އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (43)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ބަދިގެއަކުން ނުނިކުމެވުނެވެ. ޖަޔާ އޭނާއާ އެކުގައި ކާން އައިސް މޭޒު ކައިރީގައި އިށީނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެގޮތަށް ކެއުން އޭނާއަށް ޙަރާމެވެ.

[ކޮއިފުޅާއެވެ. ތިޔަކަހަލަ ކަންތައްތަކާމެދު ވިސްނާނީ އަމިއްލަ ސިފައަށް ބަލާފައެވެ.] ޖަލާލީގެ އެތެރެހަށިން އަޑުއައެވެ. [މިހާރު ކަލޭގެ އަގުވެއްޓިއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރެއްގެ މަތިންނެވެ. މިހުރިހާ ދުވަހު ލިބުނު ތަޖުރިބާ ކޮބާ ހެއްޔެވެ.] އޭނާ އެނބުރި އައިސް ގޮނޑީގައި އިށީންނަމުން މޭޒުގައި ބޯޖަހާލިއެވެ.

ޖަލާލީ އެގޮތަށް އެތައް އިރެއްވަންދެން އޮތެވެ. އިންތިޒާރު ކުރަނީ ނޫންކަމެއްވެސް ނޭގެއެވެ. ޖަޔާ އަތުވެދާނެ ކަމުގައި އޭނާއަށް ހީވަނީ ކަންނޭގެއެވެ.

އެކަމަކު...... ޖަޔާއެއް ނައެވެ.

އެންމެފަހުން ޖަލާލީ ހިތާއިދެކޮޅަށް ތަށި ކައިރިކޮށްލިއެވެ. ކުޑައެތިކޮޅެއް އަޅާލިއެވެ. ކާއެއްޗެހީގެ ރަހައާއެކު އަނެއްކާވެސް އޭނާގެ ސިކުނޑި މާޟީގެ ތެރެއަށް ދަތުރު ކުރަނީއެވެ.

އަމިއްލަ ބަދުނަސީބާމެދު އޭނާއަށް ރޮވިއްޖެއެވެ. މިވަގުތު އެހެން މީހަކު ފަރުވާތެރި ކަމާއެކު އޭނާގެ މޫނަށް ބަލައިފިއްޔާ ޙަޤީގަތުގައިވެސް ކަރުނަ އޮހޮރުވާލުމަކާ ނުލައި ރޮވޭނެއެވެ.

އަމިއްލަ ހިތުގެ އަލިފާނުގައި އަމިއްލަ ނަފްސު އަނދަމުން ދިއުމަކީ ވަރަށް އަސަރުހުރި ކަމެކެވެ.

ވަރަށް މަސައްކަތުން އެކިކޮޅެއް ކާލައިގެން ޖަލާލީ ސީދާ ކޮޓަރިއަށް އަތުވެއްޖެއެވެ. ކުޑައިރުކޮޅަކަށްފަހު އޭނާ އޮފީހަށް ދާން ޖެހެއެވެ. އެތެރެހަށީގެ އަލިފާނުން ސަލާމަތް ވުމަށްޓަކައި އޭނާގެ ވިސްނުމުގެ މިޞްރާބު ބަދަކޮށްލައިފިއެވެ. އަދި ފެންވަރާ ކޮޓަރިއަށްގޮސް އަތްފައި ދޮވެލައިގެން ނުކުމެ ރީތިވެލިއެވެ. ޓައީ ރަނގަޅު ކޮށްލިއެވެ. ދެން ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

ޖަޔާ ގާތުގައި ބުނެފާދާން ގަސްތުކޮށް ހިނގައިގަތެވެ. ޖަޔާހުރީ ބޭރު ކޮޓަރި ތެރޭގައެވެ. ކޮޓަރީގެ ފާރާއެކު ހަދާފައިވާ އަލަމާރި ކައިރީގައެވެ. އޭނާ ހުރީ ފުރަގަސް ދީގެންނެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު ފޮޓޯއަކަށް ބަލަމުން ގެންދިޔައެވެ.

އެއީ ޖަލާލީގެ ފޮޓޯއެކެވެ. ޖަޔާ މިގެއަށް އައިދުވަހުން ފެށިގެން ޖަލާލީއާ ދިމާއަށް ބަލަނީ ކަތިނަޒަރަކުންނެވެ. ހަމަލޮލަކުން ނުބަލައެވެ. ޝައްކެއްނެތެވެ. އޭނާއަކީ ހުތުރު މީހެކެވެ. އެކަމަކު މިހުތުރުކަން ނާޖިޔާ ފަހަރެއްގައިވެސް އަންދާޒާ ކޮށްފައެއްނެތެވެ. އޭނާގެ ލޮލާއި ކަންފަތް އަދި ތުންފަތްހުރީ ކޮންގޮތަކަށްތޯ ބެލުމަކީ މާކަބޭނުންކަމެއް ކަމުގައި ޖަޔާ ނުދެކެއެވެ. އަދި އޭނާގެ އެތެރެހަށީގެ ޙާލަތާ ކުރިމަތިކޮށް އިންޤިލާބު އައުމުންވެސް ހަމަލޮލުން ޖަލާލީއާ ދިމާއަށް ބަލާލުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެފޮޓޯ ފްރޭމް އޭނާއަށް ފެނުނީ އަލަމާރި ހާވަމުން ދިޔުމުގެ ތެރޭގައެވެ. އަދި މިގޮތަށް ދިމާވުމުން ފަރުވާތެރި ކަމާއެކު އެކިނިޝާނަށް ވަކިވަކިން ބަލަމުން ގެންދަނީއެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަރަށް ރީއްޗެވެ. ހަމައެއާއެކު މޫނުވެސް ރީތިވިނަމަ ކޮންފަދަ ހެއްޔެވެ.

އެކަމަކު އެއްގޮތަކަށްވެސް މޫނު ރީއްޗެއް ނޫނެވެ. އެއީ ބިރުވެރި މޫނެކެވެ.

މިއީ ހަމަލޮލަށް ފެންނަގޮތެވެ. ކޮންމެ ގޮތަކުން ނަމަވެސް ހިތް އެކަމަކަށް ރުހިއްޖެއްޔާ އެދެމެދަށް ރީތިކަން ފާޅުވެދެއެވެ. މިކަން މިގޮތަށް ނުވާނަމަ ލައިލާފަދަ ކަޅު އަންހެނަކު މަޖްނޫނުގެ ލޯބިވެރިއަކަށް ނުވީހެވެ.

ޖަލާލީގެ ފޮޓޯއަކީ ބިރުވެރި ފޮޓޯއެކެވެ. އެކަމަކު އޭނާގެ މޫނުމަތީގައި ހުރި އުދާސްކަމާ ހިތާމަފެނިފައި ޖަޔާގެ ހިތް ކުދިކުދި ވެއްޖެއެވެ. މިއީ ހިތްހެޔޮކަމުގެ ދަލީލެވެ. ލޯބީގެ ތަނަވަސްކަމެވެ. އެތައް ދުވަހަކުއްސުރެ ލޯތްބަށް ފެންބޮވައި ގެންފައިވާކަމުގެ ހެއްކެވެ.

ޖަޔާގެ ހިތަށް މޮޅިވެރިކަމުގެ ތީރު ހެރެމުން ދިޔައެވެ. އޭނާގެ ކަރުތެރޭގައި އެއްޗެއް ތާށިވެފައިވާ ކަހަލައެވެ. ލޮލުގެ ބޮނޑި ތެމިއްޖެއެވެ. އޭނާ ދެކޭ ގޮތުގައި ޖަލާލީއަކީ ދުނިޔޭގައިވާ އެންމެ ހިތާމަވެރި އަދި ނަސީބުދެރަ އިންސާނާއެވެ. އަދި މިނިކަމެތި އިންސާނާއަށްޓަކައި އޭނާގެ ހިތުގައި ކުލުނާއި ލޯބި އަދި އިޚްލާޞްތެރިކަމުގެ ޖަޒުބާތުތައް ކޯދުލާ އަރަން ފަށައިފިއެވެ.

އޭނާ ފޮޓޯގަނޑު މޭގައި ޖައްސާލުމަށް ޙަރަކާތްކޮށްލި ވަގުތު ޖަލާލީ ފުރަގަހުގައި ހުރެފައި ކުއްލިއަކަށް ފޮޓޯގަނޑު ދަމައިގަތެވެ. އަދި ބުންޏެވެ. [ލޮލަށް އަނިޔާކުރަނީ ކީއްކުރަން ހެއްޔެވެ. މިއީ ތިޔަކަހަލަ ރީތި އަންހެނަކު ބަލަން އެކަށޭނަ އެއްޗެއް ނޫނެވެ.]

އޭނާ ސިހިއްޖެއެވެ.

ޖަލާލީ ރުޅިއައިސްފައި ފޮޓޯގަނޑު ފާރާއެކު ޖެހިއެވެ.

ފާރުގައި ޖެހުމާއެކު ބިއްލޫރިގަނޑު ފުނޑުފުނޑުވެގެން ހިނގައްޖެއެވެ. އަދި އެބިއްލޫރިތައް ޖަޔާގެ ހިތަށް ހެރިއްޖެއެވެ.
ލެއިން ތަތްތެޅިއްޖެއެވެ.

އޭނާ ހަލުއިކަމާއެކު ކޮޓަރިން ނުކުމެއްޖެއެވެ. ފެންޑާއަށް ނުކުމެ ތަނބެއްގައި ލެނގިލުމާއެކު ދެއަތުން މޫނު ފޮރުވައިފިއެވެ. އަދި ހޯސްލާފައި ލޮލުން ކަރުނަ ފައިބައިގަތެވެ.

ޖަލާލީވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭނާވެސް ހަމަ އެއަލިފާނުގައި އަނދަނީއެވެ. އޭނާ އަނދަމުންދާ އަލިފާނުގެ ހުޅުގަނޑު އަދި މާބޮޑެވެ.

************************

[އަހަރެން އޭނާ ދުށީމެވެ. އޭނާ ދިޔައީ ފެއަރީލޭންޑާ ދިމާއަށެވެ. ޖަލާލީ ދެނެގަތުމަކީ އުނދަގޫކަމެއް ހެއްޔެވެ. އޭނާ ހަނީމޫން ފާހަގަކޮށްފައި އައީކަން ހަމަޔަޤީނެވެ.] މަންސޫރު ޝަވާލީ ގާތު ބުންޏެވެ.

[އެކަމަކު އޭނާ ދިއައީ ދެހަފްތާއަށެވެ.]

[މިހާރު އެހެން ދިމާއަކަށް ދިއުމުގެ ޕްރޮގްރާމް ރާވަނީ ނޫންކަމެއްވެސް ނޭނގޭ ނޫން ހެއްޔެވެ. ކޮންމެއަކަސް މިއަދު އެއުޅެނީ ގޭގައެވެ.]

[ދެން ފެނުނު ވަގުތު އޭނާ މަޑުކުރުވި ނަމައެވެ.]

[ޖަލާލީ ދިޔައީ މަތީގައި އޮތް މަގުންނެވެ. އަހަރެން ދިޔައީ ތިރިންނެވެ. އޭނާ އަހަންނެއް ނުދެކެއެވެ.]

[އޭނާ ހަމައައީ ކަމުގައި ވެދާނެއެވެ. އެންމެ ރަނގަޅުގޮތަކީ ފޯނުކުރުމެވެ. އޭރުން ތިޔަކަން އޮތްގޮތެއް އެނގިދާނެއެވެ.]

[އެންމެ ފުރަތަމަ ފޯނުކުރާނީ އަހަރެމެންގެ އެހެން ރަޙްމަތްތެރިންނަށެވެ. މިއަދު އެންމެން އެކުގައި ދާނީއެވެ.]

[ފޯނުކުރަން ހިނގާށެވެ. އެންމެން އެކުގައި ބައިހަދާލާފައި ދިއުމުން ވަރަށް މަޖާވާނެއެވެ.]

[އަހަރެން ފައުޒިއްޔާއާ ޖައްގޫއަށް ފޯނު ކުރާނަމެވެ.]

[އަހަރެން ތާބުޝްއާއި ސަލީމަށް އަންގާނަމެވެ.]

[އެންމެ ރަނގަޅެވެ.]

ކުޑައިރުކޮޅަކަށްފަހު މަންސޫރާއި ޝަވާލީ ވަރަށް ފޯރިއާއެކު އެމީހުންގެ ރަޙްމަތްތެރިންނަށް ޖަލާލީގެ ވާހަކަ ކިޔައިދެމުން ގެންދިޔައެވެ.

[އޭނާ އެނބުރި އަތުވެއްޖެއެވެ.]

[ޚަބަރު ބަލާލަން ވާނެއެވެ.]

[ކާވެނީގެ ތަޖްރިބާ ކިހިނެއް ބާވައެވެ.]

[އެމީހުން ތިބީ އުފަލުން ބާވައެވެ. ނުވަތަ.....]

[އެއްވެސް ގޯހެއް އޮތްނަމަ ހަނީމޫނަކަށް ނުދިޔައީހެވެ.]

[އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅު ވާނެއެވެ.]

އެންމެންވެސް ޖަލާލީ އައި ޚަބަރު އަހާފައި ތިބީ ކުޑަކުދިންނަށް ޢީދު ހަނދުފެނުމުން އުފާވާ މިންވަރަށް އުފާ ވެފައެވެ.
[މިއަދު ހަވީރު ޖަލާލީއާއި ނާޖިޔާއާއެކު ވަރަށް މަޖާ ކޮށްލަން ވާނެއެވެ.] ތާބުޝް ޚިޔާލު ދިނެވެ.

[އެމީހުން ދަޢުވަތެއް ދޭން ޖެހޭނެއެވެ.] ސަލީމު ބުންޏެވެ.

[ތިޔަކަމަށްވެސް ދުވަހެއް ކަނޑައަޅާނީއެވެ. އަދި ފައިވްސްޓަރ ހޮޓަލަކަށް ދާނެމަގު ޖަލާލީއަށް ދައްކާނީއެވެ.] ޖައްގޫ ބުންޏެވެ.

[އޭނާއަށް އުނދަގޫކަމެއް އޮންނާނެ ހެއްޔެވެ. އެއަށްވުރެބޮޑު ހޮޓަލަކަށް ގޮވައިގެން ދިޔަކަމުގައިވިޔަސް ބަދަލެއް ނާންނާނެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[އަހަރެން މިއަދުދާނީ އަތުގާއޮތް އެންމެރީތި ހެދުން ލައިގެންނެވެ.] ޝަވާލީ ފޯނުން އެންމެން ގާތުގައިވެސް ހަވީރު ޖަލާލީގެ ގެއަށް ދިއުމަށް އިރްޝާދު ދެމުން މަންސޫރު ގާތުގައި ބުންޏެވެ.

[ތައުބާއެވެ. ކަލޭމެން އަންހެނުންނަށް ރީތި ހެދުމާ އަގުބޮޑު ގަހަނާއާ ނުލައި އެއްކަމެއްވެސް ނުކުރެވޭނެއެވެ.]

[މަންސޫރު ވަކިން ދެރަ ހެއްޔެވެ. ބާޒާރުގައި ހުންނަ އެންމެ އަގުބޮޑު ހެދުންގަތުމަކީ މަނިކުފާނުގެ ހޮބީއެވެ.]

[ދެއަހަރު ދުވަހުން އެންމެ ހެދުމެކެވެ.]

[އެންމެ ފަހަރަކު ވިޔަފާރި ކޮށްލިކަމުގައި ވިޔަސް އެހާވަރަށް ފައިސާ ޚަރަދުކޮށްލައެވެ. އަހަރެމެން ކެނޑިނޭޅި ދެއަހަރު ދުވަހު ބާޒާރުކުރި ކަމުގައިވިޔަސް އެހާފައިސާ ޚަރަދެއް ނުވާނެއެވެ.]

ސަކަ މިޒާޖުގެ ޝަވާލީ އަނގައަށް ގޮތެއް ހަދާލަމުން މަންސޫރާއި ސަމާސާ ކޮށްލިއެވެ.

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ.] މަންސޫރު ބުންޏެވެ. [ދެން އެންމެ ރަނގަޅެވެ. ޖަލާލީއަށް ފޯނުކުރަމާ ހިނގާށެވެ.]

[އަންގާވެސް ނުލާ ކުއްލިއަކަށް ޙަމަލާ ދޭނީއެވެ......] ޝަވާލީ ޚިޔާލުދިނެވެ.

އެކަމަކު މަންސޫރު ވާހަކަ މެދުކަނޑާލަމުން ބުންޏެވެ. [ނޫނެކެވެ. މިހާގިނަ މީހުން އެއްފަހަރާ ހިނގައްޖެއްޔާ އޭނާއަށް އުނދަގޫ ވާނެއެވެ. ކޮންމެވެސް ގޮތަކަށް އަންގާލަން ވާނެއެވެ.]

[އެހެންވީއިރު ފޯނުކުރާށެވެ.]

[ޖަލާލީގެ އޮފީހަށް ހެއްޔެވެ؟]

[މަންސޫރު އޮފީހަށް ފޯނުކުރާށެވެ. އަހަރެން ގެއަށް ފޯނުކޮށް ނާޖިޔާއާއި ވާހަކަ ދައްކާނަމެވެ.]

[އެންމެ ރަނގަޅެވެ.]

ދެމީހުން ފޯނުކުރަން ފަށައިފިއެވެ.

[ހަލޯ ޖަލާލީ!] ނަމްބަރާ ގުޅާލަމުން މަންޞޫރު ބުންޏެވެ. [އައީ ކޮންއިރަކު ހެއްޔެވެ. އަޖައިބެއް ކަހަލަ އިންސާނެކެވެ. އަހަރެމެން މިތިބީ ޖަލާލީގެ ދެމަފިރިން އެނބުރި އައުމުގެ އިންތިޒާރުގައި ދުވަސްތައް ގުނަގުނައެވެ. މިއަދު ކުއްލިއަކަށް ހައިވޭން ދަތުރުކޮށްފައި ދަނިކޮށް އަހަންނަށް ފެނުނީއެވެ. އެހެން ނޫންނަމަ ކިތަންމެ ދުވަހެއް ވިޔަސް އަހަރެމެންނަކަށް ނޭގުނީހެވެ. މިހާރު ހުރިހާ ރަޙްމަތްތެރިންވެސް ޖަލާލީ އައި ޚަބަރުދީފިއެވެ. އަދި ބުނަން ހެއްޔެވެ. މިއަދު ހަވީރު ހުރިހާ މީހުން ތިޔަގެއަށް ދިއުމުގެ ޕްރޮގްރާމް ރޭވިއްޖެއެވެ...... ކަންބޮޑުވީ ކީއްވެގެން ހެއްޔެވެ. އަހަރެމެން މާގިނަ ވަގުތެއް ނުނަގާނަމެވެ..... އަދި ޕާޓީވެސް ނުދެމެއް ނޫން ހެއްޔެވެ...... އެންމެ ރަނގަޅެވެ. ހުރިހާކަމެއް ނިންމާނީވެސް އަހަރެމެން އަމިއްލައަށެވެ..... ހަވީރު ހަތަރެއް ޖަހާއިރު އަހަރަމެން ދާނަމެވެ..... ހާސްނުވާށެވެ. އަހަރެމެން ޤަބޫލުކުރަމެވެ. މިހާރު ތިހިރީ ބޭގަމް ސާހިބާއާއެކު އެކަނި އުޅުމަށް އާދަ ހިފިފައެވެ. އެކަމަކު އަހަމެންނަށް ފުރަގަސް ދިނުމަކީވެސް ވަރަށް އުނދަގޫ ކަމެކެވެ..... އަހަރެމެން މިތިބީ ވަރަށް އުފާވެފައެވެ. ޝަވާލީ މިހާރުއްސުރެ ތައްޔާރުވަމުން ދަނީއެވެ..... ދެން ޖަލާލީގެ ވާހަކަ ބުނެލާށެވެ. ހަނީމޫން ކިހިނެއް ހެއްޔެވެ..... ނުބުންޏަސް އެންމެ ރަނގަޅެވެ. އަހަރެމެން ތިޔަގެއަށްގޮސް ހުރިހާ ޚަބަރެއް އޮޅުން ފިލުވާނަމެވެ..... ލަދުގަތީ ހެއްޔެވެ..... މަނިކުފާނުގެ އަނގަފުޅުން ބަސްފުޅެއްވެސް ނުނިކުންނަނީ ތޯއެވެ..... ކޮއިފުޅާއެވެ. ކޮންމެ މީހަކަށްވެސް ތިޔަދުވަސްކޮޅު އާދެއެވެ..... މިހާރު ތިޔަގެއަށް ދާވާހަކަ ބުނެވިއްޖެ ދޯއެވެ. ބަރާބަރު ފަހެއްޖަހާއިރު އަހަރެމެން ތިބޭނީ ތިޔަ ގޭގައެވެ. އެހެން އާޖޯޑެއްވެސް ޕާކިސްތާނުން އަތުވެއްޖެއެވެ. ޑޮކްޓަރ ސަލީމުގެ ދެމަފިރިންނެވެ.... އޭނާގެ އަންހެނުންނަކީ ވަރަށް މަޖާ މިޒާޖެއްގެ އަންހެނެކެވެ..... ޖަލާލީގެ ބޭގަމްގެ ވާހަކަ ދައްކާ ބަލާށެވެ. އޭނާގެ މިޒާޖު ކޮންކަހަލަ ހެއްޔެވެ. ޤަބޫލުކުރަމެވެ. އަދި ހަމަ އެކައްޗެއްވެސް ނޭގޭނެއެވެ. އެކަމަކު މަޑުމަޑުން ގޮސް ހުރިހާ އެއްޗެއް އެނގިދާނެއެވެ..... ނެގިމަޑުވެފައި ތިއިނީ ކީއްވެގެން ހެއްޔެވެ.]

މަންސޫރު ފަތިވަރެއް އަމުނާލުމަށްފަހު ފޯނު ބާއްވައިފިއެވެ.

އަނެއް ފޯނުން ޝަވާލީ ނާޖިޔާއާއި ވާހަކަ ދައްކަމުން ދިޔައެވެ.

[ނާޖިޔާއެވެ. ވަޢުދުވާށެވެ.]

[ކޮންކަމަކާ ތޯއެވެ.]

[އަހަރެން ތިޔަގެއަށްގޮސް ކުރާ ހުރިހާ ސުވާލަކަށް ތެދުބަހުން ޖަވާބު ދޭންވާނެއެވެ.]

[އަނެއްކާ ކޮންކަހަލަ ސުވާލުތަކެއް ތޯއެވެ.]

[ވަރަށްގިނަ ސުވާލެވެ. މަޖާ ވާހަކަތަކެވެ. ނާޖިޔާއަށް ތަޖުރިބާ ކުރެވުނު ވާހަކަތަކެވެ.]

[ނުކެރޭނެއެވެ.]

[ނުކެރެންވީ ކީއްވެގެން ހެއްޔެވެ. ބުނަން ޖެހޭނެއެވެ.]

[ކޮންމެވެސް އެހެން ވާހަކައެއް ދައްކަވާށެވެ.]
(ނުނިމޭ...)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ