Print

ސޫފާސޫފި ކަތިލުމުގެ އިސްލާމީގޮތް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދީން

ޢަބްދު اللّه ފާރޫޤު ޙަސަން


އެއްގަމުމަސް ކެއުމާއި، ސޫފާސޫފި ކަތިލުމުގެ އިސްލާމީގޮތް

ސުވާލު:    ސޫފާސޫފި ކަތިލުމަކީ އިންތިހާދަރަޖައިގެ ރަޙްމުކުޑަ ޢަމަލެކެވެ. އެހެންވީއިރު، މުސްލިމުން އެއްގަމުމަސް ކަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު:    މިހާރަކަށްއައިސް، މުޅި ދުނިޔޭގައިވެސް އެއްގަމުމަހުގެ ބަދަލުގައި ތަރުކާރީ ކެއުމުގެ މައްޗަށް ބާރުއެޅުމުގެ ޙަރަކާތެއް އަންނަނީ ހިންގަމުންނެވެ. ވަރަށްގިނަ މީހުން އެ ޙަރަކާތާމެދު ވިސްނައި އުޅެނީ، ސޫފިތަކުގެ ޙައްޤުތަކާ ގުޅުވައިގެންނެވެ.

ޝައްކެއްނެތެވެ. (ޣައިރު މުސްލިމުންގެ ތެރެއިންވެސް) ވަރަށްގިނަ އިންސާނުންނަކީ އެއްގަމުމަސް ކައިއުޅޭ ބައެކެވެ. ހަމައެފަދައިން އެއްގަމުމަސް ކެއުމަކީ ޖަނަވާރުތަކުގެ ޙައްޤުތަކާ ޚިލާފު ކަމެއްކަމުގައި ދެކޭ ބަޔަކުވެސް އުޅެއެވެ.

    އިސްލާމްދީންވަނީ ފުރާނަ އެޅުއްވި ހުރިހާ އެއްޗެއްސަކާމެދު އޯގާވެރިވެ، ކުލުނު ބެހެއްޓުމަށް އިރްޝާދު ދެއްވައިފައެވެ. ހަމައެފަދައިން، އިސްލާމީ ނަޒަރިއްޔާގައިވާގޮތުން، މާތް اللّه ދުނިޔޭގައި ލެއްވި ހުރިހާ މަޚްލޫޤުތަކެއް ހައްދަވައިފައިވަނީ އިންސާނުންނަށްޓަކައެވެ. އިންސާނުންގެ ފައިދާއަށްޓަކައެވެ. ލާބަޔަށްޓަކައެވެ. އެހެންކަމުން، އިންސާފުވެރި ގޮތުގައި އެތަކެތީގެ ބޭނުންކުރުމަކީ އިންސާނުންގެ އިޚްތިޔާރުގައިވާ ކަމެކެވެ. އިންސާނުން އެތަކެތީގެ ބޭނުންކުރަން އަންގަވައިފައިވަނީ މާތް اللّه ދެއްވި ނިޢުމަތެއްގެ ގޮތުގައެވެ. އަމާނާތެއްކަން ހަނދާން ބަހައްޓައިގެންނެވެ.

    މި ޙަޤީޤަތާމެދު އެހެނިހެން ދިމަދިމާއިންވެސް ވިސްނައިލަމާ ހިންގަވާށެވެ.

(1)    މުސްލިމަކަށް، ހުސް ތަރުކާރީ ކާމީހަކަށް ވެވިދާނެއެވެ.
 
    ތަރުކާރީ ކައިއުޅޭ މީހަކަށް (ވެޖިޓޭރިއަނަކަށް) ވެސް ރަނގަޅު މުސްލިމަކަށް ވެވިދާނެއެވެ. އެއްގަމުމަސް ކައިއުޅޭ މީހަކަށްވުމަކީ، މުސްލިމުންނަށް ލާޒިމު ކަމެއް ނޫނެވެ.

(2)    ކީރިތި ޤުރްއާން، މުސްލިމުންނަށް އެއްގަމުމަސް ކެއުމުގެ ހުއްދަ ދެއްވައެވެ.

    ކީރިތި ޤުރްއާން ވަނީ މުސްލިމުންނަށް އެއްގަމުމަސް ކެއުމުގެ ހުއްދަ ދެއްވައިފައެވެ. އޭގެ ދަލީލަކީ، ތިރީގައި މިބަޔާންކުރާ އާޔަތްތަކެވެ.
    [އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ޢަޤްދުތައް ފުއްދާށެވެ! އަދި ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު ޙުކުމް އޮތްގޮތް ޤުރްއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ ނަޢަމް ސޫފިތައް، ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައިވެއެވެ.] (المائدة: 1)
    [އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ނަޢަމް ސޫފި ހެއްދެވިއެވެ. ހީފިލުވުމާއި އަދި އެހެނިހެން މަންފާތައް، އެތަކެތީގައިވެއެވެ. އަދި އެތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.] (النّحل: 5)
    [އަދި ހަމަކަށަވަރުން ނަޢަމް ސޫފީގައި ތިޔަބައިމީހުންނަށް ޢިބްރަތެއްވާކަން ކަށަވަރެވެ. އެތަކެތީގެ ބަނޑުތެރޭގައިވާ ތަކެތީން ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް، ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެތަކެތީގައި ގިނަވެގެންވާ މަންފާތައް، ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ.] (المؤمنون: 21)

(3)    އެއްގަމުމަހަކީ ޕްރޮޓީނުގެ ގޮތުން މުއްސަނދި އަދި ހަކަތަ ލިބިދޭ ކާނާއެކެވެ.

    އެއްގަމުމަހުން އުފައްދާ ކާއެއްޗެއްސަކީ، ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ލިބިގަތުމުގެ މުހިންމު ވަސީލަތެކެވެ. ބަޔޮލޮޖިކަލް ގޮތުން ބަލާއިރު، އެއްގަމުމަހުގައި ވަރަށް މުއްސަނދި ޕްރޮޓީން އެކުލެވިފައިވެއެވެ. އިންސާނުންގެ ހަށިގަނޑުގެ ތެރޭގައި ނުއުފެދޭ، އެކަމަކު ހަށިގަނޑަށް އިންތިހާދަރަޖަޔަށް ބޭނުންތެރި އަށް ވައްތަރެއްގެ އެމީނޯއެސިޑް، އެއްގަމުމަހުގައި އެކުލެވިފައިވެއެވެ. އެބާވަތްތައް ލިބިގަނެވޭނީ، ކާނާގެ ޒަރީޢާއިންނެވެ. އެއްގަމުމަހުގައި އެކަތައާއި ވިޓަމިންބީ-1 (Vitamin B-1) އާއި ނިސައިން (Nicain) އެކުލެވިފައިވެއެވެ. 

(4)    އިންސާނުންގެ ދަތްތަކުގައި، ދެވައްތަރެއްގެ ކުޅަދާނަކަން ހުރެއެވެ.

    ވިނަކާ ޖަނަވާރުތަކުގެ (ގެރި، ބަކަރި، ކަންބަޅި ފަދަ ތަކެތި) ދަތްތަކާމެދު ވިސްނާވަޑައިގެން ބައްލަވާށެވެ. އެހުރިހާ އެއްޗެހީގެވެސް ދަތްތައް ހުންނާނީ އެއްގޮތަކަށެވެ. އެހުރިހާ ސޫފިތަކެއްގެވެސް ދަތްތައް ހުންނާނީ ފުޅާކޮށް، އެއްވަރަކަށެވެ. ތަރުކާރީ ނުވަތަ ވިނަ ކެއުމަށް އެކަށީގެންވާ ގޮތަކަށެވެ. އެއާ ޚިލާފަށް، މިނިކާ ނުވަތަ އެއްގަމުމަސް ކާ ޖަނަވާރުތަކުގެ ދަތްތަކާމެދު ވިސްނައިވަޑައިގެން ބައްލަވާށެވެ. އެތަކެތީގެ ދަތްތައް ހުންނާނީ އޫކޮށެވެ. އެއްގަމުމަސް ކާން އެކަށީގެންވާ ގޮތަށެވެ. ދެން ނިކަން އިންސާނުންގެ ދަތްތަކާމެދު ޚިޔާލުކޮށްލައްވާށެވެ. އިންސާނާގެ ދަތްތަކުގެ ތެރޭގައި، ފޭރާދަތާއި، ފުޅާކޮށް އެއްވަރަށް ހުންނަ ދަތްތައް ހުންނާނެއެވެ. އެހެނީ، އިންސާނާގެ ދަތްތަކުގައި ތަރުކާރީއާއި އެއްގަމުމަހާއި ދެވައްތަރުވެސް ކެއުމުގެ އެކަށޭނަކަށް ވަނީ ލައްވައިފައެވެ. އުފެދޭ ސުވާލަކީ، ޤުދްރަތުން އިންސާނުން އުފެއްދެވީ ހަމައެކަނި ތަރުކާރީ ކެއުމަށް ކަމުގައިވާނަމަ، އޭނާއަށް ފޭރާދަތް ނުވަތަ އޫކޮށް ހުންނަ ދަތް ދެއްވީ ކީއްވެގެންބާވައެވެ؟ އާދެ، މިއީ މާތް اللّه އިންސާނާއަށް ތަރުކާރީއާއި އެއްގަމުމަހާއި ދެވައްތަރުވެސް ކެއުމުގެ އިޚްތިޔާރު ދެއްވައިފައިވާކަމުގެ ހެއްކެކެވެ.

(5)    އިންސާނުންނަށް ތަރުކާރީއާއި އެއްގަމުމަސް ހަޖަމުކުރެވެއެވެ.

    ވިނަކާ ޖަނަވާރުގެ ހަޖަމުކުރުމުގެ ނިޒާމުގެ ދަށުން އެފަދަ ޖަނަވާރުތަކަށް ހަޖަމުކުރެވޭނީ، ހަމައެކަނި ފަތްޕިލާވެއްޔާއި، ތަރުކާރީގެ ބާވަތްތަކެވެ. އެއްގަމުމަސް ކާ ޖަނަވާރުގައި ލައްވައިފައިވަނީ ހަމައެކަނި އެއްގަމުމަސް ހަޖަމުކުރުމުގެ އެކަށޭނަކަމެވެ. ނަމަވެސް، އިންސާނުންގެ ހަޖަމުކުރުމުގެ ނިޒާމުން މި ދެބާވަތުގެ ތަކެތިވެސް ހަޖަމުކުރެވެއެވެ. ކަށަކުޅަދުންވަންތަ ރަސްކަލާނގެ އިންސާނާއަށް ކާންދެއްވަން އެދިވޮޑިގަންނަވަނީ ހަމައެކަނި ތަރުކާރީ ކަމުގައިވާނަމަ، ތަރުކާރީއާއި އެއްގަމުމަސް ހަޖަމުކުރެވޭކަހަލަ ހަޖަމުކުރުމުގެ ނިޒާމެއް ދެއްވީ ކީއްވެގެން ބާވައެވެ؟

(6)    ހިންދީންގެ ދީނީ ފޮތްތަކުގައި އެއްގަމުމަސް ކާން ވަނީ ހުއްދަ ދީފައެވެ.

    ހިންދީންގެ ވަރަށްގިނަ މީހުންނަކީ ހަމައެކަނި ތަރުކާރީ ކާ މީހުންނެވެ. ވެޖިޓޭރިއަނުންނެވެ. އެބައިމީހުންނަށް ހީވެފައި އޮންނަނީ، އެއްގަމުމަސް ކެއުމަކީ އެބައިމީހުންގެ ދީން މަނާކުރާ ކަމެއް ކަމުގައެވެ. ނަމަވެސް، ޙަޤީޤަތުގައި އިންސާނުން އެއްގަމުމަސް ކެއުމަކީ ހިންދީންގެ ދީނީ ފޮތްތަކުގައި ހުއްދަ އޮންނަ ކަމެކެވެ. އެއްގަމުމަސް ކައިއުޅުނު ދީނީ މީހުން (ޖޯގީން) ގެ ތަފްޞީލުތައް ހިންދީންގެ ދީނީ ފޮތްތަކުގައި ބަޔާންވެފައި އެބަހުއްޓެވެ.

    (ހ)    ހިންދޫ ޤާނޫނުގެ ފޮތެއް ކަމުގައިވާ [މަނޫސްމަރްތީ] ގެ ބާބު ފަހެއްގެ ސޫތަރު ތިރީހުގައިވެއެވެ.
        [އެ ޖަނަވާރެއްގެ މަސްކެއުން އެކަށީގެންވާ ޖަނަވާރެއްގެ މަސް ކާ މީހުންނަކަށް ފާފައެއް ނެތެވެ. ކޮންމެ ދުވަހަކު އެކަން ކުރިކަމަށްވިޔަސްވެހެވެ. އެހެނީ، ޚުދު އީޝްވަރު ބައެއް އެއްޗެހި އުފެއްދީ، ކެއުމަށާއި ކައި އުޅުމަށްޓަކައެވެ.]

    (ށ)    މަނޫސްމަރުތީގެ ބާބު 5 ގެ ސޫތަރު އެއްތިރީހުގައިވެއެވެ.
        [ޤުރްބާނީއަށްޓަކައި އެއްގަމުމަސް ކައިއުޅުމަކީ ހުއްދަ އަދި ޞައްޙަ ކަމެކެވެ. އެއީ ދޭވަތާއިންގެ އާދަކާދަޔާ އެއްގޮތް ކަމެކެވެ. އަދި އެއީ ދޭވަތާއިންގެ ޤާނޫނު ކަމުގައި ބަލާހުށިކަމެވެ.]

    (ނ)    މަނޫސްމަރްތީގެ ނަންގަނެވުނު ބާބުގެ ސޫތަރު ތިރީސްނުވަޔަކާއި ސާޅީހުގައި ބުނެފައިވެއެވެ.
        [ޚުދު އީޝްވަރުވެސް ޤުރްބާންކުރަން އެކަށީގެންވާ ޖަނަވާރު އުފެއްދީ، ޤުރްބާން ކުރުމަށްޓަކައެވެ. އެހެންކަމުން، ޤުރްބާންކުރުމުގެ މަޤްޞަދުގައި ކުރެވޭ ޤަތުލަކީ، ޤަތުލެއް ނޫނެވެ.]

    މަހާބަހާރަތު އަނޫޝާސަންފަރޫގެ ބާބު އަށްޑިހައަށެއްގައި [ދަރަމްރާޖު ޔަދިޝްޓަރު] އާއި [ޕިތާމާ ބަހީޝަމް] އާ ދެމެދު ކުރެވުނު ބަޙްޘަކާއި ދެކެވުނު ވާހަކައެއްގެ ނަންގަނެވިފައިވެއެވެ. އެވާހަކަ ދެކެވިފައިވަނީ، ކާބަފައިންގެ ފުރާނަޔަށް ހަމަޖެހުން ލިބިދިނުމަށްޓަކައި، ބަރްހަމުންނަށް ކާންދޭންވީ އެއްޗެއްސާ ބެހޭގޮތުންނެވެ. އެބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި، ކަންބަޅިއާއި، މުސަޅާއި، ބަކަރިޔާއި، އޫރާއި، ދޫނިސޫފާސޫތްޕާއި، ފުއްލާއާއި، މީގޮނާއި، ގެރިއާއި ގެންޑާގެ މަސް ހިމެނެއެވެ. ތަރުކާރީއާއި، މޭވާއާއި ގޮވާން ކާންދިނުމުން ކާބަފައިންގެ ފުރާނަޔަށް ހަމަޖެހުން ލިބޭ މުއްދަތަށްވުރެ، މާދިގު މުއްދަތަކަށް މަހުގެ ބާވަތްތައް ކާންދިނުމުން ހަމަޖެހުން ލިބޭކަމަށް ބަޔާންކޮށްފައިވެއެވެ.

(7)    ހިންދީންގެ ފިރުޤާތަކަށްވަނީ އެހެން ދީންތަކުގެ އަސަރު ފޯރާފައެވެ.

    ހިންދީންގެ ދީނީ ފޮތްތައް އެބައިމީހުންނަށް އެއްގަމުމަސް ކެއުމުގެ ހުއްދަ ދިންކަމުގައިވިޔަސް، ހިންދީންގެ ވަރަށްގިނަ މީހުން އެއްގަމުމަހެއް ނުކައެވެ. ދީނުގެ ނަމުގައި އެބައިމީހުންވަނީ ތަރުކާރީ ކެއުން ޚިޔާރުކޮށްފައެވެ. ސަބަބަކީ، ޖީން މަޒްހަބުފަދަ ބައެއް ދީންތަކުގެ އަސަރު ފޯރައިފައިވުމެވެ.

(8)    ފަތްޕިލާވެލީގައިވެސް ދިރުންވެއެވެ.

    ބައެއް ދީންތަކުގެ މީހުންވަނީ ކާނާއެއްގެ ގޮތުން ހަމައެކަނި ތަރުކާރީ އިޚްތިޔާރުކޮށްފައެވެ. ސަބަބަކީ، ފުރާނައެޅުއްވި އެއްވެސް މަޚްލޫޤެއް މަރައިލުމާ އެބައިމީހުން ދެކޮޅު ހެދުމެވެ. ފުރާނަ އެޅުއްވި އެއްވެސް އެއްޗެއް މަރައިނުލައި ދިރިހުރެވޭނަމަ، ދިރިއުޅުމުގެ އެ ނިޒާމު އެންމެފުރަތަމަ އިޚްތިޔާރުކުރާ މީހަކަށްވާނީ އަޅުގަނޑެވެ. އިހުޒަމާނުގައި މީހުން ހީކޮށްގެން އުޅުނީ، ފަތްޕިލާވެއްޔަކީ ދިރުމެއްނުވާ އެއްޗެއް ކަމުގައެވެ. ނަމަވެސް، ފަތްޕިލާވެލީގައިވެސް ދިރުމެއްވާކަމީ، މިއަދު ދުނިޔެ ޤަބޫލުކޮށްފައިވާ ޙަޤީޤަތެކެވެ. އެހެންކަމުން، ފުރާނަ އެޅުއްވި އެއްޗެއް ނުމެރުމުގެ ދަޢުވާކުރާ މީހުންނަކަށް ކާނާއެއްގެ ގޮތުގައި ހަމައެކަނި ތަރުކާރީ ބޭނުންކޮށްގެންވެސް އެބައިމީހުންގެ ދަޢުވާ ސާބިތުކޮށްދެވޭކަށެއް ނެތެވެ.

(9)    ފަތްޕިލާވެލިވެސް ތަދު އިޙްސާސް ކުރެއެވެ.

    އެބައިމީހުން އިތުރަށް ވާހަކަދައްކާ ގޮތުގައި، ފަތްޕިލާވެލި ތަދު އިޙްސާސެއް ނުކުރެއެވެ. އެހެންކަމުން، ފަތްޕިލާވެލި ބޭނުންކުރުމަކީ، ޖަނަވާރުތައް މެރުމަށްވުރެ ކުޑަ ކުށެކެވެ. ނަމަވެސް، މިޒަމާނުގެ ސައިންސް ބުނާގޮތުގައި، ފަތްޕިލާވެލިވެސް ތަދު އިޙްސާސް ކުރެއެވެ. ނަމަވެސް، ފަތްޕިލާވެލި ރޯއަޑެއް އިންސާނުންނަކަށް ނުއިވެއެވެ. ސަބަބަކީ، އިންސާނުންގެ އަޑު އިވުމުގެ ނިޒާމުގެ ބަލިކަށިކަމެވެ. ނުވަތަ އިންސާނުންނަށް އަޑު އިވުމުގެ ޤާބިލިއްޔަތު ކުޑަކަމެވެ. އިންސާނުންނަށް އަޑު އިވެނީ، ވިހި ހާޓްޒުން ފެށިގެން ވިހިހާސް ހާޓްޒާ ހަމަޔަށެވެ. އެ ދާއިރާއަށްވުރެ ދަށުގެވެސް މަތީގެވެސް އެއްވެސް އަޑެއް އިންސާނާއަކަށް ނުއިވެއެވެ. ކުއްތާއަށްވަނީ ސާޅީސްހާސް ހާޓްޒާ ހަމައަށް އަޑުއިވުމުގެ އެކަށޭނަކަން ލިބިފައެވެ. އެގޮތުން ސައިލެންޓް ޑޯގްގެ އަޑުގެ ރާޅު، ވިހިހާސް ހާޓްޒަށްވުރެ ގިނައެވެ. ސާޅީސްހާސް ހާޓްޒަށްވުރެ މަދެވެ. ކުއްތާއަށް އަޑުއިވޭ Silent Dog Whistles ވަނީ ވުޖޫދަށް އައިސްފައެވެ. އޭގައި ވިހިހާހަށްވުރެ ގިނަ، ސާޅީސްހާހަށްވުރެ މަދު ފްރިކްއެންސީ ހިމެނެއެވެ. އެ އަޑުތައް އިވޭނީ، ހަމައެކަނި ކުއްތާއަށެވެ.

    އެމެރިކާގެ ދަނޑުވެރިޔަކު ވަނީ މެޝިނެއް އީޖާދުކޮށްފައެވެ. އެ މެޝިނުން ފަތްޕިލާވެލި ރޯއަޑު، އިންސާނުންނަށް އަޑުއިވޭވަރަށް ގަދަކޮށްދެއެވެ. ގަހެއް ފެނަށްއެދި ހަޅޭއްލަވާން ފަށާއިރަށް، ދަނޑުވެރިޔާއަށް އެކަން އެނގެއެވެ. މިޒަމާނުގެ ތަޙްޤީޤުތަކުން ސާބިތުވެފައިވާ ގޮތުގައި، ކުދިކުދި ގަސްގަހާގެހިވެސް ތަދާއި، ވޭނާއި، ފަސޭހަ އިޙްސާސް ކުރެއެވެ. ރޮއި ހަޅޭއްލަވައެވެ.

(10)    ދެ ޙިއްސުން މަޙްރޫމްވެފައިވިޔަސް، ފުރާނަހުރި އެއްޗެއް ޤަތުލުކުރުމަކީ ކުޑަ ކުށެއް ނޫނެވެ.

    ތަރުކާރީ ކައިއުޅޭ މީހުން ދަލީލު ދައްކާގޮތުގައި، ފަތްޕިލާވެލީގައިވަނީ ދެ ޙިއްސު ނުވަތަ ތިން ޙިއްސެވެ. އެއާ ޚިލާފަށް ޖަނަވާރުތަކުގައި ފަސް ޙިއްސު ހުރެއެވެ. އެހެންކަމުން، ގަސްގަހާގެހި މެރުމަކީ ޖަނަވާރުތައް ކަތިލުމަށްވުރެ ކުޑަ ކުށެކެވެ. ޚިޔާލުކޮށްލަމާ ހިނގާށެވެ. ޢަލީގެ ކޮއްކޮއެކެވެ. އޭނާއަކީ އުފެދުމުގައިވެސް ކަންފަތް ބީރު، މަންމަނެކެވެ. ޢާއްމު އިންސާނުންނަށްވުރެ އޭނާގެ ދެ ޙިއްސު މަދެވެ. އޭނާ ބޮޑުވިފަހުން އިބްރާހީމް އޭނާ ޤަތުލުކޮށްލިއެވެ. އެފަދަ ޙާލަތެއްގައި ޙުސައިން ފަނޑިޔާރެއްގެ ގާތުގައި ޢަލީގެ ކޮއްކޮ ޤަތުލުކުރި މުޖްރިމަށް އަދަބު ލުއިކޮށްދޭށޭ އެހެނީ އޭނާއަކީ ދެ ޙިއްސު މަދު މީހެކޭ ބުނެފިނަމަ، ޢަލީ އެކަމާ ހިތްހަމަޖެހޭނެހެއްޔެވެ؟ ޝައްކެއްނެތެވެ. ޢަލީ ފަނޑިޔާރުމީހާ ގާތު ބުނާނެއެވެ. އިބްރާހީމަށް ވީހައިވެސް ބޮޑު އަދަބެއް ދޭށެވެ. އެހެނީ އޭނާ ވަނީ މަޢުޞޫމަކު ޤަތުލުކޮށްފައެވެ.

    އާދެ، ކީރިތި ޤުރްއާނުގައިވަނީ، އަންނަނިވި އިރްޝާދެވެ.
    [އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން، ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ!] (البقرة: 168)

ސޫފި ކަތިލުމުގެ އިސްލާމީ ގޮތަކީ، ރަޙުމްކުޑަ ގޮތެކެވެ.

ސުވާލު:    މުސްލިމުން ޖަނަވާރު ކަތިލާއިރު، ވަރަށް ރަޙްމު ކުޑަގޮތަކަށް ތަދުކޮށްގެން ލަސްލަހުން ކަތިލަނީ ކީއްވެގެންހެއްޔެވެ؟

ޖަވާބު:    ސޫފިތައް ކަތިލުމަށް މުސްލިމުން ގެންގުޅޭ [ޒަބީޙާ] ގެ ގޮތަކީ، ވަރަށްގިނަ ބަޔަކު އިޢުތިރާޟުކުރާ ގޮތެކެވެ. ނަމަވެސް، މި މައްސަލައިގައި އަޅުގަނޑު ތިރީގައި މިދަންނަވާ ކަންތައްތަކާމެދު ވިސްނާވަޑައިގަންނަވާށެވެ. އޭރުން ސާބިތުވާނީ، ސޫފިކަތިލުމުގެ އިސްލާމީ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމެވެ. ހަމައެކަނި އިންސާނީވަންތަކަމުގެ ގޮތަކުން ނޫނެވެ. ސައިންޓިފިކް ނަޒަރަކުން ބެލިކަމުގައި ވިޔަސްމެއެވެ.

(1)    ސޫފި ކަތިލުމުގެ އިސްލާމީގޮތް

    ސޫފިތައް ކަތިލުމަށް ޢަރަބިބަހުން ބޭނުންކުރާ ބަހެއްކަމުގައިވާ [ޒައްކައިތުމް] މި ލަފުޒު އުފެދިފައިވާ މަސްދަރަށް ބަލާއިރު، އެބަހުގެ މާނަތަކުގެ ތެރޭގައި، ތާހިރުކުރުމުގެ މާނަ އާދެއެވެ. އިސްލާމީގޮތަށް ސޫފި ކަތިލާއިރު، ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަކުރާން ޖެހެއެވެ.

    (ހ)    ކަތިލެވޭ ސޫތްޕަށް ވީހާވެސް ތަކުލީފު ކުޑަކުރުމަށްޓަކައި، ރަނގަޅަށް ތޫނުކޮށްފައިވާ ހަތިޔާރަކުން ކަތިލުން.
    (ށ)    ޖަނަވާރުގެ ކާއެއްޗެހި ހިނގާ ހޮޅިއާއި، ނޭވާހިނގާ ހޮޅިއާއި، ނޭވާހިނގާ ހޮޅީގެ ދެފަރާތުން ހުންނަ ލޭދަތުރުކުރާ ނާރުތައް ބުރިވާގޮތަށް ކަރުގެ ކުރިމަތީން، ކަރުގެ މަތީކޮޅާއި  ތިރީކޮޅާ ދެމެދުން ކަތިލުމާއި، ކަރުގެ މަތީފަރާތް (މައިކައްޓާވީ ފަރާތް) ބުރިނުވާގޮތަށް ކަތިލުމާއި، ބޯ ވަކިކޮށްލުމުގެ ކުރިން ރަނގަޅަށް ލޭތައް ބޭރުވާގޮތް ހެދުން.

    ލޭގައި ޖަރާސީމު އެކުލެވިފައިވެއެވެ. ޖަނަވާރު މަރުވުމުގެ ކުރިން މައިކައްޓާ ގުޅިފައިވާ ބައި ބުރިކޮށްލައިފިނަމަ، ހުރިހާ ލެޔެއް ބޭރުވެ، ހުސްވުމުގެ ކުރީން ޖަނަވާރު މަރުވެއެވެ. އެހެންވެއްޖެނަމަ، ޖަނަވާރުގެ ހަށިގަނޑުގައި ލޭ ގަނޑުގަންނަގޮތްވެ، މަހަށް ގެއްލުން ލިބެއެވެ.

(2)    ލެޔަކީ ޖަރާސީމާއި ބެކްޓީރިޔާގެ ޒަރީޢާއެކެވެ.

    ލޭގައި ބެކްޓީރިޔާއާއި، ޖަރާސީމާއި، އަދި އެނޫންވެސް ވިހަ މާއްދާތައް ހިމެނެއެވެ. އެހެންކަމުން، ކަތިލުމުގެ އިސްލާމީ ގޮތަކީ، ޞިއްޙީ ރައްކާތެރިކަމަށްޓަކައި ވަރަށް މަޢުޤޫލު ގޮތެކެވެ. އެހެނީ، ލޭގެ ގިނަ ބަޔަކީ، ޖަރާސީމާއި އަދި އެނޫންވެސް ގެއްލުންހުރި ބައިތަކެއް އެކުލެވޭ އެއްޗެކެވެ. އެއީ ތަފާތު ބަލިތައް ފެތުރުމުގެ ސަބަބެކެވެ. އިސްލާމީގޮތަށް ކަތިލުމުން، ސޫފިތަކުގައި ހުންނަ ލޭގެ ގިނަބައި ބޭރުވެއެވެ.

(3)    މަސް ގިނައިރު ތާޒާކޮށް ހުރެއެވެ.

    ކަތިލުމުގައި ޢަމަލުކުރެވޭ އެހެނިހެން ގޮތްގޮތަށްވުރެ، އިސްލާމީގޮތަށް ކަތިލުމުން، މަހުގައި ލޭހުންނަ މިންވަރު މަދުވެއެވެ. އެހެންކަމުން، އިސްލާމީގޮތަށް ކަތިލުމުން، މަސް ގިނައިރު ތާޒާކޮށް ހުރެއެވެ.

(4)    ޖަނަވާރަށް ތަދު އިޙްސާސެއް ނުވޭ

    ކަނދުރާގެ ނާރުތައް ކުއްލިޔަކަށް ބުރިކޮށްލުމުން، ނާރުތަކުން ސިކުނޑިޔަށް ލޭފޮނުވުން ބަންދުވެއެވެ. ތަދު އިޙްސާސްވަނީ އެ ނާރުތަކުގެ ޒަރީޢާއިންނެވެ. އެހެންކަމުން، ނާރުތައް ބުރިކޮށްލުމުން، ޖަނަވާރަކަށް ތަދެއް އިޙްސާސެއް ނުވާނެއެވެ. ޖަނަވާރު މަރުވާއިރު މަރަށް ތެޅެއެވެ. މަރަށް ތެޅެނީ ތަދުވާތީއެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ ލޭތައް އޮހޮރިގެންދިއުމުގެ ސަބަބުން ލޭހޮޅިތައް ފިތެމުން ދޫވަމުން ދާތީއެވެ.

މުސްލިމުން އެއްގަމުމަސް ކެއުމުގެ ސަބަބުން، ހަރުކަށިކަމަށް ލޯބިކުރާ ބަޔަކަށްވެއެވެ.

ސުވާލު:    ސައިންސުގެ ނަޒަރުން ބަލާއިރު، މީހާ ކާއެއްޗެހީގެ އަސަރު، އެމީހެއްގެ މިޒާޖަށް ފޯރައެވެ. އެހެންވީއިރު، އިސްލާމްދީން މުސްލިމުންނަށް އެއްގަމުމަސް ކެއުމުގެ ހުއްދަދެއްވީ ކީއްވެގެން ހެއްޔެވެ؟ ޖަނަވާރުގެ މަސް ކެއުމުން އިންސާނުންނަކީ ހަރުކަށިކަމަށް ލޯބިކުރާ، ރަޙްމުކުޑަ ބަޔަކަށް ވެދާނެއެވެ.

ޖަވާބު:   

(1)    އިސްލާމްދީނުގައި ހުއްދަ ދެއްވައިފައިވަނީ ހަމައެކަނި ތަރުކާރީ ކައިއުޅޭ ޖަނަވާރުގެ މަސް ކެއުމެވެ.

    ވަރަށް ބޮޑު ތެދެކެވެ. އެމީހަކު ކާއެއްޗެއްގެ ސަބަބުން އެމީހެއްގެ މިޒާޖަށާއި، ނަފްސިއްޔާތަށާއި، އެމީހަކު ކަންތައް ކޮށްއުޅޭގޮތަށް އަސަރު ފޯރައެވެ. ސިންގާއާއި މިނިކާވަގުފަދަ މިނިކާ ޖަނަވާރުތަކުގެ މަސް ކެއުން އިސްލާމްދީނުގައި ޙަރާމް ކުރައްވައިފައިވަނީ އެހެންވެގެންނެވެ. އެފަދަ ސޫފިތަކުގެ މަސް ކެއުމުން އިންސާނުންނަކީ ރަޙްމުކުޑަ އަދި ހަރުކަށިކަމަށް ލޯބިކުރާ ބަޔަކަށް ވެދާނެއެވެ. އިސްލާމްދީނުގައި ޙަލާލު ކުރައްވައިފައިވަނީ ފަތްޕިލާވެއްޔާއި ތަރުކާރީ ކައިއުޅޭ ޖަނަވާރުގެ މަސް އެކަންޏެވެ. ގެރި، ބަކަރި، ކަންބަޅި ފަދަ ޖަނަވާރުތަކުގެ މަސް އެކަންޏެވެ. އެ ޖަނަވާރުތަކަކީ ފަތްޕިލާވެއްޔާއި، ތަރުކާރީ ކައިއުޅޭ، އަމާންކަމާއެކު ދިރިއުޅޭ، އޮޅުކުރެވޭ ޖަނަވާރުތަކެވެ. މަޑުމައިތިރިކަމުގެ ނަފްސިއްޔާތު ހުންނަ ޖަނަވާރުތަކެވެ.

(2)    ކީރިތި ޤުރްއާނުގައިވާގޮތުން، އިސްލާމްދީނުގެ ނަބިއްޔާ ނުރަނގަޅު އެއްޗެހި މަނާކުރުއްވައެވެ.

    ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
    [އެކަލޭގެފާނު އެބައިމީހުންނަށް ހެޔޮކަންތަކަށް އަމުރު ކުރައްވައެވެ. އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީ ކުރައްވައެވެ. އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމް ކުރައްވައެވެ.]
(الأعراف: 157)
    [އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ! އަދި ތިޔަބައިމީހުން اللّه އަށް ތަޤްވާވެރިވާށެވެ!]
(الحشر: 7)
    އިންސާނުން ހުރިހާ ވައްތަރުތަކެއްގެ ސޫފާސޫފީގެ މަސް ކާކަށެއް މާތް اللّه ރުހިވޮޑިޔެއް ނުގަންނަވައެވެ. އެހެންކަމުން، އެކަލާނގެ ހުއްދަ ދެއްވީ، ބައެއް ބާވަތްބާވަތުގެ ސޫފިތަކުގެ މަސް ކެއުމެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ބަސްފުޅަކީ، މިރޮނގުން މުސްލިމެއްގެ ހިތަށް ޔަޤީންކަމާއި ހަމަޖެހުން ލިބުމަށް ފުދެނިވި އެއްޗެކެވެ.

(3)    މާތް اللّه ގެ ނަބިއްޔާ (محمّد صلّى اللّه عليه وسلّم) ވަނީ މިނިކާ ޖަނަވާރުގެ މަސް ކެއުން މަނާކުރައްވައިފައެވެ.

    ޞަޙީޙު ބުޚާރީއާއި މުސްލިމުގައި، މިނިކާ ޖަނަވާރާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކުގައިވާގޮތުން، رسول اللّه صلّى اللّه عليه وسلّم ވަނީ ތިރީގައި މިދަންނަވާ ބާވަތުގެ ޖަނަވާރުތަކުގެ މަސް ކެއުން މަނާކުރައްވައިފައެވެ.

    (ހ)    ދަތްތައް އޫކޮށް ހުންނަ ވަލުޖަނަވާރު ނުވަތަ މިނިކައި އުޅޭ ނުވަތަ އެއްގަމުމަސް ކައިއުޅޭ ވަލުޖަނަވާރު. މިދެންނެވި ބާވަތުގެ ޖަނަވާރުތަކަކީ، ބުޅަލުގެ ޢާއިލާގެ ޖަނަވާރުތަކެވެ. އަތްފައިގެ ވަކިތަކުން ޝިކާރަކޮށްއުޅޭ ޖަނަވާރުތަކެވެ. މިސާލު: މިނިކާވަގާއި، ސިންގާއާއި، ބުޅަލާއި، ކުއްތާއާއި މިފަދަ ޖަނަވާރުތައް.

    (ށ)    ދަތްއަޅާ ބައެއް ޚާއްޞަ ބާވަތުގެ ޖަނަވާރު. މިސާލު: މީދަލާއި ވަކިގަނޑު ހުންނަ މުސަޅާއި މިބާވަތުގެ ޖަނަވާރުތައް.
    (ނ)    ބިންމަތީގައި ބަނޑުލައި ލޫދެމުން ދުވެއުޅޭ ބައެއްކަހަލަ ޖަނަވާރު. މިސާލު: ހަރުފައާއި، ކިނބޫފަދަ ތަކެތި.
    (ރ)    ދޫނިސޫފާސޫފީގެ ތެރެއިން ތުން އޫކޮށް ހުރެފައި، ފައިގެ ވަކިތަކުން ގަދަފަދަކަން ދައްކައި، ޝިކާރަކޮށް ވީދައިގެން ކައިއުޅޭ ދޫނިތައް. މިސާލު: ސުރުމުތި، ބާޒު، އެހަޑަ، ކާޅުފަދަ ތަކެތި.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ