އަދުގެ ޚާއްސަ

Print

އަހަރެންނަކީ ކާކު؟

ޝާޢިއުކުރީ އަޙުމަދު މަޢުޞޫމް . ހިމެނޭބަޔަކީ ދިވެހި

              އަހަރެން އުފަންވީ ތަހުޒީބީ  މުޖުތަމަޢަކަށެވެ. އެބަޔަކަށް ނިހާޔަތަށް އަހަރެންގެ ބޭނުން ޖެހިފައިވާ ބައެއްގެ ތެރެއަށެވެ. މީލާދީ ސަނަތުން 19 ވަނަ ގަރުނުގެ ތެރޭގައި ފްރާންސްގެ ޔުޖޭން ޕައުބެއްލެގެ އަތްމައްޗަށް އުފަން މި ނިކަމެތި އަނާގެ ނަމަކީ ވަރަށް އާންމު ނަމެކެވެ. ޤަދަރުކުޑަގޮތަކަށް، ތަފާތު ޤައުމުތަކުގައި ތަފާތު ނަންނަމުން އަހަރެންނަށާއި އަހަރެންގެ ދަރީންނަށް މުޚާޠަބުކުރި ނަމަވެސް އަހަރެންގެ އެއްވެސް ދަރިޔަކު އަދި ޢާއިލީ މެންބަރަކުވެސް ހިތްވަރެއް ނޭލޭނެއެވެ. ފަހަތަކަށް ނުޖެހޭނެއެވެ. މިއަދު އަހަރެން މުސްކުޅިވެ ގައިބާރު ނެތި ކިތަންމެ ދަތި ހާލެއްގައި އޮންނާން ޖެހުނަސް، އަހަރެންގެ ޢާއިލާއިން އެ ގެންދަނީ މުޅި އިންސާނީ ދަރިފަސްކޮޅަށް ޚިދުމަތް ކުރަމުންނެވެ. މިއަދު އަހަރެން މުސްކުޅިވެ ލޯބޯ ކޮށިވެފައިވިޔަސް، އަތްފައިގެ ބާރު ކެނޑި، ގޮތް ހުސްވެފައި އޮތަސް، އަހަރެންގެ ޢާއިލާ މިހާރު އެވަނީ މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައެވެ.

 

               އެބަޔަކަށް ނިހާޔަތަށް އަހަރެންގެ ބޭނުން ޖެހިފައިވުމުގެ ނަތީޖާއަކަށްވީ، އަހަރެންގެ ޅަފަތުގައިވެސް ދުވާލުދާ ހަތަރުދަމު އެމީހުންގެ އަތްދޮށުގައި އަޅުވެތިވެ ހުންނާންޖެހުމެވެ. އެމީހުން ދިންހާ އެއްޗެއް ކައިގެން، ދިންހާ އެއްޗެއް ބޮއިގެން، ހެއްދިހާ ގޮތެއް ހެދިގެން ހުންނާން ޖެހުމެވެ. މިއީ މިހާރުވެސް ޠަބީޢީގޮތުން އަހަރެންގެ ހަޔާތުގެ ދަންމަރު އަނދަމުން ދާގޮތެވެ. ދަރީންނާއި ދަރީންގެ ދަރީންނަށް އޮތް ހާލަކީވެސް މިއީއެވެ. އިންސާނުން ބޭނުން ނެތިއްޖެ ކޮންމެ އެއްޗަކީ އަހަރެންގެ ޙައްޤެއްކަމަށް އެމީހުން ޤަބޫލުކުރާކަހަލައެވެ. ކަންފަތް ސާފުކޮށްލާ ކަފަބުރުން ފެށިގެންގޮސް، ތެޅިފައިހުންނަ ބިއްލޫރި ފުޅިތޮށްޓަށް ދާންދެން އަހަރެންނަށް ހަޖަމުކުރާން ޖައްސައެވެ. އެކަންކުރާން ރަނގަޅު މީހަކު އަހަރެން ނޫނީ ނެތީބާވައޭ ހިތަށްއަރައެވެ. ކުރާނެކަމެއް ނެތެވެ. އެ ހަޖަމުކުރުމުގެ ތެރޭގައި އަހަރެންގެ ފުއްޕާމެޔާ، ގޮހޮރާއި ކިޑުނީއާއި ބަނޑު ހަންގަނޑު ޒަހަމްވެ، ލޭ އޮހޮރި ދިޔަސް ގިނަމީހުން އަޅައިވެސް ބަލައިވެސް ނުލައެވެ.

 

               ކޮންމެއަކަސް، އަހަރެންނަށްވެސް ދުނިޔޭގައި އުޅެ ތަޖުރިބާތަކެއް ވަނީ ހާސިލުވެފައެވެ. އަހަރެން ވުޖޫދުކުރި އިންސާނާ އަހަރެންގެ ހާލާއިމެދު ފުންކޮށް ވިސްނަމުން ގެންދިޔަކަން އަހަންނަށް ޔަގީނެވެ. އެހެން ނޫންނަމަ، އަހަރެންގެ ޢާއިލާ ބޮޑުވަމުން ފުޅާވަމުން އައި އައުމުގައި ކުރިއެރުންތަކެއް ހާސިލެއް ނުވީހެވެ. އެހެންނޫންނަމަ މިއަދު އަހަރެންގެ ޢާއިލާގައި އެހާ ތަފާތުކަން ބޮޑު މެންބަރުންނެއް ނުތިބީހެވެ. އެކި ވައްތަރު ވައްތަރަށް، އެކި ފެންވަރު ފެންވަރުގައެވެ. އިންސާނުންގެ ތެރެއިންވާ އެންމެ ނިކަމެތި މީހާއިން ފެށިގެން ގޮސް އެންމެ ޝާހީ ޢާއިލާތަކަށް ޚިދުމަތްކުރުމަށް މަޑުކޮށްލެވޭ ގޮތް ވުން އެއީ ދުނިޔެމަތީގައި އަހަރެންނަށާއި އަހަރެންގެ ދަރީންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ޝާހީ ބޭބޭފުޅުންގެ ގަނޑުވަރުކޮޅުތަކުގައި އަހަރެންގެ ޢާއިލާގެ މެންބަރުން ޚިދުމަތުގައި ތިއްބަވާކަމީ އަހަރެންނަށް މިއަދު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ލިބުނު ކާމިޔާބީއެކެވެ. އުފަލަކާއި ޝަރަފެކެވެ.

 

               ނަމަވެސް މިއަދު އަހަރެން ހިތާމަކުރާ ކަމެއް އެބައޮތެވެ. އަހަރެންގެ ޢާއިލާ މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި، އިންސާނީ ދަރިފަސްކޮޅަށް، އަހަރެންނާއި އަހަރެންގެ ދަރީންގެ ފުށުން ރިވެތި އަދަބެއް ދަސްކޮށްދެވޭތޯ ކުރަމުންގެންދާ މަސައްކަތް ނާކާމިޔާބުވާކަމުގެ އިހުސާސް ކުރެވޭތީއެވެ. މުޅި ދުނިޔޭގެ ވެށްޓަށް އިންގިލާބެއް ގެނައުމަށް ކުރާ ހިންމަތަށް އިންސާނުން ފުރަގަސްދޭކަމުގެ އިހުސާސް ކުރެވޭތީއެވެ. މިއަދު ބައެއް މީހުން އަހަރެންގެ ދަރީންގެ  ބޭނުން ހެޔޮގޮތުގައި ނުހިފާތީ ނިހާޔަތަށް ހިތާމަކުރަމެވެ. ބައެއްފަހަރު ހިތަށް އަރައެވެ. އެމީހުން އެހެން އެ ހަދަނީ އަހަރެންނާއި އަހަރެންގެ ދަރީންގެ ކޮން ކުށެއް އޮވެގެން ބާވައެވެ؟ އަހަރެމެން ބާކީ ކޮށްލަން މަސައްކަތް އެކުރަނީ އެމީހުންނަށް ކޮން މަންފާއެއް ލިބޭތިބާވައެވެ؟ ތަހުޒީބީ ދޮރޯށިން ވަދެ، ތަރައްޤީގެ ދާނެއްގައި ހިންދަމާލަން ބޭނުން ނުވަނީ ބާވައެވެ. 

 

               ކުރާނެކަމެއް ނެތެވެ. އަހަރެން ހެދިމީހަކު، އަހަރެން ހަދާފައިވަނީ ފަސޭހަ ރަހުމަތެއްގައި ފަނާވެދާ ބާވަތަކުން ނޫނެވެ. އަހަރެން މުސްކުޅިވެ، ގައިގެ ބާރުދެރަވެ މިހާ ނިކަމެތި ހާލެއްގައި މިއޮތް ބޮޑު ގޮނޑުގައި އޮވެ، މިހަނާވަނީ އެހެންވެގެންނެވެ. އެހެން ނޫންނަމަ މި ފަނާވަނިވި ދުނިޔެއާ އަހަރެން އަލްވަދާއުކީތާ ކިތަންމެ ދުވަހެކެވެ. އަހަރެން މިހާ ވޭނުގައި އޮތަސް، އަހަރެންގެ ހިތްހަމަޖެހުމެއް އެބައޮތެވެ. އަހަރެންގެ ދަރީންނާއި ދަރީންގެ ދަރީން، އިންސާނީ ދަރިފަސްކޮޅަށްޓަކައި ޤުރުބާންވަމުން ދާތީއެވެ. ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި އަހަރެން މިހެން އޮވެ ފަނާވެ ދިޔަސް އަހަރެންގެ މަތީން ހަނދާންކުރާނެ ތަހުޒީބީ މުޖުތަމަޢެއް ވާނެކަމާމެދު އުންމީދުކުރެވޭތީއެވެ. އެފަދަ ބަޔަކާއި ބައްދަލުވެއްޖެ ނަމަ އަހަރެންގެ ސަލާމް ބުނެލަދޭށެވެ. އަދި އަހަރެންގެ ދަރީންނަށް ހިތްވަރުދިނުމަށް ވަޞިއްޔަތް ކުރާށެވެ. އަހަރެންނަކީ ޑަސްބިނެއްކަމުގައި ބަލައިގެން ފަދައިން އަހަރެންގެ ދަރީންނަކީވެސް ޑަސްބިންކަމުގައި ބަލައިގަންނާށެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ