އަދުގެ ޚާއްސަ

Print

ކަންކަމުގައި ކާމިޔާބީ ހޯދުމުގެ ސިއްރުތައް

ޝާޢިއުކުރީ ޕްރޮފެސަރ ޙަސަން ޢުޤައިލް . ހިމެނޭބަޔަކީ އެނގޭތަ


ޕްރޮފެސަރ ޙަސަން ޢުޤައިލް

ދިރިއުޅުމުގައި އެކި ރޮނގުރޮނގުން ކާމިޔާބީތައް ހޯދާމީހުންގެ ވާހަކަ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އަހަރުމެން އަޑުއަހަމުއެވެ. މިފަދަ ވާހަކަތައް އަޑުއިވުމުން އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ވަނީ ނަސީބު ބާވައޭ ހިތަށް އަރާ ފަހަރުވެސް އާދެއެވެ. އަހަރުތަކެއްގެ ދިރާސާ ކުރުން ތަކަކަށްފަހު، ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ކާމިޔާބު މީހުން އެމީހުން ދިރިއުޅުމުގައި ބޭނުންވާ ކަންތައްތައް ހާސިލު ކުރަނީ އެމީހަކީ ވަކި ކަހަލަ މީހަކަށް ވެގެނެއް ނޫނެވެ. އެހެންނަމަވެސް، އެކަންތައްތައް ހާސިލުވަނީ އެމީހަކު އެކަމެއް ހާސިލު ކުރުމަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ. މިހާ ހިސާބުން އެންމެ ކާމިޔާބު މީހުންގައި ވާ އެއްގޮތް ސިފަތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ.

ގަބޫލު ކުރުން.

ހަގީގީ ކާމިޔާބުވެރިންނާއި، އެމީހެއްގެ ލަނޑުދަނޑިތައް ހާސިލުނުވާ މީހުންނާއި ދެމެދު ހުރި ފަރަގަކީ، ކާމިޔާބުމީހުން އެމީހުން ކުރާ ކަންތައްތަކަކީ އެންމެ ރަނގަޅު ކަންތައްތައް ކަމަށް ގަބޫލު ކުރެއެވެ. އެހެންމީހުން އެ ކަންތައްތަކަކީ އެންމެ ރަނގަޅު ކަންތައްތައް ނޫން ކަމަށް ބުންޏަސް އެ ކަމާމެދު ފަރުވާލެއް ނުބަހައްޓައެވެ. ކަމަކާމެދު ޝައްކު އުފެދުމަކީ އިންސާނާގެ ޠަބީޢީ ކަމެކެވެ. އަހަރުމެންގެ ތެރެއިން އެންމެ މޮޅެތި މީހުން ވެސް އެ މީހެއްގެ ލަނޑުދަނޑިތައް ހާސިލުވެދާނެ ކަމާމެދު ހިތުގައި ސުވާލު އުފައްދައެވެ. އެހެންނަމަވެސް، ހުވަފެންތަކާ މެދު ހިތުގައި އުފެދޭ ޝައްކަކީ ކުރިއަށް ދިޔުމަށް ލިބޭ ހިތަވަރެއް ކަމަށް ބަލައިގެން، އެމީހެއްގެ އުންމީދުތައް ހާސިލު ކުރުމަށް މަސައްކަތް ކުރުމަކީ ހަގީގީ ކާމިޔާބުވެރިންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ.

ބުރަ މަސައްކަތް

މިއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫނެވެ. ދިރިއުޅުމުގައި ހަގީގީ ކާމިޔާބު ހޯދާފައިވާ މީހުންނަކީ އެ މީހެއްގެ ބުރަ މަސައްކަތުން އެ ކަންތައްތައް ހާސިލު ކޮށްފައިވާ މީހުންނެވެ. ކާމިޔާބުވެރިންނަކީ ރެއާއި ދުވާލު އަވަދި ނެތި، އެ މީހުންގެ އުންމީދުތައް ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރާ ބައެކެވެ. މި މަސައްކަތުގައި މަޝްޣޫލުވެގެން އުޅޭވަގުތަކީ، ދިރިއުޅުމުގައި ދިމާވާ އެކިއެކި މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅަކަށް ވީ ނަމަވެސް، އެ މީހުންގެ އަޒުމަކަށް ގުޑުމެއް ނާންނާނެވެ. އެ މީހެއްގެ އުންމީދުތަކަކީ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަންކަމުގައި ދެކިގެން ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ މީހުން، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތް ކުރެއެވެ. ކުރު ގޮތަކަށް ބުނާނަމަ، ބުރަމަސައްކަތުގެ ބަދަލުގައި ކުރަންޖެހޭ އެހެން ކަމެއް ނޯންނާނެއެވެ.

އެމީހުން ކުރާ ކަންތައްތަކުގައި ސަބަބެއް ވެއެވެ.

ކަމެއް ހާސިލުކުރުމަށް ކޮންމެވެސް ސަބަބެއް ހިތުގައި އޮންނަން ޖެހެއެވެ. އަދި އެ ކަމެއް ހާސިލުކުރަން  ތިމާ ބޭނުންވަނީ ކީއްވެގެން ކަމާމެދު އަމިއްލަ ނަފުސާ ސުވާލު ކުރަން ޖެހެއެވެ. އެންމެ ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފައި ވާ މީހުންނަކީ، އެ މީސް މީހުންނަށް  އެކަމެއް ކާމިޔާބު ވެދާނެ ކަމާމެދު ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް އުފެދިފައި ވާ މީސް މީހުންނެވެ. އެހެންނަމަވެސް، މި މީހުންނަކީ އެހެން މީހުންނަށް ކަމެއް ސާބިތުކޮށްދިނުމުގެ އިތުރުން އެ މީހުންގެ ހައިސިއްޔަތު މަތިކޮށް، ބަދަލެއް ގެނައުމަށް ބޭނުން ވާ ބައެކެވެ. ކަމެއް ހާސިލުކުރުމަށް މަސައްކަތްކޮށް އެ ކަމަކުން ފެއިލް ވުމަކީ އެ މީހުން ބޭނުންވާ ކަމެއް ނޫނެވެ. ކާމިޔާބު މީހުންނަކީ އެހެންމީހުން ނިދާ ވަގުތުތަކުގައި އަވަދިނެތި، އެ މީހެއްގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރުމަށް ސަބަބުތަކެއް ހުންނަ މީހުންނެވެ.

ކާމިޔާބު މީހުންނަކީ ނުރައްކަލާއި ކުރިމަތިލުމަށް ޖެހިލުންވާ ބައެއް ނޫނެވެ.

އެމީހެއްގެ ހުނަރުތައް ބޭނުންކޮށްގެން ބޮޑެތި ކާމިޔާބީތައް ހޯދޭނެ ވަރުގެ ގާބިލިއްޔަތު ހުރި  މީހުން ތިބިކަން ތާރީޚު ވެސް ހެކިދޭނެއެވެ. އެހެންނަމަވެސް، އެމީހުންނާއި، އެމީހުން ހާސިލު ކުރަން ބޭނުން ވާ އުންމީދުތަކާއި ދެމެދު ހުރި ހަމައެކަނި ހުރަހަކީ، އެމީހުންނަށް ނުރައްކަލާއި ކުރިމަތި ލާން ޖެހިލުންވުމެވެ. އެ މީހަކު ބޭނުން ވާ އުންމީދުތައް ހާސިލު ކުރެވޭނީ ނުރައްކަލާއި ކުރިމަތިލާން ކެރިގެންނެވެ. ކާމިޔާބު މީހުން އެ މީހުންގެ އުންމީދުތައް ހާސިލް ކުރަނީ ހަމަ މި ފަދައިންނެވެ. ނުރައްކަލާ ވެސް ކުރިމަތިލުމަށް ފަހުއެވެ.

ކަމެއް ކާމިޔާބު ކުރުމަށް ކާމިޔާބު ވެރިން ވަކި ޚާއްސަ ލަނޑުދަނޑިތަކެއް ބޭނުން ކުރެއެވެ.

ކަމެއް ހާސިލުކުރުމަށް ބޭނުންނަމަ، ވަކި ޚާއްސަ ލަނޑުދަނޑިތަކެއް ގެންގުޅޭށެވެ. މިސާލަކަށް "އަހަރެން ބަރުދަން ލުއިކުރަން ބޭނުމޭ" ބުނުމަށް ވުރެ "އަހަރެންގެ ބަރުދަނުން 5 ކިލޯގްރާމް މަދުކުރަން ބޭނުމޭ" ބުނުމަކީ މާ ރަނގަޅު ގޯލެކެވެ. ސަބަބަކީ ދެ ވަނަ ގޮތަށް ވިސްނުމުން އެ މީހަކު ހާސިލު ކުރަން ބޭނުންވަނީ ކޮން ކަމެއް ކަން ވަރަށް ސާފުކޮށް އެބަދޭހަވެއެވެ. އަދި މިފަދަ ގޮތަކަށް ވިސްނުމުން އެ ކަމެއް ހާސިލު ކުރުމަށް އިތުރު ހިތްވަރެއް ލިބެއެވެ. މީގެ އިތުރުން، އެކަމެއް ހާސިލު ކުރުމަށްޓަކައި، ކުރަން ޖެހޭ ކަންތައްތަކާއި މެދުވެސް ވިސްނާލަން ޖެހެއެވެ. "އަހަރެންގެ ކެއުން މަދުކުރާނަން" ނުވަތަ "އަހަރެންގެ ނިދުން އިތުރުކުރާނަމޭ" ބުނުމުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ބުނެދެވިފައި އެ އޮތީ ވަރަށް ވެސް ގަނޑުކޮށެވެ. އޭގެ ބަދަލުގައި، އެ އަށްވުރެ ތިލަކޮށް ސާފުކޮށް އެނގޭނެ ފަދަ ގޮތަކަށް، ޔަގީން ކަމާއެކު، "އަހަރެން ކޮންމެ ރެއަކު 10:30 ގައި ނިދަން އޮށޯންނާނަމޭ" ބުނުމުން އެކަމެއް ނުކުރި ކަމުގައި ވިޔަސް، އެމީހަކު ހާސިލުކުރަން ބޭނުންވާ ކަންތަކާއި މެދު ޝައްކެއް އުފެދުމުގެ ޖާގައެއް ނެތެވެ. އަހަރެމެންނަކީ އެތަކެއް ކަންތައްތަކެއް ހާސިލު ކުރަން ބޭނުންވާ ބަޔެކެވެ. އެހެންނަމަ ވެސް، ދިރިއުޅުމުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން، އަހަރުމެންގެ ތެރެއިން ގިނަބަޔަކަށް ބޭނުންވާ ކަންތައްތައް ހާސިލު ކުރުމަށް މަސައްކަތް ކުރަން ލިބޭ ފުރުސަތުތައް ގެއްލިގެން ދާތަން ފެނެއެވެ. މިއީ ހައިރާންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް އެކަމެއް ހާސިލު ކުރުމަށް ތިމާ ކުރަން ޖެހޭ ކަންތައްތައް ކުރަން ޖެހޭ ވަގުތާއި، ކުރަން ޖެހޭ ކަންތައްތަކާއި މެދު ކުރީ ބައިގައި ވިސްނާލާށެވެ. މިކަންތަކާއި މެދު ވިސްނާއިރު، ކުރަން ބޭނުންވާ ކަންތައް ސާފުކޮށް އެނގޭނެހެން ކަންތައްތައް ނިންމާށެވެ. މިސާލަކަށް [އަހަރެން ކޮންމެ ރެއަކު 10:30 ގައި ނިދަން އޮށޯންނާނެމެވެ]. ހޯދުން ތަކުން ދައްކާ ގޮތުގައި، މިފަދަ ޕްލޭންތައް ކުރުމުން، އެކަމެއް ހާސިލް ކުރަން އޮންނަ ފުރުސަތުތަކުގެ ބޭނުން ހިފަން ސިކުނޑިއަށް މާ ފަސޭހައެވެ.  އަދި އެމީހަކަށް އެކަމެއް ހާސިލު ވުމުގެ ޗާންސް ގާތްގަނޑަކަށް 300 އިންސައްތަ އިތުރު ވެގެން ދާކަމަށް ހޯދުން ތަކުން ދައްކައެވެ.

ކާމިޔާބުވެރިންނަކީ ރަނގަޅު ވުމަށްވުރެ، އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރާމީހުންނެވެ.

ތިމާ ބޭނުންވާ ކަންތައް ހާސިލު ކުރުމުގެ ޤާބިލިއްޔަތު ތިމާގައި އެބަހުރި ކަމަށް ގަބޫލުކުރަން ޖެހޭނެއެވެ. އަދި އެ ޤާބިލުކަން ލިބޭނެ ކަމަށް ގަބޫލު ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން ގަބޫލު ކުރާގޮތުގައި، އަހަރުމެންގެ ވިސްނުމާއި، އަހަރުމެން އުޅޭ ގޮތްތަކަކީ ބަދަލު ނުކުރެވޭނެ ކަންތައްތަކެކެވެ. އަދި ކޮންމެ ކަމެއް ކުރިކަމުގައި ވިނަމަވެސް، އެކަންތައްތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ. އެހެންކަމުން ގިނަ މީހުން މަސައްކަތް ކުރަނީ ކަމެއް ސާބިތު ކޮށްދިނުމަށެވެ. އަދި ލިބިފައިވާ ހުނަރެއް އިތުރަށް ތަރައްޤީ ކުރާކަށް މަސައްކަތެއް ނުކުރެއެވެ. ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ އިތުރަށް ތަރައްޤީ ނުކުރެވޭނެ ކަމެއް ކަމަށް ދެކޭ ދެކުމަކީ ކުށްހީއެއް ކަމަށް ހޯދުން ތައް ހެކިދެއެވެ. ތިމާއަށް ކަންތައްތައް އިތުރަށް ތަރައްޤީ ކުރެވިދާނެ ކަމަށް ގަބޫލު ކުރުމުން، ރަނގަޅު ނިންމުންތައް ނިންމަން އެނގެއެވެ. އަދި ތިމާގެ ޤާބިލިއްޔަތު އެންމެ ފުރިހަމައަށް ބޭނުން ކޮށްގެން، ތިމާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށާއި،  ތިމާ ބޭނުންވާ ކަންތައްތައް ހާސިލު ކުރުމަށް މަސައްކަތް ކުރެވެއެވެ.

ކޮންމެ މީހަކީވެސް ކާމިޔަބު މީހަކަށް ވެވިދާނެ މީހެކެވެ.. އެކަމަކު ކާމިޔާބުވުމަކީ ހީކުރާހައި ފަސޭހަކަމެއް ވެސް ނޫނެވެ. ކާމިޔާބީއެއް ހާސިލު ކުރެވޭނީ އެކަމާމެދު ފުންކޮށް ވިސްނައި، އެކަމެއް ބޭނުންވެ، އަދި އެކަމެއް ހާސިލު ކުރުމަށްޓަކައި ނުރައްކަލާ ވެސް ކުރިމަތިލާން ތައްޔާރަށް ތިބޭމީހުންނަށެވެ. ނަމަވެސް، އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ މިކަންތައްތަކަށް އެހާ ސަމާލުކަން ދެވޭބައެއް ނޫނެވެ. ދިމާވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވުރެ އަހަރުމެން ބޭނުންވަނީ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެކަމަކުން ރެކިގަންނާށެވެ. އެމީހަކު ބޭނުންވާ ކަމެއް ހާސިލު ނުވަނީ ކީއްވެގެން ކަމާމެދު ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. އެހެންނަމަވެސް، ހަމަ މި މީހުންނަކީ، ބޭކާރު ކަންތައްތަކަށް އިސްކަންދީ، މުހިންމު ކަންތައްތައް ފަސްކުރާ މީހުންނެވެ. އަހަރެން ކާމިޔާބާމެދުއި ގަބޫލު ކުރާ އެއް ކަމެއް އޮވެއެވެ. އެއީ ]މިއަދު ކުރެވޭނެ ކަމެއް މާދަމާއަށް ފަސް ނުކޮށް މިއަދު ކުރުމެވެ.[
---------------------
(ނިމުނީ)


ނޯޓު: ޕްރޮފެސަރ ޙަސަން ޢުޤައިލު ފަންވަތް ޓީމާ ގުޅިވަޑައިގެން، ފަންވަތަށް ލިޔުން ހަދިޔާ ކުރައްވާން ފެންޓެވި ކަމީ، ފަންވަތަށް ލިބުނު ވަަރަށް ވެސް ބޮޑު ކުރި އެރުމެކެވެ. ފަންވަތް ޓީމަށާއި، ކިޔުންތެރީންނަށް ލިބުނު އިތުރު އުފަލެކެވެ. މި ފުރުޞަތުގައި ޕުރޮފެސަރ ޙަސަން ޢުޤައިލަށް، ފަންވަތް ޓީމުގެ ފަރާތުން ޝުކުރާއި މަރުޙަބާ ރައްދު ކުރަމެވެ. ބާއްޖަވެރިކަމަށް އެދެމުންނެވެ.  = އެޑިޓަރު =

އިދާރާ

ވާހަކަ