އަދުގެ ޚާއްސަ

Print

ޅެމާއިލަވައިގެ ތަފާތު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ޢަބްދުއްރަޝީދު ޙުސައިން


ޅެމާއި ލަވަޔާ މިއީ އެކައްޗަކަށް ކިޔާ ދެ ނަން ހެއްޔެވެ؟ ނޫނީ މިއީ ތަފާތު ދޭއްޗެއް ހެއްޔެވެ؟ ދިވެހި ބަހުގެ އުސްތާޛު ޝައިޚް މުޙައްމަދު ޖަމީލު ދީދީ، އެމަނިކުފާނުގެ "ޅެމާއި ޅެންވެރިކަން" މިފޮތުގައި ޅެމަކީ ކޮން އެއްޗެއް ކަމާއި ލަވަޔަކީ ކޮބައި ކަމާއި އަދި ޅެމާއި ލަވައިގެ ތަފާތު ވިދާޅުވެ ދެއްވައިފައި ވެއެވެ.

ވަރަށް ފަސޭހައިން ވިސްނޭ ގޮތަށެވެ. އަޅުގަނޑުގެ މި ލިޔުމުގައިއާންމުކޮށް މި ވަނީ އެމަނިކުފާނު އެ ފޮތުގައި ލިޔުއްވައިފައިވާ ވާހަކަ ތަކެވެ. ފިލާވަޅެވެ.


         ލަވަ
ލަވަޔޭ، ލަވައެއް، ނުވަތަ އެއީލަވައެކޭ، ލަވައެއް ކިޔައިލާށޭ މިފަދަ ގޮތްގޮތަށް ބުނެވޭ ތަންތާނގައި " ލަވަ" މި ލަފުޒު އެބޭނުން ކުރެވެނީ އާންމު މާނައެއް ގައެވެ. ރާގޭ، މިޔުޒިކޭ، ވަޒަނޭ، ވަޒަނަކަށް ކިޔައިލާށޭ ނުވަތަ އެއްޗެއް އިއްވައިލާށޭ ބުނުމުގެ މާނައިގައެވެ. މިހެން މި ދެންނެވީ ދިވެހި ބަހުގެ ތެރޭގައި "ލަވަ" މި ލަފުޒު ބޭނުން ކުރެވެމުން އަންނަ ގޮތަށް ބަލައިފައެވެ. އެއްވެސް ލަފުޒެއް ނެތި ހަމައެކަނި ހަމަތަކަކުން އުފެދޭ ގޮތަށް ބެރުގައި ނުވަތަ ތާރައިގައި ޖަހާ ޖެހުމަށްވެސް ލަވަޔޭ ކިއިފައި އެބަހުއްޓެވެ. މިސާލަކަށް "ފަސްދަނޑިވަޅު ލަވަ" އެއީ ދުލުން ބޭރު ކުރާ ބަސްތަކެއް ނޫނެވެ. ވަކި ހަމައެއްގެ މަތީން އިއްވާ އަޑު ތަކެކެވެ. ހަމަ އެގޮތަށް "ހަރުބީ " އަކީ ވެސް ލަވައެކެވެ. ( މަލަސް 47) އޭގައި ހުންނަނީ ތާޅަފިއްޔާއި ބެރާއި ދުންމާރީގެ އަޑެވެ. ލަފުޒެއް ނުހުރެއެވެ. އެހެން ކަމުން މިޔުޒިކޭ ނުވަތަ ރާގޭ ބުނުމުގެ މާނައިގައިވެސް ލަވައޭ ބުނެވިފައި އެބަހުރިކަން އެނގެއެވެ.
  

ދިވެހިން، ދިވެހިބަހުން ރާގުރާގަށް ލަވަ ކިޔައި ނޫޅޭ ދުވަސްވަރެއް އައި ކަމެއް ނޭނގެ އެވެ. ނަމަވެސް މިހާރު މި ކިޔާ ކަހަލަ ރީތި ދިވެހި ލަވަތައް ކިޔާން ފެށީ ދާދި ފަހުންނެވެ. ހިޖްރީ ތާރީޚުން 1360 ވަނަ އަހަރުން ފެށިގެންނެވެ. އަލް އަމީރު ޙަސަން ފަރީދު ދައުލަތް ހިންގަވާން ހުންނެވި ދުވަސްވަރުން ފެށިގެންނެވެ. އޭގެ ކުރީން ދިވެހީން ކިޔައި އުޅުނު ގިނަ ލަވަޔަކީ "ފުރެއްދެ" ލަވަ އެވެ. ވަޒަނަށް ކިޔެމުން އައި ބޭރު ބަސްބަހުގެ ލަވަ އެވެ. ބައެއް ފަހަރަށް އެ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ލަވައެވެ.
  

އަލްއަމީރް ޙަސަން ފަރީދު ދައުލަތް ހިންގަވަން ހުންނެވި ދުވަސް ވަރު އޭގެ ކުރީން ލަވަޔާމެދު އަދަބީ ހަމަތަކުން ބެލެމުންއައި"ނުރުހެވޭ" ގޮތް ފިލުއްވައި އިޞްލާޙު ކުރެއްވި އެވެ. މާލޭގެ ހަތަރު އަވަށުގައި ލަވަހެދުމުގެ މަސައްކަތް ފަށްޓަވައި، ހަތަރު އަވަށުން ހެދި ލަވަތަކުގެ ތެރެއިން ކޮންމެ އަވަށަކުން ސާޅީސް ލަވަ ހޮއްވެވި އެވެ. އަދި އެ ލަވަތައް "ދިވެހި ލަވަ" މި ނަމުގައި ފޮތަކަށް އެއްކުރައްވައި 5ޛުލްޙިއްޖާ 1360 ގައި ޗާޕުކޮށްގެން ނެރުއްވި އެވެ.
  

ލަވަ ހެދުމަކަށް ވަކި ވަޒަނެއް، ވަކި މައުޟޫޢެއް ނޯވެއެވެ. އަދި ހިންދީ ފިލްމު ރާއްޖެއަށް ތަޢާރުފުވީފަހުން ވަރަށް ގިނަ ލަވަ ހިންދީ ރާގުތަކަށް ހަދައިފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
   

ލަވަޔާއިޅެމުގެ އެއް ތަފާތަކީ ލަވައިގެ ކުރުކަމެވެ. ދިގު ނުވުމެވެ. ލަވައިގައި ހިމެނޭ ބައިތުތައް މަދުވުމެވެ. ގިނަ ފަހަރަށް ބައިތު ކުރުވެސް ވުމެވެ. ބައެއް ލަވަ ފެށޭ ބައިތުގައި ހަމަ އެކަނި ޞަދްރެއް އޮވެފައި، ޢަޖްޒު ނެތިވެސް އޮވެދާނެ އެވެ. ލަވައިގައި ރައްކާތެރި ވާނީ ވަޒަނަށެވެ. ރާގަށެވެ. ކާފިޔާ އަށް، ފިލިކޯޅިޔަށް، ބަނޑުވައް އަކުރަކަށް ނޫނެވެ. މިހެން ދެންނެވިޔަސް ލަވަވެސް  ރީތިވަނީ އޭގެ އެމުނުންތައް ވެސް ރީތި ވީމައެވެ. ޝައިޚް ޖަމީލް ވިދާޅުވާ ގޮތުގައި،އަންބާ އަކީ މަސައްކަތުގައްޔާއި ކުޅިވަރުގައި ފޯރީ ގެންނާން ޒުވާބު ކިޔަމުން ކިޔާކުރު ލަވައެވެ. އެހެން ކަމުން އަންބާ އަކީ ލަވައެކެވެ. ލަވައިގެ ބާވަތެކެވެ.
   ތިރީގައި މި ވަނީ ޝައިޚް ޖަމީލު ހައްދަވާފައިވާ ލަވައެއްގެ ފެށޭ ބައިތެވެ.
      

އަބުރާއިނަން ހޯދަން ބާރެއް ލިއްޔާ
        ނަސުރާ  ނަސީބޭ  ފައިދާ  ވާނީ
   

ޅެން
 

ޅެމުގެ ވާހަކަ ފަށާނީ ޅެމުގެ ވާހަކަ ދައްކާއިރު ބޭނުން ކުރަންޖެހޭ ބައެއް ލަފުޒު ދަންނަވައިލައިފައެވެ.
 

އެންމެ ފުރަތަމަ ބައިތެވެ. " ބައިތު" މި ލަފުޒު ނެގިފައި ވަނީ އަރަބި ބަހުންނެވެ. މާނައަކީ "ގެ" އެވެ. ދެން ބައިތުގެ ބައިތަކެވެ. ދެނެ ގަންނަން ފަސޭހަވާނީ ޅެންބައިތެއް ކުރިމަތީބާއްވައިގެން އުޅުނިއްޏާ އެވެ.


     ދަރީނޭ ލޯބިވާ އަސްތާ ހިފާށޭ ދިރިއުޅުން ސާދާ
     ޙަރީމަށް ހެޔޮ އެދޭ ނަމައީ ހިފާށޭ ދިރިއުޅުން ސާދާ
                (ބޮޑުފެންވަޅުގޭ ސީދީ)
  

މި ބައިތައް ބައްލަވައި ލައްވާށެވެ. ކޮންމެ ބައިތެއްގެވެސް ކުރިޔަށް އޮންނާނީ އެބައިތެއްގެ ޞަދުރެވެ. ފަހަތަށް އޮންނަ ބަޔަށް ކިޔަނީ ޢަޖުޒެވެ. މި ބައިތު ނިންމަވައިފައިވަނީ ޞަދުރާއި ޢަޖުޒު އެއް ފިއްޔަކަށްނިމިފައިވާ ކާފިޔާ އަކަށެވެ. ސާދާ އަށެވެ. އެ ވަނީ ކާފިޔާ އެއްގޮތް ކުރެވިފައެވެ. ބަނޑުވައް އަކުރު އެއްގޮތް ކުރުމަކީ ޞަދުރު ފެށުމުގައި ބޭނުން ކުރެވުނުދެވަނަ އަކުރާއި ޢަޖުޒުގެ އެ އަކުރާ އެއްގޮތް ކުރުމެވެ. ދަރީ/ޙަރީ މި ދެތާނގައިވެސް އޮތީ "ރ" އެވެ. އެއޮތީ ބަނޑުވައް އަކުރު އެއްގޮތް ކުރެވިފައެވެ. ދެން އޮތީ ފިލިކޯޅި އެވެ. ފިލިކޯޅި އެއްގޮތް ކުރުމަކީ ބައިތުގެ ޞަދުރާއި ޢަޖުޒުގެ ފެށޭ ފިލި ތަކާއި ނިމޭ ފިލިތައް އެއްގޮތް ކުރުމެވެ. އެއީ ދަރީނޭ/ ޙަރީމަށް، ސާދާ/ ސާދާ އެވެ.
   

މިއީ ޅެމެވެ.ޅެންބައިތު ހުންނަންވާ ގޮތެވެ. ވަރަށް ދިގު ޅެން ހުރެއެވެ. ކޮންމެ ބައިތެއްގައި ޞަދުރަކާއި ޢަޖުޒެއް އޮންނާނެއެވެ. ލަވައެކޭ އެއްފަދައިންޅެންވެސް ވަޒަނަކަށް ފެތެން ވާނެއެވެ. ނަމަވެސް ލަވައިގައި ހުންނަން ނުޖެހޭ ކިތަންމެ ސިފަތަކެއް ޅެމުގައި ހުންނަން އެބަ ޖެހެއެވެ. ޙަޤީޤަތުގައި ޅެމަކީ ވަޒަން ބަހުރުވައިގައި، އޭގައި އެންމެ ގިނަ އަދަބީ ހަމަތައް އެކުލެވޭ އަދަބީ އެންމެ ރަހަމީރު މޭވާ އެވެ.
  

ކޮންމެއަކަސް ޅެމަކީ ވަކި އެއްޗެކެވެ. ލަވަޔަކީ ޅެމާތަފާތު އެއްޗެކެވެ. އެހެން ނަމަވެސް ވަޒަންބަހުރުވަޔަށް ބަލާއިރު ޅެމާއި ލަވަޔަކީ ވަރަށް ތިމާގެ ދެ މިތުރުންނެވެ. ޅެން ދިގީ އެވެ. ފުރިހަމަ ކުރަން ބަލަން ޖެހޭ ހަމަތައް ގިނައީއެވެ. ލަވަޔަށްވުރެ އުމުރުން ހަގީ އެވެ. ނަމަވެސް ޅެމަކީ ބަހުގެ ލަވަ އެވެ. ޅެން އުފެދުނީ ލަވައިގެ ތެރެއިންނެވެ.

-------------------

 

 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ