އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (6)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(16 އެޕުރީލު 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ނީނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނަސް އެ ގޮތަށް މީގެ ކުރީން ދުވަހަކު ވެސް ދާއޫދު މުޚާޠަބެއް ނުކުރެއެވެ. އަދި އެ ހުށަހެޅި ހުށަހެޅުން ގަބޫލުކުރާން ކިތަންބޭނުންވިޔަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އަލޫފަށް އެނގިއްޖިއްޔާ މުޅިން ކަންތައް ގޯސްވީއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ނީނާ އެއްޗެކޭ ނުބުނެ ގިނައިރުވާން ފެށުމުން ދާއޫދު އަނެއްކާ ސުވާލުކޮށްލިއެވެ. "ކަމޯން. ސޭ ސަމްތިންގ، ޑިއަރ!"

"ދެވިދާނެ. ބަޓް......" ނީނާ ޝަރުޠެއް ކަނޑައަޅަން އުޅެފައި މަޑުކޮށްލިއެވެ.

"އަލޫފް ދެކެ ބިރުން ދޯ؟" ދާއޫދު ބޭނުންވަނީ ސީދާ ޖަވާބެކެވެ.

"ބިރަކުން ނޫން. ބަޓް... އެނގިއްޖިއްޔާ ބްރޭކްވާނެތީ!" ނީނާ ސަބަބު ހާމަކޮށްލިއެވެ.

"މޮޔަ ކުއްޖާފުޅާ! ނީނާ ގެންދާނީ އެކަކަށް ވެސް ނޭނގި. ހޮނިހިރު ދުވަހުގެ ރޭ މާލެ އާދެވޭނެ. އަލޫފް މާލެ އަންނާނީ ތިޔަ ބުނީ ބުދައިގަޔޭ" ދާއޫދުގެ ޕްލޭން ހާމަކޮށްލިއެވެ. "ދެން ކޮބާ މައްސަލައަކީ؟"

"އޯކޭ... އެންމެ ރަނގަޅު.... އެކަމަކު އަޅުގަނޑު ވާނެ ފިޝް މާރކިޓް މެންހަތަން ރެސްޓޮޓްރަންޓަށް ގެންދާން. އަދި ސެވެންޑީ ސިނަމާއަކަށް ވެސް ގެންދާން." ޝަރުޠަކާއެކު ނީނާ އެއްބަސްވެއްޖެ އެވެ.

"ޔަގީނެއްނު." ދާއޫދު ވަރަށް އަވަހަށް ޝަރުޠުތައް ގަބޫލުކޮށްލިއެވެ. "ނީނާ ބޭނުން ތާކަށް ދެވޭނެ. ބޭނުން އެޗެއް ލިބޭނެ. އަދި ބޭނުންކަމެއް ވެސް ........."

ދާއޫދު ފަހުން މި ބުނި ޖުމުލައިން ދާއޫދު ގަސްތުކުޅަ މާނަޔާ މެދު ނީނާ ހިނތުންވެލިއެވެ. އޭނާ ހިތަށް އެރިއެވެ. ނީނާ ބޭނުންވާ ކަމެއް ކޮށްދެވޭނީ އެނގިގެންތާއެވެ. އެނގޭނީ ބުނެގެންތާއެވެ. ނީނާއަކަށް ބުނާކަށް ނުކެރޭނެއެވެ.

ހުކުރުވިލޭރޭ ދަންވަރު އިހައްދޫ އެއަރޕޯޓުން ފުރި ކިޔޫޓޫ 167 ގެ ފްލައިޓުން ނީނާއާއި ދާއޫދު މާލެ ހިނގައްޖެއެވެ. އޭރު އެއަރޕޯޓްގައި އެ މީހުން ބަލައި ޑްރައިވަރަކު ކާރުގައި ގޮސް އޮތެވެ.

އެއަރޕޯޓުން ސަލާމަތްވެގެން ސީދާ ދިޔައީ ސަންސެޓް މާލެވިއު ހޮޓަލަށެވެ. މިއީ ހުޅުމާލޭ ޔޫތުސިޓީގެ ހުޅަނގު އުތުރު ގައި ހުންނަ މުޅި ސަރަހައްދުގެ އެންމެ އަގު ބޮޑު ހޮޓެލެވެ. މުއްސަނދި ފަތުރުވެރީންނަށް ޚާއްޞަ ހޮޓަލެކެވެ. އެހެންކަމުން ދިވެއްސަކު އެ އިމާރާތުން ފެނުމަކީ ހަމަ ވަރަށް ނާދިރުކަމެކެވެ. 

ނީނާ ހީކުރި ގޮތާ ޚިލާފަށް ހޮޓަލުގައި ތިބެން ހަމަޖައްސައިފައި ވަނީ ވެސް ދެމީހުން ދެ ކޮޓަރީގައެވެ. ނީނާ ހީކޮށްގެން ހުރީ ނީނާގެ ރީތިކަމުގެ އަވާގައިޖެހިގެން ދާއޫދު އެކަމުގެ ޝައުޤުގައި މާލެއައީކަމަށެވެ. ހަގީގަތުގައި މި ދަތުރުގައި އަންނާން ނީނާ އެއް ބަސްވި އެއް ސަބަބަކީ ނީނާގެ ހިތުގައި ވެސް ދާއޫދާމެދު ޝައުޤު އޮންނާތީ އެ ފުރުޞަތު އެއް ފަހަރު ނަމަވެސް ތަޖުރިބާކޮށްލާން މިހާރު ހިތް އެދުމެވެ.

ހޮޓަލަށް ގޮސް ނީނާއަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ނީނާ ހިނގައްޖެއެވެ. ދާއޫދު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނީނާ ހުންނާން ހަމަޖެހިފައި ވަނީ 1307 ނަންބަރު ކޮޓރީގައެވެ. ދާއޫދު ހުރީ 1410 ނަންބަރު ކޮޓަރީގައެވެ. ފަތުރުވެރިކަމުގެ ހައި ސީޒަންކަމަށްވާތީ ހޮޓާތައް ވަނީ ފުރިފައެވެ. އެހެންވެ އެއް ތައްޓަކުން ދެ ކޮޓަރި ލިބޭ ގޮތް ނުވީއެވެ.

ނީނާ ކޮޓަރިއަށް ގޮސް ވަނުމާއެކު ކޮޓަރީގެ ފޯނު ރަނގަބީލުވާން ފަށައިފި އެވެ.

"ގުޑް މޯރނިންގ. ދިސްޒް 1307. ނީނާ'ޒް ސްޕީކިންގ" ނީނާ އިނގިރޭސިން ވާހަކަދެއްކިއެވެ.

"ހޭއި. އިޓްސްމީ ހިޔަރ، ދާއޫދު." ދާއޫދު ވެސް ވާހަކަ ފަށައިގަތީ އިނގިރޭސިބަހުންނެވެ. "ނީނާ އިންގލިޝް އިން ވާހަކަދައްކާލެއް ވަރަށް ސަޅީ."

"ހެހެހެހެ...." ނީނާ ހިނިތުންވެލިއެވެ. "ތޭންކް ޔޫ ސަރ!"

"ދިސް'ޒް ނޮޓް ސަރ، އައެމް ނޮޓަ ސަރ. އައިމް ދާއޫދު. ޔޫކޭން ކޯލްމީ ދާއޫދު" ދާއޫދުގެ ހަރުކަށި ރާގުގައި ޤަރާރެއް އިއްވިއެވެ. "އަންޑަރސްޓޭންޑް".

"ޔެސް ސަރ!" ނީނާ ބުނެލިއެވެ. "ތުކި! އާދެ! ދާއޫދު!"

"މި ގުޅައިލީ ބްރީފިންގ ދޭންވެގެން". ދާއޫދު ބުންޏެވެ. ދާއޫދުގެ އަޑުގައި ޢިޝްޤީ ގޮތެއް ނެތެވެ. އެ އަޑުގައި ވަނީ ހަމަ އާދައިގެ މަތީން އޭނާގެ ރަސްމީވަންތަ ކަމެވެ. "ރަށުގައި ބްރީފިންގ ދެނީ ނީނާއެއްނު.  އެކަމަކު މިހާރު ދާއޫދު. ހައްހައް! މިއަދު ހެނދުނާއި މެންދުރު ނީނާގެ ކާއެއްޗިހި ކޮޓަރިއަށް ގެންދާނެ. މިރޭ ކާންދާނީ ނީނާ ބޭނުންވާ މެންހަޓަންއަށް. އަށެއްޖަހާއިރަށް ތައްޔާރުވެގެން ހުންނާތި! މާދަން ފިހާރަތައް ހުޅުވާނީ. އެހެންވީމާ މިއަދު ރެސްޓްކޮށްލާ!"

ނީނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހީކުރިގޮތާ ޚިލާފަށް ދާއޫދު ނީނާގެ ކޮޓަރިއަކަށް ވެސް ނައެވެ. އަދި ދާއޫގެ ކޮޓަރިއަށް ދާކަށް ނީނާއަކަށް ދަޢުވަތެއް ވެސް ނުދެއެވެ. ހުކުރުދުވަހު ހެނދުނުގެ ނާސްތާއާއި މެންދުރު ކެއުން ނީނާގެ ކޮޓަރިއަށް ގެނެވުނީ ކީއްވެ ކަމެއް ވެސް ނޭނގެއެވެ. ކޮޓަރީގައި ސަޔާއި ކޮފީއާއި ބިސްކޯދު ލިބެން އަބަދު ވެސް ހުރެއެވެ. ބްފޭ ބްރެކްފާސްޓަކީ ހިލޭ އޮންނަ އެއްޗެކެވެ. ކޮޓަރީގެ އަގުގެ ތެރޭގައި އެބައި ވެސް އޮންނަނީ ހިމަނައިފައެވެ. ނަމަވެސް މީހުންތެރެއަށް ނީނާ ދާން ދާއޫދު ބޭނުން ނުވީ ކަމަށް ވެދާނެއެވެ.

ހޮނިހިރު ވިލޭރޭ އިރު އޮއްސި އަށެއްޖެހި ތަނާ ނީނާގެ ކޮޓަރީގެ ތެލިފޯނު ރަނގަބީލުވާންފަށއިފިއެވެ. "ހެލޯ! ނީނާ ވާހަކަދައްކަނީ!" ނީނާ ބުނެލިއެވެ.

"އަރ ޔޫ ރެޑީ؟" އަނެއްކޮޅުން އަޑުއައެވެ. އެއީ ދައޫދުގެ އަޑެވެ.

"ޔެސް ދާއޫދު، އައިމް ރެޑީ!' ނީނާ ރައްޓެއްސަކާ ވާހަކަދައްކާ ގޮތަށް ދާއޫއޫދަށް ޚާއްޞަ މެސެޖެއް ދިނެވެ. "ފޮރ އެވްރީތިންގ؟" 

"އަރ ޔޫ ޝުއަރ" ދާއޫދު ވަރަށް ޢިޝްޤީ ގޮތެއް ދައްކަމުން ބުނެލިއެވެ. "ސޯ ކަމް ޓު މައި ރޫމް ނައު. ރައިޓް ނައު."

ނީނާ ހީކުރީ އަލޫފާއެކީ އެކަހެލި ވެލެވޭ ކޮންމެ ފަހަރަކު އަލޫފުގެ ނަފުސުގެ މުހުތާދުތައް ފުއްދައިދޭން ޖެހޭ ގޮތަށް ދާއޫދުގެ ބޭނުންތައް ވެސް ފުއްދައިދޭން ޖެހޭނެ ކަމަށެވެ. ނީނާ ހުރީ ފުރިހަމަ މާނައިގައި އެކަމަށް ތައްޔާރުވެގެންވެސްމެއެވެ.

ނީނާ ގޮސް ދޮރުގައި ޓަކިޖެހުމާއެކީ ދާއޫދު ނުކުމެއްޖެއެވެ. އަޅައިގެން ހުރީ ވަރަށް ރަސްމީ ހެދުމެކެވެ. ހީވަނީ ކާވެންޏަކަށް ތައްޔާރުވެގެން ހުރިހެންނެވެ. ނީނާ ހުރީ ކޮޓަރިއަށް ވަންނާން ބުނާނެ ކަމަށެވެ. ނަމަވެސް ނުކުތުމާއެކު ކޮޓަރި ތަޅުލައި ނީނާއާ ދިމާއަށް އެނބުރިލައިފައި ބުނެލިއެވެ.

"އޯވ! ޔޫ ލުކްސް އޯވސަމް!" ނީނާގެ ރީތިކަމަށް ތަޢުރީފުކުރަމުން ދާއޫދު ބުނެލިއެވެ. "ލެޑްސް ގޮޑައުން. ޑްރައިވަރޒް ވެއިޑިންގ ފޮރަސް."

މެންހަތަންގެ ޢިޝްޤީ މާޙައުލުގައި ދެމީހުން ހޭދަކުރީ ވަރަށް އުފާވެރި ވަގުތު ކޮޅެކެވެ. ގަޔަށް ބާރު ކުރު މަތިކޮޅަކާއި ޖީންސެއްލައިގެން ނީނާ އިން އިރު ހީވަނީ އެ މާހައުލަށް އައިސް އިން ފިލްމުސްޓާރެއްހެންނެވެ. ލައިގެން ހުރި މަތިކޮޅުގެ ކުރުކަމުން ޖީންސާއި މަތިކޮޅާ ދޭތެރެއިން ބައެއް ފަހަރު ބަނޑާއި ފޫޅު ވެސް ފެނެއެވެ. މޭމަތީން ފެންނާން ހުރި ބައެއްގެ ރީތި ވަނާތަކާއި ދޮންކަން ފެނިއްޖެއް މީހަކު ނަމަ، އެ މީހެއްގެ ޢިޝްޤީ ޙިއްސުތަކުގައި ވިންދު ޖަހާނެއެވެ. ނަމަވެސް އާދައިގެ ދުނިޔޭގެ ވާހަކަ ނޫން ވާހަކައެއް ދާއޫދެއް ނުދައްކައެވެ. ގިނައިން ދެއްކީ ވިޔަފާރީގެ ވާހަކައެވެ. ދެން މާޙައުލުގެ ހިތްގައިމު ވާހަކައެވެ.

ނިމިގެން އެއްވެސް ތާކަށް ނުގޮސް އެނބުރި ހޮޓަލަށް ދެވުނީ އެހާރަޖެހި ތަނާއެވެ. އެލިވޭޓަރުން ދިޔައީ ސީދާ ނީނާގެ ކޮޓަރިއަށެވެ. ނީނާގެ ކޮޓަރިއަށް ދާއޫދު ވަނުމުން ނީނާ ދޮރުގައި ތަޅުލިއެވެ. ދާއޫދު ޖީބުން ފައިސާ ދަބަސް ނަގައި އެއްހާސް ރުފިޔާގެ ފަސް ނޫޓާއި ފަސް ސަތޭކަ ރުފިޔާގެ ދިހަ ނޫޓް ނީނާއަށް ދިއްކޮށްލަމުން ދާއޫދު ބުނެލިއެވެ.

"އަން! މިއީ ނީނާއަށް. ނީނާ ބާޒާރުކޮށްލަން." ދާއުދު ބުނެލިއެވެ. "އެކަމަކު މާދަން ރޭ ހުސްކުރާތި. މާދަމާ ޝޮޕިނގ ކޮށް ނިންމާންވާނެ. މާދަންރޭ އޮންނާނީ ސިނަމާއަކަށް ދިޔުން. ދެ މީހުން އެކީގައި. ޝްވެކް ސިނަމާއިން ދެ ޓިކެޓް ލިބޭނެ މާދަމާ. އެއީ ސެވެންޑީ ސިނަމާއެއް."

މިހެންބުނުމާއެކު ނީނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އެ ކޮޓަރީން ނުކުމެ ދޮރުލައްޕައިލުމަށްފަހު ދާއުދު ދިޔައީ ސިޑީން އޭނާގެ ކޮޓަރިއަށެވެ. ސާދަވަނަ ބުރިއަށެވެ.

ދާއޫދުގެ ކަންތަކާ އިތުރަށް ފިކުރުކުރާން ނީނާއަށް ޖެހިއްޖެއެވެ. އަލޫފާއި ދާއުދުގެ ތަފާތު ވަރަށް ވެސް ބޮޑެވެ. ޢުމުރުގެ ތަފާތު ކަން ނޭނގެއެވެ. ނުވަތަ ލިބިފައި ހުރި ތަރުބިޔަކާއި ތަހުޛިބާ ގެންނަ ބަދަލެވެ. ހަރުދަނާ ކަމާއި ދޯދިޔާ ކަމުގެ ތަފާތެވެ. ކެތްތެރިކަމާއި އަމިއްލަ އެދުމުގެ ތަފާތެވެ. ދާއޫދަކީ ކިހާ މާތް އިންސާނެއް ހެއްޔެވެ؟ ހުރިހާ ގޮތަކުން ފުރުޞަތު ދިނީމާ ވެސް ނީނާގެ އަތުކުރީގައި ބީހިލާކަށް ވެސް ދާއޫދު ބޭނުމެއް ނުވިއެވެ. ނުސީދާކޮށް އެތައް ގޮތަކުން އެތައް ފަހަރަކު ދަޢުވަތު ދިނީމާވެހެވެ. އަލޫފާ އެކަހެރިކޮށް ބައްދަލުވެވިއްޖެ ކޮންމެ ފަހަރަކު އޭނާ އަވަސްވެގަންނާނީ އޭނާގެ ނަފުސުގެ ކަރުހިއްކުން ފިލުވޭތޯއެވެ. ދާއޫދުގެ އެކަހަލަ އެއްވެސް ނިޔަތެއް ނެތެވެ. ކިހާ މާތް އިންސާނެއް ހެއްޔެވެ...... މިފަދަ ޚިޔާލެއްގައި އޮއްވައި ނީނާއަށް ލޮލުފިޔަ ޖެހުނީ ކިހާއިރެއް ވީ ފަހުންކަމެއް ވެސް ނޭނގެއެވެ. 

ޕްރޮގްރާމް ގައިވާ ފަދައިން އަނެއް ދުވަސް ހޭދަކޮށް ރޭގަނޑު ފިލްމަކަށް ހިނގައްޖެއެވެ. ފިލްމު ބަލާން ވެސް ތިބީ ހަމަ ސީރިއަސްކޮށެވެ. ނީނާގެ ގައިގެ ތަނެއްގައި ބީހިލުމުގެ ޚިޔާލެއްވެސް ދާއޫދުގެ ނެތްކަހަލައެވެ. ސިނަމާއިން އެނބުރި އައިސް ހޮޓަލަށް ހިނގައްޖެއެވެ. އެ މީހަކު ދިޔައީ އެމީހެއްގެ ކޮޓަރިއަށެވެ.

ނީނާ ވެސް ކޮޓަރިއަށް ވަދެ ފާޚާނާކޮށް  ހެދުނަ ބަދަލުކޮށްލައި ނައިޓީލައިގެން އޮށޯވެލުމާއެކު ކޮޓަރީގައި ޓަކި ޖަހައިލައިފިއެވެ. ދެފަހަރު ޓަކި ޖަހައިލައިފިއެވެ. ދޮރުފަތުގެ ޑޯރ ވީވަރ އިން ބޭރު ބަލައިލިއިރު ޓީޝަރޓްއަކާއި ޝޯޓެއްލައިގެން އެހެރީ ދާއޫދެވެ. ތަފާތު މަސްހުނި ޚިޔާލެއްގައި ހުރެ ދޮރު ހުޅުވައިލައިފިއެވެ.

"މޭ އައި ކަމް އިން" ދާއޫދު ބުނެލިއެވެ.

އޮފްކޯރޒް" ނީނާ ހީނލަމުން ޖަވާބު ދިނެވެ. "ޔުއާރ އޯލވޭޒް ވެލްކަމް، ދާއޫދު!"

"މިއައީ މާދަމާގެ ދަތުރުގެ އިންފޮރމޭޝަން ޝެއަރކޮށްލަން" ދާއޫދު އެތެރެއަށް ވަދެ ކޮޅަށް ހުރެ ވާހަކަ ފެށިއެވެ. "މިރޭ ނިދަންވާނީ ޕެކިންގ ނިންމާފަ. ލަސްވެގެން ފަތިހު ހަތަރެއް ޖެހުމުގެ ކުރީން އެއަރުޕޯޓަށް ދާންޖެހޭނެ. ޑިޕާރޗަރ އިޒް އެޓް ޝާޕް ފައިވް."

"ނޯ ޕްރޮބްލަމް" ނީނާ ޖަވާބް ދިނެވެ. "ވައިޑޯންޑް ޔޫ ސިއްޑައުން ޕްލީސް!"

"ނޯ ތޭންކްސް" ދާއޫދު އަވަސް އަވަހަށް ބުނެލިއެވެ. "މޭ އައި އާސްކް ޔޫ ފޮރ ސަމްތިންގ؟"

"ޔެސް ޕްލީޒް" ނީނާ ޖަވާބު ދިނެވެ. "ވަޓްކެނައި ޑު ފޮރޔޫ؟"

"ފިލްމަށް ގޮސް ނީނާ ގާތު އިން އިރު ވަރަށް މީރު ސެންޓެއްގެ ވަސް ދުވި. މިއަދު ގަތް ސެންޓެއްތަ؟"

"ނޫން. ސެންޓެއް ނުގަންނަން. ސެންޓެއް ނުވެސް ޖަހަން." ދާއޫދު މި ދައްކަނީ ކޮން ވާހަކައެއްކަން ނުވިސްނޭ ހާލުގައި ނީނާ ބުނެލިއެވެ. "ވޮޓް ހެޕަންޑް، ދާއޫދު؟"

"އިޓްސް ނަތިންގ." ދާއޫދު ބުނެލިއެވެ. "އުނގުޅައިފައި ހުރި ލޯޝަންގައި މީރުވަސް ދުވައިތޯ ބަލައިލިޔަސް އޯކޭތަ؟"

ނީނާއަށް ދާއޫދުގެ މަޤުޞަދު ވިސްނިއްޖެއެވެ. އަދި ހަދާ ގޮތެއް ބަލާން ފާޑަކަށް ރަކިވެފައި ނީނާއަށް ހުރެވުނީއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ