އަދުގެ ޚާއްސަ

Print

ވީރާނާ ވެފައިވާ ޙަޔާތް މެގޭ...

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވާހަކަ


      ބަދިގެދޮށުގައި ރާނާފައި ހުރި ފިނިއަށީގައި ފަންގެވިޔަން އެއިނީ ހަދަހާ ރީތި އަންހެނެކެވެ. ކަޅިރަވަ ތޫނު ދެލޮލެވެ. ކަޅު އިސްތަށިގަޑެކެވެ. އެންމެ ދޮން ނޫންނަމަވެސް ހަމުގެ ކުލައައްޔެވެ. ރީތި ތުނި ހަށިގަނޑެކެވެ. އޭނާއަކީ ފަސް އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެކޭ ބުނުމުން ގަބޫލުކުރަން ދައްޗެވެ. ވިހެއުމަށްފަހުވެސް އޭނާގެ ރީތި ކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ސަނާގެ ރީތި ކަމަކީ ފިރެހެނުންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެކެވެ.


      ފަންގިވިނުމުގައި ސަނާ މަސްޢޫލުވެގެން އިނީ އެއީ އޭނާ ވަރަށް ކުރާހިތްވާ މަސައްކަތަކަށްވެފައި ، ކައިބޮއި އުޅެންޖެހެނީ އެ ވިއްކައިގެން  ލިބޭ މަދު ލާރިކޮޅުން ކަމަށްވާތީއެވެ. ފަންގެ ވިނުމުގައި  އަވަދިނެތި އިންނަމަވެސް، ނިންދަވާފައި ގޭ ބޮޑުއަށިމަތީ ބާއްވާފައި އޮތް އޭނާގެ ފަސްއަހަރުގެ ދަރިފުޅު ޒީ އާއި މެދު ފަރުވާކުޑައެއް ނުކުރެއެވެ. އިރުއިރުކޮޅުން ތެދުވެ ގޮސް އެމަންޖެ ހޭލައިފިތޯ ބަލައެވެ. ކުއްލިއަކަށް އިވުނީ ގަދަ އަޑުފައްގަނޑަކާއެކު އެމަންޖެ ރޮއިގެން އަޑެވެ. ފަޔަށް ލެވުނު ބާރެއްލައި ދުއްވައިގަނެވުނީ ގޭގެ ބޮޑުއަށްޓާ ދިމާއަށެވެ. ކަމަކުދާކަށް ނެތެވެ. އެމަންޖެ އެއޮތީ ތަޅުން މައްޗަށް ވެއްޓިފައެވެ. ކައިރީކައި ބަހައްޓާފައި ހުރި ރެޑިއޯވެސް އޮތީ ވެއްޓި މުޅިން ފުޑުފުޑު ވެފައެވެ. ސަނާ ދުވެފައި ގޮސް ޒީ ނަގާ އޭނާގެ ގަޔާއި ލައި ބޮނޑިކޮށްލިއެވެ. އޭރުވެސް އެމަންޖެ ހަމަ ބާރަށް ރޮނީއެވެ. އެމަންޖެ ރޯ އަޑު އެހުމަކީ ސަނާއަށް ކެތްވާވަރު ކަމެއްނޫނެވެ. އެހެންކަމުން އެކި ގޮތްގޮތުން ޒީ މަސަލަސްކުރަން ސަނާ މަސައްކަތްކުރިއެވެ. އަދި ޒީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ އަތުންފޮހެލިއެވެ. އަދި އެމަންޖެ ނިދާނެކަން އެނގޭތީ އަށިމަތީ އެމަންޖެ ބޭއްވުމަށްފަހު ސަނާވެސް އޮށޯތެވެ.

      މިއަދު މިވީ ކިހިނެތް ހެއްޔެވެ؟ ޒީ ނިންދަވާފައި ތަންކޮޅެއް ބިއްދޮށުގައި ބޭއްވުނުނަމަ މިހެންނެއް ނުވީހެވެ. އެދަރިފުޅަށް އަނިޔާއެއްވުމަކީ ސަނާ ދުވަހަކުވެސް އެދޭކަމެއްނޫނެވެ. އޭނާ ޒީ ބަލަނީ ނުލާހިކު ލޯބިންނެވެ. މިހުން ކިޔާ އެއްޗެއްސަށް ބީރުކަންފަތެއް ދީގެން ،ޒީ ގެންގުޅެނީ މީހުންގެ ވިހަގަދަ ބަސްތައް އެ މައުސޫމު ތުއްތު ކުއްޖާއަށް އަޑުނީވޭ ހިސާބުގައެވެ.

      އަތްމަތީގައި ނިދާފައި އޮތް ޒީ ނަގާ ރީތިކޮށް ބާލީހަށް އަރުވާލިއެވެ. އަދި އެ މަޢުސޫމް މޫނަށް ނަޒަރު ހިންގާލިއެވެ. ނަސީބަކުން އެއްވެސް ޒަހަމެއް ލިބިފައެއް ނެތެވެ. ޒީ ހާދަ ލޯތްބެވެ. ކުޑަކުޑަ މޫނުކޮޅެކެވެ. އެސްފިޔަތަށް ދިގު ދެ ލޮލެވެ. ހިތިފަތު ބުމައެކެވެ. ހައްތަހާވެސް ސަނާގެ ފަރާތުން ވާރުތަވެފައި ހުރި ސިފަތަކެވެ. އެ ކެހިވެރި އަނިޔާވެރިޔާގެ އެއްވެސް ސިފައެއް ޒީ ގެ ކިބައިގައި ނެތްކަހަލައެވެ. އެހާ ބަސްއަހައެވެ. އެހެނަސް ޒީ ފެންނަ ކޮންމެ ފަހަރަކު އެ ގޮތެއްނެތް އިންސާނާގެ މަތިން ހަނދާންވެއެވެ. ހިތް ސިހި ބިރުގަނެއެވެ. މީހާ ރޫ ރޫ އަޅައެވެ.

     އެއީ މީގެ ފަސް އަހަރު ކުރިއެވެ. އާދައިގެ މަތިން ކޮންމެ ރެއަކުވެސް އިޝާނަމާދު ކޮށްގެން ގެއަށް އާދެވޭއިރު ހުންނަނީ އަށެއް ޖަހާފައެވެ. އޭރު ރަށުގެ މަގުތަކަކީ އަލިކުރެވިފައިވާ ތަނަކަށް ނުވާތީ މުޅި ހިސާބުގަނޑުހެން އޮންނަނީ އަނދިރިވެފައެވެ. މިސްކިތް ހުންނަނީ ގެއާއި މާ ދުރުގައިނޫންކަމުން އެކަނި އެމަގުން ގެއަށް ދާން ސަނާ ޖެހިލުމެއް ނުވެއެވެ. އަބަދުވެސް އެމަގުން ހިނގާތީ ހުންނަނީ އާދަވެފައެވެ.

      އާދިއްތަ ދުވަހުގެ ރެއެވެ. އެރެއަކީ މޫސުން ކުޑަކޮށް ގޯސްރެއެކެވެ. ދުވާލުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހުނެވެ. އިރުއޮއްސުނުފަހުން ވެސް ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ބިމަށް ފޯރައެވެ. އެހެންވެ އެރޭގެ ޢިޝާ ނަމާދަށް ސަނާއަށް ދެވުނީ ތަންކޮޅެއް ފަހުންނެވެ. އޭރު ނަމާދުކޮށް ނިމިއްޖެއެވެ. ވާރޭ އޮއްސައިގަތުމުގެ ކުރިން އެންމެންވެސް ގެއަށް ދެވޭތޯ ބެލިއެވެ. ސަނާވެސް ލަސްނުކޮށް އަވަހަށް ނަމާދަށް އެރިއެވެ. އޭރު މިސްކިތުގައި ތިބީ ދެތިން މީހެކެވެ. ތިންވަނަ ރަކްޢަތް ކޮށް ނުނިމި އުޅެނިކޮށް ވާރޭ އޮއްސައިގެންފިއެވެ. ވަރަށް ބޯކޮށެވެ. ސަނާ ނަމާދުކޮށް ނިމުނު އިރުވެސް ވާރޭ ނުހުއްޓައެވެ. މިރޭ އެހާ އަވަހަށް ހުއްޓާނެ ހެއްނެއް ހިއެއް ނުވެއެވެ. ހަނދާންނެތި އާދެވުނީ ކުޑައެއްވެސް ނުލައެވެ. ކުޑައިގެ މަތިން ހަނދާންވީ މިސްކިތުގައި ތިބި މީހުން ކުޑަނަގައިގެން ދާތަން ފެނުމުންނެވެ.

    އޭގެ ވިއްސަކަށް މިނެޓްފަހެވެ. ވާރޭ ތުނިކޮށްލައިފިއެވެ. ފުރުސަތުގެ ބޭނުން ހިފާނަމޭ ހިތާ މުޞައްލަ މިސްކިތުގައި ބާއްވާފައި ގެއަށްދާން ނުކުމެއްޖެވެ. އެހެން ރޭރެއަށްވުރެ މިރޭ މާއަނދިރިއެވެ. ވެހޭ ވާރޭގެ ސަބަބުން ސަނާ ހުރީ ހީކަރުވައިގަތްފައެވެ. ދެ އަތް ނަގާ އުރާލައިގެން ސަނާ ހިނގަމުން ދިޔައީ މަގުގެ އެއްފަރާތުންނެވެ. މަގުމަތީ ހެދިފައިވާ ފެންގަނޑަށް ނާރައި ދެވޭތޯއެވެ. ގެއާއި ވަރަށް ކައިރިއަށް ދެވުނުތަނާ ކުއްލިއަކަށް ފަހަތުން މީހަކު އައިސް ސަނާ ހިފެހެއްޓިއެވެ. އަދި އެމީހަކު ސަނާގެ އަނގަމަތީ އަތްއެޅިއެވެ. ހަޅޭއްލެވޭތޯ ސަނާ ކުރި މަސައްކަތް ވީ ބޭކާރެވެ. ދަނޑި ބުރިއަކުން ނޫން ކަމެއް ނޭގެއެވެ. އަބުރައިގަނެގެން ބިންމައްޗަށް ވެއްޓުނީ އެމީހަކު ސަނާގެ ބޮލުގައި އެތިގަނޑަކުން ޖެހުމުންނެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ކޮޅަކަށް ހިރިލާނެ ހިތްވަރެއްވެސް ސަނާގެ ނެތެވެ. ކުއްލިއަކަށް ވާރޭ ވަރަށް ބޯކޮށްލައިފިއެވެ. މަގުމަތީ އެދެމީހުން ފިޔަވާ ދިރޭ ފުރާނައެއް އުޅޭހެންނެއް ހިއެއްނުވެއެވެ.

    ސަނާއަށް ހޭވެރިކަންވީ އޭގެ ގާތްގަނޑަކަށް ބައިގަނޑިއިރު ފަހުންނެވެ. އޭރު އޭނާ އޮތީ މަގުގެ އެއްފަރާތުގައެވެ. ބޮލުގައި ވަރަށް ގަދަ ރިހުމެއް ހުއްޓެވެ. އޭރު އެތަނުގައި އިތުރު މީހަކުނެތެވެ. މީހާ އޮތް ގޮތް ބަލައި ލެވުނީދެނެވެ. ސަނާ އަޑުން އަޑުނަގާ ރޯންފެށިއެވެ. ބޯ ވަނީ ހާވާލެވިފައެވެ. ގައިގައި އޮތް ހެދުން އޮތީ ވީދިފައެވެ. އަރައިގެން ހުރި ފައިވާން އޮތީ ދުރުގައެވެ. މޫނުގައި ދެއަތް އަޅާ އެއަށްވުރެ ބާރަށް ރޮވުނެވެ. ދެން އެ އަތް މޫނުން ނަގާކަށް ސަނާ ބޭނުމެއް ނުވިއެވެ. އޭނާ ދުނިޔެއަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ؟ ގެއަށްގޮސް މަންމަމެން ގާތު ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟ ރަށުގެ މީހުން އޭނާ އާއި ދޭތެރޭ ދެކޭނީ ކިހިނެތްބާ އެވެ؟ އޭނާގެ ހަށިގަނޑުގެ އެއްވެސް އަގެއް ނެތެވެ. ޅައުމުރުގައި މި ޖެހުނު ލައްގަނޑަކީ ދުވަހަކުވެސް ފިލާނެ ލައްގަނޑެއް ނޫނެވެ. މުޅި މީހާ ބޭޒާރުވެ ރަށަށް ގިނަވީއެވެ.

    ހިތްވަރުކޮށްލާފައި ގެއަށްދާން ތެދުވެވުނީ ހެދޭނެ އިތުރުގޮތެއް ނެތުމުންނެވެ. ކުއްލިއަކަށް ވައިވެސް ގަދަވެއްޖެއެވެ. ވިދާ ގުގުރަން ފަށައިފިއެވެ. މުޅި ދުނިޔެވެސް އޭނާއަށް މަލާމާތް ކުރާ ފަދައެވެ. ތެމިފޯވެގެންވެސް ގެއަށް ދާން ހިނގައިގަނެވުނީ އޯގާތެރި އަތެއް ދިއްކޮށްލާނެ ބަޔަކު ގޭގައި ތިބޭނެކަން އެނގޭތީއެވެ. ގެއަށް ދެވުނުއިރު ހީކަރުވައިގަނެގެން ސަނާ ތުރުތުރު އަޅައެވެ. ގޭގެ ދޮރުމައްޗަށް އެރިއިރު ގޭގެ ފެންޑާ ދިއްލައިފައި ހުރުމުން މަންމަމެން ހޭލައި އުޅޭކަން ޔަޤީންވިއެވެ. ސަނާ ދުވެފައި ކަހަލަ ގޮތަކަށް ގެއަށް ވަނެވެ. އޭރު  ސަނާގެ މަންމަ ހައްވައާއި ބައްޕަ ރާމިޒު އޭނާ ނައިސް ލަސްވެގެން ކަންބޮޑުވެފައި ތިއްބެވެ. ވިއްސާރަކަމުން އެމީހުންނަށް ސަނާ ހޯދަން ނުނިކުމެވުނީކަން ޔަޤީނެވެ.

   މަންމަ ފެނުމާއެކު ސަނާއަށް އޮޅުލައިގަނެވުނެވެ. އެހެނަސް ޢަރުތެރެއިން އެންމެ ބަހެއްވެސް ބޭރުވާގޮތެއް ނުވިއެވެ. ސަނާގެ ރުއިމުގެ އަޑު ވަރަށް ގަދަވެއްޖެވެ. ވަރަށް ހިތްވަރު ކޮށްލާފައި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. " މަންމާ. އަހަރެން. އަހަރެންގެ ޢިއްފަތްތެރިކަން ނަގާލައިފި" މި ޖުމްލަ އާއި އެކު ރާމިޒުއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ހެންނެވެ. މި ޖުމްލަ ވެގެން ދިޔައީ ސަނާގެ މަންމަގެ ކަންފަތުގައި ޖެހުނު އެންމެ ފަހު ޖުމްލައަށެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ވެފައިހުރި ގޮތް އެނގުނު ވަގުތަކީ އޭނާ ޚަބަރު ހުސްވެގެން ވެއްޓުނު ވަގުތެވެ. މިމަންޒަރު ބަލަން ހުރި ރާމިޒަށް ބޭއިޚްތިޔާރުގައި ހައްވައާއި ދިމާއަށް ދުއްވައިގަނެވުނެވެ. އަތްމަތީ ހައްވަގެ ބޯ ބާއްވާލެވުނީ ހަމަކިރިޔާއެވެ. ހައްވަގެ އެންމެ ފަހުގެ ނޭވާ ބޭރުވިއެވެ. ސަނާ އަށް ބިންމަތީ ދެކަކޫ ޖަހާ އިނދެ ބާރަށް ރޮއިގަނެވުނެވެ. އަދި ކުރިމަތީ އޮތް މަންމަގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަނެވުނެވެ. ރާމިޒުގެ ހާލުވެސް ވަރަށް ދެރައެވެ. އެހެނަސް އޭނާ ކެތްތެރިވިއެވެ.

   އެކަމުގައި ސަނާގެ ކުށެއްވެސް ނެތެވެ. އެއީ އޭނަ ގަސްދުގައި ކުރިކަމެއް ނޫނެވެ. ގޮތެއް ފޮތެއް ނެތި ރަށުތެރެއަށް ގިނަވެފައި ހުރި ނުބައި މީހަކު އޭނާއަށް ދިން ލަނޑެކެވެ. އެމީހެއްގެ ތޫނު ކަށިތަކުގެ ޝިކާރައަކަށް ސަނާވެގެން ދިޔައެވެ. ފަހަރުގައިވެސް އެހެންވާނެޔޭ ހިތަކަށް ނާރައެވެ. އެކަމުގައި ދެން ކުރެވޭނެ އިތުރު ކަމެއްނެތެވެ. މުޅި ދުނިޔެއަށް ބޭޒާރުވުން ނޫންގޮތެއް ނެތެވެ. އެކުއްވެރިޔާ ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް ފަޟީހަތްވާނެކަމެއް ކަމަށް ރާމިޒަށް ޤަބޫލުކުރެވެނުވެ. އެހެނަސް އެކަމަކީ ސިއްރުކުރެވޭނެ ކަމަކަށް ނުވީތީ އިސާހިތަކު އެޚަބަރު ޖެހިގެން އައިދުވަހު ރަށުތެރެއަށް ފެތުރިއްޖެއެވެ. ސަނާއަށް ބޭރަށް ނުކުމެ އުޅުން ވީ ދަތިކަމަކަށެވެ. ހައްވަގެ މަރުގެ ޒިންމާވެސް ސަނާގެ ބޮލުގައި އަޅުވައި ރަށުތެރޭ އަޑުފެތުރެމުން ދިޔައެވެ. ރާމިޒަށް ވެސް ގިނަވަގުތު ހޭދަކުރަން މަޖުބޫރުވީ ގޭގައެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ހިތްވަރި ދިނުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައެވެ. ރަށު މީހުންގެ ވިހަގަދަ ބަސްތަކުން ސަލާމަތްވުމަށްވެސް މެއެވެ.

    " މަންމާ . ފެންބޮވަނީ " ސަނާ ގެއްލިފައިއޮތް ޚިޔާލީ ދުނިޔެއިން ނުކުތުމަށް މަޖުބޫރު ކުރުވީ ނިދީގެ އަސަރު ހުރި ޒީގެ އަޑު އިވުމުންނެވެ. ލޮލުން ފޭދިފައި ހުރި ކަރުނަތައް ފޮހެލުމަށްފަހު ޒީ ނަގައި އަށިމަތީ ބޭއްދުމަށް ފަހު ފެންފޮދެއް ބަލައި ސަނާ ދިޔައީ ކާގެއަށެވެ. އޭނާގެ ފަހަތުން ޒީ އަންނަހެން ހީވެގެން ބަލާލިއިރު ދުވެފައި އެހެރަ އަންނަނީއެވެ. ވަރަށް ހެވިލާފައެވެ. ހެވިލާފައި ހުންނަ އިރު އަދި ވަކިން ލޯތްބެވެ. އެހެނަސް ރޭގަނޑު ނިދަން ވަދެފައި ބައްޕަ ނެތުމުން ޝަކުވާ ކުރާނެއެވެ. ބައްޕަ ކޮބާހޭ ކިޔައިފައި  ސުވާލުކޮށް ރޮއި ހަދާނެއެވެ. އެހެނަސް އެސުވާލުގެ ޖަވާބު ސަނާ ދޭނީ ކިހިނެތް ހެއްޔެވެ؟ އެ ކެހިވެރިޔަކީ ކާކު ކަމެއް ޚުދު އޭނާއަށްވެސް އެނގިފައެއް ނެތެވެ. އިތުރަށް ބޭޒާރުވެދާނެތީ ހޯދަން މަސައްކަތް ކުރެވިފައެއްވެސް ނެތެވެ. އެ ތުއްތު ދަރިފުޅުގެ ބައްޕަ އަދި އަންނާނޭ ކަމަށް ބުނެ ދޮގުހަދާނީ ބާއެވެ. ނޫނީ އެއީ ބައްޕަ ނެތް ކުއްޖެކޭ ބުނެ ހަޤީޤަތް ހާމަކުރާނީ ބާއެވެ.

   މިހާރު ސަނާގެ ހުރިހާވެސް މީހަކީ އެ ކުޑަކުޑަ ޒީ އެވެ. ބައްޕަވެސް މިއަދު ވަނީ މުސްކުޅިވެފައެވެ. މިހާދުވަސް ވެގެން ދިޔައިރު ކައިވެންޏެއް ވެސް ސަނާ ނުކޮށް ހުރީ އޭނާ ޖެހުނު ފަދަ  މަޅިއެއްގައި ޒީ ވެސް ޖެހިދާނެތީ ބިރުންނެވެ. ސަނާ ފިރެހެނުންނަށް ކުރި އިތުބާރު މީގެ ފަސް އަހަރު ކުރިން ވަނީ ގެއްލިފައެވެ. ސަނާގެ މަސައްކަތަކަށް މިހާރު ވެފައިވަނީ އެދެމީހުން ރަގަޅަށް ބެލުމެވެ. ޚާއްސަކޮށް ޒީ އެވެ. އެއީ މިދުނިޔޭގައި ހުރި އޭނާ އެންމެ ލޯބިވާ މީހާއެވެ. އެއީ ވޭނީ ހިތާމައަކަށްފަހު އޭނާއަށް ލިބުނު އަގުބޮޑު ހަދިޔާއެކެވެ. ފަހަރުގައިވެސް ޒީ އަކީ މީހެއްގެ ކެހިވެރި ޢަމަލެއްގެ ނަތީޖާއެކޭ ހިތަށް އަރުވާކަށް ސަނާ ބޭނުމެއްނުވެއެވެ. އެކަމުގައި އެދަރިފުޅުގެ އެއްވެސް ކުށެއް ނެތެވެ. އެއީވެސް ސަނާ ފަދައިން ކުށެއްނެތް މަޢުސޫމެކެވެ.  އެހެނަސް އެކަން ދަންނަނީ މަދު ބައެކެވެ. (ނިމުނީ)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ