލައްޕާފައި ނިދާ ކޮޓަރިއަށް އަތުވެއްޖެއެވެ. އެތަނުން ރީތިވާ ކޮޓަރިއަށް ދިޔައެވެ. ހެދުން ބަދަލުކުރިއެވެ. ބޮލުގައި ރީތިކޮށް ބުރުސް އަޅާލުމަށްފަހު ބޭރަށް އަތުވެއްޖެއެވެ.

ލިވިނގްރޫމުން ލާފައި ބަދިގެއާ ދިމާއަށް ދަނިކޮށް މިސިޒް ހެރަލްޑް ހޫނު ކިރުތައްޓެއް ހިފައިގެން އަންނަތަން ފެނުނެވެ.

[ނާޖިޔާ ހުން އަތުވެއްޖެއެވެ.] އޭނާ އަވަހަށް ބުންޏެވެ.

[ކޮންއިރަކު ހެއްޔެވެ؟] ޖަލާލީވެސް ސިހިފައި ސުވާލުކުރިއެވެ.

[ހެނދުނު ބޭރުގައި އިންދައެވެ.]

[އަހަރެންވެސް އޭނާ ބޭރުގައި އިންދާ ދުށީމެވެ.]

[އަޅުގަނޑާ އޭނާ ވާހަކަ ދެއްކިއެވެ. ހީވަނީ އަޅުގަނޑުގެ ޗުއްޓީގެ ވާހަކަ އަޑުއަހާފައި މާބޮޑަށް ހާސްވީ ހެންނެވެ.]
[އޭނާ ކޮޓަރިއާ ދިމާއަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ.]

[ލައްބައެވެ! އެތަނުން ތެދުވެގެން ދުއްވައިގަތީ ބޯ އަނބުރާ ކަހަލަ ގޮތެއްވެޔޭ ކިޔާފައެވެ. އޭރަކު ހުމެއްވެސް ނެތެވެ. އެކަމަކު މިހާރު އޮތީ ހުމާ ފިހިފިހިއެވެ. އަވަހަށް ޑަކްޓްރަކަށް ފޯނު ކޮށްދެއްވާށެވެ. ކޮންމެވެސް ބޭހެއް ދޭން ޖެހޭނެއެވެ.]

[ހުން ހުރީ ކިހާވަރަކަށް ހެއްޔެވެ؟]

[އާދައިގެ ހުމެކެވެ. މިހާރު ހުރިވަރެއް ބަލާލާނަމެވެ. ހިންގަވާށެވެ.]

ކިރުތަށި ހިފައިގެން އޭނާ އެތެރެއަށް ވަދެއްޖެއެވެ. ޖަލާލީ ބޭރުގައި މަޑުކޮށްލިއެވެ.

[ނާޖިޔާއެވެ! މިހިރީ ކިރުތައްޓެވެ.] ހެރަލްޑް ބުންޏެވެ.

[ބޯހިތެއް ނުވެއެވެ.]

[އަސްތާ! ތިޔަހެން ހައްދަވާކަށް ނުވާނެއެވެ...... ފުރަތަމަ ހުންހުރިވަރެއް ބަލާލާނަމެވެ.]

[އަހަރެން ހިމޭނުން އޮތަދޭށެވެ.]

[ނޫނެކެވެ...... ޑޮކްޓަރަށް ފޯނުކުރަން ޖަލާލީއަށް ނަންގަނެފީމެވެ.]

[ބޭނުމަކީ ކޮބައިހެއްޔެވެ. އަހަރެން އެހާ ބައްޔެއްނޫނެވެ. އަހަރެން އެކަނި ދޫކޮށްލާށެވެ. އަހަ...އަހަރެން....] އޭނާގެ އަޑު ބެދިއްޖެއެވެ.

ޖަލާލީގެ ހިތް ބުރިބުރި ވެއްޖެއެވެ. އެކަމަކު ޖަޔާ ގާތުގައި އެއްވެސް ކަހަލަ ހަމްދަރުދީއެއް ފާޅުކުރާކަށް އޭނާ ނޭދެއެވެ.

[ހުން ހުރިވަރެއް ބަލާލަ ބަލާށެވެ.] ޖަލާލީ ދޮރުން އެތެރެއަށް ވަންނަމުން ބުންޏެވެ.

ޖަޔާ އޭނާއާ ދިމާއަށް ބަލާލިއެވެ. ދެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

[ބަލާނެ ކަމެއްނެތެވެ. އަހަރެން މުޅިން ރަނގަޅެވެ.]

[ނާޖިޔާ ތިޔަ އޮންނެވީ ހުމާއެވެ.] މިސިޒް ހެރަލްޑް ހުންބަލާ ކަށިގަނޑު ނަގާފައި ބުންޏެވެ.

[ހުންނެތީ ކަމުގައި ވެދާނެއެވެ. މިސިޒް ހެރަލްޑެވެ! ތިވަރަށް އޭނާއަށް އުނދަގޫނުކުރާށެވެ.] ޖަލާލީ ބުންޏެވެ.

[ހުން އެބަހުއްޓެވެ. ޖަލާލީއެވެ! އަޅުގަނޑަށް ހީވަނީ މިހާރު ސަތޭކައަށްވުރެވެސް މައްޗަށް އަރައިފި ހެންނެވެ.] އޭނާ ނާޖިޔާއާ ދިމާއަށް ގުދުވެލާފައި ނިތްކުރީގައި އަތްޖައްސާލިއެވެ.

[އަހަރެން ޑަކްޓަރ ހެންރީއަށް ފޯނު ކޮށްލާނަމެވެ.] ޖަލާލީ މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެއެވެ.

ޖަޔާގެ ވީރާނާ ލޮލުން ކަރުނަ ފާއްދާލީ ކީއްވެގެންކަމެއް ނޭގުނެވެ. އޭނާ ބާލީހުގައި މޫނު ފޮރުވައިގެން ގިސްލާ ރޯން ފަށައިފިއެވެ.

ޖަލާލީ މެންދުރު ކެއުމަށް ތައްޔާރުވެ ކާން ފަށައިފިއެވެ. އޭނާ ހިމޭން ކަމާއެކު ކަމުން ގެންދިޔައެވެ.

މިސިޒް ހެރަލްޑް ވާހަކަ ފެށިއެވެ. [އަޅުގަނޑުގެ ޗުއްޓީގެ ކަންތަކުގައި ނާޖިޔާ ވަރަށް ހާސްވެ ލައްވައިފިއެވެ.]

[ތިޔަހެން ވެދާނެއެވެ!]

[އަޅުގަނޑު ވަރަށް ދެރަވަމެވެ. ޗުއްޓީގެ ދުވަސްކޮޅު ދޫކޮށްލުމަކީ ވަރަށް ދެރަކަމެކެވެ. އަޅުގަނޑުވެސް އަރާމުކޮށް ތާޒާ ވައި ލިބެން ބޭނުންވާނެ ނޫންތޯއެވެ؟]

[އާނއެކެވެ....!]

[އޭނާއަށް ވަރަށް ވިސްނައި ދީފީމެވެ. އަނެއްކޮޅުން ބަލާއިރު އޭނާ މިތާނގައި އިންނާނީވެސް މަދު ދުވަސް ކޮޅަކުއެވެ.]

[އަހަރެން ތިޔަ ޚިޔާލު އެބަކުރަމެވެ. ރަށަށް ދިއުމުގެ އިންތިޒާމު ގާތްގަނޑަކަށް މިހާރު އޮތީ ނިމިފައެވެ.]

(ނުނިމޭ......)
މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ