އަދުގެ ޚާއްސަ

Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

އަޅުގަނޑަށް ރައްޓެއްސެއްގެ މޫނު ދެނެގަނެވެނީ އިނގިލިތަކުގެ ކުރިން އެމީހެއްގެ މޫނުގައި އަތްލައިގެން ކަމަށްވާއިރު، ލޮލަށް ފެންނަ މީހުންނަށް މިއީ ވަރަށް ފަސޭހަ ކަމެކެވެ. އެމީހެއްގެ މޫނުގެ އެންމެ ޚާއްސަ ސިފަތައް ތިޔަ ބޭކަލުން ދެނިލައްވަނީ ހަމަ ކުޑަ ހިނދުކޮޅަކު ބަލައިލައިގެންނެވެ. ނަމަވެސް އެއްފަހަރުވެސް އެމީހެއްގެ އެންމެ މުހިންމު ސިފަތައް ދެނެގަތުމަށް މަސައްކަތް ކުރެއްވިންތޯއެވެ. ތިޔަ ބޭކަލުން ތިޔަ ހައްދަވާ ގޮތަކީ، އަވަސް އަވަހަށް މީހެއްގެ މޫނު ދެކިލާފައި އެހިސާބުން 'ދޫކޮށްލަނީ' ނޫންތޯއެވެ.
މިސާލަކަށް، ތިބާގެ އެންމެ އެކުވެރި ރަހުމަތްތެރިންގެ ތެރެއިން ފަސްމީހެއްގެ މޫނު ވަރަށް ފުރިހަމައަށް ސިފަ ކޮށްދެން އެނގިލައްވާނެތޯއެވެ؟ ބައެއް ބޭފުޅުންނަށް އެނގިވަޑައިގަތަސް ގިނަ ބޭފުޅުންނަށް މިއީ ވަރަށް އުނދަގޫ ކަމެކެވެ. އަމިއްލައަށް ކަމެއް ތަޖުރިބާ ކުރުމުގެ ގޮތުން އަޅު ގަނޑު ކުރާކަމެއް ދަންނަވައިލާނަމެވެ. އެއީ، ވަރަށް ގިނަދުވަހު އިނދެގެން އުޅޭ ދެމަފިރިންގެ ތެރެއިން ފިރިމީހާ ގާތު އަޅުގަނޑު ކުރާ ސުވާލަކީ އޭނާގެ އަނހެނުންގެ ލޮލުގެ ކުލަ އަޅުގަނޑު ގާތު ބުނުމެވެ. މި ސުވާލު ކުރުމުން ބައެއް މީހުން ވަރަށް ލަދުގަނެ ހާސްވެ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގި ހުރެއެވެ!! ހަމަ މިކަހަލަ އަނެއް ކަމަކީ ދުނިޔޭގެ ހުރިހައި ހިސާބެއްގެ އަންހެނުންގެ ދާއިމީ ޝަކުވާއެކެވެ. އެއީ އެމީހުން ލާހެދުންމުގެ ކުލައެއް ޑިޒައިނެއް، ލައިގެން ހުރީ އާ ހެދުމެއްތޯ، އަޅައިގެން ހުރީ އާ ތޮތްޕެއްތޯ ފިރިންނަސް ފާހަގަ ނުވުމެވެ! ގޭގެ ފަރުނީޗަރު ގުޑުވައި އަތުރާފައިވާ ގޮތް މުޅިން ބަދަލުކޮށްލިއަސް ބައެއް ފިރިންނަށް ފާހަގަ ނުވާކަމެވެ! 

ހަމަލޮލަށް ފެންނަމީހުންނަށް ވާގޮތަކީ އެމީހުންގެ ލޯ، ވަށައިގެންވާ ކަންތަކަށާއި ތަކެއްޗަށް ހޭނެނީއެވެ. ދެން އެމީހުންނަށް ފާހަގަވަނީ ވަރަށް އާދަޔާ ޚިލާފު ތަކެއްޗާއި ސިހިގެންދާކަހަލަ ކަންކަމެވެ. އަދި މިދެންނެވި އާންމު ނޫން ތަންތަނާއި ކަންތައް ފާހަގަ ކުރެވޭއިރުވެސް ބަލައި ހަދަނީ ފިސާރި ކަންނެތް ކަމާއެކުގައެވެ. ޝަރުޢީ ކޯޓުތަކުގައި ދީފައިވާ  ހެކިބަސްތަކުގެ ޔައުމިއްޔާތަކަށް  ބަލާލައިފިނަމަ މި ދެންނެވި އެއްޗެއް ވަރަށް ސާފުކޮށް ފެންނާނެއެވެ. އެއްތަނެއްގައި ތިބަ ފަސް ހަ މީހުންގެ ހެކިބަސް އެއްކަމެއް ކިޔައިދޭއިރު  ހުންނަ ތަފާތު ބޮޑުކަމުން މީހަކު ހައިރާންވާނެއެވެ!

ކޮންމެވެސް މުއުޖިޒާތަކުން އަޅުގަނޑުގެ ލޮލަށް ފެނުމުގެ ބާރު އައިސް، ބަލާނެ ތަނެއް ބަލަން އަޅުގަނޑަށް ދެތިން ދުވަސް ލިބިއްޖެ ނަމަ... ވާ ވާ!!
އެންމެ ފުރަތަމަ ދުވަސް ވެގެންދާނީ ހަމަ ކަށަވަރުންވެސް އަޅުގަނޑު ވަރަަށް އަވަދިނެތި އުޅޭނެ ދުވަހަކަށެވެ. އަޅުގަނޑުގެ ހުރިހާ ރައްޓެހިންނަށް ގޮވައި ކައިރިއަށް ގެންނާނަމެވެ.  ދެން އެމީހުންގެ މޫނަށް ވަރަށް ފުންކޮށް ވަރަށް ގިނައިރު ބަލާނަމެވެ. އެމީހުންގެ ޝަޚްސިއްޔަތުގެ ރީތިކަން ފެންނަން އެހުރި މޫނުތައް ހިތުގައި ބިންވަޅުނެގެންދެން ބަލާނަމެވެ. ދެން ތުއްތު ކުއްޖެއްގެ މޫނުވެސް އަޅުގަނޑު ދެނެގަންނާނަމެވެ. ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކުދިކުދި ހަނގުރާމަތައް ދެކިފައިނުވާ މައުސޫމު މޫނެއްގައި ހުންނާނެ ގުދުރަތީ ތޯހިރުކަން ބަލާހިތުންނެވެ. ދުނިޔެއާ ކުރިމަތިލާން ފޯރީގައި ކެތްމަދުވެފައިވާ ކުޑަކުޑަ މޫނަކުންވެސް ލިބޭނީ ކޮންފަދަ ހިތްވަރެއްކަމެއް އެނގެން ބޭނުންވާތީއެވެ.

އަޅުގަނޑު ގެންގުޅޭ ކުއްތާތަކުގެ ވަފާތެރި ލޯތަކަށްވެސް ބަލަން ބޭނުމެވެ. އަޅުގަނޑު ގެންގުޅޭ ހަތަރު ކުއްތާއަކީ އަމިއްލަ ގޮތެއް ހުންނަ ކުއްތާ ތަކެކެވެ. ކޮންމެ އެއްޗެއްވެސް އަޅުގަނޑަށް އެހައިމެ ވަފާތެރިއެވެ. ނަމަވެސް އެކަތި އަނެކައްޗާ ހާދަ ތަފާތެވެ.

 

ޖަޕާނުގެ އަކީޓާ ސަރަހައްދަށް 1937 ގައި ހެލަން ކެލަރ ކުރެއްވި ދަތުރެއްގައި، ވަފާތެރިކަމުގެ ލާމަސީލު ނަމޫނާ އެއްކަމަށް ޖަޕާނު މީހުން ދެކޭ އެސަރަހައްދަށް އުފަން ކުއްތާއެއްގެ ވާހަކަ ކުރިން ކިޔުއްވާފައި ވާކަމަށް ވިދާޅުވިއެވެ. ހަޗިކޯ ކިޔުނު މި ކުއްތާ އަކީ އެކުއްތާގެ ވަފާތެރިކަމުގެ ސަބަބުން ފޮތް ލިޔެވި އަދި (Hatchiko) ނަމުގައި ވަރަށް މަޝްހޫރު ފިލްމެއްވެސް މިހާރު ކުޅެފައިވެއެވެ. މިވައްތަރުގެ ކުއްތާއަކީ ޖަޕާނުގެ އަކީޓާ ސަރަޙައްދަށް އުފަން، އެސަރަހައްދުގެ ނަމުން މަޝްހޫރުކަން ލިބިފައިވާ އަކީޓާ ކުއްތާއެވެ. ހެލަން ކެލަރ އަކީޓާ ކުއްތާއެއް ބޭނުންފުޅުކަން އެނގުމުން އެމީހުންގެ ހިތްތަކުގައި ހެލަން ކެލަރ އަށް އޮތް ގަދަރާއި ލޯބި ހާމަވެގެންދިޔައެވެ. އަކީޓާ ކުއްތާ ވިއްސައި އާލާ ކުރާ ޕޮލިސް އޮފިސަރެއް އޭނާގެ އަމިއްލަ އުފަލަށް (ޕެޓެއްގެ ގޮތުގައި) ގެންގުޅެން ފެށި ޅަ ކުއްތާއެއް (ނަމަކީ ކާމިކާޒެ) ހެލަން ކެލަރ އަށް ހަދިޔާކުރެއްވިއެވެ. ހަދިޔާ ކުރެއްވީ ހެލަން ކެލަރ އެނބުރި އެމެރިކާއަށް ފުރުއްވަން (ފަސިންޖަރުން އުފުލާ) މޭލުބޯޓަކަށް  އެރުއްވީމައެވެ. ހެލަން ކެލަރ ފަހުން ލިޔުއްވިއެވެ: [އުމުރުން ތިންމަސްވެސް ނުވާ މި ތުއްތު ކުއްތާގެ ސާހިބުމީހާ އޭނާ ނުހަނު ލޯބިވާ  'ކާމި' އަހަންނާ ހަވާލުކޮށްފައި އެނބުރި ބޯޓުން ފޭބިއިރު އޭނާގެ ހިތްވެސް ކުނޑިކުނޑިވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. ސާހިބުމީހާ ދިއުމުން އޭނާގެ ފިޔަވަޅުމަތިން ވަސްބަލަމުން އެ ކުއްތާ އޭނާގެ ފަހަތުން ދާން ކުރިމަސައްކަތަކީ އަސަރުން ފުރިގެންވި ކަމެކެވެ. ތުއްތު ' ކާމި' ދުވަހަކުވެސް ނުދެކޭ ބައްރަކާ ދިމާއަށް އަޅުގަނޑުމެންތިބި ބޯޓު މިސްރާބު ޖަހައި ކަނޑުދުވަން ނިކުތުމުން، އެކުއްތާގެ ހިތުގައިވާ ހުރިހާ ލޯތްބެއް އަޅުގަނޑަށް އެއްވެސް ހިފެހެއްޓުމެއް ނެތި ހަދިޔާ ކުރަން ފަށައިފިއެވެ. މަޝްހޫރު އަކީޓާ ކުއްތާއެއްގެ ވަފާތެރި ލޯބި އަޅުގަނޑަށް އެހާ ދީލަތި ގޮތެއްގައި ހަދިޔާ ކުރުމުން އުފަލުން،  ނުހަނު ހިތްތިރިކަމާއެކު އަޅުގަނޑު އިސްޖެހީމެވެ. ]

 


ކިތަންމެ އަވަދިނެތި އުޅެންޖެހިފައި އޮތް ދުވަހަކަށްވި ނަމަވެސް ގޭގެ ބައެއްކަންތައްވެސް ހަމަ އެހައިމެ މުހިންމެވެ.  އަޅުގަނޑުގެ ފައިދަށުގައި އޮންނަ ދޫލައިގައި އެކުލެވިގެންވާ ހުރިހައި ކުލަތަކެއް ވަކިވަކިން ބަލައި ދަސްކުރަން ބޭނުމެވެ. ފާރުގައިވާ ފޮޓޯތައްވެސް ހަމަ އެހައިމެ މުހިންމެވެ. ކޮންމެ ފޮޓޯއެއްގެ ފަހަތުގައި ވާހަކައެއް ވެޔޭ ބުނާއަޑު އަހަމެވެ. ވީމާ ގޭ ފާރުގައި ހަރުކޮށްފައި ހުރި ކޮންމެ ފޮޓޯ އަކާ އެފޮޓޯގެ ފަހަތުގައިވާ ވާހަކަ ދެނެގަނެ ދަސްކުރަން ބޭނުމެވެ. ކިތަންމެ ފުރިހަމަ ނަމަވެސް ފަސްތަރީގެ ހޮޓަލަކަށް މީހުން ގެއެކޭ ނުކިޔައެވެ. ވީމާ ގެއެއް ގެއަކަށްވަނީ ކޮން ކަހަލަ ޚާއްސަ ސިފަތަކެއް ހުރެގެންތޯ އަޅުގަނޑު ދަސްކުރަން ބޭނުމެވެ.

ކޮންމެވެސް ގޮތަކުން ތަންތަން ފެންނަ ކަހަލަ ގޮތެއް މެދުވެރިވެއްޖެނަމަ  ތަފާތު ފޮތް އަޅުގަނޑު ދެކިލަން ބޭނުމެވެ. އަޅުގަނޑު ކިޔާ ފޮތްފޮތުގައި އަކުރު ހުންނަނީ ހިއްލިފައެވެ. ތިނޯހަކުން  ތޮރުފަން އުޅޭއިރު ކަރުދާސް ހިއްލޭގޮތަށް ހުންނަ ބްރެއިލް އަކުރުތަކީ އަޅުގަނޑަށް އިލްމުގެ އަލިކަން ހޯދައިދިން އެއް ވަސީލަތެވެ. ޗާޕުކޮށްފައި ހުންނަފޮތް ދުވަހަކުވެސް ނުދެކެމެވެ. ވީމާ އެކަހަލަ ފޮތެއް ނުވަތަ ފޮތްބައެއް ދެކިލުމަކީ ކޮންކަހަލަ އުފަލެއްތޯއެވެ. އަޅުގަނޑަށް މީހުން ކިޔައިދިން ފޮތްތަކާއި އަޅުގަނޑުގެ އިނގިލިތަކުގެ ކުރިޖައްސައިގެން ރޭގަނޑުގެ އެކަނިވެރި ވަގުތުތަކުގައި ކީ ފޮތްތަކަކީ، ކިތަންމެ ނުރައްކާތެރި ބިރުވެރި ވަގުތުތަކުގައިވެސް އިންސާނީ ރޫހާއި ހިތްވަރުގެ މުހިންމުކަން އަޅުގަނޑަށް ދައްކައިދިން ދަންމަރެވެ. މީހުންގެ ހިތްވަރާއި ކުޅަދާނަކަން އަޅުގަނޑަށް ދަސްކޮށްދީ އަޅުގަނޑަށް އުންމީދުގެ އަލިކަމެއް ގެނެސްދިނީ އަޅުގަނޑު އަމިއްލައަށް ކީ (ބްރެއިލް) ފޮތްފޮތުންނާއި އަޅުގަނޑުގެ މުދައްރިސާ އާއި އެކުވެރިން ކިޔައިދިން ފޮތްފޮތުންނެވެ.

ތަންތަން ބަލަން ލިބުނު ތިން ދުވަހުގެ އެންމެ ފުރަތަމަ ދުވަހު މެންދުރު ފަހު އަޅުގަނޑު ވަންނާނީ ގަސްގިނަ ޕާކެއްގެތެރެއަށެވެ. ލޮލަށް ފެންނަމީހުން ބޭނުން އިރަކު ބޭނުންވަރަކަށް ބަލައިލެވެން ހުރި ގުދުރަތީ އަޖައިބުތައް އަޅުގަނޑަށް ލިބިފައިވާ ކުޑަވަގުތުކޮޅުގައި ބަލައިލާނީ އުފަލުން ދެލޯ މަސްތުވާވަރަށެވެ! ގެއަށް ދާ މަގުމަތީގައި ވަރުގަދަ އަހެއްގެ އެހީގައި މީހަކު އޭނާގެ ދަނޑުބިން ފަސްގަނޑު ޖަހަމުން އެފުށް މިފުށަށް ޖަހާތަން ވަރަށް ދެކިލާހިތްވެއެވެ. ދަނޑުވެރިންނަކީ ވަރަށް ޚާއްސަ ގުޅުމަކުން އެމީހުންގެ ދަނޑުބިމާއި ގުޅިފައިވާ ބައެކެވެ. ދަނޑު މަސައްކަތުގައި އުޅޭއިރު ދަނޑުވެރިއެއްގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމާއި ފުދުން، އޭނާގެ މޫނުމަތިން ވަރަށް ދެކިލާހިތްވެއެވެ. ފަހަރުގައި ޓްރެކްޓަރެއްގެ އެހީގައިވެސް  ބިމުގެ ފަސްގަނޑު ޖަހައިފާނެއެވެ. އެކަމަކު އެނަމެ ދެކޭހިތްވަނީ އޮއްޓުތައް ވަރުގަދަ ސިއްހަތު ރަނގަޅު މަސްޖަހާލައިފައި އޮތް އަހެއް، ދަނޑެއްގެ ފަސްގަނޑު ޖަހާލާ ތަނެވެ.  އަދި ހަމަ އެދުވަހު ދުޢާކުރާނީ ރީތި، ރަތް އޮރެންޖު ކުލައިގެ އިރެއް އޮއްސޭ މަންޒަރު އަޅުގަނޑަށް ފެނޭތޯއެވެ. އެ ގުދުރަތީ ކުރެހުން ދުވަހަކުވެސް ފޮހެވިގެން ނުދާވަރަށް ނަކަލުކޮށް އަޅުގަނޑު ގެ ހިތުގައި ރައްކާކުރާށެވެ.

ތަންތަން ބަލައިލާން އަޅުގަނޑަށް ލިބޭ ފުރަތަމަ ދުވަހު އިރުއޮއްސި އަނދިރިވާން ފެށުމުން ދެން އަޅުގަނޑަށް ލިބޭނީ އަދި އިތުރު އުފަލެކެވެ. އެއީ އިންސާނުންގެ ބުއްދީގެ ތޫނުފިލިކަމުން ރޭ އަނދިރިކަން އަލިކަމަށް ބަދަލުކޮށްލި ކަރަންޓުގެ އެހީގައި ތަންތަން ބެލުމުގެ އުފަލެވެ. އެރޭ މެންދަންވިޔަސް އަޅުގަނޑަކަށް ހަމަ ގައިމުވެސް ނުނިދޭނެއެވެ. އަޅުގަނޑު ބަލަން ބޭނުން ތަންތަނާއި ދެކެން ބޭނުން މީހުންގެ ގިނަކަމާއި ދަސްކުރަން ބޭނުން ކަންތަކާއި ކުރަން ހުރި ކަންކަމުގެ ގިނަކަމުންނެވެ. އެ ދުވަހުގެ ހެނދުނުން ސުރެ ފެނުނުކަންތަކުގެ ހަނދާންތައް އާވަމުން ތާޒާވަމުން އަންނަވަރަކުން ހަމަ ގައިމުވެސް އަޅުގަނޑަކަށް ނިދިފިޔައެއް ނުޖެހޭނެއެވެ!!

ދެވަނަ ދުވަސް : ލޮލަށް ފެނުމުގެ ދެވަނަ ދުވަހު އަޅުގަނޑު ވަރަށް މާއިރާ ހޭލައިގެން ދެކެން ބޭނުންވަނީ ރޭގަނޑުގެ އަނދިރިކަން ދުވާލުގެ އައްޔަށް ބަދަލުކޮށްލާ މަންޒަރެވެ. އަޅުގަނޑު ވަރަށް ޙައިރާން ކަމާއެކު ދެކެން ބޭނުމީ ނިދިމޯޅީގައި އޮތް ބިން  ނިދިން ހޭލައްވާލަން އިރު އެ ދައްކާ އެތައް ހާސްކުލައިގެ ދަޅަތަކެވެ! ތަފާތު ކުލަ ތަކުގެ ބޭންޖެހުމަކުން އިރު އަރައި ދުނިޔެ ހޭލައްވާލައި ކަންނެތްކަން ކަނޑުވާލުމަށްފަހު އަޅުގަނޑު ބޭނުންވަނީ އިންސާނުން ތަހުޒީބުވަމުން ތަމައްދުން ވަމުން އައި ގޮތް ދެކޭށެވެ. ޒަމާނުންސުރެ އިންސާނުން ބޭނުންކުރި ބޮޑެތި ބަރު އާލާތްތައް ލުއި، ލޫޅާފަތި އާލާތްތަކަށް ބަދަލުވަމުން އައިގޮތެވެ. މިހުރިހާ ކަމެއް އެއްދުވަހުން ބަލާނީ ކޮންގޮތަކުން ބާއެވެ؟ ދާރުލް އާސާރުންނެވެ!

ނިޔުޔޯކުގައި ހުންނަ '' މިޔުޒިއަމް އޮފް ނޭޝަނަލް ހިސްޓްރީ '' އަކީ އަޅުގަނޑު ގޮސްއުޅޭ ތަނެކެވެ.  އެތަނުގައި ބެހެއްޓިފައިވާ ބައެއް ތަކެތީގައި އަތްލުމުގެ ހުއްދަ އޮވެއެވެ. ވީމާ ބައެއް ތަކެތީގެ މައުލޫމާތު އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އިންސާނުން މިދުނިޔެއަށް ފޮނުއްވުމުގެ މާކުރިން މިދުނިޔޭގައި އުޅުނު މާސިންގާ ޑައިނަސޯރު ތަކާއި މެމޮތު ފަދަ ތަކެއްޗަކީ އަޅުގަނޑު 'ބަލާ' ގޮތަށް އިނގިލިކުރިން ބެލޭނެ ތަކެއްޗެއްނޫނެވެ. މިދެންނެވި ބާވަތްތަކުގެ އިތުރުން އެތާނގައިވާ ވަރަށް ގިނަ ތަކެއްޗަކީ ދުރުން ބެލޭގޮތަށް ހުންނަ ތަކެއްޗެވެ. އިންސާނާގެ ޟަޢީފު ހަށިގަނޑާއި ބާރުގަދަ ސިކުނޑިގެ ބޭނުން ހިފައިގެން ތަފާތު ޖަނަވާރުތައް އޮޅުކޮށް އޭނާގެ ޚިދުމަތަށް ހާނުވައި މިހާރު މިވަނީ މުޅިދުނިޔޭގެ ރަސްކަން ހޯދައިފައެވެ. އިންސާނާ މިހާހިސާބަށް ދަތުރު ކުރި ހަރުފަތްތައް އަންގައިދޭ ތަނަކީ ދާރުލް އާސާރުތަކެވެ. ވީމާ އިންސާނާ ތަރައްގީވަމުން އައި ތާރީޚީ ދަތުރު އަޅުގަނޑަށް އެއްތަނަކުން  އެންމެ އަވަހަށް، ބަލައި ދަސްކުރެވެން އޮތީ މިދެންނެވިހެން ދާރުލް އާސާރަށްގޮހެވެ. އަޅުގަނޑު މިހާރު މި ދައްކަނީ ހަމަ އެކަނި 3 ދުވަސް ލިބިއްޖެނަމަ ކުރާނެ ކަންތަކެވެ. ވީމާ އެހެންމީހުންހެން އަޅުގަނޑަށް މާ ގިނައިރެއް ލިބިފައެއްނެތެވެ.

ދެން އަޅުގަނޑު ބަލަން ބޭނުމީ[މެޓްރޯޕޮލިޓަން މިޔުޒިއަމް އޮފް އާޓް] އެވެ. މިއީވެސް އިންސާނުންގެ އުފެއްދުންތައް ދައްކައިދޭ ތަނެކެވެ. ނަމަވެސް މާ ފަންނީ ގޮތެއްގައެވެ. އަޅުގަނޑުމެން އިންސާނުން އަބަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ފޮރުވިފައިވާ އިހުސާސުތައް ކޮންމެވެސް ރީތި ޝާޢިރީ ނުވަތަ އެހެންވެސް ފަންނީ ގޮތަކަށް ބޭރަށް ނެރެ ފާޅުކުރާހިތްވެއެވެ. މިއީ ހަމަ ކެއިންބުއިންހާ މުހިންމު ކަމަކަށް ވަނީ ވެފައެވެ. ފަންނީ ގޮތުން ފާޅު ކުރާ ޝުއޫރުތައް ނުވަތަ އެ ޝުއޫރުތައް ފާޅުކުރާހިތްވާލެއް ބޮޑުކަން، ހަމަ ކެއިންބުއިމާއި، ނަސްލު އިތުރުކޮށް ދަރިފަސްކޮޅު ދެމެހެއްޓުމާއި ގެދޮރު އަޅއި ރައްކާތެރި ހިޔާވައްސެއް އެޅުމާ ހަމަ އެއްމިނެއްގައި މުހިންމުކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

ކުރެހުންތަކާ ބެހޭ މި ބިޔަ ދާރުލް އާސާރުގައި  ގަދީމީ ޔޫނާނު މީހުންނާއި ގަދީމީ މިސްރު މީހުންގެ އަޖައިބެއްފަދަ  ކުރެހުންތަކާއި އަތްތެރި މަސައްކަތްތަކުން އެމީހުންގެ ހުނަރުވެރިކަން ދައްކައިދެއެވެ. ގަދީމީ ރޯމަނުންގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަމަށް ހެކިވާނެ އެތައް ސަތޭކަ ފަންނީ އެއްޗެތި އެ ދާރުލް އާސާރުގައި ހުރިކަން އަޅުގަނޑަށް އެނގެއެވެ. ނީލްކޯރުގެ ބިމުގެ އަހުލުވެރިން ގަބޫލުކުރާ ގޮތުގައި  ކޮންމެ ކަމަކަށް ކަލާނގެއެއް ވެޔޭ ބުނާހައިވެސް ގިނަ ކަލާނގެތައް އެމީހުން ހަދާފައިވާކަން ދަންނާތީ، އެމީހުން ޚިޔާލުގެ ތަނަވަސްކަން ލޮލުން ދެކިލާހިތްވަނީއެވެ. އަޅުގަނޑުގެ އިނގިލިތައް މިހާރުވެސް މި ތަނުން ކިތަންމެ ކަލާނގެ ތަކަކާ ރަހުމަތްތެރިއޭވެސް ބުނެވިދާނެއެވެ! ނަމަވެސް ލޮލުން ފެނުމާ އިނގިލިން ބަލައިލުމާ ހުރިތަފާތުވެސް އެނގިލާހިތްވަނީއެވެ!
------------------ 

އިދާރާ

ވާހަކަ