މަންމަގެ ހަނދާން
އިސްމާޢީލް އަލީ ރ.ކަނދޮޅުދޫ
މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ.
މަންމަގެ އޯގަތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަްެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މަންމަގެ މީރުވަސް އަބަދުމެ އާލާވޭވޭ ހުރެއެވެ.މަންމަގެ ނެވާގެ މީރުކަމާއި ހޫނު އިޙްސާސް މިހިތުން ފިލާނީ ކިހިނަކުން ހެއްޔެވެ؟
ލޯބިވާ މަންމާއެވެ. މައިވަންތަކަމުގެ އިޙްސާސަކީމަތިވެރި އިޙްސާސެއްކަން މިއަދު އަޅުގަޑަށް ތަޖްރިބާ ކުރެވިއްޖެއެވެ. އެތަކެއް ރޭގެ ނިދި ނަގާލައިގެން އަޅުގަޑަށް ހޭހަން ކޮށްދިނީ އެއްވެސް އެއްޗެއްގެ ބޭނުމުގައި ނޫންކަން މިއަދު އަޅުގަޑަށް ވިސްނެއެވެ. ޙަޤީޤަތުގައި މަންމަ ބޭނުންވީ އެންމެ ކަމެކެވެ. އަޅުގަޑު ނަންވިދާލާފަދަ ކުއްޖަކަށް ހެދުމެވެ. އަޅުގަޑުގެ ޙަޔާތް އުޖާލާކޮށް ދިނުމެވެ.
މަންމަގެ އުނގަކީ ހާދަ ޙިމާޔަތް ބޮޑު ތަނެކެވެ. މަންމަގެ އުނގުގައި ބޯއަޅައިލުމުން ހާދަ އުފަލެއް އިޙްސާސްވިއެވެ. މަންމަގެ ފިރުމުން ތަކުން ހާދަ އަރާމެއް ލިބުނެވެ. މަންމަގެ އަގުހުރި ނަސޭޙަތްތަކުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެއެވެ.
މަންމަގެ ޤުރްބާނީގެ އަގު އަދާ ނުކުރެނަސް ޤުރުބާނީގެ އަގުވަޒަން ކުރެވެއެވެ. އެކިއެކިމީސްމީހުން ގެއަށް ހަދިޔާގެ ގޮތުގައި ގެންނަ މީރު ކާއެއްޗެހި މަންމަ ނުކާކަން ފާހަގަ ކުރެވެއެވެ. އެގޮތަށް ލިބޭ ތަކެތި ވަރަށް އިންސާފުވެރިކމާއިއެކު ހުރިހާ ކުދިންނަށް ބަހައިދެއެވެ. އޭރު އަޅުގަޑު ހިތަށް އަރަނީ މަންމަ އެއްޗެހި ކާން ބޭނުން ނުވަނީކަމުގައެވެ. މިހާރު ބޮޑުވީމާ އަޅުގަޑުގެ ތަޖްރިބާއިން މިއެނގެނީ މީރު ކާނާ އަބަދުވެސް ދަރިންނަށް ދޭން ބޭނުންވާކަމެވެ. ދަރިންގެ ބަނޑު ފުރުނީމާ އެކުދިން ހިތްހަމަ ޖެހުނީމާ މައިންބަފައިންނަށް ހިތްހަމަ ޖެހުމެއް ލިބެއެވެ. އުފާވެރިކަމެއް އިހްސާސް ކުރެވެއެވެ.
މަންމާއެވެ. އަޅުގަޑު ޅައިރު މަންމައަށް ގިނަގުނަ އުނދަގޫ ތަކެއް ކުރެވިފައިވާނޭ މިއަދު ހިތަށް އަރައެވެ. ބަސްނާހައިގެން އުޅޭ ދަނޑިވަޅުތަކުގައި މަސަލަސް ކުރުމަށް މަންމަ ބޭނުންކޮށްފައިވާ މޮޅު އުކުލުތަކުން ބައެއް މިއަދު އަޅުގަޑަށް ދަސްވެއްޖެއެވެ.
އަޅުގަޑުމެން ބަލާބޮޑުކޮށް ތަރުބިއްޔަތުކޮށް ތައުލީމުދިނުމުގައި މަންމަ ދަތި އުނދަގޫ މަރުހަލާތަކެއް ކަޑަތު ކޮށްފައިވާކަން އަޅުގަޑަށް އެނގެއެވެ.މަންމައަކީ ވަރަށް ކެތްތެރި އެހާމެ ނިޔަނެތި،ހުރިހާ މީހުނަނާވެސް ގުޅޭ މީހެކެވެ. މަންމަގެ ހެޔޮކަން ލިބިފައިވާ މީހުން މިއަދުވެސް އަޅުގަޑު ފެނުނީމާ ފާޅު ކުރާ ހެޔޮބަސްތަކުން އެކަން ވަރަށް ބޮޑަށް ތަސައްވަރު ކުރެވެއެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ މަންމަގެ
ގާތްމީހުންނާއި، ރަހުމަތްތެރިންނެވެ.
މަންމާއެވެ. މަންމައަށްޓަކައި ވަރަށްގިނަ ކަންތައް ކޮށްދޭން ބޭނުންވެއެވެ. މަންމަގެ ގާތްތިމާގެ މީހުންނާއި،ރަހްމަތްތެރިންނަށް ކަމޭހިތައިއަޅާލާނަމެވެ.މަންމައަށް ރަހުމަތްލެއްވުންއެދި ދުޢާ ކުރާނަމެވެ. މަންމައަށްތަކައި ލިބޭމިންވަރަކުން ސަދަޤާތް ދީ ހަދާނަމެވެ.މަންމަގެ ނަންދިރުވާން މަސައްކަތް ކުރާނަމެވެ.
މަންމައާއިބައްޕައަށްޓަކައި ވަރަށް މުހިއްމު ކަމެއް ކޮށްދިނުމަށް އަޅުގަޑު ނިޔަތް ގަނެ މިހާރު އެމަސައްކަތް ފަށައިފީމެވެ. މިކަމަކީ އެހާ ފަސޭހަކަމެއްނޫނެވެ.އެހެންނަމަވެސް މިކަން ޙާސިލް ކުރެވިއްޖެނަމަ މަންމައާއި ބައްޕަގެ ފުރާނައަށް އަރާމު ލިބޭނޭކަން އަޅުގަޑަށް އެގެއެވެ. މަންމައާއިބައްޕަފާހަގަވާނޭ ނިޝާނެއް ލިބޭނެއެވެ.
މަންމައާއިބައްޕަގެ ފުރާނައަށް ދާއިމީ ނިޢުމަތްލިބިގެން ދިއުމަކީ އަޅުގަޑުގެ އަބަދުގެ ދުޢާ އެވެ.