އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)   

"ކޮން މީހެއް؟" މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ހިމެނޭ އެއްވެސް ނަމަކީ އެއްވެސް މީހަކާ، ރަށަކާ، ތަނަކާ ގުޅުންހުރި ނަންނަމެއް ނޫނެވެ. އެ ފަދަ ނަމެއް، އެއް ވެސް މީހަކާ ނުވަތަ ރަށަކާ ނުވަތަ ތަނަކާ ދިމާވެއްޖެ ނަމަ އެއީ އިއްތިފާޤެކެވެ. މި ހާދިސާ އަކީ ވެސް ޚިޔާލީ ހާދިސާއެކެވެ.

މި ވާހަކައިގެ ބޮޑު ބައި ނިސްބަތްވަނީ ހައްދުންމައްޗަށެވެ. އެހެންކަމުން ވާހަކައިގެ ނަމަކަށް ވެސް އަތޮޅުވަންތަ ނަމެއް ޚިޔާރުކުރީއެވެ. ހައްދުންމަތީ ބައެއް ރަށްރަށުގެ ބަސްކޮށާރުގައި "ކާކު" މި ލަފުޒަކީ އޮންނަ ލަފުޒެއް ނޫނެވެ. އޭގެ ބަދަލުގައި ސުވާލުކުރާން ބޭނުންކުރާނީ "ކޮން މީހެއް" މި ޢިބާރާތެވެ. އެހެންކަމުން ވާހަކައިގެ ބަޠަލަށް ނިސްބަތްކޮށް އެ ނަން ބޭނުންކޮށްފައި ވަނީއެވެ.

(1)

ނުދަންނަ މީހެއް

އެއް ރެޔެއްގެ ދަންވަރެވެ. ހައްދުންމަތީ ގާދޫން ފެށިގެން މާބައިދޫ ފަހަނަޅައި އިސްދޫއާ ގުޅުވައިލެވިފައިވާ "ޙަސަން ތާޖުއްދީނު މަގު"ގެ ކާރޫބާރޫ ބޮޑެއް ނޫނެވެ. ގަން-ފޮނަދޫ ސިޓީގެ ކާރޫބާރޫ ވަރަށް ބޮޑެވެ. މުންޑޫން މާބައިދޫއަށް އަދި މާބައިދޫން ފުއްޓަށް ގުޅައިލެވިފައިވާ ދާލަމުން މިހާރު ދަތުރުކުރަމުން ދަނީ ވަރަށް މަދު އުޅަނދެކެވެ. މީސްކޮޅު މަދަސް އުފާވެރި ދިރިއުޅުމެއް އުޅެމުންގެންދާ މުންޑޫއަށް މި މަގުން ދަތުރުކުރާ އުޅަނދުތަކުން މާބޮޑަށް އަސަރެއް އެރަށަކަށް ނުފޯރައެވެ. ގާދޫން މުންޑުއާ ހަމައަށް ބޮޑުމަގު ގުޅައިލެވިފައިވަނީ މޫންޑުގެ އިރުމަތީ ފަރާތުން ހިއްކައިފައިވާ ސަރަހައްދުންނެވެ. އެހެންކަމުން މުންޑޫތެރެއަށް މިއިން އުޅަނދެއްގެ އަޑެއްބަޑެއް ވެސް ނީވެއެވެ. ގާތް މީހަކާ ބައްދަލުކޮށްލާން މަދު ފަހަރެއްގައި ނޫނީ އެއް ވެސް އުޅަނދެއް މޫންޑޫއަށް ނުވެސް ވަންނާނެއެވެ. އެހެންކަމުން ވަރަށް އަވަހަށް މުންޑޫ މީހުން ނިދައި ފައިހިލަވަޅު އޮބެއެވެ.

މާރިޗް މަހުގެ މަހުކޮޅުގެ ރެޔެކެވެ. ފަސްބަދުރުވަ ނަކަތުގެ ހިތްގައިމު ވައިރޯޅި އިރުމަތީ ފަރާތުން ޖެހުނަސް ހަނދުވަރުގެ އަލިކަމެއް ނެތެވެ. ތާޖުއްދީނު ހަލިމަގުގެ މެދުގައި ދެ ފަރާތަށް އަލިވާ ގޮތަށް ދިއްލައިފައި ހުންނަ ހަނދުވަރީ އަލީގެ ބޮކިތައް ފިޔަވައި އެހެން އަލިކަމެއް މުންޑޫގެ ތެރެއަކުން ނުފެނެއެވެ. ރަށުތެރޭގައި ވެސް މަގަށް އަލިވާ ގޮތަށް ހުންނަނީ މަދު އައްޔެކެވެ.

މުޅި ރަށް ނިދައިފިއެވެ. ބާންސާގޭ އެންމެންހެން ނިދައިފިއެވެ. ހުރިހާ ކުދީންގެ މާމާ މަރިޔަމް ޒިވިއާ ވެސް ނިދަންވެގެން ފާޚާނާއަށް ގޮސްފައި އައިސް އެނދުގައި ޖައްސައިލިއެވެ.

ކުއްލިއަކަށް އިވުނީ ގޭ ބޭރު ދޮރުގައި މީހަކު ޓަކިދިންއަޑެވެ. ކާކުބާއޭ ހިތައި ކުޑަކޮށް މަޑުކޮށްލިއެވެ. އަނެއްކާ ވެސް ޓަކިޖަހައިލައިފިއެވެ. ތަންކޮޅެއް ބާރަށެވެ. ޒިވިއާ ތެދުވެ އަސާގަނޑު ހިފައިގެން ނުކުމެ، ދޮރު ހުޅުވައިލައިފިއެވެ. ދޮރުމަތީގައި ހުރީ ޒިވިއާ ދުވަހަކުވެސް ނުދަންނަ ބީއްރައްޓެއްކެވެ.

"އައްސަލާމު ޢަލައިމުން ދައްތާ!" އެ މީހަކު ސަލާމް ގޮވައިލި އެވެ. "މިހާ ދަންވަރު ދައްތައަށް އުނދަގޫ ކުރެވުނީތީ މާފަށް އެދެން."

"ވަޢަލައިކުމް ސަލާމް" ޒިވިއާ ސަލާމުގެ ޖަވާބު ދިނެވެ. "ތިޔައީ ކޮން ކުއްޖެއް؟" މިހާ ދަންވަރު މި ރަށަށް ތިޔައައީ ކީއްކުރަން؟"

"އަޅުގަނޑަށް ކިޔަނީ ދާއޫދު. ދާއޫދު އިބްރާހީމް" ޒިވިއާގެ ސުވާލުގެ އެއްބަޔަށް ދާއޫދު ޖަވާބު ދިފައި ކޮށްލީ ސުވާލެކެވެ. "ދައްތާ! މި ރަށުގައި ގެސްޓްހައުސް އެއް ހުންނަނީ ކޮންތާކު؟"

"ހެހެހެހެ" ޒިވިއާ ގާތަށް އައީ ހިންޏެވެ." ވަރަށް ދެރަ. މި ރަށުގައި ގެސްޓް ހައުސްއެއް ނުހުރޭ".

"ވަރަށް ދެރަ! އަޅުގަނޑު ބޭނުމީ މިރޭ މި ރަށުގައި މަޑުކޮށްލުމަށް ފަހު މާދަމާ ރަށުތެރެ ބަލައިލާން................ އެހެންވިއްޔާ މިގޭގައި ކުއްޔަށް ދޭ ކޮޓަރިއެއް އެބަހުރިތޯ؟" މާޔޫސީ ގޮތެއްގައި ދާއޫދު ސުވާލުކުރިއެވެ.

"މިގެޔަކު އިތުރު ކޮޓަރިއެއް ނެތް. އެކަމަކު މިތާ ދާދިގާތުގައި ހުންނާނެ ކިއާރާ މެންގެ ގެ. މުޝްތަރީގެ. ދައްތައާ އެކީ ހިނގާބަލަ އެ ގެޔަށް. މިހިރީ އެ ގެ. ވަރަށް ކައިރިވާނެ."

ޒިވިއާ އަސާގަނޑު ވިއްދަމުން މުޝްތަރީގެއަށް ގޮސް ކިއާރާއަށް ގޮވައިފިއެވެ. އެ މުސްކުޅި ހާޅުގައި ވެސް ޒިވިއާގެ ފަރާތުން ފެނުނު އޯގާތެރިކަމާއި މެހުމާންދާރީއަށްޓަކައި ދާއޫދު ޙައިރާންވިއެވެ. ގެޔާ ހަމައަށް ދެވުމާއެކު ދާއޫދު ފަސްސަތޭކަރުފިޔާގެ ނޫޓެއް ނަގައި ޒިވިއާއްތައަށް ދިއްކޮށްލިއެވެ. ޒިވިއާ ހައިރާންކަމާއެކު ދާއޫދުގެ މޫނަށް ބަލައިލިއެވެ.

"ތިޔައީ ދައްތައަށް ދިން ހަދިޔާއެއް" ދާއޫދު ބުންޏެވެ.

އިތުރު ސުވާލެއް ނުކޮށް އެ ނޫޓުގައި ހިފައި މުށުތެރެއަށް ލައި ބޮޑިކޮށްލިއިރު މުޝްތަރީގެއާ ހަމައަށް ފޯރައިފިއެވެ.

"ކިއާރާ! ކިއާރާ! ނިކަން ދޮރުހުޅުވާލަބަލަ!" ޒިވިއާ މުޝްތަރީގޭ ދޮރުގައި ޓަކި ޖަހަމުން ގޮވައިލިއެވެ.

ކިއާރާ ނިދިފައި އޮވެފައި ހޭލެވުނީ މީހަކު ދޮރުގައި ތަޅަމުން ކިއާރާއަށް ގޮވާ އަޑަށެވެ! އަވަށްތެރި ގާތް ރައްޓެއްސަކަށް ވާތީ އެއީ ޒިވިއާގެ އަޑުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ނަމަވެސް މި ދަންވަރު ޒިވިއާ އެ ގޭ ދޮށަށް އައިސް ގޮވަނީ ކީއްކުރާންބާއޭ ހިތަށް އެރިއެވެ.

އަވަސްއަވަހަށް ގޮސް ދޮރުހުޅުވައިލިއިރު، ޢުމުރުން ތިރީހަކަށް ސާޅީހަކަށް އަހަރުގެ ޒުވާނަކާ އެކީ ޒިވިއާ ހުއްޓައި ފެނިފައި ހައިރާންކަމާއެކު އަހައިލިއެވެ.

"ޒިވިއްތާ! މި ދަންވަރު އަނެއްކާ ކޮން ކަމެއް ލައިގަތީ؟ ތީ ކޮން ކުއްޖެއް؟"

މިއީ ބީރައްޓެހި ކުއްޖެއް. ދައްތަގެ ރައްޓެއްސެއް. މި ރޭ ނިދާލާން ތިގޭން ކޮޓަރިއެއް ކުއްޔަށް ލިބެއިތޯ މިއައީ." ޒިވިއާ ޖަވާބު ދިނެވެ. "އެބަހުރިތަ ތިގޭގައި ކުއްޔަށް ދޭ ކޮޓަރިއެއް؟"

"މިގޭ ކޮޓަރިއެއް އެބަހުރި. އެކަމަކު އޭސީކޮށްފައެއް ނޫން ހުރީކީ." ކިއާރާ ޖަވާބުދިބެވެ. "ނަމަވެސް ކީއްކުރާން މި ރަށުން ކުއްޔަން ހިފަންވީ. ގަންފޮނަދޫ ސިޓީގައި ހުންނާނެނު މާ ރީތި ހޮޓާތަކާއި ގެސްޓް ހައުސްތައް ވެސް".

"ތެދެއް، ކިހިނެއް ހަދާނީ؟" މާނަވީ ނަޒަރަކުން ދާއޫދާ ދިމާއަށް ލިވިއާ ބަލައިލިއެވެ.

"އަޅުގަނޑު ހުންނާން ބޭނުންވަނީ މިރަށުގައި." ދާވޫދު ޖަވާބު ދިނެވެ. "މިރަށް ވަރަށް ހިތްގައިމު."

އެރޭ ދާއޫދު ހޭދަކުރީ ކިއާރާގެ މެހުމާންދާރީގައި މުޝްތަރީގައެވެ.

ޖެހިގެން އައި ހުކުރު ދުވަހު ރަށުގެ ގިނަ މީހުންނާ އޭނާ ބައްދަލުވެ ހާލުއަޙުވާލު އަހައި ހެދިއެވެ. އޭނާ ފެންނަނީ ވަރަށް މުއްސަނދި މީހެއްގެ ގޮތުގައެވެ. އާދައިގެ ވަރަކަށް އިސްކޮޅުން ދިގު ކަމަށްވިޔަސް ހެދި ހުރި ހަށިގަނޑަށް ބަލާއިރު ދިގުކަމުން އައިބެއް ނޫނެވެ. ރަށުގެ ފިރިހެނުންތައް ހުކުރަށް ދާން އަވަދި ނެތި އުޅުނު އިރު، ދާއޫދު އޮތީ އަތިރިމަތީގައި ހުރި ޖޯލިފަތީގައެވެ. ދާއޫދު ގާތު ތިބި އެންމެން ވެސް ހުކުރަށްދާން ދަނީއްޔޭ ބުނެ ހިނގައްޖެ އެވެ.

ރަށުގެ މީހުން ހުކުރުން ފައިބައިގެން އައި އިރު ދާއޫދު އެރަށުން ފުރައިގެން ހިނގައްޖެއެވެ. ކޮޓަރި ކުއްޔާއި ހެނދުނުގެ ނާސްތާއަށް މުޝްތަރީގެއިން ބިލުކުރީ ފަނަރަ ސަތޭކަ ނުވަދިހަ ރުފިޔާ ނަމަވެސް ދާއޫދު ނުކުތީ ފަސްސަތޭކަ ރުފިޔާގެ ހަތަރު ނޫޓު ދީފައި ބާކީ ދައްތައަށޭ ބުނެފައެވެ. ދައްތާއޭ ހިތްހެޔޮކުރާށޭ، ބޭބެއަށް ސަލާމް ބުނާށޭ ބުނަމުން، ވަރަށް އަވަހަށް އަދި އަންނާނެކަމަށް ވަޢުދުވަމުންނެވެ.

ރަށުގެ އަންހެންވެރީންގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި ދާއޫދު ފުރީ އޭނާ ބަލައި އައި ވަރަށް ރީތި ލާންޗެއްގައެވެ. މުންޑޫއަށް އޭނާ އައި ކާރު، ދާއޫދު މުޝްތަރީގެއަށް ވަނީމާ، ސިޓީއާ ދިމާއަށް ދިޔަ ތަން، ބައެއް މީހުންނަށް ވަނީ ފެނިފައެވެ.

ދާއޫދުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތަކުގެ ސަބަބުން އެއީ އާދައިގެ މީހެއް ނޫންކަމަށް މުންޑޫގައި ކިޔައި އުޅުނެވެ. އެކަމަކު ދާއޫދު ކިޔާ އެހާ މަޝްހޫރު ވިޔަފާރިވެރިއެއްގެ އަޑު ނާހާކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ދާއޫދުގެ ދީލަތުކަމާއި މުންޑޫއަށް އައި އަގުބޮޑު ބިޔަ ކާރާއި، މުންޑޫން އޭނާ ފުރައިގެން ދިޔަ ރީތި ބޮޑު ލާންޗަށް ވިސްނައި ލިޔަސް މިއީ އާދައިގެ މީހެއް ނޫންކަން ވިސްނޭހައި ވެއެވެ.

(ނުނިމޭ)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ