ކަލާ އައުމުން...!
އާދަމް ނަޞީރު އިބްރާހީމް
ކަލާ އައުމުން ހިތަށް މި ލިބޭ އުފާ ކިހިނެއް ބަޔާން ކުރަނީ
ބަލާން ހުއްޓައި ލޮލާ މާ ދުރުދުރަށް ނިދި ވެސް އެ ގޮސް އޮބަނީ
އަރާމުގެ ރީތި މަޑު ތަންމަތިތަކަށް ލެނބިފައިވި މޮޔަ ހިތް ވެސް،
ހަރާމޭ ބުނެ މި ހުރިހައި ވަހުމުތައް، ވަގުތުން ބަރީއަ ވަނީ
ސަމާސާ ލަވަތަކާ މަޖަލާއި ޖަދަލަށް ހޭނިފައި އޮތް ދޫ
ޒަމާނަށް އެންގިޔޭ ތަސްބީޙައިންނޭ ފޫހި ވެސް ފިލަނީ
ދުވާލުގެ ދަންދަމަށް އަތުރާލެވުނު ސުފުރާ އެދުނު މައިދާ
ގޮވައިލީ މި ހިނދު [ހޯހޯ] އޭ އެ މަތިވެރި ކައުޘަރޭ އެދެނީ
އަނދިރި އެކި ގޯޅި ގޯޅިން ހިނގުމުގައި ތަމްރީނުވީ ފައި ވެސް،
އަނދިރި މެންދަމުގެ އަނދިރީގައި ރުކޫޢު ސުޖޫދުގައި ލެނބެނީ
ހިޔަންޏާ ހުވަފެނުގެ މަންޒަރުތަކަށް ހެއްލުނު މި ކުށްވެރި ލޯ
ނިޔަތް ޚާލިޞްކަމާއެކު ސާފު ތައުބާގައި ކަރުނަ ހިލެނީ
ނުދާށޭ ޝަހުރު ރަމަޟާނޭ ޙަޔާތީ މޫސޫމެއް ދީފާ،
އަނދައިފައިވާ ހިތުގެ މި ބިމޭ ތިބާގެ ބަހާރުގައި ދިރެނީ
------------------------
(ނިމުނީ)
ނޯޓު: މިއީ 1433ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގައި ހަދައިފައިވާ ޅެމެކެވެ.