އަދުގެ ޚާއްސަ

Print

ޢަރަބި އަކުރު އުފެދުނުގޮތް ބުނެދޭ ނަޒަރިއްޔާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްމުޢީދު ޙަސަން

ޢަރަބި އަކުރު އުފެދުނު ގޮތުގެ ވާހަކައަކީ ދިގުވާހަކައެކެވެ. ތަފާތު ރިވާޔަތްތަކުން ތަފާތު ގޮތްގޮތަށް އެވާހަކަ ކިޔައި އުޅެތެވެ.

އެއްރިވާޔަތެއް ބުނާގޮތުގައި ޢަރަބި ލިއުމަކީ މާތްﷲ އާދަމުގެފާނަށް އުނގަންނައިދެއްވި އެއްޗެކެވެ. އިހުގެ ޢަރަބީން ޤަބޫލުކޮށްގެން ތިބީ އެގޮތަށެވެ. ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ދަލީލެއް ނެތެވެ.

އެ ރިވާޔަތާ އިދިކޮޅު އެހެން ރިވާޔަތެއް ބުނާގޮތުގައި ޢަރަބި އަކުރު އުފެދިގެން އައީ ޔަމަނުކަރައިންނެވެ. ޔަމަނުކަރައިގެ މުސްނަދު ލިއުމަކީ ޢަރަބި އަކުރުގެ އަޞްލެވެ. ނަމަވެސް ޢަރަބި އަކުރު އުފެދުނީ މުސްނަދު ލިއުމުންކަން ސާބިތުކޮށްދޭނެ ދަލީލެއް ނެތުމާއެކު، މިއީ ވެސް ޤަބޫލުކުރެވޭނެ ރިވާޔަތެއްކަމުގައި ނުވިއެވެ.


މިފަދަ އެހެން ރިވާޔެތެއް ބުނާގޮތުގައި ޢަރަބި އަކުރަކީ ދެތިން މީހަކު ކޮށްފައިވާ މަސައްކަތެއްގެ މޭވާއެވެ. އެބައިމީހުން ޢަރަބި އަކުރު އުފެއްދީ ސުރިޔާނީ އަކުރު އަޞްލެއްކަމުގައި ބަލައިގެންނެވެ. އަދި އެބައިމީހުން އުފެއްދި ޢަރަބި އަކުރު ފެތުރުމުގެ މަސްއޫލިއްޔަތު އުފުލީ އެންމެ މީހެކެވެ. ނަމަވެސް ތާރީޚީ ނަޒަރަކުން ބަލާއިރު އެކަން އެގޮތަށް ހިނގާފައިވާ ކަމުގެ އެއްވެސް ހެތްކެއް ނެތެވެ.

މިދެންނެވި ރިވާޔަތްތަކަކީ ތާރީޚީ ނަޒަރަކުން ބަލާއިރު، ބަރުދަނެއް ހުރި އެއްޗެއް ނޫނެވެ. އެއަށް ބާރެއް ދޭނެ ތާރީޚީ ހެކިތަކެއް ނެތެވެ. ނަމަވެސް އެރިވާޔަތްތަކާމެދު ނަޒަރުހިންގާ ބެލުމަކީ، ޢަރަބި އަކުރު ދިރާސާކުރާއިރު، މުހިންމު ކަމަކަށް ވަނީ ވެފައެވެ. އެއީ ޢަރަބި އަކުރު އުފެދިގެން އައި ގޮތް ޝަރަޙަކޮށްދޭ ނަޒަރިއްޔާތައް ކަމުގައި ވީތީއެވެ. އެއީ ތެދުއެއްޗެއްކަމުގައި ނުވިޔަސް އެއާމެދު ވިސްނާ ފިކުރުކުރުމުން ޙާލަތު އޮތްގޮތާއި ކަންތައް ހިނގަމުންދިޔަގޮތް އޮޅުންފިލާތީއެވެ. އެހެންކަމުން ޢަރަބި އަކުރު އުފެދިގެން އައިގޮތް ދިރާސާކުރާއިރު، އެ ރިވާޔަތްތަކުގެ މައްޗަށް ބިނާވެފައިވާ ނަޒަރިއްޔާތައް ދިރާސާކުރުންވަނީ މުހިންމުކަމަކަށް ވެފައެވެ.


ފުރަތަމަ ނަޒަރިއްޔާ

ޢަރަބި އަކުރުގެ އަޞްލާ ބެހޭގޮތުން އިހުގެ ޢަރަބީން ޤަބޫލުކޮށްގެން ތިބިގޮތް ޝަރަޙަކޮށްދޭ މިނަޒަރިއްޔާއަށް ކިޔަނީ ތައުޤީފު ނަޒަރިއްޔާއެވެ. މިނަން ކިއުނީ ޢަރަބި އަކުރަކީ އާދަމުގެފާނަށް މާތްﷲ ދެއްވާފައިވާ އެއްޗެއްކަމުގައި މި ނަޒަރިއްޔާ ބުނާތީއެވެ. މި ނަޒަރިއްޔާގެ ޚުލާޞާއަކީ، އާދަމުގެފާނުގެ ދަރިކޮޅުން އައި އެންމެން ލިޔަމުން ގެންދިޔައީ މާތްﷲ އެކަލޭގެފާނަށް އުނގަންނައިދެއްވި ލިއުމުންނެވެ. ނޫޙުގެފާނުގެ ޒަމާނުގައި ޠޫފާން އައިއިރު، އެ ލިއުމުން ތަފާތު ފޮތްތައް ލިޔެވިފައިވެއެވެ. އެ ޠޫފާނުގައި ދުނިޔެ ޣަރަޤުވުމަށްފަހު، ފެން ހިނދި ދުނިޔޭގެ ކަންތައް ހަމަޔަކަށް އެޅުނުއިރު، ނޫޙުގެފާނާއެކު ސަލާމަތްވި މީހުންނަށް ބައެއް ފޮތްތައް ލިބުނެވެ. ޒަމާންތައް ދައުރުކުރަމުން، އެއްޖީލަކަށްފަހު އަނެއް ޖީލަކަށް އެ ފޮތްތައް ވާރުތަވަމުން ގޮސް، އިސްމާޢީލުގެފާނާ ހަމައަށް އައިއިރު، އެކަލޭގެފާނަށް އޭގެ ތެރެއިން ފޮތެއް ލިބިވަޑައިގެންނެވިއެވެ. އެ ފޮތް ލިޔެވިފައިވަނީ ޢަރަބި އަކުރުންނެވެ. ޢަރަބި އަކުރުގެ އަޞްލަކީ އެފޮތް ލިޔެވިފައިވާ އަކުރެވެ.

މި ނަޒަރިއްޔާގައި އާދަމުގެފާނުގެ ޒަމާނުން ފެށިގެން، ނޫޙުގެފާނު ފަހަނައަޅައި އިސްމާޢީލުގެފާނާ ހަމައަށް ޢަރަބި އަކުރު ވާޞިލުވިކަމަށް ބުނަނީ އެއްވެސް ދަލީލެއް ނެތިއެވެ. ދޫދޫމަތިން ވާރުތަވަމުން އައިސްފައިވާ ފުލޯކު ވާހަކައެއްގެ ސިފައިގައެވެ. އެހެންކަމުން އެ ނަޒަރިއްޔާއަކީ ޤަބޫލުކުރެވޭނެ އެއްޗެއްކަމުގައި ނުވިއެވެ.

ޢަރަބި އަކުރަކީ ތައުޤީފު ނަޒަރިއްޔާ ބުނާފަދައިން އުފެދިފައިވާ އެއްޗެއް ނޫންކަން ބަޔާންކޮށްދެއްވަމުން އަލްޢައްލާމާ އިބްނު ޚަލްދޫން އޭނާގެ މުޤައްދިމާގައި ލިއުއްވާފައިވެއެވެ. ''އަކުރަކީ މަދަނިއްޔަތުގެ އުފެއްދުމެކެވެ. އެއީ އިޖުތިމާޢީ ޙަޔާތުގައި ބޭނުންތެރި އެއްޗަކަށް ވާތީ، އެއީ އިންސާނުން އުފައްދާ އެއްޗެކެވެ... މަދަނީ ގޮތުން މުޖުތަމަޢު ދަށަށް ދިޔަވަރަކަށް ލިއުމުގެ ބޭނުންތެރިކަން ކުޑަވަމުންދެއެވެ. މަދަނީ ގޮތުން މުޖުތަމަޢު ކުރިއެރިވަރަކަށް އޭގެ ބޭނުންތެރިކަން އިތުރުވަމުން ދެއެވެ.'' ތެދެކެވެ. އިންސާނީ ތާރީޚުގައި އެކަން އޮތީ އެގޮތަށެވެ. އަކުރަކީ ފަހަރެއްގައިވެސް މާތްﷲ އުޑުން ބާވައިލައްވާފައިވާ އެއްޗެއް ނޫނެވެ. އެއީ އިންސާނުން އަމިއްލައަށް އުފައްދަމުން ގެންދާ އެއްޗެކެވެ. ވީމާ، ތައުޤީފު ނަޒަރިއްޔާ ޤަބޫލުކުރެވޭކަށް ނެތެވެ.


ދެވަނަ ނަޒަރިއްޔާ

ދެވަނަ ނަޒަރިއްޔާގެ ނަމަކީ ދެކުނު ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާއަށް މިނަން ކިއުނީ ޢަރަބި ލިއުމުގެ އަޞްލު އުފެދިގެން އައީ، ޢަރަބި ކަރައިގެ ދެކުނުން ކަމަށް މި ނަޒަރިއްޔާ ކަނޑައަޅާތީއެވެ. ޔަމަނުކަރަ އޮންނަނީ ޢަރަބި ޝިބުހު ޖަޒީރާގެ ދެކުނުގައެވެ. ސަބާ (ސަބައު) ދައުލަތާއި ޙިމްޔަރު ދައުލަތަކީ ޔަމަނުކަރައިގައި އުފެދުނު މަޝްހޫރު ދެ ދައުލަތެކެވެ. މި ނަޒަރިއްޔާ ބުނާގޮތުގައި ޢަރަބި އަކުރުގެ އަޞްލަކީ ޙިމްޔަރު ދައުލަތުގެ މުސްނަދު ލިއުމެވެ. އެ ލިއުން، ޢަރަބި ޖަޒީރާގެ ދެކުނުގައިވާ ރަށްތައް ފަހަނައަޅައި އުތުރުގެ ރަށްތަކާ ހަމައަށް ދަތުރުކުރިއެވެ. އެހެންކަމުން ޢަރަބި ޖަޒީރާގެ ދެކުނާއި އުތުރުގައި ލިޔަން ބޭނުންކުރެވުނު އަކުރުގެ އަޞްލަކީ މުސްނަދު ލިއުމެވެ.

މިނަޒިއްޔާ އުފެދުމަށް މެދުވެރިވި ސަބަބަކީ، މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނުގައި ޔަމަނުގެ ސަބާ ދައުލަތާއި ޙިމްޔަރު ދައުލަތް، ޢަރަބިކަރައިގެ މައްޗަށް ހިންގި ނުފޫޒުގެ ވަރުގަދަކަން ކަމަށް ބެލެވެއެވެ. އެޒަމާނުގައި އެ ދެދައުލަތުގެ ބަހާއި ސަގާފަތު ޢަރަބީންގެ މައްޗަށް ފޯރާފައިވާ ކަމީ، މި ނަޒަރިއްޔާގެ ބިންގާ ކަމަށް ބެލެވެއެވެ. ނަމަވެސް އެ ނުފޫޒު ނިމުމާއެކު، އެ ބައިމީހުންގެ ބަހާއި ސަގާފަތުވެސް ޢަރަބީންގެ ތެރެއިން ފިލައިގެން ގޮސްފައިވާތީ، މިނަޒަރިއްޔާގެ މަޤްބޫލުކަން ވަނީ ގެއްލިފައެވެ.
ދެކުނު ނަޒަރިއްޔާ މަޝްހޫރުވުމަށް މެދުވެރިވި ސަބަބަކީ، ޢަރަބީން ޤަބޫލުކުރާ ގޮތުގައި ޔަމަނުކަރައިގެ ސަބާ ދައުލަތުގެ މުއައްސިސުންނަކީ، ނަޖިދުކަރައާއި ޙިޖާޒުކަރައިގެ އުތުރުގައިވާ ޖައުފު އިޤުލީމުގެ މީހުން ކަމަށް ވުމެވެ. އެހެންކަމުން، ޖައުފު އިޤުލީމާއި ޔަމަނުކަރައާއި ދެމެދުގައި އޮތް ސިޔާސީ ގުޅުންތަކާއި ހިޖުރަކުރުންތަކަކީ މި ނަޒަރިއްޔާ ފެތުރި މަޝްހޫރުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެއެވެ.

ޢަރަބި އަކުރު އުފަންވި ޒަމާންކަމަށް، ދެކުނު ނަޒަރިއްޔާ ކަނޑައަޅަނީ މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނެވެ. ތައުޤީފު ނަޒަރިއްޔާގައި ބުނާފަދައިން އާދަމުގެފާނާ ހަމަޔަކުން ނޫނެވެ. އެހެންކަމުން ޢަރަބި އަކުރު އުފެދުނު ޒަމާން ކަނޑައަޅާ ދިނުމުގައި ވެސް މި ދެނަޒަރިއްޔާ ވަރަށް ބޮޑަށް އަރާރުން ވެއެވެ.

ޢަރަބި އަކުރު އުފަންވި ޒަމާންކަމަށް، ދެކުނު ނަޒަރިއްޔާ ކަނޑައަޅަނީ މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނާއި ދެވަނަ ޤަރުނެވެ. ތައުޤީފު ނަޒަރިއްޔާގައި ބުނާފަދައިން އާދަމުގެފާނާ ހަމަޔަކުން ނޫނެވެ. އެހެންކަމުން ޢަރަބި އަކުރު އުފެދުނު ޒަމާން ކަނޑައަޅާ ދިނުމުގައި ވެސް މި ދެނަޒަރިއްޔާ ވަރަށް ބޮޑަށް އަރާރުން ވެއެވެ.


 
ތިންވަނަ ނަޒަރިއްޔާ

މިނަޒަރިއްޔާ ބުނާގޮތުގައި ޢަރަބި އަކުރު އުފެއްދީ ތިންމީހެކެވެ. އެއީ މުރާމިރާއި އަސްލަމާއި ޢާމިރެވެ. އެ ތިންމީހުން ޢަރަބި އަކުރު އުފެއްދީ ސުރިޔާނީ އަކުރު އަޞްލެއްކަމަށް ބަލައިގެންނެވެ. އެ ތިންމީހުން އުފެއްދި އަކުރު، އަންބާރީންގެ ބަޔަކު ދަސްކުރިއެވެ. އެއަށްފަހު، އަންބާރީންގެ ގާތުން ޙީރާގެ ބަޔަކު ދަސްކުރިއެވެ. އެއަށްފަހު، އެބައިމީހުންގެ ގާތުން ބިޝްރު ބިން ޢަބްދުލްމަލިކު ނަމަކަށް ކިއުނު މީހަކު ދަސްކުރިއެވެ. މައްކާއަށް ޢަރަބި އަކުރު ގެނެސްދިނީ އޭނާއެވެ. އޭނާ މައްކާއަށް ގޮސް އުޅެނިކޮށް، އޭނާގެ ގާތުން ސުފުޔާން ބިން އުމައްޔާ އާއި އަބޫޤައިސު ބިން ޢަބްދު މަނާފު ލިޔަން ދަސްކުރިއެވެ. އެއަށްފަހު، އިބްނު ޢަބްދުލްމަލިކާއި އަބޫޤައިސު ދިޔައީ ޠާއިފަށެވެ. ދެން އެރަށުގެ ބަޔަކު، އިބްނު ޢަބްދުލްމަލިކުގެ ގާތުން ޢަރަބި ލިޔަން ދަސްކުރިއެވެ. އެއަށްފަހު،  އޭނާ ދިޔައީ ދިޔާރު މުޟަރަށެވެ. ދެން އެ ޝަހަރުގެ ބަޔަކު އޭނާގެ ގާތުން ލިޔަން ދަސްކުރިއެވެ. އެއަށްފަހު، އޭނާ ދިޔައީ ޝާމުކަރަޔަށެވެ. ދެން އެ ސަރަޙައްދުގެ އެތައް ބަޔަކު އޭނާގެ ގާތުން ލިޔަން ދަސްކުރިއެވެ. މިގޮތުގެ މަތިން، މި ނަޒަރިއްޔާ ބުނެދެނީ ދެތިން މީހެއްގެ މަސައްކަތުން އުފެއްދި ޢަރަބި އަކުރު، އެންމެ މީހެއްގެ މަސައްކަތުން، މުޅި ޢަރަބިކަރައިގައި ފެތުރުނު ކަމަށެވެ.

މިނަޒަރިއްޔާ ބުނާފަދައިން، ބިޝްރު ބިން ޢަބްދުލްމަލިކާ، ސުފުޔާން ބައްދަލުވެފައިވާނަމަ، އޭގެ މާނައަކީ ޢަރަބި އަކުރު ޙިޖާޒުކަރައަށް އައިސްފައިވަނީ މީލާދީން ފަސްވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. ކަންމިހެން އޮތުމާއެކު، އާދަމުގެފާނާ ހަމައަށް ޢަރަބި ލިއުން ގެންދެވެން ނެތްތާގައި އިސްމާޢީލުގެފާނާ ހަމައަށް ވެސް ނުފޯރައެވެ. އަދި ދެވަނަ ނަޒަރިއްޔާގައި ބުނާ މުސްނަދު ލިއުމާ ހަމައަށް ވެސް ވާޞިލެއް ނުވެއެވެ.

މިނަޒަރިއްޔާއަކީ ޞައްޙަ އެއްޗެއްތޯ ބަލާއިރު، އެކަން ސާބިތުކޮށްދޭނެ ހެތްކެއް ނެތެވެ. އެހެންކަމުން، މިއީވެސް މަޤްބޫލު ނަޒަރިއްޔާއެއްކަމުގައި ނުވިއެވެ. (ނުނިމޭ)



މި މަޒުމޫނުގެ ނުނިމިއޮތް ބައި ވިދާޅުވާން ބޭނުންފުޅުނަމަ، މިތަނަށް ކްލިކޮށްލައްވާށެވެ! ޓައިޕްކުރުމުގެ ކުށްހުރިކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ