Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (ފަހުބައި)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަސްލު ލިޔުއްވީ: ހެލަން ކެލަރ 1933 ގައި
ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

ހަމައަށް ފެންނަ މީހުންނެކޭ އެއްފަދައިން ތަންތަން ބަލައިލާން އަޅުގަނޑަށް ދެވަނަ ދުވަހެއް ލިބިއްޖެ ނަމަ އަޅުގަނޑު ކުރަން ބޭނުންކަމަކީ، އިންސާނާ އަށް ދެއްވާފައިވާ އާދަޔާ ޚިލާފު ފަންނު ތަކުގެ  ހުނަރު  ބޭނުންކޮށްގެން، އިންސާނާގެ ރޫހާނީ އެތެރެފުށް ދެނެގަނެވޭތޯ ބެލުމެވެ! އިނގިލަަތަކުގެ އެހީގައި އަޅުގަނޑަށް 'ފެނިފައިވަނީ' ކަނޑާނަގާފައިވާ ތަކެއްޗާއި  ބުދު ފަދަ ހިޔަނި ހުންނަ ތަކެއްޗެވެ. މިހާރު މި ލިބެނީ މަޝްހޫރު ކުރެހުންތައް ބަލައިލާނެ ފުރުސަތެކެވެ. އެންމެ އިހުގައި އިންސާނާ ކުރަހައި އުޅުނީ އޭނާއަށް މުހިންމު ކަންތައްތަކާއި އޭނާގެ ވަށައިގެން ފެންނަ ގަސްގަހާގެއްސާއި ޖަނަވާރު ތަކެވެ. ދެން ދީނީ ގޮތުން ގަބޫލުކުރާ ތަފާތު ކަންތަކެވެ.  އެއް ޖީލުން އަނެއް ޖިލަށް ކުރެހުމުގެ ތަޖުރިބާ ވާރުތަވަމުން، އިތުރު ހުނަރުތައް ލިބެމުން އައިވަރަކަށް މިފަންނުގައި އިންސާނާގެ ހުނަރު ކުރިއަރައިގެން ދިޔައެވެ. އެންމެ ބޮޑަށް ފާހަގަވަނީ ( 14 ވަނަ ޤަގުނުން 17 ވަނަ ޤަރުނާ ދެމެދުގައި) ޔޫރަޕަށް އައި ފަންނީ (Renaissance ) ''އާދިރުމުގެ" ދުވަސްވަރެވެ. ލިއޮނާޑޯ ޑަވިންޗީ، ރަފާއެލް އާއި ރެމްބްރާންޓް ފަދަ މަޝްހޫރު ފަންނާނުންގެ ކުރެހުންތައް އަޅުގަނޑު ފިސާރި ދެކިލާހިތްވެއެވެ. އެދުވަސްވަރުގެ ކުރެހުންތައް އަޅުގަނޑަށް ބަލައިލުމުގެ އުފާ ލިބިއްޖެނަމަ އެއީ އަޅުގަނޑުގެ ލޮލަށް ލިބުނު ވަލީމާއެއް ނުވަތަ ޖާފަތެއްކަމުގައި ދެކޭނަމެވެ!

ކުރެހުމުގެ ތަކެތީގެ ފައްޅިއެއްފަދަ މި ދާރުލް އާސާރުން އަޅުގަނޑަށް ފެންނާނީ ތިޔަބޭކަލުންނަށް ދާއިމީ ގޮތެއްގައި ބަލައިލެވެން ހުންނަ ތަކެތީގެ ކުޑަ މިންވަރެކެވެ. އަޅުގަނޑު ދަންނަ ކުރެހުންތެރިންނާއި އާންމު ގޮތެއްގައި ފަންނާނުން ބުނާ އެއްޗެއް ހަނދާން ވެއްޖެއެވެ. އެއީ (ކުރެހުމާއި އަތްތެރި މަސައްކަތު ހުނަރު ބަލައިގަތުމަށް ލޯ ހޭނުމުގެ މުހިންމުކަމެވެ. ކުރެހުމެއްގެ ރީތިކަން، އަތްތެރިމަސައްކަތުގެ ފަށުވިކަން ފެންނާނީ ބަލާމީހާގެ ލޮލަށް މި ތަކެތި ބަލަން ދަސްކޮށްދީ އެތަކެއްޗަށް ދެލޯ ހޭނުމުންނެވެ. ފަންނާނުން ބުނާގޮތުގައި ކުރެހުމަށް ބޭނުންކުރާ ތަފާތު ރޮނގު ތަކާއި އެ ރޮނގުން އެކުލެވޭ ތަފާތު ބައްޓަން ތަކާއި ކުރެހުމުގައި ހިމެނޭ ކޮންމެ ކުލައަކީ ވަކި ސަބަބަކާހުރެ ފަންނާނަކު ބޭނުންކުރާ ކުލައާއި ރޮނގެވެ. މިކަން ދެނެގަނެވޭނީ ފަންނީ ގޮތުން ރޮނގެއްގެ ބުރަދަނާއި ކުލައާއި ތަފާތު ކުލަތަކުން ފަންނާނުން އެ ރަމްޒުކޮށްދޭ އެއްޗެއް ދެނެގަންނަން  ދަސްވެގެންނެވެ. އަޅުގަނޑުގެ ދެ ލޯ ސަލާމަތުން ހުރިނަމަ އެފަދަ ފަންނުތައް ފުރިހަމައަށް ދެނެގަތުމަށް އަޅުގަނޑުގެ ލޯ ހާނުވައި ކުރެހުން ބަލަން ދަސްކުރީމުހެވެ! ނަމަވެސް އަޅުގަނޑު ދެރަވަނީ، ދެލޯ ސަލާމަތުން ލިބިފައިވާ ބައެއް މީހުންނަށް ރީތި ކުރެހުމަކުން މާ ބޮޑު އުފަލެއް ނުލިބޭތީއެވެ!

ހެލަން ކެލަރ ޖަޕާނުން ފުރުއްވި ދުވަހު މިސްޓަރ އޯގަސަވާރާ ދެއްވި ކުޑަކުޑަ ކުއްތާ '' ކާމި '' އޭގެ އުމުރުން 7 މަހުގައި ބައްޔެއް ޖެހިފައި މަރުވުމުން ލިބިލެއްވި ހިތާމައެއްގެ ފުންކަމުން ކީރިތި ކުރައްވަމުން އެ ކުއްތާ ދެއްވި މިސްޓަރ އޯގަސަވާރާ އަށް ހެލަން ކެލަރ ސިޓީއެއް ލިޔުއްވިއެވެ. އެ ކުއްތާގެ ވަފާތެރިކަމާއި މަޑުމައިތިރިކަމާއި އަދި އެ ކުއްތާ މަރުވުމުން ހެލަން ކެލަރގެ ހަޔާތުގެ ވަރަށް ބޮޑު އުފަލަކުން މަހްރޫމް ވިކަމަށް ވެސް ލިއުއްވިއެވެ. އަދި :'' އަޅުގަނޑުގެ މުދައްރިސާ އަވަހާރަވީފަހުން، އޭނާ ހަނދާންވެގެން އަޅުގަނޑަށް ރޮވެންފަށައިފިނަމަ، " ކާމި'' އޭނާގެ ފައިގެ ބޮޑު މޮއްގަނޑު އަޅުގަނޑުގެ ކަކުލުގައި އަޅައިގެން ހުރެ އޭތީގެ ފިނި ނޭފަތް އަޅުގަނޑުގެ ކޮލުގައި ޖައްސައިގެންހުރެ އަޅުގަނޑުގެ ކަރުނަތައް އޭތީގެ ދުލުން ފޮހެދެއެވެ.  "

ހެލަން ކެލަރގެ ސިޓީ ލިބުމުން މިސްޓަރ އޯގަސަވާރާ  ބޭނުންވީ '' ކާމިކާޒޭ '' އާ އެއްބަނޑު އެހެން ކުއްތާއެއް ހެލަން ކެލަރ އަށް ހަދިޔާ ކުރާށެވެ.  މި ކުއްތާގެ ނަމަކީ '' ކެންޒަން ގޯ '' އެވެ. ނަމަވެސް މިފަހަރު ހެލަން ކެލަރ އަށް މި ކުއްތާ ލިބިލެއްވީ ޖަޕާނު ސަރުކާރުން އެރުއްވި ރަސްމީ ހަދިޔާއެއްގެ ގޮތުގައެވެ.

 


ދެވަނަ ދުވަހުގެ ރޭގަނޑު، އަޅުގަނޑު ދާހިތް އޮތީ އިސްޓޭޖްގައި ކުޅޭ ތަމްސީލެއް ނުވަތަ ސިނަމާއަކަށް ފިލްމެއް ބަލައިލާށެވެ. މިހާރުވެސް އަޅުގަނޑު އިސްޓޭޖުމަތީގައި ކުޅޭ ތަމްސީލުތައް 'ބަލަން' ދަމެވެ. ނަމަވެސް އަޅުގަނޑަކީ ބީރު، އަދި ލޯފަން މީހެއްކަމުން އަޅުގަނޑުގެ އެކުވެރިޔަކު އަޅުގަނޑުގެ އަތަށް ފިއްތައިގެން އަޅުގަނޑަށް ތަމްސީލު ކިޔައިދެނީއެވެ. މިހާރު އަޅުގަނޑު މި ލިޔަނީ އަޅުގަނޑަށް ހަމަލޮލަށް ތަންތަން ފެންނާނެ ނަމަ ކުރާނެ ކަންތަކެވެ. މިގޮތުން (އިނގިރޭސި އަދީބު ވިލިއަމް ޝޭކްސްޕިއަރގެ) ހެމްލެޓް ތަމްސީލު ހާދަހައި ދެކިލާހިތްވެއެވެ! އިސްޓޭޖް މަތީގައި ހެމްލެޓްގެ ބައި އެކުޅޭ މުމައްސިލެއް ހެމްލެޓްގެ ބައި ކުޅޭއިރު އިސްޓޭޖުގެ ކޮޅުކޮޅަށް ހަލުވިކަމާއެކު ހަރަކާތްތެރިވާ މަންޒަރު ފެނިއްޖެ ނަމަ އެއީ އަޅުގަނޑަށް ލިބޭނެ ކޮންފަދަ އުފަލެއްތޯއެވެ!

ތިޔަ ބޭފުޅުންގެ ތެރެއިން ދެލޯ ސަލާމަތުން ލިބިފައިވާ ބޭފުޅުންނަށް، ސިނަމާއެއްގައި ފިލްމެއް، އިސްޓޭޖު ތަމްސީލެއް ބައްލަވައިލައްވަން އިންނަވާއިރު ތިޔަބޭފުޅުންނަށް ހިބައިން ލިބިފައިވާ އިލާހީ ހަދިޔާއެއް ކަމުގައިވާ ލޮލުގެ އަލިކަމަށް ދުވަހަކުވެސް ހެއްދެވި ފަރާތަށް ހިތުގެ ފުންމިނުން، އިޚްލާސްތެރިކަމާއެކު ޝުކުރުދެންނެވިންތޯއެވެ؟

އަޅުގަނޑުގެ އިނގިލިތަކުގެ ކުރި ބޭނުންކޮށްގެން ( ހެލަން ކެލަރ ދުވަސްވަރުގެ މަޝްހޫރު ބެލޭ ނެށުންތެރިޔާ) ޕެވްލޯވާގެ ލޫޅާފަތި ޙަރަކާތްތައް ދެނެގަންނާނީ ކިހިނެއްތޯއެވެ.  މިޔުޒިކުގައި ބޭނުންކުރާ ހަމަތައް އަޅުގަނޑަށް އިހުސާސުވެއެވެ.  މިޔުޒިކީ އަޑުގެ ކުދި ކުދި ރާޅުބައިނިތައް ތަޅުންގަނޑުންލާފައި އަންނަކަން އަޅުގަނޑުގެ ފަޔަށް އިހުސާސުވެއެވެ. ނަމަވެސް ތަމްރީނު ލިބިފައިވާ ކުޅަދާނަ، ލޫޅާފަތި ބެލޭ ނެށުންތެރިއަކު އިސްޓޭޖެއްގައި ކޮޅުކޮޅަށް 'އުދުހިލާތަން' ވަރަށް ދެކިލާހިތްވެއެވެ.

އަޅުގަނޑުގެ އެންމެ އުފާވެރި އެއް ހަނދާނަކީ (އެމެރިކާގެ ކުޅަދާނަ ތަމްސީލުކުޅުންތެރިޔާ) ޖޯސެފް ޖެފަރސަން ތަމްސީލެއް ކުޅޭއިރު ހަރަކާތާއި މޫނުން ދައްކާ ތަފާތު ޖަޒްބާތުތައް އަޅުގަނޑަށް ވިސްނައިދިނުމުގެ ގޮތުން އޭނާ އެކި އެކި އިހުސާސާއެކީ ވާހަކަ ދައްކާއިރު އަޅުގަނޑު އޭނާގެ މޫނުގައި މަޑުމަޑުން އަތްލައި މޫނުގެ އެކި މަސްކޮޅުކޮޅުގައި އަޅުގަނޑުގެ އިނގިލިތަކުގެ ކުރި ޖައްސާލައިގެން އެ ތަފާތު އިހުސާސުތައް ދެނެގަތުމުގެ ފުރުސަތު ދިން ދުވަހެވެ. އެ ދުވަހު، ތަމްސީލު ކުޅުމުގެ މޮޅު ހުނަރުގެތެރެއިން އަޅުގަނޑަށް ކުޑަކުޑަ މިންވަރެއް ދަސްވިއެވެ! އެހެންނަމެވެސް.. އާހް! އަޅުގަނޑަށް ހާދަ ބޮޑުބައެއް ގެއްލޭނެތާއެވެ. ތިޔަބޭފުޅުންނަށް ލިބިފައިވަނީ ކޮންފަދަ ނިޢުމަތެއްތޯއެވެ! އަޅުގަނޑަށް އެންމެ ތަމްސީލެއް ފެންނާނެނަމަ އަޅުގަނޑު ކިޔާފައިވާ ވާހަކަތަކާއި، އަޅުގަނޑުގެ ގާތް އެކުވެރިން ކިޔައިދީފައިވާ ތަމްސީލުތައް ފުރިހަމައަށް ވިސްނައިގަންނަން ވަރަށް ފަސޭހަވާނެއެވެ. އަޅުގަނޑަށް ކުޅަދާނަ ތަމްސީލު ކުޅުންތެރިން ފެނި އެމީހުން ކުޅޭ މަންޒަރުތައް އިސްޓޭޖު މަތިން ފެނިއްޖެނަމަ، އެރޭ އަޅުގަނޑަށް އުފަލުން ނިދަންވެސް އުނދަގޫވާނެއެވެ!

ތިންވަނަ ދުވަހުވެސް އަޅުގަނޑު ވަރަށް މާއިރާ ހޭލާނަމެވެ. ދެލޯ ސަލާމަތުން ހުރި މީހުންނަށް ކޮންމެ ދުވަހެއްގެ ފެށުމުގައި އެފެންނަ ކުލަތައް އެއީ ދާއިމީކަމެކެވެ. އަޅުގަނޑަށް ޚިޔާލީގޮތުން ތަންތަން ބަލައިލާން ލިބޭ އެންމެ ފަހު ދުވަހެވެ. އެއްވެސް ކަމަކާ ދެރަވެ ފާއިތުވެގެން ދިޔަ ހިތްދަތިކަމެއް މިއަދު ހަމަ ކުޑަކޮށްވެސް ހިތަށް ގެންނާކަށް ބޭނުމެއްނޫނެވެ. މިއަދު މިއީ ވަރަށް އަވެދިނެތި އުޅެން ޖެހިފައި އޮތް ދުވަހެކެވެ. އެންމެ ފުރަތަމަ ދުވަސް އަޅުގަނޑު ޚާލިސް ކުރީ އަޅުގަނޑުގެ އެނމެ ގާތް ރަހުމަތްތެރިންނަށެވެ. އިންސާނުންނަށާއި އެނޫން 'ރަހުމަތްތެރިންނަށެވެ'! ދެވަނަ ދުވަހު  ދާރުލް އާސާރު ތަކާއި ކުރެހުމުގެ މައުރަޒުފަދަ ތަންތަނަށެވެ. މިއަދު ދެކިލާހިތްވަނީ އިންސާނުން ކުރާ ތަފާތު މަސައްކަތެވެ. އެންމެ ގިނަމީހުން އެންމެ ތަފާތު މަސައްކަތްތަކެއް ކުރާތަން އެއް ސަހަރަކުން ފެންނާނީ ނިޔުޔޯކް ފިޔަވައި ދެން ކޮން ރަށަކުންތޯއެވެ؟ ވީމާ މިއަދު އަޅުގަނޑު ގަސްތުކޮށްފައިވާ މަންޒިލަކީ ނިޔުޔޯކެވެ.

އަޅުގަނޑު އުޅޭ ސަހަރުން ނިޔުޔޯކަށް ދިޔައީ 'އީސްޓް ރިވަރ' ކޯރު މަތިން، ދަގަނޑުރޭދާ ކަހަލަ ދަގަނޑުފިލައިން ހަދާފައިވާ ފާލަމެއް ހުރަސްކޮށްފައެވެ! ތިރީގައި ކޯރުމަތީގައި ތަފާތު އޮޑިފަހަރު ކޮޅުކޮޅަށް ދުވެއެވެ. ހަލުވި ލާންޗުތަކެވެ. މުދާ އުފުލާ ބަރު އޮޑިފަހަރެވެ. ހިތްއުފާކޮށްލަން މީހުން ދުއްވާ ކުދި ކުދި ރިޔަލު ދޯނިފަހަރެވެ. ކުކުރަމުން ކުކުރަމުން މުދާއަރުވާ ބަނޑު ދަމަމުން އަންނަ ޓަގުބޯޓުފަހަރެވެ! އަޅުގަނޑަށް ތަންތަން ބަލާނެ ގިނަ ދުވަސް ލިބިފައިވާނަމަ އެއްދުވަސް އެއްކޮށް މިފަދަ ކޯރެއްގައި ހިނގާ ހުރިހާކަމެއް ބަލާހިތުން ބަލަން ހުރީމުހެވެ!

މިހާރު ކުރިމަތީގައި ފެންނަން އެހުރީ ނިޔުޔޯކުގެ މަޝްހޫރު އިމާރާތްތަކެވެ. މީ އަޅެ ޚިޔާލީ ވާހަކަތަކުން އިވޭކަހަލަ އަޖައިބެއްފަދަ ސަހަރެއްނޫންތޯއެވެ؟ އެހެރަ ބޮޑެތި، އުސް އިމާރާތްތަކަކީ ޚުދް ކަލާނގެތަށް އަމިއްލަފުޅަށް ހައްދަވާފައިވާ ބިޔަ، އެހައިމެ ފުރިހަމަ އިމާރާތްތަކެއްކަހަލަ ބިނާތަކެކެވެ!! މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ( އެދުވަސްވަރު މުޅި ދުނިޔޭގައިވެސް ހުރި އެންމެ އުސް އިމާރާތުގެ ގޮތުން މަޝްހޫރު، 102 ބުރީގެ ) އެންޕަޔަރ ސްޓޭޓް ބިލްޑިން މަތިން 'ތިރިބަލައިލީމެވެ.' އެއީ އަޅުގަނޑުގެ ސެކެޓްރީގެ އެހީގައި ‘ބަލައިލި' ދުވަހެކެވެ. މިއަދު މިއީ އަމިއްލަ ލޮލުން ބަލައިލުމުގެ އުފާލިބޭދުވަހެވެ.
ނިޔު ޔޯކުގެ ހަލަބޮލި ހަތަރު އަނގޮޅި ކަންމައްޗެއްގައި ހުއްޓި، މިއަދު އަޅުގަނޑު ކުރަން ބޭނުން ކަމަކީ މީހުންގެ މޫނަށް ބެލުމެވެ. ވަރަށް ފުންކޮށް މީސްމީހުންގެ މޫނުން ފެންނަނީ ކޮން ސިފަތަކެއްތޯ ބަލައި އެމީހުންގެ ދިރިއުޅުމާ ގުޅުން ހުރި އެއްޗެއް ދެނެގަތުމެވެ.

ހިނިތުންވުން އެމީހުންގެ މޫނުން ފެންނަ ނަމަ އަޅުގަނޑަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބޭނެއެވެ. އަޒުމް ވަރުގަދަ، ހިތްވަރުން ފުރިގެންވާ މޫނެއް ފެނިއްޖެނަމަ އަޅުގަނޑުވެސް އޭނާއަށް ޓަކައި ފަޚުރުވެރިވާނަމެވެ. ހިތްދަތިކަމާއި މާޔޫސުކަން ފެނިއްޖެނަމަ އެމީހަކަށް ހަމްދަރުދީވާނަމެވެ.
ދެން އަޅުގަނޑު ކުރަން ބޭނުންކަމަކީ ވަކިތަނަކަށް ނުވަތަ ވަކި މީހަކަށް އަޅުގަނޑުގެ ބެލުން އަމާޒު ނުކޮށް، އަންހެނުން ވަޒީފާއަށް ދާއިރު ޒީނަތްތެރިވެގެން ތިބޭއިރު ލައިގެން އެހުންނަ ހެދުންތަކުން އުފެދޭ ކުލަތައް ކޮށިބިއްލޫރީގެ ތެރެއިން ފެންނަހެން ކުޑަކޮށް ފުސްކޮށް ހުރިހާ ހެދުމަކުން އެކުލެވޭކުލަތައް، ބަލައިލުމެވެ. އެހެން އަންހެނުންހެން އަޅުގަނޑަށްވެސް ފެންނަނަމަ، ވަކިވަކި ފެޝަނަށް އިސްކަންދީގެން ބައެއް ހެދުން އަނެއްބައި ހެދުމަށްވުރެ ބޮޑަށް ބެލީމުހެވެ. އަދި މަޝްހޫރު ފިހާރަ ތަކުގެ ކުޑަދޮރުތަކުގެ ބޭރުންދާއިރު މަގުހިނގާމީހުންނަށް ފެންނާނެހެން އަތުރާފައިހުންނަ އެކި ކުލަކުލައިގެ، އެކި ކިއްސަރުގެ ސެންޓުފުޅިތަކާއި އެންމެ ފަހުގެ ފަޝަން ދައްކައިދޭ ހެދުންތަކަށް، ހިރަފުސްކޮޅެއް ކޫރުމެއް ނެތް ބިއްލޫރީގެ ތެރެއިން ބެލީމުހެވެ! ނުގަތެއް ކަމަކު މިހެން ފެންނަފެނުމަކީ އަންހެނުންގެ ހިތްތަކަށް ވަރަށް ހިތްހަމަޖެހޭ ކަމެއްކަން އަޅުގަނޑަށް ވަނީ ކުރިން އެނގިފައެވެ!

ނިޔުޔޯކުގެ އެންމެ ފަގީރު ސަރަޙައްދާއި ކާރުޚާނާތަކާއި އަލަށް ހިޖުރަކޮށްގެން އުޅޭ މީހުންގެ ދިރިއުޅުންވެސް ވަރަށް ދެކިލާހިތްވެއެވެ. ހުރިހާއެންމެންގެ އުފާވެރި މޫނުތަކާއި ދިމާވާ ހިތްދަތިކަން ދެކިލާހިތްވަނީ، އިންސާނުންނާ ދިމާވާ ހުރިހާކަމެއް އެނގޭޭހިތްވާތީއެވެ. އެއްވެސް އެއްޗެއް ދެބައިކުޅަ އެއްބައި ބަލާހިތެއް ނުވެއެވެ.

އަޅުގަނޑަށް ޚިޔާލީ ގޮތުން ތަންތަން ބަލައިލާން ލިބިފައިވާ ތިންވަނަ ދުވަސް ނިމުމަކާ ކައިރިވަނީއެވެ. އެންމެ ފަހުރޭ އެންމެ ދެކިލާހިތްވަނީ ވަރަށް ހެއްވާ މަޖާ އިސްޓޭޖު ތަމްސީލެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންތައް މާ ބޮޑުކޮށްލާފައި ލިޔުންތެރިންނާއި ހެއްވާ ތަމްސީލު ކުޅޭ މީހުން އެ ދައްކާ މަޖާ ތަމްސީލު ތަކަކީ އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ދަތިކަންތައް ކުޑަ އިރުކޮޅަކަށް ނަމަވެސް ހަނދާން ނައްތާލަދޭ ފަރުވާއެއްކަން ޔަގީނެވެ.

އަޅުގަނޑަށް ވަގުތީގޮތުން ލިބުނު ފެނުމުގެ އުފާ ތިންވަނަރޭގެ ދަންވަރު ގެއްލޭނެއެވެ.  ދާއިމީ ރޭގަނޑަކަށް އަޅުގަނޑަށް ވަދެވޭނެއެވެ. އަޅުގަނޑު ދެކިލާހިތުން ހުރި ހުރިހާ ކަމެއް ހަމަ ޔަގީނުންވެސް އެ ތިން ދުވަހުގެ ތެރޭގައެއް ނުފެންނާނެއެވެ. އެހެން ނަމަވެސް އެ ޚިޔާލީ ތިންދުވަހު ފެނުނު ތަކެއްޗާއި ތަންތަނުގެ ގިނަކަމުން އަޅުގަނޑުގެ ސިކުނޑި ހުންނާނީ ތަފާތު ހަނދާންތަކުން ފުރިފައެވެ. މީގެ ފަހުން ކޮންމެ އެއްޗެއްގައި އަތް ޖައްސާލުމުން އެއެއްޗެއްގެ ހަނދާންތައް އާވެގެންދާނެކަން ހަމަ ޔަގީނެވެ!
ތިބާގެ ދެލޯ އަނދިރިވުމުގެ ކުރިން ހަމަ އެކަނި ތިން ދުވަސް ލިބެން އޮތް ނަމަ، ތިބާ ބަލަން ބޭނުން ތަންތަން ހަމަ ކަށަވަރުންވެސް އަޅުގަނޑު މި އެކުލަވައިލި ކަންތަކާ ވަރަށް ތަފާތުވާނެއެވެ. ތިބާގެ ތާވަލާއި އަޅުގަނޑު އެންމެ އިސްކަން ދިން ކަންތަކާއި ތަފާތުވި ނަމަވެސް ކުރިން ބެލި ފަރުވާކުޑަ ގޮތަކަށް ތިބާ ހަމަ އެއްވެސް އެއްޗެއް ދެނެއް ނުދެކޭނެއެވެ.  ފެންނަ ކޮންމެ އެއްޗެއް ތިބާއަށް ވަރަށް މުހިންމުވާނެއެވެ. ތިބާގެ ލޮލަށް ފެންނަ ކޮންމެ އެއްޗެއްގައި ލޯބިން ލޮލުގެ ނޫރުން ބައްދާލާހިތްވާނެއެވެ. މިހެން، ކޮންމެ އެއްޗެއް ވަކިން ބަލައި ﷲ ގެ ކުޅަދުންވަންތަކަމަށް ވިސްނައި ފިކުރު ކުރަން ފެށުމުން، އެއްޗެތި ބަލަން ދަސްވާނީ އެހިސާބުންނެވެ. އަޅުގަނޑަކީ ލޯފަންމީހެއް ކަމުން އަޅުގަނޑު ހެޔޮ ބަހެއް ދަންނަވާލަންތޯއެވެ؟ ކޮންމެ އެއްޗެއްވެސް މިއަދު ބައްލަވާއިރު ރީތިކޮށް ފުރިހަމައަށް އެ އެއްޗެއް ބައްލަވާށެވެ.  އެއްވެސް އަގަކާ ނުލައި ހިބައިން މާތް ﷲ ތިބާއަށް ދެއްވާފައިވާ އިލާހީ ނިޢުމަތް، މާދަމާވެސް އަތުން ބީވެގެން ހިނގައިދާނެކަން ހިތުލައިގެން ބައްލަވާށެވެ. ފެނުމުގެ ނިޢުމަތް ލިބިގަންނަން ތިޔަ ދަސްކުރެއްވި ގޮތަށް ހަމަ އެހެން ހިއްސުތަކުގެ މުހިންމުކަން ، އެއީ ކޮންފަދަ ނިޢުމަތެއްކަން ދެނެހުރެ ގަސްތުގައި ވިސްނައިގެން ފަރުވާތެރިކަމާއެކު އެ ނިޢުމަތްތަކުގެ ބޭނުން ހިފާށެވެ! މިހުރިހާ ނިއުމަތްތަކުގެ ތެރެއިންވެސް ދެލޮލަށް ފެންނަ ފެނުމަކީ ހަމަ ގައިމުވެސް އެންމެ އުފާވެރި އެންމެ އަގުބޮޑު އިލާހީ ނިޢުމަތެވެ! ﷲގެ ކުޅަދުންވަންތަކަމާއެވެ!
----------
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ